ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 12
އޭނަގެ ޝައްކު ޔަގީނަށް ބަދަލުވުމާ އެކު ދެފައިކޮޅުން ވާގި ހުސްވިހެން ހީވި އެވެ. ވަގުތުން ފޯނު ނަގާފައި ސައިފްގެ ނަންބަރަށް ގުޅާލެވިއްޖެ އެވެ. އެކަމަކު ސައިފް ފޯނެއް ނުނަގަ އެވެ. އަދި އެއީ ފޯނު ނެގޭނެ ގަޑިއެއް ނޫންކަން ވެސް އޭނައަށް ވިސްނުނެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި ޖުމާނާ ދެން އެނބުރުނީ ރަށަށް އައި މެހުމާނުންނަށް ހިދުމަތްދިނުމަށެވެ.
އައްމާރު އާއި ޒުބައިރުއަށް އެއް ކޮޓަރި ދީފައި އަނެއް ކޮޓަރި އަލަތު ދެމަފިރިންނަށް ހަމަޖެއްސުމަށް ފަހު ބާކީ ހުރި ކޮޓަރި ދިނީ ޒޯޔާއަށެވެ. ކައްކާ ކެވޭނެހެން ބޮޑު ބަދިގެއަކާއި ތަނަވަސް ފެންޑާއެއް ވެސް ހުރުމުން އެންމެނަށް ވެސް އެތަން ކަމުދިޔަ އެވެ. ނުވިތާކަށް ގޯތިތެރޭގައި ބަގީޗާ ހައްދާލައިފައި އަދި އަނބު ގަހެއްގައި އުނދޯލިތައް އެލުވާފައި ހުއްޓެވެ. އެކަމަކު އެ އެންމެންގެ ތެރެއިން ވެސް އެކަކުގެ ހިތް ވީ އުދާސްވެފަ އެވެ.
އުމާމާ ބޭނުންވި ގޮތަށް އެންމެން އެއްކޮށް އެ ދަތުރު އާދެވުނު ނަމަވެސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ފޮށިތަކާއި ދަބަސްތައް ބަހައްޓާފައި ފެންޑާގައި މަޝްވަރާގައި ތިބި މީހުންނަށް ހިލަންނުވާނެހާ މަޑުމަޑުން އޭނަ އައީ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އޮތެވެ. ދެން ތެދުވެގެން ގޮސް ދޮރެއް ހުޅުވާލައިފައި ބެލްކަންޏަށް ނިކުމެއްޖެ އެވެ.
ވަޔާ އެކު ހިކިފަތް އެޅިފައިވާ ބެލްކަނި ފުދޭވަރަކަށް ދިގެވެ. ކޮޓަރިން ނިކުމެގެން ހިނގަމުން ގޮސް އަރިމައްޗަށް ދެވެން ހުއްޓެވެ. އުމާމާ ހިނގަމުން ގޮސް އަރިމައްޗަށް ނިކުތުމުން ޖެހިގެން ހުރި ގޭގެ ގޯތިތެރެ އޮތީ ފެންނާށެވެ. ހިކި ފަތްތައް ގިނަވެފައިވާ އެ ގޭގައި ވެސް އެކި ވަރުގެ ގަސްތައް ހެދިފައި ހުއްޓެވެ. ބޭރުގައި ދަމާފައިވާ ރޯނެއްގައި ދެ ޖިންސްގެ ކުޑަކުދިންގެ އަންނައުނުތަކަކާއި ބޮޑު ފިރިހެނެއްގެ އަންނައުނުތަކެއް ހިއްކަން އަޅާފައި ހުއްޓެވެ. ވަޔާ އެކު ރޯނު ހެލިލާ އިރު ބައެއް އަންނައުނުތައް ބިންމައްޗަށް ވެއްޓިދާނެ ކަހަލަ އެވެ.
ހުޅުވާފައި ހުރި ކުޑަދޮރަކުން އެތެރޭގައި ޓީވީއެއް ހުޅުވާފައި ހުއްޓާ ފެނުނެވެ. އަދި އެ ޓީވީއަށް ގެއްލިފައި ކުޑަ އަންހެންކުއްޖަކު އިނެވެ.
އުމާމާ ޝައުގުވެރިކަމާ އެކު އެ ގޭގެ އެކި ދިމާއަށް ބަލަމުން ދަނިކޮށް ދޮރާށި ހުޅުވާލައިފައި މީހަކު ވަދެއްޖެ އެވެ. އެއީ ކުޑަ ފިރިހެންކުއްޖަކު އުރައިގެން ހުރި ފިރިހެނެކެވެ. އެ ކުޑަކުއްޖާ އެ މީހާގެ ކޮނޑުގައި ބޯއަޅައިގެން އޮތުމުން ޒުވާނާގެ މޫނުން ފެންނަން ހުރީ އަރިމަތިން އެއް ބަ އެވެ. އެކަމަކު އެހާ ކުޑަ ތަންކޮޅަކުން ވެސް ދަންނަ ފާޑެއް ޖަހައިފި އެވެ. އުމާމާ ބަލަން ހުއްޓާ އެ މީހަކު ގޮސް އެ ގޭގެ އެތެރެއަށް ވަދެއްޖެ އެވެ. އަދި ހަމައެއާއެކު ސޯފާގައި އިން ކުޑަ އަންހެންކުއްޖާ ވެސް އިން ތަނުން ތެދުވެގެން ނުފެންނަ ހިސާބަށް ހިނގައްޖެ އެވެ.
"ހިނގާ ދެން ކޮއްކޮ ގެއަށް ދާން. ފެންވަރައިގެން ފަހުން އަންނާނީ،" ޖުމާނާ ބިލާލް ގޮވައިގެން ގެއަށް ދާން ގަސްތުކޮށްފައި ވާހަކަދެއްކި އެވެ.
ނަސީބަކުން ބިލާލް ވަރަށް ފަސޭހައިން ރައްޔާންގެ އުނގުން ފައިބައިގެން އައިސް ޖުމާނާގެ އަތުގައި ހިފައިފި އެވެ. ކަމެއް ބޭނުންވަންޏާ ގުޅާށޭ ކިޔާފައި ޖުމާނާ ނިކުތީ މަގުމައްޗަށެވެ. އޭނަގެ ހިޔާލު ބަދަލުވީ ސައިފްމެންގޭ ދޮރުމަތިންނެވެ. ފޯނަށް ނަޒަރެއް ދިން އިރު ސައިފް ގުޅާފައެއް ނެތެވެ. އޭނަގެ މިސްކޯލު ނުފެންނަނީ ކަމަށްވެދާނެ އެވެ. ޖުމާނާ ގަސްތުކުރީ ގެއަށް ވަދެ ހަބަރު ބަލާލުމަށެވެ. އެ ނިޔަތުގައި އޭނަ އެ ގޭގެ ދޮރާށިން ވަން އިރު އުމާމާ އަދިވެސް ބެލްކަނީގައި ހުއްޓެވެ. ޖުމާނާ ވަންތަން ފެނުމުން އުމާމާ އިތުރަށް ޝައުގުވެރިވެފައި އެ ދެމައިން ގޮސް އެ ގޭގެ އެތެރެއަށް ވަންނަތަން ބަލަން ހުއްޓެވެ. އޭނަ އެތަނުން ގުޑިލީ ޖުމާނާ ވަން ގޮތަށް ނުނިކުތީމަ އެވެ.
"ކޮބާ ސައިފްދޮންބެ؟" ޖުމާނާ ސުވާލުކުރީ ސިޓިން ރޫމްގައި ފޯނު ހިފައިގެން އިން މާޒްއާ އެވެ.
އެތެރޭގައި،" ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތި މާޒް ޖަވާބުދިނެވެ.
ޖުމާނާ ކޮޓަރިތަކާ ދިމާއަށް ބަލައިލާފައި މިސްރާބު ޖެހީ ސައިފްގެ ކޮޓަރިއާ ދިމާއަށެވެ. ބިލާލްއަށް ޓީވީ ފެނިގެން އެދުނީ ޓީވީ ބަލަން އެތާ މަޑުކުރުމުގެ ހުއްދަ އަށެވެ. ޖުމާނާ ބޯޖަހައިލުމުން ބިލާލް އޭނަގެ އަތުން ދޫކޮށްލާފައި ގޮސް ސޯފާގެ އެއް ކޮޅުގައި އިށީނދެއްޖެ އެވެ. ޖުމާނާ ގޮސް ސައިފްގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލި އެވެ.
ހަބަރެއް ނުވުމުން އެނބުރި މާޒްމެން ތިބި ދިމާއަށް ބަލައިލާފައި އަނެއްކާވެސް ދޮރާ ކުރިމަތިލި އެވެ. ސައިފް ދޮރު ހުޅުވައިލީ އަލުން ޓަކިޖަހަން އުޅެނިކޮށެވެ.
ސައިފްއަށް ޖުމާނާ ފެނުމުން ސިހުނެވެ. އެ ކުލަވަރު ދެން ބަދަލުވީ މޮޅިވެރިކަމަށެވެ.
"ޖުމާ!" ސައިފް ކިޔައިލި އެވެ.
"ކޮބާ ކޮއްކޮ؟" ޖުމާނާ އެތެރެއަށް ނަޒަރު ހިންގައިލި އެވެ.
ސައިފް އެއް ފަރާތަކަށް ޖެހިލާފައި އެނދުމަތީ އިން އާކިފް ދައްކައިލި އެވެ. އާކިފް އިނީ ސައިފްގެ ފޯނު ހިފައިގެންނެވެ. ރުއްސަންވެގެން ފޯނު ދީފައި ކަންނޭނގެއޭ ހިތަށްއެރި އެވެ. ކައިރީގައި އަލްޔާ ވެސް އިނެވެ.
"ނަސީބަކުން ހުއްޓާފަ އޮއްވާ ޖެހުނީމަ ބޮޑު އަނިޔާއެއް ނުވޭ. އަނިޔާއަށް ވުރެ ބޮޑަށް ބިރުގަނެފަ ހުރީ،" ސައިފް އެނބުރި ޖުމާނާއަށް ބަލާލައިފައި ކިޔައިދިނެވެ.
"ޕުއާ ތިންގް..." ޖުމާނާއަށް ބުނެވުނެވެ. އޭނަގެ ނަޒަރު އަދިވެސް ހުރީ އާކިފްއަށެވެ.
"މާޒް ގެއިން ނިކުންނަ ގަޑީގައި ވެސް އާކިފް އާއި އަލްޔާ ދޮރު ތަޅުލައިގެން ގޭގައި ތިބޭތީ ވަރަށް ހިތްހަމަޖެހިގެން މިއޮތް ހުރިހާ ދުވަހު މި އުޅުނީ. އެކަމަކު މިއަދު މިވީ ގޮތުން ދެން އެކަނިކޮށްލާފަ ގޮސް ހިތްހަމަޖައްސައިލެވޭކަށް ވެސް ނެތް،" ސައިފް މޮޅިވެރިކަމާ އެކު ކިޔައިދިނެވެ.
ޖުމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމައެކަނި ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ.
ދައްކާނެ ވާހަކައެއް ނޭނގިފައި އިރުކޮޅެއް ވުމުން ޖުމާނާއަށް އުނދަގޫވި އެވެ. އައި ގޮތަށް އަދި ގެއަށް ވެސް ނުވަދެއޭ ކިޔާފައި އޭނަ ދާންވެގެން އެނބުރުނެވެ. ފަހަތުން ސައިފް ވެސް ނިކުތެވެ. ޖުމާނާ ގޮސް ބިލާލްއަށް ގޮވާލުމުން މަންމައަށް ނަޒަރެއް ދީފައި ގަޔާނުވެފައި އިން ގޮތަކަށް ޓީވީ ބެލުން ހުއްޓާލައިފައި ތެދުވެގެން އަތުވެއްޖެ އެވެ. ޖުމާނާ ބިލާލްގެ އަތުގައި ހިފާލައިފައި ސައިފްއާ ދިމާއަށް އެނބުރުނެވެ.
"އިހަށް ގޮސްލަނީ. ހެލްޕެއް ބޭނުމިއްޔާ ބުނެލާތި!" ޖުމާނާ ހުށައެޅި އެވެ.
ސައިފް އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީ އެވެ. ޖުމާނާ ދޮރާށިން ވެސް ނިކުތްކަމެއް ނޭނގެ އެވެ. ސައިފްގެ ހުރިހާ ރުޅިއެއް ބޭލުނީ މާޒްއަށެވެ. އެކަނިވި ދުވަހު މާޒްގެ އެހީތެރިކަން ކުޑަކޮށް ވެސް ލިބޭ ނަމަ ކުރިމަތިލާން ޖެހުނު ފަދަ ހާދިސާއެއް ކުރިމަތިނުވީހެވެ. މާޒް ހީކުރީ މައިންބަފައިން ނެތިގެން ހިތާމައެއް ލިބުނީ އޭނައަށް އެކަނި ކަމަށް ހެއްޔެވެ؟ ކިޔެވުން ހުއްޓާލައިފައި އައިސް ކުދިންތަކަކާ ހަވާލުވުމަކީ ހުދު އޭނަ ވެސް މުސްތަގުބަލް ރޭވި ގޮތް ކަމަށް ހެއްޔެވެ؟ ޒިންމާ ނަގަން އަދި ބޭނުން ނުވިއަސް ކުޑަމިނުން ކޮއްކޮމެނަށް ވީތީ ކުލުނެއް ހުންނަން ވާނެ އެވެ. އެ ކުދިންގެ ރައްކާތެރިކަމަށް އެދެން ވާނެ އެވެ.
މާޒްގެ އަމަލުތައް ހުރީ އެފަދަ ކޮންމެ ވަގުތެއްގައި ވެސް ކަންތައް ކުރާ ގޮތަށެވެ. ރުޅިއައިސްގެން ސައިފްގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީފައި ގެއިން ނިކުމެގެން ދިޔައީ އެވެ.
ގޮތް ހުސްވެފައިވާ މީހަކު ފަދައިން ނިތުގައި ދެ އަތުން ހިފާލައިފައި ގޮސް ސޯފާއަށް ވެއްޓިގަނެވުނެވެ. ޖުމާނާ ރަނގަޅު ޖަވާބެއް ހިފައިގެން އަންނާނެކަމުގައި އުންމީދުކޮށްގެން ހުއްޓާ މިއަދު ފެނުނު މަންޒަރުން އެ އުންމީދުތައް ވެސް ވިއްސިވިހާލި ވެއްޖެ އެވެ. ޖުމާނާ އައީ ޒުބައިރު ވެސް ގޮވައިގެންނެވެ. ދެ މީހުން ކައިވެނި ނުކުރާ ކަމެއް ވެސް ނޭނގެ އެވެ. އަނެއްކޮޅުން އުމާމާ އާއި ޖުމާނާގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
"ދޮންބެ، އާކިފް ރޮނީ،" އަލްޔާ ކޮޓަރިން ނިކުމެގެން އައިސް ސައިފްއަށް އިއްވާލި އެވެ.
ސައިފް އަވަހަށް ތެދުވެގެން ދިޔައީ އާކިފްގެ ހާލު ބަލާށެވެ.
***
ގެއަށް ދިއުމަށް ފަހު ވެސް ޖުމާނާގެ ހިޔާލުތަކުން ސައިފްއެއް ނުދިޔަ އެވެ. ސައިފްއަށް ޖެހިފައިވާ ނިކަމެތި ހާލާ މެދު ވިސްނި ވަރަކަށް ހިތަށް މޮޅިވެރިކަން ވެރިވަމުން އަ އެވެ. އޭނަ ފަދައިން ސައިފްއަކީ ވެސް އެހެން މީހެއްގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ޒުވާނެކެވެ.
"ޖުމާއަށް ހީވަނީ ކިހިނެއް؟ ޖުމާއަކީ އިންނާނެ މީހަކު ނުވެފަ ހުރި މީހަކަށް ވެގެންތަ އަހަރެން ޖުމާއަށް ކައިވެނި ހުށައެޅީ؟ ޖުމާއަށް ވުރެ ބޮޑަށް އަހަރެން މިއަދު މިހުރީ އިންނާނެ މީހަކު ނުވާ ދަރަޖައިގަ. ކާކު ބޭނުންވާނީ ޅައުމުރުގައި ތިން ކުދިންގެ މަންމަގެ މަގާމު ފުރަން؟ އަހަރެންގެ ޒިންމާތަކުގެ ސަބަބުން އެކަކު ވެސް އަހަންނާ އިންނާކަށް ބޭނުމެއް ނުވާނެ،" ޖުމާނާ އެކޮޅުގައި ހުރިއިރު ސައިފް ފުރަތަމަ ކުރި މެސެޖުތަކުގެ ތެރެއިން މެސެޖެއްގައި ލިޔެފައި އޮތް ވާހަކަ އޭނަގެ ހަނދާނަށް އަ އެވެ.
ގެއަށް އައުމުން މައިދައިތަ ކީ ފިނި މަރުހަބާއަކީ ވެސް އޭނައަށް އިތުރަށް ސައިފްގެ ހުށައެޅުމާ ދޭތެރޭ ވިސްނަން މަޖުބޫރު ކުރުވި ކަމެކެވެ. ފިރިމީހާގެ މަރަށް ދެ އަހަރެއްވީއިރު އެމީހުންނަށް އޭނައަކީ ހަމައެކަނި ބޮލުގައި އޮތް ބަރެއް ކަމުގައި ބެލެވޭކަން އޭނައަށް ސިއްރުވެފައެއް ނެތެވެ. އެކަމަކު އެ ގެއަކީ އެތަނެއްގައި ފިރިމީހާގެ ފަހުގެ ހަނދާންތައް ހަރުލައިފައިވާ ގެ އެވެ. އެތަނެއްގައި އޭނަގެ އެންމެ އުފާވެރި ދުވަސްތައް ވޭތުކުރި ތަނެވެ. އިތުރު ކައިވެންޏަކާ ދޭތެރޭ ހިޔާލު ކުރާކަށް އޭނަ ބޭނުމެއްނުވެ އެވެ. މިއަދާ ޖެހެންދެން އެކަން އޮތީ އެގޮތުގަ އެވެ. މިއަދު އޭނަގެ ވިސްނުން ދެވަނަ ކައިވެންޏަކާ ދިމާއަށް އަނބުރައިލީ ހީވެސްނުކުރާ މީހެކެވެ.
އެ ރޭ ޖުމާނާ ބިލާލް ގޮވައިގެން ގޮސް އުޅުނީ ޒުބައިރުމެން އައިސް ތިބޭ ގޭގަ އެވެ. އެންމެން އެކީ ކައްކައިގެން ކައި ސަކަރާތް ޖެހުމުގައި ވަގުތުތައް ހޭދަކުރި އެވެ. ކާއެއްޗެހި ގިނަވެގެން އެއިން އެތިކޮޅެއް ހިފައިގެން ސައިފްގެ ގެއަށް ދިޔައިރު ފެންޑާގައި ޓީވީ ހުޅުވައިގެން ކުޑަ ދެ ކުދިން ތިއްބެވެ. ބަދިގޭގައި ސައިފް ކޮންމެވެސް އެއްޗެއް ކައްކަން އުޅޭ އަޑު އިވެ އެވެ. ޖުމާނާ ފެނުމާ އެކު އަލްޔާ އުފާވެފައި ގޮވި އެވެ. އޭނަ ގޮސް އެ ކުދިން ކައިރީ އިށީނދެލައިފައި ކައިފިންތޯ އެހި އެވެ. ދެ ކުދިން ވެސް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރައިލި އެވެ.
"ދައްތަ މި އައީ ވަރަށް މީރު އެއްޗެއް ހިފައިގެން. ހިނގާ ބަދިގެއަށް ކާން. އެހެން ނޫނީ މިތަނަށް ގެނެސްދެންތަ ޓީވީ ބަލަމުން ކާން؟" ޖުމާނާ ފަހަރަކު ކުއްޖަކަށް ބަލާލައިފައި ވާހަކަދެއްކި އެވެ.
ދެ ކުދިން އުފަލާ އެކު އެގޮތާ އެއްބަސްވި އެވެ. އޭނަ ދެން ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ.
"ކޯއްޗެއް ކައްކަނީ؟" ޖުމާނާ ވާހަކަދެއްކި އަޑަށް ސައިފް ބަލައިލި އެވެ.
"ކޮންމެވެސް އެއްޗެއް ހާވަނީ،" ސައިފް ފާޑަކަށް ހިނިއައިސްފައި އެއް އަތުން ބޯކަހައިލި އެވެ.
"ދެން ކައްކާނެ ކަމެއް ނެތް. މިހުރީ އެންމެނަށް ވާވަރަށް ކާއެއްޗެހި ގެނެސްފަ،" ޖުމާނާ ގެނައި ތަށި މޭޒުމަތީ ބަހައްޓާފައި މަތި ނެގި އެވެ.
ތަރުކާރީގެ ބާވަތްތައް އަޅައިގެން ތައްޔާރުކޮށްފައިވާ ބަތް ފެނުމުން ކުޅުދިޔާވި އެވެ. ސައިފް އަވަހަށް ސަމުސަލެއް ހިފައިގެން އައިސް އެތިކޮޅެއް ނަގައި ރަހަ ބަލައިލި އެވެ.
"ވާއު،" އޭނަ ތައުރީފްކޮށްލި އެވެ.
ޖުމާނާ ތަށިތައް ނަގައި ހަތަރު ފަރާތުގައި އަތުރާލައިފައި ދެ ތަށްޓަށް ކާއެއްޗެހި އެޅުމަށް ފަހު ސަމުސާ ލައިގެން ހިފައިގެން ނިކުތީ ކުދިވެރިން ގާތަށެވެ. އެ ކުދިންނާ ވީހާވެސް ކައިރިއަށް އެތާހުރި ކުޑަ މޭޒު ދަމާލައިފައި ތަށިތައް ކުރިމަތީ ބެހެއްޓި އެވެ. ދެން އައިސް ހަމައެފަދައިން ދެ ތަށި ފެން ގެންގޮސް ބަހައްޓައިދިނެވެ. ސައިފް ނިކުމެ ދޮރު ކައިރީ ހުރެފައި ޖުމާނާ އެނބުރި އަންނަތަން ފެނުމުން ހިނިތުންވެލި އެވެ.
"ހިނގާ ދެން އަހަންނާ އެކު ކާން!" ސައިފް ހުށައެޅި އެވެ.
"އަހަރެން ކައިފިން،" ޖުމާނާ ކުޑަކޮށް ލަދުގެންފައި ޖަވާބުދިނެވެ.
"އަހަރެން ކަންދެން ކޮމްޕެނީ ދޭން އިނދެވިދާނެއެއްނު/" ސައިފް ވަދެގެން ދަމުން އިތުރަށް ބުނެލި އެވެ.
އޭނަ ގޮނޑި ކައިރިކޮށްލައިގެން އިށީނުމުން ޖުމާނާ އޭނައަށް ވެސް ފެން ތަށްޓެއް އަޅައިދީފައި ކައިރިކޮށްލަދިނެވެ.
"ތިހެން ހިދުމަތްކުރަން އަބަދު ހުރެދޭން އަންނާނީ ކޮން ދުވަހަކުން؟" ސައިފް ހިނިއައިސްފައި ޖުމާނާގެ މޫނަށް ބަލަން އިނދެ ސުވާލުކުރި އެވެ. ސަމާސާކޮށްލާ އުސޫލުން އެހިއަސް އޭނަގެ އެ ސުވާލު ސީރިއަސް އެވެ.
"އަހަރެންގެ ފެމެލީގެ ރުހުން ހޯދަން ދާން ކެރޭނެތަ؟" ޖުމާނާ ވެސް ކޮށްލީ ސުވާލެކެވެ.
ސައިފްއަށް އަތުގައި އޮތް ސަމުސާ ތަށި ތެރެއަށް ދޫކޮށްލެވުނެވެ.
"ވެއިޓް ވަޓް؟ ތިބުނީ އާނއެކޭތަ؟" ސައިފްއަށް ގަބޫލެއް ނުކުރެވުނެވެ. ޔަގީންކުރަން އޭނަ ބޭނުންވި އެވެ.
ޖުމާނާ ބޯޖަހާލައިފައި އަވަހަށް އެތަނުން ނިކުމެގެން ދިޔަ އެވެ.
- ނުނިމޭ -
ކޮމެންޓް (3)
ރިއަލީ
ޒާނާ
އައިޝާ