އާޓް

ފާއިޒްގެ 'ޖާނީ' އަކީ ރާއްޖޭގެ މާޒީ އާއި ސަގާފަތުގެ ދަތުރެއް

އަބްދުﷲ ފާއިޒްގެ ފުރަތަމަ ކުރެހުމުގެ މައުރަޒުގައި ބައިވެރިކުރި 80 ކުރެހުމަކީ އޭނާގެ ހަޔާތުގެ ވަރަށް ބޮޑު މަސައްކަތެއް
25 ޖުލައި 2023

އަބްދުﷲ ފާއިޒްގެ ކުރެހުންތައް ހުށައަޅައިދޭ 'ޖާނީ' މިދިޔަ އަންގާރަދުވަހުގެ ހަވީރު ގައުމީ އާޓް ގެލެރީގައި ބޮޑު ރަސްމިއްޔާތަކުން ވަނީ ހުޅުވައިފަ އެވެ. އިމްޕްރެޝަނިޒަމް ސްޓައިލަށް ތައްޔާރުކޮށްފައިވާ މި ކުރެހުންތަކުން ދައްކައިދެނީ ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތެވެ. 

'ޖާނީ' އަކީ ފާއިޒްގެ ފުރަތަމަ ކުރެހުމުގެ މައުރަޒޭ ބުނުމުން ހައިރާންވުން އެކަށީގެންވެ އެވެ. ސަބަބަކީ ފާއިޒް ވަނީ މި މައުރަޒުގައި 80އަށް ވުރެ ގިނަ ކުރެހުން ބަހައްޓަވައިފަ އެވެ. މިއީ ފާއިތުވި އަހަރުތަކުގައި އޭނާ ކުރެއްސެވި 200 އަށް ވުރެ ގިނަ ކުރެހުމުގެ ތެރެއިން މައުރަޒަށް ހާއްސަކޮށް ހޮއްވެވި ކުރެހުންތަކެވެ. އެ ކުރެހުންތަކުގައި އެކުލެވޭ ޓެކްނީކަށް ބަލައިލުމުން ކުރެހުންތައް ފުރިހަމަކުރަން ކުރެއްވި މިންނެތް މަސައްކަތް ހާމަވެ އެވެ. 

ކުރެހުމަކީ ފާއިޒުގެ ރަސްމީ މަސައްކަތެއް ނޫނެވެ. ވިޔަފާރީގެ ދާއިރާއިން ކިޔަވާވިދާޅުވެ، މަސައްކަތް ކުރައްވަނީ ވެސް އެ ދާއިރާގައި ކަމަށް ވުމުން، އޭނާ ކުރައްސަވަނީ އަބަދުވެސް ލިބިވަޑައިގަންނަވާ ހުސް ވަގުތުގަ އެވެ. 

"އަބަދުވެސް ކުރެހުމާއި އާޓަށް ޝައުގު ހުރޭ،" ފާއިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 'ޖާނީ'ގެ މަގުސަދަކީ އެ ކުރެހުންތައް ބަލާ ވިސްނާ މީހުންގެ ހިތާއި ސިކުނޑިއަށް ދާއިމީ ތަސައްވުރެއް ދޫކޮށްލެއްވުމެވެ. އޮއިލް އޮން ކެންވާސް އާއި އިމްޕްރެޝަނިޒަމްގެ ޒަރިއްޔާއިން އަމިއްލަ ހިޔާލާއި ހަނދާންތައް ދައްކުވާދޭން އޭނާ ބޭނުންވި އެވެ.

އަބްދުﷲ ފާއިޒްގެ 'ޖާނީ' މައުރަޒުގައި ބަހައްޓާފައި ހުރި ކުރެހުމެއް މީހަކު ބަލައިލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިމްޕްރެޝަނިޒަމް އަކީ އާއްމުކޮށް ފެންނަ ރިއަލިޒަމް ކުރެހުންތަކަށް ވުރެން ތަފާތު ސްޓައިލެކެވެ. ރިއަލިޒަމްގައި، މިސާލަކަށް މީހެއް ކުރަހާފައި ހުންނަ އިރު ނޭފަތް، ކަންފަތް ފަދަ އެކި ޑީޓެއިލް ސަރީހަކޮށް ދައްކައިދެ އެވެ. އެކަމަކު އިމްޕްރެޝަނިޒަމްގައި ކައިރިން ބަލާ އިރު ހީވާނީ ކުލަގަނޑުތަކެއް ހެނެވެ. އެގޮތުން އޭގައިވާ ޑީޓެއިލްތައް ސާފުކޮށް ބަލަން ބޭނުން ނަމަ ކުރެހުމާއި މީހާއާ ދެމެދު ވަކިވަރެއްގެ ދުރުމިނެއް ބެހެއްޓުން ބުއްދިވެރި އެވެ. އިމްޕްރެޝަނިޒަމްގެ މި ހުވަފެނީ ސްޓައިލް ފެށީ 1860 ވަނަ އަހަރު ޕެރިހުގަ އެވެ.

އަބްދުﷲ ފާއިޒްގެ ޖާނީ މައުރަޒުގައި ބަހައްޓާފައި ހުރި ކުރެހުންތަކެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

'ޖާނީ'އިން ފާއިޒް ކިޔައިދެއްވަނީ އޭނާގެ ކުރެހުމުގެ ދަތުރުގެ އެންމެ ބޮޑު އެއް ސަފްހާ އެކަންޏެއް ނޫނެވެ. 'ޖާނީ' އަކީ ރާއްޖޭގެ ތާރީހުގެ ތެރެއަށް ކުރާ ދިގު އަދި ކުލަ ގަދަ ދަތުރެއް ވެސް މެ އެވެ. ރާއްޖޭގެ އިހު ޒަމާނުގެ ސަގާފީ ހަރަކާތްތަކާއި މާލޭގެ ބާޒާރު މަތިން އޭރު ފެންނަ މަންޒަރުތައް ވެސް މި މައުރަޒުގައި ހިމެނެ އެވެ.

"މީގެ ތެރެއިން ބައެއް ތަންތަނަކީ އަޅުގަނޑު ކުޑައިރު ސުކޫލަށް ހިނގާފަ ގޮސް އުޅުނު އިރު ފެނިފަ ހުރި ތަންތަން. އެއީ އެއް ކަންތައް. އަނެއް ކަމަކީ ތާރީހަކީ އަޅުގަނޑު ވަރަށް ލޯބި ކުރާ، ހާއްސަކޮށް ރާއްޖޭގެ ތާރީހާއި ރާއްޖޭގެ ސަގާފަތަކީ އަޅުގަނޑު ވަރަށް ލޯބި ކުރާ އެއްޗެއް. އެގޮތުން އެއަށް އޮންނަ ލޯތްބަކާ ވެސް އެއްކޮށް ސީރީޒްއެއް ގޮތަށް މި ކުރެހީ. އަދި އަޅުގަނޑު މި ސީރީޒްގައި ކުރަހަން އެބަ ހުރި ބައިވަރު އެއްޗެހި. އިރާދަ ކުރެއްވިއްޔާ އަދި އެ ކުރެހުންތައް ވެސް ޕްރެޒެންޓު ކުރާނަން،" ފާއިޒް ވިދާޅުވި އެވެ.

'ޖާނީ' މައުރަޒު ގައުމީ އާޓް ގެލެރީގައި މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް