މަޖިލީހުގެ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު 11 އޮކްޓޯބަރު 2021ގައި ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހް ނަޝީދަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ. (ފައިލް ފޮޓޯ/ މަޖިލިސް)

ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރަން؛ ގަރާރު އަނބުރާ ގެންދަވާ: ރައީސް

ނިޒާމު ބަދަލު ކުރުމަށް ވުރެ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން މާ މުހިންމު ކަމަށް ރައީސް ސޯލިހު ވިދާޅުވި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެ، ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

މައްސަލައިގެ ފެށުން - ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި ގާނޫނުއަސީސާއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށް، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގެ ތާއީދު ހޯދުމަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު މިއަދު 'ރާއްޖެ ޓީވީ'އަށް ފޯނުން ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ބަރުލަމާނީ ނިޒާމަށް އެ މަނިކުފާނު ތާއީދުނުކުރައްވާކަން ހާމަކުރައްވައި އެ މަނިކުފާނު ވަނީ ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

ތިން ބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އަޅުގަނޑު ގަބޫލުކުރާ ނިޒާމަކީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މިއީ ނިޒާމު ބަދަލުކުރުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ނިޒާމު ބަދަލު ކުރުމަށް ވުރެ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން މާ މުހިންމެވެ.

ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމުގެ ނިޒާމު ބަދަލުކުރާ ނަމަ، އެކަން ކުރަން ޖެހޭނީ ރައްޔިތުންނާ މަޝްވަރާކޮށް، އެ ނިޒާމުގެ ކަންކަން އޮޅުންފިލުވައިދީ، ބަހުސްކުރުމަށް ފަހު ކަމަށެވެ.

"އަޅުގަނޑަށް ޕާސަނަލީ ގަބޫލުކުރެވެނީ މިހާރު މި އޮތް ގޮތް، އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާ އެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން،" ރައީސް ވިދާޅުވި އެވެ.

" ދެ ވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން. މިނިވަންކަމާ އެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުން. ތިން ބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އަޅުގަނޑު ގަބޫލުކުރާ ނިޒާމަކީ." 

ނިޒާމީ ބަހުސާ ގުޅޭ ގޮތުން ނަޝީދު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ހުށަހެޅުއްވި ގަރާރު ކޮންގްރެސް އިން ފާސްވާނެ ކަމަކަށް ވެސް ރައީސް ސޯލިހު ގަބޫލެއް ނުކުރައްވަ އެވެ. އަދި ގަރާރު އަނބުރާ ގެންދެވުމަށް ފަހު، ރައްޔިތުންނަށް ނިޒާމާ ގުޅޭ މައުލޫމާތު ދެއްވަން ރައީސް ސޯލިހު ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މި އޮތް ގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން، ވޯޓާ ހިސާބަށް ދާ ވަރަށް ވުރެ މާ ޅަފަތުގައި އޮތް ގަރާރެއް. އަޅުގަނޑުގެ އިލްތިމާސަކީ މި ގަރާރު އަނބުރާ ނެންގެވުން،" ރައީސް ވިދާޅުވި އެވެ.

"އަނބުރާ ނަންގަވާފައި މިކަމާ ދޭތެރޭގައި ވިސްނުން ގެންގުޅުއްވާ ފަރާތްތަކުން ރައްޔިތުންނާ ކައިރިއަށް ދާންވީ، ގޭގެއަށް ވެސް ދާންވީ، ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަންވީ، ހޮޅުއަށިތަކުގައި ވާހަކަދައްކައި ބަހުސްކުރަންވީ."

އެނގުން މުހިންމު - ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވަކާލާތުކުރައްވާ ސަބަބުތައް ހާމަކުރައްވަން ނަޝީދު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވަނީ ކޯލިޝަން ހެދުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށް ފަހު، ކުދި ޕާޓީތަކަށް ވެސް ސަރުކާރުގެ ބޮޑު ހިއްސާއެއް ދޭން ޖެހެ އެވެ.

ނިޒާމުގައި އޮތް މައްސަލައެއް ކަމަށް އަޅުގަނޑަށް މުޅިއަކުން ނުފެނޭ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ކޮންގްރެސްއަށް ގަރާރު ހުށަހަޅައިގެން ބަހުސަކަށް ދިއުމުގެ ބަދަލުގައި މި ވިތުޑްރޯ (އަނބުރާ ގެންދިއުން) އެއީ އެންމެ ރަނގަޅު ގޮތް ކަމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަމަވެސް ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރު ފުރިހަމަވާން ކައިރި ވެފައި ވާއިރު، ކޯލިޝަނަކާ އެކީގައި ގެންދަވަނީ ރިޔާސީ ވައުދުތައް ފުއްދަވަމުންނެވެ.

"އެހެންވީމާ ނިޒާމުގައި އޮތް މައްސަލައެއް ކަމަށް އަޅުގަނޑަށް މުޅިއަކުން ނުފެނޭ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ކޮންގްރެސްއަށް ގަރާރު ހުށަހަޅައިގެން ބަހުސަކަށް ދިއުމުގެ ބަދަލުގައި މި ވިތުޑްރޯ [އަނބުރާ ގެންދިއުން] އެއީ އެންމެ ރަނގަޅު ގޮތް ކަމަށް،" ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ގަރާރު އަނބުރާ ގެންދަވާނަންތޯ 'ދައުރު'ން ނަޝީދާ މިއަދު ސުވާލުކުރުމުން އެ މަނިކުފާނު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެ މަނިކުފާނު އެދިވަޑައިގެންނެވީ "ކޮންގްރެސް ގާތުން ބެލުމަ"ށެވެ.

ނަޝީދު އެހެން ވިދާޅުވިއިރު، އެ މަނިކުފާނު ގެންދަވަނީ ރެއިން ފެށިގެން ބަރުލަމާނީ ނިޒާމާ ގުޅޭ ބައްދަލުވުންތަކެއް އެމްޑީޕީގެ އާއްމު މެމްބަރުންނަށް ހާއްސަކޮށްގެން އެ ޕާޓީގެ ހަރުގޭގައި ބާއްވަވަމުންނެވެ.

ކޮމެންޓް (1)

ފުނަ.

16 އޯގަސްޓު 2022
މައްސަލަ ހައްލު ކުރަން 5 އަހަރު ދީފި. ދެން މިއޮތީ ނިޒާމް ބަދަލުކުރުމުގެ ވަގުތު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް