ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 17
"ކިހިނެއްވީ؟" ޖުމާނާއަށް އަހައިލެވުނެވެ. ސައިފް ބަލަހައްޓައިގެން އިން ގޮތުން އޭނަ ރަކިވާ ގޮތް ވި އެވެ.
ކަމެއް ނުވެއޭ ބުނާ ފަދަ ގޮތަކަށް މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލައިފައި ސައިފް ކުދިވެރިންނަށް ސަމާލުކަން އަނބުރައިލި އެވެ. އެކުދިން ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އެ ކައިވެނިން އޭނައަށް ވުރެ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބުނީ އެ ކުދިންނަށް ކަހަލަ އެވެ. ހާއްސަކޮށް ބިލާލް އެ ގޭގައި އުޅެން ހަމަޖެހުމުން އެ ކުދިން ތިބީ ނުހަނު އުފާވެފަ އެވެ.
"ކޮންކަހަލަ ކޮފީއެއް ބޭނުމީ؟" ޖުމާނާ ވާހަކަދެއްކި އަޑަށް ސައިފް ބަލާލި އެވެ.
"ބްލެކް. ހަކުރު ނާޅާ،" ސައިފް ހަތަރުކަޅި ހަމަކޮށްލާފައި ޖަވާބުދިނެވެ.
ބޯޖަހާލައިފައި ޖުމާނާ އެނބުރުނީ ކޮފީ ގިރާށެވެ. އޭގެ ކުޑަކުޑަ އިރުކޮޅެއް ފަހުން ދެ ތަށި ކޮފީ ހިފައިގެން އައިސް އެއް ތަށި ކައިރީ ބަހައްޓާފައި އަނެއް ތަށި ސައިފްއަށް ދިނުމަށް ފަހު ގޮނޑިއެއް ދަމާލައިގެން އިށީނެވެ.
"ތެންކިއު،" ސައިފް ކޮފީ ތަށީގައި ތުންޖެހުމުގެ ކުރިން ޖުމާނާއަށް ޝުކުރު އަދާކުރި އެވެ.
ޖުމާނާ ވެރިކޮށްލީ ހިނިތުންވުމެކެވެ.
ތިން ކުދިން ވާދައަށް އެކަކަށް ވުރެ އަނެކަކު ކުރިން ކިރު ތަށި ހުސްކޮށްލައިގެން ފެނުނީ ދުވެފައި ނިކުތްތަނެވެ. ސައިފް އެނބުރި އެ ކުދިން ނިކުންނަތަން ބަލަން އިނދެފައި ޖުމާނާއާ ދިމާއަށް އެނބުރުނެވެ.
"އެކުދިން ވަރަށް އުފާވެފަ އެތިބީ،" ސައިފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
"ހޫމް ބިލާލް ވެސް މި ގެއަށް އަންނަ ވާހަކަ ކީއްސުރެ ދުވަސް ނައިސްގެން. ކޮންމެ ރެއަކު ނިދާ ގަޑީގަ އެ ނޫން ވާހަކައެއް ނުދައްކާނެ،" ޖުމާނާ ކިޔައިދިނެވެ.
"ކުރިއަށް އޮތީ ވީކްއެންޑް ވެސް ވީމަ އަހަރެން ހިތަށް މި އަރަނީ ދަތުރެއް ގޮސްލަން ރަނގަޅުވާނެއޭ. ޖުމާއަށް ކަމުދާ ހިޔާލެއްތަ؟" ސައިފް އިރުކޮޅަކު ފޯނު ހާވަން ހިމޭނުން އިނދެލާފައި އަނެއްކާވެސް ވާހަކަދެއްކި އެވެ.
"އަމީރައްތަމެން ވެސް އެބަ ކިޔާ ދަތުރެއް ދާ ވާހަކަ. އެމީހުންނާ ބައިވެރިނުވެ ވަކިން ދިޔަސް ފަހުން ވެސް އަދި އަހަރެމެން ބައިވެރިކޮށްގެން ދަތުރެއް ނުރާވައެއް ނުހުންނާނެ،" ޖުމާނާ ހަނދާންވެގެން ކިޔައިދިނެވެ.
"ކީއްވެ އެމީހުންނާ ވަކިން ދާންވީ؟ އަހަންނަށް އޯކޭ ޖުމާއަށް ފެންނަ ގޮތެއް،" ސައިފް ހުރިހާ އިހުތިޔާރެއް ދޫކޮށްލީ ޖުމާގެ އަތްމައްޗަށެވެ.
"އޯކޭ. އަހަރެން ދައްތަމެން ކައިރީ ބުނާނަން،" ޖުމާނާ ހިތްހަމަޖެހުނެވެ.
***
އަމީރާ ކައިރީ ގޮސް ދަތުރުގެ ވާހަކަ ބުނިލެއް ލަހެވެ. ކުދިންތައް އެއްކޮށްގެން ދަތުރު ރާވަން ފަށައިފި އެވެ. އެންމެ ފޯރީގައި އުޅެނީ ޒޯޔާ އެވެ. ފޯނުން ގުޅައިގެން ވާހަކަދައްކަދައްކާފައި އަމީރާ ގޮވައިގެން އެންމެފަހުން ޖުމާ ކައިރިއަށް އެ ގެއަށް އަތުވެއްޖެ އެވެ. ޖުމާނާ އޭރު އުޅުނީ ދޮވެފައި ހުރި އަންނައުނުތަކެއް ހިއްކަން އަޅަން ވެގެންނެވެ. ކައިރި ހިސާބުގައި ދަތުރުދާން އެންމެ ރީތީ ކޮން ތަންތަނެއްތޯ އޮޅުންފިލުވައި ގެންދާނެ ތަކެތީގެ ލިސްޓް ހެދުން ކުރިއަށް ދިޔަ އެވެ.
"އަހަރެން ސައިފް ކައިރީ ބުނެގެން ދޯނި ނެގުމާއި ރަށް ސެޓުކުރުން ކުރިއަށް ގެންދާނަން. ޒޯމެން ލިސްޓް ހެދީމަ ދެން އެއްޗެހި ހަމަ ކުރާނީ އެންމެންވެގެން،" ޖުމާނާ އެމީހުންގެ ވާހަކަ އަޑުއަހަން ހުރެފައި ބުނެލި އެވެ.
އޭނަ ސައިފްއަށް މެސެޖުކޮށްލާފައި އެ ވާހަކަ ބުނުމުން ލިބުނީ އެންމެ ބޭނުންވި ޖަވާބެވެ.
ކައިވެންޏާ ގުޅިގެން އިތުރު ދެ ދުވަސް އޮފް ހޯދައިގެން ހުރީތީ ސައިފް އެ ދުވަހު ފިހާރައަކަށް ނުދެ އެވެ. ބޭރުގައި އުޅެފައި އޭނަ ގެއަށް އައީ މެންދުރުވާން އުޅެނިކޮށެވެ. ގެ ތަޅުލާފައި ހުރުމުން ދޮރުފަތުގައި ޓަކި ޖަހާލައިފައި އިންތިޒާރުގައި މަޑުކުރި އެވެ. ގޭގައި މިނިވަންކަމާ އެކު އުޅެންވެގެން ޖުމާނާ އުޅެނީ ތަޅުލައިގެންނެވެ. އެކަން ސައިފް ހަނދާން ނެތުނީ އެވެ. އެހެންވެ ތަޅުދަނޑިއެއް ނުގެންދެ އެވެ.
"ސޮރީ އަހަރެން ނިގާބު ނާޅާ އުޅުނީމަ ތަޅުލީ،" ދޮރު ހުޅުވާލައިފައި ސައިފް ފެނިގެން ޖުމާ މާފަށް އެދުނެވެ.
"ޖުމާގެ އަމިއްލަ ގޭގަ ބޭނުން ގޮތަކަށް ކަންތައް ކުރަންވީ،" ސައިފް އެއް ލޯ މަރައިލި އެވެ.
"ތޭންކްސް،" ޖުމާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
"ހާދަ އަޑުމަޑޭ. ކޮބާ އާކިފްމެން؟" ސައިފް ވަދެގެން ދަމުން އެހި އެވެ.
"ސުކޫލުގަ ވީ. އަދި ނާދޭ،" ޖުމާނާ ހަނދާންކޮށްދިނެވެ.
"އާކިފް ދިޔަތަ ސުކޫލަށް؟" ސައިފްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނަ އެނބުރި ޖުމާނާގެ މޫނަށް ބަލާލައިފައި ސުވާލުކުރި އެވެ.
އެކްސިޑެންޓްގެ ފަހުން އޭނައަށް އަދި އާކިފް ސުކޫލަކަށް ނުގެންދެވެ އެވެ.
"ހޫމް ހުރިހާ ކުދިން އެކީ ތައްޔާރުވީ އިރު އޭނަ ވެސް ދާންވެގެން ހަމަ ހުރީ،" ޖުމާނާ އޮޅުންފިލުވައިދިނެވެ.
ވިސްނުމަކަށް ގެއްލެމުން ބޯޖަހައިލާފައި އޭނަ ދެން ގޮސް ވަނީ ކޮޓަރިއަށެވެ. ދޮރުން އެތެރެ ވެވުމާ އެކު ހުއްޓިފައި ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އޭނަގެ ކޮޓަރިއަކީ މުޑުދާރު ކޮޓަރިއެކޭ ނުބުނެވޭނެ އެވެ. އެކަމަކު އެކަނި އުޅޭތީ މާ ތަރުތީބެއް ނުވާނެ އެވެ. މިއަދު ޖުމާނާ އެހުރީ މުޅިން ސާފުކޮށް ތަރުތީބު ކޮށްލާފަ އެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެ ހުރިހާ ކަމެއް ކުރީ ކިހިނެއް ބާވައޭ ވެސް ހިތަށްއެރި އެވެ.
ކަހާލާފައިވާ ދޮރު ފޮތިތައް ކައިރިއަށް ދިޔައިރު އެ ދިމާ ކުޑަދޮރު ދާރަތައް ވެސް ހިރަފުސް ފުހެފަ އެވެ. އެތަން ހަޑިވެ އޭނަ އުޅެނީ ފޮތިގަނޑު ނުކަހަ އެވެ. އޭރުން އެތާ އެއްވެފައިވާ ހިރަފުހެއް ނުފެންނާނެ ނޫން ހެއްޔެވެ؟
އަލަމާރި ހުޅުވާލިއިރު ބޮނޑިކޮށްފައިވާ އަންނައުނުތައް، ވަކިވަކިން ފަތްޖަހައިފައި ގަމީސްތަކާއި ޓީޝާޓްތައް ކޮނޑުގައި އަޅުވާފަ އެވެ. ޑްރެސިން ޓޭބަލް މަތީ ހުރި ބޭކާރު ހުސް ފުޅިތައް ނަގައި އެތަން ވެސް ތަރުތީބުކޮށް ހިރަފުސް ފުހެފަ އެވެ. ފާހާނާ ބެލި އިރު އެތަން ވެސް އޮފްކޮށްލާފަ އެވެ.
ޖުމާނާ އޭނައަށްޓަކައި އެ ހުރިހާ ކަމެއް ކޮށްދިން އިރު އޭނައަށް ޖުމާނާއަށްޓަކައި އަދި އެއްވެސް ކަމެއް ކޮށްދެވުނު ހެއްޔެވެ؟ ސައިފްއަށް ކަނދުރާމަތީ ހިފާލެވުނެވެ. އޭނަ ގޮސް ތަންމަތި އަޅާފައިވާ އެނދުގައި އިށީނދެ އިނދެގެން ވިސްނި އެވެ. ހަނދާންވީ ރޭގައި ޖުމާނާ ނިދީ ވެސް ކުޑަކުޑަ އެނދެއްގެ އަދި ދެ ފަރާތަށް ދެ ކުދިން ލައިގެން އޮވެ ކަމެވެ. ސައިފްއަށް ކުށްވެރިކަން އިހްސާސްކުރެވުނެވެ. އޭނަގެ ހިތުގައި ޖުމާނާއާ ދޭތެރޭ އިހްސާސްތަކެއް ނެތް ނަމަވެސް ކައިވެނީގެ ގުޅުމަށް އިހުތިރާމް ކުރަންޖެހޭނެ އެވެ.
***
"އަދިވެސް މާލެ ދާން ނޫޅެ އިތުރު ދަތުރުތައް ރާވަނީ. އަހަރެން މިހާރު ފޫހިވެއްޖެ،" އުމާމާ ފޯނުން ޒާރާއާ ވާހަކަދައްކަމުން ބުނެލި އެވެ.
"އެކަމަކު އުމާމާއެއްނު ހަނީމޫނަށް ނުދާން ތި ރަށަށް ދާން އެއްބަސްވީ،" ޒާރާ އެކޮޅުން ވާހަކަދެއްކި އެވެ.
އުމާމާ އަނގައަށް ގޮތެއް ހަދައިލި އެވެ. ރައްޔާން އޭރު ފާހާނާއަށް ވަދެ އެވެ. ދެ މީހުން ނުކޯޅި ތަންކޮޅެއް ރީތިކޮށް ވާހަކަދައްކާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ޒާރާ ވެސް ގުޅާފައި ފުރަތަމަ އެހީ ރައްޔާންއާ ދެ މީހުންގެ ގުޅުން ކިހިނެއްތޯ އެވެ. ކުރިއެރުމެއް އާދޭތޯ އެވެ. އުމާމާ އެ ސުވާލަށް ޖަވާބު ނުދޭންވެގެން އެހީ ކޮންމެވެސް އެހެން ސުވާލެކެވެ.
"ހޫމް އަދިވެސް އަހަރެން ފުރަތަމަ ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު؟" ޒާރާ ހުރީ ޖަވާބު ނުހޯދައި ދޫކުރާ ގޮތަކަށް ނޫނެވެ.
"ޓޯލަރެޓް ކޮށްލެވޭވަރު ވޭ މިހާރު،" އުމާމާ ރައްޔާން ނިކުމޭތޯ ފާހާނާއަށް ނަޒަރެއް ދީފައި ބުންޏެވެ.
އިއްތިފާގުން ރައްޔާން ނިކުތީ އޭނަ ޖަވާބުދީ ނިމުނުތަނާ އެވެ. ތިރިން ކަކުލާ ހަމައަށް ހުރި ސޯޓެއް ލައިގެން ހުސްގަޔާ ހުރިއިރު ތެތް އިސްތަށިގަނޑު ތުވާއްޔަކުން ހިއްކަމުން އޭނަ ގޮސް ހުއްޓުނީ ރީތިވާ މޭޒު ކައިރިއަށެވެ. އެތާ އޮތް ފޯނު ދިއްލާލައިފައި ގަޑި ބަލާލި ކަހަލަ އެވެ. އުމާމާ އެދިމާއަށް ބަލަން އިނދެފައި ރައްޔާން ބަލައިލަން އުޅޭހެން ހީވެގެން އަވަހަށް ނަޒަރު ބަދަލުކޮށްލި އެވެ. ޒާރާ ޖަވާބުގައި ބުނި އެއްޗެއް ނޭނގިގެން ކީކޭހޭ އަހައިލެވުނެވެ.
"އަޑު ނީވުނިއްޔާ އަޅާނުލާ،" ޒާރާ ހީގަތެވެ.
"ދެން ވަރަށް ފޫހިވޭ،" އުމާމާ ހިތްހަމަނުޖެހުނެވެ.
"ތިއެއް ނޫން، އުމާމާގެ ބައްޕަމެން ކީއްކުރަން ކުއްލިއަކަށް ބޭރަށް އެ ފުރީ؟ ބައްޕަ ބުނި ނުވެސް ބުނެއޭ،" ޒާރާ ކަމެއް ހަނދާންވެގެން ބުނެލާހެން ބުނެލި އެވެ.
"ވަޓް؟" އުމާމާއަށް ވެސް އެ ވާހަކަ ވީ އާ ހަބަރަކަށެވެ.
އޭނަ ކައިވެނިކޮށްގެން ލިބުނު ފުރަތަމަ ފުރުސަތުގައި އެ ރަށަށް އައި ފަހުން ބައްޕަ ވެސް އަދި ދޮންމަންމަ ވެސް ހާލު ބަލައިލަން ވެސް ގުޅާފައެއް ނެތެވެ. އައިޝާ އެއް ދުވަހަކު ގުޅައިގެން ކުޑަ އިރުކޮޅަކު ވާހަކަދެއްކި އެވެ. އެ ރަށުގެ ކަންކަން އޮޅުންފިލުވައި އުޅުނީ އަންނަންވެގެންނޭ ހީވާ ވަރަށް ސުވާލުކުރި އެވެ. އެކަމަކު އެ ދުވަހު ވެސް ބޭރަށް ފުރާ ވާހަކައެއް ނުދައްކަ އެވެ.
"އަހަރެން ފަހުން ގުޅާނަން،" ރައްޔާން އެނބުރި ބަލާލައިފައި ބުމަ އަރުވައިލިތަން ފެނިގެން އުމާމާ ފޯނު ކުރުކޮށްލި އެވެ.
ރައްޔާން ހުއްޓާ އޭނަ އާއިލާގެ ވާހަކަދައްކާ ހިތެއް ނެތެވެ. އެކަމަކު ޒާރާ އެ ވާހަކަ ބުނީއްސުރެ އޭނަގެ ހަމަޖެހުން ގެއްލިއްޖެ އެވެ. ބައްޕަ ދުވަހަކުވެސް އޭނަ އުޅެނިކޮށް ގޮވައިގެން ތަނަކަށް ގޮސްފައެއް ނެތެވެ. އެކަމަކު މިހާރު އެ ދިޔައީ އައިޝާ އާއި ދޮންމަންމަ ވެސް ގޮވައިގެންނެވެ. ކުއްލިއަކަށް އެ ހުރިހާ ރުފިޔާއެއް އަތަށް އެރީ ޔަގީނުން ވެސް އޭނަގެ ކައިވެނި މެދުވެރިއަކަށް ވެގެންކަން ކަށަވަރެވެ. ބައްޕަ ނުބުންޏަސް ބައްޕައަށް ލިބެން އޮތް ފައިދާތަކެއް ވާކަން އޭނައަށް އިނގެ އެވެ.
"ކިހިނެއްވީ؟" ރައްޔާން ލޯގަނޑަށް ނަޒަރު ބަދަލުކޮށްލާފައި އެހި އެވެ.
"ކަމެއް ނުވޭ،" އުމާމާ ތެދުވެގެން އެ ތަނުން ނިކުންނަން ހިނގައިގަތެވެ.
ދަތުރުދާތީ އޭނަ ހުރީ ކުރިއްސުރެ ހިތްހަމަނުޖެހިފަ އެވެ. އަދި އެ ދަތުރުގައި ވެސް ސައިފްމެންގެ އާއިލާ ވެސް ދެ އެވެ. ނުވިތާކަށް ޒާރާ އެ ދިން ނުބައި ޚަބަރަކުން ވެސް މޫޑު ހިނގައްޖެ އެވެ. އޭނައަށް ހަމަ އެއްވެސް އުފަލެއް ނެތީ ހެއްޔެވެ؟
***
"ޖުމާ! ޖުމާ ހޭލަބަލަ!" ނިދިފައި އޮތް ޖުމާނާއަށް ހޭލެވުނީ ދާދި ގާތުން މީހަކު ވައިއަޑުން ގޮވާ އަޑަށެވެ.
"ކީކޭ؟" ނިދި އަޑަކުން އޭނައަށް ސުވާލުކުރެވުނެވެ.
"ތިތާ ނޯވެ ހިނގާބަލަ ކޮޓަރިއަށް!" ސައިފް ވާހަކަދެއްކި އެވެ.
ޖުމާނާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ. އޭނައަށް އޮވެވުނީ ކޮންތާކުކަން ރޭކައިލީ ދެނެވެ.
"ހާދަ އަވަހަކަށް ތި ނިދީ. އަހަރެން ހިއެއްނުކުރަން އެހާ އަވަހަށް ނިދާނެ ކަމަކަށް،" ޖުމާނާ ތެދުވެ އިށީނުމާ އެކު ސައިފް ޖުމާނާގެ އަތުގައި ހިފާ އެނދުން ނެގި އެވެ.
ޖުމާނާގެ މެއަށް ފިނިވެލި އެވެ. އޭނަ ސައިފްގެ މޫނަށް ބަލާލި އެވެ. ފަނޑު އަލީގެ ތެރެއިން ތަފާތު ކުލަވަރެއް ފާހަގައެއްނުވެ އެވެ.
ސައިފް ހުރީ އެ ރޭ ބޭރަށް ދިޔައިރު ލައިގެން ހުރި ހުދު ޓީޝާޓާއި ނޫ ޖިންސްގަ އެވެ.
ދެ މީހުން ނިކުމެފައި މަޑުމަޑުން ދޮރުލެއްޕީ ޖުމާނާ އެވެ. ސައިފް ދާން ފެށުމުން ފަހަތުން ހިނގައިގަތް ނަމަވެސް އޭނަ އެ ގަޑީ އެ ކޮޓަރިއަށް ދާން ފަސްޖެހުނެވެ. އެ ކައިވެނީގެ މަގްސަދު އެއްވެސް އޮޅުމެއް ނެތި އެނގޭތީ އޭނަ ސައިފްގެ ފުށުން އެއްވެސް ކަމަކަށް އުންމީދެއް ނުކުރެ އެވެ. އެހެން ނޫނަސް ޚުދު އޭނަ ވެސް ސައިފްއާ އެކު އެފަދަ ގާތްކަމަކަށް ތައްޔާރު ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އޭނައަކަށް ޔަގީނެއް ނޫނެވެ.
"ޖުމާ މީގެ ފަހުން މި ކޮޓަރީގަ ނިދަންވާނީ. ރޭގަ ވެސް އެހާ ކުޑަ ތަންކޮޅެއްގަ އޮއްވަ ވެސް ނިދިފަ އޮތީމަ އަހަންނަށް ގޮވަން ނުކެރުނީ،" ސައިފް ވަދެގެން ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ.
ޖުމާނާ ދެކޮޅު ބަލާލައިފައި ގޮސް އެނދުގެ އެއް ފަރާތުގައި އިށީނދެލި އެވެ. ސައިފް ދިޔައީ ސޯޓެއް ނަގައިގެން ފާހާނާއާ ދިމާއަށެވެ. ކުޑަ އިރުކޮޅެއް ފަހުން ނިކުމެގެން އައި އިރު ހުރީ ގެންދިޔަ ސޯޓުލައިގެން ހުސްގަޔާ އެވެ. އަތުގައި އޮތް އަންނައުނުތައް އެތާ ހުރި ގޮނޑިއެއް މައްޗަށް ދޫކޮށްލާފައި އޭނަ ގޮސް އެނދުގެ އަނެއް ފަރާތުން އަރައި އިށީނދެފައި ސައިޑު ޓޭބަލް މަތިން ފޯނު ނެގި އެވެ.
"ދޭ ޗޭންޖްކުރަން،" ޖުމާނާ އެ އިން ގޮތަށް އިނުމުން ސައިފް ބުނެލި އެވެ.
ޖުމާނާ ބޯޖަހާލައިފައި ތެދުވި އެވެ. އޭނަގެ އަންނައުނު ހުރީ އަދިވެސް ކުދިންގެ ކޮޓަރީގައި ފޮށީގައިކަން ހަނދާންވުމުން ފާހާނާއާ ހަމައިން ހުއްޓެވުނެވެ.
"ކިހިނެއްވީ؟" ސައިފްއަށް އެތަން ފެނިގެން ސުވާލުއުފެއްދި އެވެ.
"ފޮށި ވީ ކުދިންގެ ކޮޓަރީގަ،" ޖުމާ އޮޅުންފިލުވައިދިނެވެ.
"އަހަރެން އަންނާނަން ހިފައިގެން،" ސައިފް އެނދުން ފައިބައިގެން ދިޔަ އެވެ.
ޖުމާނާ ފާހާނާ އިން ނިކުތް އިރު ސައިފް ފޮށި ގެނެސް ބަހައްޓާފައި މިހާރު އޮތީ އެނދުގައި އޮށޯވެ އެވެ. ޖުމާނާ ވެސް ނިދަން ލާނެ ޓީޝާޓަކާއި ހަރުވާޅެއް ހިފައިގެން އަލުން ވަނެވެ. އޭނަ ފަސްޖެހުނީ ނިކުމެފަ އެވެ. ފޮށިން ނެގި މޭކަޕް ބޭގް ހިފައިގެން ގޮސް ރީތިވާ މޭޒު ކުރިމަތީ ހުރި ގޮނޑީގައި އިށީނދެފައި އިސްތަށިގަނޑު ނިއުޅާލި އެވެ. ފުނާ އަޅާލުމަށް ފަހު ދޫކޮށް ވޫލްކޮޅަކުން އައްސާލައިފައި އަތާއި ކަނދުރާގައި ލޯޝަން ލި އެވެ. މޫނުގައި ވެސް އާންމުކޮށް ބޭނުންކުރާ ކްރީމް އުނގުޅި އެވެ. އޭނަ ތެދުވި އިރު ސައިފް ބަލަހައްޓައިގެން އޮތެވެ.
"ތީ ކޮންމެ ރެއަކު ވެސް ކުރާ ކަންކަންތަ؟" ސައިފް އެހި އެވެ.
ޖުމާނާ ބޯޖަހާލައިފައި އަނެއް ފަރާތުން އަރައި އިށީނދެފައި ރަޖާ ގެނެސް މެއާ ހަމައިން ފޮރުވާލުމަށް ފަހު ރީތިކޮށް އޮށޯތެވެ. ސައިފް އެ ވަގުތު އޭނައާ ވީ ފަރާތަށް އެނބުރުނެވެ.
އިރުކޮޅަކުން އެނދުމަތީ ބާއްވާލައިފައި އޮތް ޖުމާނާގެ އަތުގައި ހިފާލި އެވެ. ޖުމާނާގެ ނޭވާ ކަރުތެރޭ ތާށިވި އެވެ. ސައިފްއާ ދިމާއަށް ބަލައިލާކަށް ވެސް ނުކެރުނެވެ.
"ޖުމާ!" ސައިފް ގޮވާލި އެވެ.
ޖުމާނާ ލަސްލަހުން އެ ދިމާއަށް މޫނު އަނބުރާލި އެވެ. ސައިފް އެ ވަގުތު އޭނައަށް ބަލަން އޮވެލާފައި އަތްތިލައަށް ފިތައިލި އެވެ.
"އިޒް ދިޒް އޯކޭ؟" ސައިފް އެދުނީ ހުއްދައަށެވެ.
(ނުނިމޭ)
ކޮމެންޓް (2)
ފޭން
ޒާނާ