މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ބޭނުން ވަނީ މިހާރުގެ މަޖިލީހާ އެކު އިންތިގާލީ ބަރުލަމާނީ ނިޒާމެއް ފަށަން

ނަޝީދު ވިދާޅުވީ އިންތިގާލީ މަރުހަލާ ފެށޭނީ އަންނަ ފެބްރުއަރީގައި ކަމަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށާއި، އެއާ އެކު ގާނޫނުއަސާސީއަށް އެެ ބަދަލު ގެނެސް، އަންނަ ފެބްރުއަރީގައި އެ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް، ބޮޑުވަޒީރުގެ ހުވަފެން ދެކެވަޑައިގަންނަވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު  ނަޝީދު މިއަދު ވިދާޅުވެއްޖެ އެެވެ. އެއާ އެކު، ނަޝީދު އެ ވިދާޅުވާ ގޮތަށް ނިޒާމް ބަދަލުކޮށްފި ނަމަ، އެންމެ ފުރަތަމަ ބޮޑުވަޒީރާއި ކެބިނެޓް ނަގާނީ މިހާރު މިއޮތް މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.

އެނގުން މުހިންމު - ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި ގާނޫނުއަސީސާއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށް، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގެ ތާއީދު ހޯދުމަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ.

ވީ ކިހިނެއް؟ - ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި އިސްލާހުތަކާއި ވީހާ ވެސް އަވަހަކަށް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅުތައް ހާމަކުރެއްވުމަށް މިއަދު އެ މަނިކުފާނު ވަނީ އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އާންމުންގެ ފެންނަ ނުފެންނަ ވޯޓު މި އަހަރު ބޭއްވުމަށް އެ މަނިކުފާނުގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެ އިންތިހާބުގެ ނަތީޖާ އިން ރައްޔިތުން ބޭނުންވަނީ ބަރުލަަމާނީ ނިޒާމުކަން ހާމަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިރާދަކުރެއްވިއްޔާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުވެގެން ދާނެ. އަދި ބަރުލަމާނީ ނިޒާމެއްގެ އިންތިގާލީ މަރުހަލާ، މި ފެބްރުއަރީގައި މަޖިލިސް ފެށޭއިރު އަޅުގަނޑުމެންނަށް ފެނިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު: އެ މަނިކުފާނު ވިދާޅުވީ، އާންމުންގެ ތާއީދާ އެކު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ އެއްގޮތަށް އިންތިގާލީ މަރުހަލާގެ ތެރެއިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހު ކަމަށެވެ.

"އަދި 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކު އަޅުގަނޑުމެންނަށް ފުރިހަމަ ބަރުލަމާނީ ނިޒާމެއްގައި މަސައްކަތް ކުރަން ފެށޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިގްތިސާދީ މިފަދަ ދަތި ދަނޑިވަޅެއްގައި މިފަދަ އިންތިހާބެއް ބާއްވައި ބޮޑު ހަރަދެއް ކުރުމަކީ އެންމެ ރަނގަޅުކަމެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެއީ "ކުުރުން ބޭނުންތެރި ހަރަދެއް" ކަމަށެވެ.

'ބަރުލަމާނީ ނިޒާމެއްގައި ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރާނަން؛ ފައްޔާޒުގެ ތާއީދު ބޭނުން'

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމުގެ ޝައުގުވެރިކަން ނަޝީދު ވަނީ މީގެ ކުރިން ފާޅުކުރައްވާފަ އެވެ. ނަމަވެސް މިއަދު އެ މަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރެވޭނެ ކަމަށާއި، އެހެންކަމުން ދެން އެ ނިޒާމުގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އިން އެ ކަމަށް ތާއީދު ނުލިބިއްޖެ ނަމަ، ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ 'ދައުރު'ން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދައްވައި އެ މަނިކުފާނު ވިދާޅުވީ، ކޮންގްރެސްގެ ތާއީދު އެ ކަމަށް ލިބޭނެ ކަމަށެވެ.

"އަޅުގަނޑު ނުކުންނަ ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ނުކުންނަނީ، އަޅުގަނޑަށް ފެންނަ ރަނގަޅު ގޮތަކަށް އެކަންވެ، ކާމިޔާބުވާނެކަމަށް ދެކިގެން. އިރާދަކުރެއްވިއްޔާ ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް އެމްޑީޕީ ކޮންގްރެސްގެ ވެސް އަދި ރާއްޖޭގެ ރައްޔިތުން ވެސް ތާއީދު ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދާއި ފައްޔާޒު. (ފޮޓޯ/ ރައީސް އޮފީސް)

ނަޝީދުގެ މި މަސައްކަތުގައި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ގުޅުވައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ ކަމުގައި ފައްޔާޒްގެ ތާއީދު ވެސް ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އެންމެންގެ ތާއީދަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ނަޝީދު ވަނީ މީގެ ކުރިން ފައްޔާޒަށް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި އޭނާ އަކީ "ބްރޯ"އެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ، "ދެނެއް ފައްޔާޒާ އިދިކޮޅަށް ނާރާނަން" ކަމަށެވެ. އަދި ފައްޔާޒާ އިދިކޮޅަށް އެރުއްވުމަކީ ކުރެއްވުނު ގޯސްކަމެއް ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފަައްޔާޒުގެ ތާއީދު ބޭނުންވާ ކަމަށް ހާމަ ކުރެއްވި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފައްޔާޒަށް މީގެ ކުރިން ކުރެއްވި ތުހުމަތުތައް މިހާރު ނަފީވީތޯ އާއި އޭނާއާ އެކު ސިޔާސީ ޑީލެއް ހެއްދެވީތޯ ކުރި ސުވާލަށް ސިދާ ޖަވާބެއް ނުދެއްވައި ނަޝީދު ވިދާޅުވީ، މި މަސައްކަތުގައި ހުރިހާ ފަރާތްތަކަކާ އެކު ވެސް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

"އަދި ހާއްސަކޮށް ފައްޔާޒު އިސްމާއިލްއާ އެކު [މަސައްކަތް ކުރަން ބޭނުން]. އޭނާ އަކީ ޑައިނަމިކް ބޭފުޅެއް، ކަންތައްތައް ކުރައްވާ ބޭފުޅެއް އަދި ހިންގުންތެރި ބޭފުޅެއް. އެހެންވީމަ އެ ބޭފުޅާއާ އެކު މަސައްކަތް ކުރަން އަޅުގަނޑު އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.

"ތިބޭފުޅާއަށް [ނޫސްވެރިޔާއަށް] ސާފުކޮށް އެނގިވަޑައިގެންނަވާނެ [ނަޝީދުގެ] ގަލޮޅު ކެނެރީގެ އާއި [ފައްޔާޒުގެ] މައްޗަންގޮޅި ބޯގަންވިލާއާ ހުންނާނެ ގުޅުން ވެސް."

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ އެ މަނިކުފާނުގެ ހުށަހެޅުއްވުމުގެ ތެރޭގައި ބަރުލަމާނީ ނިޒާމެއްގައި ރައީސަށް ލިބޭ ބާރުތައް ވެސް ހާމަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • ރައީސަކީ ސިފައިންގެ އެންމެ މަތީވެރިޔާ

  • ބޮޑުވަޒީރު ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު އައްޔަން ކުރާނީ ރައީސްގެ މަޝްވަރާގެ މަތިން

  • މަޖިލީހުގެ މަޝްވަރާގެ މަތިން ސަފީރުން އައްޔަންކުރުން އަދި ފަތްކޮޅު ބަލައިގަތުން

  • މަޖިލީހުގެ ރުހުމެއް ނެތި މިނިވަން މުއައްސާތަކާއި ކޮމިޝަންތަކަށް މީހުން އައްޔަން ކުރުން

  • ގައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންގެ ވޯޓު ނެގުން

  • ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން

  • ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ ފަރާތްތަކަށް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުން

  • ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތް ހިންގުމަށް ނުކުޅެދޭ ފަދަ ކަމެއް މެދުވެރިވުން ފަދަ ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިސް އުވާލުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް