ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 8
އުމާމާގެ ހިތް ހިނދުކޮޅަކަށް ވެސް މައިތިރިއެއް ނުވެ އެވެ. އެ ގެއަށް އޭނަ އެ ދަނީ ހާދަ ދުވަހެއް ފަހުންނެވެ. އިރެއްގައި އޭނަ ގިނަ ވަގުތު ހޭދަކުރި ގެއަކީ މިއަދު ބީރައްޓެހި ތަނެކެވެ.
ގަރާޖަށް މަޑުކުރި ކާރުތަކުން ފޭބިއިރު ގޭގެ ނޯކަރަކު އެމީހުން ބަލާ އައިސް ތިއްބެވެ. ގަރާޖުން ނިކުމެވުނީ ތަނބުތައް ލާފައިވާ ދިގު މަގަކަށެވެ. އެ މަގުގެ މެދަކާ ހިސާބުގައި ގޭގެ މައި ދޮރެވެ. އޭގެ އަނެއްކޮޅުން ގޮސް ވެސް ވަދެވެން އިތުރު ދޮރެއް ހުއްޓެވެ. ބެލްއާ ޖެހިގެން ތިރީގައި ރަންކުލައިގެ ރީތި އަރަބި އަކުރުން، ގެއަށް ވަންނަ ދުއާ ލިޔެފައި ވެ އެވެ. ނޯކަރުގެ ފަހަތުގައި ތިބެގެން އެންމެން އެތެރެއަށް ވަނެވެ.
އެއް ފަރާތެއްގައި ފައިވާންތައް ބަހައްޓަން ހަރެއް ހުރިއިރު އަނެއް ފަރާތުން ގޭގެ މައްޗަށް އެރެން ދިގު ސިޑިއެއް ހުއްޓެވެ. ފައިވާންތައް ހަރުގައި ބަހައްޓާފައި ދިމާ ތެދަށް ގޮސް ވަދެވުނީ ގޭގެ ފެންޑާއަށެވެ. އެތާގައި ބަހައްޓާފައިވާ ކްރީމް ކުލައިގެ ސޯފާތަކުގެ އަދަދު ގިނަކަމުން އެއްފަހަރާ ދެތިން އާއިލާއަށް ތިބެވޭނެކަން ގައިމެވެ. ފައިދަށުގައި އޮތް މަޑު މުށިކުލައިގެ މަޑު ކާޕެޓަށް އެރުނު ވަގުތު ހީވީ ގަނބައިގެންދާނެ ހެންނެވެ.
އުމާމާގެ މެއަށް ފިނިވެލި އެވެ.
ސީލިންގުން އެލިފައިވާ ބިޔަ ދެ ޗާންދަލިއާ ދެކޮޅުގައި ހުއްޓެވެ. ހުދު ފާރުތަކުގައި ހަރުކޮށްފައިވީ އަރަބި ކެލިގްރަފީގެ ފްރޭމްތަކެވެ.
ދިގު ބިއްލޫރި ދޮރުތަކުގެ ފުރަގަހުން ބަގީޗާއެއް ފެންނަން އޮތެވެ.
"ދިސް އިޒް ހެވެން..." ސޯފާގައި އިށީނދެފައި އައިޝާ ޅަކުއްޖެއްހެން ފޮނިވެފައި ވާހަކަދެއްކި އެވެ.
ހައިދަރު ބަލައިލި ގޮތުން އަވަހަށް ދެ ތުންފަތް ޖައްސާ ބާރުކޮށްލި އެވެ.
ބައްޕަގެ އަމުރަށް އޭނަ މިއަދު ހުރީ އުމާމާގެ ހެދުންތަކުގެ ތެރެއިން ކަޅުކުލައިގެ އަބާޔާއެއް ލައިގެން އައިހެވެ. ތަންކޮޅެއް ފެޝަންކޮށް ޝޯލް އޮޅާފައި ހުއްޓަސް ނަސީބަކުން ހެދުން ދޫކަމުން ބައްޓަންތައް ފާޅެއްނުވެ އެވެ. އުމާމާ އިނީ އަބާޔާއާ އެކު ބޮޑު ހިމަރްއެއް އަޅައިގެންނެވެ. ހެދުމުގެ އަތް ފުޅާގެ އެތެރެއިން ލައްވާފައިވާ އަތުގެ ސަބަބުން އިނގިލިތަކުގެ މެދާ ޖެހެންދެން ނިވާވެފަ އެވެ.
ނޯކަރުމީހާ ގޮސް ގެއްލުމާ އެކު އެންމެ ފުރަތަމަ އެމީހުންނަށް މަރުހަބާ ކިޔަން އައީ އަމީރާ އާއި ސުލްތާންގެ ދެމަފިރިންނެވެ. އަންނަން ވާއިރަށް އިސްތިގްބާލުގައި ނުހުރެވުނީތީ މާފަށް އެދުމުން ހައިދަރު އެއީ ކަމަކަށް ނުހެދި އެވެ. ދޮށްޓަށް ތިބި ދެބެއިން ރަށުގައި ނެތަސް ރައްޔާން އާއި ޒޯޔާ އެމީހުންނާ ބައިވެރިވާނެ ކަމުގައި އަމީރާ ބުންޏެވެ.
ދޮންމަންމަ އާއި ކޮއްކޮއާ ވާހަކަދައްކާފައި އަމީރާގެ ސަމާލުކަން އެންމެ ފަހުން ހުއްޓުނީ އުމާމާ އަށެވެ. އުމާމާ އެއް ފަހަރު އެމީހުންނަށް ބަލައިލިއްޔާ އަނެއް ފަހަރު އިސްޖަހައިލަ އެވެ. އަބަދު އިސްޖަހައިގެން އިނުމަކީ ވެސް ރަނގަޅު ކަމަކަށް ނުވެދާނެތީ އެ ހާސްކަމުގަ އެވެ. އަދި ބަލަން އިނުމަކީ ވެސް ރަނގަޅު ގޮތެއް ކަމުގައެއް ނުވިސްނުނެވެ.
އަމީރާގެ ލޯ ފެންކަޅިވީ އުމާމާގެ މޫނުން އެކުވެރިޔާގެ ސޫރަ ފެނިފަ އެވެ. ދަތްދޮޅީގައި ހިފާލައިފައި ލޯތްބާ އެކު ވާހަކަދެއްކިއިރު ބައްދާނުލައި ހުރެވުނީ އެއިރުން ރުއިން ކޮންޓްރޯލްކުރަން ފަސޭހަ ނުވާނެކަން އެނގޭތީ އެވެ.
އަމީރާ އިށީން ފަހުން ބޮޑެތި މީހުން އެމީހުންގެ އަމިއްލަ ވާހަކަތަކުގައި މަޝްއޫލުވުމާ އެކު އައިޝާ ފަދައިން އުމާމާ ވެސް އިނީ ފޫހިވެފަ އެވެ.
އިރުކޮޅަކުން ނޯކަރުން ކާތަށިތައް ހިފައިގެން އައިސް އެތާ ހުރި މޭޒުމަތީ އަތުރާލައިފި އެވެ. ފިނި ބުއިންތަކާއި، ފެނުމުން ކުޅުދިޔާވާ ޒާތުގެ ކޭކު ފޮތިތަކާއި އަދިވެސް އެތައް ބާވަތެކެވެ. އުމާމާ ގަދަކަމުން ޖޫސް ތަށްޓެއް ބުއި ނަމަވެސް އައިޝާ ހެއެއް ނެތެވެ. ހައިދަރާއި އަންހެނުން ވެސް ކެއީ ކުޑަކޮށެވެ. އައިޝާ ހުއްޓައިލީ ހައިދަރު އެއް ފަހަރު ލޯ އަޅައިލިތަން ފެނިގެންނެވެ.
"އުމާމާ ދޭބަލަ އައިޝާ ގޮވައިގެން އެތެރެއަށް. ޒޯޔާ ވެއްޖެ ކޮޓަރީގަ،" އެންމެން ހުއްޓާލި ފަހުން ކާއެއްޗެހި ގެންދިޔަތަނާ އަމީރާ ވާހަކަދެއްކި އެވެ.
އުމާމާ ހުއްދައަށް އެދުމުގެ ގޮތުން ބަލައިލީ ބައްޕަގެ މޫނަށެވެ. ބައްޕަ ބޯޖަހައިލިތަން ފެނުނު އިރު އައިޝާ ކުރީގައި ތެދުވެ އުމާމާގެ އަތުގައި ހިފައި އެތަނުން ނަގައިފި އެވެ. އޭނައަށް ވުރެ ބޮޑަށް އެތަނުން ނުދެވިފައި ހުރީ އައިޝާ އެވެ.
ސިޑީގެ އެންމެ މައްޗަށް އެރުމުން އައިޝާ އުމާމާގެ އަތުން ދޫކޮށްލި އެވެ. ތަނެއްދޮރެއް ނުބަލާ ދެން ދުއްވައިގެންފި އެވެ.
"އައިޝާ ވެއިޓް!" އުމާމާ ކަންބޮޑުވެފައި ގޮވި އެވެ.
ވަށައިގެން ހޯދައިލާފައި އޭނަ ވެސް ކުރިއަށް ވުރެ ބާރަށް އައިޝާ ފަހަތުން ހިނގައިގަތެވެ. އައިޝާ ގޮސް ވަނީ އެންމެ ފުރަތަމައަށް ހުޅުވެން ހުރި ދޮރުންނެވެ. އުމާމާ ޖެހިލުންވެ ހުރެގެން ދޮރު ހުޅުވައިލިއިރު އައިޝާ އެތަނުން ކޮންމެވެސް އެހެން ތާކަށް ނިކުމެއްޖެ އެވެ. ލަދުން ވެސް ބޯފަޅައިގެން ހިނގައިދާނެ އެވެ. އުމާމާއަށް ނިތުގައި ހިފަހައްޓައިލެވުނެވެ.
އޭނައަށް އައިޝާ ފެނުނުއިރު އޮތީ މަސާޖް ގޮނޑިއަކަށް ވެއްޓިގަނެގެން ލޯމަރާލައިގެންނެވެ. ހަމަޖެހިލައިގެން އޮތްއިރު ހީވަނީ އަމިއްލަ ގެ ހެންނެވެ. އުމާމާގެ ލޭ ކެކިގަތެވެ. ރުޅި އައިސްގެން ގޮސް އައިޝާގެ މުލައްދަނޑީގައި ހިފާ އެތަނުން ނަގަން އުޅެގަތެވެ. ލޯ ހުޅުވާލައިފައި އައިޝާ ވަގުތުން އުމާމާގެ އަތް ފޮޅުވައިލި އެވެ.
"އައިޝާ ޕްލީޒް. މީހަކު ނާންނަނީސް ތެދުވޭ! ބައްޕައަށް ފެނިއްޖެއްޔާ ވާނެ ގޮތް އެނގެއެއްނު؟" އުމާމާ އައިޝާ ނަގަންވެގެން ބައްޕަގެ ބިރުދެއްކި އެވެ.
"ރިލޭކްސް. ބައްޕަ ނާންނާނެ މިތަނަކަށް. އެތިބީ ބޮޑު ވާހަކައިގަ ޖެހިފަ." އައިޝާ ފަރުވާކުޑަ ގޮތަކަށް ވައިގެ ތެރޭ އަތް ހޫރާލި އެވެ.
"ކޮމްފީތަ؟" އެ އިވުނީ ރައްޔާންގެ އަޑެވެ.
އުމާމާ ސިހިފައި އެނބުރި ބަލައިލި އެވެ. ރައްޔާން ހިނިތުންވެލައިގެން ހުރީ ދޮރުކަނީގައި އަތް ވިދެލައިގެންނެވެ. އައިޝާ ތެދުވަން އުޅެފައި ރައްޔާންގެ މޫނުގެ ކުލަވަރު ދެކި ހިތްހަމަޖެހުމާ އެކު ބޯޖަހައިލާފައި އަނެއްކާވެސް އޮށޯވެއްޖެ އެވެ. ރައްޔާން އައީ އެމީހުންނާ ދިމާއަށެވެ. އުމާމާ ހާސްވެގެން ދެ އަތްތިލަ ގުޅުވައިލި އެވެ. ރައްޔާން އައިސް ކައިރިވާން ވާއިރަށް އޭނަ އިސްޖަހައިފި އެވެ. ޒޯޔާ އެމީހުން ހޯދަމުން އައިސް އެތަނަށް ވަނީ އެ ގަޑީގަ އެވެ.
ޒޯޔާ ފެނިފައި އުމާމާއަށް ނުވެސް އެނގުނެވެ. މޫނުބުރުގާ އަޅާފައި ހުރުމުން ދެ ލޯ ނޫން ހުރިހާ ތަނެއް ހުރީ ނިވާވެފަ އެވެ. ޒޯޔާކަން އޭނައަށް ޔަގީންވީ އޭނައަށް ގޮވައިލީމަ އެވެ.
އުމާމާގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ. ކުރިއަށް ވުރެ ބޮޑަށް އޭނަ ނުތަނަވަސްވި އެވެ. ރައްޔާން ހުރީ އެ ހުރިހާ މަންޒަރެއް ބަލާށެވެ. ޒޯޔާ އައިސް އުމާމާގެ އަތުގައި ހިފައިގެން ހުރެ ދުވަސްވީ ރައްޓެއްސެއްހެން ވާހަކަދެއްކިއިރު އުމާމާ ޒޯޔާއަށް ބަލަމުންދިޔައީ ބީރައްޓެއްސަކަށް ބަލާހެންނެވެ.
ދޮށްޓަށް ހުންނަ ޒުބައިރު އާއި ރައްޔާންގެ ހަގަށް ހުންނަ އައްމާރު ވެސް ކާމޭޒުދޮށުން ފެނުނެވެ. ހުރިހާ ކުދިން ވެސް ހައިދަރާއި ޝާދިޔާއާ މުހާތަބުކުރީ އިހުތިރާމާ އެކުގަ އެވެ. ބޮޑެތި މީހުން ވެގެން ކައިވެނީގެ ތާރީހެއް ކަނޑައެޅިކަން ކުދިންނަށް އެންގީ އެ މޭޒުދޮށުންނެވެ. އުމާމާގެ މެއަށް ފިނިވެގެން އަ އެވެ. ވަގުތުން އޭނަ ކާހިތްކެނޑި މޫޑު ހަރާބުވި އެވެ. ދުވަހުގެ ބާކީ ވަގުތުތައް އޭނަ ހޭދަކުރީ ގެއަށް ދިއުމާ ދެމެދު އޮތް ވަގުތުތައް ގުނުމުގަ އެވެ. ނަސީބަކުން ރައްޔާން ވެސް އޭނައާ ވަކިން ބައްދަލުކުރާކަށް މަސައްކަތެއް ނުކުރެ އެވެ.
***
ކޮޓަރިއަށް ވަން ގޮތަށް އައިޝާ އުނދަގޫކުރަން ފެށީ އައްމާރު ނޫނީ ޒުބައިރުގެ ނަންބަރު އެނގޭހޭ ކިޔައިގެންނެވެ. އުމާމާ އިނީ ބޯހާސްވެފަ އެވެ. އޭނަ ބޭނުންވީ އެކުވެރިއެއްގެ ލަފަ އެވެ. އަދި އެފަދަ މީހަކަށް އޭނަގެ ހުރީ ޒާރާ އެކަންޏެވެ. ޒާރާއަށް ގުޅޭތޯ މަސައްކަތްކޮށްކޮށް ހުއްޓާ އައިޝާ ފޯނު ޖަހައިގަތުމުން ހަޅޭއްލަވައިނުގަނެވުނީ ކިރިޔާ އެވެ.
"ޕްލީޒް އައިޝާ އިހަށް މިތަނުން ދޭ. އަހަންނަކަށް ނޭނގެ ތިތަނުން އެކަކުގެ ނަންބަރެއް ވެސް،" އުމާމާ އެއް އަތުން ނިތްކުރީގައި ހިފައިގެން ހުރެ ވާހަކަދެއްކި އެވެ.
"ރައްޔާންގެ ނަންބަރު އެނގެއެއްނު؟ އޭނަ ނަންބަރު ދިނަސް ހެވޭ. އަހަރެން ރައްޔާން ކައިރީ ބުނެފާނަން އެމީހުންގެ ނަންބަރު ހޯދަން،" އައިޝާ ނުލަފާ ގޮތަކަށް ހިނިތުންވެލި އެވެ.
"ވަޓް؟ ޑޯންޓް ޔޫ ޑެއާ... ހަމަ މިހާރު ދޭ މިތަނުން،" އުމާމާއަށް ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ.
"ނުދާނަން މަށެއް. މީ މަގޭ ކޮޓަރި،" އައިޝާ ގާތަށް ވެސް ރުޅި އަ އެވެ.
"އަހަރެން ހިނގައިދާނަން،" އުމާމާ އެތަނުން ނިކުތެވެ.
ޒާރާ ފޯނު ނެގީ އުމާމާ ގޮސް ބެލްކަނީގައި ހުއްޓަ އެވެ. އޭނަ ކައިވެނީގެ ތާރީހު ބުނުމުން ޒާރާއަށް ވެސް ގަބޫލުކުރަން ދަތިވި އެވެ.
"ރައްޔާން އެހާ ކެތްމަދު މީހެއް ކަމަކަށް އަހަރެން އަދި ހިއެއްނުކުރަން،" ޒާރާ ސަމާސާކޮށްލި އެވެ.
"ރައްޔާންތަ؟ އަހަރެމެން ދެ މީހުންގެ މައިންބަފައިންގެ ކަމެއްނު އެއީ؟" އުމާމާއަށް ބުނެވުނެވެ.
"އައްދެ އަތްނބަކަށް ނުވެސް ވަނީސް މިހާ އަވަހަށް ދިފާއުކުރަން ފެށީ؟" ޒާރާ ދިމާކޮށްލި އެވެ.
"ރައްޔާންގެ ވެސް އަނގަ އޮންނާނެ ދޯ؟ އެއަށް ވުރެ ލަސްކޮށްލެވުނީހެއްނު؟" އުމާމާ ޒާރާގެ ސަމާސާގައި ބައިވެރިނުވެ ވާހަކަދެއްކި އެވެ.
"މިއަދު ނޫނީ މާދަން ވެސް ވާން އޮތް ކަމެއް ދެން ކީއްކުރަން ލަސްކުރަނީ؟ ވާން އޮތް ކަމެއްވިއްޔާ ވިޔަދީ ދެން. އަހަރެން ހަމަ ބުނަން އޮތީ ކުރިން ވެސް ބުނި ވާހަކަ. ތި ކައިވެންޏަކީ އުމާމާގެ ނަސީބު ކަމުގައި ވެސް ވެދާނެ،" ޒާރާ ފުރަތަމަ ފަހަރަށް ސީރިއަސްވި އެވެ.
އުމާމާއަށް މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލެވުނެވެ. ރައްޔާން އާއި އޭނަގެ ކައިވެންޏަކީ އޭނަގެ ނަސީބު ކަމުގައި ވާނެ އެއްވެސް ގޮތެއް ނެތެވެ. އެކަން އޭނައަށް ކަށަވަރެވެ.
***
"ހާލު ރަނގަޅު. އެކަމަކު ވަރަށް ފޫހި. ބޭނުމީ ރަށަށް ދާން،" ޖުމާނާ ކޮޓަރިއަށް ވަންއިރު ބިލާލް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކޮންމެވެސް މީހަކާ ވާހަކަދައްކަނީ އެވެ.
އޭނަގެ ހިތުގައި ޝައްކު ހިނގާލި އެވެ. ބިލާލް އެހާ އެކުވެރިކޮށް ވާހަކަދައްކާނީ ސައިފްއާ ކަމުގައި ހިތް ބުނެލި އެވެ. އޭނަ ސައިފްގެ މެސެޖާއި ކޯލުތަކަށް ޖަވާބުނުދީ އުޅޭތާ ތިން ދުވަސް ވަނީ އެވެ. މާލެ އައީއްސުރެ ސައިފް އޭނައަށް ނުގުޅާ އެންމެ ދުވަހެއް ވެސް ނާދެ އެވެ. އެ ދުވަހު ބަނދަރުމަތީ ހުރެފައި ބުނި ވާހަކައިގައި ކޮންމެވެސް މިންވަރެއްގެ ހަގީގަތެއް އެކުލެވިފައިވާނެ ކަމުގައި ހިތް ބުންޏެވެ. އެކަމަކު އެކަން ގަބޫލުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ.
"މަންމަ މިހުރީ،" އަތުގެ އިޝާރާތުން ފޯނު ބާއްވާށޭ ކިޔަކިޔާ ހުއްޓާ ބިލާލް ބުނެލި އެވެ.
ޖުމާނާ މަނާކޮށްކޮށް ހުއްޓާ ބިލާލް އައިސް ފޯނު ހަވާލުކޮށްފައި ގޮސް ކޮޓަރިން ނިކުމެއްޖެ އެވެ.
ފޯނު ކަންފަތުގައި ޖަހާލުމާ އެކު އެކޮޅުން ސައިފް ހަލޯއޭ ބުނެލި އެވެ.
"ހަލޯ،" ޖުމާނާ މަޑުމަޑުން އޭގެ ޖަވާބުދިނެވެ.
"އަހަރެން ދެކެ ރުޅި އައިސްގެންތަ ފޯނު ވެސް ނުނަގަނީ؟ މެސެޖަކަށް ވެސް ޖަވާބެއް ނުދެމެއްނު؟" ސައިފް އެކުވެރި ރާގެއްގައި ވާހަކަދެއްކި އެވެ.
"ޕްރޭންކްކުރާ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ،" ޖުމާނާ ރައްދުދިނެވެ.
"ޖުމާ..! އަހަރެން ކިހިނެއް ހެދިއްޔާތަ މީ ޕްރޭންކެއް ނޫންކަން ގަބޫލުކުރާނީ؟" ސައިފްގެ އަޑަށް ފުރަތަމަ ފަހަރަށް ހިތްހަމަނުޖެހުން ވެރިވި އެވެ.
"އެންމެ ރަނގަޅު އެހެންވިއްޔާ ބުނެބަލަ ސައިފް ކަހަލަ ކުއްޖަކު އަހަރެން ކަހަލަ ބޮޑު އަންހެނަކާ އިންނަން ބޭނުންވަނީ ކީއްވެކަން؟" ޖުމާނާ ސީދާ މައުލޫއުއަށް ދިޔަ އެވެ.
"އަހަރެން ބުނާނީ ތެދަށް. އައި ނީޑް އެ ޕާޓްނާ. އަހަރެންގެ ކޮނޑުގައި ޒިންމާތަކެއް އެޅިފައި އެބަހުރި. އެކަންކަން އަހަންނަށް އެކަނި ނުކުރެވޭނެ. ރަނގަޅު ޕާޓްނާއެއްގެ އެހީގައި އަހަންނަށް ކުރިއަށްދެވެން އޮތީ،" ސައިފް ސީރިއަސްވެފައި ޖަވާބުދިނެވެ.
"ކޮއްކޮމެން ބަލަން ގެއަށް ނެނީއެއްނު އެހެންވިއްޔާ ހޯދަންވީ؟ ވައި މެރިޖް؟ ރަށުން ނެނީއެއް ނުލިބެންޏާ ބޭރު މީހަކު ވެސް ހޯދިދާނެއެއްނު؟" ޖުމާނާ ދެއްކީ ހައްތަހާ ވެސް ސައިފްގެ މައްސަލައަށް ހައްލު ހޯދިދާނެ ގޮތްތަކެވެ.
"އަހަރެންނަކީ އެންމެ ރަނގަޅު ބޭބެއަށް ނުވެދާނެ. އަހަރެންގެ މައިންބަފައިން އެމީހުން ބެލެހެއްޓިހެން ނުބެލެހެއްޓޭނެކަން އެނގޭ. އެހެންވިއަސް އަހަރެން އަސްލު ބޭނުމެއް ނުވޭ ނުދަންނަ މީހެއްގެ އަތްމައްޗަށް އަހަރެންގެ ކޮއްކޮމެން ދޫކޮށްލާކަށް،" ސައިފްގެ އަޑު ކޮންމެވެސް ވަރަކަށް ކުރެހުނެވެ. މަރުހޫމު މައިންބަފައިންގެ ހަނދާންތަކުން އަސަރުކުރިކަން އެނގުނެވެ.
ޖުމާނާ ވެސް ހިމޭންވެއްޖެ އެވެ. ސައިފް އެ ބުނީ ދޮގު ވާހަކައެއް ނޫނެވެ. މި ޒަމާނަކީ މީހެއްގެ ގޮތެއް އެނގޭ ޒަމާނެއް ނޫނެވެ.
"ކޯއްޗެއް ތި ވިސްނަނީ ޖުމާ؟ އަހަރެން ވަރަށް އިތުބާރު ކުރެވޭތީއޭ ޖުމާއަށް މިވަރުގެ ހުށައެޅުމެއް ހުށައެޅީ. އަދިވެސް ގަބޫލުކުރަން ދަތިވަންޏާ އަހަރެން ބުނެފާނަން އަދި ކުރިން ދުވަހަކުވެސް ނުބުނާ ވާހަކައެއް..." ސައިފް ހިމޭންވި ގޮތުން ހީވީ ޖުމާނާގެ ސަމާލުކަން އަތުލަންވެގެން ކުރިކަމެއް ހެންނެވެ.
"ކޮން ވާހަކައެއް؟" ޖުމާނާއަށް ސުވާލުނުކޮށެއް ނުހުރެވުނެވެ.
"ތީ އަހަރެންގެ ފަސްޓް ކްރަޝް..." ސައިފް ހިނިތުންވެލިކަން އަޑުން އެނގުނެވެ.
ޖުމާނާގެ މެއަށް ފިނިވެލި އެވެ.
"އޯހ ޝަޓްއަޕް... ތިވަރަށް ދޮގުނުހެދިއަސް ހެވޭ،" ޖުމާނާ ގާތަށް ވެސް ހިނިއަ އެވެ.
"އޭ އަސްލު ވާހަކައެކޭ މީ. ދެން ބުނޭ އަހަރެންގެ ޕްރޮޕޯސަލްއާ މެދު ވިސްނާނަމޭ." ސައިފްއަށް ފުރަތަމަ ފަހަރަށް އުންމީދު އާވި އެވެ. އެ ދެމެދުގައި އޮތް ފާރުން ކުޑަ ތަންފުކެއް ވިއަސް ހަނިވިކަމުގައި ހިތް ބުނެލި އެވެ.
"ހޫމ،" ޖުމާނާ ފޯނު ކަނޑާލުމުގެ ކުރިން އިއްވައިލި އެވެ.
- ނުނިމޭ -
ކޮމެންޓް (1)
ފިޒާ