އެކަތި ބޮޑުބެރު ގްރޫޕުގެ މަރިޔަމް މާ ލަވައިގެ މަންޒަރެއް. (ފޮޓޯ/އެކަތި)
ޖަޒުބާތު ހިފައިފި؛ މަރިޔަމް މާ ފަހަތުން އެންމެން: ދެނޯ؟
އެއީ 2000ގެ އަހަރުތަކުގެ ކުރީކޮޅެވެ. ބ. ތުޅާދޫ ވަށާލާފައި އޮތީ ލޯބީގެ ވިއްސާރަ ވިލާގަނޑަކުންނެވެ. ވާރޭ ތިކިތަކުން ތެންމާލާފައިވާ ފެންކުލައިގެ ހަވީރެކެވެ. ވިއްސާރައިގެ ރިހި ފަރުދާގެ ތެރެއިން ހަނި ގޯޅިގަނޑަކުން ހެމުން، ދުވަމުން އެ އަންނަނީ މަރިޔަމް އެވެ. ލައިގެން ހުރި މާޖެހި ކަޅު ކުލައިގެ ޕާކިސްތާނު ހެދުން ތެމިފޯވެ، ހީކަރުވައިގެން ގޮސް އޮތީ އޭނާގެ ހަށިގަނޑުގައި ބައްދާލައިގެންނެވެ. ދުވަމުން ދިޔައިރު ވަޔަށް ދޫކޮށްލާފައި އޮތް އޭނާގެ ބުޅި އިސްތަށިގަނޑާއި ކޮނޑު މައްޗަށް އެއްލައިލާފައި އޮތް ކަޅު ދޯޕައްޓާ، ފަހަތުން އިވޭ ހަރުމަނިޔާ އާއި ފުލޫޓުގެ ހިތްގައިމު ރާގުކޮޅަށް ނަށަމުން ދިޔަ ކަހަލަ އެވެ.
މަރިޔަމް ދުވަމުން އައި މަންޒަރު ބަލަން އެ ގޯޅިގަނޑުގެ ދެ ފަރާތުގައި ހުރި ގެތަކުން ފަހަރަކު މީހެއް ބޯ ދިއްކޮށްލަ އެވެ. ވާރޭގެ ތެރެއަށް ފަހަރަކު މީހަކު ނުކުމެ އެ ގޯޅިގަނޑު ފުރާލައިފި އެވެ. އެ މީހުންގެ ހިތުގައި ވަނީ 'ޒަޒުބާތު ހިފާފަ' އެވެ. ތުނި ވާރޭ ތިކިތަކަށް އެ އަލިފާންގަނޑު ނިއްވައެއް ނުލެވޭނެ އެވެ.
އެއީ 'އެކަތި ބޮޑުބެރު' ގްރޫޕުން މިއަދު ބެލުންތެރިންނަށް ދޫކޮށްލި 'މަރިޔަމް މަލާ'ގެ ވީޑިއޯ ލަވައިގެ ފެށުމެވެ. މަރިޔަމްގެ ބައި ކުޅެނީ ދިވެހި މޮޑެލް ސައުޝަން އެވެ. ލަވައިގެ ޑައިރެކްޓަރަކީ ރަވީ ފާރޫގު އެވެ. ސިނަމެޓޮގްރާފަރު އިބްރާހިމް ސުޖާއު (ޖަންކީ)ގެ ލެންސުން ނަގާފައިވާ މި ލަވައިގައި ދައްކައިދެނީ މަރިޔަމް ލިބޭތޯ އޭނާގެ ފަހަތުން އެ ރަށު ޒުވާން ފިރިހެނުން ދުވާ މަންޒަރެވެ.
އެ މީހުންގެ އިހުސާސްތައް އަމުނާފައިވަނީ އިސްމާއިލް މުބާރިކުގެ ޅެމަކަށެވެ. ހިތުގެ ވިންދު ފައްތާފައިވަނީ ހުސައިން ތައުފީގުގެ މިއުޒިކަކަށެވެ. ނާޝިއު އިސްމާއިލް (ނައްޓު)ގެ އަޑުން ބެލުންތެރިންނަށް އެ އިހުސާސްތައް ބަންޑުންކުރަން ފަށަނީ މިގޮތަށެވެ:
ޖަންބުމަލެއް ފަދަ ރީތި މަރިޔަމް މަލާ
ހަދިޔާ ކުރަމޭ ހިތް މި ނަގާފާ
ވިއްސާރައިގެ މަންޒަރުތަކުން ލަވައިގެ ވީޑިއޯއަށް ލޯބީގެ މޫޑު ހެޔޮވަރުކޮށްލަ އެވެ. އެ ވިއްސާރައިން ހިޔާވުމުގެ ނިޔަތެއް މަރިޔަމްގެ ހިތުގައި ވެސް އޮތްހެން ހިޔެއް ނުވެ އެވެ. ވަކި ހިސާބަކަށް ގޮސް މަޑުކޮށްލުމަށް ފަހު އެނބުރި ބަލައިލަ އެވެ. ފަހަތުގައި ތިބި މީހުންނަށް ހަދިޔާއަކަށް ރަކި ހިނިތުންވުމެއް ދިނުމަށް ފަހު ހިނގައިގަނެ އެވެ. އެ މީހުންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މަރިޔަމްގެ އެ ހަރަކާތް އެ މީހުންނަށް ފެނުނީ ފަހަތުން އަންނާށޭ ބުނެ ދިން ދައުވަތެއްގެ ގޮތުގަ އެވެ.
ލަވަ އަދި ރަނގަޅަށް މި ފެށުނީ އެވެ. ޓަކި ބެރުގެ ބީޓުތަކަށް ފައިހަމަކޮށް ނަށަމުން، މަރިޔަމްގެ ފަހަތުން ލަވަ ކިޔަމުން އެ މީހުން ވެސް ހިނގައިގަނެ އެވެ. އެ ދާ ގޮތަށް ގޮސް ގެއެއްގެ އަސްކަނި ދަށުގައި މަޑުކޮށްގެން އިން މަރިޔަމްގެ ކުރިމައްޗަށް އަރައި ޖަޒުބާތުތައް ބަންޑުންކޮށްލަ އެވެ.
ލަވައިގެ ބާކީ ހުރި ކަޑިތައް މަރިޔަމްއަށް ކިޔައިދެމުން އެ މީހުން މުޅި ތުޅާދޫ ކުޑަކުރެ އެވެ. އެކި ސީންތަކުގައި އެކި މީހުންނެވެ. ވަކި ހިސާބަކުން ލަވަކިޔަން ހުރި ނައްޓުއަށް ވެސް ހިމޭނުން ނުހުރެވެނުވެ. މަރިޔަމް ފަހަތުން ނަށަމުން، އޭނާ ލައިގެން ހުރި ހެދުމަށް ތައުރީފު ކުރަމުން، ދޯޕައްޓާއާ ކުޅެމުން ގޮސް ދެން ފެނުނީ ދެ ކަކޫ މައްޗަށް ތިރިވި ތަނެވެ.
ނަމަވެސް ނޭނގެނީ އޭގެ ތެރެއިން މަރިޔަމްއަށް ކަމުދަނީ ކާކު ކަމެވެ. ކޮންމެ ފަހަރަކު ވެސް އެ މީހުންނާ މައްލަވަ ކޮށްލުމަށް ފަހު މަރިޔަމް ދުވެ ފިލަނީ އެވެ. ކޮނޑު މަތިން ފަހަތަށް އެއްލައިލާ އިސްތަށިގަނޑުން ޓާޓާ ކިޔަމުންނެވެ. އެ މީހުންގެ ތެރެއިން މަރިޔަމްއަށް ކަމުދަނީ ކާކުކަން ނޭނގި، މުޅި ރަށް އޮންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ލަވައިގެ ކުލައިމެކްސްގައި ފެންނަނީ މުސްކުޅި ގެއެއްގެ ތެރޭގައި އެކަނިމާއެކަނި މަރިޔަމް އިންނަ މަންޒަރެވެ. ކޮންމެވެސް ކަމަކަށް ތައްޔާރުވަނީ އެވެ. ލައިގެން ހުންނަނީ މާޖެހި، ރަތްކުލައިގެ ހެދުމެކެވެ. ކަމުދާ މީހަކު ހިޔާރުކުރީ ހެއްޔެވެ؟ އެ އިނީ އެ މީހެއްގެ އިންތިޒާރުގައި ހެއްޔެވެ؟ މިފަހަރު މޫޑު ސެޓުކޮށްދޭން ވިއްސާރަ ވިލާގަނޑަކާއި ވާރޭ ބޭނުމެއް ނުވެ އެވެ. އެ ފަޅުގެ އާއި އެ ގެއަށް ފާއްދާލާފައި ހުރި ފަނޑު އަލިން ވެސް ފުދޭނެ އެވެ.
ދޯޕައްޓާ ހެޔޮވަރުކޮށްލުމަށް ފަހު މަރިޔަމް ގޮސް އުނދޯއްޔެއްގައި އިށީނދެ އެވެ. އެ ފަނޑުއަލީގައި އުނދޯލި ހެއްލަމުން އޭގެ މަތީގައި އޮތް ކުރަނޑިއެއް ނަގައި އުނގަށް އަރުވަ އެވެ. ދެން ފެންނަނީ އޭގެ މަތިކިބަ ނަގާ ތަނެވެ. ކަޓް... މުޅިން ކަޅު އިސްކިރީނަކަށް ގޮސް، އެ ހިސާބުން ލަވަ ނިމުނީ އެވެ.
ސްޓޯރީގައި ދެން ވާ ގޮތެއް، މަރިޔަމް މީހަކާ ހިތާވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. މާ ވަރަކަށް އެ ފަރިވީ ކީއްކުރަން ހެއްޔެވެ؟ ކުރަނޑީގެ ތެރޭގައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ ސުވާލުތަކުން ފުރިގެންވާ ނިމުމެކެވެ. މިހެން ސަސްޕެންސެއްގައި ބައިތިއްބާފައި ލަވަ ނިންމައިގެން ނުވާނެ އެވެ. ނަމަވެސް ލޯތްބަކީ ވެސް ބައެއް ފަހަރު އެކަހަލަ އެއްޗެކެވެ. އުންމީދުން ފެށިޔަސް ބައެއް ފަހަރު ނިމެނީ މިކަހަލަ 'އަދޫރީ ކަހާނީ'އަކުންނެވެ. މިފަހަރު އަހަރެމެން، ބެލުންތެރިންނަށް ވެސް މި ލިބުނީ އެކަހަލަ ކެއްސެކެވެ.
ނަމަވެސް އެކަތި ބޮޑުބެރުން ބުނަނީ އެހެން ނުހަދާނެ ކަމަށެވެ. ޖަވާބުތައް ހޯދަން ބެލުންތެރިން ކުޑަކުޑަ އިންތިޒާރެއް ކުރަން ޖެހޭނެ އެވެ. ލޯބީގައި ވެސް ބައެއް ފަހަރު ކުރަން ޖެހޭ ނޫން ހެއްޔެވެ؟
މަރިޔަމް މަލާއަކީ އެކަތި ބޮޑުބެރު ގްރޫޕުން އުފައްދާ '231' އަލްބަމުން ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ލަވަ އެވެ. މުޅި އަލްބަމަކީ ހަތް ލަވައިގެ މައްޗަށް އެކުލެވޭ ސްޓޯރީއެކެވެ. ފުރަތަމަ ތިން ލަވަ ނެރޭނީ ވަކިވަކިންނެވެ. އަދި ފަހު ހަތަރު ލަވަ އެއްފަހަރާ ރިލީޒް ކުރާނެ އެވެ.
މުޅި އަލްބަމުން ވެސް ދައްކުވައިދޭނީ ދިވެހިންގެ އާދަކާދަ އާއި ސަގާފަތުގެ އެކި ޒަމާންތަކުގެ ތެރެއިން ކުރާ ދަތުރުތަކެކެވެ. އެ ދަތުރުގެ ދަތުރުނާމާ އެކަތި ބޮޑުބެރު ގްރޫޕުގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ހިއްސާކުރަމުންދާނެ އެވެ.
މަރިޔަމް މަލާ ނިމުނުއިރު އުފެދުނު ހުރިހާ ސުވާލެއްގެ ޖަވާބު ފޮރުވިފައި ވާނީ އެ އަލްބަމުގެ ލަވަތަކުން ކޮންމެވެސް ލަވައެއްގަ އެވެ. ކުރާނެ ކަމެއް ނެތެވެ. ލޯބިވެރިންގެ ދުވަހަށް ނެރުނު ލަވައިގެ ފަހު މަންޒަރަށް ވާރޭ ހުއްޓާލާފައި އޮތް ނަމަވެސް ތަފާތު އިހުސާސްތަކާ އެކު ލޯބީގެ މޫސުން އަދި ކުރިއަށް އޮތީ އެވެ.
ކޮމެންޓް (5)
ރަބަތު
ކަމަކު ނުދޭ
ބޯޖު
އައިލެންޑާރ
ޙަސަނާ