ފުލުހަކަށް ބިރު ދެއްކި މައްސަލައިގައި ހޯދަން އިއުލާން ކުރި އަޒްހާން: ހައްޔަރުކުރި ގޮތް ގޯސްވެގެން މީގެ ކުރިން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައި. (ފޮޓޯ/ ޕޮލިސް)

ފުލުހުން

ހައްޔަރުކުރި ގޮތް ގޯސްވެގެން ކޯޓުން ދޫކޮށްލި މީހާ ހޯދަން އިއުލާންކޮށްފި

އޭނާ މީގެ ކުރިން ހައްޔަރު ކުރީ، މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރު ދިން މައްސަލައިގައި

ފުލުހަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށް، އޭނާ ހައްޔަރުކުރުމުގައި ފުލުހުން ގޯސް ހަދާފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހުގެ 18 ވަނަ ދުވަހު، މާލޭގައި ހަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން، އެ ގޭންގަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދީފައިވެ އެވެ. އެގޮތުން:

  • އެ މައްސަލައިގެ ތުހުމަތުގައި ހަމަ އެ ދުވަހު ހައްޔަރުކޮށްފައި ވަނީ، މުހައްމަދު އަޒުހާން އިސްމާއިލް (31އ)

  • އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ

  • ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނެެރުއްވި އެ އަމުރުން އެެނގޭ ގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ނެތި، ކުށުގެ ވެއްޓަކުން ނޫން

ވީ ކިހިނެއް؟ - ފުލުހުންގެ ވެބްސައިޓުގައި މިއަދު ވަނީ އަޒްހާންގެ ވަނަވަރު އާންމުކޮށް، އޭނާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފަ އެވެ.

ތަފްސީލު - ފުލުހުން ބުނީ، އަޒްހާން ހޯދަން އިއުލާންކުރީ، އެ މުއައްސަސާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ، މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ: 

  • ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފައި

ފުލުހުންގެ ޓްވީޓް

ގުޅުން ހުރި ކަމެއް - ފުލުހުން ހެދި ގޯހަކުން އަޒުހާން މިނިވަންވިއިރު، އޭނާ ހައްޔަރުކުރި ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ، މި އަމަލު ހިންގި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

"ޖަމާއަތް ހަދައިގެން ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ހަމީދު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް