ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 2
އެހެން ހުރިހާ ތަނެއް ހުއްޓާ ފެއާވެލް ޕާޓީ ހަމަޖެހިފައި އޮތީ ރައްޔާންމެންގެ އާއިލާގެ ފަރާތުން ހިންގާ ހޮޓެލްގައި ހެއްޔެވެ؟ އެކަން އެނގުނު ނަމަ އޭނާ އެ ޕާޓީއަށް ދާން އެ ހުރިހާ ތައްޔާރެއް ނުވީހެވެ. އެތަނަށް ދާން ހިޔާލެއް ވެސް ނުކުރީހެވެ.
"ކޮން ކަމަކާތަ ތިހާ ބިރުގަންނަނީ؟ ހާސްނުވެބަލަ! އެމީހުން ހިންގާ ހޮޓެލްއެއްގައި ހުރިހާ ވަގުތު އެމީހުން ތިބުމަކީ ލާޒިމް ކަމެއް ނޫން،" އުމާމާއަށް ވީގޮތް ފެނިފައި ޒާރާ ވާހަކަދެއްކި އެވެ.
"އެކަމަކު...." އުމާމާއަށް ވާހަކަދައްކަން ދަތިވި އެވެ.
ރައްޔާން ރަށުގައި އުޅޭ ވާހަކަ އޭނާ ޒާރާ ކައިރިއަކު ވެސް އަދި ނުބުނެ އެވެ.
"ހާސްނުވެބަލަ! މިކަހަލަ ފުރުސަތެއް އަލަކުން ނުލިބޭނެ. ލިވް އެ ލިޓްލް ޑާލިން!" ޒާރާ އުމާމާގެ ކޯތާފަތުގައި ހިފާލައިފައި ހިނިތުންވުމާ އެކު ހިތްވަރުދިނެވެ.
އާއެނކެވެ. އޭނާ މިރޭ އެ ޕާޓީއަށް އަންނަން ނިންމި މަގްސަދަކީ ވެސް އެއީ އެވެ. އެއްވެސް މިނިވަންކަމެއް ނެތި ޖަލެއްގައި އުޅެ އުޅެ އޭނާ ވަރުބަލި ވެއްޖެ އެވެ. ކައިވެނީގެ ކުރިން ލިބޭނެ މީ އެންމެ ފުރުސަތެކެވެ. މިރޭ އޭނާ އެ ފުރުސަތުގެ ބޭނުން ހިފާނެ އެވެ.
"ދެޓްސް މައި ގާލް،" އުމާމާ ބޯޖަހައިލި ތަން ފެނިގެން ޒާރާ އުފާވެފައި ބުނެލި އެވެ.
***
ހޮޓެލް އޯޝަން ބްރީޒްގެ ދޮރުމައްޗަށް މަޑުކޮށްލި ޓެކްސީއިން ފައިބައިގެން ޒާރާގެ ފަހަތުން ވަންނަން ދިޔައިރު އުމާމާގެ ހިތް ތެޅެން ފެށި އެވެ. ދިއްލާފައިވާ އެތައް ސަތޭކަ ބޮކިތަކުން ވެރިވެފައިވާ މަޑު އޮރެންޖް އަލީގައި ވެސް އޭނައަށް އިހްސާސްވީ 'ސްޕޮޓް ލައިޓެއް' އެޅިފައި ހުރި ހެންނެވެ. ޒާރާގެ އަތުގައި އޮތް ދައުވަތު ކާޑު ރިސެޕްޝަންގައި އިން ހިތްހެޔޮ ކުއްޖާއަށް ދެއްކިއިރު އުމާމާ ފަހަތުގައި ހުރީ އިސްޖަހައިގެންނެވެ.
އަންހެންކުއްޖާ އިތުރު މީހަކަށް ގޮވާލައިފައި އުމާމާ މެނަށް މަގު ދައްކައިދޭން ހަވާލު ކުރި އެވެ. އަންހެންކުއްޖާ ފަދައިން ކަނޑު ނޫކުލައިގެ އަތްދިގު ގަމީހާއި ހުދު ފަޓްލޫނެއްގައި ހުރި ޒުވާނާ އަތުގެ އިޝާރާތުން ފަހަތުން އައުމަށް އިޝާރާތް ކޮށްލި އެވެ. ޒާރާ އާއި އުމާމާގެ ކުރީގައި ހުރެ އޭނަ ގޮސް ފުރަތަމަ ހުޅުވައިލީ ލިފްޓެވެ. ދެ އަންހެންކުދިން އެރުމާ އެކު ޒުވާނާ ވެސް ފަހަތުން އަރައި އެމީހުންގެ ކުރީގައި ހުއްޓިފައި ދާންވީ ފަންގިފިލާއަށް އޮބާލި އެވެ.
ކުޑަ އިރުކޮޅެއް ފަހުން އެމީހުން ތިބީ ފެއާވެލް ޕާޓީ ކުރިއަށްދިޔަ ހޯލުގަ އެވެ. ޒާރާ ފެނުމާ އެކު ހުރިހާ އެކުވެރިން އުފަލާ އެކު މަރުހަބާ ކި އެވެ. އެންމެންނަށް ވެސް އެންމެ ބޮޑު ހައިރާންކަމަކަށް ވީ އެކީގައި އުމާމާ އައުމުންނެވެ.
"ވަރަށް އުފާވެއްޖެ އައީމަ. ބެސްޓް ސަޕްރައިޒް އިނގޭ މިރޭގެ،" ބައެއް އެކުވެރިން އައިސް އުމާމާގެ ނިންމުމަށް ތައުރީފް ކޮށްފައި ވާހަކަދެއްކި އެވެ.
އެކުވެރިންގެ މި ގާތްކަމުން އުމާމާގެ ހިތް އުފަލުން ފުރުނެވެ. ކުޑަ ހިނދުކޮޅަކަށް، އޭނާގެ ސިކުނޑި ތޮރުފަމުންދިޔަ ހިޔާލުތަކާ ދުރަށް ދެވުނެވެ. ހުނުމާއި މިއުޒިކާއި ނެށުމާއި މީރު ކާއެއްޗެހީގެ ދުނިޔެއަކަށް އޭނާ ވެސް ގެއްލުނެވެ. އެކަމަކު އެގޮތުގައި ވީ ކުޑަ އިރުކޮޅެކެވެ. ހޯލްތެރޭ ގިނައިރު ވީ ވަރަކަށް އޭނާ އެތަނަށް އެކަށީގެންނުވާކަން އުމާމާއަށް އިހްސާސް ވާން ފެށި އެވެ. މިއުޒިކުން އޭނާގެ ބޮލުގައި ރިއްސަން ފެށި އެވެ. އުމުރުގައި ވެސް ނުކުރާ ކަމެއްވެ ނަށަމުންދިޔަ މީހުންނާ އޭނާ ހުރީ ދުރުގަ އެވެ. ބައިބަޔަށް އެކުވެރިން ދައްކަމުންދިޔަ ވާހަކަތަކަކީ އޭނައާ ގުޅުމެއް ހުރި ވާހަކަތަކެއް ނޫނެވެ. ވަންއިރު މަރުހަބާ ކީ ރައްޓެހިންތައް ވެސް އޭނާ މަތިން ހަނދާން ނެތި އަމިއްލަ މަޖަލުގައި މަސްއޫލުވެއްޖެ އެވެ. ގެއަށް ދާން ބޭނުން ވެގެން ޒާރާ ހޯދަހޯދާ ޒާރާއެއް ނުފެނުނެވެ.
ނިކުމެގެން ވެސް އެކަނި ގެއަށް ދެވޭނެ ގޮތެއް ނެތެވެ. އެކަމަކު އެ ހުރިހާ އިރު އެތާކު ކެތެއް ނުވާނެ އެވެ.
ޒާރާއަށް ގުޅަން މަސައްކަތް ކުރަމުން ދަނިކޮށް މީހަކު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުނެވެ. އުމާމާ އިސްއުފުލާލައިފައި ރަނގަޅަށް ބަލައިލި އެވެ. އެއީ އެމީހުން ގޮވައިގެން އެތަން ދައްކަން އައި ޒުވާނާ އެވެ. އުމާމާއަށް ފުރަތަމަ ފަހަރަށް ޒުވާނާގެ ޖީބުގައި ހަރުކޮށްފައިވާ ޓެގްކޮޅަށް ނަޒަރެއް ދެވުނެވެ.
"ޖީއެމް އަލީ ޝާދިން"
އުމާމާގެ ހިތް ބުނީ އެ ޒުވާނާއަށް އިތުބާރު ކުރެވިދާނެ ކަމުގަ އެވެ.
"ތިހޯދަނީ އެކީގައި އައި އެކުވެރިޔާތަ؟" ޝާދިން އެކުވެރި ރާގެއްގައި ސުވާލުކުރި އެވެ.
އުމާމާ ހައިރާންވި އެވެ. ދެވަނަ ސިކުންތުގައި އެއްބަސްވުމުގެ ގޮތުން ބޯޖަހާލައިފި އެވެ.
"އައި ކެން ހެލްޕް ޔޫ." ޝާދިން ހިނިތުންވުމަކާ އެކު ފަހަތުން އަންނަން އިޝާރާތްކޮށްލާފައި ހިނގައިގަތެވެ.
އުމާމާ ހިނދުކޮޅަކަށް ފަސްޖެހުނެވެ. ދެން ހިތަށް އެރި އެވެ. އެ ޒުވާނާ އެ އަންނާނީ ޒާރާ ފޮނުވައިގެންނެވެ.
ހޯލް ތެރެއިން ނިކުތުމާ އެކު އެތެރެއިން އިވެމުން އައި އަޑުފަށްގަނޑު އެކީގައި ކެނޑިގެން ދިޔަ އެވެ. އުމާމާގެ ކުރީގައި ހުރެގެން ކޮރިޑޯ ތެރެއިން ހިނގާލައިފައި ޒުވާނާ ގޮސް ހުއްޓުނީ އަނެއްކާވެސް ލިފްޓެއްގެ ކުރިމައްޗަށެވެ. އުމާމާ ވަންނަން އިޝާރާތްކޮށްލާފައި ފަހަތުން ވަދެފައި އޮއްބައިލީ 'ޕެންޓްހައުސް' އަށެވެ. އުމާމާގެ ދެ ލޯ ބޮޑުވި އެވެ. ޒާރާމެން ޕެންޓްހައުސްއަށް ދިޔައީ ކާކުގެ ދައުވަތަކަށް ބާވަ އެވެ؟ އޭނާއަށް އެނގިފައި އޮތް ގޮތުން ވިއްޔާ އެއީ އިމާރާތުގެ އެންމެ ތަނަވަސް އެޕާޓްމެންޓެވެ. ފުރަތަމަ ކަމަކަށް އެ ހޮޓެލްގައި ޕާޓީ ބޭއްވޭނީ ވެސް ކޮންމެވެސް ކުއްޖަކު މެދުވެރިވެގެން ނަމަވެސް ރަނގަޅު ސްޕޮންސާއެއް ލިބިގެންކަން ޔަގީނެވެ.
އެހެން ލިފްޓްތަކާ ހިލާފަށް އެ ލިފްޓް ހުޅުވުނީ ކޮރިޑޯއަކަށް ނޫނެވެ. ސީދާ ޕެންޓްހައުސް ކުރިމައްޗަށެވެ. ޝާދިން ނިކުމެގެން ގޮސް ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައިވާ ސިސްޓަމް އިން ބެލްއަށް އޮބާލި އެވެ.
ދެން އިރުކޮޅަކުން ކެމެރާއަށް ބަލަން ހުރެގެން ސެލިއުޓެއް ދީފައި އެތަނުން ދާންވެގެން އެނބުރިއްޖެ އެވެ.
"ވެއިޓް. ނުވަންނާނަންތަ އެތެރެއަކަށް؟" އުމާމާ ޝާދިންއާ ދިމާއަށް އެނބުރިފައި ސުވާލު ކުރި އެވެ. އޭނާ ހުރީ މިވާ ގޮތެއް ނޭނގިފަ އެވެ.
ޝާދިން ޖަވާބުދިނުމެއް ނެތި ހިނިތުންވެލާފައި ގޮސް ލިފްޓަށް އަރައިގެން ގެއްލިއްޖެ އެވެ. އުމާމާ އެނބުރި ޕެންޓްހައުސްގެ ދޮރާ ދިމާއަށް ބަލަން ހުއްޓާ އެ ދޮރު ހުޅުވުމުން ސިއްސައިގެން ގޮސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ދެން އޭނާ ބޯ އަރިކޮށްލާފައި އެތެރެ ބަލައިލި އެވެ. ފެންނަ ހިސާބުގައި އެއްވެސް މީހަކު ނެތެވެ. އަދި މީހެއްގެ އަޑެއް ވެސް ނީވެ އެވެ. ޒާރާމެން ކޮބައި ބާވަ އެވެ؟
ހިތް ނުތަނަވަސްވެފައި ހުރި ނަމަވެސް އެ ހިސާބަށް އައިސް އަނބުރާލައިފައި ނުދާންވެގެން އޭނަ ދޮރުން އެތެރެއަށް ވަނެވެ. ހަމައެއާއެކު ދޮރުފަތުގައި ހިފައިގެން ހުރި މީހަކު އެއިން އަތް ދޫކޮށްލުމުން އަމިއްލައަށް ލެއްޕި ތަޅުލެވިއްޖެ އެވެ. އުމާމާއަށް ފުންމައިގަނެވުނެވެ. އެނބުރި އެ ދޮރާ ދިމާއަށް ބަލާލައިފައި އެނބުރުނު ވަގުތު ފައި ދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ. ހަގީގަތުގައި ވެސް އެވަގުތު އޭނާގެ މޫނުމަތިން ކޮކާބުރާލި އެވެ.
ދާދި ކައިރީގައި ބީރައްޓެހި ނަޒަރަކުން ބަލަހައްޓައިގެން އެ ހުރީ ރައްޔާން އެވެ.
***
ދޮޅު ގަޑިއެއްހާއިރު ކުރިން ރައްޔާން ހޮޓަލަށް އައީ މަސައްކަތެއް ނިންމުމަށެވެ. އެހެން މީހެއްގެ އުނދަގުލެއްނެތި ހަމައެކަނި އެކަމަށް މަސްއޫލުވެގެން ކަމެއް ނިންމަން އޮތިއްޔާ އޭނާ އަބަދުވެސް އަންނަނީ ހޮޓަލަށެވެ. ބައްދަލުވުންތައް ކުރިއަށް ގެންދަން ވެސް އެތަން ފަސޭހަ އެވެ. ޝާދިން ގުޅީ އޭނާ ކަރުހިއްކައިގަނެގެން ޖޫސް ތަށްޓެއް ބޯން ފްރިޖް ކައިރީ ހުއްޓަ އެވެ. ރައްޔާން ގޮސް ފޯނަށް ބަލައިލާފައި ނެގި އެވެ.
ޝާދިން އަކީ ހަމައެކަނި ހޮޓެލްގެ ޖެނެރަލް މެނޭޖަރެއް ނޫނެވެ. އޭނަގެ ގާތް އެކުވެރިއެއް ވެސް މެ އެވެ.
"މިރޭ ހޯލްގައި އޮންނަ ޕާޓީމަތިން ހަނދާން އެބަހުރިތަ؟" ޝާދިން ފުރަތަމަ ވެސް މައުލޫއުއަށް ދިޔަ އެވެ.
"ތިބުނީ؟" ރައްޔާން ދެވަނަ ފަހަރަށް ޖޫސް ތަށީގައި ތުންޖަހަން އުޅެފައި ތިރިކޮށްލި އެވެ.
އޭނާއަށް އެކުވެރިޔާ އެ ކިޔާ އެއްޗެއް ދޭހައެއްނުވި އެވެ.
"ކޮލެޖް ކުދިންތަކެއްގެ ފެއާވެލް ޕާޓީ،" ޝާދިން ތަފްސީލު ދިނެވެ.
"ދެން؟" ރައްޔާން ގޮސް މޭޒުކައިރީ ގޮނޑިއެއް ދަމާލައިގެން އިށީނެވެ.
ޝާދިން އެ ވާހަކަ އޭނަ ކައިރީ ދައްކަން ޖެހޭ ސަބަބެއް ނުވިސްނުނެވެ.
"ގެސް ހޫ އައި މެޓް އިން ދަ ޕާޓީ؟ ... އުމާމާ،" ޝާދިން ސުވާލުކޮށްލައިފައި ކުޑަ ވަގުތުކޮޅެއް ދިނުމަށް ފަހު އުމާމާގެ ނަން ކިޔާލި އެވެ.
ރައްޔާންއަށް ލިބުނު ސިހުމުގައި ޖޫސް ތަށި ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ.
"އުމާމާ ހައިދަރު،" ރައްޔާން ބޭނުންވީ އިތުރަށް ޔަގީން ކުރާށެވެ.
"ދަ ވަން އެން އޮންލީ..." ޝާދިން ދިނީ ޔަގީންކަމެވެ.
ރައްޔާން ގާތަށް ހިނި އަ އެވެ. އުމާމާ އަކީ އެކަހަލަ ތަނަކުން ފެންނާނެ އަންހެންކުއްޖެއް ނޫނެވެ. ޝާދިންއަށް އެ އުޅެނީ އޮޅިގެންނެވެ. ފާއިތުވި އަހަރުތަކު ތެރޭގައި އޭނާއަށް ވެސް އުމާމާ ފެނިފައި ވަނީ މަދު ފަހަރަކު އެވެ. އެހެންވީއިރު ޝާދިންއަށް އެހެން އަންހެންކުއްޖަކު ފެނިގެން އުމާމާ ކަމުގައި ހީވެދާނެ އެވެ. އާއިލީ ބައްދަލުވުންތަކުގައި ދެ މީހުން ބައްދަލުވާއިރު ވެސް ދުވަހަކު ވެސް އެ ދެ މީހުން އެކަނި ވާހަކަދައްކާފައެއް ނެތެވެ.
"އަހަރެން ތިތަނަށް އުމާމާ ގެންގޮސްފިއްޔާ ކޯއްޗެއް ދޭނީ؟" ރައްޔާން ހޭ އަޑު އަހަން ހުރެފައި ޝާދިން އެހި އެވެ.
"ބުނި ކޮންމެ އެއްޗެއް..." ރައްޔާން ޖެހިލުމެއްނެތި ބުނެލި އެވެ.
ފޯނު ބޭއްވިއިރު ވެސް އޭނާ ހުރީ ހިނި އައިސްފަ އެވެ. ޝާދިންގެ ކުށްހީ ޔަގީންކަމަށް ބަދަލުވާކަށް ގިނައިރެއް ނުނަގާނެކަން އޭނާއަށް އެނގެ އެވެ.
***
ކެމެރާއިން ފެނުނު ވަގުތު ވެސް ރައްޔާންއަށް އަދި އެއީ އުމާމާކަން ޔަގީނެއް ނުވި އެވެ. އެކަމަކު ދޮރުން އެތެރެއަށް ވަނުމާ އެކު ހުރިހާ ޝައްކެއް ވަސްވާހެއް އުދުހިގެން ހިނގައްޖެ އެވެ. އެއީ އުމާމާ ނޫން ދެވަނަ އަންހެންކުއްޖެއް ނޫނެވެ. އަދި އުމާމާއަށް ވެސް އޭނާ އެނގިއްޖެކަން އެ މޫނުގެ ކުލަވަރު ބުނެދިނެވެ.
"ފެއިންޓް ވަނީތަ؟" އުމާމާގެ ނިތަށް އަރައިގެން ދިޔަ ރޫތަކާއި އެއް އަތުން ބޮލުގެ މަތީ ފަރާތުގައި ހިފަހައްޓައިލިތަން ފެނިފައި އޭނާއަށް ސުވާލުކޮށްލެވުނެވެ.
އުމާމާ އެ ވަގުތު އަތްތިރިކޮށްލާފައި ދާދި އަވަހަށް ހަމަޖެހޭ ގޮތް ދައްކައިލި އެވެ.
"އާދޭ އިށީންނަން." ދެ ފިކުރެއްގައި ހުރެފައި އޭނާ ސޯފާތަކާ ދިމާއަށް އިޝާރާތްކޮށްލި އެވެ.
އޭނާއަށް ހީވީ ރަނގަޅަށެވެ. އޭނާ ފެނުނު ވަގުތުން ފެށިގެން އުމާމާގެ ތަބީއަތު ރަނގަޅެއް ނޫނެވެ. ގޮސް ސޯފާގައި އިށީނީ ފާޑަކަށް ވެއްޓިގަންނަ ގޮތަކަށެވެ. އޭނާއަށް މޫނު ނުދައްކަން ވެގެން އަދި އިނީ ވެސް ވީހާވެސް ބޮޑަށް ދުރު ފަރާތަށް މޫނު އަނބުރައިގެންނެވެ.
ރައްޔާން ގޮސް ދުރުގައި ހުރި ސޯފާގައި އިށީނެވެ. އުމާމާ ބޭނުންވާ ގޮތަށް އޭނާއަށް އެ މޫނު ނުފެންނަ ހިސާބުގަ އެވެ. އޭނާ އިސްޖަހައިލީ އިތުރަށް ވާހަކަ ފަށާނެ ގޮތެއް ނޭނގިފަ އެވެ. އެއީ އޭނާ އުމާމާއާ ބައްދަލުވާން ކުޑަކޮށް ވެސް ހިޔާލު ކުރި ގޮތެއް ނޫނެވެ. ޝާދިންގެ ވާހަކައިގައި ކުޑަ ވެސް ހަގީގަތެއް ވާކަމަށް ޝައްކުވި ނަމަ އޭނާ އެ ތަނަށް އުމާމާ ގެންނާކަށް އެއްބަހެއްނުވީހެވެ. އެގޮތަށް ދެ މީހުން އެކަހެރިކޮށް ބައްދަލުކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
"އަހަންނަކަށް ނޭނގެ އަހަރެން މިތަނަށް ގެނައި މީހާ ބުނީ ކީކޭ ކަމެއް. އެކަމަކު އަހަރެން މިކަހަލަ ތަނަކަށް އައި ފުރަތަމަ ފަހަރު މީ،" އުމާމާ ރޮވިފައިވާ އަޑަކުން ވާހަކަދެއްކި އެވެ.
"ރޮނީތަ؟" ރައްޔާންއަށް އަހައިލެވުނެވެ. އޭނާ އަޅައިގަތީ އުމާމާގެ އަޑަށް އައިސްފައި ހުރި ބަދަލުގަ އެވެ.
އުމާމާ ކަރުނަ ފުހެލާފައި ރައްޔާންއަށް ބަލައިލި އެވެ.
"ދެން ކިހިނެއް ހަދަން ގަސްތުކުރަނީ؟" އުމާމާ ރައްޔާންއާ ހަތަރުކަޅި ހަމަކޮށްލަމުން ސުވާލުކުރި އެވެ.
އުމާމާ އެ އަހަނީ އެފަދަ ތާކުން އޭނާ އަތުލައިގަނެވުމުން ދޭން ގަސްތުކުރާ އަދަބަކާ ބެހޭގޮތުންކަން ރައްޔާންއަށް އެނގުނެވެ.
"ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން،" ރައްޔާންގެ ޖަވާބު އަ އެވެ.
އުމާމާގެ މޫނުން ނުތަނަވަސްކަން ފެނިލި އެވެ. އޭނާ އިތުރަށް ބިރުގަތްކަން ރައްޔާންއަށް އެނގުނެވެ. އެކަމަކު ރައްޔާންގެ ގަސްތަކީ އެއީއެއް ނޫނެވެ. އޭނާ އުމާމާ ގެއަށް ގެންދަން ބޭނުންވަނީ ފަހަރެއްގައި ވެސް ބޭޒާރު ކުރާކަށް ނޫނެވެ.
އުމާމާ ޖަވާބެއް ނުދިނުމުން ރައްޔާން ފޯނު ނަގާފައި ގެއަށް ދާން ކާރެއް ހަމަޖެއްސި އެވެ.
"އަހަރެން އައީ އެކަންޏެއް ނޫން. އަހަރެންގެ ކަޒިން ޒާރާ އުޅޭނެ. އޭނާ މިތާ ކަމަށް ހީކޮށް މިތަނަށް އައީ،" އުމާމާ އިސްޖަހައިގެން އިނދެފައި ވާހަކަދެއްކި އެވެ.
"އަހަރެން އޭނާ ގެއަށް ދިއުމުގެ ކަންތައް ހަމަޖައްސައިދޭނަން،" ރައްޔާން ބުނެލި އެވެ.
އުމާމާ އިތުރަށް އެކަމާ ޖަދަލު ކުރާކަށް ނޫޅުނެވެ. މިރޭ އޭނާ އެ ހުރީ އެފަދަ މަގާމެއްގައެއް ނޫނެވެ.
ކުޑަ އިރުކޮޅެއް ފަހުން ދެ މީހުން އެކީ ނިކުމެގެން ގޮސް ކާރަށް އެރި އެވެ. އުމާމާ އިނީ ލޯގަނޑާ ދިމާއަށް މޫނު އަނބުރާލައިގެންނެވެ. ނުރޯން އިނަސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔަ އެވެ. މުޅި އުމުރުގައި އޭނާ ކުރި އެންމެ ކަމެއް ބޭޒާރުވީ އިރު ވެސް އެ ބޭޒާރުވީ ރައްޔާން އަށެވެ. އަދި އެއީ އެއް ފަހަރު ހިނގި ކަމެއް ވިއަސް އަންނާނެ ތަފާތެއް ނެތެވެ. ރައްޔާން މިރޭ އޭނާ ގެއަށް ގެންގޮސް ދޮންމަންމައަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ އެވެ. އެއަށް ފަހު ދެން އެ ހުރިހާ ވާހަކައެއް ދާނީ ބައްޕަގެ ކަންފަތާ ހަމައަށެވެ. ބައްޕަ އޭނާ ދިރިހުއްޓާ ދުލެއް ނުކުރާނެ އެވެ.
ކާރު މަޑުކޮށްލުމާ އެކު އުމާމާގެ ހިޔާލުތަކުން ނިކުމެވުނެވެ. އޭނާ ރައްޔާންއަށް ބަލާލިއިރު ރައްޔާން އިނީ ދުރު ބަލަހައްޓައިގެންނެވެ. އެކަމަކު އުމާމާއަށް ޓިޝޫ ފޮށި ދިއްކޮށްލައިގެންނެވެ. އުމާމާ ޓިޝޫތަކެއް ދަމައިގެންފައި މޫނާއި ނޭފަތް ފުހެލި އެވެ.
-ނުނިމޭ-
ކޮމެންޓް (1)
ޒާނާ