ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 4
ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ
ހަލޯ،" އެންމެ ރިންގަކުން ރައްޔާން ފޯނު ނަގާފައި ބުނެލި އެވެ.
އުމާމާއަށް ވަގުތުން އަނެއް އަތުން އަނގަމަތީ ހިފާ ބާރުކޮށްލެވުނެވެ.
"އުމާމާ؟" ޖަވާބެއް ލިބޭތޯ އިރުކޮޅަކު މަޑުކޮށްލާފައި ރައްޔާން ގޮވާލި އެވެ.
އަނގަމަތީ އަތް އަޅައިގެން ހުއްޓާ ވެސް އަޑު ބޭރުވެދާނެހެން ހީވުމުން އުމާމާ އަވަހަށް ފޯނު ކަޑާލި އެވެ.
ރައްޔާން ގުޅީ އޭނައަށް ގޮސް އެނދުގައި ނުއިށީނދެވެނީހެވެ. އުމާމާ ވަގުތުން ފޯނު އޮފްކޮށްލި އެވެ.
***
ހެނދުނު ތެދުވެ އެކަކު ވެސް ކުރީ ދުވަހުގެ ވާހަކައެއް ނުދައްކަ އެވެ. ބަދިގޭގައި ދޮންމަންމައަށް އެހީވާން އުމާމާ އުޅުނުއިރު ދެ މީހުން ވެސް ތިބީ ހިމޭނުންނެވެ. މަސައްކަތް ނިންމާފައި ގަޑި ޖެހެން ކައިރިވުމުން އުމާމާ ދިޔައީ ފެންވަރާށެވެ. އައިޝާ އެނދުގައި ފުން ނިދީގައި އޮތެވެ.
އުމާމާ ނިކުތްއިރު އައިޝާ އަދިވެސް ނިދަނީ އެވެ. އެހެންވެ އޭނަ ރީތިވާން އުޅުނީ ނިދާ ބޮކީގެ ފަނޑު އަލީގަ އެވެ. ނިކުންނަން ވެގެން ކުޑަކޮށް ދޮރުފޮތިގަނޑު ކަހާލައިފައި އަދި އެއް ފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރެއް ދިނެވެ. ދެން ފޮތިގަނޑު ކުރިން ހުރި ގޮތަށް ހަދާފައި ގޮސް ދޮރު ހުޅުވާލައިފި އެވެ.
"އުމާމާ ސައިބޮއިގެން ދާން އާދޭ!" ތަންކޮޅަކަށް ދިޔަތަނާ އުމާމާގެ ދެ ފައި ތަތްލި އެވެ.
ޝާދިޔާ ވާހަކަދެއްކީ ބަދިގެއިން ބޭރަށް ބޯދިއްކޮށްލައިގެން ހުރެ އެވެ.
ވަގުތު އޮތުމުން ގަޑިޖެހެނީއޭ ކިޔައިގެން ދޮގުހެދޭކަށް ނެތެވެ. އެކަމަކު އެ ގަޑީގައި ބައްޕަ ކުރިމައްޗަށް ދާކަށް އޭނަ ބޭނުމެއް ނުވެ އެވެ.
"އުމާމާ! ތަންކޮޅެއް ލަހުން ނިކުތަސް މިއަދު ގަޑިނުޖެހި ދެވޭނެ!" ޝާދިޔާގެ ޖުމްލަ ނިމުނުއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.
އުމާމާ ކިޔަމަންތެރިކަމާ އެކު ބޯޖަހާލައިފައި ގޮސް ޝާދިޔާ ފަހަތުން އެތެރެއަށް ވަނެވެ. އެވަގުތު އޭނައަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ.
ކާ މޭޒު ދޮށުގައި ބައްޕަ އިން ފަރާތް ނޫން އަނެއް ފަރާތުގައި އެ އިނީ ދެވަނަ މީހެއް ނޫނެވެ. ރައްޔާން އެވެ.
އަތް ދިގު ހުދު ޓީޝާޓަކާއި ނޫ ޖިންސެއްގައި އިން އިރު ބޮލުގެ އިސްތަށިގަނޑުން ތެތްކަން ފައުޅުވާން ހުއްޓެވެ. ނާސްތާކުރަންވެގެން ދެ އަތުކުރި މައްޗަށް ޖައްސާލައިފައި އޮތްއިރު ހިމަ ލޯލިތައް ފަޅާފައިވާ މުލައްދަނޑިން ފިރިހެންވަންތަކަން ހާމަވޭވޭ ހުއްޓެވެ.
އިސްޖަހާލި ގޮތަށް ދެވަނަ ފަހަރަށް ރައްޔާންއަށް ނުބަލާ އުމާމާ ގޮސް ގޮނޑި ދަމާލައިގެން އިށީނެވެ. ރައްޔާންއާ ކުރިމަތިލައިގެން ބައްޕަ އިން ފަރާތުގަ އެވެ. އޭނަ ހުސް ގޮނޑިއެއްގައި ދަބަސް ބައިންދާފައި ނާސްތާ ކުރެވޭތޯ ބެލި އެވެ. ކުރިން ވެސް ނާސްތާނުކޮށް ދާން ނިންމައިގެން ނިކުމެފައި މިހާރު އަދި އަމުދުން ބައްޕައާ ރައްޔާން ކުރިމަތީ އިނުމުން މޫޑެއް ނެތެވެ. މަޖުބޫރުވެފައި އިނދެގެން ޕާން ފޮއްޗެއްގައި ބަޓަރު ހާކަން ފެށި އެވެ.
"އަންނަ ވާހަކަ ބުނަންވެގެން ގުޅިން. އެކަމަކު ފޯނު ނިވާލާފަ އޮތީ،" ރައްޔާން ވާހަކަދެއްކީ އުމާމާއާ މުހާތަބު ކޮށެވެ. ހުއްދަ ނުހޯދާ އާދެވިގެން ކަމަށް ވެދާނެ އެވެ.
އެކަން އެނގިގެން އުމާމާގެ ދެ އަތް މަޑުޖެހުނެވެ. އޭނަ ރައްޔާންގެ މޫނަށް ބަލައިލި އެވެ.
"ފޯނު ނިވުނު ގޮތަށް ހުޅުވަން ހަނދާން ނެތުނީ،" އުމާމާ ހެދީ ދޮގެއް ނޫނެވެ.
ރައްޔާން ބޯޖަހައިލި އެވެ. ހައިދަރު އިނީ ދެ ޒުވާނުންގެ ހަރަކާތްތަކަށް ބަލާށެވެ. ޝާދިޔާ ހިނިތުންވެފައި މޭޒު ކައިރީ ކޮޅަށް ހުއްޓެވެ.
"ނުބުނެ އަޔަސް އުމާމާ މައްސަލައެއް ނުޖައްސާނެ. ކޮންމެ ގަޑިއަކު ވެސް ރައްޔާންއަށް މި ގެއިން މަރުހަބާ ކިޔާނެ،" ހައިދަރު އިނދެ އިނދެފައި ބުނެލި އެވެ.
އުމާމާ ކަންބޮޑުވެފައި ބައްޕައަށް ބަލައިލި އެވެ. އޭނަ ދެން ބަލާލިއިރު ރައްޔާން ވެސް އެ މޫނަށް ބަލާލިތަން ފެނިގެން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ބައްޕަގެ ވާހަކައަށް ބާރުދިނުމުގެ ގޮތުންނެވެ.
ހައިދަރު ތުން ފުހެމުން ތެދުވީ ޝާދިޔާ ކައިރީ ކޮޓަރިން ކޮންމެވެސް އެއްޗެއް ގެންނަން އެދެމުންނެވެ. ދެ މީހުން އެކުއެކީ ކަހަލަ ގޮތަކަށް ނިކުމެގެން ދިއުމުން އުމާމާމެން އެކަނިވި އެވެ.
ހާސްވެގެން އުމާމާ ކާން ފެށި އެވެ. މަގްސަދަކީ އޭނަގެ އަނގައިގައި ކާއެއްޗެހި ހުއްޓާ ފެނިގެން ރައްޔާން ކޮށްފާނެ ސުވާލަކުން ސަލާމަތްވުމެވެ. ނަސީބަކުން ރައްޔާން ވަކި އެއްޗެއް ނުބުނެ ހިމޭނުން އިނދެގެން ކެއުން ކުރިއަށް ގެންދިޔަ އެވެ.
އުމާމާއަށް ނުދިރިގެން ފެން ތަށި ނަގައިގެން ކޯވަރެއް ބޯލި އެވެ. ރައްޔާން ބަލައިލީ ގަޑިއަށެވެ.
ކުޑަ އިރުކޮޅެއް ފަހުން ދެ މީހުން ނިކުމެގެން ގޮސް އެތަނަށް މަޑުކޮށްލި ކާރުގެ ފަހަތު ދޮރާ ކައިރިއަށް ޖެހުނެވެ. ރައްޔާން ދޮރު ހުޅުވާލަ ދިނުމުން އުމާމާ ކުޑަކޮށް ރަކިވި އެވެ. އޭނަ އަރާ އިށީނުމާ އެކު ރައްޔާން ގޮސް އަނެއް ފަރާތުން ފަހަތަށް އެރިތަން ފެނިގެން އުމާމާ ދޮރުފަތާ ދިމާއަށް ޖެހުނު ޖެހުނީނުން ސީޓުގެ ބޮޑު ބައި އޮތީ ހުހަށެވެ. ރައްޔާން ނަސީބަކުން އޭނައަކަށް ނުބަލަ އެވެ. ނަޒަރު ހުރީ ކުރިއަށެވެ.
"އަހަރެން ކައިރީ އުމާމާ ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް އެބަ އޮތްތަ؟" ރައްޔާން އިރުކޮޅަކުން އެހި އެވެ.
އުމާމާއަށް ބަލައިލެވުނީ ޑްރައިވަރަށެވެ.
"އުނހު،" އުމާމާ ދެކޮޅުހެދި އެވެ.
"އިއްޔެ އެހެންވިއްޔާ ގުޅީ ކަމަކުތަ؟" ރައްޔާން އިތުރަށް އެހި އެވެ.
އުމާމާއަށް އަނެއްކާވެސް ޑްރައިވަރަށް ނަޒަރެއް ދެވުނެވެ. އިތުރު މީހަކު އިންދާ ރައްޔާން ޒާތީ ވާހަކަދައްކަނީ ކީއްވެ ހެއްޔެވެ؟ ރައްޔާންއަށް އެއީ މައްސަލައަކަށް ނުވިއަސް އޭނަ ހިތްހަމައެއްނުޖެހުނެވެ.
"ކެން ވީ ޓޯކް ލޭޓާ؟" އުމާމާ ވާހަކަ އޮއްބާލަންވެގެން އެދުނެވެ.
ރައްޔާން ބޯޖަހައިލުމުން އުމާމާ ޝުކުރު އަދާކުރި އެވެ.
***
ކުޑަ އަޅައިގެން އައެއް ކަމަކު ގެއާ ހަމައަށް ފޯރިއިރު ވާރެއިން ތެމި ފޯވެއްޖެ އެވެ. ގޯތިތެރެއަށް އަލިވާނެހެން ދިއްލާފައިވާ އޮރެންޖް ބޮކީގެ އަލި ދޮރާށްޓާ ހަމައަށް ފޯރާފައި ހުއްޓެވެ. ދެ ފަރާތުގައި ހައްދާފައިވާ ބަގީޗާ ގަސްތަކުގެ ތެރެއިން ހިނގާލައިފައި ގޮސް ސައިފް ފުރަތަމަ ވެސް ކުޑަ ލައްޕާލައިފައި ފާރު ލައްކޮށްލި އެވެ. އެހާ އަވަހަށް އަންނަން އުޅެ ވެސް އެ އާދެވުނީ މާ ލަހުންނެވެ. ގޭގައި ކޮއްކޮމެން ތިބޭނެ ހާލެއް ވެސް ނޭނގެ އެވެ.
ގެއަށް ވަންއިރު ފެންޑާ އޮތީ ދިއްލާފަ އެވެ. އާންމުކޮށް އޭނަ ނިއްވައިނުލިއްޔާ އެ ބޮކި ހުންނާނީ ދިއްލާފަ އެވެ.
ކާން ބޭނުންވެފައި ހުއްޓަސް ސައިފް ފުރަތަމަ މިސްރާބު ޖެހީ އަންހެންކޮއްކޮގެ ކޮޓަރިއާ ދިމާއަށެވެ. ބޯކޮށް ވާރޭ ވެހެންޏާ އަލްޔާ ބިރުގަންނާނެ އެވެ. އޭނަ ގޭގައި ނެތިއްޔާ ދެން ހޯދާނީ އާކިފް ނޫނީ މާޒް އެވެ. އާކިފް އަލްޔާއަށް ވުރެ ދޮށީ ދެ އަހަރެވެ. މާޒްއަކީ ފުރާވަރުގެ ކުއްޖެކެވެ.
ދޮރު ހުޅުވާލިއިރު ކޮޓަރި ތެރޭގައި ހުރީ ނިދާ ބޮކި ދިއްލާފަ އެވެ. ސައިފް ސިހުނީ ކޮއްކޮގެ އެނދުގެ އެއް ފަރާތުގައި އިތުރު މީހަކު އޮއްވާ ފެނިގެންނެވެ.
ސައިފް ދޮރު ހުޅުވި އަޑު އިވިގެން އަންހެންކުއްޖާ އަވަހަށް ތެދުވެ އިށީނެވެ. ސައިފް އަވަހަށް ނިކުމެ ބޭރުގައި މަޑުކޮށްލި އެވެ.
މޫނު ފޮތިކޮޅު އައްސާލައިގެން ނިކުތްއިރު އެ މޫނު ރަތްވެއްޖެ އެވެ. އެކަމަކު އެތަން ސައިފްއަށް ފެންނާނީކީ ވެސް ނޫނެވެ.
"އަލި މަޑުވީމަ އަހަންނަކަށް ނުފެނޭ..." ބުނާނެ އެއްޗެއް ނޭނގިގެން ސައިފްއަށް ބުނެވުނެވެ.
ކަންތައް އެވީ އޭނަ ކުޑަކޮށް ވެސް ހީކުރި ގޮތަކަށް ނޫނެވެ. ޖުމާނާ އަކީ އަލްޔާގެ ޓިއުޝަން ޓީޗަރެވެ. އޭނަ ގެއަށް އަންނަހާއިރު ވަންދެން އެތާ މަޑުކުރާނެ ކަމެއް ނޭނގޭނެ ނޫން ހެއްޔެވެ؟
"އަލްޔާ ބިރުން ރޯތީ އެކަނިކޮށްލާފަ ދާން ނުކެރުނީ. ހިއެއް ނުކުރަން ނިދޭނެ ކަމަކަށް..." ސައިފް ފެންޑާއާ ދިމާއަށް ދާން ފެށުމުން ފަހަތުން ދަމުން ޖުމާނާ ވާހަކަދެއްކި އެވެ.
"ކޮބާ މާޒް؟" ސައިފް ހުއްޓިފައި އެނބުރި ބަލައިލި އެވެ.
"ނޭނގެ. އާކިފް ވެސް ނިދާފަ އޮތީ. އެހެންވެ އެ ކުއްޖާފުޅަށް ގޮވައިގެން ނުނެގީ،" ޖުމާނާ ކިޔައިދިނެވެ.
ސައިފްއަށް ނިތުގައި ހިފަހައްޓާލެވުނެވެ. މިއޮތް ވާރޭގައި އޭނަ ވީ އަނެއްކާ މާޒް ހޯދަން ދާށެވެ. މަންމަ އާއި ބައްޕަ ދުނިޔޭގައި ތިބި އިރު މާޒްމެން ކޮންޓްރޯލްކުރީ ކިހިނެއްބާވައޭ ހިތަށް އަރަ އެވެ. އޭނަ ކިޔަވަން ހުރެފައި ގުޅާއިރު ދުވަހަކު ވެސް މާޒްމެން އެގޮތަށް ބޭރަށް ނިކުމެ އުޅޭ ވާހަކައެއް އެމީހުން ނުދައްކަ އެވެ. ނޫނީ އެއީ މިހާރު އައިސްގެން އުޅޭ ބަދަލެއް ހެއްޔެވެ؟
"ޔޫ އޯކޭ؟" ސައިފް ގޮސް އެތާހުރި ގޮނޑިއެއްގައި އިށީނުމާ އެކު ޖުމާނާ އެހި އެވެ.
ނިތުގައި ހިފަހައްޓައިގެން އިނުމުން އޭނަ ހީކުރީ ކަމެއް ގޯސްވީ ކަމަށެވެ.
"މާޒް އުޅޭ ގޮތުން ބޮލުގަ ނުރިއްސާ ވަރެއް ނޫން،" ސައިފް އަތް ތިރިކޮށްލާފައި ޖުމާނާއަށް ބަލައިލި އެވެ.
"ހޯދަން ނުދަނީހެއް ނާންނާނެ ދޯ؟" ޖުމާނާ ގަޑިއަށް ނަޒަރެއް ދިނެވެ.
އޭނަ ވެސް ދާން ލަސްވެއްޖެ އެވެ. މިހާރު ނުވައެއް ޖަހާ ބޮޑުވީ އެވެ.
"އަހަރެން އޭނަގެ އެކުވެރިންގެ ގޭގެއަށް ގުޅައިލާނަން. އޯކޭ ދެން ދިޔަޔަސް. މަޑުކޮށްދިނީތީ ތޭންކްސް،" ސައިފު ޖުމާނާގެ ލޮލަށް ބަލަން އިނދެގެން ވާހަކަދެއްކި އެވެ.
ޖުމާނާ ބޯޖަހައިލި އެވެ.
"ބޭރުގަ ހުންނާނެ ކުޑައެއް. ގެންގޮސްފަ މާދަން ގެނެސްދީ!" ދޮރާ ހަމައަށް ދެވުނު ފަހުން ސައިފް ގޮވާލި އަޑު އިވުނެވެ.
ޖުމާނާ ނިކުމެގެން ދިޔަ އިރު ސައިފް ގޮސް ހުރީ ބަދިގެ ބައިގަ އެވެ. ޑައިލްކޮށްފައި އޮތް ފޯނު އޮތީ ސްޕީކަރަށް ލައިފައި މޭޒުމަތީ ބާއްވާފަ އެވެ. އޭނަ ފެން ތަށްޓެއް ބޯން ހުރި އިރު ޖުމާނާ ނިކުމެގެން ދާތީ ފެނުނެވެ. ތަށި އަނބުރާ މޭޒުމަތީ ބަހައްޓާފައި އުނދުންމަތީ ހުރި ތެލީގެ މަތި ނެގިއިރު ރިހަފޮދެއް ބާކީ ހުއްޓެވެ. ތިމާގެ މީހަކު މެންދުރު ގެނެސްދީފައި ހުރި ރިހަ އެވެ. އޭނަ އާންމުކޮށް ގޭގައި ކައްކާ އުޅެނީ ނޫޑްލީސް ނޫނީ ސްޕެގެޓީ ކަހަލަ އެއްޗެކެވެ. ގިނަ ފަހަރު ހޮޓަލުން ކޮންމެވެސް އެއްޗެއް ގަނެގެން ގެންނަނީ އެވެ. މިހާރު އެހެން އުޅޭތާ ވެސް ހަތަރު މަސް ވީ އެވެ.
ކަނޑުމަތީގެ ހާދިސާއެއްގައި މައިންބަފައިން ނިޔާވިއިރު ސައިފް ހުރީ މާލޭގަ އެވެ. އޭނަގެ ހުވަފެންތަކުގައި ކުލަ ނުޖެހެނީސް ދޫކޮށްލާފައި ޖެހުނީ ރަށަށް އަންނާށެވެ. ކިޔަވަންޖެހޭ ދުވަސްވަރު މަޖުބޫރުވީ އާއިލާ ބަލަހައްޓާށެވެ. އެއްބަނޑުއެއްބަފާ ތިން ކޮއްކޮގެ އޭނަ ނޫން އެކަކު ވެސް ނެތެވެ. ރަށަށް އައިސް އެންމެ ފުރަތަމަ ލިބުނު ވަޒީފާއަށް ވަނީ އެވެ. ފިހާރައިން ލިބޭ އޮފް ދުވަހުގައި ކޮއްކޮމެންނާ އެކު ވަގުތު ހޭދަކުރަން އޭނަ އިސްކަންދެ އެވެ.
"ދެން ވީއެއްނު މީހަކާ އިންނަން. މިހާރު ތިއުޅޭހެން ދަތިކޮށް އުޅޭކަށް ނުޖެހޭނެ އޭރުން... އަންހެނުން ކޮއްކޮމެން ބަލައިދީ ގޭގެ ކަންކަން ހަމަޖައްސާނެ،" އޭނަ ވަޒީފާ އަދާކުރާ ފިހާރައިގެ ބޮޑު މީހަކު ދެ ދުވަހެއް ކުރިން ނަސޭހަތުގެ ގޮތުން ދެއްކި ވާހަކައެއް ސައިފްގެ ހަނދާނަށް އެ ވަގުތު އަ އެވެ.
ދިރިއުޅުމެކޭ ބުންޏަސް އެއީ ދިރިއުޅުމެއް ނޫނެވެ. ދިރިހުރީތީ ކޮންމެވެސް ގޮތަކަށް ވަގުތުތައް ކަޑައްތުކުރަނީ އެވެ. ކޮއްކޮމެންގެ ކަންކަން ބެލެހެއްޓެނީ އެންމެ ރަނގަޅަށް ނޫންކަން އޭނަ ވެސް ގަބޫލުކުރެ އެވެ. އެކަމަކު ކައިވެންޏަކީ އެހާ އަވަހަށް ޖަހާލަން ޖެހިދާނެ ގޮށެއް ކަމަކަށް އޭނަ ކުޑަކޮށް ވެސް އުންމީދެއް ނުކުރެ އެވެ. އަދި އެފަދަ ގުޅުމަކުން އޭނަ ގުޅެން ބޭނުންވާ ހުރީ އެންމެ އަންހެންކުއްޖެކެވެ. ސުވާލަކީ އޭނައަށް އެ އަންހެންކުއްޖާ ހާސިލްވާނެތޯ އެވެ. އަދި އޭނަގެ ހާލަތު މިހާރު ހުރި ގޮތުން އޭނަގެ ދިރިއުޅުމަށް އަންނަން އެ އަންހެންކުއްޖާ އެއްބަސްވެދާނެތޯ އެވެ.
އެކޮޅުން ފޯނަށް ޖަވާބުދިން އަޑަށް ސައިފް އައިސް ފޯނު ސްޕީކަރު ކަނޑާލައިފައި ކަންފަތުގައި ޖެހި އެވެ.
***
މެންދުރުގެ ވަގުތެވެ. މީހުން ހޭލަމޭލަވަމުން ދިޔަ ރެސްޓޯރެންޓްގެ އެއް ފަރާތެއްގައި ހުރި މޭޒު ދޮށުގައި އުމާމާ އާއި ރައްޔާން އެކަކު އަނެކަކާ ކުރިމަތިވާނެހެން އިށީނދެގެން ތިއްބެވެ. އުމާމާ އެތަނަށް އައީ ރައްޔާން އޭނަ ނިމޭ ގަޑިއަށް ބަލާ ގޮސް އެކީ އަންނަން އެދިގެންނެވެ. ގެއަށް ދިއުން ލަސްވާނެކަން އަންގަން ގުޅަން ޖެހޭނެ ވާހަކަ ބުނުމުން ރައްޔާން އަމިއްލައަށް ގުޅާފައި ހައިދަރަށް އެމީހުން ދާން އޮތް ތަން އެންގި އެވެ.
އުމާމާ އިނީ ނުތަނަސްވެފަ އެވެ. ރައްޔާން އޭނަ އެ ގެނައީ ކޮން ވާހަކައެއް ދައްކަންކަމެއް އޭނައަކަށް ނޭނގެ އެވެ.
މޭޒުމަތީ ބާއްވާފައި އޮތް އުމާމާގެ ފޯނު ވައިބްރޭޓް ވާން ފެށުމުން އޭގެ ސްކްރީނަށް ބަލައިލެވުނީ ދެ މީހުންނަށް އެކީގަ އެވެ. ވަގުތުން އުމާމާގެ މެއަށް ފިނިވެގެން ދިޔަ އެވެ.
- ނުނިމޭ -
ކޮމެންޓް (1)
ޒާނާ