ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 27
"ސައިފް،" ޖުމާނާ ހީގެންފައި ކޮނޑުގައި ޖަހަން މަޅައިލި އަތުގައި ވެސް ސައިފް ހިފާލައި ހައްޔަރުކޮށްލި އެވެ.
"ކަމް ހިއާ!" ސައިފް އަނެއް އަތުން ޖުމާނާގެ ކަނދުރާމަތީ ހިފާލައިފައި އެ މޫނު ކައިރިއަށް ގެނަ އެވެ. ވަގުތުން އެ ދެ ލޯ މެރުނެވެ. ސައިފްގެ ލުއިލުއި ބީހުން އެތައް ދުވަހަކަށް ފަހު ކަރުހިއްކުން ފިލުވަމުންދިޔަ މީހެއްގެ އަމަލުތައް ފަދައިން ބަދަލުވާކަށް ގިނައިރެއް ނުނެގި އެވެ. ވާނީ ވެސް އެހެންނެވެ. އެއީ ސައިފްގެ އެތައް ދުވަހެއްގެ އިންތިޒާރެވެ. އަދި މިރޭ ޖުމާނާ ފުރަތަމަ ފަހަރަށް ސައިފްގެ ކޮންމެ ބީހުމަކަށް އުފަލާ އެކު މަރުހަބާ ކިޔަމުން ދިޔައެވެ. އެހިސާބުން ދެން ހުއްޓައިނުލެވޭނެކަން ސައިފްއަށް އެނގެ އެވެ. ހުއްޓައިލާކަށް އޭނަ ބޭނުމެއް ވެސް ނޫނެވެ.
"ޔޫ އޯކޭ؟" ސައިފް އެހި އެވެ.
ޖުމާނާ ބޯޖަހައިލިތަން ފެނުމުން ސައިފްގެ ހުރިހާ ނުތަނަވަސްކަމެއް ފިލި އެވެ.
ނިދަން އޮވެފައި އަދިވެސް އެއްފަހަރު ޖުމާނާގެ ހާލު ރަނގަޅުތޯ ސައިފް އެހި އެވެ. އެ ލޮލުން ފޭދިފައިވާ ކަރުނަ ތިއްކެއް ފުހެލަދިން ވަގުތު ޖުމާނާ އަވަހަށް ސައިފްގެ އަތުގައި ހިފެހެއްޓި އެވެ.
"މޯ ދޭން އޯކޭ،" ޖުމާނާ ހިނިތުންވެލަމުން ޔަގީންކަން ދިނެވެ.
ސައިފްގެ އެދުމުގެ މަތިން ޖުމާނާ ކައިރިވެލާފައި ބޯއަޅައިލީ ސައިފްގެ މޭމަތީގަ އެވެ. ސައިފްގެ އިނގިލިތަކުން އޭނަގެ އިސްތަށިގަނޑާ ކުޅެން ފެށުމުން ނިދޭކަށް މަދު މިނިޓްކޮޅެއް ވެސް ނުނެގި އެވެ.
***
މުޅިން އާ ދުވަހަކަށް އިރު ފެނުންތޮޅިލިއިރު އާދައިގެ މަތިން ޒުވާން ދެމަފިރިން ވެސް އުޅުނީ އެމީހުންގެ މަސައްކަތުގަ އެވެ. ޖުމާނާ ކުދިވެރިންގެ ކަންކަން ކޮށްދެމުން ދިޔައިރު ސައިފް ނިކުމެ އިނީ މާޒްގެ ފިލާވަޅެއް ނިންމަން އެހީތެރިވެދޭށެވެ. އެތައް ދުވަހެއް ފަހުން މާޒް ފުރަތަމަ ފަހަރަށް އެފަދައިން އެހީއަކަށް އެދުމުން ލިބުނު ހައިރާންކަމަށް ވުރެ ބޮޑު އުފަލެއް ލިބުނެވެ. މާޒް އެ މައްސަލަ ހިފައިގެން އައީ ސުކޫލަށް ދާން ފަހު ވަގުތަށް ވެފައި އޮއްވާ ކަމަށް ވިއަސް އެކަމާ ވެސް އޭނަ ޝަކުވާއެއް ނުކުރެ އެވެ. ނަސީބަކުން ގަޑި ނުޖެހި ދެވުނެވެ.
ސައިފް ކުދިން ސުކޫލަށް ލައިފައި އައި އިރު ޖުމާނާ ނިކުމެ ސޯފާގައި އިނީ ސައި ތަށްޓެއް ބޯށެވެ. ސައިފް ވަން އަޑު އިވުމުން އެ ދިމާއަށް ބަލާލައިފައި ހިނިތުންވެލި އެވެ.
ސައިފް އައިސް ޖުމާނާ އާއި ޓީވީއާ ހުރަހަކަށް ވެގެން އިށީނދެލީ ސޯފާ ކުރިމަތީ ހުރި މޭޒުގަނޑުގަ އެވެ.
"ނެތްތަ ސައިފޮދެއް ލިބޭކަށް؟" ސައިފްގެ މަގްސަދަކަށްވީ ޖުމާނާއާ ސަމާސާކޮށްލުމެވެ.
އޭނަ ދިޔައީ ވެސް ކުރިން ކޮފީ ބޮއިގެންނެވެ. އެކަމަކު ޖުމާނާ ބުނާ އެއްޗެއް ބަލައިލަން ބޭނުންވީ އެވެ.
"އަން،" ޖުމާނާ ސައި ތަށި އޭނައާ ދިމާއަށް ދިއްކޮށްލަމުން ބުނެލި އެވެ.
ސައިފް ފުރަތަމަ ބަލައިލީ ޖުމާނާގެ މޫނަށެވެ. ދެން އެ އަތާ އެކު ސައި ތަށީގައި ހިފާލައިފައި އެއިން ކޯވަރެއް ބޯލުމަށް ފަހު ދުރުކޮށްލައިފި އެވެ.
"ސްވީޓް ލައިކް ޔޫ،" ސައިފް މަސްތީ ނަޒަރަކުން ޖުމާނާއަށް ބަލައިލަމުން ބުނެލި އެވެ.
"ދެންންން..." ޖުމާނާ ޖޯޑު މޭޒުމަތީ އެއް ފަރާތެއްގައި ބަހައްޓާފައި ދެ އަތުން މޫނު ފޮރުވައިލި އެވެ.
ސައިފް ހީގެންފައި މޭޒުން ތެދުވެގެން އައިސް ޖުމާނާގެ އުނގުގައި ބޯއަޅައިގެން ސޯފާ ދިގަށް އޮށޯތެވެ.
"އަތް ނަގާބަލަ!" ސައިފް އެދުނެވެ.
ޖުމާނާ އެކަމަކު ގުޑައެއްނުލި އެވެ.
"ތިހާ ރީތި މޫނެއް އަހަންނަށް ފޮރުވައިގެން ނީނދެބަލަ!" ސައިފް އަތް ނައްޓުވަން އުޅުމުން ޖުމާނާ މިފަހަރު ދެކޮޅުހެދުމުގެ ގޮތުން ދެ ފަރާތަށް ބޯހޫރާލި އެވެ.
"ޕްލީޒް!" ސައިފް އެންމެ ފަހުން ބުނެލި އެވެ.
ޖުމާނާ މަޑުމަޑުން ދެ އަތް ތިރިކޮށްލީ ދެނެވެ. ސައިފް ލޯބިން ފުރިގެންވީ ބެލުމަކުން އެ ރީތި މޫނަށް ބަލަން އޮތެވެ. ކިތަންމެ އިރަކު ބެލިއަސް ފޫހިނުވާނެ ފަދަ ނަޒަރަކުންނެވެ. ރަކިވެގެން ޖުމާނާއަށް އެ މޫނަށް ބަލަން އިންނަން އުނދަގޫވި އެވެ. އޭނައަށް އެސްފިޔަތައް ތިރިކޮށްލެވުނެވެ.
"އަހަރެން ވާހަކައެއް އަހައިލަންތަ؟" ސައިފް އެދުނީ ހުއްދައަކަށެވެ.
ޖުމާނާ ބޯޖަހާލައިފައި އެއް އަތުން ސައިފްގެ އިސްތަށިގަނޑާ ކުޅެން ފެށި އެވެ.
ސައިފް ދުރު ބަލައިލި ގޮތުން ހީވީ އަހާނެ ގޮތެއް ވިސްނައިލި ހެންނެވެ. ޖުމާނާގެ ހިތް އަވަސްވެލި އެވެ. ދެ މީހުން އެކީ ގިނަ ދުވަސްތަކެއް ވެފައި ނުވާއިރު ދެ މީހުންގެ ވެސް އެކަކު އަނެކަކަށް ނޭނގޭ ސިއްރުތައް ހުންނާނެ އެވެ. އޭނައަށް ކިޔައިދޭން ދަތިވާ ޒާތުގެ ވާހަކައެއް އަހައިފިއްޔާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
"ހާދަ ހާސްވީ،" ސައިފް އެއް އަތުން ޖުމާނާގެ ދެ ބުމަ ދޭތެރެއަށް އިތުރުވި ރޫތަކުގައި އިނގިލި ޖައްސާލައިފައި ރީތިކޮށްލަދިނެވެ.
"ޖުމާ ބޭނުން ނޫނިއްޔާ ޖަވާބު ނުދީ ހުރެވިދާނެ. އަހަރެން މަޖުބޫރެއް ނުކުރާނަން،" ސައިފް ޖުމާނާގެ ހުހަށް އޮތް އަތްތިލައިގައި ހިފައި ގެނެސް ތުންފަތާ ކައިރިކޮށްލި އެވެ. އޭނަ އެ އަތަށް ބޮސްދިން ވަގުތު ޖުމާނާ ހިނދުކޮޅަކަށް ލޯ މަރައިލާފައި ހުޅުވައިލި އެވެ. ސައިފްގެ އެފަދަ ކޮންމެ އަމަލަކުން އޭނަގެ ހިތް އިތުރަށް އެ ދިމާއަށް ލެނބެމުންދާކަމުގެ އިހްސާސްކުރެވެ އެވެ.
"ރޭގަ ކީއްވެ ލޮލުން ކަރުނަ އައީ؟ އަހަންނަށް ނޭނގި އަނިޔާއެއް ދެވުނީތަ؟ ޖުމާ ނުބުނެ ނުހުންނައްޗޭ. އަހަންނަށް އަބަދުވެސް އަހަރެންގެ އަމިއްލަ ނަފްސަށް ވުރެ ޖުމާ މުހިންމުވާނެ..." ސައިފް ވާހަކަދައްކަދައްކާ އޮއްވާ ޖުމާނާ އޭނަގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައި ހުއްޓުވި އެވެ.
"އުނހު. އަނިޔާވެގެނެއް ނޫން ލޮލުން ކަރުނަ އައީ،" ޖުމާނާ މަޑުމަޑުން ބޯ ހޫރާލައިފައި ބުންޏެވެ.
ސައިފް ބަލަހައްޓައިގެން އޮތީ ޖުމާނާ އިތުރަށް ކިޔައިދޭތޯ އެވެ.
"އިޓް ވޯޒް ޓޫ މަޗް؟" ޖުމާނާ ބުނާނެ ގޮތެއް ނޭނގިފައި އިންހެން ހީވެގެން ސައިފް އެހިއެވެ.
އޭނަ ތެދުވެ އިށީނދެފައި ޖުމާނާގެ ދަތްދޮޅީގައި ހިފާ އޭނައާ ދިމާއަށް އަނބުރައިލި އެވެ. ޖުމާނާގެ ޖަވާބު އަނެއްކާވެސް އައީ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރައިލުމަކުންނެވެ.
"އައި ފެލްޓް ލަވްޑް. އަދި އެ ވެސް އެހާ ދުވަހަށް ފަހު،" ޖުމާނާ އެންމެފަހުން ބުނެދޭން އެނގުނު ގޮތަކަށް ބުނެލި އެވެ.
ސައިފްގެ ނުތަނަވަސްކަން މަޑުމަޑުން ލުއި ހިނިތުންވުމަކަށް ބަދަލުވި އެވެ.
"މީ އަދި ފެށުމެއް ކަމަށް ބަލާ. ކުރިއަށް އަދި އޮތީ،" ސައިފް ތެދުވުމުގެ ކުރިން ވައުދުވި އެވެ.
އެވަގުތު ޖުމާނާގެ މޫނު ރަތްވެގެން އައީ އޭނައަށް އެންމެ ރީތި ގޮތަށެވެ.
***
އުމާމާ އާއި ރައްޔާންގެ ދުވަސް ފެށުނީ ރައްޔާންގެ ފަހަތުގައި އުމާމާ ކުރި ފަތިސް ނަމާދުންނެވެ. އެ ގަޑީގައި ކޮފީ ލިބެން ހުންނަ ތަނެއް ހޯދަންވެގެން ދެ މީހުން ނިކުމެގެން ހިނގަމުން ދިޔައިރު އުމާމާ ހުރީ ރައްޔާންގެ ފަހަތުގައި ޖައްސާފަ އެވެ. އާންމުކޮށް ބައިބޯކޮށް ފެންނަ މަގުތައް އެ ގަޑީގައި ފެނުނީ ފުދޭވަރަކަށް އަމާންކޮށެވެ. ސައުވީސް ގަޑިއިރަށް ހުޅުވާފައި ހުންނަ ތަނެއް ފެނިގެން ދެ މީހުން ގޮސް ބޭރުގައި ޖަހާފައިވާ ކުޑަތަކުން ކުޑައެއްގެ ދަށުގައި އިށީނެވެ. އެތެރެއިން މުސްކުޅިފުރާގެ ފިރިހެނަކު ނިކުމެފައި ގެންނަންވީ ކޯއްޗެއްތޯ އެހި އެވެ. އުމާމާ އެދުނީ މެނޫއެއް ލިބިދާނެތޯ އެވެ.
މުސްކުޅިމީހާ މެނޫ ގެނެސްދިނުމުން ބަލަބަލާފައި ހޮޓް ޗޮކްލެޓާ އެކު ދެ ވައްތަރެއްގެ ކޭކަށް އޯޑަރުދިނެވެ. އެ ކޭކުތަކަކީ ކުރިން ތައްޔާރުކޮށްފައި ބަހައްޓާފައި ހުރި އެއްޗިއްސެވެ. ރައްޔާން ގެނުވީ ކަޅު ކޮފީ އެވެ.
"އަހަރެން ވަރަށް ހިތަށްއަރާ މިކަހަލަ ކުޑަކުޑަ ކޮފީ ޝޮޕެއް ހުޅުވައިގެން ކޮފީ އާއި ޕޭސްޓްރީސް ވިއްކަން. އަދި ރީޑިން ކޯނާއެއް ހަދާފަ ފޮތް ކިޔަން ގެންދެވޭ ގޮތަށް ބަހައްޓާނީ. ކިޔާފަ ހަމަ ގެންނަންވީ،" އުމާމާ އެތަނުގެ ދޮރާ ދިމާއަށް ބަލަން އިނދެގެން ވާހަކަދެއްކިއިރު ތުންފަތުގައި ހިނިތުންވުމެއް ވި އެވެ.
"އެއް ދުވަހަކުން އަދިވެސް ހަމަ ކާމިޔާބުވެދާނެ،" ރައްޔާން ރައްދުގައި ބުނެލި އެވެ.
"ނުވާނެ،" އުމާމާ ވަގުތުން ޖަވާބުދިނެވެ. އިސާހިތަކު އޭނަގެ ކުލަވަރު ވެސް ކުރީގެ ސީރިއަސްކަމަށް ބަދަލުވެއްޖެ އެވެ.
"ކީއްވެ ތިހެން ތިބުނީ؟ ދުނިޔޭގަ ހުންނަ ކޮންމެ ދުވަހަކީ ތިމާގެ ހުވަފެންތަކާ ދިމާއަށް ފިޔަވަޅު އަޅަން ލިބޭ އާ ފުރުސަތެއް، ރައްޔާން އުމާމާއަށް ހިތްވަރުދޭން ވާހަކަދެއްކި އެވެ.
އުމާމާ މާޔޫސްކަމާ އެކު ދުރު ބަލަން ފެށި އެވެ. އޭނަގެ ސަމާލުކަން އަތުލީ މަގު ހުރަސްކުރަން ދިޔަ އަންހެނަކާއި ޓްރޯލީގައި އޮތް އެ އަންހެންމީހާގެ ތުއްތު ދަރިފުޅަށެވެ. ކައިރީގައި އަދި އެކަނި ހިނގޭ ވަރުގެ އެހެން ކުއްޖަކު ވެސް ހުއްޓެވެ. ބައްޕަމެން އޭނައަށް ވިސްނައިދިނީ އޭނަ ފަދަ އަންހެންކުއްޖެއްގެ މުސްތަގުބަލަކީ އެއީ ކަމުގަ އެވެ. އިލްމު ހޯދުމާއި ވަޒީފާއަކީ އަންހެނުންގެ ހައްގެއް ނޫނެވެ. އަންހެނުން ތިބެންޖެހޭނީ ފިރިހެނުންގެ ހިދުމަތުގަ އެވެ. ދަރިން ބަލަން ގޭގަ އެވެ. ބަދިގޭގަ އެވެ.
"ރައްޔާން ކިތައް ކުދިން ބޭނުންވަނީ؟" އުމާމާ އެ އަންހެންމީހާއަށް ބަލަން އިނދެފައި އަހާލި އެވެ.
އުމާމާގެ ކުއްލި ސުވާލުން ރައްޔާންއަށް ބުމަ ކައިރިކޮށްލެވުނެވެ. އޭނަ އެނބުރިފައި އުމާމާ ބަލާ ދިމާއެއް ހޯދައިގެން އެ ދިމާއަށް ނަޒަރެއް ދިނެވެ.
"އަހަރެންގެ ވައިފް ބޮޑު ރޯލެއް ކުޅޭނެ މީހަކީ. އެހެންވީމަ އެ ޗޮއިސް ވެސް އަހަރެން ދޫކޮށްލާނީ ވައިފްގެ އަތްމައްޗަށް،" ރައްޔާން އުމާމާގެ މޫނަށް ބަލަން އިނދެގެން ޖަވާބުދިނެވެ.
"އަހަރެން އެއްވެސް ކިޑެއް ބޭނުން ނެތިއްޔާއޯ؟" އުމާމާ ވަގުތުން އަހާލައިފި އެވެ. އޭނަގެ ނަޒަރު މަގުން ވަކިކޮށްލައި ރައްޔާންއަށް ބަދަލުކޮށްލި އެވެ.
"އެއިރުން ރައްޔާން އެހެން ވައިފްއެއް ހޯދާނީތަ؟" އުމާމާ ރައްޔާންއަށް ފުރުސަތެއްނުދީ އިތުރަށް އެހި އެވެ.
ރައްޔާންއަށް އެ އަޑު އިވުމުން ކޮށިއެރި އެވެ. އަނގައިން ބޭރުވި ކޮފީއިން ބައެއް ލައިގެން ހުރި ޓީޝާޓްއަށް ވެސް އެޅުނެވެ.
"ރައްޔާން..." އުމާމާ އަވަހަށް ތެދުވެގެން އައިސް ޓިޝޫއެއް ނަގައިގެން ރައްޔާންގެ މޭމަތި ސާފުކޮށްދޭން މަސައްކަތް ކުރި އެވެ.
ރައްޔާން ފެން ތަށި ނަގައިގެން ދެތިން ކޯވަރެއް ބޯލާފައި ބެހެއްޓުމަށް ފަހު އަތް މުށްކަވާލައިފައި އަނގަމަތި ނިވާކޮށްލަމުން ތަކުރާރުކޮށް ދެ ފަހަރަކު ކެއްސައިލި އެވެ. އޭނަ ހަމައަކަށް އެޅުނީ ދެނެވެ. އުމާމާ ކޮޅަށް ހުރެލާފައި ރައްޔާން ހަމައަކަށް އެޅުނުތަން ފެނިގެން ކުރިން އިން ތަނުގައި އަލުން އިށީނދެއްޖެ އެވެ.
"ނޭނގެއެއްނު އަދި ވާނެ ގޮތެއް؟ އުމާމާ އަހަރެން ދޫކޮށްލައިފިއްޔާ އަހަރެން ކޮންމެ ގޮތެއް ވިއަސް ޖެހޭނީ އިތުރު ކައިވެންޏެއް ކުރަން،" ރައްޔާން އުމާމާއަށް ބަލަމުން ޖަވާބުދިނެވެ.
ރައްޔާން އެހެން ބުނުމާ އެކު އުމާމާގެ މޫނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަ އެވެ. އޭނަ އިސްޖަހާލައިފައި އޫ ނަގައިގެން ކޭކު ކާން ފެށި އެވެ. އިރުކޮޅެއް ވަންދެން އަނގައިން ނުބުނެ އެ ގޮތުގައި އިނެވެ.
"އަހަންނަކަށް ނޭނގެ ދުވަހަކުވެސް ރައްޔާން ބޭނުންވާ ކަހަލަ އަތްނބަކަށް ވެވިދާނެ ކަމެއް،" އުމާމާ އެންމެފަހުން އިނދެ އިނދެފައި ބުނި އެއްޗަކީ އެއީ އެވެ.
އެ ވާހަކައަކަށް ރައްޔާން ވެސް އަލުން ރައްދެއް ނުދެ އެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބެފައި ނިންމީ އެ ވާހަކަ އެ ހިސާބުން މެދުކަނޑާލުމަށެވެ.
ފުރުމުގެ ވަގުތު ޖެހުމުން ރައްޔާންގެ އެކުވެރިން އެމީހުންނަށް ވަދާއުކިޔަން އަ އެވެ. ރައްޔާން ގަސްތުކޮށްފައިވާ ގޮތް އުމާމާއަށް ކިޔައިދިނީ ފްލައިޓްގައި އިނދެފަ އެވެ. ރައްޔާން ނިންމައިގެން ހުރީ އުމާމާ އެދުނު ފަދައިން އޭނަ އެމެރިކާއަށް ގެންގޮސް ތަނަށް ހޭނިލަން ހަފްތާއެއް ވަރު ވުމުން އެނބުރި އަންނާށެވެ.
ފުރުމުގެ ކުރިން ރައްޔާން ފިނި ހެދުން ހޯދާފައި ހުރީ ނަސީބެވެ. ފްލައިޓުން ފޭބިއިރު ވެސް އުމާމާ ހުރީ ފިނިވެފަ އެވެ. އަންގި ލައްވައިގެން އެވަރުން ނުފުދިގެން އޭނަ ޓެކްސީގައި ވެސް އިނީ ރައްޔާންގެ ޖެކެޓު ޖީބު ތެރެއަށް އަތް ބާނައިގެންނެވެ. އޭނަގެ އަމިއްލަ ޖެކެޓުގައި ޖީބު ނެތިގެނެއް ނޫނެވެ. ރައްޔާންގެ އަތުގެ ހޫނުން ހޫނުކަން އިހްސާސްކުރަންވެގެންނެވެ.
ނަސީބަކުން ގޭގައި ހުރީ ހީޓަރު ޖައްސާފަ އެވެ. އުމާމާ ދަބަސް ސޯފާއަށް އެއްލާލައިފައި ހުރިހާ ކޮޓަރިތަކެއް ދޮރު ހުޅުވައިގެން ބެލި އެވެ. އޭނަ އެކަނިމާއެކަނި ދިރިއުޅެން ރައްޔާން ހަމަޖައްސާފައި ހުރީ ތަނަވަސް އެޕާޓްމަންޓެކެވެ. ކޮންމެދުވަހަކު އައިސް މަސައްކަތް ކޮށްފައި ދާ ގޮތަށް މެއިޑެއް ހަމަޖައްސާފައި ހުއްޓެވެ. އުމާމާ ތަންތަނަށް ދާން ޑްރައިވަރަކު އުޅެ އެވެ. އަދި ޖެހިގެން ހުންނަ އެޕާޓްމެންޓްގައި ރައްޔާން ދަންނަ ދިވެހި އާއިލާއެއް ދިރިއުޅެ އެވެ.
ރައްޔާން އުމާމާ ގޮވައިގެން އެމީހުންނާ ބައްދަލުކުރުވަން ގެންދިޔަ އެވެ. އޭނައާ އެއް އުމުރުގެ ޒުވާން އަންހެންކުއްޖަކާއި ތަންކޮޅެއް ދޮށީ އުމުރުގެ ދެ ފިރިހެނުން އުޅެ އެވެ. އެތަނުން އެކަކުގެ އަތްނބަކާއި ކުޑަ އަންހެންކުއްޖަކު ހުއްޓެވެ. އަސާގަނޑެއްގެ އެހީގައި ހިނގާ މާމައަކާއި ލޮލަށް ނުފެންނަ އަންހެންކުއްޖަކު ވެސް އުޅެ އެވެ. ގޭގެ ބޮޑެއްޗަށް ތިބި ކުދިންގެ މަންމަ އާއި ބައްޕަ ހިތްހެޔޮވެފައި އެކުވެރި އެވެ. ރައްޔާން ކައިރީ އޭނަގެ މައިންބަފައިންނާ ބެހޭގޮތުން އެމީހުން ސުވާލުކޮށް ހެދި އެވެ.
ފުރަތަމަ ރެޔާއި ދުވާލު އުމާމާގެ ކަމަކަށް އޮތީ ނިދުމެވެ. އޭނަ ހޭލަނީ ނަމާދުކުރަން ނޫނީ ހައިވެގެން ކޮންމެވެސް އެއްޗެއް ކާށެވެ. ރޯގާ ވައްތަރުވެގެން އެހާ އުނދަގޫވި އެވެ. ރައްޔާން ގޭގައި އުޅޭކަން އެނގެ އެވެ. ދޭތެރެއަކުން ފެނެ އެވެ. އޭނަ ނިދާފައި އޮއްވާ އައިސް ކައިރީގައި އިންނަހެން ވެސް ހީވެ އެވެ. އެކަމަކު ރައްޔާން ނިދާފައި އޮއްވައެއް އުމާމާ ނުދެކެ އެވެ. ނިދަނީ އެހެން ކޮޓަރިއެއްގައި ކަމަށް ވެދާނެ އެވެ.
އެއީ ތިންވަނަ ދުވަހުގެ ހަވީރުގެ ވަގުތެވެ. އުމާމާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފަ އެވެ. ކޮޓަރީގައި އޮވެ އޮވެފައި އުމާމާ ނިކުތީ ރައްޔާންގެ ހަބަރެއް ނުވެގެންނެވެ. ސޯފާގައި ރައްޔާން އިނީ ފޯނު ހިފައިގެންނެވެ. އުމާމާގެ އަޑު އިވިގެން އެނބުރި ބަލާލައިފައި އަނެއްކާ ފޯނަށް ސަމާލުކަން އަނބުރައިލި އެވެ. އުމާމާ ގޮސް ރައްޔާންގެ ދާދި ގާތުގައި ސޯފާގައި އިށީނެވެ. އޭނަ ބޯދިއްކޮށްލާފައި ފޯނުން ރައްޔާން ކުރަނީ ކީއްތޯ ބަލައިލި އެވެ. ރައްޔާން ދެވަނަ ފަހަރަށް އެ މޫނަށް ބަލައިލީ އެ ގަޑީގަ އެވެ.
"ކީއް ތި ކުރަނީ؟" ރައްޔާންގެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ފޮރުވާލައިފައި އެހި އެވެ.
"ރައްޔާން ކީއް ތި ކުރަނީ؟" އުމާމާ ބަލި ގަބޫލުނުކުރަންވެގެން ފާޑަކަށް ލޯ ބޮޑުކޮށްލާފައި ސުވާލު ތަކުރާރުކުރި އެވެ.
ރައްޔާން ފޯނު ބަންޑުން މޭޒުމަތީ ބާއްވާފައި އުމާމާއާ ކުރިމަތިލި އެވެ.
"އެކުވެރިއަކަށް މެސެޖުކޮށްލާފަ އުޅޭކަން އަންގައިލީ،" ރައްޔާން ޖަވާބުދިނެވެ.
"އޯ. އާދެވުނީމަ މިކޮޅުގަ އުޅޭ ގާލްފްރެންޑަށް ހަބަރު ދިނީ ދޯ؟" އުމާމާއަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް އަނގައިން ބޭރުވި އެވެ.
ދެވަނަ ސިކުންތުގައި އަނގަމަތީ ދެ އަތް އެޅި އެވެ.
ރައްޔާން ހީގެންފައި މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލި އެވެ. އެވަގުތު ފޯނުން މެސެޖެއް އައިސްގެން ވައިބްރޭޓްވުމުން ނެގި އެވެ. އުމާމާ އިނީ ސަމާލުވެގެންނެވެ. އެކަމަކު ރައްޔާން އޭނައަށް މެސެޖެއް ނުދެއްކި އެވެ.
"އަހަރެން މިދަނީ ބޭރަށް. ރޭގަނޑު ދެން އާދެވޭނީ. އަހަރެން އަންނަންދެން މަޑުނުކޮށް އުމާމާ ކައިގެން ނިދާ!" މެސެޖު ކިޔާލައިފައި ރައްޔާން އެތަނުން ދާންވެގެން ތެދުވި އެވެ. އުމާމާ ތުންކޮޅު އޫކޮށްލައިގެން ހިތްހަމަނުޖެހިފައި އިނެވެ.
އެ ރޭ އުމާމާއަކަށް ނުނިދުނެވެ. އޭނަ އެކަނިމާއެކަނި ކައިގެން ޓީވީ ބަލަން އިނދެފައި އެނދަށް އަރައި ކުރި ކަމަކީ ދެ ފަރާތަށް ފުރޮޅުމެވެ. ފުރަތަމަ ދެ ދުވަހު މާ ގިނައިން ނިދުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއޭ ހިތަށްއެރި އެވެ. ނުނިދޭނެކަން ޔަގީންވުމުން އޭނަ ރައްޔާންއަށް އިންތިޒާރު ކުރަން ފެށި އެވެ.
(ނުނިމޭ)
ކޮމެންޓް (4)
ހިބާ
ޒާނާ
ފޭން
ޖުމަ