ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 9
"އޭ އަސްލު ވާހަކައެކޭ މީ. ދެން ބުނޭ އަހަރެންގެ ޕްރޮޕޯސަލްއާ މެދު ވިސްނާނަމޭ." ސައިފްއަށް ފުރަތަމަ ފަހަރަށް އުންމީދު އާވި އެވެ. އެ ދެމެދުގައި އޮތް ފާރުން ކުޑަ ތަންފުކެއް ވިއަސް ހަނިވިކަމުގައި ހިތް ބުނެލި އެވެ.
"ހޫމ،" ޖުމާނާ ފޯނު ކަނޑާލުމުގެ ކުރިން އިއްވައިލި އެވެ.
ފޯނު ތިރިކޮށްލާފައި އޭނައަށް ބަލަން ހުރެވުނެވެ. އޭނަ އަނެއްކާވެސް ގެއްލުނީ ފުން ވިސްނުމެއްގެ ތެރެއަށެވެ.
ސައިފް ކައިރީ އޭނައަށް އެންމެ ފަހުން އެ ބުނެވުނީ ކީކޭ ހެއްޔެވެ؟ ސައިފްގެ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އޭނައަށް އަދިވެސް ސައްތައިން ސައްތަ ޔަގީނެއް ނޫނެވެ. ކައިވެންޏެއް ކުރާއިރު އޭނައަކީ އެހެންނޫނަސް އެކަނި ހުރި އަންހެނެއް ނޫނެވެ. ދަރިއަކު އެބަހުއްޓެވެ. އެކުއްޖާއަށް ވެގެންދާނެ ގޮތަކާ މެދު ވިސްނަން ޖެހެ އެވެ. ސައިފްގެ ކޮއްކޮމެނާއި ބިލާލްގެ ގުޅުން ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު ބައްޕައެއްގެ މަގާމަށް ގެންނަން ސައިފްއަކީ އަދިވެސް ޅަކުއްޖެކެވެ. ނުވާދުވަހު ހަރުމީހަކަށް ވާން ޖެހުނަސް އެއްވެސް ތަޖުރިބާއެއް ނެތެވެ. އެ ހުރިހާ ޒިންމާއެއް ކޮނޑުގައި އެޅިފައިވަނިކޮށް އޭނަ އާއި ބިލާލްގެ ޒިންމާ ސައިފްއަށް އުފުލިދާނެ ހެއްޔެވެ؟
އަނެއްކޮޅުން މައިދައިތަގެ އާއިލާ އާއި ރަށުމީހުން ކުރާނެ މަލާމާތަކީ ވެސް ނުވިސްނާ ދޫކޮށްލެވޭވަރުގެ ކަންކަމެއް ނޫނެވެ. މައިދައިތަމެން ނުރުހޭ ނަމަ އޭނައަށް ސައިފްއަކާ ނީނދެވޭނެ އެވެ. އެކޮޅުގައި އޭނަ އުޅެނީ ވެސް ބިލާލްއަށް ކާފަ މާމަ އާއި އާއިލާގެ އިތުރު މީހުންގެ ލޯބި ލިބޭނެތީ އެވެ.
ދޮރުގައި ޓަކި ޖަހާލިއަޑަށް ޖުމާނާ އެނބުރުނު އިރު ޒުބައިރު ހުއްޓެވެ.
"ބިލާލް ހުއްދަ ހޯދަން ފޮނުވީމަ މި އައީ. ބޭރަށް ދާ ވާހަކަ ބުނީމަ ކިޔައިފި މަންމަ ނުއެއްފޮނުވާނެއޭ،" ޒުބައިރުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
ޖުމާނާ ހިނިތުންވެލިކަން އެ ދެ ލޮލުން ޒުބައިރުއަށް އެނގުނެވެ.
"ކޮންތާކަށް އަސްލު ދާން ތިއުޅެނީ؟" ޖުމާނާ އޮޅުންފިލުވަން ބޭނުންވި އެވެ.
"ޕާކަށް ފުރަތަމަ ދާނީ. އޭނަ ބުނި އައިސްކްރީމް ބޯ ވާހަކަ ވެސް. ނުދާނަންތަ؟" ޒުބައިރު ހަށަން ބަނދެލި އެވެ.
"މިއަދު އޮފް ދުވަހެއްތަ؟" ޖުމާނާ ވެސް ކޮށްލީ ސުވާލެކެވެ.
އާންމުކޮށް ޒުބައިރުއަކީ އެ ގަޑީގައި ގޭގައި އުޅޭ މީހެއް ނޫނެވެ.
"މިއަދު އޮފް،" ޒުބައިރު ގަޑިއަށް ނަޒަރެއް ދިނެވެ.
"ޒޯޔާއާ އެކީ ހެދުން ހެއުވަރުކުރަން ދާން ބުނެފަ އޮތީ މިއަދު،" ޖުމާނާ ހަނދާންވެގެން ކިޔައިދިނެވެ.
ޒުބައިރު ބޯޖަހާލައިފައި ދޮރުކަނިން ދުރަށް ޖެހިލުމަށް ފަހު އެތަނުން ދިޔަ އެވެ. ޖުމާނާ އެނބުރުނީ އޭނަ ފަތްޖަހަންވެގެން އެނދުމަތީ ބަހައްޓާފައި ހުރި އަންނައުނުތަކަކާ ދިމާއަށެވެ. ފުރަތަމަ ދުވަހު ރުޅިން އުޅުނަސް ބިލާލް މިހާރު ކުޑަކޮށް އެ ގޭގެ މީހުންނާ އެކުވެރިވާން ފަށައިފި އެވެ. ތަންތަނަށް ގެންގޮސް މީރު ކާއެއްޗެހި ދެންޏާ އެހެން ކުޑަކުދިންނެކޭ އެއްގޮތަށް ބިލާލް ވެސް ނިކަން ފަސޭހައިން ހައްލައިލެވޭނެ އެވެ. އެކަމަކު މަންމަގެ ހުއްދައަކީ ބިލާލްއަށް އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމު އެއްޗެކެވެ.
***
އިރުއެރީއްސުރެ ހީވަނީ ނޭވައަށް އުނދަގޫވެފައި ހުންނަ ހެންނެވެ. އެންމެ ހިނދުކޮޅަކަށް ވެސް އުމާމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެ އެވެ. ފާއިތުވެދިޔަ މަދު ދުވަސްކޮޅުތެރޭ އޭނަގެ ހުރިހާ ވިސްނުމެއް ގުޅިފައި ހުރީ ބޯމަތިވެފައި އޮތް ކައިވެންޏާ އެވެ. އަދި މިއަދު އެ ވިލާގަނޑުގެ ބޯ ވިއްސާރައާ ކުރިމަތިލާން ޖެހޭނެ އެވެ. ގުގުރުމާއި ވިދުމާ ވެސް އެކީގަ އެވެ. ސަލާމަތްވާނެ ހަމަ އެއްވެސް މަގެއް އޭނައަކަށް ނުފެނެ އެވެ.
ހަފްތާއަކަށް ވީ ފަހުން ގެއިން ނިކުތުންވެސް އޭނައަށް އޮތީ މަނާކޮށްފަ އެވެ. ކޮލެޖަށް ނުދާން ފެށި ފަހުން މިހާރު ދާނެ އިތުރު ތަނެއް ހުންނަނީއެއް ވެސް ނޫނެވެ. ހިތްހަމަޖައްސައިލަން ޒާރާ ކައިރިއަށް ނޫނީ އޭނަ ނުދެ އެވެ. އެކަމަކު ބައްޕަގެ އެންގުމުގެ މަތިން އެ މަގު ވެސް ބަންދުވީ އެވެ. ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބެނީ ޒާރާ ކޮންމެ ދުވަހަކު އެއް ފަހަރު އޭނައާ ބައްދަލުކުރަން އަންނާތީ އެވެ.
"ޒާރާ ހަނދާން އެބަހުރިތަ ސައިފް؟" ސެލޫންގައި އިނދެގެން އުމާމާ ފުރަތަމަ ފަހަރަށް ސައިފްގެ ނަން ދޫމައްޗަށް ގެނަ އެވެ.
ޖެހިގެން ހުރި ގޮނޑީގައި ފޮތެއް ހުޅުވާލައިގެން އިން އެކުވެރިޔާ ކުއްލިއަކަށް ފޮތް ތިރިކޮށްލާފައި އުމާމާގެ މޫނަށް ބަލައިލި އެވެ.
"ސައިފް؟؟ ތިބުނީ ...." ޒާރާ ކަންބޮޑުވެގެން ޖުމްލަ ފުރިހަމައެއް ނުކުރި އެވެ.
ވަށައިގެން ހޯދައިލީ އެތާ އިތުރު މީހަކު ހުރިތޯ އެވެ. ނަސީބަކުން މޭކަޕްކޮށްދޭ ކުއްޖާ ނޫން އިތުރު މީހަކު ނެތެވެ.
"އޭނަ މީގެ ދުވަސްކޮޅެއް ކުރިން އަހަންނަށް ގުޅާ މެސެޖްކޮށްފަ ހުރި،" އުމާމާ އޮޅުންފިލުވައިދިނެވެ.
"ވަޓް އާ ޔޫ ޓޯކިން އެބައުޓް؟ އޭނަ ކީއްކުރަން ގުޅީ؟ އަދި އެހެންނޫނަސް މިހާރު އުމާމާ ކީއްވެ އޭނަގެ ވާހަކަ ތިދައްކަނީ؟ ޔޫ އިގްނޯޑް ހިމް ފޯ ޓޫ އިޔާޒް..." ޒާރާ ވައިއަޑުން ވާހަކަދެއްކިއިރު މޫނަށް އެތައް ވައްތަރެއް ޖެއްސި އެވެ.
އުމާމާ ޖަވާބެއް ނުދިނެވެ. އެހެންވެ އަނެއްކާވެސް ވާހަކަދައްކަން ޖެހުނީ ޒާރާ އަށެވެ.
"ކީކޭ އޭނަ ބުނީ؟" ޒާރާ އެންމެފަހުން އެހި އެވެ.
"ވާހަކަދެއްކިދާނެތޯ. އެކަމަކު އަހަރެން ޖަވާބެއް ނުދެން،" އުމާމާ ކިޔައިދިނެވެ.
ދަބަސްތެރެ ހާވާލައިފައި އޭނަ ފޯނު ނަގައި މެސެޖް ހުޅުވާލުމަށް ފަހު ޒާރާ އަތަށް ދިނެވެ. ޒާރާ އިރުކޮޅަކު ބަލަން އިނދެލާފައި ފޯނު އަނބުރާ ދިނެވެ. މޭކަޕްކުރާ ކުއްޖާ އެ ވަގުތުކޮޅަށް މެދުކަނޑާލައިފައި އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔަ އެވެ. އުމާމާއަށް ވެގެންވާ ނަމަ އެތަނަށް މޭކަޕްކުރާކަށް ނައީހެވެ. އެޕޮއިންޓްމެންޓް ހައްދާ އެ ހުރިހާ ކަމެއް ކުރީ ޝާދިޔާ އެވެ. ކައިވެނީގެ ދުވަހު އެންމެ ރީތިކޮށް ހުންނަން ޖެހޭނީ އޭނަ ކަމުގައި ތަކުރާރުކޮށް އެތައް ފަހަރަކު ކިޔައިދިނެވެ.
"އެނގޭތަ އޭނަ ކުއްލިއަކަށް ޑްރޮޕްއައުޓްކޮށްލާފަ ދިޔަ ތަނެއް؟" އުމާމާ އެހި އެވެ.
ޒާރާގެ ޖަވާބަކީ ދެފަރާތަށް ބޯ ހޫރާލުމެވެ. އުމާމާއަށް އިތުރަށް ވިސްނެން ފެށި އެވެ. ސައިފްއަށް އޭނައަށް އެހީވެވޭނެ އެއްވެސް ގޮތެއް އޮވެދާނެތޯ އަމިއްލަ ނަފްސާ ސުވާލުކުރި އެވެ. ކޮންމެ ގޮތެއް ވިއަސް ކައިވެނީގެ ރަސްމިއްޔާތުން ފިލިއަސް އެނބުރި އަންނަން އޮތީ ގެއަށެވެ. އަދި އަމިއްލަ ގެއިން އެކަކު ވެސް އޭނައަށް މަރުހަބާއެއް ނުކިޔާނެ އެވެ. ޒާރާ ނޫނީ ރައްޓެއްސަކު ވެސް ނެތެވެ. ޒާރާއަށް އޭނައަށް އެހީނުވެވޭނެކަން އުމާމާއަށް އެނގެ އެވެ. އެކަމަކު ސައިފްއަކީ ފަހަރެއްގައި އޭނައަށް އެހީވެދީފާނެ މީހެކެވެ. އޭނައަށް އޮތް ހަމައެކަނި ގޮތަކީ ފިލައިގެން އެ އެންމެންނާ ދުރަށް ދިއުމެވެ.
***
"އަނބި ގަބޫލުކޮށްފިން." ރައްޔާންގެ އަޑު ކަންފަތުގައި ޖެހުމާއެކު އުމާމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.
ދެ ލޮލަށް ގިނަވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތްމަތިން ތިރިއަށް ފައިބައިގެންފި އެވެ. އެ ކަރުނަތަކުން ކުރިމަތީވި ހުރިހާ މަންޒަރެއް ފުސްވެއްޖެ އެވެ. ކައިރީގައި އެންމެން އެކަކު އަނެކަކަށް މަރުހަބާ ކިޔާ ދައްކަމުންދިޔަ ވާހަކަތައް ވެސް އޭނަގެ ކަންފަތަށް އިވުނީ އެކުލެވިފައިވާ އެއް އަޑުތަކެއް ފަދައިންނެވެ.
އަމީރާ އައިސް ގޮނޑިން ނަގާފައި މެޔާލައި ބޮނޑިކޮށްލުމުން ހަށިގަނޑުގެ ހުރިހާ ބާރެއް އެ ދެ އަތުގެ ތެރެއަށް ދޫކޮށްލައިގެން ހުރެ ގިސްލަގިސްލާފައި ރޮވެން ފެށި އެވެ. އަމީރާ އޭނަގެ ބުރަކަށީ ފިރުމަމުން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު އުމާމާއަކަށް ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ.
އެންމެނަށް ވެސް ހީވީ އޭނަ އެ ރޮނީ އުފަލުން ކަމަށެވެ. އަދި މަންމަ މަތިން ހަނދާންވެގެން ކަމަށެވެ.
އަމީރާއަށް މަޖުބޫރުވީ އުމާމާ ގޮވައިގެން އިހަށް އެއް ފަރާތަކަށް ޖެހިލާށެވެ. އާއިލާ އެންމެން އެތާ ތިއްބާ އުމާމާ ގޮވައިގެން ކޮޓަރިއަށް ގޮސް އެނދުގައި ބައިންދައިގެން ވަރަށް ވާހަކަދެއްކި އެވެ. އުމާމާގެ ރުއިން މެދުކެނޑުނުއިރު ވެސް ކަރުނަ އައުމެއް ނުހުއްޓުނެވެ.
އަމީރާ ފެން ތަށްޓެއް އަޅައިގެން ގެނެސް ދިނުމުން އެއިން ކޯވަރެއް ބޯލި އެވެ.
"އުމާމާ ބޭނުން ނޫނިއްޔާ ތިރިއަށް ދާނެކަމެއް ނެތް. ދައްތަ ގޮސް ބުނާނަން އުމާމާ ރެސްޓްކޮށްލަނީއޭ. ހަމަޖެހިލައިގެން ނިދާލެވޭތޯ ބަލާ. އުނދަގުލިއްޔާ މި ހެދުން ވެސް ބަދަލުކޮށްލާ،" އަމީރާ އަނެއްކާވެސް އުމާމާގެ ކަރުނަ ފުހެދީފައި ލޯތްބާ އެކު ވާހަކަދެއްކި އެވެ.
"ޒާރާ... ޒާރާ ފޮނުވަދީ!" އަމީރާ ތެދުވެގެން ދާން ފެށުމުން އުމާމާ އާދޭހާ އެކު ބުނެލި އެވެ.
އަމީރާ ބޯޖަހާލައިފައި ގޮސް ކޮޓަރިން ނިކުތެވެ.
ސައިޑު ޓޭބަލް މަތިން ވައިބްރޭޓް ވާން ފެށުމުން އުމާމާ ބަލާލިއިރު އޭނަގެ ފޯނެވެ. އެތަނަށް ގެނެސްދިނީ އަމީރާ ކަމަށް ވެދާނެ އެވެ. އޭނަ ފޯނު އަތަށް ނެގިއިރު ގުޅަނީ ސައިފް އެވެ. އުމާމާގެ ލޮލުން އަނެއްކާވެސް ކަރުނަ އަ އެވެ. އޭނަ މިއަދު ކިހާ ވަރަކަށް ސައިފްއަށް ގުޅި ހެއްޔެވެ؟ އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް އެ ފޯނު އޮންނަނީ ނިއްވާލައިފަ އެވެ. ދެން މިހާރު ވަގުތު ފާއިތުވުމުން ސައިފް ވެސް އެ ގުޅަނީ ކީއްކުރަން ހެއްޔެވެ؟
އައި ރުޅީގައި ފޯނު ނިއްވާލައިފައި އުމާމާ އަނެއް ފަރާތަށް އެނބުރި ބާލީހުގައި މޫނު ފޮރުވައިލި އެވެ.
***
ކައިވެނީގެ ވަގުތު އެތާ އިނދެ ރޯން ފެށީއްސުރެ ރައްޔާން ހުރީ އުމާމާގެ ހާލު ބަލަން ކައިރިއަށް ނާދެވިފަ އެވެ. އޭނައަށް ފުރުސަތު ލިބުނީ ތިރީގައި އޮތް ހަލަބޮލިކަން ކެނޑި އެކި މީހުން އެކި ތަނަށް ދާން ފެށި ފަހުންނެވެ. ހަމައެކަނި އާއިލާ އާއި ތިމާގެ މީހުން ބައިވެރިވި ހަފްލާއެއްކަމުން އެކަކު ވެސް އުމާމާ ނެތިގެން ސުވާލެއް ނުއުފައްދަ އެވެ. މަންމަ ގޮސް އުމާމާގެ ތަބީއަތު ގޯސްވެ އަރާމުކުރަނީއޭ ބުނުމުން ދެން ތިބި މީހުން އެނބުރުނީ ކެއުމަށެވެ. ގިނަ ބަޔަކު ކާކޮޓަރީގައި ތިބިއިރު އަންހެންވެރިންގެ ބަޔަކު ނިކުމެ ސިޓިންރޫމްގައި ވެސް ތިއްބެވެ.
އެއް ފަހަރު އުމާމާގެ ދެބެންގެދެދަރި ކުއްޖަކު އެ ކޮޓަރިއާ ދިމާއަށް ދާތީ ފެނުނެވެ. އާންމުކޮށް އުމާމާ އެ ކުއްޖަކާ އެކީ އުޅޭތީ ފެންނަ ކުއްޖަކީ އެއީ އެވެ. އެ އާއިލާގެ އެހެން އެއްވެސް މީހަކު އެތާގައި އުމާމާ ނެތިގެނެއް ނޫޅެ އެވެ.
ފުރަތަމަ ފަހަރަށް އަމިއްލަ ކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލައިފައި ރައްޔާން އިރުކޮޅަކު ހުއްދަ ލިބޭތޯ މަޑުކުރި އެވެ. އޭނަ މަޑުކުރީ ހަބަރެއް ނުވެ އިރުކޮޅެއް ވަންދެނެވެ. މަޑުމަޑުން ދޮރު ހުޅުވާލައިފައި އުމާމާ އެއްޗެއް ނުބުނުމުން ކުރިއަށް ވުރެ ބޮޑަށް ހުޅުވާލައިފައި އެތެރެއަށް ވަނެވެ.
އުމާމާ އޮތީ ބިތްދޮށަށް އެނބުރި އޮށޯވެ އެވެ. ލައިގެން ހުރީ ކައިވެނީގެ ވަގުތު ވެސް ލައިގެން ހުރި ކުކުޅުބިސްކުލައިގެ ހެދުމާއި ބުރުގާ އެވެ.
ރައްޔާންއަށް އިރުކޮޅަކު ބަލަން ހުރެވުނެވެ. އުމާމާ އެ ކޮޓަރީގައި އޭނަގެ އެނދުގައި އޮއްވާ ފެނުމުން ތަފާތު އިހްސާސެއް ކުރެވުނެވެ.
އަތުކުރީ ގޮށް ނައްޓަމުން އޭނަ ގޮސް އެނދުގެ ފައިލާކޮޅަށް ހުއްޓުނެވެ. އުމާމާ ގުޑިވެސްނުލި އެވެ. ގަސްތުގައި ލޯމަރައިގެން އޮތީއެއް ކަމެއް ނޫނީ ނިދިފައި އޮތީކަމެއް ޔަގީނެއް ނުވި އެވެ.
ރައްޔާން ގަމީހުގެ މަތީ ދެ ގޮށާ އެކު ބެގީ ނައްޓާލައިފައި ގޮސް އެނދުގެ އަނެއް ފަރާތުން އަރައި ބާލީސްތަކުގައި ލެނގިލި އެވެ. އުމާމާ އެ އޮތީ އޭނަ އާންމުކޮށް ނިދަން އޮންނަ ފަރާތުގަ އެވެ. އެކަމަކު މައްސަލައެއް ނެތެވެ. އެއީ ކުރި އެވެ. އޭނަ އެކަނި އުޅުނު އިރެވެ. މިހާރު އުމާމާ އަކީ އޭނަގެ ދިރިއުޅުމުގެ އެއް ބަ އެވެ. ހަޔާތުގެ ބައިވެރިޔާ އެވެ. ރައްޔާން ބަލަހައްޓައިގެން އިނެވެ. އުމާމާ އޮތީ ރަނގަޅަށް ވެސް ނިދާފަ އެވެ. އެ އެސްފިޔަތަކުގައި އަދިވެސް ތެތްކަން ހުރިހެން ހީވި އެވެ.
އޭނަ މަޑުމަޑުން އެނދުމަތީ އަތް ހިންގާލައިފައި ގެންގޮސް އުމާމާގެ ކޯތާފަތުގައި އިނގިލިތައް ބީއްސާލި އެވެ.
"މައިން،" ރައްޔާންގެ ހިތުން އަޑު އަ އެވެ.
- ނުނިމޭ -