ހޮލޮކޯސްޓްގެ މައްޗަށް އުފައްދާފައިވާ ފިލްމު 'ދަ ޒޯން އޮފް އިންޓްރެސްޓް' އަށް ލިބުނު އެންމެ މޮޅު ބައިނަލްއަގުވާމީ ފީޗާ ފިލްމުގެ އޮސްކާ ބަލާދިޔަ ޑައިރެކްޓަރު ޖޮނަތަން ގްލޭޒާ (ކ) އިޒްރޭލުން ގާޒާގެ މައްޗަށް ހިންގަމުންދާ އުދުވާނާ ދެކޮޅަށް ވާހަކަދައްކަނީ

ފަލަސްތީން

އޮސްކާ އެވޯޑް ހޯދި ހޮލޮކޯސްޓް ފިލްމުގެ ޑައިރެކްޓަރު ސްޓޭޖުގައި އިޒްރޭލާ ދެކޮޅަށް

ހަފްލާގެ ބޭރުގައި އާއްމުން ގާޒާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރި. އަދި ބައެއް ތަރިން ވަނީ ހަމަލާ ދިނުން ހުއްޓާލަން ގޮވާލާކަން ހާމަކޮށްފައި
11 މާރިޗު 2024

އިޒްރޭލަށް ވާގިވެރި އެމެރިކާގައި އޮސްކާ އެވޯޑް ހަފްލާ ރޭ ބޭއްވި އިރު ތަރިންނާއި އާއްމުންގެ ދެކޮޅުހެދުން ފެނިގެންދިޔަ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އިވެންޓް ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ކުރިއަށް ދިޔައީ ފަލަސްތީނަށް ތާއީދު ކުރާ އެތައް ސަތޭކަ ބަޔަކު އެ ތަނުގެ ބޭރުގައި ތިބެގެން އަޑުއުފުލުމާ އެކުއެކީގަ އެވެ. އެ މީހުން ވަނީ އިޒްރޭލުން ގާޒާގެ މައްޗަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ޝުއޫރުތައް ފާޅުކޮށް، ހަފްލާއަށް ދިޔަ މެހުމާނުންގެ ޓްރެފިކަށް ބުރޫއަރުވައިފަ އެވެ.

"ކަލޭމެން ބަލަބަލާ ތިއްބާ އެ އަޅަނީ ބޮން،" މުޒާހަރާގައި ބޭނުން ކުރަމުންދިޔަ ބޯޑެއްގައި ލިޔެފައިވެ އެވެ.

"މި މަގުގައި އޮސްކާ ހަފްލާ ހިނގަމުންދާ އިރު [ގާޒާގައި] މީހުން މަރާ، ބޮން އަޅަމުން އެބަދޭ،" މުޒާހަރާގެ ބައިވެރިންގެ ތެރެއިން ޒައިނަބު ނަސްރު ރޮއިޓާސްއަށް އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

އޮސްކާ އެވޯޑް ހަފްލާ ހިނގަމުންދިޔަ ޑޮލްބީ ތިއޭޓަރުގެ ބޭރަށް އާއްމުން އެއްވެ ގާޒާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރަނީ (ފޮޓޯ/ރޮއިޓާސް)
އޮސްކާ އެވޯޑް ހަފްލާ ހިނގަމުންދިޔަ ޑޮލްބީ ތިއޭޓަރުގެ ބޭރަށް އާއްމުން އެއްވެ ގާޒާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރަނީ (ފޮޓޯ/ރޮއިޓާސް)

އާއްމުންގެ މި އިހުތިޖާޖުގެ ހިޔަނި ހަފްލާއަށް އެޅިގެންދިޔަ އިރު، އޮސްކާގެ ޝަރަފްވެރި ރަތް ދޫލަ އާއި ސްޓޭޖުމަތީގައި ވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރުމާއި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅުހެދުން ދައްކައިފަ އެވެ.

ބިލީ އައިލިޝް އާއި މަހެރްޝާލާ އަލީ އަދި މާކް ރަފަލޯ ފަދަ ބައެއް ފަންނާނުން ތިބީ ގާޒާގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ގޮވާލާ ރަތް ކުލައިގެ ފިން ހެދުމުގައި ޖަހައިގެންނެވެ.

ބިލީ އައިލިޝް (ކ) އާއި ބޭބެ ފިނިއަސް އޯ'ކޮނެލް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ އެވޯޑާ ހަވާލުވި އިރު، ގާޒާގައި ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާ ޕިން ޖަހައިގެން
އެކްޓަރު މާކް ރަފަލޯ އޮސްކާ ހަފްލާގައި، ގާޒާގައި ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާ ޕިން ޖަހައިގެން
އޮސްކާ އެވޯޑް ހަފްލާގައި ލަވަކިޔުންތެރިޔާ ބިލީ އައިލިޝް (ކ) ކޮމީޑިއަން ރަމީ ޔޫސުފް (މ) އަދި އެކްޓަރު މާކް ރަފަލޯ، ގާޒާ ހަނގުރާމަ ހުއްޓާލަން ގޮވާލާ ރަތް ޕިން ޖަހައިގެން
ގާޒާގައި ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާ ޕިން

އިޒްރޭލުން ފަލަސްތީނު މީހުންގެ މައްޗަށް އަނިޔާވެރިވުމާ ދެކޮޅުހެދުން އޮސްކާގެ ސްޓޭޖުން ވެސް ވަނީ އިވިފަ އެވެ. އެގޮތަށް ވާހަކަދެއްކީ ޔަހޫދީންގެ ނަސްލު ނައްތާލުމަށް ހިންގި ހޮލޮކޯސްޓްގެ މައްޗަށް އުފައްދާފައިވާ ފިލްމު 'ދަ ޒޯން އޮފް އިންޓްރެސްޓް' އަށް ލިބުނު އެންމެ މޮޅު ބައިނަލްއަގުވާމީ ފީޗާ ފިލްމުގެ އެވޯޑު ބަލާދިޔަ ޔަހޫދީ ޑައިރެކްޓަރު ޖޮނަތަން ގްލޭޒާ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޖޭމްސް ވިލްސަންއާ އެކު ހުރި ގްލޭޒާ ބުނީ އެ ދެ މީހުންގެ ދީނާއި ހޮލޮކޯސްޓް "ހައިޖެކް" ކުރުމާ ދެކޮޅު ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ ސަބަބުން މައުސޫމް އެތައް ބަޔަކު ހަނގުރާމައިގެ ހާލަތަށް ވެއްޓިފައިވާ ކަމާއި އޭގެ ތެރޭގައި، 7 އޮކްޓޯބަރުގައި އިޒްރޭލުގައި އަނިޔާ ލިބުނު މީހުންނާއި ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި އަނިޔާ ލިބެމުންދާ މީހުން ހިމެނޭކަން އޭނާ ފާހަގަ ކުރި އެވެ.

"އިންސާނިއްޔަތުކަން ނިގުޅައިގަތުމުގެ ޝިކާރައަކަށް ވެފައިވާ އެންމެން. އަހަރެމެން މިކަމާ ދެކޮޅު ހަދާނީ ކޮން ގޮތަކަށް؟" އޯޑިއެންސްގައި ތިބި މީހުންގެ ތަރުހީބުގެ އަޑުގެ ތެރެއިން ވާހަކަދައްކަމުން ގްލޭޒާ ބުންޏެވެ.

ޖޮނަތަން ގްލޭޒާގެ ވާހަކަކޮޅު

އިޒްރޭލުން އެތައް މަހެއް ވަންދެން ގާޒާއަށް ބޮންއަޅައި އެތައް ހާސް ބަޔަކު މަރުވެ، ބަނޑަށްޖެހެމުންދިޔަ ނަމަވެސް ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްވެސް އިޝާރާތެއް ނުލިބެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް