ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

2 ޖެނުއަރީ 2024
3

އެޕިސޯޑް 14

"އިރު ނާރަނީސް ނަމާދުކުރަން އުޅޭ،" ރައްޔާން ކުއްލިއަކަށް އޭނަ ދޫކޮށްލާފައި ފަހަތަށް ޖެހުނެވެ.

އުމާމާ ހައިރާންވެފައި ރައްޔާންއަށް ބަލައިލި އެވެ. ރައްޔާން ކޮފީތަށި ނަގައިގެން އެތަނުން ނިކުމެގެން ދިޔަ އެވެ.

ކޮޓަރިން ނިކުމެވުމާ އެކު ރައްޔާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެނބުރި ނާދެވޭ ހިސާބަށް ނުދެވެނީސް އޭނައަށް އަމިއްލަ ނަފްސް ހުއްޓުވުނީ ނަސީބެވެ. ނޭނގި ނަމަވެސް އުމާމާގެ ލޮލުގެ ކުލަވަރާއި އަމަލުތަކުން ދިން ދައުވަތު އޭނަ މިއަދު ގަބޫލުކުރި ނަމަ ފަހުން އެ ނަފްސެއް ނުހުއްޓުވުނީހެވެ. ރައްޔާން ޖެހިލުންވީ އެހެންވެ އެވެ. އުމާމާގެ ކިބައިން އޭނަ ބޭނުންވަނީ ހިނދުކޮޅެއްގެ ބަލިކަށިކަމެއް ނޫނެވެ. އޭނަ ބޭނުންވަނީ އުމާމާގެ ހިތެވެ.

"ކޮންތާކަށް ތިދަނީ؟" ރައްޔާން ސިޑިން ފޭބިއިރު ޒުބައިރު ގޭގެ ދޮރު ހުޅުވާލައިފައި ނިކުންނަތަން ފެނިގެން ތަންކޮޅެއް ބާރަށް ގޮވައިލި އެވެ.

"ދުވެލަން ކަމަށް،" ޒުބައިރު ހުއްޓި ދޮރުފަތުގައި ހިފާލައިފައި ރައްޔާންއަށް ބަލައިލަމުން ޖަވާބުދިނެވެ.

ޒުބައިރު އަރައިގެން ހުރި ޓެނިހާއި ލައިގެން ހުރި އަންނައުނަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. ރައްޔާން ބޯޖަހައިލާފައި އަތުގެ އިޝާރާތުން ދާށޭ ބުނެލި އެވެ.

ބޭރަށް ނިކުމެވުމާ އެކު ފަތިހުގެ ތާޒާ ވައިރޯޅިތައް އައިސް ޒުބައިރުގެ މޫނާއި ހަށިގަނޑުގައި ބީހެން ފެށި އެވެ. ރޭ ވެހުނު ވާރޭގެ ސަބަބުން ފަތް އެޅި ތަތްތެޅިފައި އޮތް ގޯތިތެރެ ހުރަސްކޮށްފައި ގޮސް މަގުމައްޗަށް ނިކުތްއިރު އަދި ރަނގަޅަށް ބިންގަނޑު އަލިނުވެ އެވެ. މަގުތަކުގައި ކޮންމެވެސް ވަރަކަށް ފެންހެދިފައި ހުއްޓެވެ. ދެކޮޅު ބަލާލައިފައި، ލައިގެން ހުރި ހުޑީގެ ޖީބަށް ފޯނު ވައްޓާލުމަށް ފަހު ޒިބު ދަމާލައިފައި އޭނަ މަގުގެ އެއް ފަރާތުން ހުރި ސީދަލަށް ދުއްވައިގަތެވެ.

ރޭއްސުރެ ޒުބައިރުގެ ސިކުނޑީގައި ވީ ޖުމާނާ އިންނަންވެގެން ދެއްކި ޒުވާނާ އެވެ. ޅައުމުރުގައި ކުރި ކައިވެންޏަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުވަފަތްވީ ފަހުން ޖުމާނާ އެތައް އަހަރެއް ހޭދަކުރީ އެކަންޏެވެ. ދެވަނަ ކައިވެންޏަކަށް ދާން އޭނަ ބޭނުމެއް ނުވި އެވެ. އާއިލާ ތެރެއިން ވެސް ޖުމާނާގެ ކައިވެނި ކުރެވޭތޯ މަސައްކަތް ކުރި އެވެ. ޒުބައިރުގެ އަލަތު ކައިވެނި ރޫޅުމަށް ފަހު ޒުބައިރު އާއި ޖުމާނާ ގުޅުވަން ވާހަކަދެކެވުނެވެ. އެކަމަކު ޖުމާނާގެ ރުހުންނެތި އެކަން ކުރަން ޒުބައިރު ދެކޮޅުހެދި އެވެ. އޭނަގެ ނަން ހުށައެޅުމަކާނުލާ ޖުމާނާއާ ވާހަކަދެއްކީ އިތުރު ކައިވެންޏެއްގެ ވާހަކަ އެވެ. އެކަމާ ޖުމާނާ ތަކުރާރުކޮށް ދެކޮޅުހެދި އެވެ.

ޒުބައިރުގެ މައްސަލައަކީ ޖުމާނާ އެހެން މީހަކާ ކައިވެނި ކުރުމެއް ނޫނެވެ. އެކަމަކު އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމާ މެދު އުފެދޭ ސުވާލެވެ. އެ ފިރިހެންކުއްޖާއަކީ ހަޔާތުގެ ބާކީ ދުވަސްތައް ވަފާތެރިކަމުގައި ޖުމާނާގެ ކައިރީ ހުރެދޭނެ މީހަކުތޯ ބަލަން ޖެހެ އެވެ. އެންމެ މުހިންމު ކަމަކަށް ދީނަށް ލޯބިކުރާ ޒުވާނެއްތޯ ބަލަން އޭނަ ކޮންމެހެން ބޭނުމެވެ. ޖުމާނާގެ ހޮވުމާ މެދު ކުޑަކޮށް ވެސް ޝައްކު ކުރަނީއެއް ނޫނެވެ. ހުރި ހަމައެކަނި އާއިލާގެ މެމްބަރެއްގެ ގޮތުން ޖުމާނާގެ މުސްތަގުބަލް ރައްކާތެރިކުރަން ބޭނުންވަނީ އެވެ.

ބައިގަޑިއެއްހާއިރު ދުވެލާފައި އައި މަގުމަތީގައި ޒުބައިރުއަށް ކުޑައިރުގެ ރައްޓެއްސަކާ ދިމާވި އެވެ. ސައިފްއާ ބެހޭގޮތުން ސުވާލުކުރަން އާމިރު އެއީ އެންމެ ރަނގަޅު މީހެއްކަމުގައި އޭނައަށް ގަބޫލުކުރެވުނެވެ. އާމިރުގެ ފުށުން ލިބުނު މައުލޫމާތުތައް އަޑުއަހާފައި ޒުބައިރުގެ ހަމަޖެހުން ގެއްލުނެވެ.

ގެއަށް އައި އިރު އެންމެން ނިކުމެ ބިލާލްއާ އެކު ކޮފީ އާއި ސައި ބުއިމުގައި އުޅެ އެވެ. ޒޯޔާ ހެނދުނު ތެދުވެގެން އަދި ގެއަށް ނުދަނީ އެވެ. ޒުބައިރު އެދުނީ ފެން ތަށްޓެއް ދިނުމަށެވެ. އެންމެންނަށް ވުރެ ކުރިން ޖުމާނާ ސޯފާއިން ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. އޭނަ އެނބުރި އައީ ފިނި ފެން ތަށްޓެއް ހިފައިގެންނެވެ.

ޒުބައިރު ތަށީގައި ހިފާފައި ޖުމާނާއަށް ރަނގަޅަށް ބަލައިލި އެވެ. ޖުމާނާ އެ ވަގުތު ވެސް އެނބުރި ބަލަން ހުރީ ބިލާލް އަށެވެ. ބިލާލް ފޯރީގައި އެންމެނަށް ސުކޫލުގައި ވީ ކަމެއްގެ ވާހަކަ ކިޔައިދެނީ އެވެ.

ހުސް ތަށި އަނބުރާ ދިނުމަށް ފަހު އެބަ އަންނަމޭ ކިޔާފައި ޒުބައިރު ދެން މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. އޭނަ އަދިވެސް ވިސްނަނީ އެވެ. އިވުނު ވާހަކަތަކަށް ފަހު ޖުމާނާ ކައިރީ އެ ވާހަކަތައް ދައްކާނެ ގޮތަކާ މެދު ހިޔާލު ކުރަނީ އެވެ. ކައިވެނީގެ ވާހަކަ މަންމަ އާއި ބައްޕަގެ ކަންފަތަށް ވެސް ގެންގޮސްދޭން މީހަކީ އޭނަ އެވެ. ޖުމާނާގެ ކައިވެންޏަށް އެ ދެ މީހުން ކޮންމެހެންވެސް ހާޒިރުވާނެ އެވެ.

***

ޒުބައިރު ބޭނުންވި ފުރުސަތު ލިބުނީ އެ ރޭ އެންމެން އެއްތަންވީ ގަޑީގަ އެވެ. ހެނދުނު އޭނަ ފެންވަރައިގެން އައިއިރު ޖުމާނާ ގެއަށް ނާސްތާ ތައްޔާރުކުރަންވެގެން ހިނގައްޖެ އެވެ. ބޭރުގައި ބާބެކިއުއެއް ބާއްވަން ރާވައިފައި ވިއްސާރަވެގެން ނިންމީ އެތެރޭގައި މަސް ފިހާށެވެ.

"ޖުމާ ކީއްވެ އިންނަން އުޅޭ ކުއްޖާއަށް ދައުވަތު ނުދިނީ؟" އެންމެން ކެއުމާއިގެން މަސްއޫލުވީ ވަގުތު ޒުބައިރު އެންމެފަހުން އެހި އެވެ.

ޒޯޔާ އާއި އުމާމާ ޖުމާނާގެ ފަހަތުން ތަށިތައް ހިފައިގެން އާދެ އެވެ. ދެން އުޅޭ އެންމެން އެ ވަގުތު ފެންޑާގައި ތިއްބެވެ. ޒުބައިރު ސުވާލު ކުރި އަޑަށް ޖުމާނާ ބަލައިލި އެވެ. ޒުބައިރު ސޯފާގައި ކާން ނޫޅެ އިނީ ހަށަން ބަނދެލައިގެން އޭނައަށް ބަލާށެވެ.

"އެ ބުނާހެން ސައިފްތަ ކިޔަނީ؟ އޭނަ ގެނައީމައެއްނު އަހަރެމެންނަށް ދަސްވާނީ ވެސް؟" ރައްޔާން ޒުބައިރުގެ ވާހަކައާ ގުޅުވާލައިގެން ބުނެލި އެވެ.

އުމާމާ އަވަހަށް އަތުގައި ހުރި ތަށި މޭޒުމަތީ ބަހައްޓާފައި ތަންކޮޅެއް ދުރުގައި ހުއްޓުނެވެ. ސައިފްގެ ނަން އިވުނަސް އޭނަ ޖެހިލުންވެ އެވެ.

"އޭނަ އެހާ ކޮމްފޮޓެބަލް ނުވާނެ ކަންނޭނގެ،" ޖުމާނާ ބަހަނާއެއް ހޯދައިލި އެވެ.

"ކޮމްފޮޓެބަލް ނުވާނީތަ ނޫނީ ޒިންމާތައް ގިނަވީމަ ތަންތަނަށް އައިސް އުޅެން އުނދަގޫވާނެތީ ނުގެނައީތަ؟" ޒުބައިރު ހަށަން މޮހާލައިފައި ހަށިގަނޑު ތެދުކޮށްލި އެވެ.

އޭނަގެ އެ ސުވާލުން އެހެން އެންމެން ވެސް ކަންބޮޑުވެފައި ބަލަން ފެށި އެވެ. ޖުމާނާ ހާސްވެގެން އެކި މީހުންގެ މޫނަށް ވަކިވަކިން ބަލައިލި އެވެ. ޒުބައިރު އެހެން އެ ކިޔަނީ ކޯއްޗެއް އެނގިގެން ހެއްޔެވެ؟

"ކޮން ކަހަލަ ޒިންމާތަކެއް؟" އައްމާރުއަށް ނީނދެވިގެން އެހި އެވެ.

ޖުމާނާ އާއި ޒުބައިރު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެފައި އައްމާރުއަށް ޖަވާބުދޭން ވެގެން ޒުބައިރު އެ ދިމާއަށް މޫނު އަނބުރައިލި އެވެ.

"ސައިފްގެ ބެލުމުގެ ދަށުގައި ތިބޭ ތިން ކުދިން. ފުރާވަރުގެ ކުއްޖަކާއި ކުޑަ ދެ ކުދިން. މައިންބަފައިން ނިޔާވެގެން ކިޔެވުން ދޫކޮށްލާފަ އައި ފަހުން އޭނަ ވަރަށް ހާލުގަ އެ ކުދިން ގޮވައިގެން އުޅެނީ. އެހެންވެ އޭނަ ކޮންމެހެންވެސް މީހަކާ އިންނަން މަޖުބޫރު. އެކަމަކު ޖުމާއަށް ކޮން މަޖުބޫރެއް އޮވެގެން އޭނައާ އިންނަން ތި އުޅެނީ؟" ޒުބައިރު އަނެއްކާވެސް ޖުމާނާގެ މޫނަށް ބަލައިލި އެވެ.

ޖުމާނާ އަދިވެސް ކޮޅަށް އެ ހުރި ތަނުގައި ހުއްޓެވެ. މީގެ ކުރިން އުފާވެރިކޮށް އޮތް މާހައުލު އެވަގުތު އޮތީ ސީރިއަސްވެފަ އެވެ. ބިލާލް ނޫނީ އެކަމުގެ އަސަރު ނުކުރާ މީހަކު ނެތެވެ.

"އޭނަ އުމުރު ހަގުވެގެން އެކަން މައްސަލައަކަށް ހަދަނީއެއް ނޫން އެކަމަކު ޖުމާގެ ބެލުމުގެ ދަށުގަ ކުއްޖަކު ހުއްޓާ އަދި އިތުރު ތިން ކުދިންގެ ޒިންމާ ބޮލުގަ އަޅަން ތި ތައްޔާރުވަނީ. ނުވިތާކަށް އޭނައަކީ ހަރު ވިސްނުން ހުރި މީހަކަށް ނުވެއްޖެއްޔާ އެ ވެސް އިތުރު ޒިންމާއަކަށް ނޫންތަ ވާނީ؟ އިންނާނެ މީހަކު ނެތިގެނެއް ނޫނެއްނު ތިއުޅެނީ އޭނައާ އިންނަން. އަހަންނަކަށް ހިއެއްނުވޭ ސައިފްއާ ޖުމާ އެކަކު އަނެކަކާ އިންނަންވެގެން ހިތާވެގެން ހެނެއް ތި އުޅެނީ،" ޒުބައިރު އަނެއްކާވެސް ވާހަކަދެއްކި އެވެ.

"ދޮންބެ ޖުމާގެ ކައިވެންޏާ ދެކޮޅީއެއް ނޫން އެކަމަކު ޖުމާއަށް އެ ކައިވެނި އިތުރު ބުރައަކަށް ވާން ބޭނުންނުވާތީ އެހެން އެ ވާހަކަދައްކަނީ،" ޒުބައިރުގެ ހަރުކަށި ރާގުގެ ސަބަބުން އުނދަގޫވެގެން ރައްޔާން ޖުމާނާއާ މުހާތަބުކޮށް ބުނެލި އެވެ.

ލޮލުން ވިދަމުންދިޔަ ކަރުނަތަކާ އެކު ޖުމާނާ ބޯޖަހައިލި އެވެ. ކައިރީގައި ހުރެފައި ޒޯޔާ އެ ވަގުތު ޖުމާނާގެ އަތުގައި ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އުމާމާ ދުރުގައި ކުޅިބަލަން ހުއްޓެވެ. ލިބުނު އާ މައުލޫމާތުތަކުން އޭނަ ވެސް ހުރީ ހައިރާންވެފަ އެވެ. ސައިފް ކުއްލިއަކަށް ރަށަށް އައި ސަބަބު މި އެނގުނީ އެވެ.

"ސައިފްގެ ބަދަލުގަ އަހަރެން ބަލަން ކުދިންތަކެއް ތިބި ނަމަވެސް ހަމަ ތިހެންތަ ބުނާނީ؟" ޖުމާނާ މަޑުން ހުރެލާފައި ކުރީ އެންމެ ހީނުވާ ސުވާލެވެ.

"އަންހެނަކު ދަރިންތަކެއް ގޮވައިގެން އުޅެން ޖެހިފަ ހުރިއްޔާ އެންމެން ހިތްވަރުދޭނެ ފިރިހެނެއްގެ އެހީ ހޯދަން ދިރިއުޅުމުގަ ކުރިއަށްދާން. އެ އަންހެނެއްގެ އަތުގަ ހިފާ މީހަކު ވާނީ އެންމެ މާތް މީހާއަށް. ދެން ކީއްވެ ފިރިހެނަކު އެ ހާލަތުގަ ހުއްޓާ އަންހެނަކަށް ވަކި އެހީނުވެވޭންވީ؟ ސައިފް އަހަންނަށް އިތުބާރު ކުރާތީ އޭނަ އަހަންނާ އިންނަން ބޭނުންވަނީ. ކުރިއްސުރެ އެ ގެއަށް އަބަދު ގޮސް އެ ކުދިންނާއި އަހަރެންގެ ގުޅުން ރަނގަޅުވީމަ. އަދި އަހަރެން ވެސް މިހާރު މި އުޅޭ ތަނުން ނިކުމެގެން ވަކި ދިރިއުޅުމެއް އުޅެން މިހާރު ބޭނުން،" ޒުބައިރުގެ ހަރުކަށި ވާހަކަތަކުން އަސަރުކޮށްފައި ހުރުމުން ޖުމާނާގެ އަޑު ނިކުތީ ބަލިކަށިކޮށެވެ.

"ކެން ވީ އީޓް ނައު. އަހަރެން ވަރަށް ބަނޑުހައިވެއްޖެ،" އެންމެން ހިމޭންވީ ވަގުތު ޒޯޔާ ވާހަކަދެއްކި އެވެ.

ރައްޔާން ޒޯޔާގެ ބޮލުގެ ފުށްކިބައިފައި އަތްވިއްދާ ކޮއްޕާލުމުން ޒޯޔާ އެނބުރި ބަލާލައިފައި ލޯ ހިމަކޮށްލި އެވެ.

"އެންމެން ކާން އުޅޭ!" ޒުބައިރު ތަށްޓަށް ކާއެއްޗެހި އަޅަން ފެށި އެވެ.

***

ކާއެއްޗެހިން ބައެއް ސައިފްގެ އާއިލާއަށް ގެންގޮސްދޭން ހުށައެޅީ ޒޯޔާ އެވެ. އުމާމާ ވެސް އެ ހިޔާލަށް ތާއީދުކުރި އެވެ. ތިން އަންހެންކުދިން އެ ވަގުތު ގޮސް ތިބީ ބަދިގޭގަ އެވެ. ޖުމާނާ ބޯޖަހާލުމުން ތަށިތަށްޓަށް ހުރިހާ ބާވަތެއް ހަމަކޮށްގެން އެމީހުން ސައިފްގެ ގެއަށް ދާން ނިކުތެވެ. އެކުގައި އުމާމާ ވެސް ދިޔަ އެވެ.

"ތެދަށް ބުނަންޏާ އެހާ ޒުވާން އުމުރުގައި ކޮއްކޮމެން ބަލަން ހަވާލުވެގެން އުޅޭތީ ވަރަށް އިމްޕްރެސްވެފަ މި ހުންނަނީ،" ދިޔަ މަގުމަތީގައި ޒޯޔާ ސައިފްއަށް ތައުރީފްކުރި އެވެ.

"އޭނަގެ އުމުރަށް ވުރެ މެޗުއާވާނެ،" ޖުމާނާ ހިނިތުންވެލި އެވެ.

އާކިފް މުޅިން ހަމައަކަށް ނޭޅޭތީ ސައިފް ހުރީ ކުރު ޗުއްޓީއެއްގަ އެވެ. އެ ރޭ ވެސް ކުދިވެރިންނާ އެކު ކެރަމް ކުޅެން އޭނަ އިނީ ފެންޑާގަ އެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވިފައި ދެން ފެނުނީ ހުޅުވި ތަނެވެ. ފުރަތަމަ ފާހަގަވީ ޖުމާނާ އެވެ. ސައިފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ފަހަތުން ވަން ކުއްޖަކީ ޒޯޔާކަން އޭނަ ހަނދާންވި އެވެ. ދެން ހުރީ އުމާމާ އެވެ. ސައިފްގެ ހިތް ތެޅިގަތެވެ. އެކަމަކު އޭނަގެ ނުތަނަވަސްކަން އޮއްބާލައިފައި ތެދުވެގެން އެ ދިމާއަށް ދިޔަ އެވެ.

"މިރޭ ބާބެކިއު ހަދާފަ. މިހާރު ކައިގެންތަ ތިޔަ ތިބީ؟" ވަކި ހިސާބަކުން ހުއްޓިފައި ޖުމާނާ ވާހަކަދެއްކި އެވެ.

"ކުދިވެރިން ކައިފި،" ސައިފް ޖަވާބުދިނެވެ.

"އަންނާނަން ބަދިގޭގަ ބަހައްޓާފަ،" ޖުމާނާ ހިނގައިގަތުމުން ދެން ތިބި ދެ އަންހެންކުދިން ވެސް އޭނަގެ ފަހަތުން ދިޔަ އެވެ.

ސައިފް އެ މީހުން ނިކުންނަންދެން ސޯފާގައި މަޑުކުރި އެވެ. ޖުމާނާމެން ނިކުތީ ކާއެއްޗެހި އެ ގޭގައި ހުރި ތަށިތަކަށް ހުސްކޮށްފައި ހުސް ތަށިތައް ހިފައިގެންނެވެ.

"ޖުމާގެ ކަޒިންތައް އަވަށްޓެރިންނަށްވީ ފަހުން މި ގޭގަ ކައްކަންޖެހޭ ދުވަސް މަދީ،" އެމީހުން އެނބުރި އަންނަތަން ފެނުމާއެކު ސައިފް ވާހަކަދެއްކި އެވެ.

"އެހެންތަ؟ މާ ރަނގަޅެއްނު އެ ގޮތް،" ޒޯޔާ އެކުވެރިއެއް ފަދައިން ވާހަކަދެއްކި އެވެ.

އޭނަ އުޅުނީ އެތާ ހުރި ސޯފާގައި ޖައްސައިލާށެވެ. ޖުމާނާ އެ ވަގުތު އަތުގައި ހިފާފައި ހުއްޓުވި އެވެ. އުމާމާ ހިމޭނުން ހުރެގެން އެ ގޭގެ އެކި ދިމާއަށް ބަލައި ދިރާސާ ކުރަނީ އެވެ. އެންމެފަހުން އޭނަގެ ނަޒަރު ހުއްޓުނީ ސައިފްއަށެވެ. އިއްތިފާގުން ސައިފް ވެސް ބަލައިލީ އެ ގަޑީގަ އެވެ. އުމާމާ ނަޒަރު ވަކިކޮށްނުލާ އިރުކޮޅަކު ހުއްޓެވެ.

"ކޮން އިރަކުން މެރީކުރަނީ؟" އުމާމާ ސުވާލުކުރީ ސީދާ ސައިފްއާ އެވެ.

އަބަދުވެސް އެ މީހުން ދައްކާ ވާހަކަތައް އަހަން ހިމޭނުން ހުންނަ ކުއްޖާ ކުއްލިއަކަށް ސުވާލެއް ކުރުމުން ޖުމާނާ ވެސް ހައިރާންވެފައި އެނބުރި އުމާމާގެ މޫނަށް ބަލައިލި އެވެ.

"އަހަރެންގެ އަތްމަތީ އޮތް ކަމެއް ނަމަ މާދަމާ ވެސް މެރީކުރަންވީ. އެކަމަކު ޖުމާ އަދި ޖެހޭނެ ދޯ ގޭގެ ބޮޑެތި މީހުންނާ ވާހަކަދައްކަން؟" ސައިފް ޖަވާބުދީފައި ދޯ ދެމުން ފަހު ވަގުތު ބަލައިލީ ޖުމާނާ އަށެވެ.

"އެމީހުން ނޫނެކޭ ބުނެފިއްޔާ؟" އުމާމާ އަނެއްކާވެސް އަހައިލި އެވެ. މިފަހަރު އޭނަ ސައިފްއަށް ގޮންޖަހައިލި ކަހަލަ އެވެ.

އުމާމާގެ ލޮލުގެ ކުލަވަރު ދެކެފައި ސައިފް ޖެހިލުންވި އެވެ. އުމާމާ ބޭނުން ނަމަ އޭނަ އާއި ޖުމާގެ ކައިވެނި ހުއްޓުވިދާނެކަން އޭނައަށް އެނގެ އެވެ. އެކަމަކު އުމާމާ އެފަދަ ކަމެއް ކުރަން ޖެހޭ ސަބަބެއް ނެތެވެ. ސައިފްއަށް ކުރެވުނު ކަމަކީ ހިންދިރުވައިލުމެވެ.

- ނުނިމޭ -

ކޮމެންޓް (3)

ށައިފް

3 ޖެނުއަރީ 2024
ޒުބައިރު މިއުޅެނީ ކަޒިން ވިޔަސް ޖުމާނާ އާ ނީދެވިގެން.
1 0

މީނަ

2 ޖެނުއަރީ 2024
އުމާމާ އުޅޭ ވައްތަރު ފޫހި
4 0

ޒާނާ

2 ޖެނުއަރީ 2024
ވަރަށް ރީތި މިބައިވެސް. ވެއިޓިންގ ފޯ ނެކްސްޓް އެޕިސޯޓް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް