އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަމީނީމަގު

އަމީނީ މަގުން ގަސް ނެގުން ނުހުއްޓުވޭ ނަމަ ކޯޓަށް ދާން ތައްޔާރު: ނަޝީދު

ގަސް ނެގުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް ނަޝީދު އެދިވަޑައިގެންނެވި

އަމީނީ މަގުގައި ހުރި ގަސްތައް ނެގުމާ މެދު ކަމާ ބެހޭ ފަރާތްތަކުން ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގެން، އެކަން ހުއްޓުވުމަށް ކޯޓަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30ގަ އެވެ. އެގޮތުން:

  • އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައި

  • އެ މަސައްކަތް ކުރާ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނެފައި ވަނީ، އެ ގަސްތައް ގެންދަނީ ސަރުކާރުން ބިން ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ކަމަށް

ވީ ކިހިނެއް؟ - މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މީގެ ކުރިން ވެސް މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ނަޝީދު މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ފެއްޓެވުމަށް ފަހު މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތުގައި. (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އަމީނީ މަގުން ގަސްތައް ނެގުމަކީ މާލޭގައި ދިިރިއުޅޭ ވަރަށް ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމުގައި އިތުރުު ވިސްނުމަކަށް ދާން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަން، އެ ކުންފުނިން [އާރުޑީސީ] އާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިކަމުގައި އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެން ނޫން ނަމަ، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫން ގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ތިމާވެށީގެ ބައެއް މައްސަލަތަކުގައި އަޑުއުފުއްލަވާ ނަޝީދު ވިދާޅުވި އެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއުގައި އެ މަގުގެ ގަސްތަކެއް ކޮށާލާފައި: އަމީނީމަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ނަގާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. (ފޮޓޯ/ޓްވިޓާ/އަފްރާހު އިސްމާއީލް)

ފަސް މަންޒަރު - ގަސްތައް ނަގާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އާރްޑީސީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ، އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި ދުވަހުން ފެށިގެން ވެސް، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަކަށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ނަމަވެސް، މާލޭގެ ހުރިހާ މަގުތަކާ އެއް ގޮތަށް އަމީނީމަގަކީ ވެސް ފެނާއި ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތަކެއް ވެސް ވަޅުލާފައިވާ މަގަކަށް ވާތީ، އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް