ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

17 ޑިސެމްބަރު 2023
1

އެޕިސޯޑް 7

"މޫނު ބުރުގާ އަޅައިގެން އެހެން މީހުންގެ ލޯމައްޗަށް މާ ރަނގަޅު މީހަކަށް ހެދިގެން މިހާރު އެއީ ދެން ކުރާ ކަމަކީ. ޅަ ފިރިހެންކުދިން ގެންގުޅުން،" ސައިފްއަށް ފަސްދެވުނު އިރަށް ޖުމްނާގެ ފަހަރި ފެށި އެވެ.

ސައިފްއަށް ހީވީ މޫނުމަތީ ވީއްލާލި ހެންނެވެ. މަޑުޖެހިލާފައި ވެސް އޭނަ އަވަހަށް އެ ގެއިން ނިކުމެގެން ދިޔައީ އެވެ. އިތުރަށް ދެ ދުވަސް ވެގެންދިޔައިރު އޭނަ އަލްޔާ އަލުން ޓިއުޝަނަކަށް ނުފޮނުވި އެވެ. އަލްޔާ ސުވާލުކުރީ ފުރަތަމަ ދުވަހު އެކަންޏެވެ. ޓިއުޝަން ނޯންނަނީހޭ އެހުމުން އޭނަ ހަމައެކަނި "ހޫމ" އަކުން ފުއްދާލި އެވެ. އަލްޔާ އުފަލުން ފެށީ ކުޅޭށެވެ. ހަފްތާބަންދާ ދިމާވުމުން ދެ ދުވަސް ހަތަރު ދުވަހަށް ބަދަލުވި އެވެ

ދެން އައި ދުވަހު ވެސް އަލްޔާއެއް ނަ އެވެ. ޖުމާނާ ކަންބޮޑުވެގެން މެސެޖުކޮށްލީ އަލްޔާ ބަލީތޯ އެވެ.

ސައިފްއަށް ދޮގުހަދާކަށް ނުކެރުނެވެ. އެހެންވެ އެ މެސެޖު ނުފެންނަ ކަމަށް ހަދައިލީ އެވެ. ފިހާރައިގައި އޭނަ އުޅުނީ އަލަށް ގެނައި މުދާތަކެއް ސްޓޮކަށް ލުމުގެ މަސައްކަތުގަ އެވެ. ކޮންމެވެސް އެކަކު ބްރޭކަށް ދާ ގަޑިއާ ޖެހުމުން މަސައްކަތް މެދުކަނޑާލައިފައި ގޮސް ކައުންޓަރު ކައިރީ ހަމަޖެހިލި އެވެ. ޖުމާނާ ފިހާރައަށް ވަނީ އެ ގަޑީގަ އެވެ. އެކީގައި ބިލާލް ވެސް ހުއްޓެވެ

ސައިފްގެ ހިތް ތެޅެން ފެށި އެވެ. އިތުރު ކުއްޖަކު ނެތުމުން އެތަނުން ދެވޭކަށް ވެސް ނެތެވެ. އެކަމަކު ފިލައިގެން އުޅޭނީ ވެސް ކިހާ ދުވަހަކު ހެއްޔެވެ؟

ކާޓަށް ދެތިން އެއްޗެއް ލައިގެން ޖުމާނާ އަ އެވެ. ބިލާލް ހުރީ ކާޓުގެ ކައިރިފަށުގައި ހިފާލައިގެންނެވެ. ސައިފް ފެނިގެން ބިލާލްގެ މޫނަށް ހިނިތުންވުމެއް ވެރިވި އެވެ.

"ބިލާލް ކިހިނެއް؟" ސައިފް ލޯތްބާ އެކު ވާހަކަދެއްކި އެވެ.

ޖުމާނާ ގެނައި އެއްޗެއްސާ ހަވާލުވެ އަގު ހަދަމުންދިޔައިރު އޭނަ އެ މޫނަކަށް ނުބަލަ އެވެ.

"އަލްޔާއަށް ކިހިނެއްވީ؟" ބިލާލް ޖަވާބުދީ ނިމުނު ފަހުން ޖުމާނާ ސައިފް ކުރެން އެހި އެވެ.

"އަލްޔާއަށް ކަމެއް ނުވޭ." ސައިފް ކުށްވެރިއަކު ފަދައިން ޖުމާނާގެ މޫނަށް ބަލައިލި އެވެ.

ޖުމާނާ ހުރީ އިތުރު ތަފްސީލަށް އެދިއެދި އެވެ. ސައިފް ފަސްޖެހުނުތަން ދެކެފައި އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ.

"އަހަރެންގެ ފުށުން ގޯހެއް ހެދުނު ކަމަށްވަންޏާ މާފަށް އެދެން." ޖުމާނާއަށް ވިސްނުނު ގޮތަކީ އެއީ އެވެ.

"ނޫން ނޫން. އެކަހަލަ ކަމެއް ނޫން..." ސައިފް އަވަސް އަވަހަށް ދެކޮޅުހެދި އެވެ.

ޖުމާނާއަށް އެއިން ދޭހަ ކުރަންވީ މާނައެއް ނޭނގުނެވެ.

"އަހަރެން ގުޅާނަން،" އެހެން މީހަކު ވަންނަތަން ފެނުމާ އެކު ކޮތަޅު ޖުމާނާ އަތަށް ދެމުން ސައިފް ބުނެލި އެވެ.

އެ ދެމައިން ނިކުމެގެން ދާތަން ބަލަން ހުރެފައި ސައިފް ގޮނޑިއަށް ވެއްޓިގަތެވެ. އޭނައަށް އިސްތަށިގަނޑުގައި އެއް ފަރާތުން ހިފާ ވާންކޮށްލެވުނެވެ. އޭނައަށް މި ވަދެވުނީ ކިހާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ހެއްޔެވެ؟ ޖުމާނާ ކައިރީ އޭނަ އެ ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ފަހަރި އާއި މައިދައިތަގެ ވާހަކަ އަހައިގެން އެ ގޭތެރޭ އުފެދޭ އިތުރު މައްސަލަތަކެއްގެ ސަބަބަކަށް ވާކަށް ނޭދެ އެވެ. ކޮންމެ ގޮތަކަށް އެމީހުން ކަންތައް ކުރިއަސް އެ ދެމައިން ތިބީ އެމީހުންގެ ބެލުމުގެ ދަށުގަ އެވެ.

***

"ކީއްކުރަން މާލެ ދަނީ؟" ސައިފް އެހި އެވެ.

ޖުމާނާ އިނީ އަލްޔާއާ މަސައްކަތެއް ހަވާލުކޮށްގެން ކައިރީގަ އެވެ

ގެންގޮސް ގެންނަން އުނދަގޫވުމުން ހުއްޓާނުލާ ރީތިކޮށް ބުނި ނަމައޭ ކިޔާފައި ޖުމާނާ އެ ރޭ އައީ ބިލާލް ވެސް ގޮވައިގެންނެވެ. ބިލާލް އާކިފްއާ އެކު ދިޔައީ އަލްޔާ ނިމެންދެން، އެ ކޮޓަރިއަށް ކުޅެލާށެވެ. އިތުރު ބަހަނާއެއް ނެތި ސަލާމަތްވާން އޮތުމުން ސައިފް އިތުރު އެއްޗެއް ނުބުނެ ޖުމާނާ އެގޮތަށް ވިސްނަން ދޫކޮށްލީ އެވެ. އެހެންނޫނަސް އޭނަ ފަދައިން ޖުމާނާ ވެސް ޓިއުޝަން ހުއްޓައިލަން ނޭދޭ ފަދަ އެވެ. ލިބޭ އާމްދަނީގެ ކުޑަ މިންވަރެއް ވިއަސް ހުއްޓިއްޖެ ނަމަ ޖުމާނާ ކަހަލަ އެކަނިވެރި މައަކަށް އޭގެ އަސަރު ފޯރާނެ އެވެ.

"ތިމާގެ ކުއްޖެއްގެ ވެޑިންއަށް،" ސައިފް އައިސް އިށީންނަމުން ދިއްކޮށްލި ކޮފީ ތަށީގައި ހިފާފައި ޖުމާނާ ޖަވާބު ދިނެވެ.

އަނެއް ތަށި ހިފައިގެން ސައިފް އިށީނދެލީ އެތާ ހުރި އެހެން ގޮނޑިއެއްގަ އެވެ.

"އަހަރެމެން ކުޑައިރު އަމީރާއްތަމެންގެ ފެމެލީ އާދެއެއްނު ބައެއް ފަހަރު ބޮޑު ޗުއްޓީއަށް؟" ޖުމާނާ ހަނދާންކޮށްދިނެވެ.

ސައިފް ހަނދާންވެގެން ބޯޖަހައިލި އެވެ.

މަންމަ އާއި އަމީރާއްތައާ އެއީ ދެބެއިން. މަންމަ ނިޔާވި ފަހުން އެމީހުން މިކޮޅަކަށް ނާދޭ. އެކަމަކު އަހަރެން ކައިރީ ވަރަށް ބުނާނެ ދާން،" ޖުމާނާ އޮޅުންފިލުވައިދިނެވެ.

"އައި ރިމެމްބާ ޔޯ ކަޒިން..." ސައިފްގެ ހަނދާނާ ގުޅުނު ކަމަކުން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ.

"އަހަރެންގެ ބައިވަރު ކަޒިން ތިބޭ. އެތަނުން ކާކު؟" ޖުމާނާ ފާޑަކަށް ބަލައިލި އެވެ. ސައިފް ނުބުނަނީސް ވެސް އިވެން އޮތް ވާހަކައާ ދޭތެރޭ އޭނައަށް ޝައްކުވި އެވެ.

ސައިފް ހިނިގަނޑެއް ޖަހާލައިފައި ދުރު ބަލައިލި އެވެ. ޖުމާނާގެ ދެބެއިންގެދެދަރި ތިން ފިރިހެންކުދިން އެ ގޭގައި އުޅޭއިރު އެތަނުން އެކަކީ ޒުބައިރު އެވެ. ކުޅޭއިރު އެ ދެ މީހުން އަބަދުވެސް ވާނީ އިނދެގެން އުޅޭ ދެމަފިރިންނަށެވެ. ބޮޑުވެގެން ދެމީހުން ކައިވެނިކުރާނެ ވާހަކަ ނިކަން ފަހުރުވެރިކަމާއެކު ކިޔާނެ އެވެ.

"އޭނަގެ ކޮއްކޮގެ ވެޑިންއަށް މިދަނީ،" ޖުމާނާ ވެސް ޒުބައިރުގެ ނަން ނުކިޔާ އޮޅުންފިލުވައިދިނެވެ.

"އޭނަ މީހަކާ އިނދެގެންތަ؟" ސައިފްއަށް އަހައިލެވުނެވެ.

"އުނހު." ޖުމާނާ އިތުރު ތަފްސީލު ނުދީ އަލްޔާގެ ފޮތަށް ސަމާލުކަން އަނބުރައިލި އެވެ.

ސައިފް ކޮފީ ބޯން އިނދެގެން ވިސްނަން ފެށި އެވެ. މާލެ ދާތަނުން ގެއަށް އައިސްގެން ނުވާނެ ކަމަށް ބުނެފިއްޔާ ޖުމާނާ އެކޮޅުގައި މަޑުކުރާނީ އެވެ. އަދި ޒުބައިރު ހުރީ ހުހަށް ކަމަށް ވަންޏާ ޖުމާނާ ކައިރީ އިންނަން ވެސް އަހައިފާނެ އެވެ. ދެބެއިންގެދެދަރި ކުދިންގެ ކައިވެންޏަކީ ރާއްޖޭގައި އާންމު ކައިވެންޏަކަށް ނުވިއަސް އަމީރާއްތަގެ އާއިލާއަކީ ތަންކޮޅެއް ތަފާތު ގޮތެއް ގެންގުޅޭ ބައެއްކަން އޭނައަށް އެނގެ އެވެ.

"އެމީހުން ނުކިޔާތަ އެކޮޅަށް ބަދަލުވާކަށް؟" ސައިފް އިރުކޮޅަކުން އެހި އެވެ.

ޖުމާނާ ބަލައިލީ އެ ކިޔާ އެއްޗެއް ދޭހަނުވެފައި ބަލައިލާ ފަދަ ނަޒަރަކުންނެވެ

"މިކޮޅުގައި އެކަނި އުޅޭތީ،" ސައިފް ބުނެދިނެވެ.

"ކިޔާނެ ވަރަށް،" ޖުމާނާ ހިނިތުންވެލި އެވެ.

ފޯނު ރިންގް ވާން ފެށުމުން ސައިފް ތެދުވެގެން ދިޔަ އެވެ. އައްޔަ ފުރީ ހެނދުނުގެ ވަގުތެއްގަ އެވެ. ހަފްތާއެކޭ ކިޔާފައި ތަންކޮޅެއް އަވަހަށް ދާން ޖެހުނީ އެވެ. ސައިފް ފޯނު ނަގައިގެން ދަމުން އެއް ފަހަރު އެނބުރި ޖުމާނާއަށް ބަލައިލި އެވެ. ދުރަށް ދެވުމުން އޭނަގެ ހިތުގައި އޮތް ވާހަކަ އެކުވެރިޔާއާ ހިއްސާކުރަން ބޭނުންވި އެވެ.

***

ޖުމާނާ ފުރަން އޮތް ދުވަހު ސައިފް ހުރީ ނިކަން ހާސްވެފަ އެވެ. އެއް ފަހަރު އޭނަގެ ވިސްނުން އެއް ކޮޅަކަށް ދިޔައިއްޔާ އަނެއްފަހަރު އަނެއް ކޮޅަށް ބަދަލުވެ އެވެ. އެކުވެރިޔާ ދެއްކި ވާހަކަތައް ވެސް އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔަ އެވެ.

"އަހަރެން އެހާ ސީރިއަސްވެފައެއް ނޫން އެ ދުވަހު އެހެން ބުނީ. އެކަމަކު ސީރިއަސްކޮށް ވިސްނަންޏާ އުމުރު ދޮށިވުމަށް ވުރެ ސައިފް މިހާރު ތިހުރި ހާލަތަށް ބަލާފައި އެކީގައި އުޅެން ފަސޭހަވާނެ ޕާޓްނާއެއް ހޮވަންޏާ އެ ކުއްޖާ ރަނގަޅު. އެކަމަކު ވެސް އޭނަ ކައިރީ އިންނަން އެހުމުގެ ކުރިން ހަނދާން ކުރާތި ދިރިއުޅުމުގެ ބޮޑު ނިންމުމެއް ކައިވެންޏަކީ. ކަމުނުދިޔައީމަ ފަސޭހަފަސޭހައިން އަތްދޫކޮށްލެވޭނެ ކަމެއް ނޫން. އޭނައަކީ ވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކުއްޖެއްކަން ސައިފްގެ ވާހަކައިން އެނގުނީ. އެހެން އެކަން އޮއްވާ އޭނަ ވަރިކޮށްފަ އެއްލާލުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން..." އައްޔަ ތަޖުރިބާކާރެއްހެން އެ ރޭ ވާހަކަދެއްކި އެވެ.

"ގުޅުމެއް ނުވެސް ފަށަނީސް އަހަރެން ބިރުގަންނަވަންވެގެންތަ ވަރިއޭ ތި ކިޔަނީ؟ އޭނައަށް ވުރެ ބޮޑަށް އަހަންނަށޭ އޭނަގެ ބޭނުންޖެހިފަ އޮތީ. އޭނަ އެއްބަސްވެއްޖެއްޔާ އަހަރެން އޭނަ ދޫކޮށެއްނުލާނަން،" ސައިފް އަމިއްލަ ދިފާއުގައި ބުންޏެވެ.

އެކުވެރިއެއްގެ ސައިކަލު ފަހަތުގައި ބަނދަރާ ދިމާއަށް ދިޔައިރު ސައިފްގެ ދެ ލޯ ހޯދަމުންދިޔައީ އެންމެ މޫނެކެވެ. ޖުމާނާގެ މޫނެވެ. އެތާ ހަދާފައި ހުރި މައިޒާން ދޮށުގައި މަޑުކޮށްގެން ރައްޓެހިންނާ އަނގަތަޅައިލަން ތިބެފައި ފަހަރަކު މީހަކު ފޯނަށް ގެއްލުމުން އޭނަ ވެސް އަމިއްލަ ދުނިޔެއަކަށް ގެއްލުނެވެ.

މީހުން ކިޔާނެ އެއްޗިއްސާއި މުޅި އުމުރު ލޯބިނުވާ މީހަކާ އެކު އުޅެން ޖެހުމުން އުފުލަން ޖެހިދާނެ އުނދަގޫ ހިތަށް އެރި އެވެ. އެކަމަކު ބޭނުންވާ ފަރާތަކީ އޭނައަކީ އުޅޭ މީހެއްކަން ވެސް ހަނދާންވާ ކުއްޖެއް ނޫނެވެ. އަމުދުން ޅަކުއްޖަކު އަމިއްލަ ދިރިއުޅުމަށް ގެނެސްގެން އޭނަގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ލުއިވުމުގެ ބަދަލުގައި ޒިންމާ ބޮޑުވެދާނެ އެވެ. ޖުމާނާ އަކީ އޭނަގެ ކޮއްކޮމެނަށް އާ މޫނެއް ނޫނެވެ. އެކުދިންނާ އެކުވެރި ގުޅުން ބޮޑު ކުއްޖެކެވެ. އެކުދިން ތަރުބިއްޔަތު ކުރަން އެއަށް ވުރެ ރަނގަޅު އެހެން މީހެއް އޭނަގެ ވިސްނުމަކަށް ނަ އެވެ.

ޖުމާނާ ފުރަން ދާންވެގެން އެހެންލާފައި ގޮސް ވާޓަރު މައްޗަށް ހުއްޓުނުއިރު ސައިފް ގޮތެއް ނިންމައިފި އެވެ. އޭނަ އެ ދިމާއަށް ގޮސް ޖުމާނާގެ ފޮށްޓާއި ބިލާލްގެ ދަބަސް ލޯންޗަށް އަރުވައިދިނެވެ. ބިލާލް އަރުވައިދީފައި ޖުމާނާއާ ދިމާއަށް އެނބުރުނު އިރު އެ ލޯންޗުން ދާ އެހެންމީހުން އަރަނީ އެވެ. އެވަގުތު ބިލާލް އުރާލީ އެތެރޭގައި އިން އެހެން އަންހެނެކެވެ.

"ޖުމާ!" ސައިފް ގޮވާލި ގޮތުން ޖުމާނާގެ ސަމާލުކަން ލިބުނެވެ. އެއީ ސައިފް އޭނައަށް ގޮވާއުޅޭ ނަމެއް ނޫނެވެ.

"އެހާ ލަސްނުކޮށް އަންނާތި. އަހަރެން އިންތިޒާރުކުރާނަން،" ސައިފް ހިނިތުންވެލި އެވެ.

ޖުމާނާ ހައިރާންވެފައި ހުއްޓާ އޭނަ ފަސްދީ ހިނގައިގެންފައި ގޮސް ސައިކަލުމަތީ އިން އެކުވެރިއެއްގެ ފަހަތަށް އަރައި ކުރިއަށް ދާން އެދެފި އެވެ. ފަސްއެނބުރި ބަލައިނުލިއެއްކަމަކު ހިތް އޭގެ ބާރުމިނުގައި ތެޅެމުންދިޔަ އެވެ.

"ދެން ދުވަހަކުވެސް އަހަންނާ ތިކަހަލަ ސަމާސަ ނުކުރާތި. ނޮޓް ފަނީ،" ގެއަށް ނުދެވެނީސް ޖުމާނާގެ މެސެޖެއް އަ އެވެ

އެ ކިޔާފައި ސައިފް މާޔޫސްވި އެވެ. ޖުމާނާ ހީކުރީ އޭނަ ސަމާސާކުރަނީ ކަމަށެވެ. އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. އޭނަގެ އުމުރުގެ ޒުވާނަކު، އިނދެ ހުވަފަތްވެފައި ހުރި އުމުރުން ދޮށީ މީހަކާ އިންނަން ހިތަށްއަރައިފާނެ ކަމަށް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ 

"އައިމް ސީރިއަސް. ވެން ޔޫ ކަމް ބެކް، އައި ވޯންޓު ޓު މެރީ ޔޫ،" ސައިފް ވިސްނާލައިފައި ޖަވާބު ފޮނުވި އެވެ

އޭގެ ފަހުން ޖުމާނާގެ ހަބަރެއް ނުވެ އެވެ.

***

ކައިވެނިކުރަން ބޭނުން ވާހަކަ ހާމަކޮށްފައި ރައްޔާން ދިޔަ ފަހުން ވީ އެންމެ ދުވަހެކެވެ. އަނެއް ދުވަހު އެ ގެއަށް ބައްދަލުކުރަން ދާން މުޅި އާއިލާއަށް ދައުވަތު އަތުވެއްޖެ އެވެ. ހައިދަރު ހީވަނީ އެހެން މީހަކު ހެންނެވެ. ހިނިއައިސްފައި އެންމެންނާ ވާހަކަދެއްކި އެވެ. އެއްވެސް ތަޅާފޮޅުމެއް ޒުވާބެއް އެ ދުވަހު ގެއަކު ނުހިނގަ އެވެ. އެމީހުން ބަލާ ކާރު އައީ ދިހައެއް ޖަހާކަށްހާއިރެވެ. މެންދުރުގެ ކެއުން އެ ގޭގައި ހަމަޖެހިފައި ހުންނާނެ ވާހަކަ ކުރިއްސުރެ އަންގައިފި އެވެ.

އުމާމާގެ ހިތް ހިނދުކޮޅަކަށް ވެސް މައިތިރިއެއް ނުވެ އެވެ. އެ ގެއަށް އޭނަ އެ ދަނީ ހާދަ ދުވަހެއް ފަހުންނެވެ. އިރެއްގައި އޭނަ ގިނަ ވަގުތު ހޭދަކުރި ގެއަކީ މިއަދު ބީރައްޓެހި ތަނެކެވެ.  

- ނުނިމޭ -

ކޮމެންޓް (1)

ޒާނާ

17 ޑިސެމްބަރު 2023
ވަރަށް ރީތި މިބައިވެސް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް