ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 11
ޖުމާނާ އައީ ރައްޔާންއަށް ވެސް ކޮފީ ހިފައިގެންނެވެ. ކަމެއް ނުވާ ކަމަށް ހެދިގެން ރައްޔާން ހަމަޖެހިލައިގެން އިނދެ އިރުއިރުކޮޅާ ކޯވަރެއް ބޯލަ އެވެ. އުމާމާއަށް ޖެހުނީ ވާތުން ތަށީގައި ހިފާށެވެ. މީހަކަށް ފާހަގަވެދާނެތީ އޭނަ އިނީ ބިރުންނެވެ. އޭނަ މިނިވަންކުރަން އުޅެއުޅެ ވެސް ރައްޔާން އަތުން ދުލެއް ނުކުރި އެވެ. އޭނަ އިނީ ލާނެތް ހިންޏެއް އައިސްފަ އެވެ.
ރައްޔާން އެއްބަސްކުރުވަން ފަސޭހަވިއެއް ކަމަކު އަމީރާ އާއި ސުލްތާންއަށް ޒޯޔާގެ ހިޔާލު ކަމަކުނުދިޔަ އެވެ. އަލަތު ދެމަފިރިން ހަނީމޫނަށް ނުފޮނުވާ އެމީހުންގެ ދަތުރެއްގައި އެންމެންނާ އެކު ގެންދިއުމާ ދެކޮޅުހެދި އެވެ. ޒޯޔާއަށް ވުރެ ބޮޑަށް އެ ވާހަކަ އިވިފައި ކަންބޮޑުވީ އުމާމާ އެވެ. އޭނަ ރައްޔާންއާ އެކު އެކަނި އެއްވެސް ތާކަށް ބޭނުމެއް ނޫނެވެ. އެހާ ފަސޭހައިން ޒޯޔާގެ ހިޔާލަށް ތާއީދުކުރީ ވެސް އެންމެން އެކީ ގޮސްގެން ކޮންމެވެސް ވަގުތުކޮޅަކަށް ވިއަސް ރައްޔާންގެ ކިބައިން ސަލާމަތްވާނެކަމުގެ އުންމީދުގަ އެވެ. އެކަމަކު މައިދައިތަގެ ނިންމުމާ އެކު އެ އުންމީދުތައް ވަޔަށް ބުރައިގެން ދިޔައީ އެވެ.
ކޮޓަރިއަށް އައިސް އެނދުގައި ބާރަކަށް އިށީނދެފައި އުމާމާއަށް ދެ އަތުން ނިތުގައި ހިފާލެވުނެވެ. އޭނަ ޒޯޔާއާ އެއްކޮޅަށް އަރަން އެހާވަރުން އުޅެފިއްޔާ ރައްޔާންއަށް ޝައްކުވެދާނެ އެވެ.
ފޯނު ރިންގް ވާން ފެށުމުން ބަލާލިއިރު ޒާރާ ގުޅަނީ އެވެ. އުމާމާގެ ހިތް ޝަކުވާ އިން ފުރުނެވެ. ޒާރާ އޭނަ މަތިން ހަނދާންވެއްޖެތާ އެވެ. ރޭ ވެސް އޭނަ ޒާރާ ހޯދަން ރައްޔާން ބޭރަށް ފޮނުވި އެވެ. އެކަމަކު އޭނައަށް ނިދުނުއިރު ވެސް ޒާރާ ދައްކައެއްނުލި އެވެ.
"ކިހިނެއްވީ؟" ފޯނު ނެގި ގޮތަށް ނުރުހުމުގެ ރާގެއްގައި އުމާމާ ފެށި އެވެ.
"އައްދެ. ހާދަ ރޫޑްކޮށް؟ މިހާރު އަހަރެން ގުޅައިގެން ވެސް ނުވޭތަ؟ މީހަކާ އިނދެވުނީމަ ދޯ؟" ޒާރާ ވާހަކަދެއްކިއިރު ކޮންމެވެސް ވަރަކަށް ހިނިއައިސްފައި އިންކަން އަޑުން އެނގުނެވެ.
"ރުޅިނައިއްޔާ ދެރައޭ. ރޭގަ ރައްޔާން ނުބުނޭތަ އަހަރެން ހޯދި ވާހަކައެއް؟ ކީއްވެ އަހަރެން ކައިރިއަށް ނައީ؟" އުމާމާ ސާފު ބަހުން އެހި އެވެ.
"ބުނި. އެކަމަކު ފުރުސަތު ލިބިގެން ދިޔައިރު އުމާމާ ނިދާފަ އޮތީ. އެހެންވެ އުނދަގޫކުރަން ނުކެރިގެން އައީ،" ޒާރާ އޮޅުންފިލުވައިދިނެވެ.
"ދެން ކީއްވެ އަހަންނަށް ނުގޮވީ؟ ޒާރާއަށް އަލަށްތަ ފެނުނީ އަހަރެން ނިދާފަ އޮއްވާ؟" އުމާމާ ހިތްހަމަނުޖެހިގެން އިން ތަނުން ތެދުވެގެން ގޮސް ދޮރު ހުޅުވާލައިފައި ބެލްކަންޏަށް ނިކުތެވެ.
ފަތިހުގެ ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށުމުން އޭނަ ތުރުތުރުލާ ގޮތްވި އެވެ. ދުރުން ފެންނަމުންދިޔަ އިމާރާތްތަކުގެ ފުރަގަހުން އުޑުމައްޗަށް މަޑު ފިޔާތޮށިކުލައެއް ފާއްދާލައިފައި ވި އެވެ. ތިރިއަށް އޮތް މަގުން ދުއްވާފައިދިޔަ އުޅަނދުތަކުގެ އަލިތައް ވެސް ބަބުޅަނީ އެވެ. ބެލްކަނީގައި އެކި ވަރުގެ ޕޮޓްތަކުގައި ފެހި ގަސްތައް ހައްދާފަ އެވެ. ރެއިލިންމަތީ ހިއްޕާލާފައިވާ ފެހިކަންގަދަ ވެލެއްގައި ފޮޅިފައިވާ ވައިލެޓް މާތަކަށް އުމާމާގެ ސަމާލުކަން ދިޔަ އެވެ.
ޒާރާ އުމާމާގެ ރުހުން ހޯދަންވެގެން ތަފްސީލާ އެކު ރޭގައި އުޅެންޖެހުނު ގޮތުގެ ވާހަކަ ކިޔައިދެމުންދިޔައިރު އުމާމާ އަޑުއަހަން ހުރެގެން މަލެއްގެ ފިޔަތަކުގައި ފިރުމާލި އެވެ.
"ދެން އަހަންނަށް މާފުކުރޭ. ތަންތަނަށް ފުރާއިރު ނުވާނެ ގާތް މީހުންނަށް ހިތްބުރަކޮށްގެން ދާކަށް. ކާކަށް އެނގެނީ މާދަން ވާނެ ގޮތެއް،" ޒާރާގެ ވާހަކަ ނިމުމަށް ފަހު އުމާމާގެ ޖަވާބެއް ނައުމުން މާފަށް އެދުނެވެ.
އެ ވާހަކައިން އުމާމާގެ ސަމާލުކަން ލިބުނެވެ. އޭނަ އަތް ތިރިކޮށްލާފައި ފޯނަށް ހުރިހާ ސަމާލުކަމެއް އަނބުރާލި އެވެ.
"ޒާރާއަށް އެނގޭތަ އަހަރެން ތަނަކަށް ފުރަން އުޅޭކަން ވެސް؟ އަޖައިބެއް ތީ؟" އުމާމާ ހައްތަހާ ބޮޑަށް ހިތްހަމަނުޖެހުނެވެ.
"މެރީކޮށްގެން އެންމެން ވެސް ހަނީމޫނަށެއްނު ދަނީ؟ އެހެންނޫނަސް ފެމެލީ އެންމެން އުމާމާގެ ޣައިރު ހާޒިރުގަ ރައްޔާންއަށް ހަދިޔާދިންއިރު އެތާ އަހަރެން ވެސް ހުރީމޭ،" ޒާރާ އޮޅުންފިލުވައިދިނެވެ.
"އަހަރެން ބޭނުމެއް ނޫން ރައްޔާންއާ އެކު އެއްވެސް ތާކަށް ދާކަށް. އަހަރެން ކިހިނެއް ހަދާނީ ޒާރާ؟ ކޮން ބަހަނާއެއް ދައްކާނީ؟" އުމާމާގެ ލޮލަށް ކަރުނަ ޖަމާވި އެވެ.
"އުމާމާ..." އެކުވެރިޔާގެ ވާހަކަ އަހާފައި ޒާރާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ.
އެކަމަކު އުމާމާ އެ އަޑު ނާހައި ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެކަކު ވެސް ނާންނާނެ އަހަންނަށް އެހީވާކަށް. އަހަރެންގެ ހާލު ބަލާކަށް. ބޭނުން ކަންތައް ވީމަ ބައްޕަ ވެސް އަހަރެން ކޮބައިތޯ ވެސް ބަލައިނުލާ. މަންމަ ދުނިޔޭގަ ހުރި ނަމަ..." އުމާމާގެ އަޑު ބެދުނެވެ.
ލޮލަށް ޖަމާވި ކަރުނަތައް އިސާހިތަކު އެ ދެ ލޯ ފުރިގެން ކޯތާފަތުން ތިރިއަށް ދަތުރު ފަށައިފި އެވެ.
"އުމާމާ ޕްލީޒް ހިތްވަރުކުރޭ. އަހަރެން ބުނާ އެއްޗެއް އަހަންޏާ ތިހާ ނެގެޓިވްކޮށް ނުވިސްނާ ރައްޔާންއަށް އެއް ފުރުސަތު ދީ،" ޒާރާ އެކުވެރިޔާއަށް ވިސްނައިދޭން މަސައްކަތްކުރި އެވެ.
އުމާމާ އެ ވާހަކައަށް ރައްދެއް ނުދެ އެވެ. ހިމޭނުން ދުރު ބަލަން ހުރީ އެވެ. އޭނަ ފޯނު ތިރިކޮށްލީ ފަހަތުން މީހެއްގެ ހިލަންވީހެން ހީވެގެންނެވެ. އެނބުރި ބަލައިލުމާ އެކު މެއަށް ފިނިގަނޑު ވަދެގެންދިޔަ އެވެ. އަވަސް އަވަހަށް ފޯނު ކަނޑާލައިފައި ތިރިއަށް އަތް އެލުވައިލި އެވެ.
"ކިހާ އިރެއް ވެއްޖެ މިތާ އައިސް ހުންނަތާ؟" އުމާމާ ޖެހިލުންވެފައި ސުވާލުކުރި އެވެ.
ރައްޔާންގެ ސީރިއަސް ކުލަވަރު ބަދަލުކޮށްލީ ތުންފަތަށް ވެރިކޮށްލި ހިނިތުންވުމަކުންނެވެ.
"ވަޓް؟ ސްޕައިކުރުމަކީ ގޯސް ކަމެއްކަން ނޭނގޭތަ؟" ރައްޔާންގެ ހިނިތުންވުން ދެކެފައި އިތުރަށް އުމާމާގެ ލޭ ކެކިގަތެވެ. ރައްޔާން ފެންނަ އިރަށް އޭނަ އެވާ ފޫއްސަކާއި އަންނަ ރުޅިއެކެވެ. އަމިއްލަ ބާރެއް ހުރި ނަމަ އެ ރީތި މޫނު ނޮޅާލީހެވެ. ރައްޔާންގެ ހިނިތުންވެފައިވާ މޫނަށް ނުބަލަންވެގެން އޭނަ އެނބުރުނީ އަނެއް ފަރާތަށެވެ.
"ސްޕައިކުރަން ގަސްތުކޮށްގެނެއް ނޫން މި ތަނަށް އައީ،" ރައްޔާން ޖަވާބުދިނެވެ.
އުމާމާއަށް އެ ޖަވާބުން ހިތްހަމަޖެހުމެއް ނުލިބުނެވެ. ރައްޔާންއަށް އޭނަ ދެއްކި ވާހަކައިން އަޑު އިވުނީ ކިހާ މިންވަރެއްކަމެއް އެނގުނީއެއް ނޫނެވެ. ނުވިތާކަށް އެތަނަށް އައީ ކޮންއިރަކު ކަމެއް ވެސް ނުބުނެ އެވެ. އައިސްހުރި ރުޅީގައި ދެ އަތް މުށްކަވާލައިފައި ރެއިލިންގައި ބޮނޑިއެއް އަޅާލިއިރު އެހާ ތަދުވެދާނެ ކަމަކަށް އޭނަ ހިއެއްނުކުރެ އެވެ.
އޭނައަށް ތަދުވެގެން "އައުޗް"އޭ ކިޔާލެވުނުތަނާ ރައްޔާން ކުއްލިއަކަށް އައިސް އެ ދެ އަތުގައި ބާރަށް ހިފާލައިފައި މަގަތަށް އަނބުރާލައިފި އެވެ.
"އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ ސްޕައިކުރުމަށް ވުރެ ވެސް ބޮޑު ގޯހެއް،" އުމާމާ ރައްޔާންގެ މޫނަށް ބަލައިލިއިރު ރައްޔާންގެ ނަޒަރު ހުރީ އުމާމާގެ ނާޒުކު ދެ އަތްތިލަ އަށެވެ.
"ތަދުވޭތަ؟" އޭނަ އެ ދެ އަތުގެ ކުޑަހުޅުން ދޫކޮށްލާފައި އިނގިލިތަކާ ހިސާބުން ހިފާލުމަށް ފަހު ދެ ފަރާތަށް އަނބުރައި ގެއްލުމެއް ލިބިފައިވޭތޯ ޗެކްކޮށްލި އެވެ.
އުމާމާ އަވަހަށް ދެ އަތް ދަމައިގެންފައި ގޮސް ކޮޓަރިއަށް ވަނެވެ. ރައްޔާން ފަހަތުން އާދޭތޯ ބެލުމެއްނެތި އޭނަ މިސްރާބުޖެހީ ކޮޓަރިން ވެސް ނިކުންނާށެވެ. ދޮރާ ހަމައަށް ނުދެވެނީސް ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކިދިނެވެ. އުމާމާ ހުޅުވާލިއިރު ކުރިމަތީ ހުރީ ޒޯޔާ އެވެ.
"ބިޒީ ގަޑިއެއްތަ؟" ޒޯޔާ ސުވާލުކުރިއިރު ބެލްކަނިން ވަން ރައްޔާންއަށް ނަޒަރެއްދިނެވެ.
"ނޫނޭ. ކިހިނެއްވީ؟ ކަމަކުތަ؟" އުމާމާ ސުވާލުކުރި އެވެ.
"ތެންކިއު..." ޒޯޔާ ދެ ފިކުރެއްގައި ހުރެލާފައި ކުއްލިއަކަށް އެތެރެއަށް ވަދެ އުމާމާގެ ގައިގައި ބައްދާލައިފި އެވެ.
"ތެންކިއު ބޯތު އޮފް ޔޫ..." ޒޯޔާ އުމާމާ ދޫކޮށްލާފައި ގޮސް ދެން ހިފައިލީ ރައްޔާންގެ މުލައްދަނޑީގަ އެވެ.
އުމާމާ އެނބުރުނު އިރު ރައްޔާން ހިނިއައިސްފައި ހުރެގެން ޒޯޔާގެ ކޮލުގައި ވިކާލަނީ އެވެ.
ވެގެން އުޅޭ ގޮތެއް ނޭނގިފައި އޭނަ ހުއްޓާ ޒޯޔާ އެ ދެ މީހުން އެތަނަށް އެކަނިކޮށްލާފައި ނިކުމެގެން ހިނގައްޖެ އެވެ.
"ކިހިނެއްވީ؟" އުމާމާ ސުވާލުކޮށްލީ ރައްޔާންއާ އެވެ.
ރައްޔާން އައިސް އުމާމާގެ ކޮނޑަށް އަތް ވައްޓާލައިފައި ކައިރިކޮށްލި އެވެ. އުމާމާ ތެޅިގެންފައި ދުރުވާނެކަން އެނގޭތީ އޭނަ ރަނގަޅަށް ކޮނޑާ ހަމައިން ހިފަހައްޓައިލި އެވެ. އުމާމާ އެއް ފަހަރު ރައްޔާންގެ އަތަށް ބަލާލައިފައި އަނެއް ފަހަރު އެ މޫނަށް ބަލައިލި އެވެ.
"ޔޯ ހަޒްބެންޑް ޖަސްޓް ކެންސަލްޑް ދަ ހަނީމޫން..." ރައްޔާން ޖަވާބުދީފައި އުމާމާ ދޫކޮށްލުމަށް ފަހު ނިކުމެގެން ދިޔަ އެވެ.
ވާނުވާ އެނގެން އުމާމާއަށް ސިކުންތުކޮޅެއް ނެގި އެވެ. ރައްޔާން އެދިގެން، ޒޯޔާ ބޭނުންވި ދަތުރު ކުރިއަށް ގެންދާ ގޮތަށް އެންމެންގެ ރުހުން ހޯދީ އެވެ. އެކަމަކު އަދި މާމޮޅުވާން ކެންސަލްކުރީއޭ އެ ބުނީ ކީއްކުރަން ހެއްޔެވެ؟ ކުރިން ވެސް ހަނީމޫން ކެންސަލް ކުރާ ވާހަކައެއް ނުދައްކަ އެވެ. ކީ އެ ދަތުރުގެ ފަހަށް ބަދަލުކުރާ ވާހަކަ އެވެ. ދެން ވެސް ހަދާނީ އެހެންނެވެ. މިފަހަރު ދާން ނުޖެހުނީއްޔާ އެ ދަތުރު ނިންމާފައި އޭނައަށް ދާން މަޖުބޫރުވާނެ އެވެ. ރައްޔާން ހީކުރީ އޭނައަކީ މޮޔައެއް ކަމަށް ހެއްޔެވެ؟
"ހަޒްބެންޑް،" އުމާމާ އަނގައަށް ގޮތެއް ހަދައިލި އެވެ.
***
ޖުމާނާ ރަށަށް އަންނަކަން ސައިފްއަށް އެނގުނީ ކުޑަކުޑަ އަލްޔާގެ ކިބައިންނެވެ. އަލްޔާ ސުކޫލުން އައި ގޮތަށް ބިލާލް އަންނަނީއޭ ކިޔައިފި އެވެ. ސައިފް ސުވާލުކުރުމުން އަލްޔާ ކިޔައިދިނީ ކުލާހުގެ އެހެން ކުއްޖެއްގެ ފުށުން އެ ވާހަކަ އެނގުނު ގޮތެވެ. ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިފައިނުވާ ނަމަ ކުޑަކުދިން ހަދައިގެން ވާހަކަނުދައްކާނެކަން ސައިފްއަށް ވިސްނުނެވެ. ހެނދުނުއްސުރެ އޭނަ އިންތިޒާރު އެ ކުރަނީ ޖުމާނާ އާއި ބިލާލް އަށެވެ. ދެ ފަހަރަކު ފޯނަށް ވެސް ގުޅިއްޖެ އެވެ. އެކަމަކު ޖުމާނާގެ ފޯނު އޮންނަނީ ނިއްވާލައިފަ އެވެ.
ހުސްވަގުތު ލިބުމުން ގެއަށް އައިސް ކުޑަ ގޮތެއް ހަދާލައިގެން އޭނަ ދިޔައީ ބަނދަރުމައްޗަށެވެ. ސައިކަލުގައި އެ ދިމާއަށް ކައިރިވީއިރު ލޯންޗެއް އައިސް ވަންނާތީ ފެނުނެވެ. މެންދުރުގެ އެންމެ އަވިގަދަ ގަޑިކަމުން ސައިފް މަޑުކޮށްލީ އެތާހުރި ގަހެއްގެ ހިޔާ ދަށުގަ އެވެ.
އެތާހުރި ޖޯލިފައްޗެއްގައި އެ ވަގުތު ވެސް ދެ ޒުވާނަކު ފޯނުގެ ސްކްރީނަށް ގެއްލިފައި ތިއްބެވެ.
ސައިފް ބަލަން އިންދާ ފުރަތަމަ ފޭބީ އޭނަ ނުދަންނަ ބައެކެވެ. އެއީ ކޮން ބައެއްކަން އެނގޭކަށް ގިނަ އިރެއް ނުނެގި އެވެ. ޖުމާނާ ފޭބިތަން ދެކެފައި އެތާ ތިބި އިތުރު މީހުންނަކީ ކޮބައިކަން ލަފާކޮށްލެވުނެވެ. އެހެން އެކަކު ނޭނގުނަސް ޒުބައިރު އެނގުނެވެ. ސައިފްގެ ހިތް ތެޅިގަތެވެ.
ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ނަގައި ބަލައިލިއިރު ފިހާރައިގައި މިއަދު އޭނައާ އެކު މަސައްކަތްކުރާ ބައިވެރިޔާ އެވެ. ވާޓަރުމަތީ ތިބި މީހުންނަށް ބަލަމުން އޭނަ ފޯނު ނެގި އެވެ. ސައިފްގެ ސަމާލުކަން އަތުލީ ލޯންޗުން އެންމެފަހުން ފޭބި އަންހެނަކާއި ފިރިހެނެއްގެ ތެރެއިން އަންހެންކުއްޖާ އަށެވެ.
ލޮލުގައި އިން އަވިއައިނު ބޮލާ ދިމާ މައްޗަށް އުފުލާލައިފައި ރަނގަޅަށް ބަލައިލެވުނީ ލޮލަށް ފެނުނު މަންޒަރު އިތުރަށް ޔަގީންކުރުމުގެ ގޮތުންނެވެ.
"އުމާމާ..." ސައިފްގެ ހިތުން އަޑު އަ އެވެ.
އެވަގުތު އެކޮޅުން ހަސަން ދެއްކި ވާހަކައާ އެކު ސަމާލުކަން އަނެއްކާވެސް ފޯނަށް އެނބުރުނެވެ. އޭނަ މިދަނީއޭ ކިޔާފައި އަވަހަށް ދާންވެގެން ސައިކަލު އަނބުރައިލި އެވެ. ދުއްވާލުމުގެ ކުރިން އަދި އެއް ފަހަރު ބަލައިލި އެވެ.
އެއީ ވަހުމެއް ނޫނެވެ. ޖުމާނާއާ އެކު ރަށަށް އައި މީހުންގެ ތެރޭގައި އެ އައީ އުމާމާ އެވެ.
***
ސައިކަލެއް ދުއްވައިލި އަޑަށް ޖުމާނާއަށް އެ ދިމާއަށް ބަލައިލެވުނެވެ. ދުރުވަމުންދިޔަ ސައިކަލުމަތީ އިނީ ސައިފްކަން އޭނައަށް އެނގުނެވެ. އިރުކޮޅަކު އެ ދިމާއަށް ބަލަން ހުރެލައިފައި އޭނަ ފޯނު ނަގައި ކުރިން ހަމަޖެއްސި ޕިކަޕް ކޮބައިތޯ ބަލަންވެގެން ގުޅާލި އެވެ. އެއީ ސައިފް މަސައްކަތްކުރާ ތަނުގައި ދުއްވަން ގެންގުޅޭ ޕިކަޕެކެވެ. ސައިފް އެތަނުގައި ހުރެފައި އެ ދިޔައީ ފިހާރައިގައި މީހަކު ނެތިގެން އެ ދުއްވާ ކުއްޖާއަށް ނާދެވިގެން ކަންނޭނގެއޭ ހިތަށް އެރި އެވެ.
އޭނައަށް ހީވީ ރަނގަޅަށެވެ. ކުޑައިރުކޮޅެއް ފަހުން ހަސަން ޕިކަޕްގައި އައިސް ވާޓަރު ކައިރިއަށް މަޑުކޮށްލި އެވެ.
"ސައިފްގެ ބްރޭކް ގަޑިއާ ދިމާވެގެން ތަންކޮޅެއް ލަސްވީ އިނގޭ. އޭނަ ނުވެސް ނިމެނީސް ގުޅައިގެން ގެންގޮސް ފިހާރައިގައި ބަހައްޓާފަ މި އައީ،" ހަސަން ފައިބައިގެން އައިސް ފޮށިތައް ނަގައި ޕިކަޕަށް އަރުވަން ތައްޔާރުވަމުން ޖުމާނާއާ ވާހަކަދެއްކި އެވެ.
"ލަހެއްނުވޭ. ހަމަ ދެންމެ މި އައީ،" ޖުމާނާ ލުއި ހިނިތުންވުމަކާ އެކު ރައްދު ދިނެވެ.
ޒޯޔާ ފޯނު ނަގައިގެން ހުރީ މަންމައަށް ވީޑިއޯ ކޯލް ކޮށްގެންނެވެ. އައްމާރު އާއި ޒުބައިރު ދާން އެނގޭތޯ ބަލާނަމޭ ކިޔާފައި ހިނގައިގެންފި އެވެ. ދެން ތިބި މީހުން ވެސް ހިނގައިގަތީ އެމީހުންގެ ފަހަތުންނެވެ. އެކަކު ވެސް ޕިކަޕަށް އަރާކަށް ނޫޅުނެވެ. ރަށުތެރެ ފެންނާނީ އެއިރުންނޭ ކިޔައިފި އެވެ.
ބިލާލް ދުވާވަރުން ޖުމާނާ އުޅެނީ އެ ކުއްޖާގެ އަތުގައި ހިފައިގެންނެވެ. އެވަރުން ވެސް ބިލާލް މާ ގަދަ އެވެ. ހަމަ ހީވަނީ ޖުމާނާ އަތުން ވީއްލިގެން ދުއްވައިގެންފާނެ ހެންނެވެ. ރައްޔާންއަށް އެތަން ފެނިގެން ބިލާލް އުފުލާލައިފައި ކޮނޑުގައި ބެއިންދި އެވެ. މައްޗަށް އެރުމުން ބިލާލް ގާތަށް ހިނި އަ އެވެ. ރައްޔާން އަދި އެ ކުއްޖާ ރުއްސަންވެގެން ގަސްގަހުގެ އޮފިގަނޑުގަނޑާ ކައިރިކޮށްލާފައި ބިލާލް ފަތް އެއްޗެހި ބިނދެލަން ފުރުސަތުދެ އެވެ. ބިލާލް ހީގެންފައި ފަހަރަކު އެއްޗެއް ބިނދެލާފައި އެއްލައިލަ އެވެ. އަވި އައިނުގެ ނިވަލުގައި ހުރެގެން އުމާމާ އެ މަންޒަރު ބެލި އެވެ. އެކަމަކު ގެއާ ހަމައަށް ދެވެންދެން ވެސް އޭނަ ހުރީ އަނގައިން ނުބުނެ އެވެ.
ޒޯޔާގެ ވާހަކަ ގިނަކަމުން އޭނަގެ ހިމޭންކަން އެކަކުގެ ވެސް ސަމާލުކަމަކަށް ނާދެ އެވެ. ޒޯޔާގެ ވާހަކަ ގުޅިފައި ހުރީ އެންމެފަހުން އޭނަ އެ ރަށަށް އައި ދަތުރާ އެވެ.
އެންމެނަށް ވުރެ ކުރީގައި ގޮސް ޒުބައިރު އާއި އައްމާރު މަޑުކުރީ ޖުމާނާ ދިރިއުޅޭ ގެ ކައިރީ ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގަ އެވެ.
"އޭ ކޮބާ ޕިކަޕް؟ ޕިކަޕް މިތާކަށް ނޫންތަ އެ އައީ؟" ޖުމާނާމެން އައިސް ކައިރިވުމާ އެކު ޒުބައިރު ވާހަކަދެއްކި އެވެ.
"މި ގެއަކު އެންމެންނަކަށް ނުތިބެވޭނެ. އެހެންވެ އެހެން ތަނެއް ހަމަޖައްސާފަ ހުންނާނީ. އެތަނަށް ޕިކަޕް އެ ދިޔައީ. ހިނގާ އެތަނަށް ދާން،" ޖުމާނާ ދުރަށް އިޝާރާތްކޮށްލާފައި ކިޔައިދިނެވެ.
ޖޯލީގައި ތިބި މީހުން ތެދުވެ މިފަހަރު ހިނގައިގަތީ ޖުމާނާމެންގެ ފަހަތުންނެވެ. އެމީހުންނަށް ދެވުނު އިރު މަގުމަތީ އުޅެނީ މީހުން އެއްވެގެންނެވެ. ވެގެން އުޅޭ ގޮތެއް ބަލަން އެންމެން ވެސް އަވަސްވެގަތެވެ. ޕިކަޕް އައިސް މަޑުކޮށްލި ގަޑީ ޖެހިގެން ހުރި ގެއިން ދުވެފައި ނިކުތް ކުޑަކުއްޖަކު ގައިގައި ޖެހުނީ އެވެ. އެކަމަކު އޭރު އެ ކުއްޖަކު ސިއްހީ މަރުކަޒަށް ގެންގޮސްފި އެވެ. ލިބިފައި ހުރި އަނިޔާގެ ތަފްސީލެއް އެކަކަށް ވެސް ނޭނގެ އެވެ.
ވީގޮތް އެނގުމާ އެކު ޖުމާނާގެ މެއަށް ފިނިވެގެން އަ އެވެ. މީހުންތައް ތެރެއަށް ވަދެ އޭނައަށް އިވުނީ ރަނގަޅު ވާހަކައެއްތޯ އޮޅުންފިލުވި އެވެ. ޕިކަޕްގައި ޖެހުނު ކުއްޖަކީ ޖެހިގެން ހުރި ގެއިން ނިކުތް ކުއްޖެއް ނަމަ އެއީ ސައިފްގެ ކޮއްކޮމެންގެ ތެރެއިން ކޮންމެވެސް ކުއްޖެކެވެ. އަދި އެއީ ސައިފް އެ ކުދިން ގޭގައި ބައިތިއްބާފައި ގޮސް ފިހާރައިގައި މަސައްކަތްކުރަން އުޅޭ ދުވަހެކެވެ.
އޭނަގެ ޝައްކު ޔަގީނަށް ބަދަލުވުމާ އެކު ދެފައިކޮޅުން ވާގި ހުސްވިހެން ހީވި އެވެ.
- ނުނިމޭ -
ކޮމެންޓް (2)
ޒާނާ
ޒާނާ