ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑު 25
ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ
ބަރާބަރު ބައިގަޑިއިރު ފަހުން ރައްޔާން ގުޅާފައި ނިކުންނަން އެންގި އެވެ. އޭނަ ދޮރު ހުޅުވާލި ގަޑީގައި ޑްރައިވަރު ދޮރު ކައިރީ ހުރީ ފޮށި ބަލާ އައިހެވެ. ނިކުމެގެން ދިޔައިރު ފަހަރަކު މީހަކު އޭނަ ހުއްޓުވާފައި ސަލާމް ކުރި އެވެ. އަމީރާ އާއި ޒޯޔާ ކާރާ ހަމައަށް އެކީގައި ދިޔަ އެވެ. އުމާމާ ހުރީ ވާނުވާ ނޭނގިފަ އެވެ.
"ކީއްކުރަން އަހަރެން ގެއަށް ތި ގެނައީ؟" އުމާމާގެ ކެތްތެރިކަން ކޮޅުންލީ ކާރު ގެއާ ހަމައަށް މަޑުކުރިތަން ފެނިފަ އެވެ.
ރައްޔާން އެކައްޗެއް ވެސް ނުބުނެ ފައިބައިގެން ގޮސް އުމާމާ އިން ފަރާތް ދޮރުފަތް ހުޅުވާލައިފައި އަތުގައި ހިފާ ކާރުން ނެރުނެވެ. އުމާމާ ބިރުގަތީ ދެނެވެ. ރައްޔާން އެ އުޅެނީ އޭނަ ތަނަކަށް ފުރުވާލާކަށް ނޫނެވެ. އޭނަ ގެއިން ނެރެލާފައި ގެނެސް އެ ގޭގައި ބަހައްޓަން ވެގެންނެވެ. އެކަމަކު އެއީ އުމާމާ ބޭނުންވާ ގޮތެއް ނޫނެވެ. އެކަން އޭނައަށް ފުރަތަމަ ފަހަރަށް އިހްސާސްވި ވަގުތުކޮޅަކީ އެއީ އެވެ. ބައްޕަގެ ގެއަށް ވުރެ ރައްޔާންގެ ގެ އޭނައަށް ރައްކާތެރި އެވެ.
"ރައްޔާން ޕްލީޒް އަޑުއަހާބަލަ! އަހަރެން ބުނީމެއްނު އަހަރެން ރައްޔާން ބޭނުން ގޮތަކަށް އުޅޭނަމޭ؟ ދެން ކީއްކުރަން ގެއަށް..." އުމާމާގެ ޖުމްލަ ފުރިހަމަ ކުރާނެ ވަގުތެއް ނުދީ ރައްޔާން ގޮސް ދޮރުމައްޗަށް ހުއްޓިފައި ބެލް ޖަހާލި އެވެ.
"ރައްޔާން..." އުމާމާ ގޮވީމަ ވެސް ރައްޔާން އެ މޫނަށް ބަލައިލާކަށް ވެސް މިއަދު ބޭނުމެއް ނުވި އެވެ.
ޝާދިޔާ ދޮރު ހުޅުވާލައިފައި އުމާމާމެން ފެނުމުން ހިނިތުންވެލި އެވެ. އެކަމަކު އެއީ ހަމައެކަނި ގަދަކަމުން ވެރިކޮށްލި ހިނިތުންވުމެކެވެ.
"ވަދޭ!" ޝާދިޔާ އެއް ފަރާތަކަށް ޖެހިފައި އެމީހުން ވަންނަން ތަން ދެއްކި އެވެ.
"އުމާމާގެ ބައްޕަ އެބަ އުޅޭތަ؟" ރައްޔާން އެތެރެއަށް ވަދެފައި އުމާމާގެ އަތުން ދޫކޮށްލި އެވެ.
"އެބަ އުޅޭ،" ޝާދިޔާ ޖަވާބުދިނީ ތަންކޮޅެއް މަޑުންނެވެ. ހީވީ ހައިދަރަށް އިވިދާނެތީ ބުނިހެންނެވެ. އުމާމާއަށް ދޮންމަންމަގެ ފަސްޖެހުން ފާހަގަވި އެވެ. އޭނަ އިތުރަށް ޖެހިލުންވީ އެހެންވެ އެވެ.
ރައްޔާން ކުރީގައި ވަދެގެން ދިޔަ އެވެ. އުމާމާ ދެކޮޅު ބަލާލައިފައި ރައްޔާންގެ ފަހަތުން ހިނގައިގަތެވެ. ޝާދިޔާ ފުރަތަމަ ލެއްޕީ ދޮރެވެ. އެތެރެއަށް ދިޔައީ އޭގެ ފަހުންނެވެ. އޭނައަށް ދެވުނުއިރު ރައްޔާން އާއި އުމާމާ ސޯފާތައް ކައިރީ ކޮޅަށް ހުއްޓެވެ. އެކަކު ވެސް އިށީންނަން ބޭނުންނުވެފައި ކަހަލަ އެވެ.
"އިށީނދޭ! އެބަ އަންނަން އުމާމާގެ ބައްޕަ ގޮވައިގެން،" ޝާދިޔާ ކޮޓަރިއާ ދިމާއަށް ދިޔަ އެވެ.
ހައިދަރުގެ ފަހަތުގައި ހުރެގެން ނިކުތްއިރު ވެސް އުމާމާ އާއި ރައްޔާން އެ ތިބި ގޮތަށް ތިއްބެވެ. ދޮންމަންމަ ގޮސް ގެއްލުމާ އެކު އުމާމާ ރައްޔާންއާ ވާހަކަދައްކަން މަސައްކަތް ކުރި އެވެ. އެކަމަކު ރައްޔާން އަތް އުފުލާލައިފައި މަނާކުރުމުން އޭނައަށް އެނގުނީ އިތުރަށް އޭނަގެ އެއްވެސް ވާހަކައެއް އަޑުއަހަން ރައްޔާން ބޭނުންނުވާ ކަމެވެ. އުމާމާ މާޔޫސްކަމާ އެކު ކަރުއެލުވާލި އެވެ.
"އުމާމާ،" ބައްޕަ އެދިމާއަށް އަންނަމުން ނަން ކިޔާލި ގޮތުން ވެސް އުމާމާ ސިހުނެވެ.
ރައްޔާންއަށް އެކަން ފާހަގަވި އެވެ. އެ މޫނުގެ ކުލަވަރު ބަދަލުވި ގޮތާއި އުމާމާ އޭނައާ ގާތަށް ފިޔަވަޅެއް ކައިރިއަށް ޖެހިލިތަން އޭނަ ދުށްޓެވެ.
"އުމާމާ މި ގެނައީ ފުރުމުގެ ކުރިން ސަލާންކުރަން،" ރައްޔާން ބުނި ވާހަކައަކުން އުމާމާ ވެސް ދިޔައީ ސިއްސައިގެންނެވެ.
ހުރިހާ އެންމެންގެ ނަޒަރު އެއްފަހަރާ ރައްޔާންގެ މޫނަށް ދަތުރުކޮށްލި އެވެ.
"ކޮންތާކަށް؟"އުމާމާ ކުރަން ބޭނުންވި ސުވާލު އޭނައަށް ވުރެ ކުރިން ހައިދަރު ކުރި އެވެ.
"ހައިދަރު ހަނދާން ނެތުނީތަ؟ އެ ކުދިން އަދި ހަނީމޫނަކަށް ނުދެއެއްނު؟" ޝާދިޔާ ހައިދަރުގެ ކޮނޑުގައި ހިފާލައިފައި މާހައުލު ފިނިކުރަންވެގެން ވާހަކަދެއްކި އެވެ. ހައިދަރާއި ރައްޔާން އެކަކު އަނެކަކަށް ބަލަން ތިބި ގޮތުން ހީވަނީ އެކަކު އަނެކަކުގެ ފުރާނައަށް ދަހިވެތިވެފައި ތިބިހެންނެވެ. އަނެއްކޮޅުން އުމާމާގެ ކުލަވަރު ހުރީ ހުދުވެފަ އެވެ.
"ހަނީމޫނަކަށް ނޫން. އުމާމާ ކިޔަވަންވެގެން މި ގެންދަނީ،" ރައްޔާން ސާފުކޮށްދިނެވެ.
ހައިދަރު އެ ވަގުތު ކުރިއަށް ފިޔަވަޅެއް އަޅައިލިތަން ދެކެފައި އުމާމާ ބިރުން ރައްޔާންގެ ފުރަގަހަށް ވަދެ އޭނަގެ އަތުގައި ބާރަކަށް ހިފެހެއްޓި އެވެ.
"ނުދެވޭނެ އުމާމާއަކަށް،" ހައިދަރު އައިސް ރައްޔާން ކުރިމައްޗަށް ހުއްޓިފައި ގުގުރައިގަތެވެ.
"އުމާމާގެ ބައްޕައަށް އިހުތިރާމް ކުރަން. އެކަމަކު އުމާމާއަކީ މިހާރު އަހަރެންގެ އަނބިމީހާ. ކައިވެންޏަށް ފަހު އޭނަގެ މައްޗަށް ހިނގާނީ އަހަރެންގެ ބާރު،" ރައްޔާން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިނުލާ ހުރެގެން ހައިދަރަށް ޖަވާބުދިނެވެ.
"އަހަރެން މި ބުނީނު އުމާމާ ނުދާނެއޭ. އުމާމާ ހަމަ މިހާރު އާދޭ މިކޮޅަށް،" ހައިދަރު އުމާމާގެ އަތުގައި ހިފަން އުޅުނު ވަގުތު ރައްޔާން ހައިދަރުގެ އަތުގައި ހިފާފައި ދުރަށް ފޮޅުވާލި އެވެ.
"އުމާމާ!" ހައިދަރު ހަޅޭއްލަވައިގަތެވެ.
"ރައްޔާން ޕްލީޒް ހިނގާ މިތަނުން،" އުމާމާ ރައްޔާންގެ ފަހަތުން ޓީޝާޓްގައި ދެ އަތުން ހިފާ ބާރުކޮށްލައިގެން ހުރެ އާދޭސްކުރި އެވެ. ބައްޕައާ ދުރަށް ދާން އޭނަ ބޭނުމެވެ.
ރައްޔާން އުމާމާއާ ދިމާއަށް އެނބުރިފައި އެ އަތުގައި ހިފާލައިގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. ހައިދަރު ފަހަރަކަށް ވުރެ ފަހަރެއް އަޑުގަދަކުރަމުން އުމާމާއަށް ގޮވި އެވެ. އުމާމާގެ ދެ ފައި އެއިން ކޮންމެ ފަހަރަކު ހުއްޓެ އެވެ. އެކަމަކު ރައްޔާން އޭނަގެ އަތަކުން ދުލެއް ނުކުރެ އެވެ. އަދި އޭނަ ހުއްޓޭ ކޮންމެ ފަހަރަކު އެ އަތަށް ދަމާލައިފައި ކުރިއަށް ގެންގޮސް އެންމެ ފަހުން ގެއިން ނެރުނެވެ.
ދޮރުން ނިކުމެވުމާ އެކު އުމާމާ ރައްޔާންގެ އަތް ފޮޅުވާލައިފައި ދުވެފައި ގޮސް ކުރިން ކާރަށް އަރައި ދޮރު ލެއްޕި އެވެ. ރައްޔާން އައިސް އިށީން އިރު އުމާމާ ތުރުތުރުއަޅަ އެވެ. އެ ދެ ލޮލުގައި ކަރުނަ އެވެ. މޫނު ހުދު ކަފަކޮޅެއް ފަދަ އެވެ. ރައްޔާންގެ ހިތަށް ހަމްދަރްދީ ވަނެވެ. އުމާމާ ގެނެސް މޭގައި ޖައްސައިލަން ބޭނުންވި އެވެ.
"ހެޔޮނުވާނެ މިތަނުން ހިނގާ!" އުމާމާ ރޮވިފައިވާ އަޑަކުން އާދޭސްކުރި އެވެ.
ރައްޔާން ބޯޖަހާލައިފައި ކާރު ދުއްވާލި އެވެ. އެ ވަގުތު ހައިދަރާއި ޝާދިޔާ ގެއިން ނިކުތް ތަން އުމާމާއަށް ފެނުނީ ކާރު އެމީހުން ފަސްދިން ފަހުން، އަރިމަތީ ލޯގަނޑުންނެވެ. ލޮލުން ކަރުނަ އަންނަން ފެށުމުން އުމާމާ ދެ އަތުން މޫނު ފޮރުވާލި އެވެ. ރައްޔާން ދުއްވަން އިނދެގެން އިރުއިރުކޮޅާ ބަލައިލަ އެވެ. އެކަމަކު އެއް ފަހަރު ވެސް އޭނަ އުމާމާ ކައިރީ އަތް ނަގާކަށް ނުބުނެ އެވެ. އޭނަ އެ ދެ އަތް ތިރިކޮށްލީ ކާރު ހުއްޓީމަ އެވެ.
ރައްޔާން ޓިޝޫ ފޮށި ނަގައި ދިއްކޮށްލުމުން އުމާމާ އެއިން ޓިޝޫތަކެއް ދަމައިގެންފައި މޫނު ސާފުކޮށްލި އެވެ.
ބަހަކުން ބަހެއް ނުބުނެ ދެ މީހުން އެކީ ނިކުމެގެން ގޮސް އެއާޕޯޓަށް ވަނެވެ. އެތަނުގައި ކުރަންޖެހޭ ކަންކަން ނިންމާފައި ގޮސް ގޮނޑިބަރީގައި މަޑުކޮށްގެން ތިބި އިރު ދެ މީހުންނަކީ ދެ ބީރައްޓެހިން ފަދަ އެވެ. އުމާމާއަށް ވެދިޔަ ކަންތަކާ މެދު ވިސްނެމުންދިޔައިރު ރައްޔާން އިނީ ފޯނު ނަގައި އެއިން މުހިންމު މެއިލްތަކެއް ފޮނުވާށެވެ.
"ރައްޔާން އަހަރެން އެކަނިތަ ފޮނުވާލަން ތި އުޅެނީ؟" ބޯޓަށް އަރަން އެންގުމާ އެކު އުމާމާ އިރުގަނޑަކަށް ފަހު ފުރަތަމަ ފަހަރަށް ރައްޔާންއާ ވާހަކަދެއްކި އެވެ.
"އެއީއެއް ނޫންތަ އުމާމާ ބޭނުންވާ ގޮތަކީ؟ އަހަރެން ކައިރިން ސަލާމަތްވެގެން އެކަނި އުޅޭށެއްނު ބޭނުންވަނީ؟ އެ މަގު އަހަރެން މި ތަނަވަސްކޮށްދިނީ،" ރައްޔާން އުމާމާގެ މޫނަށް ބަލާލައިފައި ތެދުވި އެވެ.
އޭނައާ އެކު އުމާމާ ވެސް ތެދުވި އެވެ. އަދި ރައްޔާންގެ މުލައްދަނޑީގައި ދެ އަތުން ހިފާލި އެވެ. އެ ދެ ލޮލުގައި އާދޭހުގެ ކުލަވަރެވެ.
"އަހަންނަކަށް ނުކެރޭނެ އެކަނި ދާކަށް. އަހަންނަށް ނުވެސް އެނގޭނެ. އައި ނީޑް ޔޫ،" އުމާމާ ފުރަތަމަ ފަހަރަށް ބަލި ގަބޫލުކުރި އެވެ.
"ބޯޓުން ފައިބާ އިރު އުމާމާ ބަލައި ގޮސް ހުންނާނެ. އެތަނުން ގެއަށް ގެންގޮސް ހުރިހާ ކަމެއް ހަމަޖެހިގެންދާނެ،" ރައްޔާން އުމާމާގެ މޫނަށް ބަލަމުން ވާހަކަދެއްކި އެވެ.
"އުނހު. އައި އޮންލީ ޓްރަސްޓް ޔޫ،" އުމާމާ ރައްޔާންގެ މުލައްދަނޑިން ދޫކޮށްލާފައި އޭނަގެ ކުރިމައްޗަށް އަރައި ޓީޝާޓްގައި ދެ އަތުން ބާރަށް ހިފެހެއްޓި އެވެ.
"ތީ ތެދެއް ނޫން. އުމާމާ އަހަންނަށް ބޭނުމެއް ނުވޭ. އަދި އަހަންނަށް އިތުބާރެއް ވެސް ނުކުރޭ. އުމާމާ ތިހެން ތި ވާހަކަދައްކަނީ ބިރުން. އުމާމާ އަހަރެންގެ ކިބައިން ހަމައެކަނި ބޭނުންވަނީ ރައްކާތެރިކަން،" ރައްޔާން މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލައިފައި ރައްދުދިނެވެ.
އެ ޖަވާބު އަހާފައި އުމާމާގެ ކުލަވަރު ބަދަލުވި އެވެ. ރައްޔާން އެންމެ އަހަން ބޭނުންވާ އެއްޗެއް ބުނެގެން ވެސް މިއަދު އޭނައަށް ރައްޔާންގެ އިތުބާރެއް ހޯދޭކަށް ނެތެވެ.
"ވެދާނެ ތިބުނީ ތެދެއް ކަމަށް ވެސް. ޕްލީޒް ހިނގާ އަހަންނާ އެކު!" އުމާމާ އާދޭސްކުރި އެވެ.
"އުމާމާ ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމަންވީ ވަގުތު މީ. މި ފްލައިޓަށް ނޭރިއްޖެއްޔާ އެ ގެއްލުވާލެވެނީ އުމުރު ދުވަހު ހިތާމަކުރާނެ ފުރުސަތަކަށް ވެދާނެ،" ރައްޔާން އުމާމާ ބިރުގަންނަވާލި އެވެ.
އުމާމާ އޭނަގެ ޓީޝާޓުން ދޫކޮށްލީ އެ ހިސާބުންނެވެ. އޭނަ ދެ ފިޔަވަޅު ފަހަތަށް ޖެހިލާފައި ފަސްދީ ހިނގައިގަތެވެ.
***
ބޯޓަށް އަރައި ސީޓު ހޯދަނިކޮށް ކެބިން ކުރޫއަކު އައިސް އުމާމާއަށް އެހީވި އެވެ. އޭނައަށް އެ އަންހެންކުއްޖާ ނޭނގުނަސް އެ ކުއްޖާއަށް އުމާމާ އެނގޭ ކަހަލަ އެވެ. އެއީ ވެސް ރައްޔާންގެ ކަމެއް ކަމަށް ވެދާނެ އެވެ. ސީޓުގައި ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް އުމާމާ އިނީ ބިރުންނެވެ. ހުސް ނުދަންނަ މީހުންގެ ތެރޭގައި އެކަނިމާއެކަނި އިންނަން ޖެހުމުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. ހުރިހާ ވެސް ހިތްހަމަޖެހުމަކަށް ވީ ދަތުރު ދުއާ އެވެ. ދަތުރުގެ ބާކީ ބައި އޭނަ ހޭދަކޮށްލީ ﷲއަށް ޒިކުރު ކުރުމުގަ އެވެ.
ބޯޓު ނައްޓާލުމުގެ ކުރިން ރައްޔާން ފޮނުވާފައި ހުރި މެސެޖުތައް ކިޔާލުމުން އެނގުނު އެއްޗަކީ ޓްރާންސިޓްގައި މަޑުކުރާ 48 ގަޑިއިރަށް ފޮށި ވެސް ނަގަން ޖެހޭނެ ކަމެވެ. ރައްޔާން އިރުޝާދު ދީފައިވާ ގޮތަށް އަންހެންކުއްޖަކާއި ފިރިހެންކުއްޖަކު ބޯޑެއް ހިފައިގެން އޭނަ ބަލާ އައިސް ތިއްބެވެ. ފޮށި ގެނެސްދިނީ އެތަނުން ފިރިހެންކުއްޖާ އެވެ. ކާރުގައި އެމީހުން އުމާމާ ހޮޓަލަށް ގެންދިޔަ އެވެ. ކައިގެން އުމާމާ ބޭނުންވީ ނިދާލާށެވެ.
ވަރުބަލިވެފައި ހުރުމުން އޭނައަށް ނިކަން ފަސޭހައިން ނިދުނެވެ. އަދި ހުވަފެނުގައި ފެނުނީ ރައްޔާން އޭނަ ކައިރިއަށް އައިސް ހުއްޓަ އެވެ. ހޭލެވުނުއިރު އުމާމާގެ ލޮލުގައި ކަރުނަ ހުއްޓެވެ. ރައްޔާންއާ އެކު އުޅެން ބޭނުން ނުވިއަސް ރައްޔާން އޭނައަށް ކޮށްދިން ކަންތައް އޭނަ އަބަދުވެސް ބަލައިގަންނާނެ އެވެ.
އަންހެންކުއްޖާ ނަންބަރު ދީފައި އޮތުމުން އުމާމާ ގުޅި އެވެ. އެތަނަށް މެންދުރު ވަގުތަށް ވުމުން ބޭރަށް ނިކުންނަން ދެން އެންމެ ރަނގަޅުވާނީ ހަވީރުކަމުގައި އޭނަ ކިޔައިދިނެވެ. ރައްޔާން އޮންލައިންގައި ހުރިތޯ ޗެކްކުރިއިރު އެނގޭކަށް ނެތެވެ. އުމާމާ ފޯނު ބާއްވާފައި އަނެއްކާވެސް އެނދުގައި އޮށޯތެވެ.
ހަވީރު އޭނަ ބަލައި ކުރިން ވެސް ބައްދަލުވި ޒުވާން ދެމަފިރިން އައުމުން އެމީހުންނާ އެކު އޭނަ ބޭރަށް ދިޔަ އެވެ. ރީތި މަގުތަކުގައި ދުއްވާލައި މީރު ކާއެއްޗެހި ލިބޭ ތަނަކަށް ވަދެ އެމީހުންގެ ހަރަދުގައި ކާންދިނެވެ. ރައްޔާންއަކީ ގާތް ރައްޓެއްސެއްކަން ކިޔާދިން ނަމަވެސް އުމާމާ އިތުރު ތަފްސީލެއް ނާހަ އެވެ. ރޭގަނޑުގެ މަންޒަރުތައް މާ ރީތިވާނެ ކަމަށް ބުންޏަސް އުމާމާ އިތުރަށް ބޭރަށް ނިކުންނާކަށް ބޭނުމެއް ނުވި އެވެ. އޭނަ ލޮބީގައި އެމީހުންނާ އެކު އިނދެލާފައި ކޮޓަރިއަށް ހިނގައްޖެ އެވެ. ރޫމް ސާވިސްއަށް އޯޑަރު ދީގެން ކެއުން ގެންނާނީ ކަމުގައި ބުނެފަ އެވެ.
އޭނަ ފޯނު ޗެކްކުރީ ރައްޔާންގެ އިތުރު މެސެޖެއް އިންތޯ އެވެ. އެކަމަކު ބަދަލުގައި ލިބުނީ މާޔޫސްކަމެވެ. ރައްޔާން މި އޮތް އަވަހަށް އޭނަމަތިން ފިކުރު ކުރުން ދޫކޮށްލީ ހެއްޔެވެ؟ ކުޑަމިނުން އޭނަ ރައްކާތެރިކަމާ އެކު އެތަނަށް އައިކަން އޭނަގެ އަމިއްލަ އަޑުން އަހާލާކަށް ބޭނުމެއް ނުވޭ ހެއްޔެވެ؟
އަށެއް ނުޖަހަނީސް އުމާމާ ނިދަންވެގެން ފުރޮޅި ފުރޮޅިފައި އެންމެފަހުން ތެދުވެއްޖެ އެވެ. ކާއެއްޗެއްސަށް އޯޑަރު ދޭން ވެގެން އެތާ އޮތް މެނޫއެއް ނަގައިގެން ބަލަން އިންދާ ދޮރުގައި ޓަކި ދިނެވެ. އުމާމާ ދިޔައީ ސިއްސައިގެންނެވެ. އޭނައަށް އެހީވާ ދެމަފިރިން ވެސް ފޯނުން ކުރިން ނުގުޅައި އެގޮތަށް ޓައްކެއް ނުދޭނެ އެވެ. އަދި ރޫމް ސާވިއަސްއަށް ވެސް އެ އުޅެނީ އޯޑަރު ނުދެވިގެންނެވެ. ވީއިރު އެ ގަޑީގައި އަންނާނީ ކާކު ހެއްޔެވެ؟ އުމާމާގެ ހިތަށް އެރީ ވަގަކު ނޫނީ ފޭރޭ މީހަކު އެތާ މަޑުކުރާ މީހަކަށް ހެދިގެން ވަދެ ޖެހުނު ކޮޓަރިއެއްގައި ޓަކި ދެނީ ކަމުގަ އެވެ. ބިރުން އޭނައަށް އިށީނދެ ވެސް ނީނދެވުނެވެ.
"ކާކު؟" އުމާމާ ގޮސް ދޮރު ކައިރިއަށް ހުއްޓިފައި އެހި އެވެ. ބޭރުން ޖަވާބު ދިން ނަމަވެސް ސާފެއްނުވި އެވެ. އުމާމާ ކާކުތޯ ބަލަން ޕީޕްހޯލްގައި ލޯ ޖެހި އެވެ. ވަގުތުން މެއަށް ހީވީ ފެން އެއްޗެއް އަޅައިލި ހެންނެވެ.
(ނުނިމޭ)
ކޮމެންޓް (4)
ސަނައްޓޭ
ޕަރސަން
ފޭން
ޒާނާ