ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު: ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ އޭނާގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް.
އަބްދުاللهގެ މަރު: ހުކުމްގައި އަސާސެއް ނެތް ކަމަށް ބުނެ އިސްތިއުނާފް ކުރަނީ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ ހަފްތާގައި މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމުގެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ، އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އޭނާގެ އާއިލާގެ ފަރާތުން މިރޭ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އަބްދުﷲ 43، ގދ. ހޯނޑެއްދޫ/ ސްވޯންގެ އާއިލާގެ ނުރުހުމުގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، މައްޔިއްތާ ވީހާ ވެސް އަވަހަކަށް ވަޅުލުމުގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާގެ މަންމަ މަރްޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ތަފްސީލު - އާއިލާގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލު، މުހައްމަދު ރާގިބު މިރޭ 'ދައުރު'އަށް ވިދާޅުވީ، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނާ ދެކޮޅަށް އުސޫލެއްގެ ގޮތުން އެއްވެސް އަސާސެއް ދެއްކިފައެއް ނެތް. އެއްވެސް އަސާސެއް ނެތް [ހުކުމްގައި]. ބަލަންވާ ވަރަށް ނުބައްލަވައި ކޮށްފައި އޮތް ހުކުމެކޭ ދެންނެވޭނީ،" ރާގިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނުދިން
އެނގުން މުހިންމު - އަބްދުﷲގެ މަންމަގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ:
-
ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް
-
މައްޔިއްތާ ވީހާ ވެސް އަވަހަކަށް ވަޅުލުމުގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް
މައްސަލަ ބެއްލެވި ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ހުކުމްގައި ވިދާޅުވީ، ދައުލަތުން ވެސް ފާހަގަކުރި ގޮތަށް، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 1-75 ވަނަ މާއްދާ އާއި އޭގެ ދަށުން ހަދާފައިވާ 'މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދު'ގެ ދަށުން، އިހުމާލުގެ އަމަލަކުން މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން ގާޒީ ނިންމެވީ، މި މައްސަލައިގައި އަބްދުﷲގެ މަންމަ އެދިފައިވާ ގޮތުގެ މަތިން ކޯޓު އަމުރެއް ނެރެދޭން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ޕޯސްސްޓްމޯޓަމް ހަދަން އާއިލާ އިން ދެކޮޅުހަދަނީ މައިގަނޑު ހަތަރު ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ:
-
1-
އަބްދުﷲގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ލިބެން އާއިލާ އިން ނޭދޭތީ
-
2-
ޕޯސްޓްމޯޓަމް ހަދަން ނިންމިކަން މިހާތަނަށް ލިޔުމުން އާއިލާއާ ހިއްސާކޮށްފައެއް ނުވޭ
-
3-
އިސްލާމީ ޝަރީއަތުގައި މުސްލިމަކު މަރުވުމުން ވީހާވެސް އަވަހަކަށް ވަޅުލަން ބާރުއަޅާފައިވޭ
-
4-
މަރުވުމަށް ފަހު މައްޔިތާއަކީ ވާރިސުންގެ ހައްގެއް؛ އާއިލާގެ ރުހުން ނެތި ޕޯސްޓްމޯޓަމެއް ނުހެދޭނެ
މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. އަތޮޅުގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ، ހިމެނޭ ގޮތަށް ތިން މީހަކު މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހު 3 ޖަހާކަންހާއިރު އެ ރަށުން ހައްޔަރުކުރި އެވެ. އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ އެރަށު ބަދަރުގައި ލޯންޗު އޮއްވައި، ލޯންޗުމަތީގައި ކަމަށްވެ އެވެ. އެގޮތުން:
-
އޭނާ މަރުވުމުގެ ކުރިން މެއަށް ތަދެއް އަރާ ކަމަށް ބުނެ އާދޭސް ކުރުމުން ވެސް ފުލުހުން ފަރުވާއަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން ބުނޭ
-
އާއިލާ އިން ތުހުމަތުކުރަނީ، އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް
-
އޭނާގެ ހަށިގަނޑު މާދަމާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުން
ކޮމެންޓް (1)
އެއްޖިންސު