އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ގަރާރު ގެންދެވުމުގެ ވިސްނުމެއް ނަޝީދުގެ ނެތް؛ ބަދަލުގައި ރައީސަށް ދެއްވީ ނުސީދާ އިންޒާރު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންނެވި ނަމަވެސް، އެ ގޮތަށް އަމަލުކުރެއްވުމުގެ ވިސްނުމެއް ނަޝީދުގެ ނެތްކަން މިރޭ ހާމަވެއްޖެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހަށާއި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދެއްކެވި ވަޒީރުންނަށް ރައްދު ދެއްވުމާ އެކު އިންޒާރެއް ދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމަށް ބަދަލުވާން ފުރުސަތު ނުލިބިއްޖެ ނަމަ ސަރުކާރަށް އެމްޑީޕީ ތެރެއިން %42 ވޯޓު ގެއްލި، ތާއީދު %27 އަށް ވެއްޓޭނެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިރޭ ވަނީ އެމްޑީޕީގެ ހަރުގޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފަ އެވެ. ސަރުކާރުން ދެކޮޅުހެދި ނަމަވެސް، ބަރުލަމާނީ ނިޒާމު ގެންނެވުމުގެ މަސައްކަތުގައި ދޫދެއްވުމުގެ ވިސްނުމެއް ނެތްކަން އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވި އެވެ.
ތަފްސީލް - ރައީސާއި ބައެއް ވަޒީރުން ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވާފައި ވަނިކޮށް ބޭއްވި މި ޖަލްސާގައި ނަޝީދު ވަނީ، ވޭތުވެދިޔަ ބައެއް އިންތިހާބުތަކުގައި ޕާޓީތަކަށް ލިބުނު ވޯޓުގެ ނަތީޖާއަށް ބިނާކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން، ބައެއް ތަފާސްހިސާބުތައް ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ:
-
އެމްޑީޕީ އެކީގައި އޮވެ ނުކުމެ ލިބެނީ %48؛ އެއީ 112،000 ވޯޓު
-
ޖުމްހޫރީ ޕާޓީން %12 ވޯޓު ނަގާ؛ އެއީ 16،000 ވޯޓު
-
އެމްއާރުއެމް އަދި އަދާލަތަށް ލިބެނީ %6 ވޯޓު
"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެ ނަމަ، އެމްޑީޕީގެ މެންބަރުންގެ ތެރެއިން %42 މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ، 47،000 މީހުން،" ބަރުލަމާނީ ނިޒާމެއް ގެންނަވައި ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ނަޝީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ މެންބަރުންގެ ތެރެއިން %42 މީހުން ތާއީދު ކުރަނީ ބަރުލަމާނީއަށް ކަމަށް ނަޝީދު ދެކެވަޑައިގަންނަވާ އިރު، މި އަދަދަކީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތެވެ.
"112،000 މީހުންގެ ތެރެއިން، ބާކީ ސަރުކާރަށް މި އޮތީ 65،000 ވޯޓު. އެއީ ޖުމްލަ ވޯޓުލާ މީހުންގެ %27. އަޅުގަނޑަށް ފެންނަ ތަނުގައި ސަރުކާރު އެކަނި އޮތުމުން، [ނުވަތަ] ނިޒާމީ ވާހަކަ ނުދެއްކުމުން ނުވަތަ އޮނިގަނޑުގެ ބަދަލެއް ގެންނަން އެއްބަސް ނުވީމަ، މި ސަރުކާރަށް މި އޮތީ %27،" ނަޝީދު ވިދާޅުވި އެވެ.
"މިއީ ... ވިޔަ އަކުރުގެ ބޮޑު ހަގީގަތެއް. ހިސާބުން ވަރަށް ސާފުކޮށް ފެންނާން އޮތް ބޮޑު ހަގީގަތެއް."
ނަޝީދުގެ ރައްދު: 'އަރާ އިން ގޮފިކޮޅު ކަނޑާލަން އެއްބަސްވާނީ މަދު ބަޔަކު'
ނަޝީދުގެ ވާހަކަފުޅުގައި ރައީސް ސޯލިހަށާއި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާފައިވާ ވަޒީރުންނަށް ރައްދު ދެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް، އަދި ނިޒާމީ ވޯޓަށް ފުރުސަތު ދިނުން އެއީ ބުއްދިވެރި ކަމެއްގެ ނޫން ގޮތުގައި ދެކެވަޑައިގަންނަވާ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ، ފެންނަ ނުފެންނަ ވޯޓެއް އެމްޑީޕީގެ %42 މެންބަރުންނަށް ނުލިބިއްޖެ ނަމަ، އެމީހުން އެބަ ދުރުވޭ،" ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނަމަވެސް، ތާއީދު ނުކުރައްވާނެކަން ދޭހަވާ މޭރުމަކުން ނުސީދާކޮށް ނަޝީދު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން އަޅުގަނޑު ގާތުގައި ސިހުން އައިސް އެބަ ވިދާޅުވޭ، މިވެނި ވަޒީރެއް އެވެނި ވަޒީރެއް މިވެނި ނިޒާމަކަށް ތާއީދު ކުރައްވާ ވާހަކަ. އާދެ، އަރާ އިން ގޮފިކޮޅު ކަނޑާލަން، ޖުހާ ބުނާހެން، ވަރަށް މަދު ބަޔަކު އެއްބަސްވާނީ."
އެނގުން މުހިންމު - ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާކަން މިހާތަނަށް ތިން ވަޒީރަކު ވަނީ ހާމަކުރައްވައިފަ އެވެ. އެއީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ބައެއް ވަޒީރުން ބަރުލަމާނީ ނިޒާމާ ދެކޮޅު ހެއްދެވިކަން ހާމަ ކުރެއްވި ނަމަވެސް ނަޝީދު ވިދާޅުވީ "އެކަމަކާ އަޅުގަނޑެއް މި ނިޒާމީ މަޝްވަރާއެއްގައި ކަންބޮޑުވާން ނުޖެހޭ" ކަމަށެވެ
ނަޝީދު މިރޭ އިތުރަށް ވިދާޅުވިގޮތުގައި:
-
ކުދި ޕާޓީތަކަށް ވެސް އެންމެ ފައިދާ ބޮޑުވާނީ ބަރުލަމާނީ ނިޒާމެއްގައި
-
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ރައީސް ސޯލިހް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކާފައިވޭ
-
2007ގައި ނެގި ނިޒާމީ ވޯޓު ވަނީ އޮޅުވާލާފައި
"ރައީސް މައުމޫނަށް އޭރު [2007ގައި] ވިސްނިވަޑައިގަތީ، ބަރުލަމާނީ ނިޒާކަށް ބަދަލުވެއްޖިއްޔާ އޭގެ މާނައަކީ ރައީސުލުޖުމްހޫރިއްޔާ ވަކިވީއޭ. އަޅުގަނޑު ހިތުން ރައީސުލްޖުމްހޫރިއްޔާއަކަށް މި ބާވަތުގެ އިހްސާސް އެބަވޭ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިއީ، ޒާތީ ނުވަތަ ފަރުދީ މަސްލަހަތެއް މީގެ ތެރޭ ނުކުންނަ ކަމެއް ނޫން،" ރައީސް ސޯލިހަށް ނުސީދާކޮށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް (4)
ގުޑް.
ނޮޓް ގުޑް
ށސސޖޖބހު
ލާމުއަލިފު