ޒެންޑާޔާ 96 ވަނަ އެކެޑަމީ އެވޯޑް ހަފްލާގެ ރަތް ދޫލަ މަތީ

ފެޝަން

އޮސްކާ އެވޯޑް ހަފްލާގެ ރަތް ދޫލަ މަތިން ތަފާތު މަންޒަރުތަކެއް

ހިތްގައިމު ފެޝަން ދައްކާލުމުގެ އިތުރުން ބައެއް ތަރިން ފަލަސްތީނުގެ ސުލްހައަށް ތާއީދުކުރާކަން ހާމަކުރި
14 މާރިޗު 2024

ހޮލީވުޑްގެ އެވޯޑް ސީޒަންގެ އެންމެ ބޮޑު ހަފްލާ އޮސްކާ އެވޯޑްސް އަކީ ހަމައެކަނި ފިލްމީ ދާއިރާއަށް މުހިއްމު ހަފްލާއެއް ނޫނެވެ. އޮސްކާ އެވޯޑް ހަފްލާގެ ތެރެއިން އެންމެ ބޮޑެތި ފެޝަން ބްރޭންޑުތަކާއި އެކި ފަރުމާތަކުގެ ހެދުންތައް ދައްކާލަން ވެސް ފުރުސަތު ލިބެ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި ބޭއްވި މި އަހަރުގެ ހަފްލާގައި ވެސް ހިތްގައިމު އަދި ތަފާތު ހެދުންތަކުގެ އިތުރުން، އެކި ވައްތަރުގެ ޓްރެންޑުތައް ވެސް ފާހަގަވި އެވެ. އަދި ބައެއް ތަރިން ވަނީ ވަރަށް ވަރުގަދަ ސިޔާސީ މެސެޖެއް ރަތް ދޫލަ މަތިން ދީފަ އެވެ. 

ހޮލީވުޑް ތަރިން ފަލަސްތީނާ އެކު

ލަވަކިއުންތެރިޔާ ބިލީ އައިލިޝް 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

އޮސްކާ އެވޯޑް ފަދަ ކުލަގަދަ އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަ ބޮޑު ހަފްލާއެއްގައި ތަރިން ސިޔާސީ ޝުއޫރު ފާޅުކުރުމަކީ އާއްމު ކަމެއް ނޫނެވެ. އެކަމަކު ހަފްލާގެ ރަތް ދޫލަ މަތިން ފެނުނު ބައެއް ސެލެބްރިޓީއިން ވަނީ އެ މީހުން ފަލަސްތީނަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.

ގާޒާގައި ހަމަލާދިނުން ހުއްޓާލުމަށް ގޮވާލުމަށް 'އާޓިސްޓްސް ފޯ ސީޒްފަޔާ'ގެ ނަމުގައި ތައްޔާރު ކޮށްފައިވާ ރަތް ޕިން އެ މީހުންގެ މޭމަތީގައި ޖަހާފައި ހުއްޓެވެ. 

"އަހަރެމެން އެންމެން ވެސް ގޮވާލަނީ ގާޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް އަދި ދާއިމީކޮށް ހުއްޓާލުމަށް. މިކަމުގައި ޝާމިލުވާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮވާލަން. އަދި އަހަރެމެން އެދެނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ އިންސާފާއި ސުލްހަމަސަލަސްކަން ލިބުމަށް،" ރަތް ޕިން ޖަހައިގެން އޮސްކާ ހަފްލާއަށް ދިޔަ ފަންނާނުންގެ ތެރެއިން ކޮމީޑިއަން ރަމީ ޔޫސުފް ބުންޏެވެ.

ކޮމީޑިއަން އަދި އެކްޓަރު ރަމީ ޔޫސުފް 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި
އެކްޓްރު ރިޒް އަހުމަދު 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ތާއީދު ކުރައްވާ ހަނގުރާމަ ހުއްޓާލަން ގޮވާލި އޭ-ލިސްޓު ސެލެބްރިޓީއިންގެ ތެރޭގައި ރަމީ ޔޫސުފްގެ އިތުރުން، ރިޒް އަހުމަދު، އޮސްކާއެއް ހޯދި ބިލީ އައިލިޝް އާއި އޭނާގެ ބޭބެ ފިނިއަސް އޯ'ކޮނެލް، އޭވާ ޑުވާނޭ އަދި މާކް ރަފަލޯ ހިމެނެ އެވެ. މިއީ ހޮލީވުޑްގެ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ. އެކަމަކު މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ތަރިންނަށް އައްސަރިބަހާއި ސާބަހެވެ. އަދި އެ މީހުންނަކީ ޝައްކެއް ނެތް ގޮތުގައި ހަފްލާގައި އެންމެ ރީތިކޮށް ހެދުން އެޅި މީހުންގެ ލިސްޓުގައި ހިމަނަން ހައްގު ބައެކެވެ.

ފާހަގަވި ފެޝަން ޓްރެންޑުތައް

އޮސްކާ އެވޯޑްސް ފަދަ ބޮޑު ހަފްލާއަކުން އެކި ޒާތުގެ ހިތްގައިމު ހެދުންތައް އާއްމުކޮށް ފެނުން އެކަށީގެންވެ އެވެ. މި އަހަރުގެ ރަތް ދޫލަ މަތިން ފެނުނު ގިނަ އަދަދެއްގެ ޗާލު ހެދުންތަކުގެ ތެރެއިން އެކި ވައްތަރުގެ ފެޝަން ޓްރެންޑުތައް ވެސް ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި މި އަހަރުގެ ރޭގަނޑުގެ 'ބްލެކް ޓައި' ހަފްލާތަކުގައި މަގުބޫލު ވަމުން އަންނަ 'ޕެޕްލަމް' ޓްރެންޑު ހިމެނެ އެވެ.

އެކްޓްރެސް އެމާ ސްޓޯން 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

ފިލްމު 'ޕުއާ ތިންގްސް' އިން އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ ކާމިޔާބުކުރި އެމާ ސްޓޯން އެވޯޑާ ހަވާލުވާން ދިޔައީ ލުއީ ވުޓޯންގެ ޕެޕްލަމް ސްޓައިލް ހެދުމެއް ލައިގެނެވެ. އެކްޓްރެސް ލުޕިޓާ ނިޔޮންގޯގެ މަޑު ނޫ ކުލައިގެ ވިދާ ޖޯޖިއޯ އަރްމާނީ ޕްރިވޭ ހެދުމުގައި ޕެޕްލަމް ސްޓައިލަށް ދޫނި ފިޔަ ހަރުކޮށްފައި ހުއްޓެވެ. އަދި ކެރޮލީނާ ހެރޭރާ އެކްޓްރެސް ގެބްރިއެލް ޔޫނިއަންއަށް ފަރުމާކޮށްދީފައިވާ ރިހި ހެދުމުގެ ޕެޕްލަމް ސްޓައިލް ވަރަށް ޒަމާނީ ވެފައި ނަލަ އެވެ. 

ލުޕިޓާ ނިޔޮންގޯ 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި
އެކްޓްރެސް ގެބްރިއެލް ޔޫނިއަން 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

ޕެޕްލަމް އަކީ ހެދުން ފަރުމާ ކުރާ އިރު މީގެ ކުރިން ވެސް ބޭނުން ކުރާ ބައްޓަމެކެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތަކުން މި އަހަރު ވަނީ އެކި ބާވަތުގެ ފޮތި ބޭނުންކޮށްގެން މި ސްޓައިލް ތަފާތު އެކި ގޮތްގޮތަށް ދައްކާލައިފަ އެވެ. ރެޑް ކާޕެޓް ހަފްލާތަކަށް އެކަށީގެންވާ މި ސްޓައިލް އެލްބާޓާ ފެރެޓީ އަދި އާޑަމް ފަދަ ބޮޑެތި ބްރޭންޑުތަކުގެ ރަންވޭ މަތިން ވެސް ވަރަށް ފަހުން ފެނިފައިވެ އެވެ.

ބޯ ޓައި ޓްރެންޑް މިދިޔަ އަހަރުން ފެށިގެން މަގުބޫލުކަން ހޯދަމުން އަންނައިރު، މި އަހަރުގެ އޮސްކާ ރަތް ދޫލަ މަތިން ވެސް އެކި ސައިޒުތަކާއި ކުލަތަކުގެ ބޯ ޓައި ފެނުނެވެ.

އެކްޓްރެސް ކްލޯއީ ސެވިންޏީގެ ކުރު ރަތް ހެދުމުގައި ބޮޑު ބޯ ޓައިއެއް ހިމެނުނެވެ. އޭނާގެ މޭކަޕާއި އިސްތަށިގަނޑު މި ހެދުމާ ގުޅުވާލައިފައި ހުރީ ވަރަށް ސާދާ ޒަމާނީ ސްޓައިލަކަށެވެ. އޭނާގެ ހެދުން ފަރުމާ ކުރީ ސިމޯން ރޯޝާ އެވެ.

އެކްޓްރެސް ކްލޯއީ ސެވިންޏީ 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

އެކްޓްރެސް އެލެގްޒާންޑްރާ ޑަޑާރިއޯގެ ހެދުމުގައި ބޯ ޓައި ބޭނުން ކޮށްފައި ވަނީ ވަރަށް ނަލަ ގޮތަކަށެވެ. އޯތު ކުޗުއާއަށް މަޝްހޫރު ބްރޭންޑު އެލެކްސިސް މަބެއިގެ އެ ހެދުމުގައި މަޑު ކްރީމް ކުލައިގެ ސެޓިން ބޭނުންކޮށްގެން ހަރުކޮށްފައި ހުރި ބޯ ޓައި އޮތީ ގައިގެ ވަށައިގެން އޮޅާލައިފަ އެވެ.

އެކްޓްރެސް އެލެގްޒާންޑްރާ ޑަޑާރިއޯ 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

ވެނިޓީ ފެއާގެ އޮސްކާ އެވޯޑް 'އާފްޓަ ޕާޓީ'ގެ ރަތް ދޫލަ މަތިން ފެނުނު ލަވަކިއުންތެރިޔާ ބެކީ ޖީގެ ހެދުމަކީ ވެސް މި ޓްރެންޑު ނަލަ ގޮތަކަށް ދައްކާލި ޑިޒައިނެކެވެ. އެއީ ލޭސް އާއި ސެޓިން ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހެދުމެކެވެ.

ލަވަކިއުންތެރިޔާ ބެކީ ޖީ 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

އިހުގެ ޑިޒައިންތައް އާލާކޮށްފައި 

އެކްޓްރެސް ކެރީ މަލިގަން 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

ކޮންމެ 'ބްލެކް ޓައި' އިވެންޓެއްގައި ވެސް އެންމެ ގިނައިން މީހުން ބޭނުން ކުރާ ސްޓައިލަކީ ކްލެސިކް ހެދުމެވެ.

މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާގައި، ބޮޑެތި ބްރޭންޑުތަކުން ކުރީގައި ފަރުމާކޮށްފައިވާ ބައެއް ހެދުންތައް އަލުން ތައްޔާރުކޮށް ދައްކާލައިފައިވެ އެވެ. އެކްޓްރެސް ކެރީ މަލިގަން ލައިގެން ހުރި ކަޅާއި ހުދު ކުލައިގެ ދިގު ހެދުމަކީ ބެލެންސިއާގާ އިން 1951 ވަނަ އަހަރު ފުރަތަމަ ދައްކާލި ހެދުމެއްގެ ނަކަލެކެވެ. ކެރީގެ މި 'އޯލްޑް ހޮލީވުޑް' ސްޓައިލް ލައިގެން ހުރީ އޭނާ އެންމެ ފަހުން ބްރޭޑްލީ ކޫޕާއާ އެކު ކުޅުނު ފިލްމު 'މައެސްޓްރޯ'އާ ގުޅުވާލައިގެންނެވެ.

އެކްޓްރެސް މާގޯ ރޮބީ 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

ސްޓައިލިސްޓް އެންޑްރޫ މުކަމަލްއާ އެކު މަސައްކަތް ކުރަމުން އަންނަ 'ބާބީ' ފިލްމުގެ ތަރި މާގޯ ރޮބީ ވެނިޓީ ފެއާގެ އޮސްކާ ޕާޓީއަށް ދިޔައީ ތިއެރީ މުގްލާގެ ސްޕްރިންގް/ސަމާ 1996 ކަލެކްޝަންގައި ހިމެނުނު ރަން ކުލައިގެ ލަ ކޯސެޓެއް ލައިގެންނެވެ. އެކި ސައިޒުގެ މިނާ ހަރުކޮށްފައި ހުރި ކޯސެޓްއާ އެކު ސާދާ ގޮތަކަށް އެކްސެސަރީޒް ބޭނުންކޮށްފައި ހުއްޓެވެ.

އެކްޓްރެސް ލަވާން ކޮކްސް 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

އެކްޓްރެސް ލަވާން ކޮކްސް އޮސްކާ އެވޯޑްގެ ރަތް ދޫލަ މަތިން ފެނުނީ ހިތްގައިމު ދިގު ކަޅު ހެދުމެއްގަ އެވެ. ކަޅު ދިގު ދޯޕައްޓާއަކާ އެކު ރަން ކުލައިގެ ބުސްޓިއާއެއް ގުޅުވާލައިފަ ހުއްޓެވެ. މި ހެދުން ފުރަތަމަ ދައްކާލީ 1996ގެ ތިއެރީ މުގްލާ އޯތު ކުޗުއާ ފެޝަން ޝޯގަ އެވެ.

ފިރިހެން ތަރިންގެ އެންމެ އަލިގަދަ ފެޝަން

އެކްޓަރު ކޮލްމަން ޑޮމިންގޯ 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

އޮސްކާ އެވޯޑްސް ހަފްލާއަށް ދީފައިވާ 'ޑްރެސް ކޯޑް' އަކީ 'ބްލެކް ޓައި' ކަމަށް ވުމުން އާއްމުކޮށް މި ހަފްލާގެ ފިރިހެން ބައިވެރިން އަންނަނީ ސޫޓުގަ އެވެ. ކަޅު ސޫޓާއި ޓަކްސީޑޯ އަކީ މިކަހަލަ ހަފްލާއަކަށް އާއްމުކޮށް ތަރިން ލައިއުޅޭ ސްޓައިލް އެވެ.

މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާގައި ފިރިހެން ތަރިންގެ ތެރެއިން އެންމެ ނަލަކޮށް ހެދުން އަޅައިގެން ހުރި އެއް ތަރި އަކީ ކޮލްމަން ޑޮމިންގޯ އެވެ. އޭނާ ވަނީ މި އަހަރުގެ އެވޯޑް ސީޒަންގައި އެކި ވައްތަރުގެ ހިތްގައިމު ސޫޓު ސްޓައިލްތައް ދައްކާލައިފަ އެވެ. އޮސްކާގެ ރަތް ދޫލަ މަތިން އޭނާ ފެނުނީ ލުއީ ވުޓޯންގެ ކަޅު ސޫޓެއްގައި، އޮމެގާ ބްރޭންޑުގެ ގަޑިއެއް އަޅައިގެން ހުއްޓަ އެވެ.

އެކްޓަރު ރަޔަން ގޮސްލިން 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

'ބާބީ'ގެ ތަރި ރަޔަން ގޮސްލިން ލައިގެން ހުރީ ހިތްގައިމު ކަޅު ކޯޓު ފަޓުލޫނެކެވެ. މިކަހަލަ ހާއްސަ ހަފްލާއަކާ ގުޅުވާލައިގެން ސޫޓުގައި ވިދާ ކަޅު ޕައިޕިންއެއް އަޅާފައި ހުއްޓެވެ.

ބާބީ ފިލްމުގެ އަނެއް ފިރިހެން ތަރި ސިމޫ ލިއު ވެސް ލައިގެން ހުރީ ކަޅު ސޫޓެކެވެ. އެކަމަކު އެތެރޭން ގަމީހެއް ލުމުގެ ބަދަލުގައި ސޫޓު ސްޓައިލް ކޮށްފައި ހުރީ ވަރަށް ޒަމާނީ ގޮތަކަށެވެ.

އެކްޓަރު ސިމޫ ލިއު 96 ވަނަ އޮސްކާ އެވޯޑް ހަފްލާގައި

ހަފްލާގައި އެންމެ ހިތްގައިމުކޮށް ހެދުން އަޅައިގެން ތިބި ފިރިހެން ތަރިން ދައްކައިދިނީ ފިރިހެނުންގެ 'ބްލެކް ޓައި' ސޫޓު ތަފާތު ގޮތަކަށް ސްޓައިލް ކޮށްލެވޭނެ ކަމެވެ. އަދި އެ ތަފާތު ގޮތް ގެންނަން މިނަށްވުރެން އާދަޔާހިލާފު ޑިޒައިނެއް ހޯދުމުގެ ބަދަލުގައި ޒަމާނީ އަދި ފިރިހެންވަންތަ ވައްޓަފާޅިއެއް ހިތްގައިމު ގޮތަކަށް ދައްކާލެވިދާނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް