ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 15
"އެމީހުން ނޫނެކޭ ބުނެފިއްޔާ؟" އުމާމާ އަނެއްކާވެސް އަހައިލި އެވެ. މިފަހަރު އޭނަ ސައިފްއަށް ގޮންޖަހައިލި ކަހަލަ އެވެ.
އުމާމާގެ ލޮލުގެ ކުލަވަރު ދެކެފައި ސައިފް ޖެހިލުންވި އެވެ. އުމާމާ ބޭނުން ނަމަ އޭނަ އާއި ޖުމާގެ ކައިވެނި ހުއްޓުވިދާނެކަން އޭނައަށް އެނގެ އެވެ. އެކަމަކު އުމާމާ އެފަދަ ކަމެއް ކުރަން ޖެހޭ ސަބަބެއް ނެތެވެ. ސައިފްއަށް ކުރެވުނު ކަމަކީ ހިންދިރުވައިލުމެވެ.
***
އެނބުރި އައި މަގުމަތީ ތިން މީހުން ވެސް ތިބީ ހިމޭނުންނެވެ. އާކިފް ގޮވަން ފެށުމުން ސައިފް ޖަވާބުނުދީ ދޫކޮށްލި ސުވާލުގެ ޖަވާބާ މެދު ޖުމާނާއަށް ވިސްނެމުންދިޔަ އެވެ. އަނެއްކޮޅުން ޒޯޔާ ހުރީ އުމާމާ ދެކެ ހިތްހަމަނުޖެހިފަ އެވެ. ޖެހިލުމެއް ވެސް ނެތި އަލަށް ފެނުނު މީހަކު ކައިރީ އެ ފާޑަށް ސުވާލުތަކެއް ކުރަން ކެރުނީތީ އޭނަ އަންތަރީސް ވި އެވެ. ފަހުން ބަދިގޭގައި ދެ އަންހެންކުދިން އެކަނިވުމުން އޭނަ ޖުމާނާ ކައިރީ އެ ވާހަކަ ކިޔެވެ.
"އަޅާނުލާ،" ޖުމާނާ އެ މައުލޫއުއަށް ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.
މަސައްކަތް ނިންމާލައިފައި ނިކުތްއިރު ބިލާލްއަށް އޮތީ ނިދިފަ އެވެ.
"ގެނޭ އަހަރެން އަތަށް. އަހަރެން ބިލާލް ގެންގޮސްދޭނަން،" ޖުމާނާ ނިދިފައި އޮތް ދަރިފުޅު ނަގަން ފެށުމުން ރައްޔާން ތެދުވެގެން އައިސް އެހީއަށް އެދި ހުށައެޅި އެވެ.
ޖުމާނާ ތަންދިނުމުން ރައްޔާން ބިލާލް އުރާލައިފައި ނަގައި ކޮނޑުމައްޗަށް ލި އެވެ. އެމީހުންނާ އެކު ދާން ހުށައެޅުމުން އުމާމާއަށް މަޖުބޫރުވީ ބޯލަނބާށެވެ. އެތާގައި އެވަގުތު ޒުބައިރު އާއި އައްމާރު ތިބީމަ އެވެ. އެކަނިވުމުން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެމީހުން ކުރިމަތީ ދެކޮޅެއް ނުހެދޭނެ އެވެ.
ޖުމާނާ ދަބަސް ހިފައިގެން ދަމުން ގެއިން ނިކުމެފައި ބިލާލްގެ ފައިވާން އަތަށް ނެގި އެވެ.
ތިން މީހުން އެކުއެކީގައި ހިނގާލައިފައި ނިކުމެގެން ދިޔައިރު ވާރޭއެއް ނުވެހެ އެވެ. އެކަމަކު ވައި ބާރެވެ. މަގުމަތީ ބައްތި އަނދާފައި ހުރި މަގަކުން ދާން ފެށުމުން އުމާމާ ކުޑަކޮށް ޖެހިލުންވެފައި ވަށައިގެން ނަޒަރު ހިންގި އެވެ. ވަޔާ އެކު ގަސްތައް ހޫރޭ ގޮތުން ފާޑުފާޑުގެ އެއްޗެހި ސިފަ ވާން ފެށި އެވެ. އެ ގަޑީގައި މަގުމަތީ ހިނގާ މީހަކު ނުފެނެ އެވެ. އެކަމަކު މަދުމަދުން ސައިކަލު ދަތުރުކޮށްފައި ދެ އެވެ.
"އެތެރެއަށް ނުވަނަސް އޯކޭވާނެ. ތެންކިއު،" ދޮރާށްޓާ ހަމައިން ޖުމާނާ އެނބުރި ބިލާލްއާ ހަވާލުވާން ކައިރިވެލި އެވެ.
ރައްޔާން ބިލާލް ކޮނޑުމަތިން ނަގައި ޖުމާނާ އަތަށް ދިނެވެ. އޭނަ މަޑުކުރީ ޖުމާނާ ގޮސް ގެއަށް ވަންނަން ދެނެވެ. އޭނަގެ ފަސްފަހަތުން އުމާމާ އަ އެވެ.
"ކޮންތާކަށް ތިދަނީ؟ މިއެއް ނޫނެއްނު އަހަރުމެން އައި މަގަކީ،" ހިނގަހިނގާފައި ރައްޔާން އެހެން މަގަކުން އަޅާލުމުން އުމާމާ ކަންބޮޑުވެފައި ސުވާލުކުރި އެވެ.
"މިއިން ކޮންމެ މަގަކުން ދިޔަސް ގެއަށޭ ދެވޭނީ،" ރައްޔާން ޖީބަށް އެއް އަތް ޖަހައިލި އެވެ. އޭނަ ހުރީ އަނބުރާލާ ގޮތަކަށް ނޫނެވެ.
"އެކަމަކު... ޔަގީންތަ ގެއަށް ދާން އެނގޭނެކަން؟ ހާދަ ވައި ވެސް ގަދަވެއްޖެއޭ،" އުމާމާއަށް ވަށައިގެން ހޯދެން ފެށުނެވެ.
ރައްޔާންގެ މިސްރާބު ހުރީ އެންމެ އަނދިރި މަގުތަކާ ދިމާއަށެވެ. ރޭގަނޑު ލަސްވި ލަސްވިހެން މީހުން އަތިރިމައްޗާ ދިމާއަށް ދޭ ހެއްޔެވެ؟
"ރައްޔާން ހާދަ ބާރަކަށް ތިދަނީ. މަޑުކޮށްބަލަ!" އުމާމާއަށް ކެތްނުވެގެން ކުޑަކޮށް ދުވެލާފައި ގޮސް ރައްޔާންގެ މުލައްދަނޑީގައި ހިފަހައްޓައިފި އެވެ.
ރައްޔާން އުމާމާގެ މޫނަށް ބަލައިލި އެވެ. އަނދިރީގެ ސަބަބުން އޭނައަށް އެ މޫނުގެ ކުލަވަރެއް ފާހަގައެއްނުވި އެވެ. އެކީގައި ހިނގަމުން އުމާމާ އެ ވަގުތު ވެސް ބަލަމުން ދިޔައީ އެކި ފަރާތް ފަރާތަށެވެ. އުމާމާ އަތުން ދޫކޮށްނުލުމުން ރައްޔާން ވެސް އުމާމާގެ އަތް ދުރުކުރާކަށް މަސައްކަތެއް ނުކުރެ އެވެ.
އަތިރިއާ ކައިރިވީ ވަރަކަށް ޖެހެމުންދިޔަ ވައިރޯޅި ވެސް ވީ ގަދަ އެވެ. ކުރިމަތީ އޮތް މަގު ހިނގި ވަރަކަށް ހިމަވަމުން އަ އެވެ. ދެ ފަރާތުގައިވާ ގަސްތައް ވަޔާ އެކު ނަށަމުންދާއިރު ހީވަނީ ދެޔޯތަކެއް އައިސް އެމީހުންގެ މައްޗަށް ވެރިވެގަންނަން އުޅޭހެންނެވެ. އުމާމާއަށް ބިރުން ގޮތްހުސްވި އެވެ. ބިރުގަންނަކަން ހާމަކޮށްފި ނަމަ ރައްޔާންއަށް އިތުރު ހިތްވަރަކަށް ވެގެން ކޮށްފާނެ ކަމެއް ނޭނގޭތީ އެ ވާހަކަ ބުނާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ ފަސްޖެހުމެއްނެތި އޭނަ ދިޔައީ ކުރިއަށެވެ.
"ނިދުނީތަ؟ ހާދަ އިރެއް ވެއްޖެއޭ އަނގައިން ނުބުނާތާ؟" އަތިރިއަށް ނިކުމެވުމާ އެކު މިފަހަރު ވާހަކަދެއްކީ ރައްޔާން އެވެ.
"ނޮޓް ފަނީ،" އުމާމާ ބިރުން ހުރެ ވެސް ރައްޔާންއަށް ރައްދުދިނެވެ.
ގަސްތަކުގެ ކައިރިން އައި އިރު އަނދިރިއެއް ކަމަކު އަތިރިއަށް ނިކުމެވުމާ އެކު ދުރުދުރަށް ދަންދެން ފެތުރިފައިވާ ދޮންވެލިގަނޑު ފެނުނީ ފުދޭވަރަކަށް އަލިކޮށެވެ. ތަންކޮޅެއް ކުރިން ވިއްސާރައިގެ ކުލަވަރު ދެއްކި ނަމަވެސް އުޑުގައި ކޮންމެވެސް ވަރަކަށް ތަރިތައް ފިޔަޖަހަމުންދިޔަ އެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކުގެ އަޑާއި ވައިގެ އަޑުން ހިމޭންކަން ނަގާލާފައިވި އެވެ.
ރައްޔާން އިށީނދެލުމުން އުމާމާ ވެސް އިށީންނަންވެގެން ތައްޔާރުވެލި އެވެ. އޭނަ ފަސްޖެހުނީ ވެލިގަނޑު ތެތްކޮށް އޮވެދާނެތީ އެވެ. ވިސްނާލައިފައި އޭނަ ކޮށްލީ ރައްޔާން އެންމެ ހީނުކުރާ ކަންތަކެވެ. އުމާމާ އިށީނދެލީ ރައްޔާންގެ އުނގުގަ އެވެ.
"ވެލިގަނޑު ތެމިފަ އޮތީމަ ނުކެރޭނެ ތިރީގަ އިންނާކަށް،" ރައްޔާން ސުވާލުނުކުރަނީސް އުމާމާ އޮޅުންފިލުވައިދިނެވެ.
ރައްޔާން ހިނިގަނޑެއް ޖަހައިލި އެވެ.
ކުޑަ އިރުކޮޅެއްވީއިރު ދެ މީހުން ކުރެ އެކަކު ވެސް އެއްވެސް ވާހަކައެއް ނުފަށަ އެވެ. އުމާމާ އިނީ ބިރުންނެވެ. އެކަމަކު ރައްޔާން ހިމޭނުން އިނދެގެން ވިސްނާ އެއްޗެއް އޭނައަކަށް ނޭނގުނެވެ. އަދި އެހާ ވައިގަދައިރު އެހާ އަނދިރީގައި ރައްޔާން އޭނަ ގޮވައިގެން އެތަނަށް އައި ސަބަބާ މެދު ސުވާލުކުރަން ބޭނުންވި އެވެ.
"އެއީ ކޯއްޗެއް؟" އުމާމާގެ ސަމާލުކަން ދަމައިގަތީ ރާޅު ބީއްސާ ހިސާބުން ފެންނަމުންދިޔަ މަޑު ނޫކުލައަށްދާ އައްޔެވެ.
"ހިނގާބަލަ ބަލާލަން،" ރައްޔާން ތެދުވަން އުޅުމުން އުމާމާ ތެދުވި އެވެ. އެކަމަކު އޭނަ އަނެއްކާވެސް ގަތީ ބިރެވެ.
"ވަޓް؟ އެ ކޮންމެ އެއްޗަކަށް ވެސް ވެދާނެއެއްނު؟" އުމާމާ ނުދާންވެގެން ރައްޔާން ތެދުވިހާއިރުން އަތުގައި ހިފި އެވެ.
"ހިނގާބަލަ. އިޓްސް ހާމްލެސް..." ރައްޔާން ޔަގީންކަން ދިނެވެ.
އުމާމާއަށް މަޖުބޫރުވީ ރައްޔާންއަށް އިތުބާރުކޮށްފައި ދާށެވެ. ބީއްސާލާ ކޮންމެ ރާޅަކާ އެކު ވެލިގަނޑު ފެނުނީ ވިދާބަބުޅަމުންދިޔަ ތަނެވެ. ފުރަތަމަ އައިއިރު މާ ބިރުގެންފައި ހުރުމުން އޭނައަށް އެ މަންޒަރު ނުފެނުނީ ކަމަށް ވެދާނެ އެވެ. އުމާމާއަށް ރޭކާލީ އިރުކޮޅަކުންނެވެ. ގޮނޑުދޮށުގައި އޮތީ ރެދަންލައިފަ އެވެ. ކިޔާ އަޑު އިވުނަސް އޭނައަށް ލޮލަށް އެ ފެނުނީ އަދި އަލަށެވެ.
"ވާއު ރައްޔާން. ހާދަ ރީއްޗޭ..." އުމާމާގެ ހުރިހާ ބިރެއް ފިލި އެވެ.
ރައްޔާންގެ އަތުން ދޫކޮށްލާފައި އޭނަ ދެ ބޫޓު ކިބަ ދޫކޮށްލުމަށް ފަހު ގޮސް ރާޅުޖަހާ ހިސާބަށް ހުއްޓި ފައިން ރެދަންތަކާ ކުޅެން ފަށައިފި އެވެ. ލޮނުގަނޑު ތެރެއަށް ގާކޮޅެއް އެއްލުމުން އެވާ ރީތި ގޮތަކުން ގާ އުކަން ފަށައިފި އެވެ. ފައިގެ އިނގިލިތަކުގެ ކުރިން ވެލިގަނޑުމަތީ އެކި ސިފައަށް އެކި ބައްޓަމަށް ކުރެހުން ކުރަހަ ކުރަހާފައި އެންމެފަހުން ފެނުނީ ލޮނުގަނޑަށް ދެ އަތް ކޮއްޕާލައިފައި އަތުން ވެސް ނަގައި މައްޗަށް އުކާ ތަނެވެ. މީގެ ކުރިން ރައްޔާން ދެކޭ ސީރިއަސްވެފައި ހުންނަ ކުއްޖާ ވަން ތަނެއް ވެސް ނޭނގެ އެވެ. ހީހީފައި އުޅޭ ގޮތުން ކުޑަ ދުވަސް އަލުން އައިސްގެން އުޅޭ ކުއްޖެއް ފަދަ އެވެ. ރައްޔާން ހިނި އައިސްފައި ދާދި ކައިރީ ބަލަން ހުއްޓާ އުމާމާގެ ފަރާތުން އޭނަ ވެސް ސަލާމަތެއް ނުވި އެވެ. އައިސް ލޮނު ޖަހައިފި އެވެ.
***
އެނބުރި ގެއަށް އާދެވުނުއިރު ގޭތެރެ އޮތީ ގާތްގަނޑަކަށް ހުސްވެފަ އެވެ. ނިދި ނައިސްގެން ނިކުމެ ޓީވީ ދޮށުގައި އިން އައްމާރު ނޫނީ ފެންނާކަށް ނެތެވެ.
"ކިހިނެއްވީ ތެމިފަ ތި ތިބީ؟ ވާރޭ ވެހުނީތަ؟" ރައްޔާންމެން ވަދެގެން އަންނަ ތަން ފެނިފައި އައްމާރު ހައިރާންވެފައި އެހި އެވެ. ޓީވީ ދޮށުގައި އިނުމުން ވާރޭވެހޭ އަޑު ނުއިވުނީތާއޭ އޭނަ ހިތަށްއެރި އެވެ.
"ވާރޭއެއް ނުވެހޭ،" ރައްޔާން ކުޑަކޮށް ހިނިއައިސްފައި ޖަވާބުދިނެވެ. ދެން ދެ މީހުން އެކީ މައްޗަށް އަރައިގެން ހިނގައްޖެ އެވެ.
ރައްޔާން މަޑުކުރީ އުމާމާ ކުރީގައި ފެންވަރައިގެން ނިކުންނަން ދެނެވެ. އޭނަ ވަނީ އޭގެ ފަހުންނެވެ.
މާގަނޑު ދޮށުގައި ހުއްޓުނީމަ ވެސް ރައްޔާންގެ ހިތަށް ސިފަވީ އުމާމާ އެވެ. ކަންފަތުގައި ޖެހުނުހެން ހީވީ އުމާމާގެ ޖާދުވީ ހުނުމުގެ އަޑެވެ. އިސާހިތަކު އޭނައަށް ވެސް ހިނިތުންވެލެވިއްޖެ އެވެ. ނުވެސް އެނގިހުއްޓާ އޭނަގެ ހިތް އުމާމާއަށް ލެނބެމުންދަނީ އެވެ.
އޭނަ ހީކުރިހެން ފާހާނާއިން ނިކުތްއިރު އުމާމާ ނިދަން އަރައިފި އެވެ. ރައްޔާން ގޮސް ބެލްކަންޏަށް ހުޅުވޭ ދޮރު ތަޅުލާފައިތޯ ޗެކްކޮށްލި އެވެ. ސައިޑް ޓޭބަލް މަތީ މަތި އަޅާފައި ހުރި ޖޯޑު އޭނަގެ ލޮލުގައި އަޅައިގަތީ އެނބުރި އައިތަނާ އެވެ. ރައްޔާން ޖޯޑުގެ މަތި ނަގާފައި އެތެރޭ ހުރި އެއްޗެއް ބަލަންވެގެން ފޯނު އަލިކޮށްލި ވަގުތު ޖޯޑުގެ ދަށުގައި އޮތް ކަރުދާސްކޮޅު ލޮލުގައި އަޅައިގަތެވެ. އޭނަ އަތްލިއިރު ޖޯޑު ހޫނެވެ.
"ތެންކިއު ފޯ ދަ ބެސްޓް ނައިޓް އޮފް މައި ލައިފް،" އުމާމާގެ ރީތި އަތުލިއުމުން ލިޔެލާފައި އޮތެވެ.
ރައްޔާންގެ ތުންފަތަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ކަރުދާސްކޮޅު ޖީބަށް ލައިފައި އަނެއް އަތުން ކޮފީ ޖޯޑު ހިފައިގެން ނިކުމެގެން ދިޔައީ އައްމާރު އަދިވެސް ނުނިދާ އިންތޯ ބަލަންވެގެންނެވެ. އޭނައަށް އަދި ނިދޭނީ ތަންކޮޅެއް ފަހުންނެވެ.
***
އެނދުގައި ފުރޮޅި ފުރޮޅި ސައިފްގެ ލޮލަކަށް ނިންޖެއް ނަ އެވެ. އޭނަގެ ހިތަށް އުނދަގޫކުރަމުން ދިޔައީ އުމާމާ އެވެ. އުމާމާ މިރޭ އައިސް އެ ދެއްކި ވާހަކައެއް ދެއްކިއިރު އެ ލޮލުގައި ހުރި ކުލަވަރެވެ. ސުވާލުކުރި ރާގެވެ. އުމާމާގެ ނިޔަތް ރަނގަޅު ނޫންކަމުގައި ހިތް ބުނަނީ އެވެ. އަދި އޭނަ އާއި ޖުމާނާގެ ކައިވެންޏަށް ހުރަހަކަށް ވެދާނެތީ ޖެހިލުންވަނީ އެވެ. މިހާ ހިސާބަށް އައިސްފައި އެނބުރި ދާކަށް އޭނަ ބޭނުމެއް ނޫނެވެ. ޖުމާނާއާ ކައިވެނިކުރަން އަމިއްލަ ނަފްސް ރުއްސީ ކިހިނެއްކަން ވެސް އެނގޭނީ ޚުދު އޭނައަށް ނޫން ހެއްޔެވެ؟
ސައިފް އެންމެ ފަހުން ތެދުވެ އިށީނދެއްޖެ އެވެ. އޭނަ ސައިޑު ޓޭބަލް މަތިން ފޯނު ނަގާފައި ގަޑި ބަލައިލި އެވެ. ބާރަ ޖަހަން ދަނީ އެވެ.
ޖެހިލުންވެފައި އިނދެގެން މެސެޖެއް ލިޔެލުމަށް ފަހު ޖުމާނާއަށް ފޮނުވައިލި އެވެ.
"ނިދީތަ؟" އޭނަގެ މެސެޖުގައި އޮތެވެ.
ފޯނަށް ބަލަހައްޓައިގެން އިންދާ މެސެޖު އައިސްގެން ދިއްލުނުތަން ފެނިފައި އަތުން ދޫނުވީ ކިރިޔާ އެވެ.
ސައިފް އަވަހަށް މެސެޖު ހުޅުވައިލި އެވެ. "އަދި ނުނިދޭ."
"ނުނިދާ ކޮންކަމަކާ ތި ވިސްނަނީ؟" ސައިފް އެހި އެވެ.
އޭނަ އިންތިޒާރުގައި އިންދާ ދާދި އަވަހަށް ޖަވާބު ވެސް އަ އެވެ.
"އާއިލާގެ ބޮޑެތި މީހުންގެ ޖަވާބު އައިސްދާނެ ގޮތަކާ މެދު ހިޔާލުކޮށްލީ،" ޖުމާނާ ލިޔެފައި އޮތެވެ.
ޖުމާނާގެ އެ ތެދުވެރިކަން ސައިފްއަށް ވަރަށް ކަމުދިޔަ އެވެ.
"ވަޓް އިފް ދެއި ރެފިއުސް؟" އޭނަ ވެސް މިފަހަރު ކޮށްލީ އުމާމާ އައިސް އޭނައާ ކުރި ސުވާލެވެ.
ސައިފްއަށް ނިދެންދެން ވެސް ޖުމާނާގެ ފަރާތުން ޖަވާބެއް އައިތޯ އެކި ފަހަރު މަތިން ބެލި އެވެ. އެކަމަކު ކުރިމަތިލާން ޖެހުނީ މާޔޫސްކަމާ އެވެ.
***
ޖުމާނާ ގުޅީ ސައިފް ހެނދުނު ތެދުވެ ކޮފީއެއް ބޯން ބަދިގޭގައި ހުއްޓަ އެވެ. ކުދިވެރިން އޭރު އަދި ނުތެދުވެ އެވެ. މޭޒުމަތީ އޮތް ފޯނު ރިންގްވާ އަޑަށް ގޮސް ބަލާލިއިރު ޖުމާނާ ގުޅާތަން ފެނުމުން ސައިފް އަވަހަށް ނަގައި ކަންފަތުގައި ޖެހި އެވެ.
"މާފުކުރޭ ރޭގަ އޮއްވާ ނިދުނީ. އެހެންވެ ޖަވާބު ނުފޮނުވުނީ،" ޖުމާނާ ފުރަތަމަ ވެސް މާފަށް އެދުނެވެ.
ސައިފްއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ހީކުރީ ޖުމާނާއަށް ވެސް ދޭނެ ޖަވާބެއް ނޭނގުނީ ކަމުގަ އެވެ. ނޫނީ އޭނައަށް ދޭން އޮތް ޖަވާބުގެ ކަމުނުދާކަމާ ހުރެ އެއްޗެއް ބުނަން ބޭނުންނުވީ ކަމަށެވެ. ހީކުރި ގޮތަށް ނުވީތީ ހިތާއި ހިތުން ޝުކުރުކޮށްލެވުނެވެ.
"މިއަދު އަހަރެންގެ ބޮޑުދައިތަ އާއި ޅިޔަންބެ އަންނާނެ،" ޖުމާނާ އިރުކޮޅެއް ފަހުން ބުނި އަޑު އިވުނެވެ.
"އަސްލުވެސް؟ ފޯނުން ނިންމުން އިއްވުމުގެ ބަދަލުގައި ރަށަށް ދޯ އެ އަންނަނީ؟ ކިހިނެއް ހީވަނީ؟ ރަނގަޅު ފާލެއްތަ އެއީ؟" ސައިފް އޮޅުންފިލުވަން ބޭނުންވި އެވެ.
"ނޭނގެ ބުނާކަށް. ހަމަ ވެދާނެ ރަނގަޅު ފާލަކަށް ވެސް. ނޫނީ އަނެއްކޮޅަށް ވެސް،" ޖުމާނާ އެއްވެސް ކޮޅަކަށް ބުރައެއްނުވެ އެވެ.
ސައިފްއަށް ކަނދުރާމަތީ ހިފައިލެވުނެވެ. ކައިވެންޏަކީ މިހާ އުނދަގޫ ކަމެއްކަން އޭނައަށް ކުރިން އެނގިފައެއް ނެތެވެ.
"އިހަށް ބާއްވަނީ އިނގޭ ބިލާލް ހޭލައިފި،" ޖުމާނާ ފޯނު ބޭއްވި އެވެ.
ފޯނު ކުރިން އޮތްތާ ބާއްވާފައި ކޮފީ ތަށި ހިފައިގެން ހިނގަމުން ހިނގަމުން ސައިފް ނިކުތީ ގޯތިތެރެއަށެވެ. ހިކިފަތް އެޅި ފުނިޖެހިފައިވާތީ އެތަން ސާފުކުރާނެ ގޮތަކާ މެދު ވިސްނައިލެވުނެވެ. ޖެހިގެން ހުރި ގޭ ބެލްކަންޏާ ދިމާއަށް އޭނައަށް ބަލައިލެވުނީ އެތަނުން މީހަކު ހަރަކާތްކުރިހެން ހީވެގެންނެވެ.
އުމާމާ ބެލްކަނީގައި ހުއްޓާ ފެނުމުން ސައިފްއަށް ހުއްޓެވުނެވެ. ދެވަނަ ސިކުންތުގައި އޭނަ ހުހަށް އޮތް އަތް އުފުލާލައިފައި އުމާމާއަށް ހަނާއަޅައިލައިފި އެވެ. އުމާމާ ވަގުތުން ލޯ ބޮޑުކޮށްލާފައި ދެކޮޅު ބަލާލީ މީހަކަށް ފެނުނުތޯ ބަލަންވެގެން ކަހަލަ އެވެ. ދެން ފެނުނީ އެތެރެއަށް ދެމިގަތްތަނެވެ. އޭނައަށް ވިސްނުނީ އޭނަ ފަދައިން އުމާމާ ވެސް އެ ދެ މީހުންގެ މެދުގައި އޮތް ގުޅުމާ މެދު ޖެހިލުންވާ ކަމެވެ. މީހަކަށް އެކަން އެނގިދާނެތީ ބިރުގަންނަ ކަމެވެ. އުމާމާ އޭނަ ދަންނަ ކަމަށް ނުހެދީ އެއްގޮތަކަށްވެސް އޭނައަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ އުމާމާ އެކަން ސިއްރުކުރަން ބޭނުންވެގެންނެވެ. ސައިފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
(ނުނިމޭ)
ކޮމެންޓް (3)
ވާހަކަ
ފޭން
ޒާނާ