ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު: އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާލައިފި

ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ފޮނުވާލުމުގެ ކުރިން އާއިލާ އަށް ވަނީ އަބްދުﷲގެ މޫނު ދައްކާފައި
31 އޮކްޓޯބަރު 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ ހަފްތާގައި މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރޭގެ ފަތިހުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށް އާއިލާއިން ކަށަވަރު ކޮށްދީފި އެވެ.

މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)އިން ގދ. އަތޮޅުގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ، 43، ސުވޯން/ގދ. ހޯނޑެއްދޫ، ހިމެނޭ ގޮތަށް ތިން މީހަކު މިދިޔަ އަންގާރަ ދުވަހު އެ ރަށުން ހައްޔަރުކުރި އެވެ. އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ އެ ރަށު ބަދަރުގައި ލޯންޗު އޮއްވައި ލޯންޗުމަތީގައި ކަމަށްވެ އެވެ.

  • އޭނާ މަރުވުމުގެ ކުރިން މެއަށް ތަދެއް އަރާ ކަމަށް ބުނެ އާދޭސް ކުރުމުން ވެސް ފުލުހުން ފަރުވާއަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން ބުނޭ

  • އާއިލާ އިން ތުހުމަތުކުރަނީ، އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް

  • އެ މަރާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް އަބްދުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި؛ އާއިލާ އިން އެކަމަށް ދެކޮޅުހެދި

ވީ ކިހިނެއް؟ - އާއިލާގެ ނުރުހުމުގައި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، މައްޔިއްތާ ވީހާ ވެސް އަވަހަކަށް ވަޅުލުމުގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާގެ މަންމަ މަރްޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފަދަ އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ބުނީ ކީކޭ؟ - ސިވިލް ކޯޓުގެ ހުކުމާ އެކު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވަނީ ރޭގައި އާއިލާއަށް މޫނު ދެއްކުމަށް ފަހު ކަމަށް އޭނާގެ ބޮޑުބޭބެ ހަސަން އަހުމަދު 'ދައުރު'އަށް ބުންޏެވެ. 

ފުލުހުންނާ ހަވާލާދީ ހަސަން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހަދައި ނިމުމަށް ފަހު ހަށިގަނޑު މާލެ ގެންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެނގުން މުހިއްމު - ހަށިގަނޑު އާއިލާއާ ހަވާލުކުރަން އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ހުކުމް ކޮށްފައިވާތީ އާއިލާއިން ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.

ހުކުމްގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ، މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް އާއިލާގެ ފަރާތުން އެ މައްސަލާގައި ވަކާލާތު ކުރައްވާ ވަކީލު، މުހައްމަދު ރާގިބު ވަނީ ރޭ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް