ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްގެ ފައިނަލަށް ހޮވުނު ނައުޝަމްގެ ފޮޓޯ

ލިވިން

ނައުޝަމްގެ ފޮޓޯއެއް ދުނިޔޭގެ ކުޅިވަރު ފޮޓޯގްރަފީ އެވޯޑެއްގެ ފައިނަލަށް

ކުޅިވަރު ފޮޓޯގްރާފަރު ނައުޝަމް ވަހީދު ނެގި ފޮޓޯތަކުގެ ތެރެއިން ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްގެ ފައިނަލަށް ހޮވުނީ ޔޫއޭއީގެ އަންހެން އެތުލީޓެއްގެ އުފާ ފާޅުކުރުން ފެންނަ ފޮޓޯ
22 ޑިސެމްބަރު 2025
1

ނައުޝަމް ވަހީދުގެ ފޮޓޯގްރަފީ ދިވެހިންގެ ދިރިއުޅުމުގެ ހަގީގަތްތައް ކިޔައިދެ އެވެ. އޭނާގެ ފޮޓޯތަކުން ދިވެހިންގެ އާދަކާދަ އާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފަތް ދައްކައިދެ އެވެ. ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކުން ކުރުވާނީ ފުން އިހުސާސްތަކެކެވެ. އެ މުނާސަބަތެއްގެ ރޫހު އިތުރަށް ދިރުވައިދޭނެ އެވެ.  ގައުމީ އަދި ވަތަނީ ލޯބި ހިތަށް ގެނެސްދޭނެ އެވެ. 

ޝަހީދު ހުސެން އާދަމްގެ ބައްޕަ، އާދަމް މުހައްމަދާއި އަނބިކަނބަލުން (ފޮޓޯ: ނައުޝަމް)

ދިވެހިންގެ ކަޅި މި ފޮޓޯތަަކަށް ހުއްޓުނު އިރު އޭނާގެ ރަސްމީ މަސައްކަތަށް ބޭރު ދުނިޔޭގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ. ކުޅިވަރު ފޮޓޯގްރާފަރެއްގެ ގޮތުން  އިމޭޖަސްއެމްވީގައި މަސައްކަތް ކުރަމުން އަންނަ ނައުޝަމް މިހާރު އެވަނީ ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްސްގެ ފައިނަލިސްޓުންގެ ތެރޭގަ އެވެ.

ނައުޝަމް ވަހީދަކީ ރާއްޖޭގައި މިވަގުތު ތިބި ކުޅިވަރުގެ މޮޅު ފޮޓޯގްރާފަރުންގެ ތެރެއިން އެކަކު

ކެނޮން އިން ސްޕޮންސަކޮށްގެން ބާއްވާ ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑްގެ ފައިނަލިސްޓަކަށް އޭނާ ހޮވުނީ އެތްލެޓިކްސް ކެޓަގަރީއަށް ނައުޝަމް ހުށަހެޅި ފޮޓޯއެކެވެ. އެއީ ބަހުރައިންގައި އޮތް ޔޫތު އޭޝިއަން ގޭމްސްގެ އަންހެން ކުދިންގެ ރިލޭ ފައިނަލްގައި ނައުޝަމް ނެގި ޔޫއޭއީގެ އެތްލީޓެއްގެ ފޮޓޯ އެވެ. އެ ފޮޓޯއިން ފެންނަނީ ރޭސް ނިންމުމުން އެ ދުވުންތެރިޔާއަށް އައި ފޯރިގަނޑެވެ. 

ނައުޝަމް ނަގާފައިވާ ޔޫއޭއީގެ އެތްލީޓެއްގެ ފޮޓޯ

'ދައުރު'އާ ވާހަކަ ދައްކަމުން ނައުޝަމް ބުނީ މިއީ މިހާތަނަށް އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ވޯލްޑް ފޮޓޯގްރަފީ އެވޯޑުގައި ދުނިޔޭގެ 123 ގައުމަކުން މި އަހަރު 4،100 ފޮޓޯގްރާފަރުން ވާދަކުރެ އެވެ. މުޅި މުބާރާތުގައި 23،000 ފޮޓޯ ބައިވެރިކުރި އެވެ.

މުބާރާތަށް ނައުޝަމް ހުށަހެޅި ބައެއް ފޮޓޯތައް (ފޮޓޯ: ނައުޝަމް ވަހީދު)

ނައުޝަމް ބުނި ގޮތުގައި މުބާރާތުގެ އެކި ކެޓަގަރީތަކަށް އޭނާ ވެސް ތަފާތު ފޮޓޯތައް ހުށައެޅި އެވެ.

"ފޮޓޯތައް ހުށަހެޅިއިރު ފައިނަލިސްޓަކަށް ހޮވިދާނެކަމުގެ ޔަގީން ކަމެއް ނެތް. އެކަމަކު ދުނިޔޭގެ އެކި ގައުމުތަކުގެ ފޮޓޯގްރާފަރުންނާ ވާދަކޮށް މި ހިސާބަށް އާދެވުނީތީ ވަރަށް އުފާވޭ،" ނައުޝަމް ބުންޏެވެ.

މއީ އޭނާއަށާއި ރާއްޖެއަށް ވެސް ލިބުނު ހާއްސަ ޝަރަަފެކެވެ. މީގެ ކުރިން ދިވެހި ކުޅިވަރު ފޮޓޯގްރާފަރެއްގެ ފޮޓޯއެއް މިފަދަ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލިސްޓަކަށް ހޮވިފައެއް ނުވެ އެވެ.

ވޯލްޑް ސްޕޯޓްސް ފޮޓޯގްރަފީ އެވޯޑުގެ އެންމެ މޮޅު ފޮޓޯތައް އިއުލާންކުރުން އޮންނާނީ 15 ޖެނުއަރީ 2026ގަ އެވެ. 

ނައުޝަމްގެ ފޮޓޯގްރަފީ ކެރިއަރުގައި އޭނާގެ އެންމެ ބޮޑު އުއްމީދަކީ މި ދާއިރާއިން އެންމެ އުހަށް ދިޔުމެވެ. އޭނާގެ ހުނަރާއި ޝައުގުވެރިކަމާ އެކު މިހާރުވެސް އެ ދަނީ، އެ އުއްމީދު ހާސިލްކުރަން، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ.

ކޮމެންޓް (1)

މަރީ

23 ޑިސެމްބަރު 2025
މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ފޮޓޯގުރަފާ👏👏
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް