ރިއްފަތު އދ.ގެ ޓްރައިބިއުނަލްގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަދައްކަވަނީ.

ރާއްޖޭން ޗާގޯސް މައްސަލައިގައި ދޫދީ، މޮރިޝަސް ކޮޅަށް ވޯޓު ދޭން އެއްބަސްވެއްޖެ

ޗާގޯސް-މޮރިޝަސް މައްސަލައިގައި ރާއްޖޭން އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދޭން ނިންމީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް އަވަސް ހައްލެއް ގެންނަން ކަމަށް ސަރުކާރުން ބުނި
22 އޮކްޓޯބަރު 2022
1

މުހިންމު ނުކުތާތައް

ކުރިން ރާއްޖޭގެ އަބަދުވެސް ވޯޓު ދެނީ ޗާގޯސް އިނގިރޭސިންގެ ދަށުގައި ބާއްވަން

މި ސްޓޭންޑް ބަދަލުކުރުމުން މޮރިޝަސް އިން ވަނީ މަރުހަބާ ކިޔާފައި

މިއަދު އޮންނާނީ މޮރިޝަސްގެ ބައި؛ ރާއްޖެއަށް ޖަވާބުދާރީވާން ފުރުސަތު ލިބޭނީ ހޯމަ ދުވަހު

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން އދ.ގައި ވޯޓު ދޭން އެއްބަސްވެފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - ޗާގޯސް-މޮރިޝަސް މައްސަލައިގައި ރާއްޖޭން ކުރިން އަބަދުވެސް ވޯޓު ދީފައި ވަނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. އެގޮތުން:

  • މި މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފޮނުވަން 2017ގައި އދ.ގައި ނެގި ވޯޓުގައި ވެސް ރާއްޖޭން މޮރިޝަސްއާ ދެކޮޅު ހެދި 

  • މޮރިޝަސްއާ އެއްކޮޅަށް އެ ކޯޓުން 2019ގައި ކުރި ހުކުމް ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރު ވެސް ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވަން

  • އޭރު ދިވެހި ސަރުކާރުން ބުނީ މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން

ވީ ކިހިނެއް؟ - މޮރިޝަސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވާކަން ރިއްފަތު ހާމަކުރެއްވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުންނެވެ.

މިއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު، މޮރިޝަސްގެ ސިޔާދަތުގެ ދަށުގައިވާ ކަމަށް އެ ގައުމާއި ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ޗާގޯސް އާކިޕެލެގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019ގައި ހުށަހެޅި މައްސަލައެކެވެ.

ބުނީ ކީކޭ؟ - ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަމުން ރިއްފަތު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮގަސްޓް 22ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށެވެ. މި ސިޓީގައި:

  • އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުން ބަލައިގަންނަން ވޯޓު ދޭނެ

  • މީގެ ކުރިން އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދޭން ނިންމި ސަބަބު ބަޔާންކޮށްފައި ވާނެ

ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރާއްޖޭން ހުށަހަޅާ ކަންކަން އޭޖީ އިބްރާހިމް ރިފްއަތު އޮކްޓޯބަރު 2020ގައި ހުށަހަޅުއްވަނީ. (ފޮޓޯ/ޓްރައިބިއުނަލް)

ތަފްސީލް - އަހަރުތަކެއް ވަންދެން މޮރިޝަސްއަށް އެއްބާރުލުން ދޭން ދެކޮޅު ހެދުމަށް ފަހު ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި މައިގަނޑު ސަބަބުތައް ފާހަގަކުރައްވަމުން ރިއްފަތު ވިދާޅުވި ގޮތުގައި، ބޭނުމަކީ މިހާރު ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލަ އާއި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ކަނޑައަޅައިދޭން މޮރިޝަސް އިން އިއުތިރާޒުކުރާ މައްސަލައަށް އަވަސް ހައްލެއް ގެނައުމެވެ.

ކޮންޓިނެންޓަލް ޝެލްފް ކަނޑައަޅައިދިނުމުގެ މައްސަލައަކީ، މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގެ އަހަރުތަކެއް ކުރިން 2010ގައި ހުށަހެޅި މައްސަލައެކެވެ. އޭރު ވެސް މޮރިޝަސް އިން ކުރި އިއުތިރާޒަކީ ރާއްޖޭން ހުށަހެޅި ސަރަހައްދާ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށެވެ.

ރާއްޖޭގެ މި ނިންމުމަށް މަރުހަބާ ކިޔުމުގެ ގޮތުން މޮރިޝަސް އިން ވަނީ، މިދިޔަ ފެބްރުއަރީގައި ބެހިމް ފަރު ދިރާސަކުރަން ހިނގި ހަރަދު ނަގައިދޭން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދަން ނިންމާފަ އެވެ. 

ރާއްޖެ-މޮރިޝަސް މައްސަލައިގައި ދެ ދުވަސް މަތިން އަޑުއެހުންތައް ބާއްވާފައި ވާއިރު، ފުރަތަމަ ބުރުގެ އަޑުއެހުންތަކުގައި ރާއްޖޭން ފާހަގަކުރި އެންމެ މުހިންމު އެއް ނުކުތާއަކީ، ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ ގުޅެނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް މައްސަލައާ ކަމެވެ. 

މި އަޑުއެހުންތަކުގެ ދެވަނަ ބުރު ކުރިއަށް ދާނީ މިއަދާއި ހޯމަ ދުވަހު އެވެ. މިއަދު އޮންނާނީ މޮރިޝަސްގެ ބަ އެވެ. ރާއްޖެއަށް ޖަވާބުދާރީވާން ފުރުސަތު ލިބޭނީ ހޯމަ ދުވަހު އެވެ.

އެނގުން މުހިންމު - ކަނޑުތަކާ ބެހޭ އދ.ގެ މުއާހަދާގައިވާ ގޮތުން، ވަށައިގެން ކަނޑު އޮންނަ ގައުމުތަކުގެ ހިކިފަސް ބިން ނުވަތަ އައްސޭރިން ފެށިގެން 200 މޭލުގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ގޮތުގައި ކަނޑައެޅޭނެ އެވެ.

މޮރިޝަސް އިން ބޭނުންވަނީ މި އުސޫލުގެ މަތިން ޗާގޯސް ވަށައިގެން އޮތް ސަރަހައްދު އެ ގައުމުގެ އީއީޒެޑްގައި ހިމަނާށެވެ. ރާއްޖޭން މިކަމަށް އިއުތިރާޒުކުރަނީ، ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމުގައި ބެލި ނަމަވެސް އައްސޭރިން ފެށިގެން ބައުންޑަރީ ލައިންތައް ކުރަހަން އެދޭ ގޮތަށެވެ.

ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

މޮރިޝަސް އިން ބެހިމް ފަރުގައި ކުރި ދިރާސާއަކީ މިކަމަށް ބާރު ދޭން ވެގެން، އެ ފަރުގައި ހިކި ފަސް ބިމެއް ހުރިކަން ޔަގީންކުރަން ކުރި ދިރާސާއެކެވެ.

މައްސަލައިގެ ފުނަށް -

  • މޮރިޝަސް އިން ބުނަނީ ޗާގޯސް އަކީ 18 ވަނަ ގަރުނުން ފެށިގެން އެ ގައުމުގެ ބައެއް ކަމަށް

  •  މޮރިޝަސްއާ ޗާގޯސް ވަކިކޮށްފައިވަނީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް އިރު 1965ގައި

  • އިނގިރޭސިވިލާތުން ޗާގޯސް ނެގީ 3 މިލިއަން ޕައުންޑްގެ އަގަކަށް

  •  ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ ވެސް ޗާގޯސްގެ ރަށެއް

  • ޗާގޯސް އިން މީހުން ހުސްކުރީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ފޯޅަވަހީގައި އަސްކަރީ މަރުކަޒެއް ގާއިމުކުރަން

  • އެމެރިކާ އިން މިހާރު ހިންގާ އެ އަސްކަރީ މަރުކަޒު ހަދަން އިނގިރޭސިވިލާތުން އެމެރިކާއަށް ފޯޅަވަހި ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 2036އާ ހަމައަށް ވަނީ އިތުރުކޮށްފައި  

ކޮމެންޓް (1)

އަންނި

22 އޮކްޓޯބަރު 2022
ކުރިން، ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރަން، ތި ކަމާ ދެކޮޅު ހަދާފަ މިހާރު ދީލައިލީމާ އެ ބުނެވެނީ ރާއްޖޭގެ މަސްލަހަތު މިހާރު މުހިންމު ނޫނޭތަ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް