އަމީނީމަގު ހެދުމުގެ މަޝްރޫއުގައި އެ މަގުގެ ގަސްތަކެއް ކޮށާލާފައި: އަމީނީމަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ނަގަން ވަނީ ނިންމާފައި (ފޮޓޯ/ޓްވިޓާ/އަފްރާހު އިސްމާއީލް)

އަމީނީމަގު

އަމީނީ މަގުގެ އީއައިއޭ: އުސޫލާ ހިލާފު އެތައް ކަމެއް؛ ގެއްލުން ބޮޑު

ތާރު އަޅައިގެން އަމީނީ މަގު ތަރައްގީ ކުރުމަށް އާރްޑީސީއިން ކުރިޔަށް ގެންދާ މަޝްރޫއަށް ވަނީ އާންމުންގެ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައި
22 ސެޕްޓެމްބަރު 2022
1

މާލޭގެ އަމީނީމަގުގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫއަށް އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ދީފައިވަނީ އެ މަޝްރޫއު ކުރިއަށް ގެންދާނޭ ގޮތް އެއްކޮށް ފައިނަލް ނުވަނީސްކަން އެ މަޝްރޫއުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30ގަ އެވެ. 84 މިލިޔަން ރުފިޔާ ހޭދަކޮށްގެން ކުރިޔަށް ގެންދާ މި މަސައްކަތުގެ ތެރެއިން މިހާރު ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކޮށަން ފަށާފަ އެވެ.

އެކަމަށް މީހުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް އެ މަޝްރޫއަށް ހުއްދަ ދިން އީއައިއޭ ރިޕޯޓް ވަނީ ޓްވިޓާގައި ލީކްކޮށްފައިފަ އެވެ.

އީއައިއޭއިން ފާހަގަ ކޮށްލެވޭ ކަންކަން:

  • އަމީނީ މަގާއި އެމަގުގައި ގާއިމް ކުރެވިގެންދާނެ ފެން ހިންދާ ނިޒާމުގެ ފައިނަލް ޑިޒައިންތައް އީއައިއޭ އާއެކު ހުށަހަޅާފައެއް ނުވޭ 

  • އާރުޑީސީ އިން އަމީނީ މަގުގައި އިންދަން ހުށަހަޅާފައިވަނީ ޖަކަރަންޑާ ގަހާއި، ހިތި ގަސް ފަދަ ބޮޑަށް މޫ ފެތުރޭ ގަސްތައް

  • އާރުޑީސީ އިން އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ އެހެން ކޮންޓްރެކްޓަރަކާ

ފެން ހިންދާ ނިޒާމަށް ޕްލޭނެއް ނެތް

އީއައިއޭ އާއިއެކު ފެންހިންދާ ނިޒާމުގެ ކޮންސެޕްޓް ޑިޒައިން ހިމަނާފައި ނުވާތީ، މިހާތަނަށް އައިއިރު އެ ނިޒާމު ފަރުމާ ކޮށް ނިމިފައި ނުވާކަން ގަބޫލު ކުރާނެ ޖާގަ އެބައޮތެވެ. އެހެން ކަމަށްވާނަމަ، އަމީނީ މަގުގައި ހުރި ގަސްތައް ނަގަން ފަށާފައިވަނީ މަގު ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން ފުރިހަމަ ވުމުގެ ކުރިންނެވެ.

އަމީނީ މަގަކީ އަޑިގުޑަން ގިނަ، ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ މަގެކެވެ. އެހެންކަމުން، މަގު ތަރައްގީ ކުރާއިރު ރަނގަޅު ފެން ހިންދާ ނިޒާމެއް ގާއިމް ނުކުރެވިއްޖެނަމަ މަޝްރޫއުގެ މަގްސަދު އެއްވެސް ވަރަކަށް ހާސިލް ނުވާނެ ކަމަށްބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަމީނީ މަގުގައި ފެން ބޮޑުވެފައި (ފޮޓޯ/ޓްވިޓާ/މުހައްމަދު ޖުނައިދު)

ގާޖަހާފައިވާ މަގުތަކާ އަޅަބަލާއިރު ތާރު އަޅާފައިވާ މަގުތަކުގައި ފެން ހިނދެން ގިނަ ވަގުތު ނަގާކަން ފާހަގަ ކުރަމުން، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ، ޒީރޯ ވޭސްޓް އެމްވީ ގެ ކޯ-ފައުންޑަރު އަހްމަދު އަފްރާހް އިސްމާއިލް ވިދާޅުވީ ފެން ހިންދާ ނިޒާމު ރަނގަޅަށް ފަރުމާކޮށްފައި ނުވާ ނަމަ، އަމީނީ މަގުގައި ފެންބޮޑުވުމުގެ މައްސަލަ މިހާރަށްވުރެ ބޮޑުވެދާނެކަމަށެވެ.

