ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

4 ފެބްރުއަރީ 2024
3

އެޕިސޯޑް 28

އެ ރޭ އުމާމާއަކަށް ނުނިދުނެވެ. އޭނަ އެކަނިމާއެކަނި ކައިގެން ޓީވީ ބަލަން އިނދެ އިނދެފައި އެނދަށް އަރައި ކުރި ކަމަކީ ދެ ފަރާތަށް ފުރޮޅުމެވެ. ފުރަތަމަ ދެ ދުވަހު މާގިނައިން ނިދުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއޭ ހިތަށްއެރި އެވެ. ނުނިދޭނެކަން ޔަގީންވުމުން އޭނަ ރައްޔާންއަށް އިންތިޒާރު ކުރަން ފެށި އެވެ.

ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމުން އުމާމާ ރައްޔާންގެ ފޯނަށް ގުޅި އެވެ. އޭނަ ސްޕީކަރަށް ލައިފައި ފެންނަ ހިސާބުގައި މޭޒުމަތީ ބާއްވައިގެން އެއަށް ބަލަން އިނެވެ. ރިންގް ވޭވޭ ގޮސް ކެނޑުނުއިރު ވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. އުމާމާ ގާތަށް ރުޅިއަ އެވެ. އޭނަ ދެވަނަ ފަހަރަށް ވެސް ގުޅި އެވެ. އެކަމަކު ރައްޔާން ހަމަ ހިލާ ފޯނު ހިއްލައިލާނެ ގޮތެއް ނުވި އެވެ. ގަސްތުގައި ނުނަގަންވެގެންކަން ޔަގީނެވެ.

ފޯނު އެލާމްވެގެން އުމާމާއަށް ހޭލެވުނުއިރު އިރު އަރައިފި އެވެ. ތެދުވެ އިށީންއިރު އޭނައަށް އިނދެވުނީ ސޯފާގަ އެވެ. ރައްޔާން ގެއަށް ވަދެގެން އެ ދިޔައީ އޭނައަށް ނުވެސް ގޮވަ އެވެ. އެކަމަކު އޭނަގެ ގައިމަތީ ރަޖައެއް ފަތުރައިދީފައި އޮތެވެ. އުމާމާއަށް ރައްޔާން ނުވެސް ފެންނަނީސް ރައްޔާންގެ އަޑު އިވުނެވެ. އޭނަ ރަޖާ އެއް ފަރާތް ކޮށްލާފައި ތެދުވެގެން ބަދިގެއާ ދިމާއަށް ދިޔަ އެވެ. ހެނދުނު ހޭލި ގޮތަށް އޭނައަށް ހުރެވުނު ވައްތަރެއް ވެސް ނޭނގެ އެވެ. ކުޑަމިނުން ނިއުޅިފައި އޮތް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާކަށް ވެސް އުމާމާ މަޑެއްނުކޮށްލަ އެވެ.

ރައްޔާން ސްވެޓްޕޭންޓެއްގައި ހުސްގަޔާހަދާލައިގެން ހުރެ ކޮންމެވެސް އެއްޗެއް ތައްޔާރުކުރަމުން ފޯނުން މީހަކާ ވާހަކަދައްކަނީ އެވެ. ރައްޔާންގެ ކަންފަތުގައި އެއާޕޮޑް ހުރިއިރު ފޯނު އޮތީ ކިޗެން އައިލެންޑްމަތީ ބާއްވައިފަ އެވެ. އުމާމާ ދިޔަގޮތަށް ގޮސް ފޯނު ކަނޑާލައިފި އެވެ.

ރައްޔާން ސިހިފައި އެނބުރި ބަލައިލި އެވެ.

"އުމާމާ ކީއްވެގެން ފޯނު ކަނޑާލީ؟" ރައްޔާން ފޯނާ ދިމާއަށް އަންނަމުން ސުވާލުކުރި އެވެ.

އުމާމާ ކޮނޑު އަރުވައިލި އެވެ. ރައްޔާން އައިސް ކައިރިވާން ވާއިރަށް އޭނަ ފޯނު ނަގައި އަތް ފުރަގަހަށްލި އެވެ. ރައްޔާން ހުއްޓުނީ ކިޗެން އައިލެންޑްގެ އަނެއް ފަރާތުގަ އެވެ.

"ކޮބާ މައްސަލައަކީ؟" ރައްޔާން ސީރިއަސްވެފައި އެހި އެވެ.

"ރޭގަ އަހަރެން ގުޅީމަ ފޯނެއް ނުނަގަމެއްނު؟" އުމާމާ ހަނދާންކޮށްދިނެވެ.

"އަހަރެން ބުނީމެއްނު އުމާމާ ކައިގެން ނިދާށޭ،" ރައްޔާން ބަލަން ހުރެލައިފައި ޖަވާބުދިނެވެ.

"އޭގެ މާނައަކީ އަހަރެން ގުޅީމަ ފޯނެއް ނުނެގޭނެއެކޭ ނުބުނަމެއްނު؟" އުމާމާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"އެންމެ ރަނގަޅު. ކީއްކުރަން ގުޅީ؟" ރައްޔާން އެންމެފަހުން އެހި އެވެ.

އުމާމާ ހިމޭންވީ އެ ހިސާބުންނެވެ. އޭނަ ރައްޔާންއަށް ގުޅީ ނުނިދިގެންނެވެ. އަދި ރައްޔާން ނެތުމުން ފަޅުވެގެންނެވެ. އެކަމަކު އެހެން ބުނާ ހިތެއް ނުވި އެވެ.

"މިހާރު އެވަގުތު ހިނގައްޖެ. މިހާރު ދެން ކީއްކުރަން އޮޅުންފިލުވަނީ؟" އުމާމާ ފޯނު ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ.

ރައްޔާންއަށް މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލެވުނެވެ. އުމާމާ މި އުޅޭ ގޮތެއް އޭނައަކަށް ނުވިސްނުނެވެ. އެކަމަކު އޭނަ ގާތަށް ރުޅިއެއް ވެސް ނާދެ އެވެ. އޭނަގެ ސަމާލުކަން ހޯދަން އުމާމާ ކުރާ ކަމަކަށް ވެސް ވެދާނެ އެވެ. އޭނައަށް ވިސްނިފައި ހުރި ގޮތުން ވިއްޔާ އުމާމާ ބޭނުންވަނީ އޭނައާ ނުލާ އުޅެން ދަސްކުރާށެވެ. އެހެން މީހަކަށް ބަރޯސާނުވެ އެކަނި އުޅޭށެވެ. އޭނަ އުމާމާއަށް އެ ދެނީ އެ ފުރުސަތެވެ.

"ފްރެޝްވެލައިގެން އާދޭ ނާސްތާކުރަން،" އުމާމާ ކޮޓަރިއަށް ވަންނަނިކޮށް ރައްޔާން ގޮވި އަޑު އިވުނެވެ.

ދޮރު ތަޅުލާފައި ރައްޔާންގެ ފޯނު އެތާ ހުރި ކަބަޑެއްގެ މަތީ ވަތްގަނޑަކަށް ލައި ފޮރުވުމަށް ފަހު އުމާމާ ގޮސް އެނދަށް ވެއްޓިގަތެވެ. އޭނަ ހަމަ ގަސްތުގައި ރައްޔާންއަށް އުނދަގޫކުރަންވެގެން ނުނިކުންނަން ކޮޓަރި ތެރޭ މަޑުކުރީ އެވެ. އެނދުގައި އޮވެ އޮވެފައި ދެން ވަނީ ފާހާނާއަށް ފެންވަރާށެވެ. ރައްޔާން އައިސް ދޮރުގައި ޓަކި ދިނީ އުމާމާ ފާހާނާގައި ހުއްޓައެވެ.

"އުމާމާ! އަދިވެސް ނުނިމޭތަ؟ ނާސްތާކުރަން ނިކުމެބަލަ!" ރައްޔާން ގޮވި އެވެ.

އިރުކޮޅަކު މަޑުކޮށްލާފައި ހަބަރެއް ނުވުމުން ރައްޔާން އެނބުރިދިޔަ އެވެ. އުމާމާ ނިކުތީ އޭގެ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. މުށިކުލައިގެ ގަޔަށް ދޫ ބޮޑު ޓީޝާޓަކާ އެކު ތިރިން ހުދު ހަރުވާޅެއްގައި ހުރިއިރު އިސްތަށިގަނޑުގައި ވެސް ދައްޗެއް ޖަހައި ހައްޔަރުކޮށްލާފަ އެވެ.

ރައްޔާން މޭޒު ދޮށުގައި އިންދާ ފެނުމުން އުމާމާ އެ ދިމާއަށް ދިޔަ އެވެ. އޭނަ އިށީންނަމުން މޭޒުމަތީ ހުރި ކާއެއްޗިއްސަށް ވަކިވަކިން ބަލައިލި އެވެ. ޕާނާއި ބަޓަރާ އެކު ސްކްރެމްބަލްކޮށްފައި ހުރި ބިހާއި ކޮށާފައި ހުރި މޭވާގެ އިތުރުން ޔޯގަޓެއް ހުއްޓެވެ.

"އުމާމާއަށް ކަމުނުދަންޏާ ކަމުދާ އެއްޗެއް ހެދިދާނެ،" އުމާމާ ތަށިތަކަށް ބެލިކަން ފާހަގަވެގެން ރައްޔާން ބުނެލި އެވެ.

އުމާމާ ރައްދެއް ނުދެ އެވެ. އޭނައަށް ބަހައްޓާފައި ހުރި ބިސް ތަށި ކައިރިކޮށްލައިގެން އުލަކުން ކާން ފަށައިފި އެވެ. ރައްޔާން ކެއުން މެދުކަނޑާލައިފައި އުޅަނބޮށި މޭޒުގައި ވިއްދާލުމަށް ފަހު ދެ އަތްތިލަ ގުޅުވާލައިގެން އުމާމާގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު އިނެވެ. އުމާމާ ހަމަ ބަހަކުން ބަހެއް ވެސް ނުބުނެ އެވެ. ނުވިތާކަށް ދެވަނަ ފަހަރަށް އޭނަގެ މޫނަށް ބަލައިވެސްނުލި އެވެ.

"ކޮބާ އަހަރެންގެ ފޯނު؟" ރައްޔާން އެހި އެވެ.

އުމާމާގެ އަތަށް ކުޑަ ހުއްޓުމެއް އަ އެވެ. "ވެއްޖެ ކޮޓަރީގަ،" އުމާމާ އަނެއްކާވެސް ކާން ފެށި އެވެ.

ހިމޭނުން ތިބެގެން ދެ މީހުން ނާސްތާކޮށް ނިންމައިލި އެވެ. އުމާމާ ތަށިތައް ނަގައިގެން ގޮސް ސިންކު ކައިރީ ހުއްޓުނީ ދޮންނާށެވެ. ރައްޔާން ތެދުވެގެން ދިޔައީ ކޮޓަރިއާ ދިމާއަށެވެ.

***

އެ ރޭ އުމާމާއަށް ނުނިދިގެން ފުރޮޅި ފުރޮޅިފައި ތެދުވީ ރައްޔާންގެ ފޯނު ރިންގްވާ އަޑަށެވެ. އޭނަ އެނދުން ފައިބައިގެން ގޮސް ނެގިއިރު ކޮންމެވެސް ނުދަންނަ ނަންބަރަކުން ގުޅަނީ އެވެ. ޖަވާބު ދިނުމަކާނުލާ އަޑު ކަނޑާލައިފައި އޭނަ ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. މުޅި ދުވަހު ރައްޔާން އެ އުޅުނީ ފޯނާ ނުލަ އެވެ. ގިނަ ވަގުތު ގޭގައި ހޭދަކުރީ ވެސް އެހެންވެ ކަމަށް ވެދާނެ އެވެ. އެކަމަކު ފަހުން އެއް ފަހަރު ވެސް ފޯނު ކޮބައިތޯއެއް އޭނަ ކައިރިއަކު ނާހަ އެވެ.

އުމާމާ ގޮސް ތަޅުގައި ހިފިއިރު ކޮޓަރި ހުރީ ތަޅުނުލަ އެވެ. އޭނަ ދޮރު ހުޅުވާލައިފައި އެތެރެ ބަލައިލި އެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ރައްޔާން އޮތީ ކިންގް ސައިޒް އެނދުގެ އެއް ފަޅީގައި ނިދާފަ އެވެ. އުމާމާ ފޯނު ގެންގޮސް ސައިޑު ޓޭބަލް މަތީ ބާއްވާފައި ރައްޔާންގެ މޫނު ފެންނަ ހިސާބުގައި މަގަތުގައި އިށީނދެލި އެވެ. ނިތްކުރިއަށް ފައިބާފައިވާ އިސްތަށިތައް އޭނަގެ އިނގިލިތަކުން ރީތިކޮށްލަދިން ވަގުތު ރައްޔާންއަށް ހޭލެވުނެވެ.

"އުމާމާ! ކީއް ތިކުރަނީ މިތާގަ؟" ނިދި އަޑަކުން ރައްޔާން އެހި އެވެ.

އުމާމާ އެއްވެސް ޖަވާބެއް ނުދެ އެވެ. ބަލަހައްޓައިގެން އިނީ އެވެ.

ރައްޔާން ލޯ ފުހެލާފައި ރަނގަޅަށް އުމާމާއަށް ބަލައިލި އެވެ. އުމާމާ ހީވަނީ ކަމަކާ ދެރަވެފައި އިން ހެންނެވެ. އޭނަ ތެދުވެ ހެޑްބޯޑުގައި ރަނގަޅަށް ލެނގިލި އެވެ.

"ނިދަން އުނދަގޫވީތަ؟" ރައްޔާން އެހި އެވެ.

އުމާމާ ބޯޖަހައިލި އެވެ.

"އަހަރެން ކީއް ކޮށްދޭންވީ؟ ބަނޑުހައިވެގެންތަ ނުނިދުނީ؟ އެއްޗެއް ކާލަން ދާންވީނު،" ރައްޔާން އެކި ގޮތްގޮތަށް ވިސްނާފައި ވާހަކަދެއްކި އެވެ.

"އަހަރެން މިތާ ނިދަންތަ؟" އުމާމާ އަހައިލި އެވެ.

އެ ސުވާލުން ރައްޔާން ސިހުނެވެ. އޭނަ އައި ފަހުން ވަކި ކޮޓަރިއެއްގައި ނިދަނީ ވެސް އުމާމާ އެ ގޮތް ބޭނުންވާނެކަން އެނގޭތީ އެވެ. ކުއްލިއަކަށް އައިސް އެހެން އެހުމުން ހައިރާންނުވާނެ ހެއްޔެވެ؟

"ޕްލީޒް!" ރައްޔާން ޖަވާބެއް ނުދިނުމުން އުމާމާ އާދޭސްކުރި އެވެ.

"އޮށޯވޭ!" ހުސްތަނުގައި އަތުން މަޑުމަޑުން ތަޅާލައިފައި ރައްޔާން ދައުވަތުދިނެވެ.

އުމާމާ އުފަލުން އަވަހަށް އަނެއް ފަރާތުން އަރައި އެނދުގެ އެ ފަޅީގައި އޮށޯވެއްޖެ އެވެ. އޭނަ އެނބުރުނުއިރު ރައްޔާން ތިރިވެލާފައި އޮށޯވެލީ އޭނައަށް ފުރަގަސްދީގެންނެވެ. އުމާމާއަށް އެ ގޮތެއް ކަމަކުނުދިޔަ އެވެ. އެ ދެމެދުގައި އެހާ ބޮޑު ހުސް ތަން ވެސް އޮތެވެ. އޭނަ މިރޭ އެކަނި ނިދާކަށް ބޭނުމެއް ނޫނެވެ. ރައްޔާންގެ އެނދުގައި ނިދިއަސް ރައްޔާން އެހާ ދުރުގައި އޮންނަންޏާ އެކަނި އޮތުމާ ތަފާތެއް އެބަ އޮތް ހެއްޔެވެ؟

"ކެން ޔޫ ހޯލްޑް މީ؟" އުމާމާ ބުނި އަޑު އިވުނެވެ.

ރައްޔާން އެ ދިމާއަށް އެނބުރުނުއިރު އުމާމާ ބަލަހައްޓައިގެން އޮތެވެ. އޭނަ ކުޑަކޮށް ތެދުވެލާފައި ކައިރިވާން ފެށުމުން އުމާމާ އަނެއް ފަރާތަށް އެނބުރުނެވެ. ރައްޔާން އޭނައާ ކައިރިވެފައި ފަހަތުން ބައްދައިލި އެވެ. އުމާމާއަށް ބަރުވެދާނެތީ ފައިނުލާންވެގެން ހަމައެކަނި ފައި ކައިރިކޮށްލި އެވެ.

"މިހާރު އޯކޭތަ؟" ރައްޔާން މަޑުމަޑުން އެހި އެވެ.

"ހޫމް،" އުމާމާ ޖަވާބުދިނެވެ.

އެކަކު އަނެކެއްގެ ބީހުމުން އަރާމުވެގެން ނިދުމުގެ ބަދަލުގައި ކަންތައްވީ އޭގެ އިދިކޮޅަށެވެ. އުމާމާއާ އެހާ ކައިރީ އޮންނަންވުމުން ރައްޔާންގެ ނިދި ފިލައިފި އެވެ. އަނެއްކޮޅުން އުމާމާގެ ލޮލަކަށް ވެސް ނިންޖެއް ނަ އެވެ. އޭނަ ރައްޔާންއާ ކުރިމަތިލާން އުޅުމުން ރައްޔާން އަތް ނެގި އެވެ. އުމާމާ އެނބުރި ރައްޔާންގެ މޫނަށް ބަލަން އޮތެވެ. ފަނޑު އައްޔަށް ލޯ ހޭނުމުން ކޮންމެވެސް ވަރަކަށް އެކަކު އަނެކެއްގެ މޫނު ފާހަގަކުރަން އެނގެ އެވެ.

"މާދަން އަހަރެން ޔުނިވަސިޓީއަށް ދާން ފެށީމަ ރައްޔާން ދެން ގޭގަ ކީއް ކުރާނީ؟" އުމާމާ އެހި އެވެ.

"ކުރެވޭނެ ކަންކަން ހުންނާނެއެއްނު؟ އެކަމާތަ ތި ވިސްނަނީ؟" ރައްޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

"މިހާރު ހަފްތާއެއް ވާން އުޅެނީއެއްނު؟ ރައްޔާން ދެން ފުރާނީތަ؟" އުމާމާ އިތުރަށް އެހި އެވެ.

"އެއީއެއްނު ޕްލޭންއަކީ؟ އުމާމާއަށް އެނގެއެއްނު؟" ރައްޔާން ކުޑަ އިރުކޮޅެއް ކޮށްލާފައި ޖަވާބުދިނެވެ.

"މިކޮޅުގަ ހުރެގެން ރައްޔާންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭކަށް ނީންނާނެތަ؟" އުމާމާ ކުރަމުންދިޔަ ސުވާލުތަކަކީ ޚުދު އޭނަ ވެސް ކުރިން ވިސްނި ސުވާލުތަކެއް ނޫނެވެ.

"ވަރަށް އުނދަގޫވާނެ،" ރައްޔާން ބުނެލި އެވެ.

އެ ހިސާބުން އަނެއްކާވެސް ހިމޭންކަން ވެރިވި އެވެ. އުމާމާ ކައިރިވެލާފައި ރައްޔާންގެ މޭމަތީ ބޯއަޅާލުމުން ރައްޔާންއަށް އިހުތިޔާރެއްނެތި އުމާމާގެ އިސްތަށިގަނޑާ ކުޅެވެން ފެށުނެވެ. އުމާމާއަށް ނިދުނީ އެހެން އޮއްވަ އެވެ. އެކަމަކު ރައްޔާންއަކަށް ދެން އެ ރޭ އިތުރަށް ނިދޭ ގޮތެއް ނުވި އެވެ. އޭނަ ތެދުވެގެން ދިޔައީ ވުލޫކޮށްލާށެވެ. ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުން ހޯދޭނެ އޮތީ އެންމެ ގޮތެއްކަން އޭނައަށް އެނގެ އެވެ. އެ ހިތަށް ޝިފާ ދެވޭނެ ހަމައެކަނި ފަރާތަކީ އޭނަގެ ވެރިފަރާތެވެ.

***

ރައްޔާން ފުރަން އޮތް ދުވަހު އުމާމާ ޔުނިވަސިޓީއިން އަވަހަށް ގެއަށް އަ އެވެ. ކާރުގެ ދޮރު ޖަހާފައި އަވަހަށް ދުއްވައިގަތީ ގެއަށް ވަންނާށެވެ. ލިފްޓް އަރާލެއް ލަސްވެގެން ފުރަތަމަ ފަހަރަށް ޝަކުވާކުރެވުނު ދުވަހަކީ ވެސް އެއީ އެވެ. ދޮރު ހުޅުވާލައިފައި އެތެރެއަށް ވަންއިރު ރައްޔާން ފޯނެއްގައި ހުރީ ސިޓިންރޫމްގަ އެވެ. ދާދި ގާތުގައި ކޮޅަށް ބަހައްޓާފައި އެ ހުރީ ރައްޔާންގެ ފޮށްޓެވެ. އުމާމާ އެއް ފަހަރު ފޮށްޓަށް އަނެއް ފަހަރު ރައްޔާންއަށް ބަލާލައިފައި ސޯފާއަށް ދަބަސް ވައްޓާލުމަށް ފަހު ކައިރިއަށް ދިޔަ އެވެ.

އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާ ކައިރީ ފަހުން ގުޅާނަމޭ ކިޔާފައި ރައްޔާން ފޯނު ބޭއްވި އެވެ. އޭނަގެ ނަޒަރު ވެސް ހުރީ ކައިރިވަމުން އައި އުމާމާ އަށެވެ.

"ފުރަންތަ ތި އުޅެނީ؟" އެއީ މޮޔަ ސުވާލެއްކަން އުމާމާ އެ ސުވާލުކުރިއިރު ވެސް އިނގެ އެވެ.

އެކަމަކު އޭނަ ބޭނުންވީ ރައްޔާން އޭނަގެ ސުވާލު ދޮގުކުރާށެވެ.

"އުމާމާ!" އުމާމާގެ ފެންކަޅިވެފައިވާ ދެ ލޮލަށް ބަލަމުން ރައްޔާން އެ ނަން ކިޔާލި އެވެ.

"ދެން ހަމަ ދަނީތަ އަހަރެން ބަހައްޓާފަ؟ ރައްޔާން ދެރައެއް ވެސް ނުވޭތަ؟" އުމާމާ އައިސް ރައްޔާންގެ ކުރިމައްޗަށް ހުއްޓިފައި ލައިގެން ހުރެ ޓީޝާޓްގައި ދެ އަތުން ހިފާ ބޮނޑިކޮށްލި އެވެ.

"ޔޫ ވިލް ޑޫ ފައިން،" ރައްޔާން އުމާމާގެ މޫނުގެ ދެ ފަރާތުގައި ހިފާލައިފައި ހިނިތުންވެލި އެވެ.

އުމާމާ ވަގުތުން ދެ ފަރާތަށް ބޯ ހޫރުވައިލި އެވެ. އޭނަ ރައްޔާންގެ ދެ އަތް ފޮޅުވާލައިފައި ފަހަތަށް ޖެހުނެވެ.

"އުމާމާ އަޑުއަހާބަލަ! އަހަރެން ކިތަންމެ ދުރުގަ ހުއްޓަސް އުމާމާއަށް ވާނުވާ ބަލާނަން. ކޮންމެ ދުވަހަކު ގުޅައިގެން ވެސް ވާހަކަދެއްކޭނެއެއްނު؟ އަހަރެން ފަހުން ވިސްނިން އުމާމާގެ ނިންމުމާ މެދު. ކޮންމެ މަގްސަދެއްގަ މިކޮޅަށް އަންނަން ބޭނުންވިއަސް މީ ރަނގަޅު ނިންމުމެއް. ޔޫ ކެން ސްޓަޑީ އެން ބީ ސަމްވަން. އަދި އަހަރެން މި ހުރީ އުމާމާގެ ކޮންމެ ހުވަފެނެއް ތެދުކޮށްދޭން ތައްޔާރަށް،" ރައްޔާން އުމާމާއަށް ވިސްނައިދޭން މަސައްކަތްކުރި އެވެ.

"އަހަރެންގެ ބައްޕަ އަހަރެން ހޯދައިގެން އަތުވެއްޖެއްޔާ؟" އުމާމާ އަނެއްކާ ސުވާލު ކުރި އެވެ.

"ބައްޕައަކަށް އުމާމާއެއް ނުހޯދޭނެ. އަހަރެންގެ އާއިލާގެ ގިނަ މީހުންނަށް ވެސް ނޭނގޭނެ އުމާމާ ހުރީ ކޮންތާކު ކަމެއް،" ރައްޔާން ޔަގީންކަން ދިނެވެ.

އުމާމާ ކުޑަކޮށް ވެސް ހަމަޖެހުނީ ދެނެވެ. އެކަމަކު ވެސް ރައްޔާން އޭނަ އެކަނިކޮށްލާފައި ދާތީ ހާދަ ހިތަށް އެބަ ތަދުވެ އެވެ. އެކީ އުޅެއުޅެ ރައްޔާންއާ އެކު އުޅުން އާދައަކަށް ވެއްޖެ އެވެ. ރައްޔާން އޭނައަށް ދޭ ހިމާޔަތާއި ރައްކާތެރިކަން އޭނައަށް ކޮންމެހެން އެއާ ނުލާ ނޫޅެވޭ އެއްޗަކަށް ވެއްޖެ އެވެ.

"ކަމް ހިއާ!" ރައްޔާން ދެ އަތް ހުޅުވައިލި އެވެ.

ވަކިވުމުގެ ކުރިން ފަހު ފަހަރަށް އަނބިމީހާ ގެނެސް އެ ދެ އަތުގެ ތެރެއަށް ލައި ބޮނޑިކޮށްލަން އޭނަ ބޭނުންވި އެވެ. އަދި އުމާމާ ވެސް މިއަދު އެކަމަކާ ދެކޮޅެއް ނުހަދަ އެވެ. އައިސް ރައްޔާންގެ ދެ އަތު ތެރެއަށް ވަދެއްޖެ އެވެ.

"ކޮންމެ ދުވަހަކު އަހަންނަށް ވީޑިއޯ ކޯލް ކުރާތި!" އުމާމާ ރައްޔާންގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ތަކުރާރުކޮށް އެދުނެވެ. އަދި ރައްޔާން ވެސް ތަކުރާރުކޮށް އެކަމަށް ވައުދުވި އެވެ.

"ދެން ކޮން އިރަކުން އަހަރެން ކައިރިއަށް އަންނާނީ؟" ރައްޔާން އޭނަ ދުރުކޮށްލުމާ އެކު އުމާމާ ފުރަތަމަ ވެސް އެހީ އެ ސުވާލެވެ.

ރައްޔާންއަށް އެ ސުވާލަށް ސީދާ ޖަވާބެއް ދޭން ދަތިވި އެވެ. އޭނަ އުމާމާ ފަހަތުން އައީ ވެސް ހުރިހާ ކަމެއް ދޫކޮށްލާފަ އެވެ. އެނބުރި ގޮސް ހަމައަކަށް އަޅުވަން ހުރި ކަންކަން ގިނަ އެވެ. މަސައްކަތްތައް ހުންނާނީ ބޮނޑިޖެހިފަ އެވެ. ރެޔާދުވާލު ގިނަ ވަގުތުތަކެއް ދީގެން ނޫނީ އެކަންކަން ހަމައެއް ނުޖެއްސޭނެ އެވެ. ދެން އަނެއްކާ އެހާ އަވަހަށް ފަސޭހައެއް ނުވާނެ އެވެ.

"ރައްޔާން!" ރައްޔާން ވިސްނުމަކަށް ގެއްލިފައި ހުއްޓާ އުމާމާ ތަންކޮޅެއް ބާރަށް ގޮވާލި އެވެ.

ގަޑިއަށް ނަޒަރެއް ދީފައި ރައްޔާން ގޮސް ހިފީ ފޮށީގެ އަތްގަނޑުގަ އެވެ. ފަހަތުން އުމާމާ ވެސް ދޮރާ ދިމާއަށް ދިޔަ އެވެ.

"ނުބުނަމެއްނު ދެން އަންނަނީ ކޮން އިރަކު ކަމެއް؟" އުމާމާ ހަނދާނެއް ނުނެތެ އެވެ.

ބޭރުގައި ހުރި ޑްރައިވަރު ރައްޔާންގެ ފޮށި ހިފައިގެން ގޮސް ލިފްޓަށް އެރި އެވެ.

"މާލަހެއް ނުވެ އަންނާނަން. އިންޝާﷲ،" ރައްޔާން ސީރިއަސް ނަޒަރަކުން އުމާމާއަށް ބަލަމުން ވައުދުވި އެވެ.

"އެކަމަކު..." އުމާމާ ވާހަކަދައްކަން އުޅުނު ވަގުތު އޭނަގެ ބަސްތައް އެ ހިސާބުން ހުއްޓުނީ ރައްޔާން ކުއްލިއަކަށް ކޮށްލި ކަމަކުންނެވެ. ކައިރިވެލާފައި ރައްޔާން ބޮސްދިނީ އޭނަގެ ނިތުގަ އެވެ. އުމާމާއަށް ލޯ މަރައިލެވުނެވެ.

"އައި ލަވް ޔޫ،" ރައްޔާން ފުރަތަމަ ފަހަރަށް އިގުރާރުވި އެވެ.

އުމާމާ ލޯ ހުޅުވާލީ އެ އަޑަށެވެ. ރައްޔާން އެ ވަގުތު ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި ގޮސް ލިފްޓަށް އަރައި ލޯމަތިން ގެއްލުނެވެ.

(ނުނިމޭ)

ކޮމެންޓް (3)

ޒާނާ

4 ފެބްރުއަރީ 2024
ވަރަށް ރީތި މިބައިވެސް. ރައްޔާނަކަށް ނުހުރެވޭނެ އެހާގިނަދުވަހަކު ނައިހެއް. ބަލަން ތިބެއްޗޭ.
3 1

ޒީވް

4 ފެބްރުއަރީ 2024
ހާދަ ފޫހި އުމާމާ ގަނޑެކޭ..މާ ބޮޑާ ހޭކޭ މީހަކަށް ވެގެން
3 4

މާޝާ

4 ފެބްރުއަރީ 2024
ވަރަށްް ވަރަށްް ރީތިި، އަވަހަށްް އުމާމާާ ކައިރިއަށްް ދައްޗޭޭ ރައްޔާންް. ކޮބާާ ސައިފްް އާާ ޖުމާ؟
6 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް