އަބްދުﷲ ފާއިޒްގެ 'ޖާނީ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަބްދުﷲ ފާއިޒްގެ 'ޖާނީ' ކުރެހުމުގެ މައުރަޒު
މިދިޔަ އަންގާރަ ދުވަހު ގައުމީ އާޓް ގެލެރީގައި ބޮޑު ރަސްމިއްޔާތަކުން ހުޅުވި ކުރެހުމުގެ މައުރަޒު 'ޖާނީ' އަކީ އަބްދުﷲ ފާއިޒްގެ ކުރެހުންތަކެއް ދައްކައިދޭ މައުރަޒެކެވެ. މައުރަޒުގައި 80އަށް ވުރެ ގިނަ ކުރެހުން ހިމެނެ އެވެ. މި ކުރެހުންތަކަކީ އިމްޕްރެޝަނިޒަމް ސްޓައިލަށް ކޮށްފައިވާ މަސައްކަތްތަކެކެވެ. ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ މަންޒަރުތަކެއް އިމްޕްރެޝަނިޒަމް ސްޓައިލުން ފެންނަ މި ކުރެހުންތަކަކީ ފާއިޒް އެތައް އަހަރެއް ވަންދެން ކުރަމުން އައި މަސައްކަތްތަކެކެވެ.
މިއީ އޭނާގެ ފުރަތަމަ ކުރެހުމުގެ މައުރަޒެވެ. ފާއިޒް ބުނި ގޮތުގައި، ކުރެހުމާއި އާޓް އަކީ އޭނާގެ ޝައުގެކެވެ. އާމްދަނީ ހޯދަން މުޅިން ތަފާތު މަސައްކަތްތަކެއް ކުރާއިރު، މި ކުރެހުންތައް ތައްޔާރު ކުރީ ލިބޭ ހުސް ވަގުތުތަކުގަ އެވެ.
މަސައްކަތެއް ރަނގަޅަށް ކުރަން ބޭނުންވާ ކޮންމެ މީހަކު ވެސް އެ ކަމަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި އޭގެ 'ބޭސިކްސް' އުނގެނިގެން އެކަން ކުރަން ފެށުން ވަރަށް މުހިއްމު ކަމަށް ފާއިޒް ބުންޏެވެ. އެ މަސައްކަތެއް ގަވައިދުން ކުރުމަކީ އެ މީހެއްގެ މަސައްކަތް އިތުރަށް ރަނގަޅުވެ، ތަރައްގީ ވާނެ ކަމެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.