ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 5
އާދިއްތަ ދުވަހުގެ ބަޔާ ގުޅޭ
އުމާމާ އިނީ ނުތަނަވަސްވެފަ އެވެ. ރައްޔާން އޭނަ އެ ގެނައީ ކޮން ވާހަކައެއް ދައްކަންކަމެއް އޭނައަކަށް ނޭނގެ އެވެ.
މޭޒުމަތީ ބާއްވާފައި އޮތް އުމާމާގެ ފޯނު ވައިބްރޭޓް ވާން ފެށުމުން އޭގެ ސްކްރީނަށް ބަލައިލެވުނީ ދެ މީހުންނަށް އެކީގަ އެވެ. ވަގުތުން އުމާމާގެ މެއަށް ފިނިވެގެން ދިޔަ އެވެ. ހާސްވެގެން އޭނައަށް ކުރެވުނު ކަމަކީ ފޯނު ކަނޑައިލާފައި ބަންޑުން ބޭއްވުމެވެ.
"ނޯޓްސް ހޯދަން ކަންނޭނގެ އެ ގުޅަނީ. މި ގަޑީ ނުނެގިއަސް އޯކޭވާނެ،" އުމާމާ އަމިއްލައަށް ކިޔައިދިނެވެ.
ރައްޔާން އިތުރު ސުވާލެއް ނުކުރި އެވެ. ހަމައެކަނި ބޯޖަހާލައިފައި މަޑުމަޑުން އިނީ އެވެ. އެކަމަކު އެ ހިމޭންކަން އުމާމާގެ ހިތަށް އުނދަގޫކުރި އެވެ. އޭނައާ ރައްޔާންގެ ކޮންމެ ބައްދަލުވުމެއްގައި މުޅިން ވެސް މި ފެންނަނީ ހިތްނުބައިވާނެ ފަދަ މަންޒަރުތަކެވެ.
"ކީއްކުރަން އަސްލު މިތަނަށް އަންނަން ބޭނުންވީ؟" އުމާމާ ބޭނުންވީ އެހެން ދިމާއަކަށް ރައްޔާންގެ ވިސްނުން އަނބުރާލާށެވެ.
އަމުދުން އޭނަ އިނީ ވެސް އެ ސުވާލުގެ ޖަވާބު އޮޅުންފިލުވަން ބޭނުންވެފަ އެވެ. ދައްކަން އޮތް ވާހަކައެއްވިއްޔާ އަވަހަށް ދައްކާ ނިންމާލުމުން ބޮލަށް ފަސޭހަވާނެ އެވެ.
ރައްޔާން އިޝާރާތްކޮށްލީ އެހެން ދިޔަ ވެއިޓަރަކަށެވެ. ކާންވީ އެއްޗިއްސަށް އޯޑަރު ދިން އިރު އުމާމާ ބޭނުން އެއްޗެއް ނަގަން އިހުތިޔާރު ދިނެވެ. އުމާމާ އެކަން ދޫކޮށްލީ ރައްޔާންގެ އަތްމައްޗަށެވެ. އޭނަ ހަމަ ގަސްތުގައި ރައްޔާން ކުރިމަތީ ގަޔާވާ އެއްވެސް އެއްޗެއް ހާމަކުރަން ބޭނުން ނުވީ އެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކައިވެންޏަށް ފަހު އޭނަ ވެގެންދާނީ ރައްޔާންގެ އަޅަކަށެވެ. އޭނަ ރުހޭ ކަންކަމާއި ގަޔާވާ އެއްޗިއްސަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވާނެ އެވެ.
ރައްޔާން އެ ވަގުތު ހިތްހަމަނުޖެހުނުހެން ހީވި އެވެ. އެކަމަކު އެއްޗެކޭ ނުބުނެ އެވެ. ގެންނަންވީ އެއްޗެހި ކިޔާފައި އުމާމާއަށް ބަލާލައިފި އެވެ.
"ގެއަށް ގެންދިއުމުގެ ކުރިން އުމާމާއާ ވަކިން ވާހަކަދައްކައިލަން ރަނގަޅު ފުރުސަތަކަށް ވާނެތީ ގެނައީ،" ރައްޔާން ފެށި އެވެ.
އުމާމާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ފަހަރެއްގައި ހުރެދާނެއެއްނު އެހެން މީހުން ތިއްބާ ދައްކަން އުނދަގޫ ވާހަކައެއް ވެސް،" ރައްޔާން އިތުރަށް ބުނެލި އެވެ.
އުމާމާއަށް ބުމަ ކައިރިކޮށްލެވުނެވެ. ދެން ދުރު ބަލާލެވިއްޖެ އެވެ. ރައްޔާންއަކީ އޭނަ މިހާރު ދަންނަ މީހެއް ނޫނެވެ. މޫނުގެ ކުލަވަރުން ވެސް އެއްޗެއް ދޭހަކުރާކަށް ނޭނގެ އެވެ. ރައްޔާންގެ މަގްސަދެއް އޭނައަކަށް އޮޅުންފިލާނެ ގޮތެއް ނެތެވެ. އެގޮތަށް އެ ވާހަކަދައްކަނީ އޭނަގެ ފުށުން ކަމެއް އޮޅުންފިލުވަން ކަމަށް ވެދާނެ އެވެ. އޭނަ ރައްޔާންއަށް އިތުބާރެއް ނުކުރެ އެވެ. އެއްވެސް ޒާތީ ކަމެއް ހިއްސާކުރާކަށް ގަސްތެއް ނުކުރެ އެވެ.
"ލުކް. މިތާ އަހަރުމެން ދެ މީހުން އެކަންޏެއްނު މި ތިބީ؟ އަހަރެމެންގެ މެދުގައި ދެކެވޭ ކޮންމެ ވާހަކައެއް އޮންނާނީ ވެސް މި ދެމެދުގައި..." ރައްޔާން އުމާމާގެ ހަރަކާތްތަކަށް ބަލަން އިނދެގެން ވާހަކަދެއްކި އެވެ.
އުމާމާ ކުރި ކަމަކީ ވެއިޓަރު ގެނެސް ބެހެއްޓި ފުޅިން ފެންތަށްޓެއް އަޅައިގެން ތުންޖެހުމެވެ. ވިސްނާލުމެއްނެތި އެއް ފަހަރުން ދަމާލައިފައި ބަހައްޓައިފި އެވެ.
އޭނަ ރައްޔާންއަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް ނުޖެހެ އެވެ. ކުރީ ރޭގެ ފޯނު ކޯލުން ވެސް ރައްޔާންއަށް ތަފްސީލު ދޭން ޖެހޭ ވަރު ކަމެއް ހިނގާފައެއް ނެތެވެ. ނަސީބަކުން އެއްޗެއް ނުބުނެވެނީސް، އަދި އޭނަގެ ރުއިމުގެ އަޑު ނީވެނީސް ފޯނު ކަނޑާލެވުނެވެ. ދެން އަލުން އެ ރޭ މަތިން ހަނދާން ކުރާކަށް ވެސް އޭނަ ބޭނުމެއް ނުވެ އެވެ.
"އެންމެ ރަނގަޅު. އުމާމާ އަހަރެން ކައިރީ އަހަން ބޭނުންވާ ވާހަކައެއް ވެސް ނެތްތަ؟" އުންމީދުކުރި ފަދަ އެއްވެސް ޖަވާބެއް ނުލިބުމުން ރައްޔާން އެންމެފަހުން މައުލޫއު ބަދަލުކޮށްލި އެވެ.
"ކޮން އިރަކުން އަހަރުމެން މެރީކުރަނީ؟" އުމާމާއަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް އެ ދެ ތުންފަތް ފޫދުއްވާލައިފައި ނިކުތެވެ.
ދެވަނަ ސިކުންތުގައި އޭނަ ކުއްލިއަކަށް އެ އަތުން އަނގަމަތީ ހިފަހައްޓާލައިފި އެވެ.
"ހަމަ އެހާ ބޭނުންވެފަތަ ތިހުރީ އަހަންނާ މެރީކުރަން؟" ރައްޔާންގެ ތުންފަތަށް ފުރަތަމަ ފަހަރަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެ އެވެ.
އުމާމާގެ މެއަށް ފިނިވެގެން އަ އެވެ. އެ މޫނު ރަތްވެ ބިން ފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށްއެރި އެވެ.
އެ ވަގުތު ވެއިޓަރު ބުއިންތައް ހިފައިގެން އައުމަކީ ނަސީބެވެ. އުމާމާ ހިތާއި ހިތުން ވެއިޓަރަށް ޝުކުރުއަދާކޮށްލި އެވެ.
އޭނަ ޖޫސް ތަށިން އެތިފޮދެއް ރަހަ ބަލާލައިފައި ބެހެއްޓި އެވެ. ރައްޔާން ފެށީ ފޯނަށް އައި މެސެޖަކަށް ޖަވާބު ލިޔާށެވެ. ނޫނީ އީމެއިލްއަކަށް ޖަވާބުދެނީ އެވެ. އިރުކޮޅެއް ވަންދެން އުމާމާ ބޭނުން ފަދައިން ހިމޭންކަން ތަނަށް ވެރިވި އެވެ. އޭނަ ހޮޅީގައި ތުންޖަހައިގެން އިނދެ އިރުއިރުކޮޅާ ޖޫސް ފޮދެއް ބޯލާފައި ދުރުން ފެންނަން ހުރި މޭޒުތަކުގައި ތިބި މީހުންނަށް ނަޒަރެއް ދެ އެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަމުންދިޔަ ޖޯޑުތަކާއި އެކުވެރިންތަކަށް ޝައުގުވެރިކަމާ އެކު ބަލަ އެވެ. މުޅި އެތަނުގައި ވެސް އެންމެ ނުގުޅޭ ޖޯޑަކަށް ތިބީ އެ ދެ މީހުންނޭ ހިތަށް އެރި އެވެ.
އެހެން އިނދެފައި ރައްޔާންގެ މޫނަށް ބަލައިލެވުނީ އޮޅުމަކުންނެވެ. އެކަމަކު ރައްޔާން ކުޑަކޮށް އިސްޖަހާލައިގެން ފޯނަށް ބަލަން އިނުމުން ފުރަތަމަ ފަހަރަށް އެ މޫނު ދިރާސާކޮށްލި އެވެ.
ރައްޔާންގެ ވަރުގަދަ ބުމަ އާއި ރީތި ކަޅު ލޮލުގެ ތިރިން ތަންކޮޅެއް ޝަހުސިއްޔަތު ދައްކައިދޭ ތެދު ނޭފަތާއި ފިރިހެންވަންތަކަން އިތުރުކޮށްދީފައިވާ ތުނބުޅިމަތިމަހެވެ. ފަން އިސްތަށިގަނޑާއި ކޯ ކަށިގަނޑު އުފުލިފައިވާ ގޮތުން ކޯތާފަތުގެ ތިރިން ކޮންމެވެސް ވަރަކަށް ވަޅުވަދެފައިވާތީ މޫނުގެ ބައްޓަމަށް ލިބިފައިވާ ރީތިކަމެވެ. ރައްޔާންގެ ތުންފަތެވެ. ގުދުރަތީގޮތުން މަތީ ތުންފަތުގެ ކުލަ ކުޑަ ތަންކޮޅެއް މަޑުވެފައި ތިރީ ތުންފަތް އެއަށް ވުރެ ގަދަ ފިޔާތޮށިކުލައެއްގަ އެވެ.
ގެއްލިފައި އިނދެގެން ނިކަން ފަރުވާވެ ފަހަރަކު ގުނަވަނެއް ދަސްކޮށްލާފައި އައިސް އެންމެ ތިރިއަށް އާދެވުނު ފަހުން އަލުން އަނބުރާ މައްޗަށް ބަދަލުކޮށްލި ވަގުތު އުމާމާ ސިހިއްޖެ އެވެ. އޭނަގެ ނަޒަރު ސީދާވީ ރައްޔާންގެ ލޮލާ އެވެ. ރައްޔާން އޭނަ ބަލަނިކޮށް ވަގުހިފައިފި އެވެ.
ވަގުތުން އުމާމާ ކޮށިއެރި އެވެ. ސިއްސައިގެން ގޮސް ޖޫސް ފޮދު ކުއްލިއަކަށް ބޯލެވުނީ އެވެ. އޭނަ ދެ އަތުން އަނގަމަތީ އަޅައި ނިވާކޮށްގެން މޭޒާ ދިމާއަށް ކުޑަކޮށް ގުދުވި އެވެ. ރައްޔާން ކަންބޮޑުވެފައި ދެތން ޓިޝޫ އާއި އަނެއް އަތުން ފެން ތަށި ކައިރިކޮށްދީފި އެވެ.
އުމާމާ ފުރަތަމަ ފެން ކޯވަރެއް ބޯލި އެވެ. ދެން ޓިޝޫގައި ހިފާފައި އަނގަމަތި ނިވާކޮށްލި އެވެ. އޭނަ ކެއްސުންވަރު ކޮންޓްރޯލްކުރަން ވަރަށް މަސައްކަތް ކުރި އެވެ. ލޮލުން ފޭދުނު ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ. ވަށައިގެން ތިބި މޭޒުގައި ތިބި ބައެއް މީހުން ވެސް ބަލަން ފަށައިފި އެވެ.
އިރުކޮޅެއްވީ އިރު ވެސް ރަނގަޅެއް ނުވި އެވެ. ހާސްވެގެން ރައްޔާން ކޮޅަށް ތެދުވެފައި އުމާމާގެ ކައިރިއަށް ޖެހިލައިފި އެވެ. ބުރަކަށީގައި ފިރުމާލަން އަތްލަން އުޅެފައި ވެސް އޭނަ ފަސްޖެހުނެވެ. އެ ވަގުތު ކައިރީ އިން މޭޒެއްގައި އިން އަންހެންކުއްޖަކަށް ނީނދެވިގެން އައިސް އުމާމާގެ ކައިރިއަށް ހުއްޓިފައި ބުރަކަށީ ދެ ފަހަރަކު މަޑުމަޑުން ޖަހާލައި ފިރުމައިދީ ހެދި އެވެ.
"ތެންކިއު،" އަންހެންކުއްޖާ އެނބުރި ދާން ފެށުމުން ރައްޔާން ޝުކުރު އަދާކުރި އެވެ.
އުމާމާ އަދިވެސް އިނީ ވާހަކަދައްކަން ވެސް ބިރުންނެވެ. އޭނަ ކުޑަ ފެން ފޮދެއް ބޯލާފައި ތަށި ބެހެއްޓި އެވެ.
***
"މީރުތަ؟" ކާއެއްޗެހި ގެނައުމުން އިންސާފުކުރަން ފަށާފައި ރައްޔާން އުމާމާ ކުރެން އެހި އެވެ.
އުމާމާ ބޭނުންވިއަސް ނޫނެކޭ ބުނެވޭކަށް ނެތެވެ. ރައްޔާންގެ ހޮވުން އެއަށް ވުރެ މާ ފުރިހަމަ އެވެ. އޭނައަށް ޖެހުނީ ހިތާ ދެކޮޅަށް ބޯޖަހައިލާށެވެ. އިތުރު ވާހަކައެއް ނުދެކެވި މަޑުމަޑުން ތިބެ ކެއުން ނިމުނެވެ. ރައްޔާން އިތުރަށް ވާހަކަދެއްކީ އޭނަ ގޮވައިގެން ގޮސް ގޭ ކައިރިއަށް ކާރު މަޑުކޮށްފަ އެވެ.
"އަހަރެން ކުރިން ހިއެއްނުކުރަން މިހެން ބުނަން ޖެހިދާނެ ކަމަކަށް. އެކަމަކު އައި ތިންކް... ނައު އައިމް ރެޑީ ޓު މެރީ ޔޫ ..." އުމާމާ ފައިބަން އުޅުނު ވަގުތު ރައްޔާން އިއްވާލި ވާހަކައިން އެ މޫނަށް ބަލައިލެވުނެވެ.
ރައްޔާން ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ.
އުމާމާ ހައިރާންކަމާ އެކު އެ މޫނަށް ބަލަން އިނދެލާފައި އަވަހަށް ފައިބައިގެން އެނބުރި ބަލާވެސްނުލާ ގޮސް ގެއަށް ވަދެއްޖެ އެވެ.
އޭނަގެ ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. ރައްޔާން އެ ބުނި ވާހަކައިގެ މާނައަކީ ކޮބައި ހެއްޔެވެ؟ ކުރިން އެހެން ގޮތަކަށް ވިސްނާފައި ނިންމުން ބަދަލުވީ ހެއްޔެވެ؟އެހެންކަމަށް ވަންޏާ އެއީ ކީއްވެ ހެއްޔެވެ؟ އޭނައަށް ކޮން ކަމެއް ކުރެވިގެން ހެއްޔެވެ؟ އޭނަގެ ކަމުނުދާ ސިފަތައް ފެނިގެން އޭނަ ސީދާ ކުރަން ބޭނުންވަނީބާވަ އެވެ؟
***
"މާޒް! މާޒް ގަޑިޖެހެނީއޭ...!" ބަދިގޭގައި ހުރެ ނާސްތާ ތައްޔާރު ކުރަމުން ސައިފް ގޮވީ ކޮއްކޮ އަށެވެ.
ކުރިން ވެސް އޭނަ އައީ ދެ ފަހަރަކު މާޒްއަށް ގޮވާފަ އެވެ.
އަލްޔާ ޔުނީފޯމް ލައިގެން ނިކުމެގެން އައީ ފުނައެއް ހިފައިގެންނެވެ. އަލްޔާ ގޮނޑީގައި އިށީނދެފައި ދޮންބެގެ ހަރަކާތްތަކަށް ބަލަން އިނެވެ. ސައިފް ތިން ތަށްޓަށް ބިސްގަނޑުލާފައި ގެނެސް ދެ ތަށި މޭޒުމަތީ ބެހެއްޓި އެވެ. އަލްޔާ ފެނުނީ އެ ވަގުތު އެވެ. އަލްޔާ ފުނާ ދައްކައިލުމުން ބޯޖަހައިލާފައި އަނެއް ތަށި ވެސް ގެނެސް މޭޒުމަތީ ބެހެއްޓި އެވެ. ދެން ދެ އަތް ފުހެލާފައި ޖެހިގެން ހުރި ގޮނޑި ދަމާލައިގެން އިށީނދެއްޖެ އެވެ. ސައިފް އަލްޔާއާ ވާގޮތަށް އެނބުރިލާފައި އިސްތަށިގަނޑުގައި ފުނާއަޅައިދޭން ފެށި އެވެ.
"ދޮންބޭ ތަދުވޭ،" އަލްޔާ ރޮއިގަތެވެ.
"ސޮރީ ބޭބީ ގާލް،" ސައިފް ދެރަވެގެން މާފަށް އެދުނެވެ.
ދެން ނިކަން މަޑުމަޑުން އުޅެގެން ފުނާއަޅައިދީފައި އިސްތަށިގަނޑު އައްސާލަދީފި އެވެ. ރިބަން ފަށުގައި ޓައީއެއް ޖަހާފައި ކުރެވުނު މަސައްކަތަށް ރަނގަޅަށް ބަލައިލި އެވެ. ބޯ އޮމާންކޮށްފައި ހުރި އިރު ބައެއް ތަންތަނުން އިސްތަށިތައް ނިކުމެފަ އެވެ. ސައިފްއަށް މޫނު ދިގަށް އަތް ހިންގައިލެވުނެވެ. އޭނައަށް އަދިވެސް އެ ކުއްޖާ ބޮލުގައި ފުނާ އަޅާކަށް ދަހެއްނުވެ އެވެ.
"ކިހިނެއްވީ ދޮންބޭ؟" އަލްޔާއަށް ސައިފްގެ ކުލަވަރު ފެނިގެން އެހި އެވެ.
"ކަމެއް ނުވޭ. އަވަހަށް ކާން ފަށާ. ދޮންބެ އަންނާނަން މާޒް ނަގައިގެން،" ސައިފް އެތަނުން ނިކުންނަން ދިޔަ އެވެ.
އޭނަ ގޮސް ދޮރު ހުޅުވާލައިފައި މާޒްއޭ ގޮވާލި އަޑަށް މާޒް ފުންމައިގެން ތެދުވެ އިށީނެވެ. ދެން ރުޅިމޫނު ހަދައިގެން ހުރެ ގޮސް ފާހާނާއަށް ވަދެއްޖެ އެވެ.
އެނބުރި އައި އިރު އާކިފް އާއި އަލްޔާ އަމިއްލައަށް ދެ ތަށްޓަށް ކިރު އަޅައިގެން ބިސްގަނޑާ އެކު ނާސްތާ ކުރަނީ އެވެ. ސައިފް މޭޒުގެ އަނެއް ފަރާތުގައި އެ ކުދިންނަށް ބަލަން އިނެވެ. އޭނަ ހަނދާންވެގެން ފޯނު ނަގާފައި މިސްޑް ކޯލެއް ނޫނީ މެސެޖެއް ލިބިފައި އިންތޯ ބަލާލި އެވެ. ހީކުރި ގޮތަށް ނުވުމުން މާޔޫސްވި އެވެ. ފޯނު އަނބުރާ ބާއްވާފައި ދެ ކުދިން ކައިރީ ތަންކޮޅެއް އަވަސް ކުރަން ބުންޏެވެ.
މާޒް ނިކުތީ ސައިފް އަލްޔާމެން ގޮވައިގެން ސުކޫލަށް ނިކުމެ ނިކުމެ ހުއްޓަ އެވެ. އެކަމަކު މާޒް ބައިސްކަލުގައި އުޅޭތީ އެމީހުންނަށް ވުރެ އަވަހަށް ދެވޭނެކަމާ މެދު ޝައްކެއް ނެތެވެ. މޫނު ކުނިކޮށްފައި ހުރެގެން ނާސްތާ ވެސް ނުކޮށް މާޒް މިސްރާބުޖެހީ ގެއިން ނިކުންނާށެވެ. ސައިފް ވާހަކަދައްކަދައްކާ ހުއްޓާ އަޅާވެސްނުލާ ބައިސްކަލަށް އަރައިގެން ގޮސް ގެއްލުނެވެ.
އެ ރޭ ޖުމާނާ ޓިއުޝަނަށް އައި އިރު ސައިފް ގޭގައި އުޅެ އެވެ.
"އަލްޔާއަށް ގޮވަން ވީ ދޯ؟ އެބައުޅޭ ކޮޓަރީގަ،" ސައިފް ކޮޓަރިން ނިކުތީ ދާވަށިގަނޑު ހިފައިގެންނެވެ.
ޖުމާނާ އަމިއްލައަށް ގޮވާލަފާނަމޭ ބުނުމުން ބޯ ޖަހާލައިފައި އޭނަ ކުރަން ދިޔަ މަސައްކަތަށް އެނބުރުނެވެ. ފަހަރަކު ކޮޓަރިއަކަށް ވަދެ ދާ އެއްޗެހި ވަށިގަނޑަށް އަޅައިގެން ގޮސް ގޭގެ ދޮންނަބަޔަށް ވަދެއްޖެ އެވެ. އޭނަ އިރުކޮޅަކުން ނިކުތްއިރު ފެންޑާގައި ހުންނަ ކިޔަވާ މޭޒު ދޮށުގައި ޖުމާނާ އާއި އަލްޔާ ތިއްބެވެ. ގަޑިން އޭރު ހަތެއް ޖެހީ އެވެ. ސައިފް އެމީހުނަށް ނަޒަރެއް ދީފައި ގޮސް ވަނީ ބަދިގެއަށެވެ.
ކުޑައިރުކޮޅެއް ފަހުން އޭނަ އެނބުރި ބަލައިލީ ބަދިގެ ދޮރުގައި ޓަކިދިން އަޑަށެވެ.
ޖުމާނާ ދޮރު ކައިރީ ހުއްޓެވެ.
"އެބަ އޮތް ވާހަކައެއް ދައްކާލަންވެފަ،" ޖުމާނާ ވަދެގެން އަ އެވެ.
ސައިފް އެ ހުރި ހިސާބުގައި ހުއްޓާ ޖުމާނާ ގޮސް ހުއްޓުނީ މޭޒުގެ އަނެއް ފަރާތުގަ އެވެ.
"ދެން މި ގަޑީގަ ޓިއުޝަނަކަށް ނާދެވޭނެ،" ޖުމާނާ އިއްވައިލި އެވެ.
އެ ކިހިނެއްވީ؟" ސައިފްއަށް ވަގުތުން އަހައިލެވުނެވެ.
އަލްޔާގެ ޓިއުޝަން ހުއްޓޭކަށް އޭނަ ބޭނުމެއް ނޫނެވެ. އާކިފް އާއި މާޒް އަމިއްލައަށް ފިލާވަޅުތައް ނިންމިއަސް އަލްޔާއަކީ އަދި ކުޑަކުއްޖެކެވެ. އަލްޔާއަށް އެހެން މީހެއްގެ އެހީތެރިކަން ނުހަނު ބޭނުންވެ އެވެ. އަދި އޭނަގެ ކޮނޑުގައި އެޅިފައިވާ ޒިންމާތައް އެހާ ގިނައިރު އިތުރު ޒިންމާއެއް ނުއުފުލޭނެ އެވެ.
"ރޭގަނޑު ގެއިން ނިކުންނަން ހަމަ އުނދަގުލީ. ގޭގައި ބިލާލް އެކަނި ބަހައްޓާފަ ނާދެވޭނެތީ،" ޖުމާނާ ބުނީ ދަރިފުޅުގެ ވާހަކަ އެވެ.
ބިލާލް އަކީ ޖުމާނާގެ ދަރިފުޅެވެ. ފިރިމީހާގެ ގޭގައި އުޅުނަސް ފިރިމީހާ ނެތުމުން ޖުމާނާއަކީ އެކަނި އުޅޭ އަންހެނެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސައިފްގެ މަންމަމެން ދުނިޔޭގައި ތިބި އިރު ޖުމާނާ ބިލާލް ގޮވައިގެން ވަރަށް ގިނައިން އެ ގެއަށް އައިސް އުޅެ އެވެ. އަދި އެ އުޅޭ އުޅުމުގައި މަންމަ އަބަދުހެން ޖުމާނާއަށް ނަސޭހަތްދީފައި އުމުރު ނުދަނީސް އެހެން ނުހުރެ މީހަކާ އިންނަން ލަފާދެ އެވެ. ޗުއްޓީއަށް އަންނަ ދުވަސްތަކުގައި އިވިފައި ހުރި ވާހަކަތަކުން އެކަނި ވެސް ސައިފްއަށް އެނގިފައި އޮތީ އެ ގޭ މީހުން ޖުމާނާއަށް އޯގާތެރިނޫންކަމެވެ.
"ބިލާލް ގޮވައިގެން އަންނަންވީނު،" ސައިފް ހިޔާލެއް ދިނެވެ.
އޭނަ އެ ހުރީ ކޮންމެ ގޮތަކުން ވެސް އަލްޔާގެ ޓިއުޝަން ނުހުއްޓޭނެ ގޮތެއް ހޯދާށެވެ.
ޖުމާނާ ދެ ފަރާތަށް ބޯ ހޫރާލައިފައި ކިޔައިދިނީ ބިލާލްގެ ހަލަބޮލިކަމުން އެކަން ނުވާނެކަމެވެ.
"އެންމެ ރަނގަޅު. އެހެންވިއްޔާ އަހަރެން އެ ގަޑިއަށް އަލްޔާ ތިގެއަށް ގެންގޮސްދިނިއްޔާ ވާނެތަ؟ އަހަރެން ދާނަން ނިމޭ ގަޑިއަށް ބަލާ ވެސް. ޕްރޮމިސް،" ސައިފް އާދޭހާ އެކު އެދުނެވެ.
ޖުމާނާ އިރުކޮޅަކު ވިސްނައިލަން ހުއްޓެވެ. ދެން ބޯޖަހާލައިފި އެވެ.
- ނުނިމޭ -
ކޮމެންޓް (2)
މީނަ
ޒާނާ