ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ: ހިތް އެދި ގޮވާތީ

7 ޖެނުއަރީ 2024
2

އެޕިސޯޑް 16

ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ
އޭނައަށް ވިސްނުނީ އޭނަ ފަދައިން އުމާމާ ވެސް އެ ދެ މީހުންގެ މެދުގައި އޮތް ގުޅުމާ މެދު ޖެހިލުންވާ ކަމެވެ. މީހަކަށް އެކަން އެނގިދާނެތީ ބިރުގަންނަ ކަމެވެ. އުމާމާ އޭނަ ދަންނަ ކަމަށް ނުހެދީ އެއްގޮތަކަށްވެސް އޭނައަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ އުމާމާ އެކަން ސިއްރުކުރަން ބޭނުންވެގެންނެވެ. ސައިފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޭގައި މަޑުކުރެވެން ނެތުމުން ސައިފް އެ ދުވަހު ޑިއުޓީއަށް ނިކުތީ ތިމާގެ ގެއަކަށް ކޮއްކޮމެން ލައިފަ އެވެ. އޭނަ ބްރޭކަށް ދިއުމުގެ ކުރިން ދެ ފަހަރުމަތިން އެމީހުން ގުޅި އެވެ. އާކިފް މަސަލަސް ނުވެގެންނެވެ. ގެއަށް ދާން ކިޔާތީ އެވެ. ނޫނީ ދޮންބެ ހޯދަން ކިޔަނީ އެވެ. ސައިފްއަށް މަސައްކަތަށް ސަމާލުކަން ދޭން އުނދަގޫވި އެވެ. ބްރޭކް ލިބުމުން އޭނަ ފުރަތަމަ ވެސް ދިޔައީ އެ ކުދިން ކައިރިއަށެވެ. 

އާކިފް ފުރަތަމަ ވެސް އެދުނީ ގެއަށް ގެންދިއުމަށެވެ. ސައިފްއަށް ގޮތް ހުސްވި އެވެ. އޭނަގެ ތިމާގެ މީހުން ވެސް ދުވަހުގެ ބާކީ ބައި އެ ކުދިން އެތާ ބައިތިއްބާކަށް މާބޮޑު އެއްބާރުލުމެއް ނުދިނެވެ. އަނެއްކޮޅުން ބްރޭކް ފަހުން ވެސް އަދި ޑިއުޓީއަށް ދާން ޖެހޭނެ އެވެ. ގެއަށް ދެވުމުން އޭނަ ގުޅީ ޖުމާނާ އަށެވެ. ހަމައެކަނި ބާކީ އޮތް ހަތަރު ވަރަކަށް ގަޑިއިރު އެކުދިން ބަލައިދެވޭނެތޯ އަހަންވެގެންނެވެ.

ޖުމާނާ ވަގުތުން އެއްބަސްވި އެވެ. ސައިފްއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. އޭނަ އެނބުރި ދާން ޖެހޭ ވަގުތު ޖެހެން އަދި ދިހަ ވަރަކަށް މިނިޓް އޮއްވާ ޖުމާނާ ބިލާލް ގޮވައިގެން އަތުވެއްޖެ އެވެ. ބިލާލް ފެނުމުން އާކިފް އާއި އަލްޔާ ވެސް އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ. ހުރިހާ ކުދިން ކުޅޭ ސާމާނު އެއްކޮށްގެން އެކަމުގައި މަސްއޫލުވެއްޖެ އެވެ.

"އަހަރެން ހަމަ ނިމޭއިރަށް އަންނާނަން،" ސައިފް ކުދިވެރިންނަށް ބަލަން ހުރެލާފައި ޖުމާނާއާ ދިމާއަށް އެނބުރިފައި ޔަގީންކަން ދިނެވެ.

ޖުމާނާ ހިނިތުންވެލިކަން އެ ލޮލުން އެނގުނެވެ. ގުޅަން ޖެހިއްޖެއްޔާ ފަސްނުޖެހި ގުޅާށޭ ކިޔާފައި ސައިފް ވަނީ ތައްޔާރުވެލުމަށެވެ. ގެއަށް އައިސް އެ ކުދިންނަށް ކާއެއްޗެއް ދޭންވެގެން އޭނަ ހުރީ އެއްޗެހި ބަދަލުކޮށްގެންނެވެ.

