ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޑިޕާޗާ ހޯލަށް މީހަކު ވަންނަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
އިންޑިއާގެ 'ޖާސޫސުން'ގެ ޓީމެއް؛ އެއް ބަޔަކު އަތު ނުވެ ފުރައިފި
ރާއްޖޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ބެލެވޭ އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރޭ ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު މިއަދު ޖަހައިފި އެވެ. ނަމަވެސް، އެ ދެ މީހުންނާ އެކު ހަރަކާތްތެރިވި ކަމަށް ބެލެވޭ އިތުރު ބަޔަކު ރާއްޖޭން ފުރައިގެން ގޮސްފައި ވާކަން ވެސް 'ދައުރު'އަށް ވަނީ ކަށަވަރު ވެފަ އެވެ.
ވީ ކިހިނެއް؟ - ޖާސޫސް ކުރަން އުޅުނު ކަމަށް ބެލެވޭ މައްސަލައެއްގައި ވީއައިއޭ އިން ރޭ ހިފެހެއްޓުމަށް ފަހު، އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އެ މީހުން ޖާސޫސް ކުރަން އުޅޭ ކަމަށް ބެލެވުނީ އޭވިއޭޝަން ސެކިއުރިޓީން އެ މީހުން ބަލައި ފާސްކުރުމުގެ ތެރޭގައި ފާހަގަކުރެވުނު ކަންތައްތަކާ ހެދި އެވެ.
ތަފްސީލު - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
-
ތުހުމަތު ކުރެވޭ މީހުންގެ އަތުން، ޖާސޫސް ކުރަން ބޭނުން ކުރެވިދާނެ ފަދަ ސްޕައި ކެމެރާ ފެނިފައިވޭ
-
އެކަމާ ގުޅިގެން ފުލުހުން އެ މީހުން ގެންދިއުމުން، ތަހުގީގުގައި އެ ދެ މީހުންގެ އާއިލީ ގުޅުމާ ބެހޭ ގޮތުން ދިން ބައެއް މައުލޫމާތު ވެސް ފުށޫއަރާކަން ވަނީ އެނގިފައި
އެނގިފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރު ކުރުމުގެ ކުރިން އެ މީހުންނާ އެކު އިތުރު ބަޔަކު ވެސް އެއާޕޯޓުގައި އުޅުނެވެ. އެކަމަކު، މި މައްސަލަ ފެންމަތިނުވަނީސް އެ މީހުން ރާއްޖޭން ބޭރަށް ފުރާފައި ވާކަން އެނގިފައިވެ އެވެ.
ބުނީ ކީކޭ؟ - މި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ފުލުހުން ރޭ ހަމައެކަނި ބުނެފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ވީއައިއޭ އިން ދެ ބިދޭސީއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އެ މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.
އޭގެ ފަހުން، މިއަދު ހަވީރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ:
-
އެއާޕޯޓަށް ދޫކޮށްލާފައި އޮތް ލަގެޖެއްގެ ވެރިފަރާތް ނުވެގެން، އެއާޕޯޓުން ފުލުހުންނަށް ރިޕޯޓުކުރުމުން ބެލި ބެލުމުގެ ތެރޭގައި
-
ފުލުހުން ބެލި ބެލުމުން، އޭގެ ވެރިފަރާތަކަށް ވީ އިންޑިއާގެ ދެ މީހުން
-
އެފޮށީގެ ތެރޭގައި އޮތް ގަމީހެއްގައި، އާއްމުކޮށް ޖާސޫސު ކުރަން ބޭނުން ކުރާ ބަޓަން ކެމެރާއެއް ހަރުކޮށްފައި އޮތުމުން
"މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.