ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

18 ޖެނުއަރީ 2024
1

އެޕިސޯޑް 21

ލޯމަރާލުމުގެ ކުރިން އުމާމާއަށް ނިތުގައި އަތް އުނގުޅާލެވުނެވެ. އަދިވެސް ހީވަނީ ރައްޔާންގެ އެ ލުއިލުއި ބީހުމުގެ އިހްސާސްކުރެވޭ ހެންނެވެ. އުމާމާއަށް ނުނިދި އުޅެނިކޮށް ރައްޔާން ނިކުތް އަޑު އިވުނެވެ. އުމާމާ އަވަހަށް ނިދާފައި ކަމަށް ހެދުނެވެ. ރައްޔާން އައިސް އަނެއް ފަރާތުން އެނދަށް އަރައި ހަމަޖެހިލިކަން އިހްސާސްވި އެވެ. އުމާމާ ގުޑާ ވެސް ނުލާ އޮތެވެ. އޭނަ އަނެއް ފަރާތަށް އެނބުރުނީ ރައްޔާންއަށް ނިދޭހާ އިރު ކޮށްފަ އެވެ.

ބޯދަށަށް އެއް އަތްތިލަ ލައްވާލައިގެން އަނެއް އަތް މޭމައްޗަށް އަރުވާލައިގެން އޮތްއިރު ދެ ލޯ ވަނީ މެރިފަ އެވެ. އުމާމާ މޫނުގެ އެއް އަރިއަށް ވާނެހެން ދެ އަތްތިލަ ލައްވާލައިގެން ފަރުވާތެރިކަމާ އެކު ބަލަން އޮތެވެ. ފަނޑު އަލީގެ ތެރެއިން ނިދާފައިވާ ރައްޔާން ފެންނަނީ ނިކަން މައުސޫމުކޮށެވެ.

"ވެދާނެ ޒާރާ އެ ބުނަނީ ތެދެއް ކަމަށް. އަހަރެން ހީކުރާހާ ގޯހެއް ނޫންކަން ނޭނގެ،" ހިތާއި ހިތުން އުމާމާއަށް ބުނެވުނެވެ.

***

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔަ އެވެ. އުމާމާ ކިޔަވަން ފޮނުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ތައްޔާރީއެއް ރައްޔާން ދިޔައީ މަޑުމަޑުން ކުރަމުންނެވެ. ގްރެޖުއޭޝަން ނިމުމާ އެކު ޔުނިވަސިޓީތަކަށް ފޯމު ހުށައެޅި އިރު ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ހަމަ ރައްޔާންގެ ކިބައިންނެވެ.

އުމާމާގެ ކަމަކަށް އޮންނަނީ ކޮންމެ ދުވަހަކު އެތައް ފަހަރަކު މެއިލް ޗެކްކުރުމެވެ. ދޮންމަންމަ ގުޅައިގެން ދެ ދުވަހެއްގެ މަތިން އެ ގެއަށް ދާން ކިޔުމުން ވެސް ބަހަނާއެއް ދައްކައި އެކަމުން މަނާވެގަތެވެ. ފުރުމުގެ ކުރިން އަލުން އެ ގެއަށް ދާ ހިޔާލެއް އޭނަގެ ނެތެވެ. އަނެއްކޮޅުން ބައްޕަމެން މީހަކު ވެސް ނުއެއް އާދެ އެވެ. ޒާރާ މަދުމަދުން ބައްދަލުކުރަން އާދެ އެވެ.

ރައްޔާން އެއް ދުވަހަކު ގެއަށް އައިއިރު އުމާމާ ކޮޓަރީގައި އިނީ މާޔޫސްވެފައިވާ ކުއްޖަކު ފަދައިންނެވެ.

އެނދުމަތީ ދަބަސް ބާއްވާފައި އަލަމާރި ކައިރިއަށް ދަމުން ރައްޔާން ނިތް އަރުވައިލި އެވެ. އުމާމާ ކުރިއަށް ވުރެ ބޮޑަށް ތުންދަމާލައިފައި އުއްޑުން އެނދަށް ވެއްޓިގަތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮއްވާ ރައްޔާން އައިސް ކައިރިވުމުން އެ މޫނަށް ނަޒަރު ހުއްޓައިލި އެވެ.

"ކިހިނެއްވީ؟" ރައްޔާން އެހި އެވެ. އޭނަ ހުރީ ގަމީހުގެ ގޮށްތައް ނައްޓާށެވެ.

"ދެ ތަނުން ރިޖެކްޓްވެފަ އިނީ،" އުމާމާ ސަބަބު ބަޔާންކޮށްދިނެވެ.

"ކޮންތާކުން؟" ރައްޔާން އިތުރަށް އޮޅުންފިލުވަން ބޭނުންވި އެވެ.

އުމާމާ ތެދުވެގެން ގޮސް ލައްޕާލައިފައި ހުރި ލެޕްޓޮޕް ހުޅުވާލުމަށް ފަހު އޮންކުރި އެވެ. ރައްޔާން ގޮސް ހުއްޓުނީ ފަހަތުގަ އެވެ. އުމާމާ މެއިލް ހުޅުވާލައިފައި ފަހަރަކު މެއިލްއެއް ދެއްކުމުން ކިޔާލަންވެގެން ކުޑަކޮށް ގުދުވެލާފައި ހިންދެމިލި އެވެ.

"ތި އެކަމަކު އުމާމާ އެންމެ ދާން ބޭނުންވާ ޔުނިވަސިޓީގެ ރިޖެކްޓް ލެޓާއެއް ނޫނެއްނު؟" ރައްޔާން ފާހަގަކުރި އެވެ.

"އެނގެއޭ. އެކަމަކު މި ތަންތަނުން ރިޖެކްޓްވީމަ ހަމަ ބިރުގަންނަނީ މިހާރު،" އުމާމާ އަނެއްކާވެސް ގޮސް އެނދުގައި އިށީނެވެ.

ރައްޔާން ޓީޝާޓެއް މަހާލައިގެން އަތް އޮޅަން ހުރެފައި ހިނިތުންވެލި އެވެ. "އަދި އެހާ ހާސްވާކަށް ނުވޭ. ތި ތަންތަނުން ތި ރިޖެކްޓްވީ އެންމެ ރަނގަޅު ތަނުން ފުރުސަތު ލިބެންވެގެން ކަންނޭނގެ."

"ނޭނގެ،" އުމާމާ އަތުގެ އިނގިލިތަކުން ނިތްކުރި މަސާޖްކުރަން ފެށި އެވެ. ބޮލުގައި ރިހުމެއް އުފެދިފައި ހުންނަހެން ހީވާތާ އިރުކޮޅެއްވެއްޖެ އެވެ. މިހާރު ހީވަނީ އެ ރިހުން ގަދަވަމުން ދާހެންނެވެ.

"ހިނގާ އަހަންނާ އެކު އެއްޗެއް ކާލަން. ބޮލުގަ ތި ރިއްސަނީ މާބޮޑަށް ވިސްނާތީ. ބޭރަށް ނިކުމެލީމަ ހަމައަކަށް އެޅިދާނެ،" ރައްޔާން އައިސް ކުރިމައްޗަށް ހުއްޓިފައި އަތް ދިއްކޮށްލި އެވެ.

އުމާމާއަށް ނިތުން އަތް ތިރިކޮށްލާފައި ރައްޔާންގެ ދިއްކޮށްލެވިފައިވާ އަތަށް ބަލައިލެވުނެވެ. ކުޑަކޮށް ފަސްޖެހިފައި އިނދެގެން އޭނަ އެ އަތުގައި ހިފާލުމާ އެކު ރައްޔާން ކުއްލިއެއްޖަހައި އޭނަ އެނދުން ނެގި އެވެ.

"އިހަށް މަޑުކޮށްބަލަ އަހަރެން އަދި ރެޑީވެލަން،" އުމާމާ ހުއްޓުނީ ދޮރާ ހަމައިންނެވެ.

"އެ ކީއްކުރަން؟ ތައްޔާރުނުވިއަސް އަބަދުވެސް ރީތި،" ރައްޔާން ހުރީ އިތުރަށް މަޑުކުރާ ގޮތަކަށް ނޫނެވެ.

"ރައްޔާން!" އުމާމާ ތަންކޮޅެއް ބާރުލާފައި ގޮވާލި އެވެ. އޭނަ ގާތަށް ހިނި ވެސް އަތުވެއްޖެ އެވެ. ހަމައެއާ އެކު އެ މޫނު ފާޑަކަށް ރަތްވި އެވެ.

"ތެދު ވާހަކައެކޭ މި ބުނީ. އުމާމާއަށް އެނގެއެއްނު އަހަރެން މީ ދޮގުހަދާ މީހެއް ނޫންކަން؟" ރައްޔާން ހުއްޓިފައި އުމާމާގެ މޫނަށް ބަލައިލި އެވެ.

އުމާމާއަށް މަޑުމަޑުން ދެ ފަރާތަށް ބޯހޫރުވައިލެވުނެވެ. އޭނަ އެންމެފަހުން އެ ހުރި ގޮތަށް ރައްޔާންއާ އެކު ދާން ނިކުތީ އެވެ.

***

ރައްޔާން އުމާމާ ގެންދިޔައީ ކައިވެނީގެ ކުރިން އެމީހުން ބައްދަލުކުރި ތަނަށެވެ. ކާރުން ފޭބުމާ އެކު އުމާމާ ފުރަތަމަވެސް ހަނދާންވީ އެ ދުވަހެވެ. އޭނަ ކޮށި އަރައިގެން ރައްޔާންއަށް ބުރަކަށީގައި އަތްލާން ނުކެރިފައި ހުއްޓާ އެހެން މީހަކު އައިސް އޭނަގެ ބުރަކަށީގައި ފިރުމަދީފައި ރައްޔާންއަށް ފާޑަކަށް ބަލާފައި ދިޔައީ އެވެ. އުމާމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

ރައްޔާން ބަލާލުމާ އެކު އަވަހަށް އެކަން ފޮރުވަންވެގެން ކެއްސައިގަތް ކަމަށް ހެދިފައި އަތް މުށްކަވާލުމަށް ފަހު އަނގަމަތީ އެޅި އެވެ.

އުމާމާ ސައިފް މަތިން ވެސް ހަނދާންވި އެވެ. ސައިފް އާއި ޖުމާނާގެ ދިރިއުޅުން ކިހިނެއްތޯ އޮޅުންފިލުވާހިތްވި އެވެ.

"އައި ފަހުން ޖުމާއަށް ގުޅިންތަ؟" ވެއިޓަރު ފެން ގެނެސްދީފައި ދިއުމުން އުމާމާ ސުވާލުކުރި އެވެ.

"ހޫމް އިއްޔެ ވެސް ގުޅިން،" ރައްޔާން ޖަވާބުދިނެވެ.

ހެދުނީ ގޯހެއްކަން އުމާމާއަށް ވިސްނުނީ ދެނެވެ. އެ ދުވަހު ސައިފްގެ ކޯލު އައިތަން ރައްޔާންއަށް ވެސް ފެންނާނެ އެވެ.

"ސައިފްއަކީ އަސްލު އަހަރެން ދަންނަ ކުއްޖެއް. ކޮލެޖުގަ ކިޔެވިއިރު ފެނިފަ ހުރީ. އެކަމަކު އެހާ އެކުވެރިއެއްނުވާނެ،" ރައްޔާން އެހެން ގޮތަކަށް ވިސްނަފާނެތީ ހަގީގަތް ބުނެދޭން އުމާމާ ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ. އޭނައަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް އެ ވާހަކަ ހާމަކުރެވުނީ އެވެ. އެކަމަކު އެއީ ރަނގަޅު ގޮތް ކަމުގައި ފަހުން ހިތަށް އެރި އެވެ.

ރައްޔާންގެ މޫނުގެ ކުލަވަރުން ވަކި އެއްޗެއް ދޭހަކުރަން ނޭނގިގެން ބަލަން އިނދެފައި އުމާމާ އިތުރަށް އަމިއްލަ ނަފްސްގެ ދިފާއުގައި ވާހަކަދައްކަން ނިންމި އެވެ.

"އަހަންނަށް އިނގޭ ރައްޔާން ހިތަށް އަރާނީ ކީކޭކަން. އެ ރަށަށް ގޮސް ސައިފްއަކީ ދަންނަ މީހެއް ކަމަށް ނުހެދީ ކީއްވެބާއޭ. ތެދަށް ބުނަންޏާ އަހަރެން ބިރުގަތީ އެއްވެސް މީހަކު އަހަންނާ ދޭތެރޭ ގޯސް ގޮތަކަށް ވިސްނަފާނެތީ. ނަސީބަކުން ސައިފް ވެސް ނޫޅޭ އަހަރެންގެ ސީކްރެޓް ފަޅާއަރުވާކަށް،" އުމާމާ ކިޔައިދިނެވެ.

ރައްޔާން މަޑުމަޑުން ބޯޖަހާލައިފައި ހިނިތުންވެލިތަން ފެނުމުން އުމާމާއަށް ހީވީ ބޮލުން ބޮޑު ބަރެއް ނެގުނު ހެންނެވެ. ރައްޔާން އޭނާގެ ވާހަކަ ހަމައެކަނި ގަބޫލުކުރީއެއް ނޫނެވެ. އެ ވާހަކަތައް އަހާފައި އޭނަ ދެކެ ރުޅިއައުމުގެ ބަދަލުގައި އެކަން ބަލައިގަތީ އެވެ.

"އެހެންވިއްޔާ ސައިފްއަކީ ރަނގަޅު މީހެއްތަ؟ މާބޮޑަށް ގާތް ނޫނަސް ދަންނަ ވާހަކަ ބުނީމެއްނު؟" ރައްޔާން އޮޅުންފިލުވަން ބޭނުންވި އެވެ.

"ހީޒް ޕްރިޓީ ޑީސަންޓް،" އުމާމާ ޔަގީންކަން ދިނެވެ.

ރައްޔާންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ކާއެއްޗެހި އައުމާ އެކު ދެ މީހުން ނުހަނު ހަމަޖެހިގެން ތިބެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. އެ ދެމެދުގައިވާ އުސް ފާރުން ކުޑަ ތަންކޮޅެއް ނަމަވެސް ތިރިވެއްޖެކަމުގައި ދެ މީހުންނަށް ވެސް އިހްސާސްކުރެވުނެވެ.

***

ސުކޫލުން އައި ގޮތަށް ބިލާލް ގޮސް ވަދެ އިނީ ކޮޓަރީގަ އެވެ. ޖުމާނާ ދެ ކުދިންނަށް ކާން ގޮވާފައި އައިސް ބަދިގޭގައި އުޅެނިކޮށް އެތެރެއަށް ވަނީ ހަމައެކަނި އަލްޔާ އެވެ. ބިލާލް ކޮބައިތޯ އެހުމުން ކޮޓަރިއާ ދިމާއަށް އިޝާރާތްކޮށްލި އެވެ. ޖުމާނާއަށް ބުމަ ކައިރިކޮށްލެވުނެވެ. ބިލާލް ނައީ ކީއްވެ ހެއްޔެވެ؟ ނުކައި ކޮންމެވެސް އެއްޗެއް ކުޅެނީއޭ ހީވެފައި އޭނަ ބަލަން އެ ދިމާއަށް ދިޔަ އެވެ.

ޔުނީފޯމް ވެސް ނުބާލައި ބިލާލް އޮތީ އެނދަށް އަރަ އެވެ. ދަރިފުޅު ހީވަނީ ވިސްނުމެއްގައި އޮތް ހެންނެވެ. ނޫނީ ސުކޫލްގައި ކޮންމެވެސް ހިތްހަމަނުޖެހޭ ކަމެއް ދިމާވީ އެވެ. ޖުމާނާގެ ހިތް ގެނބިގެންދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. އޭނަ ގޮސް ބިލާލްގެ މަގަތުގައި އިށީނދެފައި ނިކަން ލޯބިން އިސްތަށިގަނޑުގައި ފިރުމާލި އެވެ.

"މަންމަގެ ބިލާލް މިއަދު ކާން ނައިސް ތި އޮތީ ކީއްވެ؟ ބަލިވީތަ؟" ޖުމާނާ ނުހަނު ލޯބިން އޮޅުންފިލުވަން އުޅުނެވެ.

ބިލާލް އެއްވެސް ޖަވާބެއް ނުދީ އިރުކޮޅަކު އޮވެފައި ތެދުވެ ޖުމާނާގެ ގައިގައި ބައްދައިގަތެވެ.

"ބިލާލް... މަންމަގެ ޕައިކޮޅަށް ކިހިނެއް ތި ވަނީ؟" ޖުމާ ބިލާލްގެ ބުރަކަށީގައި ފިރުމަން ފެށި އެވެ.

އިރުކޮޅަކުން ދުރުކޮށްލިއިރު ބިލާލްގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ޖުމާނާގެ ހިތަށް ކުރިއަށް ވުރެ ބޮޑަށް ތަދުވި އެވެ. އަނެއްކާވެސް ބިލާލް ގެނެސް މޭގައި ޖައްސާލެވުނެވެ. ކާން ދިއުމުގެ ކުރިން ބިލާލް ހަމައެކަނި ބުނީ ބައްޕަ ބޭނުންވާ ވާހަކަ އެވެ. އިތުރަށް ޖުމާނާއަކަށް އެއްވެސް އެއްޗެއް ކިޔައެއްނުދިނެވެ.

އެ ރޭ ސައިފް މަސައްކަތް ނިންމާފައި އައިސް ފެންވަރަން ވަންއިރު ޖުމާނާ އިނީ އެނދުމަތީގަ އެވެ. އޭނަ ނިކުތީ ސައިފް ނިކުންނަން ވާއިރަށް ކާން ހަދަންވެގެންނެވެ. ކުޑަ ދެ މީހުން އޭރު ނިދަން ވަދެ އެވެ. އެކަމަކު މާޒްގެ ކޮޓަރީގެ ބޮކި ދިއްލާފައި ހުރުމުން ހޭލާ އުޅޭކަން އެނގުނެވެ. ޖުމާނާ އައި ފަހުން މާޒް ވެސް ތަންކޮޅެއް ގިނައިން ނިކުމެ އުޅެ އެވެ. ހާއްސަކޮށް ކާ ގަޑިތަކުގައި ކާގެއިން ފެންނާނެ އެވެ. އެކަމަކު އޭނަ އަބަދުވެސް ބަލާނީ ސައިފް ނެތިސް ނިކުމެ ކެވޭތޯ އެވެ. ޖުމާނާއަށް އެކަން ފާހަގަކުރެވޭތީ އޭނަ ވެސް ސައިފް އެންމެންނާ އެކު ކާއިރަކު ވިއްޔާ ނިމިގެން ދަމުން ނިކުންނަނީ މާޒްއަށް ކެވޭނެހެން ތައްޔާރުކޮށްފަ އެވެ. އެމީހުން ނިކުންނަތާ އިރުކޮޅަކުން މާޒް އައިސް ކާން އިންދާ ފެންނާނެ އެވެ.

ޖުމާނާ މޭޒުމަތި ތައްޔާރުކޮށް ނިމިގެން މޭޒު ދޮށުގައި އިންދާ ސައިފް ނިކުތީ ނިދަން ލާ ސޯޓާ އެކު މަތިން އަތް ކުރު ޓީޝާޓެއް ވެސް ލައިގެންނެވެ. މިރޭ ދެން ބޭރަށް ނުދާން ގަސްތުކޮށްގެންކަން އަންނައުނަށް ބަލައިލުމުން އެނގުނެވެ.

"ކައިފިންތަ؟" ސައިފް އިށީނދެފައި ޖުމާނާއަށް ބަލައިލި އެވެ.

"ނެތް ކާހިތެއް،" ޖުމާނާ މަނާވެގަތެވެ. ސައިފް އެހެން އެ އެހީ އޭނަ އާންމުކޮށް ރޭގަނޑުގެ ކެއުން ކަނީ ސައިފް އައުމުން އެކީގައި ކަމަށްވާތީ އެވެ. އެކަމަކު މިރޭ މޫޑެއް ނެތެވެ.

"އެ ކިހިނެއްވީ؟ ރޯގާ ޖެހުނީތަ ކާހިތް ނެތީ؟" ސައިފް އޮޅުންފިލުވަން ބޭނުންވި އެވެ.

ޖުމާނާ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލި އެވެ.

ސައިފް ކާން ފެށި ފަހުން ވެސް އޭނައަށް އިނދެވުނީ ހިޔާލަކަށް ގެއްލިފަ އެވެ. އެކަން ސައިފްއަށް ވެސް ފާހަގަވި އެވެ. އެހެން ރޭރޭ ޖުމާނާ އެތާ އިނދެގެން އަބަދުވެސް ކޮންމެވެސް ވާހަކައެއް ދައްކާނެ އެވެ. ބެލެނިވެރިންގެ ބައްދަލުވުމުގެ ކޮންމެވެސް މަޖާ ހާދިސާއެކެވެ. ނޫނީ ގޭގައި ކުދިން ކުރި މޮޅު ކަމެއް ނޫނީ މަޖާ ކަމެއްގެ ވާހަކަ އެވެ. އޭނަ ހީކުރީ ޖުމާނާ މާބޮޑަށް ނިދި އައިސްފައި އިނީ ކަމަށެވެ.

ކައިގެން އެހާ އަވަހަށް ނިދަން އޮށޯންނަން ބޭނުންނުވާތީ ސައިފް ނިކުތީ ފެންޑާއަށް ޓީވީ ބަލާށެވެ. އެކަމަކު ޖުމާނާ ވަނީ ކޮޓަރިއަށެވެ. ކަމެއް ގޯސްވެއްޖެކަން ސައިފްއަށް ޔަގީންވީ އެ ހިސާބުންނެވެ. އޭނަ ބޭރުގައި އިނިއްޔާ ޖުމާނާ ވެސް ކުރިން އިންނާނީ ނިކުމެ ބޭރުގަ އެވެ. މިރޭ ކޮންމެވެސް ކަމެއް ތަފާތު ވެއްޖެ އެވެ.

އިރުކޮޅަކު އެކަނި އިނދެލާފައި ޓީވީ ނިވާލުމަށް ފަހު އޭނަ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ޖުމާނާއަށް ވެގެން އުޅޭ ގޮތް އޮޅުންނުފިލުވައި ގިނައިރު ހަމަޖެހިގެން ނީނދެވުނީ އެވެ.

ދޮރު ހުޅުވާލިއިރު ޖުމާނާ އޮތީ ރަޖާ އަޅައިގެން އެނދުގަ އެވެ. އެކަމަކު ނުއެއް ނިދަ އެވެ. ސައިފް ވަން އަޑަށް ބަލައިލާފައި ވަކި އެއްޗެއް ނުބުނެ ވިސްނުމަކަށް ގެއްލުނު ފަދަ އެވެ.

ސައިފް ގޮސް އޭނަ ނިދަން އޮންނަ ފަރާތަށް އެރުމުގެ ބަދަލުގައި ޖުމާނާގެ ދާދި ގާތުގައި މަގަތުގައި އިށީނެވެ.

"އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ ޖުމާ؟ މިރޭ ހީވަނީ ކަމަކާ ފިކުރުކުރާހެން. ނޫނީ ދެރަވެފަހެން،" ސައިފް ޖުމާނާގެ ނިތުގައި އަތުގެ ނުފުށުން ޖައްސައިލީ ހުން ހުރިތޯ ބަލަންވެގެންނެވެ.

ޖުމާނާ އެ ވަގުތު އެ އަތުގައި ހިފާފައި ތިރިކޮށްލި އެވެ.

(ނުނިމޭ)

ކޮމެންޓް (1)

ޒާނާ

18 ޖެނުއަރީ 2024
ވަރަށް ރީތި. މިއަށްވުރެ ދިގުކޮށް ގެނެސްދީބަލަ ޔަސް. ވަރަށް ކިޔާހިތްވޭ. އެހާ ރީއްޗޭ....
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް