އޮސްކާ އެވޯޑް ދިނުމުގެ ހަފްލާގައި ރަޔަން ގޮސްލިން 'ބާބީ'ގެ ލަވަ 'އައިމް ޖަސްޓް ކެން' ހުށަހަޅަނީ (ފޮޓޯ/ރޮއިޓާސް)

އޮސްކާ އެވޯޑްސް

އޮސްކާ އެވޯޑްސް: 'އޮޕެންހައިމާ'ގެ ބޮޑު ކާމިޔާބީ އާއި ރަޔަން ގޮސްލިންގެ ރެއެއް

'އައިމް ޖަސްޓް ކެން' ލަވައިގެ ހުށަހެޅުން ގިނަ މީހުން އުއްމީދުކުރިހާ ނުވަތަ އެއަށް ވުރެ ވެސް ފުރިހަމަ
11 މާރިޗު 2024

އެކެޑެމީ އެވޯޑްސްގެ 96 ވަނަ ހަފްލާ ރޭ ނިމިގެންދިޔައީ ބެލުންތެރިން ނުހަނު މުނިފޫހިފިލުވައިދީފަ އެވެ. ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރަށް އެއްވެ ތިބި މީހުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓީވީން އެ ޝޯ ބަލަން ތިބި މީހުން ހެއްވާލައި ހިތްއުފާކޮށްދިނެވެ.

ހައިރާންކަމެއް ނެތި އެންމެ މޮޅު ފިލްމުގެ ޝަރަފް ހޯދި 'އޮޕެންހައިމާ' ވަނީ ޖުމްލަ ހަަތް އޮސްކާ ގެންގޮސްފަ އެވެ.

އޭގެ ތެރެއިން އަހަރުގެ އެންމެ މޮޅު އެކްޓަރު ކިލިއަން މާފީ އާއި އެންމެ މޮޅު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންއަށް އޮސްކާ އެވޯޑެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ރޮބަޓް ޑައުނީ ޖޫނިއާ ހޯދި ސަޕޯޓިން އެކްޓަރުގެ އެވޯޑުގެ އިތުރުން އެޑިޓިން، ސިނެމަޓޯގްރަފީ އަދި އޮރިޖިނަލް ސްކޯގެ އެވޯޑް ގެންދިޔައީ ވެސް، އެޓޮމިކް ބޮން އުފެއްދި ސައިންސްވެރިޔާގެ ވާހަކަ ގެނެސްދިން 'އޮޕެންހައިމާ' އެވެ.

އޮސްކާ އެވޯޑު ދިނުމުގެ ހަފްލާގައި ހަތް އެވޯޑާ އެކު ވިދާލި 'އޮޕެންހައިމާ'ގެ ކާސްޓް އަދި ކްރޫ ސްޓޭޖުގައި (ފޮޓޯ/ރޮއިޓާސް)
'އޮޕެންހައިމާ'ގެ ބަތަލު ކިލިއަން މާފީ އޭނާގެ ފުރަތަމަ އޮސްކާ އެވޯޑާ އެކު ޝުކުރު އަދާކުރުމުގެ ގޮތުން ވާހަކަދައްކަނީ (ފޮޓޯ/ރޮއިޓާސް)

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ގެންދިޔައީ ކުޑަކުއްޖެއްގެ ސިކުނޑި ލައްވާފައި ހުރި އަންހެނަކު ދައްކައިދިން ޑާކް ކޮމެޑީ ފިލްމު 'ޕުއާ ތިންގްސް'ގެ ބަތަލާ އެމާ ސްޓޯން އެވެ. މިއީ އޭނާ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ ހޯދި ދެވަނަ ފަހަރެވެ.

އެ ކެޓަގަރީން އޮސްކާއަށް ނޮމިނޭޓްވި ފުރަތަމަ އިންޑިޖިނަސް އެކްޓްރެސް ލިލީ ގްލެޑްސްޓޯންއަށް އެ އެވޯޑު ނުލިބުމަަކީ ބައެއް މީހުންނަށް މާޔޫސްކަމެކެވެ.

އެހެނިހެން އެވޯޑުތަކުގެ ތެރެއިން:

  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް - ޑެވައިން ޖޯއީ ރެންޑޮލްފް 'ދަ ހޯލްޑްއޯވާސް'

  • އެންމެ މޮޅު ބައިނަލްއަގުވާމީ ފީޗާ ފިލްމު - 'ދަ ޒޯން އޮފް އިންޓްރެސްޓް'

  • އެންމެ މޮޅު އޮރިޖިނަލް ލަވަ - ބިލީ އައިލިޝް އާއި އޭނާގެ ބޭބެ ފިނިއަސް އޯ'ކޮނެލް ('ވަޓް ވޯޒް އައި މޭޑް ފޯ' - ފިލްމު 'ބާބީ')

އޮސްކާ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދި އެމާ ސްޓޯން (ކ) އާއި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހޯދި ޑެވައިން ޖޯއީ ރެންޑޮލްފް އެވޯޑާ އެކު (ފޮޓޯ/ރޮއިޓާސް)
އޮސްކާ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބުނު ޑެވައިން ޖޯއީ ރެންޑޮލްފް އުފަލުގެ ކަރުނައިގައި (ފޮޓޯ/ރޮއިޓާސް)
އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ އެވޯޑު ގެންދިޔަ ބިލީ އައިލިޝް އާއި އޭނާގެ ބޭބެ ފިނިއަސް އޯ'ކޮނެލް އުފާފާޅުކުރަނީ (ފޮޓޯ/ރޮއިޓާސް)
އޮސްކާ އެވޯޑް ދިނުމުގެ ހަފްލާގައި އެކްޓިން ކެޓެގަރީތަކުން އެވޯޑު ހޯދި ހަތަރު ފަންނާނުން އެވޯޑާ އެކު: ކަނާތުން ވާތަށް، ކިލިއަން މާފީ، އެމާ ސްޓޯން، ޑެވައިން ޖޯއީ ރެންޑޮލްފް އަދި ރޮބަޓް ޑައުނީ ޖޫނިއާ (ފޮޓޯ/ރޮއިޓާސް)

މި އަހަރުގެ އޮސްކާ ޝޯގެ ޕްރޮޑިއުސަރުންނަށް އޮތް މައިގަނޑު ގޮންޖެހުމަކީ، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ފިޔަވައި، މުހިއްމު ކެޓެގަރީތަކުން އެވޯޑު ގެންދާނީ ކޮން ބައެއްކަން ފަސޭހައިން ލަފާކުރެވިފައި އޮތުމުން، މާ ބޮޑު ސަސްޕެންސެއް ނެތުމެވެ. ނަމަވެސް ޝޯގެ ހޯސްޓް ޖިމީ ކިމެލް އާއި ޕްރެޒެންޓަރުންނާއި ހުށަހެޅުންތަކުން އެކަން ފޫބައްދައިދިނެވެ. 

އެއް ކަމަކަށް، އެކްޓިންގެ ހަތަރު އެވޯޑަށް ވާދަކުރާ ތަރިންގެ ނަންތައް އިއުލާން ކުރީ މީގެ ކުރިން އެވޯޑް ހާސިލްކޮށްފައިވާ ފަންނާނުންނެވެ. މާޒީގެ މި އުސޫލަށް އަނބުރާ ދިޔުމަކީ ފޭނުން އުފާކޮށްދިން ކަމެކެވެ. ނޮމިނޭޓްވުމަކީ ވެސް ބޮޑު ޝަރަފެއްކަން މިއިން އިހުސާސްކޮށްދީ، ފޮނި ހިނދުކޮޅުތަކެއް ޝޯއަށް ގެނެސްދިނެވެ.

އޮސްކާ އެވޯޑް ދިނުމުގެ ހަފްލާގައި ރަޔަން ގޮސްލިން 'ބާބީ'ގެ ލަވަ 'އައިމް ޖަސްޓް ކެން' ހުށަހަޅަނީ (ފޮޓޯ/އޭޕީ)

ނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް ލިބި ވާހަކަ ދެކެވެމުންދަނީ ރަޔަން ގޮސްލިންގެ 'އައިމް ޖަސްޓް ކެން' ޕާފޯމެންސާ މެދު އެވެ. 'ބާބީ'ގެ އެ ލަވަ އޭނާ ލައިވްކޮށް ހުށަހަޅައިދިނީ ގިނަ ބަޔަކު އުއްމީދުކުރިހާ ނުވަތަ އެއަށް ވުރެ ވެސް ފުރިހަމައަށެވެ.

އޭގެ ކުރިން ރަޔަން ގޮސްލިން އެމިލީ ބްލަންޓްއާ އެކު 'ބާބީ' އާއި 'އޮޕެންހައިމާ'ގެ ވާދަވެރިކަން، 'ބާބެންހައިމާ'އާ ގުޅޭގޮތުން ހުށަހަޅައިދިން މަޖާ ވާހަކަކޮޅު ވެސް ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް