ފިޓްކޮށް: ދުވާ ޓްރެކަށް ގޮސް ނަތީޖާ ނެރެވިދާނެ ގޮތްތަކެއް
މާލެ އާއި ހުޅުމާލޭ ދުވާ ޓްރެކަށް ދުވާލު ދެ އިރު ގިނަ އަދަދެއްގެ ބަޔަކު ދުވާށާއި ހިނގަން ގޮސް އުޅެ އެވެ. ހާއްސަކޮށް އެންމެ އާބާދީ ބޮޑު މާލޭގެ ދުވާ ޓްރެކް ރޭގަނޑު އިރާކޮޅު އޮންނަނީ ގާތްގަނޑަކަށް ފުރިފަ އެވެ.
ޓްރެކް ބޭނުންކުރާ މީހުންނަށް އެނގެން ޖެހޭ އަދި ފައިދާ ހުރި ތަފާތު ކަންކަން އެބަ ހުއްޓެވެ. ކަސްރަތުކުރުމުގެ ނިޔަތުގައި ޓްރެކްގައި މަޑުމަޑުން ހިނގާލިޔަސް އަދި ނުފުދެ އެވެ. ނުވަތަ ކޮންމެ ރެއަކު ގޮސް މަޑުމަޑުން ދުވެލަދުވެލާ ހުއްޓަސް އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. އެހެންކަމުން ދުވާ ޓްރެކްގައި ވަގުތު ހޭދަކުރެވޭނެ ގޮތްތައް ކިޔައިދޭނަމެވެ.
'ފިޓްކޮށް'ގެ ދެވަނަ އެޕިސޯޑުގައި ރާއްޖޭގެ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރަކްޓަރު ހުސެން ޒިނާނަށް ސުވާލުކުރީ ދުވާ ޓްރެކް ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
ދުވާ ޓްރެކްގެ ބޮޑުމިނަކީ 400 މީޓަރެވެ. އެއީ ދެ ފަރާތުން ސީދަލަށް އޮންނަ ކޮންމެ ބައެއްގައި 100 މީޓަރު އަދި ދެކޮޅު ނިމޭއިރު ބިސް ބުރަށް އޮންނަ ދެ ބައިގެ ތެރެއިން ކޮންމެ ބައެއްގައި ވެސް 100 މީޓަރެވެ. އެ މިންތައް ޓްރެކްގައި އަޅާފައި ވެސް ހުންނާނެ އެވެ.
ތިމާގެ ބުންވަރާއި ސްޕީޑް ހުރި ނިސްބަތަށް ބަލާފައި ޓްރެކްގެ 400 މީޓަރު، ތިމާ ހިތްހަމަޖެހޭނެ އެކި ގޮތްގޮތަށް ބޭނުންކުރެވިދާނެ އެވެ. މިސާލަކަށް އެއް ރޭ 100 މީޓަރު ބާރަށް ދުވެލާފައި އަނެއް 100 މީޓަރު ހިނގާލެވިދާނެ އެވެ. އަނެއް 100 މީޓަރު އަނެއްކާ ދުވެފައި، ދެން ނިންމާ 100 މީޓަރުގައި އަނެއްކާވެސް ހިނގާނީ އެވެ. އެގޮތަށް ފަސް ބުރު ވެސް (2000 މީޓަރު)، 10 ބުރު ވެސް (4000 މީޓަރު) ޖެހިދާނެ އެވެ. ހަނދާނުގައި ބަހައްޓާށެވެ. ޓްރެކްގައި 1000 މީޓަރު ނުވަތަ 1 ކިލޯމީޓަރަކީ ދެ ބުރާއި ބަ އެވެ. މިސާލަކަށް 5 ކިލޯމީޓަރު ހަމަކުރަން ބޭނުން މީހާއަށް އެއީ 12 ބުރާއި ބަ އެވެ.
ޒިނާން މި ކިޔައިދެނީ ޓްރެކަށް ދާ މީހުންނަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެކެވެ. އެގޮތަށް ކަސްރަތުކުރުން ބަދަލުކޮށްފި ނަމަ އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ އެވެ. އަދި އެހާމެ ބޮޑު އުފަލެއް ވެސް ލިބޭނެ އެވެ.
ކޮމެންޓް (3)
މީމަ
މި ވާހަކަ ފިޓެއް ނޫން
ތެދެއް