ނައުޝަމްގެ އުުއްމީދަކީ ފޮޓޯގްރަފީގައި އެންމެ އުހަށް ދިއުން

ނައުޝަމްގެ މުނާސަބީ ފޮޓޯތަކުން ފުން އިހުސާސްތަކެއް، ގައުމީ ރޫހު

ދިވެހި ސަގާފަތާއި ދިރިއުޅުން ދައްކައިދޭ އެ ފޮޓޯތަކަށް އަބަދުވެސް ބޮޑު ސަމާލުކަމެއް ލިބޭ
11 އޯގަސްޓު 2023
2

މުހިންމު ނުކުތާތައް

އުމުރުން 22 އަހަރުގެ ފޮޓޯގްރާފަރު ފޮޓޯ ނެގުމަށް މިހާތަނަށް 10 އަތޮޅަކަށް ގޮސްފައިވޭ

ނައުޝަމް ވަނީ މިދިޔަ މިނިވަން ދުވަހުގެ ފޮޓޯ މުބާރާތުން އެއްވަނަ ހޯދާފައި

މިހާތަނަށް ނެގި ފޮޓޯތަކުގެ ތެރެެއިން އޭނާ އެންމެ ހިތްހަމަޖެހެނީ ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންގެ ފޮޓޯއާ މެދު

ނައުޝަމް ވަހީދު، އުމުރުން ވެސް އަދި ފޮޓޯގްރަފީގައި ވެސް، މާ ދޮށްޓެއް ނޫނެވެ. ނަމަވެސް މިއީ މަޝްހޫރު ނަމެކެވެ. ސޯޝަލް މީޑިއާ އިން ދޭތެރެ ދޭތެރެ އިން ލޮލުގައި އަޅައިގަންނާނެ އެކައްޗަކީ ކޮންމެ މުނާސަބަތަކާ ގުޅުވައިގެން އޭނާ އާއްމުންނަށް ހަދިޔާކުރާ ހާއްސަ ފޮޓޯތަކެވެ. 

ނައުޝަމްގެ ފޮޓޯތަކުން ދިވެހިންގެ އާދަކާދަ އާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފަތް ދައްކައިދެ އެވެ. އެ ފޮޓޯތައް ބަލާލާ އިރު ކުރުވާނީ ފުން އިހުސާސްތަކެކެވެ. އެ މުނާސަބަތެއްގެ ރޫހު އިތުރަށް ދިރުވައިދޭނެ އެވެ.  ގައުމީ އަދި ވަތަނީ ލޯބި ހިތަށް ގެނެސްދޭނެ އެވެ. 

މި ފޮޓޯތަކަށް އެތަކެއް ހާސް ލައިކްސް އާއްމުން އޮއްސާލަ އެވެ. އެހެންކަމުން، އުމުރުން 22 އަހަރުގެ ފޮޓޯގްރާފަރުގެ މި މަސައްކަތަށް ސަމާލުކަމާއި ލޯބި ލިބިއްޖެ އެވެ. 

ނައުޝަމް ސޯޝަލް މީޑިއާއަށް ލާ ފޮޓޯތަކަށް އަބަދުވެސް ބޮޑު ސަމާލުކަމެއް ލިބޭ (ފޮޓޯ/ ނައުޝަމް ވަހީދު)

ގދ. ތިނަދޫ އަށް އުފަން ނައުޝަމް ތައުލީމް ހާސިލްކުރީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އެވެ. ކިޔަވާ ނިންމާލީ އޭނާ ހިތްކިޔާ ފޮޓޯގްރަފީގެ ދާއިރާއިން ތަމްރީންވުމަށް ކޯހެއް ފުރިހަމަކުރުމަށް ފަހު އެވެ.

"ފޮޓޯގްރަފީ އަކީ ޕާޓްޓައިމްކޮށް ނުވަތަ ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއްގެ ގޮތުގައި އޭރު އާއިލާ މީހުން ދުށީ،" ނައުޝަމް ބުންޏެވެ.

ނަމަވެސް، މި ދާއިރާއަށް ހުރި ޝައުގުވެރިކަމާ އެކު، ރަސްމީ މަސައްކަތެއްގެ ގޮތުގައި އޭނާ އިހުތިޔާރު ކުރީ ފޮޓޯގްރަފީ އެވެ. އެގޮތުން ނައުޝަމް އަންނަނީ އިމޭޖަސް.އެމްވީގައި ސްޕޯޓް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ނައުޝަމް ބުނިގޮތުގައި މި ދާއިރާއިން މަސައްކަތް ކުރަން ފެށުން ގުޅިފައި އޮތީ އޭނާގެ ބައްޕަ 2017 ގައި ދިން ހަދިޔާއަކާ އެވެ. އެއީ ނިކޯން ކެމެރާއެކެވެ. އެކަމަކު ނައުޝަމް އަށް އެއަށް ލެންސް ލައްވަން ނޭނގި، ކެމެރާ އޮތީ އެވެ.

"ޔޫޓިއުބް ބަލައިގެން ލެންސް ލައްވަން ދަސްކުރީ،" އޭރު ވެސް ފޯނުން ތަފާތު އޭންގަލްތަކުގެ ފޮޓޯ ނެގުމަށް ޝައުގުުވެރިކަން ހުރި ނައުޝަމް ބުންޏެވެ.

ސިނަމާލެ ބްރިޖާ އެކު މޫދާއި އުދަރެސް (ފޮޓޯ/ނައުޝަމް ވަހީދު)

ނައުޝަމް ކެެމެރާ ފުރަތަމަ ބޭނުންކުރަން ފެށި އިރު ފޮޓޯ ނެގުމަށް މުޅިން ވެސް ދަސްކުރީ އަމިއްލަ އަށެވެ. އަހަރެއްހާ ދުވަސް އޮޓޯ ސެޓިންގައި ފޮޓޯތައް ނަގަމުން މަޑުމަޑުން ދަސްކުރަމުން އައިސް މެނުއަލް ސެޓިންތައް ވެސް ދަސްކުރި އެވެ. އޭނާގެ ހުނަރު އައީ ތަރައްގީވަމުންނެވެ. 

ނައުޝަމް މިހާތަނަށް ރާއްޖޭގެ 10 އަތޮޅަކަށް ގޮސް، ދިވެހިވަންތަކަން ދައްކައިދޭ މިފަދަ ގިނަ ފޮޓޯތަކެއް ނަގާފައިވޭ (ފޮޓޯ/ނައުޝަމް ވަހީދު)

އެއީ އެ ދުވަހެވެ. މިހާރު ނައުޝަމް ނަގާ ފޮޓޯއެއް ބަލާލައިފި ނަމަ އޭގެ ކެޕްޝަން ކިޔާކަށް ވެސް ނުޖެހެ އެވެ. ފޮޓޯއިން ފެންނަ އެއްޗަކުން އިހުސާސްތަކާ ކުޅެލަ އެވެ. ކުޅިވަރު ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް އޭނާ އެންމެ ނަގާ ހިތްވަނީ އާދަކާދަ އާއި ސަގާފަތް ދައްކައިދޭ ފޮޓޯތަކެވެ.

ނައުޝަމް ކިޔަވާ ނިންމުމަށް ފަހު އެންމެ ބޮޑު އަމާޒަަކަށްވީ އެކަން ހާސިލްކުރުމެވެ. އެހެންކަމުން ރަށްފުށުގެ ސާދާ މަންޒަރުތައް ގެނެސްދިނުމަށް ކެމެރާ އަޅުވައިގެން ރާއްޖޭގެ 10 އަތޮޅެއްގެ އެކި ރަށްރަށަށް އޭނާ ޒިޔާރަތް ކުރި އެވެ.

އެ ހުރިހާ ދަތުރަކުން ނެގި މަންޒަރުތަކުގެ ތެރެއިން ނައުޝަމަށް އެންމެ ކަމުދާ އެއް ފޮޓޯއަކީ ހދ. ކުޅުދުއްްފުއްޓަށް ގޮސް ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންނާ ބައްދަލުކޮށް ނެގި އެ ދެމަފިރިންގެ ފޮޓޯގަނޑެވެ.

ނޮވެމްބަރު 3ގެ ބަތަލު ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އޭނާގެ ފޮޓޯގަނޑަކާ އެކު: މިއީ ނައުޝަމް އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތް (ފޮޓޯ/ނައުޝަމް ވަަހީދު)

ނައުޝަމް ބުނިގޮތުގައި އެކި މުނާސަަބަތުތަކާ ގުޅުވައިގެން ފޮޓޯ ނެގުމުގެ ހިޔާލު އައީ ނިއު ޒީލޭންޑްގެ ކްރައިސްޓްޗާޗްގެ މިސްކިތަކަށް ޓެރަރިސްޓަކު ދިން ބަޑީގެ ހަމަލާގައި އެތަކެއް މުސްލިމުންގެ ފުރާނަ ގެއްލުނު ހާދިސާއަށް ފަހު އެވެ. މުޅި އިސްލާމީ އުންމަތަށް ލިބުނު ސިހުމާއި ފުން ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ހާއްސަ ފޮޓޯއެއް ގެނެސްދޭން އޭނާ ބޭނުންވީ އެެވެ. އެ ފޮޓޯ ވައިރަލްވުމާ އެކު، މުނާސަބަތުތަކާ ގުޅޭ ފޮޓޯ ނެގުމަށް ހިތްެޖެހުނީ ކަމަށް ނައުޝަމް ބުންޏެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް މިދިޔަ މަހު ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީ އާއި ޔުނައިޓެޑް ފޮޓޯގްރަފާސް ޔޫނިއަން ގުޅިގެން ބޭއްވި 'މިނިވަން އުފާ' ފޮޓޯ މުބާރާތުން އެއްވަނަ ހޯދީ ނައުޝަމް އެވެ.

މިނިވަން ދުވަހުގެ ފޮޓޯ މުބާރާތުން އެއްވަނަ ލިބުނީ ނައުޝަމް ނެގި މި ފޮޓޯ އަށް (ފޮޓޯ/ނައުޝަމް ވަހީދު)

ދިވެހި ދެމަފިރިޔަކު ޖޯލިފައްޗެއްގައި އިށީނދެލައިގެން ރޭޑިއޯއެއް ހިފައިގެން ނޫހެއް ކިޔަން ތިބި މި ފޮޓޯ އިން ދިވެހި މިނިވަން ދިދަ ފެނެ އެވެ. މި ގޮތަށް، ކޮންސެޕްޓެއް ރާވާލައިގެން ދުރާލާ ތައްޔާރުވެގެން ފޮޓޯ ނެގުމަކީ ނައުޝަމްގެ ސްޓައިލެވެ. ނައުޝަމް ބުނި ގޮތުގައި ގިނަ ވަގުތު ހޭދަވަނީ ވެސް ކޮންސެޕްޓަކާ މެދު ވިސްނުމަށެވެ.

"ބޭނުންވަނީ ކެޕްޝަން ކިޔުމުގެ ބަދަލުގައި ފޮޓޯއިން ފެންނަ މަންޒަރުތަކުން މީހެއްގެ އިހުސާސްތަކާ ކުޅެލަން، ވާހަކައެއް ކިޔާދޭން. މާނަ ހުރި މެސެޖެއް ދޭން،" އޭނާ ބުންޏެވެ.

ނައުޝަމް ވަނީ ޗައިނާ އެމްބަސީ އިން ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުން ރަމްޒުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތަކުން ވެސް އެއްވަނަ ހޯދައިފަ އެވެ.

