ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

14 ޑިސެމްބަރު 2023
1

އެޕިސޯޑް 6
އަންގާރަ ދުވަހުގެ ބަޔާ ގުޅޭ

"އެންމެ ރަނގަޅު. އެހެންވިއްޔާ އަހަރެން އެ ގަޑިއަށް އަލްޔާ ތިގެއަށް ގެންގޮސްދިނިއްޔާ ވާނެތަ؟ އަހަރެން ދާނަން ނިމޭ ގަޑިއަށް ބަލާ ވެސް. ޕްރޮމިސް،" ސައިފް އާދޭހާ އެކު އެދުނެވެ.

ޖުމާނާ އިރުކޮޅަކު ވިސްނައިލަން ހުއްޓެވެ. ދެން ބޯޖަހާލައިފި އެވެ.

ސައިފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ޖުމާނާ އެނބުރި ދާން ފެށުމުން އޭނަ ވެސް މަސައްކަތަށް އެނބުރުނެވެ.

ޓިއުޝަން ނިމުމަށްފަހު ވެސް ކުރާނެ އެތައް މަސައްކަތެއް ހުއްޓެވެ. ކޮއްކޮމެނަށް ކާންދީ ކުރިއަށް އޮތް ދުވަހުގެ ފޮތްތައް ދަބަހަށް އެޅުމެވެ. އިތުރަށް ގެންދަންޖެހޭ އެއްވެސް އެއްޗެއް އޮތްތޯ ބަލައި އެ އެއްޗެއް ގަނެގެން ގެނައުމެވެ. މާޒް އެ ގަޑީގައި ގޭގައި ހުރުމަކީ ނަސީބެކެވެ. ޓީވީ ދޫކޮށްލާފައި ނިދަން ދާން އެއްބަސްވީ އެތައް ފަހަރަކު ކިޔައިގެންނެވެ. ދެން ފެށީ ބާކީ ހުރި ދޮވުނު އެއްޗެހި ހިއްކަން ހަރުގައި ފެތުރުމުގެ މަސައްކަތެވެ. ބަދިގެ ސާފުނުކުރިއަސް ސިންކުގައި ހުރި ތަށިތައް ދޮވެ ހިއްކަން ބެހެއްޓި އެވެ.

ހަށިގަނޑަށް އަރާމު ބޭނުންވެފައި ހުރި ވަރުން ސޯފާގައި ޓީވީ ހުޅުވައިގެން އޮށޯތްތަނާ ނިދިއްޖެ އެވެ.

"ދަރިފުޅާ! ކީއްވެ ތިތާ ނިދަން ތިއޮތީ؟ ކޮޓަރިއަށް ދާންވީނު!" ސައިފްއަށް ލޯ ހުޅުވައިލެވުނީ މަންމަގެ އޯގާތެރި އަތުން އެ އިސްތަށިގަނޑުގައި ފިރުމަމުން ދަނިކޮށެވެ.

"މަންމާ!" ހައިރާންވެފައި އޭނައަށް ގޮވާލެވުނެވެ.

މަންމަ ލޯބިން ފުރިގެންވާ ބެލުމަކުން އޭނައަށް ބަލަން ދާދި ކައިރީގައި ހުއްޓެވެ. އެ މޫނުގައި ދިރުމެވެ. ހިނިތުންވުމެވެ. ދުވަސްތަކެއް ކުރިން ކަނޑުން ނަގައިގެން ގެނައި ފުރާނަނެތް މަސްގަނޑުން ފެނުނު ފަދަ ޒަހަމެއް ފޯކަމެއް ނެތެވެ. އެކަމަކު އެހެންވާންވީ ކީއްވެ ހެއްޔެވެ؟

"މަންމާ!" ސައިފްއަށް ބޭއިހުތިޔާރުގައި ތެދުވެ މަންމަގެ ގައިގައި އޮޅުލައިގަނެވިއްޖެ އެވެ.

އޭނަގެ ދެ ލޯ ފުރިގެން ކަރުނަ އަތުވެއްޖެ އެވެ. މަންމަގެ ހަށިގަނޑު ވެސް ހޫނެވެ. ތެތްކަމެއް އަދި ފިނިކަމެއް ވެސް ނެތެވެ. އެއީ ހުވަފެނެއް ނަމަ އެ ހަށިގަނޑު ހޫނެއް ނުވާނެ އެވެ. މަންމަގެ ބީހުން އެހާ ހަގީގަތަކާ އެއްގޮތެއް ނުވާނެ އެވެ.

ފޯނު ރިންގް ވާން ފެށި އަޑާ އެކު ސައިފްއަށް ފުންމައިންގެން ތެދުވެވިއްޖެ އެވެ. ވަށައިގެން ހޯދައިލެވުނީ މަންމަ ކޮބައިތޯ އެވެ.ފެންނަ ހިސާބުގައި ހުރިތޯ އެވެ. މަންމާއޭ ކިޔާފައި އެ ނަމުން ގޮވާލެވުނެވެ. ދެވަނަ ސިކުންތުގައި ދެ ލޯ ފުރިގެން ކަރުނަ އަތުވެއްޖެ އެވެ. މުޅި ދުނިޔެއިން އޭނަ އެންމެ އެންމެ ލޯބިވި ދެ މީހުންގެ ވަކިވެދިއުމާ މެދު ހިތާމަކޮށްލާނެ ވަގުތު ވެސް ނުލިބި އޭނައަށް ޖެހުނީ އާއިލާއެއް ބަލަހައްޓާށެވެ. ކޮއްކޮމެންނަށްޓަކައި، ނެތް ހިތްވަރު ކަށިން ނެރެގެން ދިރިއުޅުމާ ކުރިމަތިލާށެވެ. އެންމެ ޒުވާން އުމުރުގައި ހަރު މީހަކަށް ވާށެވެ. ތިމާގެ މީހުން ތިއްބަސް އެންމެންނަކީ ވެސް އަމިއްލަ ދިރިއުޅުމުގައި އަވަދިނެތި އުޅޭ ބައެކެވެ. ކުރަންޖެހޭ ހަރަދުތަކުން އަރައިނުގަނެވިގެން އުޅޭ ބައެކެވެ.

ކަރުނަ ފުހެލާފައި ސައިފް ފޯނަށް ބަލައިލީ އެއް ފަހަރު ކެނޑިފައި ދެވަނަ ފަހަރު ރިންގްވާން ފެށީމައެވެ.

ސްކްރީނަށް އަރާފައިވާ އެކުވެރިޔާގެ ނަން ފެނުމުން އޭނައަށް ކުޑަކޮށް ހަމަޖެހިލެވުނެވެ. އެކަމަކު އެ ގަޑީގައި އައްޔަ އެ ގުޅަނީ ކީއްކުރަންކަމެއް އޭނައަކަށް ނޯޅެ އެވެ. މާލެ ދޫކޮށް އައި ފަހުން އެންމެ ގިނައިން އޭނައަށް ގުޅާ ހާލު ބަލާ އެކަކަށް އައްޔަ ވާނެ އެވެ. ރަށުގައި ތިބޭ އެކުވެރިންގެ ޝަކުވާއަކީ ކުރިން އުޅުނުހެން އެމީހުންނާ އެކު ބޭރަށް ނުދެވުމެވެ. އެކަމަކު ގޭގައި ތިބޭ ކޮއްކޮމެން ދޫކޮށްފައި ގޮސް ރޭގަނޑު ބޭރުގައި އުޅެން ސައިފް ފަސްޖެހެ އެވެ. ދެ ރެއަކު ތިމާގެ މީހަކު ގެނެސް ގޭގައި ބައިންދާފައި ދިޔަ އެވެ. ފަހުން ގެންނަންވެގެން އަހާލާއިރަށް ކޮންމެ މީހަކު ވެސް ދައްކަނީ ކޮންމެވެސް ބަހަނާ އެކެވެ. އޭނަ އެހެންވެ ފަހުން ރޭގަނޑު މަސައްކަތަކަށް ނޫން ގޮތަށް ބޭރަށް ދިއުން ހުއްޓައިލި އެވެ. މަސައްކަތަށް ވެސް ނިކުންނަނީ އެންމެ ލަސްވެގެން ރޭގަނޑު އަށަކަށް ނިމޭ ޑިއުޓީއެއް ނަމަ އެވެ. އެކީގައި މަސައްކަތްކުރާ ކުދިންނާއި ބޮޑުމީހާގެ އިހްސާންތެރިކަން އަދާކޮށް ނުނިމޭނެ އެވެ.

ފޯނު ނެގުމުން އައްޔަ ދިން ހަބަރަކީ މަސްދުވަސް ތެރޭގައި ކިޔަވަން މެލޭޝިޔާއަށް ފުރަން އުޅޭ ވާހަކަ އެވެ.

ސައިފްގެ ހިތުގައި ރިއްސައިލި އެވެ. އެއް އިރެއްގައި އޭނަ ވެސް ހަމަ އެފަދައިން އުންމީދުތަކެއް ކުރި އެވެ.

"މަރުހަބާ،" ސައިފް އެކުވެރިޔާއަށްޓަކައި ހިނިތުންވެލި އެވެ.

"އެކަމަކު ދިއުމުގެ ކުރިން ހަފްތާއަކަށް ތިކޮޅަށް ޖައްސާލަން އެބަ ވިސްނަން. އަހަންނަށް ތި ގޭގައި ހުރެވޭނެ ދޯ؟" އައްޔަ ދެން ދިނީ ސައިފްގެ ހިތަށް ފިނިކަން ގެނެސްދިން ހަބަރެކެވެ.

"ކީއްވެ ނުހުރެވެންވީ؟ އަވަހަށް އާދޭ،" ސައިފް އެކުވެރިޔާއަށް ދައުވަތުދިނެވެ.

***

އައްޔަ ރަށަށް އަންނަން އޮތް ދުވަހެވެ. ނާސްތާގެ ކަންކަން ނިންމާފައި ޑިއުޓީއަށް ދާންވެގެން ސައިފް ތައްޔާރު ވަނިކޮށް ގޭގެ ދޮރުފަތުގައި ޓަކި ދިނެވެ. ކޮޓަރި ދޮރު ހުޅުވާފައި ހުރުމުން އޭނައަށް އެ އަޑު ރީތިކޮށް ލިބުނެވެ. ސައިފްއަށް އެނބުރެވެން ވާއިރަށް އަލްޔާ ދުވެފައި ގޮސް ދޮރު ހުޅުވައިފި އެވެ. ޖުމާނާ އާއި ބިލާލް ފެނިގެން ސައިފް ވެސް އެ ދިމާއަށް ދާން ނިކުތެވެ.  

އޭނަ އެ ހުންނަނީ ހަނދާން ނެތިފަ އެވެ. ސުކޫލް ބަންދުވާ ދުވަހު ބިލާލް އެ ކުދިންނާ އެކު ކުޅެން ގެންނަން ޖުމާނާ ހުއްދައަށް އެދުނުތާ ދެ ދުވަހެއް ވެއްޖެ އެވެ.

ބިލާލް ކުރިން ވެސް އެ ގެއަށް ކުޅެން އައިސް އަލްޔާމެނާ ގުޅުން އޮވެ އެވެ. ސައިފް އުފަލާ އެކު މަރުހަބާ ކި އެވެ. ހަވީރު އޭނަ ނިމިގެން އަންނަންދެން ކުދިވެރިން ތިބޭނީ ގޭގައި އެކަންޏެވެ. މާޒްއަކީ އެއް އިރު ގޭގައި އުޅުނިއްޔާ އަނެއް އިރު ނިކުމެގެން ދާ ކުއްޖެކެވެ. ހަވީރު ވަންދެން އަދި މަޑުނުކުރިއަސް ގަޑިއެއްހާއިރު ނަމަވެސް ބޮޑު މީހެއްގެ ބެލުމުގެ ދަށުގައި އެ ކުދިން ތިބެންޏާ އޭނަ ހިތްހަމަޖެހޭނެ އެވެ. ސައިފް ފަހުން ހަދާ ގޮތަކީ އިތުރު ފޯނެއް ދީފައި ދޮރު ތަޅުލައިފައި ދަނީ އެވެ. އޭނަ އައިސް ގޮވީމަ ނޫނީ އެ ކުދިން އެހެން މީހަކަށް އެ ދޮރެއް ނުހުޅުވާނެ އެވެ.

އަނެއްކޮޅުން ޖުމާނާއަށް އޭނަ އިތުބާރު ކުރެ އެވެ. އެއީ ހަމައެކަނި އަލްޔާގެ ޓިއުޝަން މިސްއެއް ނޫނެވެ. މާކުރިއްސުރެ އޭނަ ޖުމާނާ ދަނެ އެވެ. އުމުރުން އޭނައަށް ވުރެ ހަ އަހަރު ދޮށްޓަސް އަވަށު ކުއްޖެއްކަމުން ކުޑައިރު ކުޅެން އުޅުނީ އެކީގަ އެވެ. ކުދި ލުނބޯ ބިންނަން ދިއުމާއި މަދު ބިންނަން ގަސްގަހަށް އަރާ އުޅުނު ގުރޫޕްގެ ބޮޑެތި ކުދިންގެ ތެރޭގައި ޖުމާނާ ހުންނާނެ އެވެ. އޭނަ އަކީ އެ ގުރޫޕް ފަހަތުލައިގެން އުޅޭ އެންމެ ކުޑަކުދިންގެ ތެރެއިން އެކަކެވެ. ކުޑަކަމުން ނުގެންދަން އުޅުނަސް ބޮޑާހާކައިގެން ވެސް ދާނެ އެވެ.

ޖުމާނާ ދުރުވީ އޭނަ ކިޔަވަން މާލެ ދިޔަ ފަހުންނެވެ. ހަމައެއާއެކު ފުރާވަރަށް އެރުމުން އަނެއް ޖިންސްގެ ކުދިން ދެކެ ލަދުގަންނަން ފެށި ފަހުންނެވެ. ޖުމާނާ ކައިވެނިކޮށްގެން އެ ގޭގައި ކުލަގަދަކޮށް އެ ހަފްލާ ފާހަގަކުރި ދުވަސް އޭނަ އަދިވެސް ރީތިކޮށް ހަނދާން އެބަހުއްޓެވެ. އެއީ ހަމައެކަނި އެ ދުވަހު އަލަށް ބޭނުން ވަރަކަށް ބޯން ސަޖިކޯ ދަޅުތައް ޕާޓީގައި އަތުރާފައި ހުރެގެން އޭގެ ފައިދާ އޭނާ އާއި އެކުވެރިންނަށް ނަގަން ލިބިގެނެއް ނޫނެވެ.

އަންހެން ކުއްޖަކު އޭނައަށް ފުރަތަމަ ފަހަރަށް ރީތިވީ އެ ދުވަހު އެވެ.

ކައިވެނީގެ މަޑު ފިޔާތޮށި ކުލައިގައި ހެދިލައިގެން ހުރި ޖުމާނާ އަކީ ރީތި ކުއްޖެއްކަން އޭނައަށް ފުރަތަމަ ފާހަގަވީ އެ ދުވަހު އެވެ. އެކަމަކު އެއީ ހަމައެކަނި އެ ދުވަހުގެ އެ ވަގުތުކޮޅުގެ "ކްރަޝް" އެކެވެ.

"އައިސްދިނީތީ ޝުކުރިއްޔާ އިނގޭ. ގޭގައި ހުރި އެއްޗެއް ވިއްޔާ ބޭނުން ކުރެވޭނެ. މިހެން މި ބުނީ ބިލާލް ފަހަރެއްގަ ބަނޑުހައި ވެސް ވެދާނެއެއްނު؟" ސައިފް ގޮސް ތަންކޮޅެއް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އެވެ.

"ތިހެން ބުނީމަ ހީވަނީ ސައިފް އެދިގެން އަހަރެން އައިހެން،" ޖުމާނާ ހިނިއައިސްފައި ރައްދު ދިނެވެ.

"ކޮންމެ ގޮތަކަށް ވާހަކަދެކެވުނަސް އަސްލު ބޮޑަށް ފައިދާ އޮތީ އަހަންނަށޭ،" ސައިފް ޖީބަށް އަތް ޖަހައިލި އެވެ.

އަލްޔާ އެ ވަގުތު ބިލާލްގެ އަތުގައި ހިފައިގެން ފެންޑާއާ ދިމާއަށް ގެންދަން ފެށުމުން ޖުމާނާ ވެސް އެމީހުން ފަހަތުން ދިޔަ އެވެ. ސައިފް އެނބުރި ހުރެގެން އެމީހުން ދާ ތަން ބަލައިލާފައި ގަޑިއަށް ނަޒަރެއް ދިނުމަށް ފަހު ނިކުމެގެން ދިޔަ އެވެ.

***

ހުކުރު ވަގުތަށް ޑިއުޓީ މެދުކަނޑާލާއިފައި ސައިފްއަށް ފިހާރައިން ނިކުމެވުނީ އިއްތިފާގުން އައްޔަ ވެސް އެ ރަށަށް އައިސްގެން ގުޅި ގަޑިއަށެވެ. އެކުވެރިއަކަށް ގުޅާ ސައިކަލު ހޯދައިގެން އޭނަ ބަނދަރަށް ދިޔަ އެވެ.  

ގެއަށް އައިސް ވަންއިރު ކާއެއްޗެއްގެ މީރު ވަސް ހިފާލައިފައި ހުއްޓެވެ. އައްޔައަށް ކޮޓަރި ދައްކަން ވެގެން ދަނިކޮށް ޖުމާނާ ފެނުނީ އަލްޔާގެ ކޮޓަރީގައި އިންދަ އެވެ. މެޓްމަތީގައި ބިލާލް އިނީ ބްލޮކްސްތަކެއް ރާވާށެވެ. ޖުމާނާ އަލްޔާގެ އިސްތަށިގަނޑުގައި ފުނާ އަޅައިދެނީ އެވެ. އާކިފް ބިލާލްއަށް އެހީވަނީ އެވެ.

ސައިފްއަށް ހުއްޓި ހުރެގެން ފަރުވާތެރިކަމާ އެކު އެ މަންޒަރަށް ބަލައިލެވުނެވެ.

"އަހަރެން ކައިރީ ނުވެސް ބުނަމެއްނު މެރީކުރި ވާހަކައެއް؟" އައްޔަ ވާހަކަދެއްކި އަޑަށް ސައިފް ސިހިފައި އެކުވެރިޔާއަށް ބަލައިލި އެވެ.

ބުނި އެއްޗެއްގެ އަޑު ސާފުވިކަމެއް ނޭނގެ އެވެ. އެކަމަކު ވާހަކަދެއްކި އަޑަށް ޖުމާނާ ވެސް އެ ދިމާއަށް ބަލާލައިފި އެވެ. ސައިފް އަވަހަށް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާފައި އެކުވެރިޔާއަށް ހިމޭންވާން އެންގި އެވެ. ސައިފް ފެނިގެން އަލްޔާ ދުވެފައި އަ އެވެ. ސައިފްއަށް ބަލައިލެވުނީ އަލްޔާގެ ބޮލަށެވެ. އެންމެ އިސްތަށްޓެއް ވެސް ވަކިނުވާހެން ރީތިކޮށްހުރީ ފުނާ އަޅައިލާފަ އެވެ.

ހުކުރުން އައިސް މޭޒުމައްޗަށް ކާއެއްޗެހި ނަގަން ސައިފް އުޅުނުއިރު އައްޔަ އައިސް އެހީވި އެވެ. އެމީހުން އައުމާ އެކު ގެއަށް ދާން ޖުމާނާ ނައްޓާލިއަސް އޭނަ ހުރީ އެ ދުވަހުގެ މެންދުރަށް އެމީހުންނަށް ކެވޭނެހެން ކައްކައިދީފަ އެވެ. ކުދިވެރިން ބަލަމުން އަންހެނުން އެ ހުރިހާ ކަމެއް ކުރަނީ ކިހިނެއްބާވައޭ ވެސް ސައިފްގެ ހިތަށް އަރަ އެވެ.

ހިމަ ބަތް ކައްކާފައި ޗިލީ ޗިކަންއާ އެކު އަދި ހުރީ ސެލެޑެއް ވެސް ހަދާފަ އެވެ. ނުވިތާކަށް ބަދިގެ ވެސް ހުރީ ސާފުކޮށް ހުރިހާ ތަށިތަކެއް ދޮވެފަ އެވެ.

"އަހަރެން އައީމަތަ ވައިފް އެ ދިޔައީ؟" ކެއުމުގެ ތެރެއިން އައްޔަ އެހި އެވެ.

"އެއްކަލަ އައްޔަ. ޝީޒް ނޮޓް މައި ވައިފް. އަހަންނަށް ވުރެ ހަ އަހަރު ދޮށިވާނެ އޭނަ،" ސައިފް ކުދިވެރިންނަށް ނަޒަރެއް ދީފައި އެކުވެރިޔާއަށް ބަލައިލި އެވެ.

"ސޯ؟ އުމުރަކީ ހަމައެކަނި ނަންބަރެއްނު. މަގްސަދު ހާސިލްވަންޏާ ދޮށްޓެއް ހަގެއް އޮންނާނެތަ؟ ލުކް އެޓް ޔޫ؟ އުމުރު ހަގުވެގެން ޒިންމާއިން ރެކިގެން ހުރެވުނުތަ؟ އަހަރުމެން ހުރިހާ އެންމެންނަށް ވުރެ ހަރުދަނާ މީހެއްހެން ތި އުޅެނީ މުޅި އާއިލާ ބަލަހައްޓަން،" އައްޔަ ހާމަކުރީ ހަގީގަތެވެ.

ސައިފް އެއްޗެއް ނުބުނެ އެވެ.

"ހޫމ އެނގިއްޖެ. އޭނަ ނޫންވީމަ ދޯ؟" އައްޔައަށް އިރުކޮޅަކުން ވިސްނުނެވެ.

"ކާކު؟" ސައިފް ހެދީ ނޭނގޭ ކަމަށެވެ.

އައްޔަ ފެށީ ހޭށެވެ. ސައިފް މޫނު ހަދާލައިފައި ކެއުން ކުރިއަށް ގެންދިޔަ އެވެ.

***

އަލްޔާ ޓިއުޝަނުން ބަލާ ސައިފް ދިޔައީ ޓިއުޝަން ނިންމާފަ އެވެ. ދޮރާށި ހުޅުވާލައިފައި ވަން އިރު އެ ގޭތެރެއިން ދެ މީހަކު ވާހަކަދައްކާ އަޑު އިވެ އެވެ. އެއީ ކޮން ބައެއްކަން ސައިފްއަށް އެނގުނެވެ. ޖުމާނާގެ މައިދައިތަ އާއި ފަހަރިއެކެވެ. އެތެރެއަށް ވަންނަން އުޅެފައި ސައިފްއަށް މަޑުކޮށްލެވުނީ އެމީހުން އެ ދައްކަނީ ޖުމާނާގެ ވާހަކަކަން އެނގިފަ އެވެ.

"އަޒީމްބެ ނިޔާވި ފަހުން ވެސް މިހާރު ހަ އަހަރު ވީ. ކިހާ ދުވަހަކުތަ އޭނަ މި ގޭގައި އުޅޭނީ؟ މިއޮތް ހަރަދުބޮޑު ޒަމާނުގަ އަހަރުމެންނަށް ވަކި އިތުރު ބަޔަކު ބެލޭތަ؟ ދެން އެ ނަގާ ޓިއުޝަނުން އޭނަ އަމިއްލަ ހަރަދުތައް ކޮށްފަ ގެއަށް އެއްޗެއް ދޭވަރު ވޭތަ؟ އަހަންނަށް ހެޔޮ އަހަރުމެން ރުއްސަން ހަތަރުދަމު ގޭގެ ހުރިހާ މަސައްކަތެއް ނުކުރިއަސް. ނޯކަރަކު ގެނައީމަ އެކަން ކުރެވޭނެ. މަންމަ މިފަހަރު އޭނަ މާލެ ދާއިރު ބުނާތި އެނބުރި އައިސްގެން ނުވާނެއޭ. މި ގެއަށް އައިސް ވަނަ ނުދޭތި!" ފަހަރީގެ ވާހަކަތައް އިވިފައި ސައިފްގެ ހިތުގައި ރިއްސައިލި އެވެ.

ޖުމާނާއާ ދޭތެރޭ އަދި ކުލުނެއް ނެތަސް ބިލާލްއަށް ހިތުގައި ރަހުމް ހުންނަން ވާނެ ނޫން ހެއްޔެވެ؟

އިތުރަށް އެމީހުން ދައްކާ ވާހަކަ އަހަން ނުހުންނަންވެގެން ސަލާމް ގޮވާލުމާ އެކު އެ ވާހަކަތައް ވެސް ހުއްޓިއްޖެ އެވެ. ސައިފް ވަދެގެން ދިޔައިރު ފަހަތުގައި ތިބި ދެ އަންހެނުންގެ ނުރުހުންވެފައިވާ ކަޅިތަކުން އޭނަ ވެސް ސަލާމަތެއް ނުވި އެވެ.

ކޮޓަރި ދޮރުގައި ޓަކި ޖަހާލުމާ އެކު ޖުމާނާ ނިކުތީ އަލްޔާ ގޮވައިގެންނެވެ. ސައިފްއަށް އެ ދެ ލޮލަށް ބަލައިލެވުނެވެ. ޖުމާނާ ހުރީ އަލްޔާއަށް ބަލާށެވެ. އެ ވަގުތު ވެސް އަލްޔާގެ އަތުން ދޫކޮށްނުލަ އެވެ. އަލްޔާ ދައްކާ ކޮންމެވެސް ވާހަކައެއް އަހަމުން ޖަވާބުގައި އާނ ހޫމް ކިޔަމުން ދިޔަ އެވެ.

"ތި އުޅެނީ މާލެ ދާންތަ؟" ސައިފް އަހައިލި އެވެ.

ޖުމާނާގެ ނަޒަރު އެ މޫނަށް ހުއްޓުނީ ދެނެވެ. އޭނަ ހައިރާންވިހެން ހީވި އެވެ. ދެން އިރުކޮޅަކުން ބޯޖަހާލައިފި އެވެ.

ސައިފް އިތުރު އެއްޗެއް ނުބުނެ އަލްޔާގެ އަނެއް އަތުގައި ހިފުމާ އެކު ޖުމާނާ އަލްޔާގެ އަތުން ދޫކޮށްލި އެވެ.

"މޫނު ބުރުގާ އަޅައިގެން އެހެން މީހުންގެ ލޯމައްޗަށް މާ ރަނގަޅު މީހަކަށް ހެދިގެން މިހާރު އެއީ ދެން ކުރާ ކަމަކީ. ޅަ ފިރިހެންކުދިން ގެންގުޅުން،" ސައިފްއަށް ފަސްދެވުނު އިރަށް ޖުމްނާގެ ފަހަރި ފެށި އެވެ.

ސައިފްއަށް ހީވީ މޫނުމަތީ ވީއްލާލި ހެންނެވެ. މަޑުޖެހިލާފައި ވެސް އޭނަ އަވަހަށް އެ ގެއިން ނިކުމެގެން ދިޔައީ އެވެ.

- ނުނިމޭ -

ކޮމެންޓް (1)

ޒާނާ

14 ޑިސެމްބަރު 2023
ވަރަށް ރީތި މިބައިވެސް. ވެއިޓިންގ ފޯ ނެކްސްޓް އެޕިސޯޑް.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް