އަމީނީމަގުގައި ހުރި ގަސްތައް ކަނޑަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަމީނީމަގު

ނަޝީދުގެ 'ހައިސިއްޔަތެއް ނެތް'؛ އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

ސިވިލް ކޯޓުން ފާހަގަކުރި ގޮތުގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ އާންމު ޝަރުތުތައް މި މައްސަލައިގައި ފުރިހަމައެއް ނުވޭ
9 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ނަޝީދު މައްސަލަ ހުށަހެޅުއްވީ މިދިޔަ ހަފުތާގައި

އެ މައްސަލައިގައި ފުރަތަމަ އަޑުއެހުމެއް ބޭއްވީ ބުރާސްފަތި ދުވަހު

ވަގުތީ އަމުރެއް ނުދިން ނަމަވެސް ދައުވާއާ މެދު ގޮތެއް ނިންމާނީ ޝަރީއަތަށް ފަހު

އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ދެ ފަރާތުގައި ހައްދާފައި ހުރި އޮފިއެލޭ ގަސްތައް ނަގަމުންދާތީ، އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަގުތީ އަމުރެއް ނުދޭން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - އަމީނީ މަގު ތަރައްގީ ކުރުމަށް އެ މަގުގައި ހުރި ގަސްތައް ނަގަން ފެށުމުން އާންމުން އެކަމާ ނުރުހުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައި، ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ގަސްތައް ނެގުމާ މެދު ކަމާ ބެހޭ ފަރާތްތަކުން ދެ ވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގަންނަމުންނެވެ.

ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅީ 'ޝުނާނާ އެންޑް ކޯ އެލްއެލްޕީ' އިންނެވެ.

އަމީނީމަގުގައި ހުރި ގަސްތައް ކަނޑަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލު -  އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމަންދެން، އަމީނީމަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް މިއަދު ކަނޑައަޅާފަ އެވެ.

ނަޝީދާ ދެކޮޅަށް ކޯޓުން ނިންމި ނިންމުމުގައި ފާހަގަކުރި މައިގަނޑު ނުކުތާތަކަށް ބަލާއިރު، ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ އާންމު ޝަރުތުތައް މި މައްސަލައިގައި ފުރިހަމަ ނުވާ ކަމަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ނެރުއްވި އަމުރުގައި ފާހަގަކުރައްވާފައިވެ އެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެނުދިން ސަބަބުތައް:

  • ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައެއް ނެތް

  • ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގޭކަށް ނެތް

  • ވަގުތީ އަމުރަށް އެދޭ ފަރާތަކީ އަމުރަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައި ބެލެވޭކަށް ނެތް

އެނގުން މުހިންމު - ގަސްތައް ކެނޑުން ހުއްޓުވަން ވަގުތީ އަމުރު ނެރުނުދިން ނަމަވެސް މި ދައުވާއާ މެދު ގޮތެއް ނިންމާނީ ޝަރީއަތުގެ މަރުހަލާ ނިމުމުންނެވެ.

ވަގުތީ އަމުރުގެ އިތުރުން ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި އެދުނީ:

  • އަމީނީ މަގުގެ ގަސްތައް އުފުރައިގެން މަޝްރޫއު ކުރިއަށް ގެންދިއުމަކީ ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށް ކަނޑައެޅުމަށް

  • ގަސްތައް ނުކަނޑައި މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްކަން ޔަގީން ކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކާއި ކަމުގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން ކުރަން ޖެހޭ ދިރާސާތައް ފުރިހަމައަށް ކުރުމަށް 

އިތުރު އާޓިކަލް

އިތުރު އާޓިކަލް