ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 13
"ވެއިޓް ވަޓް؟ ތިބުނީ އާނއެކޭތަ؟" ސައިފްއަށް ގަބޫލެއް ނުކުރެވުނެވެ. ޔަގީންކުރަން އޭނަ ބޭނުންވި އެވެ.
ޖުމާނާ ބޯޖަހާލައިފައި އަވަހަށް އެތަނުން ނިކުމެގެން ދިޔަ އެވެ.
***
ޖުމާނާގެ މައިދައިތަގެ އާއިލާގެ ރުހުން ހޯދުން ވީ ސައިފް ހީކުރި ވަރަށް ވުރެ މާ ފަސޭހަ ކަމަކަށެވެ. އެމީހުން ޖުމާނާގެ ކިބައިން ސަލާމަތް ނުވެވިފައި ތިބި ކަހަލަ އެވެ. އަދި ހަގީގަތުގައި ވެސް އެމީހުން ތިބީ ޖުމާނާ މީހަކާ އިނދެގެން އެގެއިން ނުނިކުމެގެންކަން އެމީހުންނަށް އެނގުނެވެ.
ފެންޑާގައި ސޯފާތަކުގައި ސައިފް އާއި ދެ ކޮއްކޮ، އަލްޔާ އާއި އާކިފްގެ އިތުރުން ޖުމާނާގެ ބަފައިބެއާ އެކު ދެން އެތާ އިނީ މައިދައިތަ އެވެ. ބަދިގޭގައި ޖުމާނާ އުޅުނީ ހަވީރުގެ ސަޔަށް ތަށިތައް ތައްޔާރުކުރާށެވެ.
"މަރުހަބާ ޖުމާ. މިރަށު މީހަކު އަހަރެމެންގެ އާއިލާއަށް ކިޔާ އެއްޗަކަށް ވެސް ނުވިސްނާ ޅަކުއްޖަކާ އިންނަން ބައްޕަމެން ހިތުންރުހުމުން އެއްބަސްވެއްޖެ،" ފަހަރި އައިސް މަލާމާތުގެ ރާގެއްގައި އިއްވާލި އެވެ. އެ ތުންފަތުގައި ވެސް ވީ އެފަދަ ވިހަ ހިނިތުންވުމެކެވެ.
އެވަގުތު ވެސް ބެލީ އޭނަ ދަށްކޮށްލެވޭތޯ އެވެ. ދިވެހިންނަކީ އަޖައިބެއް ފަދަ ބައެކެވެ. ދޮށީ މީހަކާ ވިއަސް ހަލާލު ގުޅުމެއް އުފެއްދުމުގައި މައްސަލައަކީ ކޮބައި ހެއްޔެވެ؟ ނީނދެ ޅަކުދިން ކިތަންމެ ދުވަހަކު ޒިނޭކޮށްކޮށް ތިއްބަސް އެކަންކަން އެންމެ ރަނގަޅެވެ. ފޭސްބުކުގައި ލާފައި ހުންނަ ގައިގޯޅި ފޮޓޯތަކަށް "މާޝަﷲ" ޖަހާއިރު މި ކިޔެނީ ކީކޭކަން ވެސް ވިސްނައިނުލަ އެވެ.
ޖުމާނާގެ ހިތަށް ތަދުވި ނަމަވެސް އޭނަ ހިނިތުންވެލި އެވެ. އެ ކައިވެންޏަކީ އެމީހުން ހީކުރާ ފަދަ ކައިވެންޏެއް ނޫނެވެ. ދެ މީހުންގެ ބޭނުމަށް ވުރެ ބޮޑަށް ކޮންމެ މީހަކު ވެސް އެމީހެއްގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށްޓަކައި ކުރާ ކައިވެންޏެކެވެ. އަދި އޭނައަށް ވުރެ ބޮޑަށް އެކަމަށް ބޭނުންވަނީ ވެސް ސައިފް އެވެ. އެހެންވެ ސައިފްގެ ފުށުން އޭނަ ފިރިއެއްގެ ފަރާތުން ކުރާ ފަދަ އުންމީދުތަކެއް ނުވެސް ކުރާނެ އެވެ.
"ކީއްކުރަން ލަސްކުރަންވީ؟ ވީހާ އަވަހަކަށް ހަމަ ކައިވެނިކޮށްގެން ޖުމާނާ ގެންދަންވީ،" ޖުމާނާ ތަބަކެއްގައި ސައި ތަށިތައް އަތުރާލައިގެން ނިކުތްއިރު މައިދައިތަ ބުނާ އަޑު އިވުނެވެ.
އޭނަ ގޮސް ސޯފާތަކުގެ މެދުގައި ހުރި ކުޑަ މޭޒުމަތީ ތަބައް ބަހައްޓާފައި އެނބުރުނު އިރު ފަހަރި، ހެދިކާ ތަށިތައް ހިފައިގެން އައިސް ހުއްޓެވެ. ދުވަހަކުވެސް އެގޮތަށް އޭނަ ކުރި ކަމެއްގެ އެއްކޮޅުގައި ހިފި ހަނދާނެއް ނެތެވެ. އޭނަ އެ ގެއިން ދާން އެމީހުން ބޭނުންވެފައިވާ ވަރު އެ އަމަލުން ވެސް ދޭހަކޮށްދިނެވެ.
ޖުމާނާ ފަހަރަކު ސައި ތަށްޓެއް ނަގައި މައިދައިތަ އާއި ބަފައިބެއަށް ދިނުމަށް ފަހު އެންމެ ފަހުން ނެގި ތަށި ދިއްކޮށްލީ ސައިފް އަށެވެ.
"ތެންކިއު،" ސައިފް ޖުމާނާއާ ހަތަރުކަޅި ހަމަކޮށްލި އެވެ.
ޖުމާނާ އަވަހަށް ނަޒަރު ވަކިކޮށްލާފައި ހިންދެމިލި އެވެ. އޭނަގެ ސަމާލުކަން އަނބުރައިލީ ކުޑަކުދިންނަށެވެ. ބިލާލްއާ އެކު އެތެރެއަށް ސައިބޯން ދާން އަންނަން ދައުވަތު ދިނުމުން ދެ ކުދިން ސޯފާ އިން ތެދުވެގެން ޖުމާނާއާ އެކު ދިޔަ އެވެ. ސައިފް އެ މަންޒަރު ބަލަން އިނީ ހިތްހަމަޖެހިފަ އެވެ. އޭނަގެ މައިންބަފައިން ވެސް އޭނަގެ އެ ނިންމުމާ މެދު ފަހުރުވެރިވާނެ އެވެ.
***
ޖުމާނާގެ އެދުމުގެ މަތިން އޭނަގެ ދެބެންގެދެދަރި ކުދިންނާ ބައްދަލުކުރަން ސައިފް ދިޔައީ އެ ރޭގެ ވަގުތެއްގަ އެވެ. ވާރޭ ވެހޭތީ ގެއިން ވެސް ބޭރަށް ނިކުންނަން ބޭނުންނުވާ ފަދަ ވަގުތެކެވެ. އެކަމަކު އާނއެކޭ ބުނެވިފައި އޮތުމުން ނުގޮސް ހުންނާކަށް ސައިފްގެ ހިތެއް ނުރުހުނެވެ.
ބިލާލްއާ އެކު އެ ރޭ ޖުމާނާ ނިދަން ގޮސް އުޅުނީ ޖެހިގެން ހުރި ގެއަށެވެ. ޒޯޔާގެ ކޮޓަރީގައި އެ ދެމައިން ތިބޭނެ ތަން އޮތެވެ. ހަވީރުއްސުރެ ބަނަކޮށް އޮތަސް ވާރޭ ވެހެން ފެށީ އިޝާގެ ފަހުންނެވެ. ކުދިވެރިން ގޭގައި ބައިތިއްބާފައި އަންނަން ސައިފްއަށް އުނދަގޫވެދާނެތީ ނާންނާށޭ ބުނަންވެގެން އޭނަ ގުޅި އެވެ. އެކަމަކު ސައިފް ފޯނެއް ނުނަގަ އެވެ. އާކިފް އަތުގައި ފޯނު އޮތީ ކަމަށް ވެދާނެ އެވެ.
ސޯފާގައި ބިލާލް އިނީ ކާޓޫނަކަށް ގެއްލިފަ އެވެ. ނުވައެއް ޖަހާ ބޮޑުވި އިރު ވެސް އެ ރޭ ނިދާކަށް ނޫޅެ އެވެ. ޒުބައިރު އާއި އައްމާރު އެ ކުއްޖާއާ ބައިވެރިވެގެން ކާޓޫން ބަލަނީ އެވެ. ޒޯޔާ އާއި އުމާމާ ފޯނުން ކޮންމެވެސް އެއްޗެހިތަކެއް ގަންނަންވެގެން ބަލަނީ އެވެ. ރައްޔާން އިރުކޮޅެއް ކުރިން ފޯނެއް އައިސްގެން އެތާ އިނދެފައި ތެދުވެގެން ދިޔަ އެވެ. ޖުމާނާ އިނީ ސައިފްގެ އިންތިޒާރުގަ އެވެ. ގުގުރާލިއަސް ދޮރުގައި ޓަކި ޖަހަނީއޭ ހީވެ އެވެ.
އެންމެފަހުން އޭނަ އިންތިޒާރުކުރި ވަގުތު އައިސް ކުރިމަތިވެއްޖެ އެވެ. ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށް އެންމެ ކުރިން ތެދުވެގެން ގޮސް ދޮރު ހުޅުވާލި އެވެ.
"ހައި!" ސައިފް ހިނިތުންވެލި އެވެ.
ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު ވާރޭގެ އަސަރު އެ އިސްތަށިގަނޑާއި މޫނަށް ކޮށްފައި ހުއްޓެވެ. އޭނަ ގެނެސް ބޭރުގައި ލައްކޮށްލި ކުޑަ އިން ހޯސްލާފައި ތިރިއަށް ފެންތައް ފައިބަމުންދިޔަ ތަން ޖުމާނާއަށް ފެނުނެވެ.
"މާބޮޑަށް ވިއްސާރަ ވީމަ ގުޅިން އަންނަން އުނދަގޫވެދާނެތީ. ކޮބާ އެ ކުދިން؟" ޖުމާނާ ވާހަކަދެއްކި އެވެ.
"މިރޭ މާޒް އެބައިން ގޭގައި ފިލްމެއް ބަލަން،" ސައިފް ދިނީ ޖުމާނާ ހިތްހަމަޖެހުނު ފަދަ ޖަވާބެކެވެ.
"އާދޭ އެތެރެއަށް!" ޖުމާނާ އެއް ފަރާތަކަށް ޖެހިފައި ސައިފް ވަންނަން ތަން ދެއްކި އެވެ. އޭނަގެ ހިތް ދިޔައީ ނިކަން ބާރަށް ތެޅެމުންނެވެ.
އަނެއްކޮޅުން ސައިފް ވެސް ހުރީ ހިސާބަކަށް ނުތަނަވަސްވެފަ އެވެ. ޖުމާނާގެ އާއިލާއާ ކުރިމަތިލުމުގެ އިތުރަށް އުމާމާއާ ވެސް އޭނަ މިއަދު ކުރިމަތިވާނެ އެވެ. އެންމެން ތެރޭ އުމާމާ އޭނަ ބޭޒާރުކުރަން ގަސްތުކޮށްފިއްޔާ އެ ކައިވެނީގެ ހިޔާލު ވެސް ޖެހޭނީ ހިތުން ނެރެ އެއްލައިލާށެވެ. އައުމުގެ ކުރިން އުމާމާގެ ނަންބަރު ކޮންމެވެސް ގޮތަކުން ހޯދަން ހިތަށްއެރި އެވެ. ދެ އަހަރު ވަންދެން އޭނަ އުމާމާގެ ފަހަތުން އުޅުނު ވާހަކަ އެއީ މާޒީކަން ހަނދާންކޮށްދޭން ބޭނުންވި އެވެ. އަދި އޭނަގެ މުސްތަގްބަލަށް އެ މާޒީން އެއްވެސް އަސަރެއް ކުރާނެ ފަދަ ކަމެއް ނުކުރުމަށް އެދި އާދޭސްކުރަން ހިތަށްއެރި އެވެ. އެންމެ ފަހުން އޭނަ އެ އައީ ހެއްދެވި ފަރާތުގެ އަތްމައްޗަށް ހުރިހާ ނިންމުމެއް ދޫކޮށްލައިފަ އެވެ. އެކަލާނގެ ދެރަ ގޮތެއް ވިޔަކަނުދޭނެ އެވެ.
ޖުމާނާ ޒުވާނަކު ގޮވައިގެން އަންނަން ފެށުމުން އެތާ ތިބި މީހުންގެ ސަމާލުކަން ލިބުނެވެ. އައްމާރު އެ ވާހަކަ ބުނުމުން ޒޯޔާ އަވަހަށް މޫނު ނިވާކުރި އެވެ. އުމާމާ ވެސް، އަންނަނީ ކާކުތޯ ބަލަންވެގެން އެ ދިމާއަށް އެނބުރުނެވެ. ވަގުތުން އޭނަގެ މެއަށް ފިނިވެގެން އަ އެވެ.
ޖުމާނާގެ އެއް ފަރާތެއްގައި ހުރެގެން އެ ދިމާއަށް އައީ ސައިފް އެވެ. ބިރުން އޭނަގެ މޭގަނޑު އަނގައަށް އަންނަ ވަރުވި އެވެ. ސައިފްއަށް އޭނަ ފާހަގަވެދާނެތީ އެ މޫނަށް ނުބަލަން އަވަހަށް އިސްޖަހާފައި ފޯނަށް ބަލާ ކަމަށް ހެދުނެވެ. ކުއްލިއަކަށް އެތަނުން ތެދުވެގެން ދިއުމަކީ މެހުމާނަކު އައުމުން ކުރަން އެކަށޭނަ ކަމަކަށް ނުވާ ނަމަ އެކަން ވެސް ކުރީހެވެ.
"މީ ސައިފް،" ޖުމާނާއަށް ބުނެވުނީ އެވަރަށެވެ.
އިތުރަށް ވާހަކަދައްކަން އޭނަ ލަދުގަތެވެ. ސައިފްއަށް އެކަން އެނގުނެވެ.
"އަހަރެންމެން މެރީކުރަންވެގެން މިއުޅެނީ،" ސައިފް ޖުމާނާގެ ބަދަލުގައި ހާމަކުރި އެވެ.
އުމާމާއަށް އަނެއްކާވެސް އެ ދިމާއަށް ބަލައިލެވުނީ އިހުތިޔާރެއް ނެތި އެވެ. އެވަގުތު ސައިފްގެ ނަޒަރު ވެސް އިއްތިފާގުން އޭނައަށް ހުއްޓުނެވެ. ދެ މީހުން ކުރެ ފުރަތަމަ ނަޒަރު ވަކިކޮށްލީ ކާކުކަމެއް ނޭނގެ އެވެ. އެކަމަކު ދެމީހުންވެސް އެ ދެ މީހުން އެކަކު އަނެކަކު ދަނެއޭ ހީވާންދެން ހަތަރުކަޅި ހަމަކޮށްގެނެއް ނުތިއްބެވެ.
"ދަންނަހެން ހީވޭ. ކުރިން ބައްދަލުވިތަ؟" ޒުބައިރު ކުޑަކޮށް ކަރުކެހިލާފައި ތެދުވެ ސައިފްއާ ސަލާމަށް އަތް ދިއްކުރި އެވެ.
"ތަންކޮޅެއް ކުޑައިރު ބައްދަލުވެފަ ހުރީ،" ސައިފް ހިނިތުންވެފައި ބަލައިލީ ޖުމާނާ އަށެވެ.
ޒޯޔާ އިން ތަނުގައި އިނދެގެން ޖުމާނާގެ އަތުގައި ހިފާ ދަމާލައިފައި ގެންގޮސް ކައިރީގައި ބެއިންދި އެވެ. ސިއްރުން އޭނަގެ ކަންފަތްދޮށުގައި ބުނި އެއްޗަކުން ޖުމާނާއަށް ހެވިގެން އަނގަމަތީ އަތް އެޅި އެވެ.
އައްމާރު ނުތެދުވެ އިނދެފައި ހައި ޖަހާލި އެވެ. ރައްޔާން ވެސް ދުރުގައި ހުރެފައި އައީ އެ ގަޑީގަ އެވެ. ސައިފްއަށް ވަކިން ހުރި ގޮނޑިއަށް އިޝާރާތްކޮށްފައި އޭނަ އިށީނދެލީ އުމާމާގެ ކައިރީގަ އެވެ. ފުރުސަތުގެ ބޭނުން ހިފައި އުމާމާގެ އުނަގަނޑުގައި ހިފައިލި އެވެ. އުމާމާގެ ނޭވާ ކަރުތެރޭ ތާށިވި އެވެ. ރައްޔާންގެ މޫނަށް ބަލައިލިއިރު ރައްޔާން ނުވެސް އެނގޭ ކަމަށް ހެދިގެން ޖުމާނާ އެންމެންގެ ތައާރަފްދެމުން ދިޔަ އަޑު އަހަން އިނެވެ.
އުމާމާ އަކީ ރައްޔާންގެ އަންހެނުންކަން ސައިފްއަށް އެނގުނީ އެ ދެވުނު ތައާރަފްގެ ތެރެއިންނެވެ. އުމާމާ ވެސް އޭނަ ދަންނަ މީހަކަށް ނުހެދީތީ އޭނަ ވެސް ކަންތައް ކުރީ ހަމަ އެފަދައިންނެވެ. އެކަމަކު އެ ހިތްހަމަޖެހުމަކީ ހަމައެކަނި ވަގުތީ އެއްޗެކެވެ. އުމާމާ އޭނަގެ ހަގީގަތް ފަޅާއަރުވާލާނީ އެތަނުން ނިކުމެގެންދާ ފަހުން ކިހާ އަވަހަކަށް ކަމެއް އޭނައަށް ލަފާކުރާކަށް ނޭނގެ އެވެ.
***
ބެލްކަންޏަށް ވެހެމުންދިޔަ ވާރެއަށް ބަލަން ހުރެގެން އުމާމާއަށް އިރުއިރުކޮޅާ ދެ އަތުގެ މުލައްދަނޑީގައި އަތް ހާކައިލެވެ އެވެ. ނިދަން ލީ އަތްދިގު ފިޔާތޮށި ޕިޖާމާގައި ހުރި އިރު ވެސް ހީކަރުވަ އެވެ. ދުރުން ގުގުރާލާ އަޑު އިވިލާފައި އިރުއިރުކޮޅުން މުޅި ތަން އަލިކޮށްލާހާ ގަދައަށް ވިދާލަ އެވެ.
"ހީކަރުވަނީތަ؟ ހަގެއް ބޭނުންވަންޏާ ބުނީމަ އިނގޭނީ،" ރައްޔާން ފާހާނާ އިން ނިކުމެގެން އެނދާ ދިމާއަށް ދަމުން އުމާމާ ފެނިގެން ރުޅިއަރުވާލާ ހިތްވި އެވެ.
އުމާމާ އެންމެ ފަސޭހައިން ނުރުހެނީ އޭނަ އެކަހަލަ ވާހަކަދައްކައިގެން ނޫނީ ކައިރިވާން އުޅެފިއްޔާކަން އޭނައަށް މިހާރު އެނގެ އެވެ.
އުމާމާ އެނބުރި ބަލާލައިފައި ލޯ ހަނިކޮށްލުމަށް ފަހު އަނެއްކާ ދޮރާ ދިމާއަށް އެނބުރުނެވެ. ރައްޔާން ހިނިގަނޑެއް ޖަހާލައިފައި އެނދަށް އަރައި އޮށޯވެލަމުން ފޯނު ނަގައި ހާވާލި އެވެ. އުމާމާ އެނބުރި އައީ އޭނަ ފޯނު ބާއްވާފައި ރަޖާ އަޅައިގެން ނިދަން އޮއްވަ އެވެ. ރައްޔާން އެނދުގައި އޮތް ހަމައެކަނި ރަޖާ އަޅައިގެން އޮތުމުން އޭނައަށް ކަމަކުނުދިޔަ އެވެ. އޭނަ ވެސް ރަޖާ ބޭނުމެވެ. އެކަމަކު އޭތި ހަނިކަމުން ދެ މީހުން ކައިރީ ތިބެގެން ނޫނީ އަނެކަކަށް ބައެއް ހިއްސާކުރެވޭނެ ގޮތެއް ނެތެވެ.
އުމާމާ ބަލަން އިނދެލާފައި ރައްޔާން ނިދީ ކަމަށް ހީކޮށް ރަޖާ ދަމައިގަންނަން އުޅުނެވެ. ރައްޔާން އެ ވަގުތު ރަޖާގައި ބާރަށް ހިފަހައްޓާފައި ލޯ ހުޅުވާލި އެވެ.
"މިރޭ ރަޖާ ދަށުގައި އޮންނަން ބޭނުމިއްޔާ ޝެއާކުރުން ނޫން ގޮތެއް ނެތް،" ރައްޔާން އުމާމާއަށް އެންގި އެވެ.
"އިން ޔޯ ޑްރީމްސް،" އުމާމާ އަނގައަށް ވައްތަރެއް ޖައްސާލައިފައި އަނެއް ފަރާތަށް އެނބުރި ވީހާވެސް ދުރުގައި އޮށޯތެވެ.
ރައްޔާން ހޭ އަޑު އިވުމުން އޭނަ ގާތަށް ވަކިން ރުޅި އަ އެވެ. ކައިރީގައި އޮތް ކަންނެއޮ ރައްޔާންއާ ދިމާއަށް ހޫރައިލި އެވެ.
"ވަރަށް ޝުކުރު. މިހާރު އަދި މާ އަރާމު،" ރައްޔާން އުފަލާ އެކު އެ ކަންނޭލުގައި ބައްދައިލި އެވެ.
އެތަނަށް އައި ފަހުން އުމާމާއަށް ބާލީހާއި ކަންނެއޮ ދީގެން އޭނަ އަބަދުވެސް ނިދީ އެންމެ ބާލީހެއްގަ އެވެ.
އޮވެ އޮވެ އުމާމާއަކަށް ނުނިދުނެވެ. ރަޖައެއް ނެތްތާގައި އަދި ކަންނެޔޮ ވެސް މަދުވީ އެވެ. އެތައް އިރެއް ކޮށްފައި އޭނަ އެނބުރުނީ ރައްޔާން ނިދިތޯ ބަލަންވެގެންނެވެ. ފަނޑު އަލީގައި ރައްޔާންގެ މެރިފައިވާ ދެ ލޮލަށް ބަލަން އިނދެލާފައި ކަންނޭލުގައި ހިފާ ދަމާލެވޭތޯ އުޅުނެވެ. އެކަމަކު ރައްޔާން އޭގައި ބައްދައިގެން އޮތުމުން ގުޑައެއްނުލި އެވެ. އުމާމާއަށް ރޮވެން ކައިރިވި އެވެ. ވީ ދެރައަށް ވުރެ ބޮޑަށް ރުޅިގަދަވެގެންނެވެ.
ތެދުވެ ދެ ފިކުރެއްގައި އިނދެލައިފައި އޭނަ ރައްޔާންއާ ކައިރިއަށް ޖެހިލި އެވެ. ރަޖައިން އެއް ބައި އަމިއްލަ ގައިގައި އަޅާލައިގެން ރައްޔާންއާ ޖެހި ފިތިގެން އޮށޯތުމުން އެ ހަށިގަނޑުގެ ހޫނުން އޭނަ އިތުރަށް ހީފިލާ ގޮތް ވި އެވެ. ދަންވަރު އޭނައަށް ހޭލެވުނުއިރު ކަންނޭލުގެ ބަދަލުގައި ރައްޔާންގެ އަތުތެރޭ އޮތީ އޭނަ އެވެ. އުމާމާ ދުރަށް ޖެހެން އުޅުމުން ރައްޔާން ނިދީގައި އޮވެގެން ކުރިއަށް ވުރެ ބޮޑަށް އޭނަގެ ހަށިގަނޑު އެ ދެ އަތުގެ ތެރޭ ހައްޔަރުކޮށްލި އެވެ. އުމާމާއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. އައިސްފައި އޮތް ނިދީގެ ސަބަބުން ނޫން ކަމެއް ވެސް ނޭނގުނެވެ. ރައްޔާންއާ ދުރަށް ދާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އެއީ ފެންނަ ހުވަފެނެއް ކަމަށް ބަލާފައި އޭނަ ރައްޔާންގެ މޭގައި ބޯއަޅާލައިގެން އޮވެ ނިދީގެ އަރާމުގެ ތެރެއަށް ގެއްލުނެވެ.
ފޯނުގެ އެލާމްގެ އަޑަށް ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނެވެ. އަވަހަށް އެލާމް އޮފް ކޮށްލާފައި އަދި އޮށޯތެވެ. ތެދުވަންވެގެން އަނެއް ފަރާތަށް އެނބުރުނު އިރު ލައުންޖް ގޮނޑީގައި ރައްޔާން އޭނައަށް ބަލަން އިންދާ ފެނިގެން އުމާމާއަށް ހަޅޭއްލަވައިގަނެވުނެވެ.
"ސޮރީ،" ރައްޔާން ހިނިތުންވުން ފޮރުވަންވެގެން ކޮފީ ތަށީގައި ތުންޖެހި އެވެ.
އުމާމާ ލޯ ހަނިކޮށްލާފައި އެނދުން ތިރިއަށް ދެ ފައި އެލުވާލި އެވެ. އޭނައަށް ދެވަނަ ފަހަރަށް ރައްޔާންގެ މޫނަށް ބަލައިލެވުނީ ރޭގެ މަތިން ހަނދާންވެފަ އެވެ. ރައްޔާން އޭނަގެ ގައިގައި އޮޅުލައިގަނެގެން އޮއްވާ އެ ފެނުނީ ހުވަފެނެއްގައި ހެއްޔެވެ؟ ނޫނީ... އުމާމާ ސުވާލުކުރަން ޖެހިލުންވި އެވެ.
"ކީއްވެ ފާޑަކަށް ތި ބަލަނީ؟" އުމާމާ އެހި އެވެ.
"ރޭގަ ފެނުނު ހުވަފެނެއް ހަނދާންވެފަ،" ރައްޔާން ޖަވާބުދިނެވެ.
"ހިއެއްނުކުރަން ހުވަފެން އެހާ ރިއަލް ވެދާނެ ކަމަކަށް،" އުމާމާ އެއްޗެކޭ ނުބުނުމުން ރައްޔާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
އުމާމާގެ ސަމާލުކަން ހުއްޓުނީ ރައްޔާން ވާހަކަދައްކަމުން ކަރުގައި އިނގިލިތައް ހިންގާލިއިރު ޝަހާދަތް އިނގިލިން ތަޅާލައިފައި ދައްކައިލި ރަތްވެފައިވާ ތަންކޮޅެއްގަ އެވެ. އޭނައަށް ވަގުތުން އަނގަމަތީ އަތް އެޅުނެވެ. އެއީ އޭނަ ކުރި ކަމަކަށް ނުވާނެ އެވެ. ރައްޔާން އޭނައަށް ދޮގު ހަދަނީ އެވެ. އޭނަ ތަޅުވަނީ އެވެ. އޭނައަކީ ދުވަހަކުވެސް ފިރިހެނަކާ ގައިގޯޅިވި އަންހެންކުއްޖެއް ނޫނެވެ. އެންމެ ރެއަކު ކައިރީގައި އޮތުމުން އޭނަ އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟
"ހުއްޓާލާ ފުދިއްޖެ މިހާރު! ތިވަރަށް ދޮގުނުހެދިއަކަސް ވެދާނެ،" އުމާމާ އަތް ތިރިކޮށްލާފައި ރުޅިއައިސްގެން ކުއްލިއަކަށް އެނދުން ތެދުވި އެވެ.
"އަހަންނަކީ ދޮގު ހަދާ މީހެއް ނޫން،" ކޮފީ ތަށި ބަހައްޓާފައި ރައްޔާން ވެސް ތެދުވި އެވެ.
އުމާމާގެ އަތަށް ކުއްލިއެއް ޖަހާލައިފައި ގެނެސް މޭގައި ތަތްކޮށްލި ގޮތަށް ރައްޔާންގެ ދެ އަތުން އުމާމާގެ އުނަގަނޑު ވަށައިލި އެވެ. އެހާ ކައިރިން ރައްޔާންގެ މޫނު ފެނުމުން އުމާމާގެ ހިތް އަވަސްވި އެވެ. ބިރުން ދާހިއްލި އެވެ. އޭނަ ކުރިން ވެސް ހީކުރިހެން ރައްޔާންގެ ކެތްތެރިކަން ކޮޅުންލަނީއޭ ހިތަށްއެރި އެވެ. ދުރުގައި ހުރެހުރެ ކެތްނުވެގެން ގަދަކަމުން އޭނަގެ ހަށިގަނޑަށް ބާރުފޯރުވަން ފެށީ އެވެ.
"ދޫކޮށްލާ!" އުމާމާގެ އަޑު ކުރެހުނެވެ.
ރައްޔާން އޭނައަށް ވުރެ މާ ބާރުގަދަ އެވެ. އޭނަ އުޅެއުޅެ އެ އަތުތެރެއިން ސަލާމަތެއް ނުވެވުނެވެ. ރައްޔާން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ އަތުތެރެއިން ނިކުންނަން އޭނަ ކުރަމުންދިޔަ ބޭކާރު މަސައްކަތް ދެކެން މަޖާވެފައި ހުއްޓެވެ. އުމާމާއަށް ރައްޔާންގެ ކަރުގައިވާ ނިޝާނަށް އަދި އެއް ފަހަރު ބަލައިލެވުނެވެ. އޭނަގެ ނަޒަރު އެ ލޮލަށް ބަދަލުކޮށްލިއިރު ރައްޔާން ހިނިތުންވެލި އެވެ. އުމާމާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ކަހަލަ އެވެ. އުމާމާގެ ނަޒަރު ރައްޔާންގެ ތުންފަތަށް ހުއްޓުނީ އެ ގަޑީގަ އެވެ. ގަދަހެދުން ހުއްޓާލެވުނުކަން އުމާމާއަށް ރޭކައެއްނުލި އެވެ. ކަމަކަށް ކަރުހިއްކައިގެންފައިވާ މީހަކު ފަދައިން ތިރީ ތުންފަތުގައި ދޫ ކާއްތައިލެވުނެވެ.
"އިރު ނާރަނީސް ނަމާދުކުރަން އުޅޭ،" ރައްޔާން ކުއްލިއަކަށް އޭނަ ދޫކޮށްލާފައި ފަހަތަށް ޖެހުނެވެ.
އުމާމާ ހައިރާންވެފައި ރައްޔާންއަށް ބަލައިލި އެވެ. ރައްޔާން ކޮފީ ތަށި ނަގައިގެން އެތަނުން ނިކުމެގެން ދިޔަ އެވެ.
- ނުނިމޭ -
ކޮމެންޓް (1)
ޒާނާ