ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ: ފުލުހުންނަށް އިންޒާރު ދިން މީހާ ވަނީ ކޯޓުން ދުކޮށްލާފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކްރިމިނަލް ކޯޓު

ފުލުހަކަށް އިންޒާރު ދިން މީހާ ގޯސްކޮށް ހައްޔަރު ކުރުމުން މިނިވަންވެއްޖެ

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ، ކޯޓު އަމުރެއް ނެތި، ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރު ކުރި ކަމަށް ބުނެ

މާލޭގެ ގޭންގަކަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހަކު ފުލުހަކަށް އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ އިއްޔެ މިނިވަންކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އާދިއްތަ ދުވަހު، މާފަންނުގެ ގޭންގަކަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އެ މިހާ ހައްޔަރު ކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރު ދިނެވެ. އެ މައްސަލައިގައި އިންޒާރު ދިން މީހާ ހަމަ އެ ދުވަހު ހައްޔަރުކުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ:

  • މުހައްމަދު އަޒުހާން އިސްމާއިލް، 31 

  • އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިނުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި

ތަފްސީލު - ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނެެރުއްވި އަމުރުން އެެނގޭ ގޮތުގައި، އަޒުހާން ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފަށް ހައްޔަރުކޮށްފައި ވުމުންނެވެ. އެހެންވެ އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ގާޒީ ނިންމެވި އެވެ.

"މީނާ ހައްޔަރުކޮށްފައިވަނީ، ކުށުގެ ވެށިން ނޫން ކަމާއި ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ނެތި،" އާނާ ބަންދުން ދޫކޮށްލި ސަބަބުގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ގުޅުން ހުރި ކަމެއް - ފުލުހުން ހެދި ގޯހަކުން އަޒުހާން މިނިވަންވިއިރު، އާދިއްތަ ދުވަހު ހަމީދު ކުރެއްވި ޓުވީޓުގައި އޭނާ ވަނީ، މި އަމަލު ހިންގި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

"ޖަމާއަތް ހަދައިގެން ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ހަމީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް