އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމް އާދަމް.

އަހުސަންގެ ހުރިހާ ވާރިސުން ބޭނުމީ މަރަށް މަރު ހިފަން

ޝަހުމްގެ މައްޗަށް މަރުގެ އަދަބު އިއްވަން ދައުލަތުން އެދުނު އިރު، ޝިމާޒަށް 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅަން އެދިފައިވޭ
10 އޮކްޓޯބަރު 2021

ވަޅިން ހަމަލާދީ 2011 ގައި ސ. ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވި ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް އަހުސަންގެ ހުރިހާ ވާރިސުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މަރުގެ ތުންފަތް މަތީގައި އޮވެ، މީގެ 10 އަހަރު ކުރިން އަހުސަން ބުނި ބަހަށް ހެކީގެ ބުރަދަން ދީ، އެ މައްސަލައިގައި ދައުވާ ކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އަހުސަން ބަޝީރުގެ ވާރިސުންގެ ބަސް ވެސް ކޯޓުން ވަނީ ނަގައިފަ އެވެ. އެ މައްސަލައިގައި އަދަބު ކަނޑައެޅުމާ ގުޅޭގޮތުން މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ތަފްސީލް - މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝަހުމްގެ މައްޗަށް ސާބިތުވެފައިވާތީ އޭނާއަށް ދޭން ޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. އެއީ މަރަށް މަރު ހިފުމެވެ. އެކަމަކު، އެ ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރުގެ އަދަބު ދެވޭނީ ހުރިހާ ވާރިސުން އެގޮތަށް އެދޭ ނަމަ އެވެ.

ބުނީ ކީކޭ؟ - ދައުލަތުން މިއަދު ބުނީ މި މައްސަލައިގައި ވާރިސުންގެ ބަސް ޝަރީއަތަށް ހޯދިއިރު، މަރަށް މަރު ހިފަން ހުރިހާ ވާރިސުން ވެސް ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން، ޝަހުމްގެ މައްޗަށް ކަނޑައެޅޭނީ ގިސާސް ނުވަތަ މަރުގެ އަދަބު ކަމަށް ދައުލަތުން ބުންޏެވެ.

އެކަމަށް ޝަހުމްގެ ދިފާއީ ވަކީލު ވެސް އިންކާރެއް ނުކުރައްވަ އެވެ.

ޝިމާޒަށް ދިގު މުއްދަތެއްގެ ޖަލު އަދަބެއް

އަހުސަން މެރުމުގައި އެހީތެރިވިކަމުގެ ކުށް މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ސާބިތުވާ ކަމަށް ވެސް ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

އަހުސަން ގަޔަށް ވަޅި ޖެހި ތަނަށް ސައިކަލުގައި ޝަހުމް ގެންދިޔައީ ޝިމާޒެވެ. އަދި އަހުސަންއަށް ހަމަލާ ދިން އިރު އެ ތަނުގައި ޝިމާޒް މަޑުކޮށްގެން އިނެވެ. އަހުސަންއަށް ހަމަލާ ދިނުމަށް ފަހު، ޝަހުމް ގޮވައިގެން ސައިކަލުގައި އެ ތަނުން ގޮސް، ޝަހުމް ފިލުވުމުގައި ވެސް ޝިމާޒް އެހީވި އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން.

ޝިމާޒަށް ކަނޑައަޅާނެ އަދަބާ ގުޅޭ ގޮތުން ދައުލަތުން ވާހަކަދެއްކި އިރު، ހާދިސާ ހިނގިއިރު އަމަލުކުރަމުން ދިޔަ ގާނޫނުލްއުގޫބާތާ ހަވާލާދިނެވެ. ކުރީގެ ގާނޫނުލްއުގޫބާތުގެ 14 ވަނަ މާއްދާގައި ބުނެފައި ވަނީ:

  • ކުށްކުރިއިރު އޭނާ ހާޒިރުގައި ހުރެ އެ ކުށް ކުރުމުގެ އަމަލެއްގައި ބައިވެރިވެ ނުވަތަ ކުށްކުރި ބަޔަކު ސަލާމަތްވުމަށް އެ ވަގުތު ފަސޭހަވާ ފަދަ އެއްވެސް އަމަލެއް ކުރި ނަމަ އޭނާ އެ ކުށް ކުރީ ކަމުގައި ވާނެ

ޝިމާޒްގެ އަމަލަށް ބަލާއިރު، ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން އޭނާ ވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށް ބުންޏެވެ. ނަމަވެސް ޝިމާޒަށް ގިސާސްގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުން އޮތީ ނިންމައިފަ އެވެ. އެއީ އަހުސަން މަރާލުމުގައި ޝިމާޒް އާއި ޝަހުމްއާ ދެމެދު ކުރިން އެއްބަސްވުމެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

އެހެންކަމުން، ދައުލަތުން އެދުނީ ޝިމާޒަށް ޖަލު އަދަބެއް ކަނޑައަޅައިދިނުމަށެވެ. އެއީ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ނަމަ 18 އަހަރުގެ ޖަލު ހުކުމެކެވެ. 

ކުރީގެ ގާނޫނުލްއުގޫބާތުގެ 26 ވަނަ މާއްދާ:

  • ފަސް އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން

  • 3،000ރ. އާއި 10،000ރ.އާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް

ނަމަވެސް އެ ކުށަކަށް އެހީވުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހަކަށް ނުރައްކާތެރި ހާނީއްކައެއް ލިބުނު ނަމަ ޖަލަށްލުމުގެ މުއްދަތު 18 އަހަރަށް ދިގު ކުރެވިދާނެ ކަމަށް ގާނޫނުގައިވެ އެވެ. ނުވަތަ ޖޫރިމަނާ 15،000ރ.އާ ހަމައަށް އިތުރުކުރަން ވެސް ގާނޫނުން ހުއްދަ ދެ އެވެ.

ޝިމާޒަށް ޖަލު އަދަބެއް ކަނދައަޅައިދިނުމަށް ދައުލަތުން އެދުނީ އަހުސަންއަށް ދިން ފަދަ އަނިޔާވެރި އަމަލެއް ތަކުރާރުވެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮންނާނެތީ އެވެ. އެހެންކަމުން، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވި މީހެއްގެ އަދަބަކަށް ވެސް ވާން ޖެހޭނީ އެ މީހާ މުޖުތަމައުން އެކަހެރިކޮށް ބަހައްޓައިގެން ދޭންޖެހޭނެ އަދަބެއް ކަމަށް ދައުލަތުން ބުންޏެވެ.

މިހާރުގެ ގާނޫނުލްއުގޫބާތަށް ރިއާޔަތްކޮށް އަދަބު ކަނޑައެޅި ނަމަވެސް، އަދަބުގެ ދަރަޖަ ތިން ދަރަޖަ މަތިކޮށްދިނުމަށް ދައުލަތުން އެދުނެވެ. އެއީ:

  • އަމަލު ހިންގީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް ނުބަލާ ކަމަށްވާތީ

  • ކުށް ކުރީ އާންމު ތަނެއްގައި ކަމަށްވާތީ

  • ކުށް ކުރުމަށް ފަހު ފިލައިގެން އުޅެފައިވާތީ

އެ ކަންކަމަށް ރިޔާޔަތްކޮށް ތިން ދަރަޖަ މަތިކޮށްފި ނަމަ ޝިމާޒަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު އަދަބެކެވެ. ދައުލަތުން ބުނީ ޝިމާޒުގެ އަދަބު ލުއިކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދިފާއީ ވަކީލު އެދިވަޑައިގަތީ ޝިމާޒަށް ދެވެން އޮތް އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށެވެ.

"އިސްލާމީ ޝަރީއަތާ ހިލާފު ހުކުމަކަށް ބުނާނެ އެއްޗެއް ނެތް"

އަދަބާ ގުޅޭ ގޮތުން އެއްޗެއް ބުނުމުގެ ފުރުސަތު ފަނޑިޔާރު ވަނީ މިއަދު ޝަހުމް އަދި ޝިމާޒަށް ވެސް އަރުވައިފަ އެވެ. 

އެ ފުރުސަތުގައި ޝަހުމް ވަނީ، އަހުސަން މަރު މަތީގައި ބުނި ބަހެއްގެ މައްޗަށް ރިއާޔަތްކޮށް މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރުމާ މެދު ސުވާލު އުފައްދައިފަ އެވެ. އެ ސުވާލު ޝަހުމް އުފެއްދީ، އޭނާ ބުނި ގޮތުގައި، އެ ހާދިސާ ހިނގި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަހުސަންއާ ދިމާވިއިރު އޭނާ ރާ ބޮއެގެން ހުރި ކަމަށް އަހުސަންގެ ރައްޓެއްސަކު ބުނެފައިވާތީ އެވެ.

"އެހެންވީމަ، ރާ ބޮއެގެން ހުރި މީހަކު ބުނާ އެއްޗަކަށް ބިނާކޮށް މައްސަލައެއް ނިންމުން އެއީ އިސްލާމީ ޝަރީއަތުގެ ކޮން އުސޫލެއްގައި އޮންނަ ކަމެއްތޯ؟" ޝަހުމް ބުންޏެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، ދެން ފުރުސަތު އޮތީ އަދަބާ ގުޅޭ ގޮތުން އެއްޗެއް ބުނުން އެކަނި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އަދަބާ ބެހޭ ގޮތުން ވިދާޅުވާނެ އެއްޗެއް ނެތް. އިސްލާމީ ޝަރީއަތަށް ބިނާކޮށް ކުރާ ހުކުމެއްގައި އިސްލާމީ ޝަރީއަތަށް ބިނާ ނުކޮށް މައްސަލަ ނިންމާއިރު ދެން ކުރާ ހުކުމަކަށް ބުނާނެ އެއްޗެއް ނީންނާނެ ނޫންތޯ؟" ޝަހުމް ބުންޏެވެ.

ޝިމާޒް ވެސް ބުނީ އަދަބާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

އެނގުން މުހިންމު - ވާރިސުންގެ ބަސް ނަގައި ދެ ފަރާތުން އަދަބާ ގުޅޭ ގޮތުން ވާހަކަދައްކައި ނިންމުމުން ދެން މި މައްސަލައިގައި އޮންނާނީ ހުކުމް އިއްވުމެވެ. ފަނޑިޔާރު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް ކުރަން ޖެހޭނެ ކަމަށާއި ހުކުމް ކުރާނެ ތާރީހު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް