ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 20
އުމާމާ ކޮޓަރިން ނިކުމެނިކުމެ ހުއްޓާ ރައްޔާން ގުޅާފައި ބުނީ ޑްރައިވަރާ އެކު ދިއުމަށެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭ އޭނަ ވެސް ދާނެ ވާހަކަ އެވެ. އުމާމާ އެކަމަށް އެއްބަސްވެފައި ފޯނު ކަނޑާލި އެވެ. އޭނަގެ އެދުމަކީ ރައްޔާން އެ ރޭގެ ކެއުން ނިމެންދެން އެ ތާށިވި ކަމެއްގައި ތާށިވެފައި ވުމެވެ. އޭނަ ބަލާ ވެސް ގެއަށް ނުދިއުމެވެ. ހަމައެއާއެކު އޭނަ ހަނދާންވީ ރައްޔާން ނުގޮސްފި ނަމަ އަނެއްކޮޅުން ބައްޕަގެ ފަރާތުން އަތުވެދާނެ ނުރައްކަލުގެ ބޮޑުކަމެވެ.
ކާރުން ފައިބައިގެން ގޮސް ބެލް ޖަހަން އުފުލައިލި އަތަށް މަޑު ތުރުތުރެއް ވެރިވެއްޖެ އެވެ. މުޅި މީހާ ފިނިވެ ދެފައިކޮޅުން ވާގި ދޫވާން އުޅޭހެން ހީވި އެވެ. ގެއަށް ނުވަދެ އެނބުރިދާންވީ ހެއްޔެވެ؟ ބައްޕައަށް ގުޅާފައި ކޮންމެވެސް ބަހަނާއެއް ދެއްކިދާނެ އެވެ. ރައްޔާންގެ ގޭގައި ފަހަރުގައި އެއަށް ވުރެ ރައްކާތެރިވެދާނެ އެވެ. ރައްޔާން އަދިއެއް ބައްޕަ ފަދައިން އަތް އިސްކޮށްފައެއް ނެތެވެ. އެކަމަކު ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގެ އެވެ.
"އަހަ އުމާމާ. ތި އައީދޯ؟ އަވަހަށް އާދޭ!" ހިޔާލުތަކެއްގައި ހުއްޓާ ދޮންމަންމަ ކުއްލިއަކަށް ދޮރު ހުޅުވައިލި އެވެ.
އުމާމާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. މުޅި މޫނު އެކީ ހުދުވެއްޖެ އެވެ.
"ކޮބާ ރައްޔާން؟" ދޮންމަންމަގެ ސަމާލުކަން އޭނަގެ ބަދަލުވަމުންދިޔަ ކުލަވަރަކަށް ނުލިބުނެވެ. އޭނަގެ ފަހަތުން ހޯދީ ރައްޔާން އެވެ.
"އިރުކޮޅަކުން... އަންނާނެ،" އުމާމާގެ ޖަވާބު އައީ ދެބުރިވެގެންނެވެ.
ކަރުތެރެ ހިކޭ ގޮތް ވެގެން އޭނަ ފެންފޮދަކަށް ބޭނުންވި އެވެ. ދޮންމަންމަ، ނުވެސް ބުނަނީސް އެތެރެއަށް ވަދެގެން ދިޔަ ގޮތަށް މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. އޭނަ ފްރިޖުން ފެން ފުޅިއެއް ނަގައިގެން ހުސް ތަށްޓެއްގެ މެދާކަށް ހަމައަށް އެޅުމަށް ފަހު ނަގައި ބޯލި އެވެ. ބަދިގޭގައި މަސައްކަތުގައި އުޅެމުންދިޔަ ނުދަންނަ އަންހެންމީހާ ފާހަގަވީ އޭގެ ފަހުންނެވެ.
"ތީ ކާކު؟" އުމާމާ އަހައިލި އެވެ.
"މެއިޑު،" ޝާދިޔާ އެތެރެއަށް ވަދެފައި ފަހުރުވެރިކަމާ އެކު ޖަވާބުދިނެވެ.
ކައިވެންޏާ އެކު ލިބުނު ތަރައްގީ ބޮޑުކަމުން މެއިޑު ގެންގުޅޭ ހިސާބަށް ދިޔައީ އެވެ. ބަދިގެއަށް އައިސްފައި ހުރި ބަދަލު އޭނައަށް ފާހަގަވީ ދެނެވެ. ބަދަލުވެފައި ހުރި ފަރުނީޗަރާއި ކަބަޑު ސެޓު ހީވަނީ އާ އެއްޗެހި ހެންނެވެ.
"އުމާމާ ދޭ ސޯފާގައި މަޑުކުރަން. އަންނާނަން ބައްޕަ އާއި އައިޝާ ގޮވައިގެން،" ޝާދިޔާ ބަލަން ހުރެލާފައި އިރުކޮޅަކުން އަނެއްކާވެސް ނިކުންނަން އެނބުރުނެވެ.
ފޯނަށް މެސެޖެއް އައިސްގެން ކިޔާލިއިރު ރައްޔާން ބުނެފައި އޮތީ އަދި އިރުކޮޅެއް ވާނެ ވާހަކަ އެވެ. އުމާމާ ފޯނު ދަބަސް ތެރެއަށް ލައިފައި ނިކުމެގެން ގޮސް މިހާރު ބަދަލުވެފައިވާ އަރާމު ސޯފާތަކުން ސޯފާއެއްގައި އިށީނެވެ. ދޮންމަންމަ އެނބުރި އާދޭތޯ ދޮރާ ދިމާއަށް ދެ ފަހަރު މަތިން ބަލާލައިފައި އަނެއްކާވެސް ފޯނު ނެގި އެވެ. ރައްޔާންގެ ގޭގައި އޭނައަށް މިއަށް ވުރެ ރައްކާތެރިކަން އިހްސާސްކުރެވޭކަން ގަބޫލު ކުރެވުނީ ކޮޓަރިން ނިކުތް ބައްޕަ ފެނުނު ގަޑީގަ އެވެ. އުމާމާއަށް ފުންމައިގެން ތެދުވެވުނެވެ.
"ކޮބާ ރައްޔާން؟" ބައްޕަ ފުރަތަމަ ވެސް އެހީ އެސުވާލެވެ.
"އެބަ އާދޭ. މުހިންމު ތަނަކަށް ދާން ޖެހިގެން ކުރީގަ އަހަރެން ފޮނުވީ،" އުމާމާ ހިންދިރުވާލައިފައި ޖަވާބުދިނެވެ.
ބައްޕަ ފާޑަކަށް "ހޫމް" އަޅުވާލައިފައި އައިސް ވަކިން ހުރި ސޯފާއެއްގައި އިށީނދެއްޖެ އެވެ. ޝާދިޔާ ކަނާތްފަރާތުން ޖެހިގެން ހުރި ސޯފާގައި އުމާމާއާ ކުރިމަތިވާނެހެން އިށީނެވެ. ހިނިތުންވެފައި އިން އިރު މިއިން ދުވަހަކު އެހާ އުފާވެފައި އިންދާ ދުށް ހަނދާނެއް އުމާމާ ނުވެ އެވެ.
"އާއިލާގެ އެހެން މީހުން ކިހިނެއް؟" އުމާމާއަށް އަހަރުމެންގެ ގަދަރު ހިފެހެއްޓޭތަ އެމީހުންގެ ކުރިމަތީ؟ އެމީހުންނަށް ހިދުމަތް ކުރަންތަ ރަނގަޅަށް؟" ހައިދަރު އިތުރަށް އެހި އެވެ. އުމާމާއަށް ނުބަލައި ބަލަން އިނީ ފޯނަށެވެ.
ބައްޕަ އެހީ އެހެން މީހުންގެ ވާހަކަ އެވެ. ކައިވެންޏަށް ފަހު އަލަށް ބައްދަލުވުމުން އޭނަގެ ހާލު އަހުވާލު އޮޅުންފިލުވާކަށް މަސައްކަތެއް ނުކުރި އެވެ. އޮޅުންފިލުވަން ބޭނުންވީ ބައްޕަމެން އޭނަގެ ޅަ ދުވަސް ފޭރިގަނެގެން ރައްޔާންގެ އާއިލާއަށްޓަކައި، ރައްޔާންއަށްޓަކައި ތަމްރީނުކުރި ކުރުމުގެ އަގު އޭނަ އަދާކުރޭތޯ އެވެ. އުމާމާގެ ހިތުގައި ޖެހުނެވެ.
"ބައްޕަމެން ބޭރަށް ދިޔައީ ބަލިވެތަ؟" އުމާމާ ވާހަކަ ބަދަލުކޮށްލި އެވެ.
ހައިދަރު އެ ވަގުތު އުމާމާގެ މޫނަށް ބަލައިލި އެވެ. ހެދުނީ ގޯހެއްކަން އުމާމާއަށް އެނގުނު އިރު މާ ލަސްވެއްޖެ އެވެ.
ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް މެގަޒިންތަކެއް ހޫރާލި ވަގުތު ފަތުއަޑު ކިޔާފައި މައްޗަށް އުދުއްސައިގެން ދިޔައިރު އުމާމާއަށް ބިރުން ތެޅިގަނެވުނެވެ. ކުއްލިއަކަށް ޝާދިޔާ ވެސް ބިރުން ފުކަކަށް ވެއްޖެ އެވެ.
"މަގޭ ކުރިމަތީ ވާހަކަ ބަދަލުކުރަން ވެސް ފެށީތަ؟ އަދި މަހެއްނުވޭ ކައިވެންޏަށް. އުމާމާ ރައްޔާން ކުރިމަތީ ވެސް ވާހަކަދައްކަނީ ތި ވައްތަރަށްތަ؟" ބައްޕަގެ ދެ ލޮލުން އަލިފާން ދޫކުރެވޭނެ ނަމަ އޭނަ އަންދާ އަޅިއަށް ހަދައިލަން ސިކުންތުކޮޅެއް ވެސް ނުނެގީހެވެ.
އަދި އޭނަ ރައްޔާންއާ ވާހަކަދައްކަނީ ކިހިނެއްކަން އެނގޭ ނަމަ ބައްޕަ އޭނަގެ ނޭވާ ހަށީގައި ހުއްޓާ ދޫނުކުރާނެ އެވެ. އޭނައަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ރައްޔާން ކޮންމެވެސް ސަބަބަކާ ހުރެ ބައްޕައާ އެހާ ގަޔާނުވާކަން އެނގުމެވެ. އަދި އެ ދެމެދުގައި އޭނައާ ބެހޭގޮތުން ވާހަކަތަކެއް ނުދެކެވޭނެ ކަމެވެ. މައްސަލައެއް ނެތެވެ. ބައްޕަ ދައްކާނެ ރުޅިއެއް ދައްކާށެވެ. ކުޑަ ދުވަސްކޮޅެއް ތެރޭ އޭނަ އެ އެންމެންނާ މާ ދުރަށް ހިނގައިދާނެ އެވެ. އެއިރުން އެކަކަށް ވެސް އޭނަގެ ދިރިއުޅުމަށް ނުފޫޒެއް ނުފޯރުވޭނެ އެވެ.
"މަންމަމެން އެންމެން ވެސް އަހަރެންނާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ ހުންނަނީ. ރައްޔާން ވެސް،" އުމާމާ ދޮގެއް ހަދައިލި އެވެ.
"އަހަރެންނަށް އޭރު ވެސް އެނގޭ އަހަރުމެންގެ އުމާމާ އެންމެންގެ ހިތްތައް ފަތަހަ ކުރާނެކަން،" ޝާދިޔާ ހިނިތުންވެފައި ތެދުވެގެން އައިސް އުމާމާގެ ކައިރީ އިށީނދެ ބޮލުގައި ފިރުމައިލި އެވެ.
މެއިޑު ބޯދިއްކޮށްލާފައި ކާން ހެދުނު ވާހަކަ ބުނީ އެ ގަޑީގަ އެވެ. އުމާމާގެ ހުރިހާ ޝުކުރެއް މެއިޑަށެވެ. ބައްޕަ ތެދުވިތަން ފެނިފައި އޭނަ ވެސް އަވަހަށް ފަހަތުން ދާންވެގެން ތެދުވި އެވެ. އެކަމަކު ހިނގައިނުގަނެވެނީސް ބެލް ޖެހި އަޑު އަ އެވެ.
"ރައްޔާން އައީ ކަންނޭނގެ. އަހަރެން ދޮރު ހުޅުވާނަން،" އުމާމާ ރައްޔާންގެ އިންތިޒާރުގައި ކެތްމަދުވެފައިވާ މީހަކު ފަދައިން އެ ދިމާއަށް ދުއްވައިގަތެވެ.
އޭނަ ހުއްޓުނީ ދޮރާ ހަމައިންނެވެ. އެނބުރި ބަލާލައިފައި ބައްޕަމެން އެތެރެއަށް ވަންކަން ޔަގީންވުމުން ދޮރު ހުޅުވައިލި އެވެ. ރައްޔާން ދޮރުމަތީ ހުރެފައި އުމާމާ ފެނިގެން ހިނިތުންވެލި އެވެ. އެކަމަކު ދާދި އަވަހަށް އެ ހިނިތުންވުން ފިލައި ބުމަ ކައިރިކޮށްލި އެވެ.
"ކިހިނެއްވީ އުމާމާ؟ ޔޫ ލުކް ޕޭލް،" ރައްޔާން އަތް އުފުލާލައިފައި އުމާމާގެ ކޯތާފަތުގައި ހިފަހައްޓައިލި އެވެ.
އުމާމާގެ މެއަށް ފާޑަކަށް ފިނިވެލި އެވެ. ރައްޔާންގެ އެ ސުވާލަށް ވުރެ ބޮޑަށް އޭނައަށް ބަލަން ހުރި ގޮތުންނެވެ. އެ އަޑުގައިވި އަޅާލުމުގެ ސަބަބުންނެވެ. އޭނަގެ ލޯ ފެންކަޅިވި އެވެ. ރައްޔާންގެ އަތުތެރެއަށް ވިރިގެންދާން ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ. ހަމައެއާއެކު އޭނަ ހަނދާންވި އެވެ. ބައްޕަ އޭނަ ތަމްރީނު ކުރީ ރައްޔާންއަށްޓަކަ އެވެ. އަދި ރައްޔާން ވެސް ވާނީ ބައްޕަ ފަދަ ފިރިހެނަކަށެވެ. އެފަދަ ހަރުކަށި ފިކުރު ގެންގުޅޭ މީހަކަށެވެ.
"އަހަރެންނަށް ކިހިނެއްވީ؟ އަހަރެން ހަމަ މުޅިން ރަނގަޅު،" އުމާމާ ރައްޔާންގެ އަތް ދުރުކޮށްލާފައި ޖަވާބުދިނެވެ.
ރައްޔާންގެ މޫނުގެ ކުލަވަރު ބުނެދިނީ އޭނަ އުމާމާގެ ވާހަކަ ގަބޫލުނުކުރާ ކަމެވެ. އެކަމަކު އޭނަ އިތުރަށް އެ މައުލޫއުއަށް ވާހަކައެއް ނުދެއްކި އެވެ. އުމާމާ އޭނަ ވައްދާފައި ދޮރު ލެއްޕުމަށް ފަހު ދާން ފެށުމުން އެކީގައި ގޮސް ބަދިގެއަށް ވަނެވެ.
"ރައްޔާން! އަވަހަށް އާދޭ އިށީނދޭ!" ޝާދިޔާ އުފަލާ އެކު ރައްޔާންއަށް މަރުހަބާ ކި އެވެ.
ހައިދަރު އަމިއްލަ ބޮޑާ ގޮތުގައި ބަހެއް ނުބުނެ އިނެވެ. އައިޝާ ވެސް މިހާރު އެބަ އިނެވެ. މެއިޑު ތަންކޮޅެއް ދުރުގައި ބިއްލޫރި ތަށިތަކަށް ޖޫސް އަޅަނީ އެވެ. އުމާމާ މިސްރާބު ޖެހީ އެ ދިމާއަށެވެ. އޭނަ މެއިޑަށް އެހީވެގެން ފަހަރަކު ތަށްޓެއް ގެނެސް އެކި މީހުންގެ ކައިރީ ބަހައްޓައި ހަމަކޮށްފައި އައިސް އިށީނެވެ.
އުމާމާ އުންމީދުކުރިހެން ކައިވެންޏަށް ފަހު ވެސް ބައްޕަ އާއި ރައްޔާންގެ ފުށުން އެކުވެރިކަމެއް ނުފެނުނެވެ. ދެ މީހުން ދެއްކީ ނިކަން މަދު ވާހަކައެކެވެ. ގިނަ ފަހަރު މޭޒުކައިރި އޮތީ ހިމޭންވެފަ އެވެ. އައިޝާ ނޫނީ ޝާދިޔާ އުމާމާ ކައިރީ ކޮންމެވެސް އެއްޗެއް އަހަ އެވެ. ހަނީމޫނަށް ފުރަނީ ކޮންއިރަކުންތޯ އައިޝާ އެހުމުން އުމާމާ ރައްޔާންގެ މޫނަށް ބަލައިލި އެވެ. ނަސީބަކުން ރައްޔާން އެ ސުވާލަށް ޖަވާބުދިނެވެ. އެއީ އޭނަ ސަލާމަތްކުރަންވެގެން ދިން ޖަވާބެއް ކަމެއް ނޫނީ އޭގެ އަސްލު ޖަވާބު ކަމެއް އުމާމާއަކަށް ނޭނގެ އެވެ.
ރައްޔާން ބަލަމުން ދިޔައީ އުމާމާގެ ހަރަކާތްތަކަށެވެ. އަމަލުތަކާއި މޫނުގެ ކުލަވަރަށެވެ. އޭނައަށް ފާހަގަވީ އެގޭ ތެރޭގައި އުމާމާއަކީ މުޅިން ތަފާތު އަންހެންކުއްޖެއް ކަމެވެ. އުމާމާގެ ބެލުމުގައި ތަފާތު ހުރި ކަމެވެ. ލޮލުގެ ކުލަވަރާއި އަޑުގައި ވެސް މެ އެވެ. އަބަދު ސިހިސިހި އިންނަ ކަމެވެ. އެކަމަކު އޭނަގެ ގޭގައި އޭނަގެ ކުރިމަތީ އުމާމާ ދައްކަނީ މުޅިން ތަފާތު ކުލަވަރެކެވެ.
***
"ކޮބާ އެތަނުން އަސްލު އުމާމާއަކީ؟" ދާންވެގެން ކާރަށް އަރާފައި ރައްޔާން އެހި އެވެ.
އުމާމާއަށް ރައްޔާންގެ މޫނަށް ބަލައިލެވުނެވެ. ޝާދިޔާމެން އޭރު އަދި އެ މީހުން ފޮނުވާލަން މަގުމައްޗަށް ނިކުމެފައި އެތެރެއަށް ނުވެސް ވަދެ އެވެ. ހައިދަރު އެކަމަކު ދާން އެނބުރިއްޖެ އެވެ.
"ނޭނގުނު ތިބުނި އެއްޗެއް،" އުމާމާ ބިއްލޫރިގަނޑުން ބޭރު ބަލާލިއިރު ޝާދިޔާ ހަނާ އަޅާލަނީ އެވެ. އޭނަ އަޅައެއްނުލަ އެވެ. ރައްޔާން އެ ވަގުތު ކާރު ދުއްވައިލި އެވެ.
"ގޭގައި ހީވަނީ ބަހައްޓާފައި އިން ރޮބޮޓެއްހެން. އެކަމަކު އަހަރެންގެ ގެއަށް ވަނީމަ ޒޫއިން ފިލައިގެން އުޅޭ ކުޑަވަރެއްގެ ޓައިގްރެސްއެއްހެން ހީވަނީ،" ރައްޔާން ޖަވާބުދީފައި އެ ބުނެވުނު އެއްޗަކުން ހިނި ވެސް އަ އެވެ.
އޭނަ ކޮންޓްރޯލް ހޯދީ އުމާމާ ރުޅިއައިސްގެން އަނެއް ފަރާތަށް މޫނު އަނބުރައިލީމަ އެވެ.
"މިހާރު ވެސް ތި ހުރީ ރުޅިއައިސްފައެއްނު؟" ރައްޔާންގެ ވާހަކައަށް ބާރުދިނުމުގެ ގޮތުން ފާހަގަކުރި އެވެ.
"ރުޅި އަރުވަންޏާ އަންނާނެއެއްނު،" އުމާމާ އެ އިން ގޮތަށް އިނދެގެން ބުނެލި އެވެ.
ރައްޔާން މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލައިފައި އިހުތިޔާރުކުރީ ހިމޭންކަމެވެ.
ގެއަށް ދެވުނު ފަހުން ވެސް އުމާމާގެ ސިކުނޑީގައި ވީ އެއް ހިޔާލުތަކެކެވެ. އޭނަގެ އެއް ސުވާލަކީ އޭނަ ބޭރަށް ކިޔަވަން ދާން އުޅޭކަން ރައްޔާން ބައްޕަގެ ކަންފަތާ ހަމައަށް ނުގެންދިޔަ ސަބަބެވެ. ބައްޕަ އާއި ރައްޔާންގެ ގުޅުން އަދި މާ ރަނގަޅު ނޫނަސް އެވަރުގެ ވާހަކައެއް ނާންގައި ހުންނާނެ ކަމަކަށް އޭނަ ކުޑަކޮށް ވެސް އުންމީދެއް ނުކުރެ އެވެ.
"އަހަންނަށް ހީވަނީ ގެއިން ނިކުމެވުނީމަ އުމާމާ ކުއްލިއަކަށް ހަމަޖެހުނުހެން،" އުމާމާ ނިދަން އޮއްވައި ރައްޔާން ސޯފާގައި ލެޕްޓޮޕް ހުޅުވައިގެން އިނދެފައި އިއްވައިލި އެވެ.
އުމާމާއަށް ލޯ ހުޅުވައިލެވުނެވެ. ރައްޔާންގެ މޫނަށް އޭނަ ބަލަން އޮއްވާ ރައްޔާން ވެސް އިރުކޮޅަކުން އެ މޫނަށް ނަޒަރު ހުއްޓައިލި އެވެ.
"ކީއްވެ ބައްޕަ ދެކެ އެހާ ބިރުގަންނަނީ؟" ރައްޔާން އިތުރަށް އެހި އެވެ.
"އެއަށް ކިޔަނީ އިހުތިރާމް،" އުމާމާ ރައްދު ދީފައި އަނެއްކާވެސް ލޯމަރާލި އެވެ.
"އުނހު. ހަމައެކަނި އިހުތިރާމެއް ނޫން އެއީ. އުމާމާ އަހަންނަށް ކޮންމެހެން ކިޔައިދޭން ބޭނުން ނެތިއްޔާ އަޅާނުލާ." ރައްޔާން އަނެއްކާވެސް މަސައްކަތަށް އެނބުރުނެވެ.
ދެން އަލުން ނިދަން އުޅެއުޅެ އުމާމާގެ ލޮލަކަށް ނިންޖެއް ނަ އެވެ. ރައްޔާން އެ ބުނީ މުޅިން ތެދު ވާހަކަ އެވެ. އެއީ އިހުތިރާމެއް ނޫނެވެ. ބައްޕަ ދެކެ އޭނަ ބިރުގަނެ އެވެ. އަނިޔާކޮށްފާނެތީ ހުންނަނީ އަބަދު ސިހިސިހި އެވެ. އޭނަގެ މުޅި ދިރިއުޅުން ހޭދަވީ އެގޮތުގަ އެވެ. ބައްޕަގެ ހަރުކަށި ތަރުބިއްޔަތަކީ އޭނައަށް އަޒާބަކަށްވި އެވެ. ދީންވެރި ކޮންމެ މީހަކީ އެފަދަ ބައެއް ކަމުގައި ބުނެދިނީ ބައްޕަގެ އަމަލުތަކެވެ. މުސްލިމް އަންހެނުންނަކީ ފިރިހެނުން ދަރިން ހޯދައި ގުލާނުކުރަން ގޭތެރޭ ގެންގުޅޭ ބައެއްކަން އަންގައިދިނީ ވެސް ބައްޕަ އެވެ.
"ކީއްވެ ކުއްލިއަކަށް ރައްޔާން އަހަންނާ އިންނަން ނިންމީ؟ ކުރިން ހިއެއްނުވޭ އެކަމަށް އެހާ ބޭނުންވި ހެނެއް،" އުމާމާ އެތައް އިރެއް ފަހުން ސުވާލުކުރި އެވެ.
ރައްޔާން އޭރު ލެޕްޓޮޕް ލައްޕާލައިފައި ތެދުވެގެން އައިސް ހުރީ ސައިޑު ޓޭބަލް ކައިރީ ފޯނު ޗާޖަށް ޖަހަންވެގެންނެވެ. އުމާމާ އެހެން ބުނުމުން އެ މޫނަށް ބަލާލައިފައި އައިސް މަގަތުގައި އިށީނެވެ. އުމާމާ ކުޑަކޮށް ހާސްވި އެވެ. ރައްޔާން އެހާ ގާތުގައި އިނުމުން އުނދަގޫވި އެވެ. އޭނަ އެނދުގައި އޮއްވާ އެހެން އިނދެގެން ބަލަން ފެށުމުން ކުޑަ ގޮޅިއެއްގައި ފިތެމުންދާހެން ހީވި އެވެ. އޭނަ އެހެން އޮއްވާ ދެ ފަރާތުން ދެ އަތް ވިއްދާލިއަސް އޭނަ ހައްޔަރުވީ އެވެ.
"އުމާމާއަކީ ކުރިން އަހަރެމެންގެ މަދު ބައްދަލުވުންތަކުގައި ބޭރުފުށުން އެ ދައްކާ ޕާފެކްޓް އަންހެންކުއްޖާ ނޫންކަން އެނގުނީމަ. އުމާމާއަކީ ވެސް އެހެން ހުރިހާ އިންސާނުން ފަދައިން އުނި ސިފަތަކެއް ލިބިފައިވާ ކުއްޖެއްކަން ލޮލުން ފެނުނީމަ. އައި ލައިކްޑް ޔޫ ފޯ ޔޯ ފްލޯސް،" ރައްޔާން ކިޔައިދިނީ އުމާމާ އުންމީދު ވެސް ނުކުރާ ވާހަކަތަކެކެވެ.
އޭނަ ހައިރާންވެފައި ބަލަން އޮއްވާ ކުއްލިއަކަށް މޫނު ތިރިކޮށްލާފައި ނިތުގައި ތުންފަތް ޖައްސާލުމަށް ފަހު ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ގެއްލުނެވެ.
އުންމީދު ވެސް ނުކޮށް ހުއްޓާ ރައްޔާން މިކުރި ކަމަކުން އުމާމާއަށް ހަޅޭކެއް ވެސް ނުލެވުނެވެ. އަދި ރައްޔާން އެހާ އަވަހަށް ގޮސް ލޯމަތިން ގެއްލުމުން އެއީ ބޭކާރު ކަމެއްކަން ވިސްނިގެން އެ ހިޔާލު ދޫކޮށްލި އެވެ. ލޯ މަރާލުމުގެ ކުރިން އުމާމާއަށް ނިތުގައި އަތް އުނގުޅާލެވުނެވެ. އަދިވެސް ހީވަނީ ރައްޔާންގެ އެ ލުއިލުއި ބީހުމުގެ އިހްސާސްކުރެވޭ ހެންނެވެ.
- ނުނިމޭ -
ކޮމެންޓް (3)
ފޭން
މާޝާ
ޒާރާ