ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 24
އިރުކޮޅަކު އިނދެލާފައި ޖުމާނާ ސައިފްގެ މުލައްދަނޑީގައި އަތް އަޅުވާލައިފައި އެ ހަށިގަނޑުގައި ލައްވެލި އެވެ. "ހީކަރުވާތީ،" ސައިފް ނާހަނީސް ޖުމާނާ ބުނެލި އެވެ.
ސައިފްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.
ދެ މީހުން އެހެން ތިބޭތާ އިރުގަނޑެއް ފަހުން ޖުމާނާއަށް ނިދުނެވެ. ސައިފްއަށް އެކަން އިހްސާސްވުމުން މެޗް ނިމެން ބާކީ އޮތީ ކިހާ ވަގުތެއްތޯ ބަލައިލުމަށް ފަހު ޖުމާނާ އެތެރެއަށް ގެންދަން ނިންމި އެވެ. ގޮވަން ނުހަދާ ލުއި ފަތެއްހާ ފަސޭހައިން ޖުމާނާ އަތުތެރެއަށް ލައިގެން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނިދީގައި ޖުމާނާ އޭނަގެ ކަނދުރާގައި އަތް އަޅުވާލި އެވެ. ނަސީބަކުން ކޮޓަރި ދޮރު ހުރީ އެއްކޮށް ނުލެއްޕި އެވެ.
ސައިފް ނިކުތީ ޓީވީ ނިއްވާލާށެވެ. އޭނަ އެނބުރި ގޮސް ޖުމާނާގެ ދާދި ގާތުގައި އޮށޯވެ ފަނޑު އަލީގެ ތެރެއިން ފެންނަމުންދިޔަ އެ މޫނަށް ބަލަން އޮތެވެ. ނޭނގި ނަމަވެސް އޭނައަށް ޖުމާނާއާ ގަޔާވެވެން ފަށައިފި އެވެ. އެ ބީހުމަށް އެދެވެން ފަށައިފި އެވެ. ކޮންމެ ފަހަރަކު އަމިއްލަ ނަފްސް ހުއްޓުވަން އޭނައަށް މަޖުބޫރު ކުރަނީ ޖުމާނާގެ ފަސްޖެހުމެވެ. ފުރަތަމަ ކައިވެންޏަށް ފަހު އެކަނި އެތައް ދުވަހަކު އުޅުމަށް ފަހު އަދިވެސް، ދެވަނަ ފަހަރަށް އެފަދަ ގާތްކަމަކަށް ޖުމާނާ ތައްޔާރު ނޫނީ ކަމަށް ވެދާނެ އެވެ. އޭނައަށް އޮތީ އިންތިޒާރު ކުރުމެވެ. އެކަމަކު ކިހާ ދުވަހަކު ހެއްޔެވެ؟
ކައިވެންޏަށް ފަހު ސައިފްގެ ދިރިއުޅުމަށް ލިބުނު އަނެއް ކުރިއެރުމަކީ ނަމާދު ކުރުމަށް ޖުމާނާ އަޅާބާރެވެ. އޭނަ ކައިރީ ސީދާ ނުބުނެ އަބަދުވެސް ފޮނުވަނީ ކުދިންނެވެ. ފަތިހު ވެސް އޭނައަށް ގޮވަން ވަންނަނީ ގިނަ ފަހަރު އެ ކުދިންނެވެ. އަދި އެ ކުދިން ކުރިމަތީ ދެކޮޅުހަދާކަށް އޭނައަކަށް ނުކެރެ އެވެ. އަދި އެ އާދަ މިހާރު މަޑުމަޑުން އޭނަގެ ބޭނުމަކަށް ވާން ފަށައިފި އެވެ. ކުދިން ނުގޮވަނީސް ވެސް ބައެއް ދުވަސްދުވަހު އެ ގަޑިއަށް ހޭލެވެ އެވެ.
އެ ރޭ ވެސް ސައިފްއަށް ހޭލެވުނެވެ. ޖުމާނާ އޭރު ފާހާނާއިން ނިކުންނަނީ އެވެ. ސައިފް ބަލަހައްޓައިގެން އޮއްވާ ޖުމާނާ އައިސް މަގަތުގައި ހުއްޓުނެވެ. އެ މޫނަށް ހިޔަނި އެޅިފައި ހުރުމުން ސައިފް އޮތީ ހޭލާކަމެއް ޖުމާނާއަކަށް ރޭކައެއްނުލަ އެވެ.
"ކީއްވެ ތިބަލަނީ؟" ސައިފް އެހި އެވެ.
"ހެ... ހޭލާތަ؟" ޖުމާނާ ދިޔައީ ސިއްސައިގެންނެވެ.
"ދެންމެ މި ހޭލެވުނީ،" ސައިފް ތެދުވެ އިށީނެވެ.
"އަހަރެން މި ވިސްނަނީ ކިހިނެއްބާއޭ ރޭގައި އަހަރެން ކޮޓަރިއަށް އައީ،" ޖުމާނާ ކިޔައިދިނެވެ.
"އަހަރެން އުރާލައިގެން ގެނައީ،" ސައިފް ބޭނުންވީ ޖުމާނާގެ މޫނުގެ ކުލަވަރު ބަލައިލާށެވެ.
ވަގުތުން އެ މޫނު ރަތްވެގެން އައި ގޮތް އޭނައަށް ކަމުދިޔަ އެވެ. ޖުމާނާ ލަދުގަތުމުން އޭނައަށް ހާދަ ރީއްޗެވެ.
"އަޅެ. އަހަންނަށް ނުގޮވަންތަ؟ ކުރިން އަހަރެންނަކަށް ނޭނގެ އަހަރެން އެހާ ނިދި ގަދަ ކަމެއް. ސޮރީ،" ޖުމާނާ ކަންބޮޑުވެފައި އަނެއް ފަރާތަށް އެނބުރުނެވެ. ތުވާލި ނަގައިގެން އޭނަ ފެށީ މޫނު ހިއްކާށެވެ.
ސައިފް ހަމަ ގަސްތުގައި އޭނަ ނުގޮވި ވާހަކަ ނުބުނީ އެވެ. ޖުމާނާ ވިސްނާނީ ކިހިނެއްކަން އޭނައަށް އެނގުނެވެ. ނިދީގައި އޭނަގެ އަތުތެރޭ ކޮޓަރިއަށް ގެނައިރު ރޭކާނުލިއިރު ނިދީގައި އެއަށްވުރެ އިތުރު ކަމެއް ހިނގިކަމާމެދުގަ އެވެ. އޭނަ ފާހާނާ އިން ނިކުތްއިރު ޖުމާނާ ކުދިންނަށް ގޮވަން ހިނގައްޖެ އެވެ. ސައިފް ވެސް ނިދާހެދުން ބަދަލުކޮށްގެން ތައްޔާރުވެގެން ނިކުތީ އެ ކުދިން ހޯދުމަށެވެ.
ނަމާދުން އައިއިރު އާދައިގެ މަތިން ޖުމާނާ ހުރީ ހުރިހާ އެންމެންނަށް ބުއިންތައް ތައްޔާރުކޮށްފަ އެވެ. މާޒް ނަމާދުކޮށްގެން ނިކުތީ ކޮޓަރިންނެވެ. ޖުމާނާ ބުނެގެން އޭނަ ވެސް މާޒްއަށް އެހާ ބޮޑަށް އަދި މިސްކިތަށް ނުގޮސްގެން ބާރެއް ނާޅަ އެވެ. ގޭގައި ކުރަން ފަށައިފި ނަމަ އުންމީދަކީ އެ ހިސާބަށް ވެސް އަދި ގެންދެވިދާނެ ކަމުގަ އެވެ. ބައެއް ކަންކަން ކުރެވޭނީ ނިކަން ކެތްތެރިވެގެންނެވެ.
ސައިފްއަށް ފާހަގަވީ ޖުމާނާ އިރުއިރުކޮޅާ އޭނަގެ މޫނަށް ބަލައިލާކަމެވެ. ހީވަނީ ހަމަ އެއްޗެއް އަހަން އުޅެފައި ފަސްޖެހެނީ ހެންނެވެ. ސައިފްއަށް މަޖާވި އެވެ. އޭނަގެ ޝައްކު ޔަގީނަށް ބަދަލުވި އެވެ. ޖުމާނާ އެ ވިސްނަނީ ރޭގައި ހިނގި ކަންތަކާ އެވެ. އޭނަ އިންތިޒާރު ކުރީ ދެ މީހުން އެކަނި ވަންދެނެވެ. ސުކޫލަށް ކުދިން ލާފައި އައިސް މަސައްކަތަށް ދިއުމުގެ ކުރިން ކުޑަ ވަގުތުކޮޅެއް ލިބޭނެ އެވެ.
"ސައިފް! ޖުމާނާ ހީވަނީ އޭނަ ނައިސްގެން އިންތިޒާރުގައި ހުރި ހެންނެވެ.
ގެއަށް ހަމަ ވަންތަނާ ބަދިގެ ތެރެއިން އަޑު އަ އެވެ. މާނައަކީ ޖުމާނާ ހުރީ ބަދިގެ ކުޑަދޮރުން، ދޮރާށިން ވަދެ ނިކުންނަ މީހުން ފެންނަ ހިސާބުގަ އެވެ.
"ހޫމް..." ސައިފް އައިސް ބަދިގެ ތެރެއަށް ބޯދިއްކޮށްލި އެވެ.
"މިއަދު ކޯއްޗެއް ހަދަންވީ؟" ޖުމާނާ ވިސްނާލައިފައި ފުރަތަމަ ކުރީ އެހެން ސުވާލެކެވެ.
"ޖުމާ ކައްކާ ކޮންމެ އެއްޗެއް ވެސް އަހަރެން ކާނަން،" ސައިފް ވަދެގެން އަ އެވެ.
ޖުމާނާ ރަކި ހިނިތުންވުމެއް ވެރިކޮށްލި އެވެ.
"އަހަން ތި އުޅުނީ އަސްލު އެ ވާހަކައެއް ނޫނެއްނު؟" ސައިފް ޖުމާނާ އިތުރަށް ތަޅުވަންވެގެން، އެތާ ހުރި ގޮނޑިއެއްގެ ލެނގޭ ބައިގައި ދެ އަތުން ހިފާލައިގެން ހުއްޓުނެވެ. އޭނަ ހުރީ ސީދާ ޖުމާނާގެ މޫނަށް ބަލާށެވެ.
ޖުމާނާ އިސްޖަހާލައިފައި އަނެއްކާ އިސްއުފުލައިލި ގޮތް އޭނައަށް ކަމުދިޔަ އެވެ. އެ ނުތަނަވަސްކަން ފެނިގެން ހައްތަހާ ތަޅުވާހިތްވި އެވެ.
"ޑިޑް ސަމްތިން ހެޕެން؟" ޖުމާނާ އެންމެ ފަހުން އަހާލައިފި އެވެ.
"ތިބުނީ؟" ސައިފް ބުމަ އަރުވައިލި އެވެ. އޭނަ ހަމަ ގަސްތުގައި ނޭނގޭ ކަމަށް ހެދުނީ އެވެ.
"މިބުނީ އަހަރުމެން... ރޭގަ... ކަމެއް ހިނގިތަ؟" ޖުމާނާއަށް ކިޔައިދެވުނީ އެވަރަށެވެ.
ސައިފް މޭޒު ވަށާލައިފައި ގޮސް ޖުމާނާގެ ކުރިމައްޗަށް ހުއްޓުނެވެ. އެ ދެ އަތްތިލައިގައި ހިފާލައިފައި ނަގައި ސައިފްގެ މޭމަތީ ބާއްވާލި އެވެ. "މިސާލަކަށް؟"
"ސައިފް! އަހަންނަށް އިނގޭ ތި އުޅެނީ އަހަރެން ތަޅުވަން ވެގެންކަން...ނޭނގިގެނެއް ނޫނެއްނު ތި އަހަނީ؟" ޖުމާނާ ދެ އަތް ތިރިކޮށްލަން އުޅުމުން ސައިފް އެ ދެ އަތަށް ކުރިއަށް ވުރެ ބާރުކޮށްލާފައި ހުއްޓުވި އެވެ.
"މިސާލަކަށް މިކަހަލަ ކަމެއްތަ؟" ސައިފް ސުވާލުކޮށްލާފައި ކުއްލިއަކަށް ޖުމާނާގެ ތުންފަތުގައި ތުންފަތް ޖައްސާލުމަށް ފަހު ދުރުކޮށްލި އެވެ.
ވަގުތުން ޖުމާނާގެ ދެ ލޯ ބޮޑުވެގެން އަ އެވެ.
"އޯ. ކަމަކުނުދިޔަތަ؟ ލެޓް މީ ޓޭކް އިޓް ބެކް،" ސައިފް ދެވަނަ ފަހަރަށް ވެސް ކައިރިވެލި އެވެ.
މިފަހަރު އޭނަ އިރުކޮޅެއް ނެގި އެވެ. ސައިފް ދުރުވެލިއިރު ޖުމާނާގެ ދެ ލޯ ހުރީ މެރިފަ އެވެ.
"ސައިފް!" ޖުމާނާ ލޯ ހުޅުވައިލި ގޮތަށް ބުނެލި އެވެ.
"ޕެކްއެއް ނަގަން އުޅެނިކޮށް ފްރެންޗް ކިސްއެއް ދޯ މި ދެވުނީ؟ ދެން ޖެހޭނީ އަނެއްކާ އަނބުރާ ނަގަން،" ސައިފް ތިންވަނަ ފަހަރަށް ކައިރިވެލަން އުޅުނު ވަގުތު ޖުމާނާ އޭނަގެ އަތުތެރެއިން ވީއްލިގެންފައި ހީގެންފައި ފަހަތަށް ޖެހުނެވެ.
"ކީއްވެތަ ދުރަށް ތި ދުވަނީ؟ ލެޓް މީ ރިޓާން އިޓް،" ސައިފް ޖުމާނާ އަތުލަން ކުރިއަށް ހިނގައިގަތެވެ.
ސަލާމަތް ނުވެދާނެހެން ހީވުމުން ޖުމާނާ ދުއްވައިގަތެވެ. ސައިފް ގާތަށް ވެސް ހިނިއަ އެވެ. ދެ މީހުން އެކަކު އަނެކަކު ފަހާ ދުވީ ފުރަތަމަ މޭޒު ވަށައިގެންނެވެ.
"ގަޑި ޖެހެނީ،" ޖުމާނާ ހަނދާންކޮށްދިނެވެ.
އޭނަ ހުރީ ވަރުބަލިވެފަ އެވެ. ތަންވަޅެއް ބަލާފައި އަވަހަށް ބަދިގެ ދޮރާ ދިމާއަށް ދުއްވައިގަތެވެ.
ސައިފްއަށް ޖުމާނާ އަތުވީ ފެންޑާއިންނެވެ. އޭނަ ޖުމާނާގެ ދެ ކޮނޑުގައި ހިފާ އެންމެ ކައިރި ފާރާ ތަތްކޮށްލި އެވެ. ބޯމަތީ ހަރުކޮށްފައިވާ ގަޑިއަށް ނަޒަރެއް ދެވުނީ އެ ގަޑީގަ އެވެ. "ޝިޓް."
ސައިފްގެ ކުލަވަރު ބަދަލުވިތަން ފެނިފައި ޖުމާނާވެސް މޫނު އަނބުރާލައިފައި ގަޑިން ވީ އިރެއް ބަލައިލި އެވެ.
"ދެން ދޭ!" ޖުމާނާ ހިނިއައިސްފައި އެދުނެވެ.
"ސުޕަވައިޒަރަށް އަންގަންވީ ކަންނޭނގެ މިއަދު ލަހުންނޭ ދެވޭނީ،" ސައިފް ޖުމާނާއާ ސަމާސާކޮށްލަންވެގެން ބުނެލި އެވެ.
"ސައިފް!!!" ޖުމާނާ އަކުރުތަކަށް ބާރުލައިފައި އެ ނަން ކިޔާލި އެވެ.
ސައިފް އަވަހަށް އަމާންދޭ މީހަކު ފަދައިން ދެ އަތް އުފުލާލައިފައި ފަހަތަށް ޖެހުނެވެ. އޭނަ ކޮޓަރިއަށް ވަންނަމުން އެނބުރި ބަލާލިއިރު ޖުމާނާ ހެމުންހެމުން އަނގަމަތީ އަތް އެޅި އެވެ.
"ފަހުން ދޯ؟" ސައިފް ގޮވާލި އެވެ.
"ފަހުން..." ޖުމާނާގެ ރައްދު އަ އެވެ.
ސައިފްއަށް ލިބުނު ހައިރާންކަން ދާދި އަވަހަށް ހިނިތުންވުމަކަށް ބަދަލުވި އެވެ. އޭނަ ދޮރު ހުޅުވާލައިފައި ވަދެ ގެއްލުނެވެ.
***
މުޅި ދުވަހު ސައިފްގެ ހިޔާލުތަކުގައި ވީ ޖުމާނާ އެވެ. އެ ހިނިތުންވުމެވެ. އެ ކުޑަކުޑަ ހިނދުކޮޅުގެ ލައްޒަތެވެ. އެ މޫނު ދެކޭހިތުން އޭނާ ކެތްމަދުވި އެވެ. އެ ބީހުމަށް އޭނަގެ ޖިސްމު އެދިގޮވަނީ އެވެ. ކުޑަ ހުސް ވަގުތުކޮޅެއް ލިބުމުން ޖުމާނާގެ ނަންބަރަށް ގުޅިއިރު ދައްކާނެ ވާހަކައެއް ވެސް އޭނަ ކުރިން ނުނިންމަ އެވެ.
"ކިހިނެއްވީ؟" ޖުމާނާ ސުވާލުކޮށްލި ގޮތުން ނުތަނަވަސްކަން އެ އަޑުން ފާހަގަވި އެވެ.
އެގޮތަށް މަސައްކަތުގައި އުޅެފައި އަލަށް ގުޅީމައި ކަމެއް ޖެހުނީއޭ ހީވީ ކަންނޭނގެ އެވެ. ސައިފްއަށް ޖަވާބުދޭން އުނދަގޫވި އެވެ.
"ކީއްކުރަނީ؟" ބޯޖަހާލައިފައި އޭނަ އެހި އެވެ.
ތަންކޮޅެއް ދުރުގައި ވަރުބަލި ފިލުވާލަން ތިބި އިތުރު މަސައްކަތްތެރިންނާ ދުރަށް އޭނަ ހިނގައިގަތީ ކޮނޑުގައި އޮތް ތުވާލިގަނޑަކުން މޫނުގައި ހުރި ދާތައް ފުހެމުންނެވެ.
"މިހާރު މި ރެޑީވަނީ ކުދިންކޮޅު ސުކޫލުން ގެންނަން ދާން،" ޖުމާނާ ކިޔައިދިނެވެ. ސައިފްއަށް އެ މަންޒަރު ސިފަވި އެވެ. ރީތިވެގެން ނިކުތުމުގެ ކުރިން މުޅި ހަށިގަނޑު ފޮރުވާނެ އެވެ. އަދި ޖުމާނާގެ އެ ނިވާކަން އޭނައަށް ފުރަތަމަ ފަހަރަށް ކަމުދިޔަ އެވެ. އެހެން އެއްވެސް ފިރިހެނަކަށް އެ ރީތިކަމެއް ނުފެންނާ އެވެ. އެއީ ހަމައެކަނި އޭނަގެ ހައްގެކެވެ.
"ނުބުނަމެއްނު ތި ގުޅީ ކީއްވެކަމެއް؟" ސައިފް އެއްވެސް ވާހަކައެއްނުދައްކާ ހުންނަން ފެށުމުން ޖުމާނާ ހަނދާންކޮށްދިނެވެ.
"އަޑު އަހާލާހިތުން،" ސައިފް ޖަވާބުދިނެވެ.
ވަގުތުން ޖުމާނާ ހިމޭންވި އެވެ.
ރަކިވީ ކަންނޭނގެ އެވެ. އެ މޫނުގެ ކުލަ ހުންނާނީ މިހާރު އެކީ ރަތްވެފަ އެވެ. ސައިފްގެ ހިތަށް އެރި އެވެ.
"މިހާރު ގަޑި ޖެހެނީ،" ޖުމާނާ އިރުކޮޅަކުން ބުނެލި އެވެ.
"ބާއްވާ ދެން،" ސައިފް ހުއްދަދިނެވެ.
"ބާއި،" ޖުމާނާ ފޯނު ކަނޑާލުމުގެ ކުރިން އިއްވައިލި އެވެ.
***
ޖުމާނާގެ ހިޔާލުތަކުގައި ވެސް ރަސްކަންކުރަމުން ދިޔައީ ސައިފް އެވެ. ހާއްސަކޮށް އެ ފޯނު ކޯލުގެ ފަހުން އޭނައަށް އިރުއިރުކޮޅާ ގަޑި ބަލާލެވެ އެވެ. ނޭނގި ނަމަވެސް، މަސައްކަތް ނިމިގެން ފިރިމީހާ އަންނާނެ ވަގުތަކަށް އިންތިޒާރު ކުރެވެން ފެށި އެވެ. މެންދުރު ކާގަޑީގައި އެ ގޮނޑި ހުހަށް ހުރުމުން ނިކަން ބެލުނެވެ. ސައިފް އާންމުކޮށް މިހާރު ކަނީ މަސައްކަތް ނިންމާފައި އައިސް ފެންވަރައިގެންނެވެ. އިމާރާތްކުރާ ބަޔަކާ ގުޅުނު ފަހުން ގެއަށް އަންނައިރު ހުންނާނީ މާބޮޑަށް ހަޑިވެފަ އެވެ. އަދި އެ ގަޑީގައި ދެ މީހުން އެކަނިވެލަން ލިބޭނެ އެވެ.
***
ފުރަން އޮތް ދުވަސް އައިސް ޖެހުނުއިރު ރައްޔާން އުޅުނީ އުމާމާއާ ވީހާވެސް ދުރުންނެވެ. އެއް އެނދުގައި ނިދުން ވެސް ދޫކޮށްލި އެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކަ އެވެ. އުމާމާ އެ ދުވަހު ބޭރުގައި އުޅެފައި އައި އިރު އޭނަގެ ފޮށި ހުރީ ތައްޔާރުކޮށްފަ އެވެ. ފާރު ކައިރީ ފޮށި ހުއްޓާ ފެނުމުން ހައިރާންވެފައި ބަލަން ހުރެވުނެވެ.
ކޮޓަރިތެރޭ ރައްޔާން އުޅޭކަން އެނގުނީ އެނދުމަތީ ވޮލެޓާއި ގަޑި ބާއްވާފައި އޮތީމަ އެވެ.
"ރައްޔާން!" އުމާމާ ގޮވާލި އެވެ.
ރައްޔާން ބޯދިއްކޮށްލީ ބެލްކަނީގައި ހުރެފަ އެވެ. އޭނަ ހުރީ ފޯނެއްގަ އެވެ.
"މީ ކޮން ކަމެއް؟ ރައްޔާން ތަނަކަށް ފުރަނީތަ؟" އުމާމާ ފާރު ކައިރީ ހުރި ފޮށްޓަށް އަތުން އިޝާރާތްކޮށްލާފައި ސުވާލުކުރި އެވެ.
ވާހަކަދައްކަމުންދިޔަ މީހަކު ކައިރީ ފަހުން ގުޅާނަމޭ ކިޔާފައި ރައްޔާން ފޯން ބޭއްވި އެވެ.
"އުމާމާއެއްނު ފުރަނީ؟" ރައްޔާން ކައިރިއަށް އަންނަމުން ވާހަކަދެއްކިއެވެ.
"މަޖަލެއް ނޫން،" އުމާމާ ބުނިއަޑު އިވުނެވެ. އޭނަ ހިތުން ރައްޔާން ސަމާސާކުރަނީ އެވެ.
ރައްޔާން އެނދުމަތިން ގަޑި ނަގައި އަތުގައި އަޅާލުމަށް ފަހު ވޮލެޓް ނަގައި ޖީބަށްލި އެވެ. އޭނަ ބަލައިލީ އުމާމާ ބުނި އެއްޗެއްގެ އަޑު އިވިގެންނެވެ.
"ހަނީމޫން ދޯ؟ ރައިޓް،" ރައްޔާންއަށް ޖަވާބުނުދެވެނީސް އުމާމާ ކުއްލިއަކަށް ހަނދާންވެގެން ވާހަކަދެއްކި އެވެ.
ރައްޔާން އެ ހިސާބުން ބުނަން އުޅުނު ޖުމްލަ ވެސް ބޭރުކުރުމުގެ ހިޔާލު ދޫކޮށްލި އެވެ.
"ތިރީހަކަށް މިނިޓް ފަހުން މި އަންނަނީ ބަލާ. ރެޑީވެގެން ހުރޭ،" ރައްޔާން އުމާމާއަށް އަންގާފައި ނިކުމެގެން ދިޔަ އެވެ.
އުމާމާ ތައްޔާރުވާން ފެށި އެވެ. އަލަމާރިން ހެދުން ނަގަން ބެލިއިރު އޭނަގެ ހެދުންތަކެއް އެތާކު ނެތެވެ. އެކަމަކު ރައްޔާންގެ ހުރިހާ އަންނައުނެއް ކަހަލަ ގޮތަކަށް އެ ހުންނަ ތަނުގައި އެބަ ހުއްޓެވެ. އުމާމާއަށް ޝައްކެއްވި އެވެ. އޭނަ ފޮށި ތިރީގައި ބާއްވާފައި ހުޅުވައިގެން ބެލި އެވެ. އޭގައި ހުރީ ހުސް އޭނަގެ އަންނައުނުތަކާއި އޭނަގެ ސާމާނެވެ. ސުވާލު އުފެދިފައި ހުރެގެން ފޮށި ލައްޕާފައި ކުރިން ހުރި ތަނުގައި ބެހެއްޓުމަށް ފަހު އަތްދަބަސް ތައްޔާރުކުރަން ދިޔަ އެވެ.
ބަރާބަރު ބައިގަޑިއިރު ފަހުން ރައްޔާން ގުޅާފައި ނިކުންނަން އެންގި އެވެ. އޭނަ ދޮރު ހުޅުވާލި ގަޑީގައި ޑްރައިވަރު ދޮރު ކައިރީ ހުރީ ފޮށި ބަލާ އައިހެވެ. ނިކުމެގެން ދިޔައިރު ފަހަރަކު މީހަކު އޭނަ ހުއްޓުވާފައި ސަލާމް ކުރި އެވެ. އަމީރާ އާއި ޒޯޔާ ކާރާ ހަމައަށް އެކީގައި ދިޔަ އެވެ. އުމާމާ ހުރީ ވާނުވާ ނޭނގިފަ އެވެ.
(ނުނިމޭ)
ކޮމެންޓް (5)
މާޝާ
އުމޭ
ޒާނާ
ފޭން
އުމާމާ