އީއައިއޭ އިން އެނގޭ ގޮތުގައި އާރްޑީސީ އިން ހުށަހަޅާފައިވާ ކުރެހުންތަކުގައި މައްސަލަ ހުރުމުންނާއި، މަގުގެ އަޑި ފަރުމާ ކުރާނޭ ގޮތެއް ނޭނގޭތީ މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ. އަދި އަޑިން ފެން ހޮޅިއެއް ފަޅައިގެން ހިނގައްޖެނަމަ، މަރާމާތު ކުރަން ތާރު ކޮންނަން އުނދަގޫވާނެ ކަމަށް ބުނެ ގައުމީ ފެން ކުންފުނީގެ ކަންބޮޑުވުންތައް އާރްޑީސީއާ ހިއްސާ ކޮށްފައި ވެއެވެ.

އީއައިއޭގައި ބުނެފައިވަނީ:

  • ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން ހުރިހާ ސްޓޭކްހޯލްޑަރުންނާ ވާހަކަ ދެއްކުމަށްފަހު ފެންހިންދާ ނިޒާމުގެ ޑިޒައިންއާއި ކުރެހުންތައް ނިންމަން

  • ޑިޒައިން ކުރާއިރު ވެށީގެ ސިފަތަކަށް ބަލާ، އަމީނީ މަގާއި ގުޅޭ އެހެން މަގުތަކަށް ގެއްލުން ނުވާނެ ގޮތަށް ޑިޒައިން ކުރަން

  • ވޭތުވެދިޔަ އަހަރު ވާރޭ ވެހޭ ގޮތަށް އައިސްފައިވާ ބަދަލުތަކަށާއި، ވާރޭ ވެހުނު މިންވަރަށް ރިއާޔަތްކޮށް މަގު ޑިޒައިން ކުރަން

އިންދަން ރާވާފައި ވަނީ މަގަށް ގެއްލުން ބޮޑު ގަސްތަކެއް

އަމީނީ މަގުގައި ހުރި ގަސްތައް ނަގާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް އާރްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަކަށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނަމަވެސް، މާލޭގެ ހުރިހާ މަގުތަކާ އެއް ގޮތަށް އަމީނީމަގަކީ ވެސް ފެނާއި ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތަކެއް ވެސް ވަޅުލާފައިވާ މަގަކަށް ވާތީ، އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"މިހާރު ވެސް އެ މަގުގައި ވަޅުލާފައިވާ ހޮޅިތަކާއި އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައި،" ބަޔާނުގައި ބުންޏެވެ.

ނަމަވެސް، އެ މަގުގައި ހުރި އޮފިއެލޭ ގަސްތައް ނެގުމަށްފަހު އާރްޑީސީ އިން އިންދަން ހުށަހަޅާފައިވަނީ ދެކުނު އެމެރިކާއަށް ނޭޓިވް ގަހެއް ކަމުގައިވާ ޖަކަރަންޑާ ގަހެވެ. އިންޑިއާއިން އޭގެ ގަސް އިމްޕޯޓްކޮށްގެން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ގޮތަށް އާރްޑީސީ އިން ހުށަހަޅާފައިވާއިރު، މި ގަހަކީ ބިޔަ ކޮށް ހެދޭ، ވަރުގަދައަށް މޫލާ ގަހެކެވެ. އެހެންކަމުން، ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކް ތަކުގެ ހޮޅިތަކާއި، ފެން ހިންދާ ނިޒާމުތައް ކައިރީގައި އިންދަން ޖަކަރަންޑާ ގަސް އެކަށީގެނެއް ނުވެ އެވެ.

އަމީނީމަގުގައި ހުރި ގަސްތަށް ކަނޑަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޖަކަރަންޑާ ގަހުގެ އިތުރުން އާރްޑީސީ އިން އަމީނީ މަގުގައި އިންދަން ހުށަހަޅާފައިވަނީ ހިތި ގަސް، ފޭރު ގަސް، ހާޅަނގަ ގަސް، ސަބުދެލި ގަސް، އަދި ޖަނބުރޯލު ގަހެވެ. ހިތިގަހަކީވެސް ވަރަށް ބޮޑަށް މޫ ފެތުރޭ ގަހެކެވެ. އެކަން ފާހަގަކޮށް އީއައިއޭ ރިޕޯޓްގައި އީޕީއޭއިން ވަނީ ހިތިގަސް ފަދަ މޫ ލާ ގަހެއްގެ ބަދަލުގައި އަނބުގަސް އިންދުމަށް އާރްޑީސީއަށް ލަފާދީފަ އެވެ.

އީއައިއޭގައި ބުނެފައިވަނީ:

  • ރީ-ވެޖިޓޭޝަން މެނޭޖްމެންޓް ޕްލޭނެއް ހަދަން

  • ކޮންމެވެސް ވަރަކަށް ބޮޑެތިވެފައި ހުރި ގަސް އިންދަން

ގަސްތައް ކަނޑާތީ އާންމުންގެ ފަރާތުން ފާޑުކިޔުން އަމާޒުވުމުން އާރުޑީސީ އިން ބުނެފައިވަނީ އެ ގަސްތައް މާލޭގައި ރަށްވެހިން ދަތުރު ދާން، ފަޅެއް ހިއްކައިގެން ތައްޔާރުކުރަމުން އަންނަ ކ. ކުޑަގިރިއަށް ގެންގޮސް އިންދާނެ ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ގަސް ނެގުމުގެ މަސައްކަތްތައް ކުރަމުންދަނީ ކޮން އުސޫލަކުން ކަމެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

އަމީނީ މަގުން ގަސްތައް ނަގަމުންދާ ސަރަހައްދަށް 'ދައުރު'ގެ ރިޕޯޓަރުން ދިޔައިރު ދަރުބާރުގޭ ހިސާބުގައި ހުރި ގަސްތަކުގެ އޮފިތައް ހުރީ އެއްކޮށް ބުރިކޮށްފައެވެ. ނަމަވެސް އަދި އެއްވެސް ގަހެއް ކ. ކުޑަގިރިއަށް ގެންދަން ކޮނެގެން ނަގާފައިވާ ތަނެއް ނުފެނެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި ގަސްގަހުގެ ހުރިހާ އޮފިތައް ބުރިކޮށްލާފައި ވާއިރު، ގަސްގަނޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އީއައިއޭގައި ބުނެފައިވަނީ:

  • އެހެން ގޮތެއް ނެތިގެން ނޫނީ ގަސްތައް ނަގައިގެން ނުވާނެ

  • ގަސްތަކަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމަށްޓަކައި ގަސްތައް ނަގަން ޖެހޭނީ ތަޖުރިބާކާރު، ގާބިލް މީހެއްގެ ބެލުމުގެ ދަށުން 

  • ގަސްތަކާމެދު އަމަލުކުރާ ގޮތުގެ ފޮޓޯ ނަގާ ކޮންމެ ގަހެއްގެ ރިކޯޑު ބަލަހައްޓަން ޖެހޭނެ

  • ގަސްތައް ކޮންނަން ޖެހޭނީ ގަސްބުޑު ވަށައިގެން 3 ފޫޓުގެ ޖާގަ ބެހެއްޓުމަށްފަހު

  • ގަސްތައް ނަގަން ޖެހޭނީ މޫތަކަށް ރަނގަޅަށް ފެންދިނުމަށްފަހު

  • ގަސްތައް އަލުން އިންދަން ގެންދާ މަގުމަތީގައި މޫތަށް ބަހައްޓަން ޖެހޭނީ ތެތްކަންމަތީ

މަގު ހަދަން އެހެން ކުންފުންޏަކަށް

އީއައިއޭގައި ވާގޮތުން ޕްރޮޖެކްޓާއި ގުޅުން ހުރި ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަން އާރްޑީސީ އިން ހަވާލުކުރާނީ އެހެން ކޮންޓްރެކްޓަރަކާ އެވެ. މިއީ ކޮރަޕްޝަން އަށް މަގުފަހިވާ ކަމެއް ކަމަށް ތުހުމަތު ކޮށް، ބައެއް ފަރާތްތަކުން ވަނީ އަމީނީ މަގު ހެދުމުގައި އާރްޑީސީގެ ރޯލަކީ ހަމައެކަނި މަޝްރޫއު ވިލަރެއް ކުރުން ތޯ ސުވާލު އުފައްދާފަ އެވެ.

ހާއްސަކޮށް، ޕްރޮޖެކްޓުގެ ކުރެހުންތަކާއި ޑިޒައިން ފުރިހަމަ ނުވެ ހުއްޓާ މަސައްކަތް ފަށާފައިވާތީ މި މަޝްރޫއު ކުރިޔަށް ދަނީ ގަވައިދާ އެއްގޮތަށް ނޫންކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މަޝްރޫއެއްގެ ކުރެހުންތަކާއި ޑިޒައިންތައް ފުރިހަމަ ނުވާ ހާލަތުގައި އީއައިއޭ ބަލައިގަތުމަކީ އުސޫލާ ހިލާފުކަމެއް ކަމަށް އެ މީހުން ބުނެ އެވެ.

އެނގުން މުހިއްމު - ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. މަތިކޮމަންޑޫގެ ބިން ހިއްކުމާއި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީވެސް މިގޮތަށް ފާހަގަކޮށްލެވޭ ދެ މިސާލެވެ. އީއައިއޭ ހެދުމަށްފަހު ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑު ކަމަށް ފާހަގަ ކުރެވިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހުއްޓާލަން އަންގާ ޕްރޮޖެކްޓްތައް ވެސް މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ ފަރާތުން ހުއްދަ ހޯދައިގެން ކުރިޔަށް ގެންގޮސްފައި އެބަހުއްޓެވެ. 

ކޮމެންޓް (1)

ޙުސްނާ

23 ސެޕްޓެމްބަރު 2022
ފޮޓޯގައި ފެންނަނީ މަޖީދީމަގު..
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް