މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

އިންޑިއާގެ 'ޖާސޫސުން'ނާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރު ކުރި އިންޑިއާގެ 'ޖާސޫސުން'ގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ގޮވާލައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - ރާއްޖޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ބެލެވޭ އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު އެއާޕޯޓުން ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން:

  •  އެ މީހުން ޖާސޫސް ކުރަން އުޅޭ ކަމަށް ބެލެވުނީ އޭވިއޭޝަން ސެކިއުރިޓީން އެ މީހުން ބަލައި ފާސްކުރުމުގެ ތެރޭގައި ފާހަގަކުރެވުނު ކަންތައްތަކާ ހެދި  

  • އޭގެ ފަހުން ކޯޓަށް ގެންގޮސް އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވޭ؛ މިހާރު އެ މުއްދަތު ހަމަވެފައި ވާއިރު، އެ މީހުން ދޫކޮށްލި ކަމެއް ޔަގީނެއް ނޫން

  • ތުހުމަތު ކުރެވޭ މީހުންގެ އަތުން، ޖާސޫސް ކުރަން ބޭނުން ކުރެވިދާނެ ފަދަ ސްޕައި ކެމެރާ ފެނިފައިވޭ

  • އެ ދެ މީހުންނާ އެކު ހަރަކާތްތެރިވި ކަމަށް ބެލެވޭ އިތުރު ބަޔަކު ރާއްޖޭން ފުރައިގެން ގޮސްފައި ވާކަން 'ދައުރު'އަށް ކަށަވަރުވޭ

ވީ ކިހިނެއް؟ - މި މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ 34 މެންބަރުންގެ ވޯޓާ އެކު އެ މައްސަލަ ބޭރުކޮށްލި އެވެ. މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު. (ފޯޓޯ/ މަޖިލީސް)

ތަފްސީލު - ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރާށި ކަމަށް ވެފައި ކޮންމެ ދުވަހަކު އަންނަ އެތައް ހާސް ފަތުރުުވެރިންނާއި ދިވެހި ރައްޔިތުން ބޭނުން ކުރަމުން އަންނަ އެއާޕޯޓެއްކަން ފާހަގަކުރައްވައި ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޭނާ ވިދާޅުވީ، އިގްތިސާދީ އެންމެ މުހިންމު މަންފާއެއް ލިބޭ އެ ތަނުން މިފަދަ ކަމެއް ހިނގުމަކީ ކަންބޮޑުވާ ދަރަޖައިގެ ކަމެއް ކަމަށެވެ.

"މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި އަމަލެއް އަދި މިކަމުގެ ބިރު އަވައްޓެރި ބައެއް ގައުމުތަކަށް ވެސް އެބައޮތް،" ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

ސައީދު ތުހުމަތު ކުރެއްވި ގޮތުގައި، އެ މީހުން ދަނީ ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ، "ގައުމީ ސަލާމަތަށް ނުކުރައްކާވާ ވަރުގެ އަމަލެއް ހިންގުމަށް" ތައްޔާރުވަމުންނެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ސައީދަށް ލިބިވަޑައިގެންފައިވާ ބައެއް މައުލޫމާތުތަކާއި މިކަމާ ގުޅިގެން އޭނާއަށް ފާހަގަކުރެވޭ ކަންކަން ކުއްލި މައްސަލައިގައި ވަނީ ހިމަނުއްވާފަ އެވެ. އަދި ސަރުކާރަށް ބައެއް ތުހުމަތުތައް ވެސް ކުރައްވާފައިވެ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ތުހުމަތުވާ މީހުން ހައްޔަރުކުރުމުގެ ކުރިން ރާއްޖޭގައި ބައްދަލުވުމެއް ބާއްވާފައިވޭ

  • މި ހާދިސާ ހިނގުމަށް ފަހު، އިންޑިއާ ސަރުކާރުގެ އޮފިޝަލަަކު ރާއްޖެ ވަޑައިގެން، ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމަށް އެދިފައިވޭ

  • އިންޑިއާގެ އެ އޮފިޝަލާ އެކު ސަރުކާރުން ބޭއްވި އެ ބައްދަލުވުމަށް ފަހު، ފުލުހުން މި ހާދިސާގެ އަސްލު ރިޕޯޓަށް ބަދަލު ގެނެސް، އެހެން ރިޕޯޓެއް ނެރުނު

  • ހައްޔަރު ކުރި މީހުން ދިޔައީ ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ހިނގަމުން ދިޔަ ގޮތް ލައިވް ކުރަމުން

  • އެއާޕޯޓުގެ ސެކިއުރިޓީ ގޭޓްތައް ފަހަނައަޅައި ޗެކިން ޕޮއިންޓުތަކުން އެ މީހުން ދިޔައީ ކަސްޓަމާއި އިމިގްރޭޝަނާއި އެއާޕޯޓުގެ ސެކިއުރިޓީ އަދި ފުލުހުންނާއި އެމްއެންޑީއެފްއަށް ވެސް ނޭނގި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

މި ހާދިސާއާ ގުޅިގެން ފުލުހުން އަދި މިހާތަނަށް މާ ގިނަ މައުލޫމާތެއް މީޑިއާއަށް ހާމައެއް ނުކުރެ އެވެ. އަދި ހައްޔަރު ކުރި މީހުން މި ވަގުތު ބަންދުގައި ތިބިކަން ނުވަތަ ނޫންކަން ވެސް ނުބުނެ އެވެ. އެކަމުގެ ކަންބޮޑުވުންވެ ސް ސައީދު ވަނީ ކުއްލި މައްސަލައިގައި ފާޅުކުރައްވާފަ އެވެ.

"މިކަމާ ގުޅިގެން ކަންކަން ރައްޔިތުންނަށް ސިއރު ކުރަމުން ދާތީ އާއި ހައްޔަރު ކުރި ދެ މީހުން ވީ ތަނެއް ވެސް ދިވެހި ފުލުހުންނަށް މިވަގުތު ނޭނގޭ،" ކުއްލި މައްސަލައިގައި ސައީދު ލިއުއްވާފައިވެ އެވެ.

ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިފަދަ ކަމެއްގެ ސަބަބުން "އިގްދިސާދު ފުނޑި، އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ" އެވެ. އަދި މި ހާދިސާއާ އެކު އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުއްލި މައްސަލައިގައި ސަރުކާރަށް އޭނާ ގޮއްވާލެއްވީ:

  • މި ހާދިސާއާ ގުޅޭ ގޮތުން ދެ ފުށް ފެންނަ ތަހުގީގެއް ހިންގުމަށް

  • މިކަމާ ބެހޭ މައުލޫމާތު މަޖިލީހާ ހިއްސާ ކުރުމަށް

  • މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް