ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

24 ޑިސެމްބަރު 2023
1

އެޕިސޯޑް 10

އޭނަ މަޑުމަޑުން އެނދުމަތީ އަތް ހިންގާލައިފައި ގެންގޮސް އުމާމާގެ ކޯތާފަތުގައި އިނގިލިތައް ބީއްސާލި އެވެ

"މައިން،ރައްޔާންގެ ހިތުން އަޑު އަ އެވެ.

***

ލޯ ހުޅުވައިލެވުމާ އެކު އުމާމާއަށް ފެނުނީ އެނދުގެ އަނެއް ފަޅީގައި ދިގުދިގަށް އޮށޯވެލައިގެން ނިދާފައި އޮތް ރައްޔާން އެވެ. ސިއްސައިގެން ދިއުމާ އެކު އޭނައަށް ފުންމައިގެން ތެދުވެ އިށީނދެވުނެވެ. ރައްޔާން އޭނަގެ ކޮޓަރީގައި ކުރަނީ ކީއްހެއްޔެވެ؟ 

ނިދިފައި ހޭލެވުމުން ހަނދާންވާން ސިކުންތުކޮޅެއް ނެގި އެވެ. އެ ހިސާބުން އޭނަ އަދި މާ ކަންބޮޑުވެއްޖެ އެވެ. ރައްޔާންއަކީ މިހާރު އޭނަގެ ފިރިމީހާ އެވެ. އުމާމާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރެވުމުގެ ކުރިން އެ ދެ ތުންފަތް ފޫދުއްވާލައިފައި ރުއިމުގެ އަޑު ނިކުމެއްޖެ އެވެ.

ރައްޔާންއަށް ހޭލެވުނީ އެ އަޑަށެވެ. އޭނަ ލޯ ހުޅުވާލިތަން ފެނުމާ އެކު އުމާމާ އަވަހަށް އަނގަމަތީ އަތް އަޅައި ބާރުކޮށްލައިފައި އެނދުން ފައިބައިގެން ފާހާނާއާ ދިމާއަށް ދުއްވައިގެންފި އެވެ.

"އުމާމާ...!" ދޮރު ލެއްޕުމުގެ ކުރިން ރައްޔާން ގޮވާލި އަޑު އަ އެވެ.

އުމާމާ ބެލީ އަވަހަށް އެތެރެއިން ތަޅުލެވޭތޯ އެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެލާފައި ގޮސް ފާހާނާ ސީޓުމަތީ އިށީނެވެ. ކަކޫމަތީ އުޅަބޮށި ވިއްދާލުމަށް ފަހު ދެ އަތްތިލަތެރޭ މޫނު ފޮރުވައިގެން އެހެން އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. ހިމޭންކަމާ އެކު ކަރުނަ އޮއްސަމުންދިޔައިރު ދެން ވާނެ ގޮތަކާ މެދު ހިޔާލު ކުރެވިފައި އެ މޭގަނޑު ރޫރޫ އަޅަމުންދިޔަ އެވެ

"އުމާމާ... ޔޫ އޯކޭ؟" ދޮރުފަތުގައި ޓަކި ޖަހާލައިފައި ރައްޔާން ބޭރުން ވާހަކަދެއްކި އެވެ.

ސިހިފައި އުމާމާ ދޮރާ ދިމާއަށް ބަލައިލި އެވެ. ދެން ކުއްލިއަކަށް ތެދުވެއްޖެ އެވެ. ހާސްވެގެން ދެކޮޅަށް ދެކޮޅަށް ހިނގަން ފެށުނެވެ. ރައްޔާން އަނެއްކާވެސް ދެ ފަހަރަކު ޓަކި ޖަހާލުމުން ގޮތް ހުސްވި އެވެ. އެ ދޮރު ނުހުޅުވާ ވެސް އޭނަ ހުންނާނީ ކިހާ އިރަކު ހެއްޔެވެ؟ 

ވިސްނާލައިފައި އޭނަ ބުރުގާ ބޭލުމަށް ފަހު މޫނު ދޮންނަ ތަށި ކައިރިއަށް ގޮސް މޫނަށް ފެން ޖަހައިލި އެވެ. ދެން އަނެއްކާވެސް ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވި އެވެ. ރައްޔާން އެ ވަގުތު އޭނައަށް ބަލައިލީ އޭނައާ ދޭތެރޭ އަޅައިލާ މީހަކު ބަލާ ފަދަ ނަޒަރަކުންނެވެ. ބުމަ ކައިރިކޮށްލެވިފައިވާ ގޮތުން އޭނައާ ދޭތެރޭ ކަންބޮޑުވެފައިވާ ކަހަލަ އެވެ. އެކަމަކު އޭނަ އެ ކުލަވަރަކަށް ނުހެއްލޭނެ އެވެ.

"ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟" ރައްޔާން ހުރިތާ ހުރެގެން ސުވާލުކުރި އެވެ.

އުމާމާ މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލައިފައި ރައްޔާން ފަސްދީ ގޮސް އެނދުގެ ފައިލާކޮޅަށް ހުއްޓުނެވެ

ރައްޔާން އޭނަގެ ފަހަތުން ގޮސް އެނދުގައި އިށީނދެލީ އޭނައަށް ކުރިމަތިލައިގެންނެވެ. އުމާމާ އިސްޖަހައިލި އެވެ.

"ކަމަކާ ދެރަވެފަތަ؟...ނޫނީ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟" ރައްޔާން އަދިވެސް ސުވާލުކުރަނީ އެވެ.

އުމާމާ މިފަހަރު ޖަވާބެއް ނުދިނެވެ. އެ ހުރި ގޮތަށް ބުދެއްހެން ހުރީ އެވެ. އޭނަގެ ސިކުނޑީގައި އެތައް ހިޔާލުތަކެއްވި އެވެ. ބިން ފަޅާފައި އެތަނުން އަޑިއަށް ދެވޭނެ ނަމަ އެކަން ވެސް އޭނަ ކުރީހެވެ. ރައްޔާންގެ ސުވާލުތަކަށް ދޭން އޮތް ޖަވާބަކީ އޭނައަށް ދޭން ކެރޭނެ ޖަވާބުތަކެއް ނޫނެވެ. ކައިވެންޏަށް ފަހު ރައްޔާން އޭނައާ ދޭތެރޭ ކަންތައް ކުރަން ގަސްތުކޮށްފައިވާ ގޮތް މިހާރުއްސުރެ ބުނެދިނިއްޔާ ކިހާ ރަނގަޅު ހެއްޔެވެ؟ މާ ރަނގަޅު މީހަކަށް ހެދިގެން އެ ވާހަކަދައްކަނީ ކީއްވެ ހެއްޔެވެ؟ ކައިވެނީގެ އާކޮޅު އެހެން ގޮތް ދައްކާފައި ދުވަސްކޮޅެއް ވާއިރަށް އަސްލު ކުލަ ދައްކައިލާނެ އެވެ. އަނިޔާ ވެސް ކުރާނެ އެވެ

"މިތާ އިށީނދެބަލަ!" ރައްޔާން އުމާމާގެ އަތުގައި ހިފާލައިފައި އެދުނެވެ.

އުމާމާއަށް ހީވީ އޭނަގެ އަތުގައި ކަރަންޓް ޖެހުނު ހެންނެވެ. ސިއްސައިގެން ގޮސް އަތް ފޮޅުވާލަން މަސައްކަތް ކުރެވުނެވެ. އެ ވަގުތު ރައްޔާން އެއަށް ވުރެ އޭނަގެ އަތަށް ބާރުކޮށްލި އެވެ. ޖެހިލުންވެފައި އުމާމާއަށް ރައްޔާންގެ މޫނަށް ބަލައިލެވުނެވެ

"ޕްލީޒް!" ރައްޔާން އާދޭހާ އެކު ބުނެލި އެވެ.

އުމާމާ ބޯޖަހާލައިފައި އިށީނދެލުމާ އެކު ރައްޔާން އޭނަގެ އަތުން ދޫކޮށްލާފައި އެ ދެމެދުގައި އޮތް ހުސް ތަނުގައި ބާއްވާލި އެވެ.

އިރުކޮޅެއް ވަންދެން ދެ މީހުން ވެސް ތިބީ ހިމޭނުންނެވެ. ރައްޔާން އުމާމާއަށް ބަލަމުންދިޔައިރު އުމާމާ އިނީ ދުރު ބަލަހައްޓައިގެންނެވެ. ރައްޔާންގެ ނަޒަރު އޭނައަށް ހުރިކަން އުމާމާއަށް އިހްސާސްވި އެވެ. އޭނަގެ ހިތް ވީ އަވަސްވެފަ އެވެ.

"ކައިވެންޏާ ދޭތެރޭ އުމާމާ ހިތްހަމަޖެހޭތަ؟" ރައްޔާން ވިސްނާލައިފައި އެހި އެވެ

އުމާމާ ސިހުނެވެ. ވަގުތުން ނޭވާ ހިފަހައްޓައިލެވުނެވެ. އެކަމަކު ރައްޔާންގެ މޫނަށް ބަލައިލަން އުޅެފައި ވެސް އޭނަ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރި އެވެ. އޭނަ ބަލާލައިފި ނަމަ ރައްޔާންއަށް އޭނަގެ ޖަވާބު އިނގޭނެ އެވެ.

"ތީ ކޮންކަހަލަ ސުވާލެއް؟" ހިތްވަރުކޮށްފައި އުމާމާ ބެލީ ޖަވާބުނުދީ ވޭތޯ އެވެ. އެހެންވެ އޭނަ ވެސް ކޮށްލީ ސުވާލެކެވެ.

"ކުރިއްސުރެ ފެމެލީގަ ހަމަޖެހިފަ އޮތް ނިންމުމެއްވީމަ. ޕްލަސް އުމާމާއަކީ އަންހެންކުއްޖެއް. އުމާމާގެ ބައްޕަގެ މިޒާޖު ވެސް ކޮންމެވެސް ވަރަކަށް އެނގޭ،" ރައްޔާން މަޑުމައިތިރިކަމާ އެކު ވާހަކަދެއްކި އެވެ.

"ހުރިހާ ކަމެއް ނިމުނީމަ މިހާރު ތިހެން ތިއަހަނީ އަހަންނަށް ޖެއްސުމަށްތަ؟ އަހަރެން ނުރުހެމޭ ބުނިއްޔާ ވަރިކުރާނީތަ؟" އުމާމާ ގާތަށް އައި ރުޅީގައި ހިފެހެއްޓުމެއްނެތި ސުވާލުތައް ބޭރުކޮށްލެވުނެވެ.

އެކަމަކު ހަމަ އަނގައިން ނިކުތްހާ އަވަހަށް އެކަމާ ހިތާމަ ކުރެވުނެވެ. އަނގަމަތީ އަތް އަޅާލައިފައި ބިރުން ކޮޅަށް ތެދުވެވިއްޖެ އެވެ. އޭނަ އެ ހުރިހާ ވާހަކައެއް އެ ދައްކަނީ އިނދެގެން ސައުވީސް ގަޑިއިރު ވެސް ނުވާ ފިރިމީހާއާ ދިމާއަށެވެ. ރައްޔާން ކޮންމެ ފަދަ ފިޔަވަޅެއް އެޅިއަސް އޭގެ ޒިންމާދާރަކަށް ދެން ވާނީ ޚުދު އަމިއްލަ ނަފްސެވެ.

"މާފުކުރާށޭ ބުނަން އޮތީ. އުމާމާ ބޭނުންވިއަސް ދެން ދޫކޮށެއް ނުލެވޭނެ،" ރައްޔާންގެ އަޑު އަ އެވެ.

އުމާމާގެ ލޮލަށް ކަރުނަ ޖަމާވި އެވެ. ރުޅިންނާއި ހިތާމައިންނެވެ. އެ ވާހަކަތަކަކީ ހަމަ ގަސްތުގައި ރައްޔާން އޭނައަށް ކުރާ ޖެއްސުމެކެވެ. ބާރު އޮތްކަން އޭނައަށް އަންގައިލީ އެވެ. އެއް ޖަލުން ނިކުމެގެން އައިސް އޭނައަށް މި ވަދެވުނީ އަނެއް ޖަލަށެވެ

އިތުރު އެއްޗެއް ނުބުނެ ރައްޔާން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ގެއްލުނެވެ. އުމާމާއަށް އަނެއްކާވެސް ކުރިން އިން ތަނުގައި އިށީނދެލެވުނެވެ. ލޮލުން އައި ކަރުނަތައް ފުހެލާފައި އޭނަ ނޭފަތް ދަމައިލި އެވެ. އިރުކޮޅެއް ވަންދެން އެހެން އިނދެފައި ގޮސް ކުރިން ނިދަން އޮތް ތަނުގައި އޮށޯވެލި އެވެ. ސައިޑު ޓޭބަލްމަތީ ބަހައްޓާފައި ހުރި ސޯނާ ގަޑި ފެނުނީ ދެނެވެ. ފަތިހު ފަހެއް ޖަހަން ކައިރިވެފައި ހުއްޓާ ފެނުމުން ސިހުމެއް ލިބުނެވެ. އޭނައަށް އެ ހޭލެވުނީ ހާދަ އިރަކު ރައްޔާންގެ އެނދުގައި ނިދާފަ އެވެ

ފަތިސް ނަމާދަށް ބަންގި ގޮވަން ފެށީ ރައްޔާން ވުލޫކޮށްގެން ފާހާނާ އިން ނިކުތްތަނާ އެވެ. އުމާމާ ތެދުވެ އިށީނެވެ

"އެބަ އަންނަން މިސްކިތަށް ގޮސްފަ،" ރައްޔާން ދޮރާ ދިމާއަށް ދަމުން ބުނެލި އެވެ.

އުމާމާ މަޑުކުރީ ރައްޔާން ނިކުންނަން ދެނެވެ. ދޮރު ލައްޕާލުމާ އެކު ބުރުގާ ބާލާފައި ބޭއްވުމަށް ފަހު އަނެއްކާވެސް ގޮސް ފާހާނާއަށް ވަދެއްޖެ އެވެ.

އޭނަ ނަމާދުކުރަން ވެގެން ލީ ޓީޝާޓް ފޮތީގެ ހުރަސް ރޮނގުދެމި ހުދާއި ކަޅުގެ ދޫ ހެދުމެކެވެ. ކަކުލާ ހަމައަށް ދިގުމިން ހުރިއިރު ތިރިން ފުޅާ މުށި ހަރުވާޅެއް ލައިފަ އެވެ. ބަދަލުކުރި އިރު ކައިވެނީގެ ހެދުމާއި ބުރުގާ ކޮނޑެއްގައި އަޅުވާފައި އަލަމާރިތެރޭގައި އެޅުވި އެވެ. އެ ނޫނީ އެހެން ހުރިހާ އެއްޗެއް އަދިވެސް ހުރީ ފޮށީގަ އެވެ. ނަމާދުކޮށްލައިގެން ދެ ފިކުރެއްގައި ހުރެފައި އިތުރު ބުރުގާއެއް އެޅުމަށް ފަހު ކޮޓަރިން ނިކުތީ ކޮފީ ތަށްޓެއް ނޫނީ ސައިތަށްޓެއް ބޯލުމުގެ ނިޔަތުގަ އެވެ. ރޭ ނުކައި ނިދުމުން ބަނޑުން އަޑު ވެސް ކިޔަ އެވެ.

ސިޑީގެ މަތީ ހަރުފަތާ ހިސާބުގައި ހުއްޓާ ބަދިގެއާ ދިމާއިން ބަޔަކު ވާހަކަދައްކާ އަޑު އަ އެވެ. އުމާމާ ފަހަރަކު ހަރުފަތެއް ގިރާކޮށްފައި ގޮސް ތިރިއަށް ފޭބި އެވެ. އޭނަ ބަދިގެއަށް ބޯދިއްކޮށްލިއިރު ޒޯޔާ އާއި އެމީހުންގެ ދެބެންގެދެދަރި ޖުމާނާ މޭޒުދޮށުގައި ތިބީ ޖުމާނާގެ ދަރިފުޅު ވެސް ގޮވައިގެންނެވެ. ރޭގައި އެންމެން ތެރޭ އޭނަ އުޅުނު ގޮތް ހަނދާންވެފައި އެމީހުން ކުރިމައްޗަށް ދާން އުމާމާ ފަސްޖެހުނެވެ. އެކަމަކު އޭނަ ދާން އެނބުރުނުއިރަށް ޒޯޔާއަށް ފެނިއްޖެ އެވެ.

"އުމާމާ އަވަހަށް އާދޭ!" ޒޯޔާއަށް އުމާމާ ފެނުމާ އެކު އުފަލާ އެކު މަރުހަބާ ކި އެވެ.

ޖުމާނާ ވެސް ގާތް އެކުވެރިއެއް ފަދައިން ހިނިތުންވެލި އެވެ. ދެ އަންހެންކުދިން ނިގާބު ފަހަތަށް އެއްލައިގެން ތިބީ ނިކަން ހަމަޖެހިފަ އެވެ. ޒޯޔާ އިސްވެ ކޮފީ ހަދައިދޭން ބުނުމުން އުމާމާ ބޯ ޖަހާލައިފައި އިށީނެވެ. އޭނަ ޖުމާނާ އާއި ބިލާލްއަށް ރަނގަޅަށް ބަލައިލި އެވެ

ހިތް ބަށްޓަމަށް ހުރި ޖުމާނާގެ މޫނާއި ރީތި މުށި ލޮލަށް ހިތާއި ހިތުން ތައުރީފްކޮށްލެވުނެވެ. އޮމާން މޫނާއި ރީތި ތުންފަތެކެވެ. ބިލާލް ބުނި އެއްޗަކަށް ހިނިތުންވެލިއިރު ކޮލުން އަޑިކޮޅެއް ފައުޅުވި އެވެ. އޭނައަށް އަޑު އިވިފައިވާ ގޮތުންވިއްޔާ ޖުމާނާއަކީ އެ އާއިލާގެ އެންމެ ދޮށީ ފިރިހެންކުއްޖާއާ އެއް އުމުރެއްގެ ޒުވާނެކެވެ. އެކަމަކު ފެންނަ ފެނުމަށް ޖުމާނާ ހީވަނީ އެއަށް ވުރެ މާ ޅަ ކުއްޖެއްހެންނެވެ. ޒޯޔާއަށް ވުރެ ހީވަނީ ދޮށީ ވާނީ އަހަރެއް ނޫނީ ދެ އަހަރެއް ހެންނެވެ. އަދި ޒޯޔާއަކީ ސަތާރަ އަހަރުގެ ޅަ ކުއްޖެކެވެ.

"ތެންކިއު،" ޒޯޔާ ކޮފީތަށި ގެނެސް ކުރިމަތީ ބެހެއްޓުމުން އުމާމާ ޝުކުރު އަދާކުރި އެވެ.

ޒޯޔާ ދައްކަމުން ދިޔައީ ޖުމާނާ ރަށަށް ދާއިރު އެކީގައި ދާން ބޭނުންވާތީ އެ ވާހަކަ އެވެ. ޒޯޔާ ތަންކޮޅެއް ކުޑައިރު ދިޔަ ފަހުން އެއް ފަހަރު ވެސް އެ ރަށަށް ނުދާކަން ހާމަކުރި އެވެ. އުމާމާ ބައިވެރި ކުރަންވެގެން، ޖުމާނާގެ ރަށަށް ދިޔައިންތޯ އަހައިލުމުން ނޫނެކޭ ބުނުމުގެ ގޮތުން ދެ ފަރާތަށް ބޯ ހޫރާލި އެވެ.

"އެހެންވިއްޔާ އުމާމާ ވެސް ދާން ހިނގާ ރައްޔާންބެ ކައިރީ ބުނެގެންވަރަށް ރީތި ރަށެއް އެއީ،" ޒޯޔާ އުފަލާ އެކު ހުށައެޅި އެވެ.

"މިހާރު ކޮންތާކަށް ދާން ރާވަނީ؟" ރައްޔާންގެ އަޑު އައީ ދޮރާ ދިމާއިންނެވެ.

އުމާމާގެ މެއަށް ފިނިވެލި އެވެ.

"ޖުމާ ދާއިރު ހިނގާބަ އެ ރަށަށް ދާން އެންމެން. ކިހާ ދުވަހެއް މިހާރު އެ ރަށަށް ނުދާތާ!" ޒޯޔާ ތެދުވެގެން ގޮސް ދޮރުން ވަން ރައްޔާންގެ މުލައްދަނޑީގައި ހިފާލައިފައި ކުޑަކުއްޖަކުހެން އާދޭސްކުރި އެވެ

ރައްޔާންގެ ފަހަތުން އައްމާރު އާއި ޒުބައިރު ވެސް ވަނެވެ. ޖުމާނާ އަވަހަށް ނިގާބު މޫނަށް ވައްޓައިލިތަން އުމާމާއަށް ފެނުނެވެ

"ދޮންބެ ދިން ޓިކެޓަށް ދެން ކިހިނެއް ހަދަންވީ؟" ރައްޔާން ވާހަކަދައްކަމުން އުމާމާއަށް ބަލައިލި އެވެ

ކައިވެނީގެ ހަފްލާއަށް ފަހު ޒުބައިރު ހަދިޔާއަކަށް ދިނީ ހަނީމޫނު ދަތުރެކެވެ. އުމާމާ ކޮޓަރިއަށް ދިއުމުން ގާތް މީހުން ދިން ހަދިޔާތައް އޭނައަށް ނުވެސް އެނގޭނެ އެވެ. ރައްޔާން ހުރީ އެ ވާހަކަ ދައްކަން ގަސްތުކޮށްގެންނެވެ

"ދެން ރައްޔާންބެ އަބަދު ތީ ޓްރެވަލް ކުރާ މީހެއް. ފޮރިން ކަންޓްރީތަކަށް އަބަދު ދެވޭނެ. ރަށްރަށަށެއްނު މިހާރު އެންމެ ނުދެވެނީ. ދެން ޖުމާގެ ރަށުން އައިއްސަ އަނެއްކާ ދެވިދާނެއެއްނު ބޭރަށް ވެސް. އަހަންނަށް ޔަގީން އުމާމާ ވެސް މާ ދާހިތްވާނެ ޖުމާގެ ރަށަށް. ދޯ އުމާމާ؟" ޒޯޔާ އެންމެފަހުން ދޯދިނީ އުމާމާ އަށެވެ.

އެކި މީހުން އެކި ގޮނޑީގައި އިށީންއިރު ރައްޔާން ގޮސް އިށީނދެލީ އުމާމާއާ ޖެހިގެން ހުރި ގޮނޑީގަ އެވެ.

"އެ ތެދެއް؟ ކޮންތާކަށް ފުރަތަމަ ދާން ބޭނުމީ؟" ރައްޔާން އުމާމާގެ މޫނަށް ބަލައިލަމުން އަހައިލި އެވެ.

އުމާމާ އިނީ ލަދުންނެވެ. އެގޮތަށް އެންމެންތެރޭ އިންނަން ޖެހުމުން ލަދުގެންފައި އިންދާ އަދި ރައްޔާން ސުވާލުކޮށްފި އެވެ. އެ މޫނު އެކީ ރަތްވި އެވެ. އެކަން އެންމެންނަށް ވެސް ފާހަގަވި އެވެ. ޖުމާނާ ހަމްދަރްދީވެގެން ސަމާލުކަން އަނބުރާލަން ވެގެން ކޮފީ ބޯނީ ކޮން ބައެއްހޭ ކިޔާފައި ތެދުވެއްޖެ އެވެ. ނަސީބަކުން ޒުބައިރު އާއި އައްމާރު އެ ވާހަކައިގައި ބައިވެރިވި އެވެ

ރައްޔާން ބަލަހައްޓައިގެން އިންދާ އުމާމާ އިސްއުފުލާލައިފައި ބަލައިލި އެވެ

"ޒޯޔާ އެހާ ބޭނުމިއްޔާ އެ ރަށަށް ދާންވީނު..." އުމާމާ މަޑުމަޑުން ޖަވާބުދިނެވެ.

"ޔެސްސްސް.... ތެންކިއު ތެންކިއު ތެންކިއު...." ޒޯޔާ ފޮނިވެގެން ތެދުވި ގޮތަށް އައިސް އުމާމާގެ ފަހަތުގައި ހުއްޓިފައި ކޮނޑާ ހިސާބުން ދެ އަތް ހުރަސްކޮށްލައި ކުޑަކޮށް ބައްދާލައިފައި ބޮލަށް ދޮނެއް ދީފި އެވެ.

އެތަން ފެނިގެން ޖުމާނާ އާއި އައްމާރުމެނަށް ވެސް ހެވުނެވެ. އުމާމާ ގާތަށް ވެސް ހިނިއަ އެވެ. އޭނަގެ ހިނިތުންވުން ކުއްލިއަކަށް ފިލީ ރައްޔާން މޭޒު ދަށުން އޭނަގެ އުނގުމަތީ އޮތް އަތްތިލައިގައި ހިފާލުމުންނެވެ. ކަންބޮޑުވެފައި އޭނައަށް އެކި މީހުންގެ މޫނަށް ބަލައިލެވުނެވެ. އެކަމަކު އެކަކަށް ވެސް އެކަން ފާހަގައެއް ނުވެ އެވެ. ޒޯޔާ ފޮނިވެގެން ބިލާލްއަށް "ހައި ފައިވް" ދެމުން ދިޔައިރު ޖުމާނާ ކޮފީ ހަދަނީ އެވެ. އައްމާރު އާއި ޒުބައިރު ފޯނު ހުޅުވާލައިގެން އެއަށް ސަމާލުކަން ދީގެން ތިއްބެވެ

އިރުކޮޅަކުން އެންމެންނަށް ތަށިތައް ހަމަވެގެން ކޮފީ ބޯން ފެށިއިރު ރައްޔާން ވެސް ބައިވެރިވި އެވެ. ޖުމާނާ އައީ ރައްޔާންއަށް ވެސް ކޮފީ ހިފައިގެންނެވެ. ކަމެއް ނުވާ ކަމަށް ހެދިގެން ރައްޔާން ހަމަޖެހިލައިގެން އިނދެ އިރުއިރުކޮޅާ ކޯވަރެއް ބޯލަ އެވެ. އުމާމާއަށް ޖެހުނީ ވާތުން ތަށީގައި ހިފާށެވެ. މީހަކަށް ފާހަގަވެދާނެތީ އޭނަ އިނީ ބިރުންނެވެ. އޭނަ މިނިވަންކުރަން އުޅެއުޅެ ވެސް ރައްޔާން އަތުން ދުލެއް ނުކުރި އެވެ. އޭނަ އިނީ ލާނެތް ހިންޏެއް އައިސްފަ އެވެ

(ނުނިމޭ)

ކޮމެންޓް (1)

ޒާނާ

24 ޑިސެމްބަރު 2023
ރައްޔާން ވަރަށް ލޯބިވޭ އުމާމާދެކެ. އުމާމާވެސް ދެން ތިހެން ނޫޅެ ރައްޔާން އާއި އެކީ ރަނގަޅަށް އުޅެންވީ. އެކަމަކު ސައިފް ކައިރިއަށް ދޯ ދާން އެއުޅެނީ. ވަރަށް ރީތި މިބައިވެސް.
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް