ވޯކްޝޮޕް ތެރެއިން އަފްޒަލްއަށް ފެންނަ ބުރީފްކޭސް.
'އެކަތި' ބުރީފްކޭސް ސީރީޒް: ދައުވަތު ހިފައިގެން 2005އަށް
ބައްޕަގެ ފަޅު ވޯކްޝޮޕަށް އަފްޒަލް ވަދެގެން އައީ ފިހިގަނޑެއް ހިފައިގެންނެވެ. އެއީ ހިރަފުސް އަރައި، މަކުނުވާ ފުރައި، ޒަމާނުގެ ތެރެއަށް ގެއްލި ވީރާނާވެފައި އޮތް ފުސްގަނޑެކެވެ. ބާވެ ދަބަރަށް ވެފައި ހުރި ފާޑުފާޑުގެ އާލާތްތައް ހުރީ ޖެހުނު ގޮތަކަށް މުޅި ތަނަށް އުކާލައިފަ އެވެ.
ހިރަފުހުގެ ސާލު މަތިން ކުނި ކަހަމުން، ފަޅުކަން ފިލުވަމުން ދަނިކޮށް ފުސްގަނޑުގެ ތެރެއިން އަފްޒަލްގެ ލޮލުގައި އަޅައިގަތީ ކަނެއްގައި ހުރި ކަބަޑެކެވެ. ކިރިޔަކިރިޔާ ހުޅުވިފައި ހުރި ދޮރުފަތުގެ އެތެރެއަށް އޭނާގެ ސަމާލުކަން ދަމައިގަތެވެ. ލިބުނު ހިމޭން ދައުވަތާ އެކު ފާރަށް ފިހިގަނޑު ލައްގާލައި ކަބަޑާ ދިމާއަށް ހިނގައިގަތެވެ.
ކަބަޑުގެ ދޮރު ހުޅުވާލިއިރު އެތެރޭގައި އޮތީ ކަޅު ކުލައިގެ ބުރީފްކޭހެކެވެ. ކާކުގެ، ކީއްކުރާ ބުރީފްކޭހެއް ކަމެއް ނޭނގެ އެވެ. މޭޒުމަތީގައި ހުރި ސަމާނު ފުނި އެއް ފަރާތްކޮށް، ފޮތިކޮޅަކުން ހިރަފުސް ފޮޅާލުމަށް ފަހު އެ ބުރީފްކޭސް މޭޒުމަތީގައި ބާއްވައި، އަފްޒަލް އަވަސްވެގަތީ އޭގެ ހަގީގަތް ބެލުމަށެވެ.
ބުރީފްކޭހުގެ ތަޅު ހުޅުވަން ކޮށްޓަމުން އަނބުރަމުން ދަނިކޮށް ތިން އަކުރުގެ ސިއްރު ނަންބަރު ދިމާވެ، 'ޓިކް' އަޑާ އެކު ތަޅު ނެއްޓިއްޖެ އެވެ. ކުޑަކޮށް ހަމަޖެހިލުމަށް ފަހު އަފްޒަލް އެ ބުރީފްކޭސް ހުޅުވައިލުމާ އެކު އެތެރެއިން ފާޅުވީ ގަދަ ވިދުވަރެކެވެ. ފެނުނު އެއްޗަކަށް ގެއްލިފައި އަފްޒަލް ހުރީ ހުއްޓުން އަރާފަ އެވެ.
ބުރީފްކޭހުގެ މަތިކިބައިގެ އެކި ބައިތައް ފުރާލާފައިވަނީ ކަރުދާހުންނެވެ. ތަފާތު އިސްޓޭޕުތައް ހިއްޕާފައި ހުރި ސިޓީ އުރަތަކެވެ. ރީނދޫވެ، ހަސްނެތިފައި އޮތް ރާއްޖޭގެ ޗާޓެކެވެ. ގަރުނުތަކެއް ކުރިން ޕިރާޑުގެ ލޮލަށް ފެނުނު ގޮތަށް ސިފަކޮށްދީފަ އެވެ.
ތިރީބައިގައި އޮތީ ރީތިކޮށް ފަތްޖަހާފައި އޮތް ފެހި ކުލައިގެ ޔުނީފޯމެކެވެ. ހުދު ބެޖެއްގައި ރަތް ރޮދިން، އިނގިރޭސި ބަހުން ޖަހާފައިވަނީ 'ކެޕްޓަން' އެވެ. ކޮން ބޯޓެއްގެ ކޮން ކައްޕިއެއްގެ ޔުނީފޯމެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޕިރާޑުގެ ޗާޓާއި ސިޓީ އުރަތަކާއި ޔުނީފޯމަށް ބަލައިލުމަށް ފަހު ދެން ވާން ވީ ގޮތް އަފްޒަލްއަށް އެނގިއްޖެ އެވެ. ނޭނގެނީ އަހަރެމެންނަށެވެ.
ބުރީފްކޭހުން ޔުނީފޯމު ނަގައިގެން ގޮސް އައީ އަންނައުނު ބަދަލުކޮށްގެންނެވެ. ޔުނީފޯމު ލައި، ގޮށް އަޅުވައި ހެޔޮވަރުކޮށްލުމަށް ފަހު ކަޅު ބޫޓަކަށް އަރައި ނާޑުވާ ބާރަށް އައްސާލި އެވެ. މިހާރު އެއީ އެ ވޯކްޝޮޕަށް ވަދެގެން އައި އަފްޒަލްއެއް ނޫނެވެ. އެއީ ދަތުރަކަށް ތައްޔާރުވެގެން ހުރި 'ކެޕްޓަން އަފްޒަލް' އެވެ.
ޗާޓުން ދެއްކި މަންޒިލަށް ފުރަން ދާން ބުރީފްކޭސް ލައްޕާލައި، އަތްގަނޑުގެ ދެ ފަރާތުގައި ހުރި ތަޅު އަޅުވާލުމާ އެކު ބުރީފްކޭހާ އެކީ އަފްޒަލް އެ ތަނުން ގެއްލިއްޖެ އެވެ. ކަޓް… އެ ހިސާބުން އެ ނިމުނީ… އެއް ނޫނެވެ.
ބުރީފްކޭހާ އެކު ވިދުވަރެއް ހެން ކެޕްޓަން އަފްޒަލް ގެއްލިގެން އެ ދިޔައީ މީގެ 20 އަހަރު ފަހަތަށް، 2005 އަށެވެ. ވޯކްޝޮޕުން ފުންމައިލީ ބ. ތުޅާދޫގެ މުސްކުޅި ގެއަކަށެވެ.
ބިމުގައި ފައި ޖެހުމާ އެކު ކެޕްޓަން އަފްޒަލް އެ ގެއަށް ނަޒަރު ހިންގާލި އެވެ. އެއްވެސް ދިރުމެއް، މީހެއްގެ ހިލަމެއް ނެތެވެ. ކުރިމަތިން ފެންނަނީ ކުނަލެއް ފަތުރާލާފައި ހުރި އިހު ޒަމާނުގެ އުނދޯއްޔެކެވެ. އޭގެ މަތީގައި ބާއްވާފައި އޮތީ ލިޔެލާ ޖަހައި ޒީނަތްތެރިކޮށްފައިވާ ކުރަނޑިއެކެވެ. އަފްޒަލްއަށް ބުރީފްކޭހުގެ ތެރެއިން ފެނުނު ކޮންމެވެސް އެއް ސިޓީ އުރައެއްގެ އިސްޓޭމްޕުގައި ދައްކާފައިވާ ގޮތަށެވެ.
އަފްޒަލް ހިނގާފައި ގޮސް ކުރަނޑީގެ މަތި ނަގައި، އެ ސިޓީއުރަ އޭގެ އެތެރަށް ލައި މަތިޖެހި އެވެ. އެ ދަތުރުގެ މަގްސަދު އެ ހިސާބުން ހާސިލްވީ އެވެ. ނަމަވެސް ނޭނގެނީ ދެން އޭނާއަށް ވީ ގޮތެކެވެ.
އޭރު ތުޅާދޫގެ އެހެން ދިމާލަކުން ޒުވާނުންތަކެއް ދިޔައީ އެމީހުންގެ އަމިއްލަ ދަތުރެއް ކުރަމުންނެވެ. ހަރުމަނިޔާގެ ހިތްގައިމު މިއުޒިކީ ބަނޑިތަކާއި ވާރޭ ތިކިތަކުގެ ތެރެއިން ލޯބި ހާސިލުކުރުމަށްޓަކައި ކޮންމެވެސް މަރިޔަމްއެއްގެ ފަސްފަހަތުން ނަށަމުން، ލަވަކިޔަމުން މުޅި ރަށް ކުޑަ ކުރަނީ އެވެ.
މިހިސާބަށް މި ކިޔާ ދެވުނީ 'އެކަތި ބޮޑުބެރު' ގްރޫޕުން މިފަހުން ނެރުނު ސްކިޓުތަކެއްގައި ފެނުނު މަންޒަރުތަކެވެ. އެ ދެ ވީޑިއޯ ގުޅެނީ މިދިޔަ މަހު ނެރުނު 'މަރިޔަމް މަލާ' ލަވަޔާ އެވެ. މި ލަވައިގެ ފަހު މަންޒަރު ފިޔަވައި ދެން ފެނުނު ހުރިހާ ކަމެއް ހިނގީ އަފްޒަލް 20 އަހަރު ފަހަތަށް ދަތުރުކޮށް، ކުރަނޑީގެ ތެރެއަށް ސިޓީއުރަ ލީ ވަގުތުގަ އެވެ. އެ ލަވަ ނިންމާލީ ބެލުންތެރިންނަށް ޖަވާބު ނުލިބޭ ސުވާލުތަކަކާ އެކު ސަސްޕެންސެއްގައި ބައިތިއްބާފަ އެވެ. އެއްވެސް މީހަކަށް މަރިޔަމްގެ ލޯބި ހާސިލުކުރެވުނުކަން ނުވަތަ ނުވިކަމެއް ވެސް ނޭނގެ އެވެ. ލަވަ ނިންމާލީ މަރިޔަމް ގޮސް ކޮންމެވެސް ކުރަނޑިއެއްގެ މަތި ނަގާ ހިސާބުންނެވެ.
ލަވައިގައި މަރިޔަމް ކުރަނޑީގެ މަތި ނަގާ ހިސާބުން ދެން ވާ ގޮތް ފެންނަނީ ދެ ވަނަ ސްކިޓުގެ ފަހު މަންޒަރުންނެވެ. އޭނާ ކޮންމެވެސް ތަނަކަށް ދާން ފަރިވެގެން ގޮސް އިށީންނަނީ އެއްކަލަ އުނދޯލީގަ އެވެ. ކުރަނޑީގެ މަތި ނަގައި އޭގެ ތެރެއަށް އަފްޒަލް ލާފައި އޮތް ސިޓީ އުރަ ނަގަ އެވެ. ސިޓީއުރަ ކަނޑާލުމަށް ފަހު އޭގެ ތެރެއިން ނަގާ ކަރުދާސް ގަނޑުގައި ލިޔެފައި އޮންނަނީ 'ދައުވަތު' އެވެ. ކަޓް…. މިފަހަރު ހަމަ ޔަގީނުން ވެސް މި ނިމުނީ އެވެ.
ކެމެރާގެ ޝޮޓު މަރިޔަމްގެ މޫނަށް ބަދަލުކޮށްލުމުން އެއީ ކޮން ތަނަކަށް، ކޮން ކަމަކަށް ދިން ދައުވަތެއްކަމެއް ނޭނގެ އެވެ. އެ ދައުވަތު ކިޔާފައި އޭނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމަކުން ސްކިޓު ނިންމާލަނީ އެވެ. ކުރިން ހުރި ސުވާލުތަކަށް ބޭނުންވާ ޖަވާބުތަކުގެ އެއްބައި ލިބުނު ނަމަވެސް އާ ސުވާލުތަކެއް އުފައްދަމުންނެވެ. އަނެއްކާވެސް އެކަތި ބޮޑުބެރު ގްރޫޕުން އަހަރެމެން ސަސްޕެންސެއްގައި ބައިތިއްބާފައި މި ދިނީ ލަނޑެކެވެ. ފަހަރެއްގައި ކުރިއަށް އޮތް ދުވަސްތަކުގައި ނެރޭ އިތުރު ސްކިޓުތަކަކާ އެކު އެކަތި ބޮޑުބެރުން މި ޖަހާ ސަކާރަތެއް އަހަރެމެންނަށް އެނގިދާނެ އެވެ.
އެ ސްކިޓުތައް ބަލައިލަން ބޭނުންވާ ނަމަ އެކަތި ބޮޑުބެރުގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓަށް ވަނުމުން ވީޑިއޯތަކުގެ ތެރެއިން ފެންނާނެ އެވެ.
@ekathiboduberu The journey begins
♬ original sound - Ekathi Boduberu
@ekathiboduberu Mariyam got her invitation. @231 ♬ original sound - Ekathi Boduberu