ނައުޝަމް ވަނީ ދެ މުބާރާތަކުން އެއްވަނަ ހޯދާފައި (ފޮޓޯ/ނައުޝަމް ވަހީދު)

ފޮޓޯގްރަފީގެ ދާއިރާއިން ނައުޝަމްގެ އަމާޒަކީ އެންމެ އުހެވެ. އެ އުއްމީދު ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ބައިވަރު އެބަހުރި ކަމަށް އޭނާ ދެކެ އެވެ.

"ބޭނުންވަނީ ނުގޮސް ހުރި ރަށްރަށަށް ގޮސް އެ ރަށްރަށުގެ ދިރުއުޅުމާއި ސަގާފަތާއި އަދާކާދައިގެ ވާހަކަތައް ގެނެސްދޭން،" ނައުޝަމް ބުންޏެވެ. އޭނާގެ އަމާޒަކީ އެ ދަތުރުތަކުގެ ފޮޓޯތައް އެކުލަވާލައި ފޮތެއް ނެރުމެވެ.

ފޮޓޯގްރަފީ އަކީ ފުލްޓައިމްކޮށް ނައުޝަމް އަދާކުރާނެ ވަޒީފާކަން އަދި ސީރިއަސް މަސައްކަތްކަން އޭނާގެ މައިންބަފައިންނަށް ކުރިން ހީނުކުރެވުނު ނަމަވެސް، މިހާރު އެކަން ބަދަލުވެއްޖެ ކަމުގައި ނައުޝަމް ބުންޏެވެ.

"މިހާރު މަންމަ އާއި ބައްޕަ އަހަރެންގެ މަސައްކަތާ މެދު ފަހުރުވެރިވޭ. އެއީ ލިބޭ ބޮޑު އުފަލެއް،" ނައުޝަމް ބުންޏެވެ.

ނައުޝަމްގެ އަމާޒަކީ އޭނާ މިހާރު ނުގޮސް ހުރި ރަށްރަށަށް ގޮސް ދިވެހި އާދަކާދަ ދައްކާލާ ފޮޓޯތަކެއް ނަގައި ފޮތެއް އެކުލަވާލުން (ފޮޓޯ/ނައުޝަމް ވަހީދު)

ފޮޓޯގްރަފީއަކީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ރަނގަޅު ދާއިރާއެއްކަން ނައުޝަމްއަށް ޔަގީންވެ އެވެ. މިއީ އޭނާ ހިތްކިޔާ އަދި ކުރަން ބޭނުންވާ މަސައްކަތް ވެސް މެ އެވެ.

ނައުޝަމް ހުރީ، މި ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް އެހީތެރިވެދޭން ވެސް ތައްޔާރަށެވެ. އޭނާ އެދެނީ ސޯޝަލް މީޑިއާ އިން މެސެޖެއް ކޮށްލުމަށެވެ.

ނައުޝަމްގެ އުއްމީދަކީ ރާއްޖޭގެ އެންމެ މޮޅު ފޮޓޯގްރާފަރުންގެ ތެރޭގައި ގުނާލެވޭ ފެންވަރުގެ ހުނަރުވެރިޔަކަށް ވުމެވެ. 

ކޮމެންޓް (2)

މުހައްމަދު

12 އޯގަސްޓު 2023
މިހާރުވެސް ނައުޝަމް އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފޮޓޯގްރާފަރ
1 0

މޮހޮނު

12 އޯގަސްޓު 2023
@މުހައްމަދު ތި ގޮތައް ކައުންޓް ކުރީމަ މަށައް އަހާލެވޭނީ މިގައުމުގަ އެންމެ މޮޅު ސިޔާސީ ވެރިއަކީ ކާކުހޭ. ނައުޝަމް އަކީ ރަގަޅަށް އުފެދެމުން ދާ ފޮޓޯ ގުރާފަރެއް. އޭނާވެސް ބޭބުންވާނެ އަކްޕީރިއަންސް ހޯހާ އަމިލައަށް މިކުރާ ކަމަކީ ކިހިނެއް ވާކަމެއްކަން ދިނެގަންނަން. މިޒާތުގެ ކޮމެންޓް ކުރީމަ އެކުދިން ހަލާކުވޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް