ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 3
ކާރު މަޑުކޮށްލުމާ އެކު އުމާމާގެ ހިޔާލުތަކުން ނިކުމެވުނެވެ. އޭނަ ރައްޔާންއަށް ބަލާލިއިރު ރައްޔާން އިނީ ދުރު ބަލަހައްޓައިގެންނެވެ. އެކަމަކު އުމާމާއަށް ޓިޝޫ ފޮށި ދިއްކޮށްލައިގެންނެވެ. އުމާމާ ޓިޝޫތަކެއް ދަމައިގެންފައި މޫނާއި ނޭފަތް ފުހެލި އެވެ. ނިކުމެފައި ގެ ފެނުމުން ބިރުން އުމާމާގެ މޭގަނޑު ފިނިވި އެވެ. ރައްޔާން އޭނަ ގެއަށް އެ ގެނައީ އެންމެންނަށް އޭނަގެ ހަގީގަތް ކިޔައިދޭން ހެއްޔެވެ؟ ނޫނީ އެ ދެމެދުގައި އޮތް ގުޅުން އެ ހިސާބުން ނިންމައިލާނީ ހެއްޔެވެ؟
"ހިނގާ އެތެރެއަށް،" އުމާމާގެ ހިޔާލު ފުރިހަމަ ނުވަނީސް ރައްޔާން ވާހަކަދެއްކި އެވެ.
"އަހަރެން... އަހަންނަށް މާފުކުރޭ!" އުމާމާގެ ލޮލުން ކަރުނަ އަތުވެއްޖެ އެވެ.
ދޮންމަންމަ ކައިރީ އޭނަ ދިޔަ ތަނުގެ ވާހަކަ ކިޔައިދޭކަށް އަދި ތައްޔާރެއް ނޫނެވެ. އޭނަ އަމިއްލައަށް ބުންޏަސް އެއަށްވުރެ ރަނގަޅުވާނެ އެވެ.
ރައްޔާންއަށް ބުމަ ކައިރިކޮށްލެވުނެވެ. އުމާމާގެ ފަރާތުން އޭނައަށް އެއްވެސް ކަހަލަ ޖަޒުބާތެއް މި ފެންނަނީ އަލަށެވެ. މީގެ ކުރިން ވިއްޔާ އޭނައަށް ފެނުނީ އަބަދުވެސް މަސްނޫއީ ހިނިތުންވުމެއްގެ ފަހަތުގައި އިހްސާސްތައް ފޮރުވައިގެން އުޅޭ އަންހެންކުއްޖެކެވެ. މީހުންގެ ތެރެއަށް ނިކުންނައިރު އެންމެންނަކީ ވެސް އެހެން އުޅޭ ބައެކެވެ. އަދި މިއަދު އަލަށް ތަފާތު މަންޒަރެއް ފެނުމުން އަމަލު ކުރާނެ ގޮތެއް ނޭނގުނެވެ.
ރައްޔާންއަށް ފޯނެއް އައުމުން ނަގައި ބަލައިލާފައި އުމާމާއަށް ނަޒަރެއް ދިނީ ވަރަށް ފާޑަކަށެވެ. ދެން ނަގައި ކަންފަތުގައި ޖަހައިފި އެވެ.
"ހޫމ އުމާމާ ގެއަށް މި ގެނައީ،" ރައްޔާން އަޑު އަހަން ހުރެލާފައި ބުނެލި އެވެ.
އުމާމާގެ ހިތް ތެޅިގަތެވެ. ރައްޔާން އަށް ގުޅީ ބައްޕަ ހެއްޔެވެ؟
ރައްޔާން އަޑު އަހަން ހުރެގެން "އާނ، ހޫމ" ކިޔާފައި ބޭއްވިއިރު އެ މޫނުގެ ކުލަވަރު ހުރީ ކުޑަކޮށް ބަދަލުވެފަ އެވެ. އެންމެ ފުރަތަމަ އޭނައަށް ޕެންޓްހައުސް އިން ފެނުނު ފަދައިން ނުރައްޓެހި ކުލައަކަށެވެ.
"ކާކު ގުޅީ؟" އުމާމާއަށް ނުހުރެވިގެން އަހާލައިފި އެވެ.
"އުމާމާގެ ބައްޕަ،" ރައްޔާން ޖެހިލުމެއްނެތި ބުނެލި އެވެ.
އުމާމާއަށް ހީވީ ރަނގަޅަށެވެ. ދޮންމަންމަގެ ފަރާތުން ބައްޕައަށް ހަބަރު ލިބިގެން ރައްޔާން އަށް ގުޅީ އެވެ. އޭނައަށް އެ ރޭ ރައްޔާންއާ ދިމާނުވި ނަމަ ވާނެ ގޮތެއް ވެސް ނޭނގެ އެވެ.
"ދެން މިތާ ކޮޅަށް ހުންނާނީތަ؟ ނޫނީ އެތެރެއަށް ދާނީތަ؟" ރައްޔާން ސުވާލުކުރި އެވެ.
ރައްޔާންގެ ކިބައިން އުމާމާއަށް ކުޑަ ނަމަވެސް ގާތްކަމެއް ކުރިން ފެނުނުހެން ހީވި ނަމަ އެ ކުލަވަރެއް ބައްޕަގެ ފޯނާ ހިސާބުން ނެތިގެން ދިޔައީ އެވެ. ކުށްވެރިއަކީ ހުދު އޭނަ އެވެ. ރައްޔާންގެ ނަޒަރުގައި އޭނައަކީ މިހާރު ހަމައެކަނި ވިޔާނުދާ އަންހެންކުއްޖެއް ނޫނެވެ. ދޮގު ވެސް ހަދާ ކުއްޖެކެވެ.
އުމާމާ އިސްޖަހައިލުމުން އެ ހިމޭންކަން ޖަވާބުކަމަށް ނިންމާފައި ރައްޔާން ހިނގައިގަތީ އެތެރެއަށެވެ. ފަހަތުން އުމާމާ ވެސް ހިނގައިގަތެވެ.
އޭނަ ތަޅުދަނޑިން ދޮރު ހުޅުވަންދެން ރައްޔާން ބަލަން ހުއްޓެވެ. ގެއަށް ވަދެފައި އާދައިގެ މަތިން ހަބަރު ދޭހެން ގެއަށް އައި ވާހަކަ އުމާމާ ގޮވައިލި އެވެ. އެކަމަކު ހިތާއި ހިތުން ދުއާކޮށްލެވުނީ އެ އަޑު ނީވުމަށެވެ. ފެންނަ ހިސާބަށް އެ ގަޑީގައި ނުނިކުތުމަށެވެ. އެކަމަކު ކަންތައް ވީ އޭގެ އިދިކޮޅަށެވެ.
"އުމާމާ ތި އައީ ދޯ؟ ދެންމެ ބައްޕަ ގުޅީމަ އެ ވާހަކަ... އަހަ ރައްޔާން،" ޝާދިޔާ ވާހަކަދައްކަމުން ނިކުމެފައި ރައްޔާން ފެނިގެން ރާގު ބަދަލުވި އެވެ.
އަވަސް އަރުވާލައިފައި އެ ދިމާއަށް އަ އެވެ.
"ނުވެސް ބުނެއެއްނު ތި އައީ؟ ހިނގާ ކާން ދާން!" ޝާދިޔާ އައިސް އުމާމާއަށް ބަލައިލާފައި ރައްޔާންއަށް ބަލަން ހުރެގެން ހުށައެޅި އެވެ.
ރައްޔާން ފެނުމުން ކަންނޭނގެ އެވެ. އުމާމާ ލައިގެން ހުރި ހެދުން ވެސް ޝާދިޔާގެ ލޮލުގައި އަޅައިގަތް ކަމަކަށް ނުވި އެވެ.
"ކައިގެން މި އައީ،" ރައްޔާން މަނާވެގަތެވެ.
"އުހު ކޮންމެވެސް އެއްޗެއް ނަމަވެސް ބޮއިގެން ދެވޭނީ. މަޑުކުރޭ އަންނާނަން ކޮފީ ހިފައިގެން،" ޝާދިޔާ އަތުގެ އިޝާރާތުން ސޯފާ ދައްކާލީ އެމީހުން އިށީންނަން ތަން ދައްކަމުންނެވެ.
ދެ މީހުން އެކަކު އަނެކަކަށް ބަލާލައިފައި ގޮސް ދެ ފަރާތުގައި ހުރި ދެ ސޯފާގައި އިށީނެވެ. ބަހަނާއެއް ދައްކާފައި އެތެރެއަށް ދާން ބޭނުންވިއެއް ކަމަކު އުމާމާއަށް ތެދުވާކަށް ނުކެރުނެވެ. ހިމޭނުން ދެ މީހުން އެ ތިބި ގޮތަށް ތިބީ އެވެ. ވާހަކަދައްކާކަށް އެކަކު ވެސް ނޫޅެ އެވެ.
ޝާދިޔާ ގޮސް ގެއްލުނު ފަހުން ދެ މީހުންގެ ނަޒަރު އެއް ދިމާއަށް ދިޔައީ އުމާމާގެ ކޮޓަރިން އައިޝާ ނިކުތް އަޑަށެވެ. ރައްޔާން ވަގުތުން އިސްޖެހި އެވެ. ލަދުން އުމާމާގެ މޫނު ރަތްވި އެވެ.
ރައްޔާންއަށް މިއަދު މުޅިން ވެސް އެ ފެންނަނީ ކަންފަތަށް އިވިފައިވާ ވާހަކަތަކާ އިދިކޮޅު މަންޒަރުތަކެވެ.
އައިޝާ ހުރީ ކުރު ސޯޓަކާއި ޓީޝާޓެއް ލައިގެންނެވެ. ކަންފަތުގައި ހެޑްސެޓެވެ. ލަވައެއް ކިޔަމުން ބަދިގެއާ ދިމާއަށް ހިނގަހިނގާފައި ހުއްޓުނީ އެމީހުންގެ ހިލަން ވެގެންނެވެ. ރައްޔާންއަށް ބަލަހައްޓައިގެން ހުރެލާފައި އޭނައަށް ބަލާލައި ބޮލުގެ އިޝާރާތުން ކާކުހޭ އަހައިލި އެވެ.
"އައިޝާ!" ޝާދިޔާ ނިކުތް ވަގުތު އައިޝާ ފެނިގެން ތަންކޮޅެއް ބާރަށް ގޮވައިލާފައި ކައިރިއަށް ދާން އެދުނެވެ. އައިޝާ ގޮސް ކައިރިވުމުން ސިއްރުން އެ ބުނި އެއްޗެއް ބުނެފައި އަލުން އަނބުރާ ކޮޓަރިއަށް ފޮނުވައިފި އެވެ. އައިޝާ ފާޑަކަށް މޫނު ހަދާފައި ވަދެ ގެއްލުނެވެ.
"އުމާމާގެ ބައްޕަ މިހާރު ރައްޔާން މި ގެއަށް ނައިސްގެން ޝަކުވާކޮށްފި، ދޯ އުމާމާ؟" ޝާދިޔާ އައިސް ކޮފީ ތަށި ދިއްކޮށްލާފައި އުމާމާއަށް ދޯދިނެވެ.
އުމާމާ އިނީ ހަރަކާތެއް ނެތިފަ އެވެ. ކުޑަމިނުން ބޯޖަހައެއް ވެސް ނުލި އެވެ.
"އުމާމާ ބުނި ރައްޔާން ބިޒީ ވާހަކަ. މަންމައަށް އެނގޭ އުމާމާ ބުނެފިއްޔާ ވަގުތެއް ހޯދައިގެން އަންނާނެކަން. އެކަމަކު އައި ގަޑީ ހައިދަރު ނެތީމަ ދެރައީ،" ދެ މީހުން ކުރެ އެކަކު ވެސް އަނގައިން ނުބުނުމުން ޝާދިޔާ ފަށަފަށައިގެން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"ކޮން އިރަކުން އުމާމާ ބައްޕަ ރަށަށް އަންނަނީ؟" ރައްޔާން ސުވާލު ކުރި އެވެ.
"މާދަން އަންނާނެ،" ޝާދިޔާ އޮޅުންފިލުވައިދިނެވެ.
އުމާމާގެ ހިތް ތެޅިގަތެވެ. ރައްޔާން ބައްޕަ އަންނަ ދުވަހެއް އެ ބަލަނީ ޔަގީނުން ވެސް އޭނާގެ ޝަކުވާ ކުރަންވެގެންނެވެ. އެ ވަގުތު އެއްވެސް އެއްޗެއް ނުކިޔާ އެ ހުންނަނީ ފަހުން ދެ މީހުން ބައިތިއްބައިގެން ކިޔަން ވެގެންނެވެ. ދެ އަތް ދާހިއްލަން ފެށުމުން އުމާމާއަށް ދެ އަތް ދެ އަތާ އުނގުޅާލެވުނެވެ. ކަރުހިއްކާހެން ވެސް ހީވާން ފެށި އެވެ. އެތަނުން ތެދުވަން އެއަށް ވުރެ ރަނގަޅު ބަހަނާއެއް ނެތުމުން ފެން ބުއިމުގެ ބަހަނާގައި ތެދުވެގެން ދިޔަ އެވެ.
ބަދިގެއަށް ވަދެ އެމީހުން ލޯމަތިން ގެއްލުމުން ހިތާ ދިމާއިން މޭގައި އަތް އަޅައިލެވުނެވެ. އިރުކޮޅަކު އެގޮތުގައި ހުރެލާފައި ގޮސް ފްރިޖުން ފުޅިއެއް ނަގައިގެން މޭޒާ ކައިރިވެލި އެވެ. ކަރުހިއްކައިގެންފައި ހުރި ވަރުން އެއް ނޭވައިން ދަމައިލަން އުޅެފައި ވެސް ބުއީ ލަސްލަހުންނެވެ.
އެނބުރި ދިޔައިރު އައިޝާ އަލުން ނިކުމެ އެމީހުންނާ ބައިވެރިވެއްޖެ އެވެ. އުމާމާ ދަނިކޮށް ރައްޔާން ގަޑި ބަލާލައިފައި ތެދުވި ގޮތުން އެތަނުން ނުނިކުމެވިފައި ހުރިކަން އެނގުނެވެ. ޝާދިޔާ އެދުނީ މަންމަ އާއި ބައްޕައަށް ސަލާމް ރައްދު ކޮށްދިނުމަށެވެ. ރައްޔާން އެއްބަސްވި އެވެ. ޝާދިޔާގެ ބޭނުމަކީ އެމީހުންގެ ވާހަކަ ރައްޔާންގެ މައިންބަފައިންނާ ހަމައަށް ކޮންމެވެސް ސިފައެއްގައި ގެންދިއުމެވެ. އުމާމާއަށް އެކަން ކަށަވަރެވެ. އަދި ރައްޔާންއަށް ވެސް ދޮންމަންމަގެ މަގްސަދު ނޯޅޭކަން ޔަގީނެވެ.
ރައްޔާން ފޮނުވާލަން ދޮރާ ހަމައަށް އުމާމާ ދިޔައީ ދޮންމަންމަ ބުނީމަ އެވެ.
"ބޭރަށް ނިކުންނާނެ ކަމެއް ނެތް. ދޭ ދެން އެތެރެއަށް،" ދޮރުން ނިކުމެފައި އެނބުރި އުމާމާއަށް ބަލައިލަމުން ރައްޔާން ބުނެލި އެވެ.
ދޮރުގައި ހިފާލައިގެން އުމާމާ ހުއްޓުނެވެ. ރައްޔާން އިތުރު އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔަ އެވެ.
***
"އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް ވެސް..." އުމާމާގެ ވާހަކަ ނިމުމުން ޒާރާ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލައިފައި ހިމޭންވި އެވެ.
ރީތިވާ މޭޒު ކުރިމަތީ ހުރި ގޮނޑީގައި އިނދެގެން އުމާމާ ބުރުގާ އަޅަނީ އެވެ. ޒާރާ ދަބަސް ކޮނޑުގައި އަޅުވާލައިގެން އިނީ އުމާމާ ނިމުމުން އެކީގައި ދާން އައިހެވެ. ގުނަމުން ދަނީ ކޮލެޖުގެ ފަހު ދުވަސްތަކެވެ. އިމްތިހާނު ނިންމާފައި އެކި ކުދިން އެކި ދިމާއަށް ގޮސް ގެއްލިދާނެ އެވެ. ފެއާވެލް ހަފްލާ ވެސް ތަންކޮޅެއް އަވަސް ކުރީ ފަހުން އެންމެން އެއްކޮށް ދިމާވާން ދަތިތައް ހުރީމަ އެވެ. ފަހު އިމްތިހާނު ނިމޭ ދުވަހު ފުރަން ޓިކެޓް ނަގާފައި ތިބި ކުދިން އެބަތިއްބެވެ.
"ދެން އޭގެ ފަހުން އޭނަ ނުވެސް ގުޅާތަ؟" ޒާރާ އެކުވެރިޔާއަށް ބަލަން އިނދެފައި އިތުރަށް އެހި އެވެ.
އުމާމާ ބޯ ޖަހައިލި އެވެ.
ރައްޔާން އެ ރޭ ނިކުމެގެން ދިޔަ ފަހުން ތިން ދުވަސް ވީއިރު އަދި ހަބަރެއް ނުވެ އެވެ. އަދި އެއީ ފެހި ސިގްނަލެއްކަމެއް ނޫނީ ރަތް ސިގްނަލެއްކަމެއް ވެސް އުމާމާއަކަށް ނޭނގެ އެވެ. ރައްޔާންއަށް އޭނަގެ ކޮންމެވެސް ސިފައެއް ކަމުނުގޮސްގެން އެ ގުޅުން އެ ހިސާބުން ނިންމައިލާނެ ނަމައޭ ހިތަށްއަރާ ފަހަރު ވެސް އާދެ އެވެ. އެކަމަކު އަނެއްބައި ފަހަރު ބައްޕަގެ އަމަލުތައް ހުންނާނެ ގޮތް ހިތަށް އަރާފައި އެގޮތާ ވެސް ހިތްހަމަޖައްސައިލެވޭކަށް ނެތެވެ.
"ވިސްނަބަލަ! ފަހަރެއްގަ އުމާމާ ހީކުރާހާ ގޯސް ނުވެދާނެއެއްނު ކައިވެނިކޮށްގެން ދިޔައީމަ. ފަހަރެއްގަ މި ގޭގަ ތި އުޅޭ ދިރިއުޅުމަށް ވުރެ މާ ރަނގަޅު ވެސް ވެދާނެ. އެއް ފަހަރު ވެސް މިހެން ހިތަށް އެރިތަ؟" ޒާރާ ތެދުވެގެން އައިސް އުމާމާގެ ފަހަތަށް ހުއްޓުނެވެ.
އުމާމާ ތެދުވެ ސެންޓް ފުޅިން ގަޔަށް ޖަހައިލި އެވެ. އެވަގުތު އޭނަ ކުއްލިއަކަށް ހަނދާންވި އެވެ. ރައްޔާންގެ އާއިލާ ތެރެއަށް ދިއުމުން ސެންޓް ޖެހުން ވެސް އޭނައަށް މަނާވާނެ އެވެ. އެވަރުގެ ކުޑަ ކަމަކުން މަހުރޫމުވާން ޖެހެންޏާ އަދި އެ ނޫން ކިތައް ކަންތައް ހުންނާނެ ހެއްޔެވެ؟
ޒާރާއަށް ރައްދު ދިނުމުގެ ބަދަލުގައި ހިމޭންކަމާ އެކު އޭނަ ދަބަސް ނަގައިގެން ދޮރާ ދިމާއަށް އެނބުރުނެވެ. އޭނަގެ ހާލަތެއް ޒާރާއަކަށް ވެސް ނުވިސްނޭނެ އެވެ. ކޮންމެ މީހަކަށް ވެސް އެނގޭނީ އެމީހަކަށް އެފަދަ ކަމެއް ދިމާވީމަ އެވެ.
***
ކޮލެޖުން އައިސް އުމާމާއަށް ގެއަށް ވަދެވުނީ ތަޅާފޮޅުންގަނޑެއްގެ ތެރެއަށެވެ. ދޮރުމަތިން ޒާރާއަށް ހަނާ އަޅާލައިފައި ވަންނަން އުޅުނު ވަގުތު ބައްޕަގެ ބޫޓު ފެނިގެން އޭނަގެ ހިތް ތެޅިގަތެވެ. އެއީ ބައްޕަ އާންމުކޮށް ގެއަށް އަންނަ ވަގުތެއް ނޫނެވެ. ކަމެއް ގޯސްވެއްޖެކަން އުމާމާއަށް އެނގުނެވެ.
ތުރުތުރުއަޅާ ވަރުން ތަޅުދަނޑި ފުރަތަމަ ވެއްޓުނީ ބިންމައްޗަށެވެ. އަލުން ނަގައިގެން ދެވަނަ ފަހަރަށް ކުރި މަސައްކަތުން ދޮރު ހުޅުވާލައިފައި ދުވެފައި އޭނަ އެތެރެއަށް ވަނެވެ. ފުރަތަމަ ކަންފަތުގައި ޖެހުނީ އައިޝާގެ ރުއިމުގެ އަޑެވެ. ދޮންމަންމަ އާއި ބައްޕަ ފެނުނީ އޭގެ ފަހުންނެވެ. އުމާމާ ވަގުތުން ގަނޑުވި އެވެ.
ދޮންމަންމަ އޮތީ ބިންމައްޗަށް ގުޅައަކަށް ޖެހިފަ އެވެ. ކައިރީގައި ގުދަށް އޮވެގެން އަތުގައި އޮތް ބެލްޓަކުން ބައްޕަ ދޮންމަގެ ގައިގެ އެތަންމިތާ ތަޅަނީ އެވެ. އައިޝާ ތަންކޮޅެއް ދުރުގައި ހުރެގެން ގިސްލާ ރޮނީ އެވެ. ހަޅޭއްލަވަނީ އެވެ. ދޮންމަންމަ ވެސް ރޮނީ އެވެ.
"ބައްޕާ!" އުމާމާގެ ކަރު ތެރޭން ނިކުތެވެ.
ދާހިއްލާ ފޯވެފައި ހުރި ހައިދަރު އެނބުރި ބަލައިލި އެވެ. އެ ދެ ލޯ ރަތްވެފަ އެވެ. ލައިގެން ހުރި ހުދު ގަމީސް ގައިގައި ތަތްލައިފަ އެވެ.
ދިމާއަށް އަންނަން ފެށުމުން އުމާމާއަށް ފަހަތަށް ޖެހެވުނެވެ. ބިރުން މޭގަނޑު ރޫރޫ އަޅައިގަތެވެ.
"ރައްޔާން މި ގެއަށް އައޭ ކިޔައިގެން ދެ މީހުން ކުރެ އެކަކު ވެސް މަށަށް ދޮގުހެދުމުގެ ކުރިން ހާސް ފަހަރު ވިސްނާތި!" ހައިދަރު އައިސް އުމާމާ ކުރިމައްޗަށް ޖެހިފައި ހަޅޭއްލަވައިގަތެވެ.
އުމާމާއަށް ތެޅިގެންފައި ކަންފަތާ ދިމާއަށް އަތް ގެންދެވުނެވެ. އެކަމަކު އަތް އެޅުމުގެ ކުރިން އޭނަ އެ ނަފްސު ކޮންޓްރޯލް ކޮށްފައި ދެ އަތް ތިރިކޮށްލި އެވެ.
"ބައްޕާ އެއީ ތެދެކޭ. ރައްޔާން އައޭ މި ގެއަށް. ބައްޕަ ވެސް އަޑު އެހީމެއްނު ފޯނުން އޭނަ ވާހަކަދެއްކި އިރު؟ އޭނަ ބުންޏެއްނު އަހަރެން ގެއަށް ގެނައި ވާހަކަ؟" އުމާމާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓި ކޯތާފަތުން ތިރިއަށް ފޭދިގަތެވެ.
"ދެން އެހެންވީއިރު ކަލޭމެން ކޮން ވާހަކައެއް ދައްކައިގެން އެމީހުން އަދިވެސް ކައިވެނީގެ ވާހަކަ ނުދައްކާ އެ ތިބެނީ؟ ބުނޭ ރައްޔާން އައި ދުވަހު ކިޔެއް ކުރީ؟" ހައިދަރުގެ ހަމަލާ ދެން އަމާޒުވީ އުމާމާ އަށެވެ.
އުމާމާގެ ބުރުގާ މަތިން ހުޅިގަނޑުގައި ހިފާ ވާންކޮށްލާފައި ގުޑުވައިގަތް ގޮތުން އިސްތަށިގަނޑު އެކީ ލުހިގެން ނުދާނެ ކަމަކަށް އޭނަ އުންމީދެއް ނުކުރެ އެވެ. އެޅި ވޭނުން އޭނައަށް ރޮވިއްޖެ އެވެ.
"މަންމާ!...."
ބައްޕަގެ ހިތަށް އެވަރުން ވެސް ރަހުމެއް ނުވަނެވެ.
"ކޮން މަންމައެއް ކިޔާކަށް. ހަމަ މިހާރު އަހަރެންގެ މޫނުމަތިން ދުރަށް ދޭ!" ހައިދަރު އުމާމާ ކޮއްޕާލުމާ އެކު އޭނަ ގޮސް ޖެހުނީ ސޯފާތައް ކައިރި މުށިގަނޑު މައްޗަށެވެ.
ހައިދަރު ގެއިން ނިކުމެގެން ދިޔަ ތަން ދެކެފައި އައިޝާ ދުވެފައި ގޮސް މަންމަ ނެގި އެވެ. ދެމައިން އެކީ ކޮޓަރިއަށް ވަދެގެން ދިޔައިރު އުމާމާ އެ އޮތް ގޮތަށް އޮތެވެ. އޭނަ ބޯ ހިއްލައިލީ ވެސް އެންމެން ގޮސް ތަން ހިމޭންވީމަ އެވެ. ވޭން އަޅަމުންދިޔަ ކަކުލުގައި ފިރުމާލައިފައި ތެދުވެ ރޮމުންރޮމުން ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ.
އުމާމާ ވިސްނައިލުމެއް ނެތި ފޯނު ހޯދައިގެން ރައްޔާންގެ ނަންބަރަށް ގުޅި އެވެ. ފޯނު ކަންފަތުގައި ޖެހި އިރު ވެސް އޭނަގެ ރުއިމަކަށް ބަދަލެއް ނާދެ އެވެ.
"ހަލޯ،" އެންމެ ރިންގަކުން ރައްޔާން ފޯނު ނަގާފައި ބުނެލި އެވެ.
އުމާމާއަށް ވަގުތުން އަނެއް އަތުން އަނގަމަތީ ހިފާ ބާރުކޮށްލެވުނެވެ.
- ނުނިމޭ -
ކޮމެންޓް (2)
ާސަމް
ޒާނާ