"ބޮޑުދައިތަމެން އަންނަ އިރެއް އެނގިއްޖެތަ؟" ކޮޓަރިން ނިކުމެފައި އޭނަ ފުރަތަމަ ވެސް އެހިއެވެ.

"ހަވީރު،" ޖުމާނާ ސޯފާގައި އިނދެފައި ސައިފް ވާހަކަދެއްކި އަޑަށް ބަލާލި އެވެ.

ސައިފް ވިސްނަން ހުރެގެން ނިކުމެގެން ދިޔަ އެވެ.

***

ޖުމާނާ ބުނީ ތެދަށެވެ. އޭނަގެ ބޮޑުދައިތަ އާއި ޅިޔަނުވީ ހީކުރި ވަރަށް ވުރެ މާ އެކުވެރި މިޒާޖެއްގެ ބަޔަކަށެވެ. ހާއްސަކޮށް ސުލްތާން ފުރަތަމަ ބައްދަލުވުމުގައި ވެސް ސައިފްއާ ދޭތެރޭ ކަންތައް ކުރީ ނިކަން ގާތްކޮށެވެ. ސައިފްގެ މައިންބަފައިންނާ ބެހޭގޮތުން ސުވާލުކުރި އިރު ކޮންމެވެސް ވަރަކަށް އެމީހުން ދަންނަކަން ވާހަކަތަކުން ދޭހަވި އެވެ. އެހާ ފަސޭހައިން އެމީހުންގެ ރުހުން ލިބުނީ ވެސް މަންމަ އާއި ބައްޕަގެ ސަބަބުން ކަމުގައި އޭނަގެ ހިތް ބުންޏެވެ. ސުލްތާން ގިނައިން ދެއްކީ އެމީހުންގެ ރަނގަޅު ވާހަކަ އެވެ.

ސައިފްއަށް ހީވީ ބޮޑު ބަރެއް ބޮލުން ނެގުނު ހެންނެވެ.

އެކަމަކު އަނެއްކޮޅުން ޒުބައިރު ހުރީ ހިތްހަމަނުޖެހިފަ އެވެ. އެންމެ ނިންމުމަކުން ބައްޕަމެން އެ ފިރިހެންކުއްޖާއަށް ޖުމާނާގެ ދިރިއުޅުން އެކީ ދޫކޮށްލަން ތައްޔާރުވީ ރަނގަޅަށް ނުވިސްނާ ކަމުގައި ބުނެދެމުންދިޔަ އެވެ. 

"މައިންބަފައިން ރަނގަޅުވީމަ އެ ވީތަ؟ ކާކަށް އެނގެނީ އޭނަ މާލޭގަ ކިޔަވަން ގޮސް ހުރެގެން އުޅުނު ގޮތެއް؟ އެކަންކަން އޮޅުންފިލުވަން ގުޅާނެ މީހަކު ނެތްތަ؟" ޒުބައިރުގެ ވާހަކަ އިވިފައި އުމާމާގެ ސަމާލުކަން ލިބުނެވެ.

އެކަމަކު އޭނަ ނިންމީ އަނގައިން ނުބުނުމަށެވެ. ބޭޒާރު ވާނީ ޚުދު އޭނަ އެވެ. 

ދެން ހުރީ ޖުމާނާ އެވެ. ޒުބައިރު އޭނަ އާއި ސައިފްގެ ކައިވެންޏާ މިހާ ދެކޮޅުވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ޖުމާނާ ހުރީ ހިތްހަމަނުޖެހިފަ އެވެ. 

ޒުބައިރުގެ ދެކޮޅުހެދުމާ އެކު ވެސް ކައިވެނީގެ ކަންކަން ދިޔައީ ކުރިއަށެވެ. ހަމައެކަނި ކޯޓުގައި ކޮށްލަން ހަމަޖެހުނު ކައިވެނި ކުޑަވަރެއްގެ ހަފްލާއަކަށް ބަދަލުކޮށްލީ ސުލްތާންގެ އާއިލާގެ މަސައްކަތުންނެވެ. އެންމެ ފަހު ވަގުތު ޖުމާނާއަށް ކައިވެނީގެ ހެދުމެއް ވެސް މާލެ އިން ގެނުވައިފި އެވެ. އެ ބައި ކުޅުނީ ޒޯޔާ އާއި އަމީރާ ވެގެންނެވެ. ފިރިހެނުން އުޅުނީ ހަފްލާ ތައްޔާރުކުރުމުގަ އެވެ. އެމީހުން އެކަމަށް ހާއްސަކުރީ ސައިފްގެ ގެ އެވެ. އޮފް ދުވަހެއް ހޯދައިގެން ސައިފް އެމީހުންނާ ބައިވެރިވި އެވެ. 

"ކަނބުލޯ، ކައިވެންޏަކީ ފާހަގަކުރަންޖެހޭ ސުންނަތެއް،" ޖުމާނާ ކަންބޮޑުވެގެން އުޅޭތީ ސުލްތާން އައިސް ބުނެލި އެވެ.

"އެ ތެދެކޭ ނިކަން ހަމަޖެހިބަލަ. އަހަރުމެން މިއަދު ހުރިހާ ކަމެއް ކޮށްދޭނަން. ޖުމާ ހިނގާބަލަ ރީތިކޮށް އިންނަން ސްޕާ ޖައްސަދޭނަން،" ޒޯޔާ އައިސް ޖުމާނާގެ މުލައްދަނޑީގައި ހިފައިގެން އެމީހުން ތިބޭ ގެއަށް ގެންދިޔަ އެވެ.

އޭނަ ކުދިވެރިންނާ ދޭތެރޭ ކަންބޮޑުވުން ފާޅުކުރުމުން ރައްޔާން ކުރިއަށް ޖެހިލާފައި އެ ކުދިންގެ ޒިންމާ ނެގި އެވެ. އާކިފް އާއި ބިލާލް ފޯރީގައި އެ ގޭ ހުރިހާ ފިރިހެނުންނާ އެކު މަސައްކަތުގައި އެހީވަނީއޭ ކިޔައިގެން އުޅެނީ ވަރަށް ފޮނިވެފަ އެވެ. އަލްޔާ ވެސް އެމީހުންނާ އެކު އުޅެ އުޅެފައި ދޭތެރެއަކުން ގޮސް ފެންނަނީ ޓީވީ ބަލަން އިންދަ އެވެ. މަންމަ ކައިވެނިކޮށްގެން ސައިފްބެ ގެއަށް ދާތީ އެންމެ އުފަލުން ހުރި އެކަކީ ބިލާލް އެވެ. އާކިފް އާއި އަލްޔާއާ އެކީ އަބަދު ކުޅެން އުޅެވޭނެ އެވެ. ހަވީރު ވިއަސް ގެއަށް ދާކަށް ނުޖެހޭނެ އެވެ. ރޭގަނޑު ވެސް އެކީ ނިދައި ސަކަރާތްޖެހޭނެ އެވެ. ބިލާލް އެންމެ އުފާވެފައި ހުރީ އެފަދަ ކަންތައްތަކާ އެވެ.

އިޝާ ނަމާދު ވަގުތަށް ފަހު ގޭގައި ކުރެވުނު ކައިވެންޏާ އެކު ފެށުނު ހަފްލާ އޮތީ ދެ ގަޑިއެއްހާ އިރަށެވެ. ރަށުގައި އުޅޭ ޖުމާނާ އާއި ސައިފްގެ ތިމާގެ މީހުންނާއި އެކުވެރިންގެ އިތުރުން ދެން ބައިވެރިވީ ބިލާލްގެ ކާފަ މާމަގެ އާއިލާ އެވެ.

ލޮލަށް ފަސޭހަ މަޑު އޮރެންޖް ކުދި ބޮކިތައް ދިއްލާފައިވާ ގަސް ގިނަ ގޯތިތެރެ ފެނުނީ "ފެއަރީޓޭލް" އެއްގެ ބައެއް ފަދައިންނެވެ. ކުދިވެރިން ރީތި ހެދުންތަކުގައި އުފަލުން ހީ ކުޅެ ހަދަމުންދާ މަންޒަރުން ތަނަށް އިތުރު ދިރުމެއް ގެނެސްފައިވި އެވެ. ދުރު ބަޔަކު ނެތުމުން އެންމެން ވެސް ފެނުނީ ނިކަން ގާތްކޮށް އެކަކު އަނެކަކާ ވާހަކަދައްކާ ބައްދަލުކޮށް އުޅުނު މަންޒަރެވެ. މީރު ކާތަކެތި އަތުރާފައިވާ ބޮޑު މޭޒުގެ ދެ ފަރާތުގައި އެންމެނަށް ވާވަރަށް ގޮނޑިތައް އަތުރާފައި ހުއްޓެވެ. ކެއުމާއި ހީ ސަމާސާ ކުރުމާއި ހުރިހާ ކަމެއް ކުރިއަށް ދިޔައީ އެތަނުގަ އެވެ. އަލަތު ދެމަފިރިން ވެސް އަދަބެއް ޖައްސާފައި ތިބި ބަޔަކުހެން އެއް ތަނެއްގައި ތިބުމުގެ ބަދަލުގައި ތިބީ އެންމެނާ ބައިވެރިވެގެން އެ މޭޒު ދޮށުގަ އެވެ.

***

ފިރިހެންވެރިން ހަފްލާ ނިންމާފައި މަސައްކަތުގައި އުޅުނު ގަޑީގައި ޖުމާނާ އައީ ކުދިވެރިންނާ އެކު އެތެރެއަށެވެ. އޭނަ ބޭރަށް ނިކުތީ އެތަނުން ކުއްޖަކު ފެން ބޯން ކިޔާތީ ފެން ތަށްޓެއް ބަލަ އެވެ. ޒުބައިރު ފެންޑާގައި ހުރެފައި އޭނަ ފެނިގެން ގޮވައިލީ އެ ގަޑީގަ އެވެ. ޖުމާނާއަށް ފަސްއެނބުރި ކޮޓަރިއާ ދިމާއަށް ބަލައިލެވުނެވެ. ދެން ގޮސް ޒުބައިރު ކައިރިއަށް ހުއްޓިއްޖެ އެވެ. 

ޒުބައިރުގެ ނަޒަރު ފޯނުން ވަކިކޮށްލާފައި ފޯނު ޖީބަށް ވައްޓާލުމަށް ފަހު ޖުމާނާއަށް ބަލައިލި އެވެ. ބޭރުން އޭރު ވެސް އައްމާރުމެން ވާހަކަދައްކާ އަޑު އިވެ އެވެ. ހެނދުނަށް މަސައްކަތް ނުބަހައްޓާ ހުރިހާ ކަމެއް އެ ގަޑީގައި ނިންމައިލަން އެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. އެއިރުން އެކަކަށް ވެސް ތަކުލީފެއް ނެތި އަނެއް ދުވަހު އަރާމު ކުރެވޭނެ އެވެ.

"ކިހިނެއްވީ؟" ޒުބައިރު ވާހަކަދައްކަން ފަސްޖެހުނުހެން ހީވެގެން ޖުމާނާ އަހައިލި އެވެ.

"ޖުމާއަށް އެނގޭ ދޯ އަހަރެން ޖުމާއަށް ދުވަހަކުވެސް ދެރަ ގޮތެއް ވާން ނޭދޭނެކަން؟" ޒުބައިރު ވެސް ކޮށްލީ ސުވާލެކެވެ. އަދި އޭނަ ޖުމާނާއަށް ބަލަން ހުރި ގޮތުން އޭނަ އެކަން ގަބޫލުކުރަން ބޭނުންވެފައިވާ ވަރު ދޭހަކޮށްދިނެވެ.

ޖުމާނާ ބޯޖަހައިލި އެވެ. އެއީ ދޮގެއް ނޫނެވެ. ޒުބައިރު ވެސް އަދި އެ ގޭ އެކަކު ވެސް އޭނައަށް ދެރައެއް ނޭދެ އެވެ. ވިސްނަނީ އޭނައަށް ހެޔޮ ގޮތަށެވެ.

"ކައިވެނީގެ ކުރިން އަހަރެންނަށް ވާހަކަ ދެކެވިފަ ހުރި ގޮތުން ފަހަރެއްގަ ހިތްހަމަނުޖެހުމެއް ވެސް އޮވެދާނެ. އެކަމަކު އެއިން އެއްވެސް ވާހަކައަކީ ކައިވެންޏާ ސީދާ ދެކޮޅުވެގެން ދެއްކި ވާހަކަތަކެއް ނޫން. ކުރިން ވެސް ބުނިހެން ޖުމާއަށް ރަނގަޅަކަށް. އުންމީދުކުރަން ހިތްބުރަކަމެއް ނުބާއްވާނެ ކަމަށް،" ޒުބައިރު ވާހަކަދެއްކި އެވެ.

ޖުމާނާ ހިނިތުންވެލާފައި ބޯޖަހައިލި އެވެ.

ޒުބައިރު ދަނީއޭ ކިޔާފައި ނިކުތުމުން އޭނަ ދެން އަނެއްކާވެސް ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. ފެން ފުޅިއެއް ހިފައިގެން ގޮސް ވަންއިރު އަލްޔާ އާއި އާކިފް އުޅެނީ ތަޅައިގަނެގެންނެވެ. ފުރަތަމަ ޖެހުނީ އެ ކުދިން މަސަލަސް ކުރާށެވެ.

***

އެންމެން ދިއުމުން ދޮރާށި ތަޅުލާފައި ސައިފްއަށް ވަދެވުނުއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. ފެންޑާގައި ދިއްލާފައިވާ ބޮކި ތަންކޮޅެއް އަލި މަޑު ބޮތްކަކަށް ބަދަލުކޮށްފައި އޭނަ ގޮސް ސޯފާގައި އިށީނދެލި އެވެ. ގަމީހުގެ މަތީ ދެ ގޮށް ނައްޓާލުމަށް ފަހު ފަންކާއާ ދިމާއަށް މޫނު އުފުލާލައިގެން ސޯފާގެ ލެނގޭ ބަޔަށް ކަނދުރާ ދޫކޮށްލައިގެން އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. މިރޭ ހީވަނީ އެތައް ދުވަހެއްގެ ބޮޑު ބުރައެއް ބޮލުން ނެގުނު ހެންނެވެ. 

ކަރު ހިއްކައިގަނެފައި ހުރުމުން ފެން ތަށްޓެއް ބޮއިގެން ކޮޓަރިއާ ދިމާއަށް ދަމުން އޭނަ ކުދިވެރިންގެ ކޮޓަރި ދޮރު ހުޅުވާލި އެވެ. އާކިފް އާއި ބިލާލްއަށް ނިދޭނެހެން އެ ކޮޓަރިއަށް އިތުރު އެނދެއް ވައްދާފައި ހުރި އިރު އެއް އެނދުގައި އޮތީ ޖުމާނާ އާއި އަލްޔާ އެވެ. ޖުމާނާގެ އަނެއް އަރިމަތީގައި ބިލާލް ވެސް އޮތެވެ. އާކިފް އޮތީ ވަކި އެނދުގައި އެކަންޏެވެ. އެންމެން ވެސް ތިބީ ނިދާފަ އެވެ.

ސައިފް ހިތްހަމަޖެހުމާ އެކު ބަލަން ހުރެލާފައި ނިކަން މަޑުމަޑުން ދޮރު ލައްޕާލުމަށް ފަހު ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ. އެތައް ރެއަކަށް ފަހު އަރާމު ނިންޖަކުން އޭނައަށް މިރޭ ނިދޭނެ އެވެ.

***

ގަޑީގެ ސޯނާ އަޑަށް ވުރެ ކުރިން ސައިފް ހޭލައްވައިލީ އެނދުގެ ދެ ފަރާތުން އަރައިގެން މޫނުގައި ކޮށްޓަން ފެށި ކުޑަކުޑަ އަތްތަކެއްގެ ސަބަބުންނެވެ. އޭނަ ކުކުރާލައިފައި އެ އަތްތަކުން ސަލާމަތްވާން އުޅުނެވެ. ރަޖާ މޫނުގައި އަޅަން އުޅެނިކޮށް ރަޖާ ދަމައިގަތެވެ. ލޯ ރަނގަޅަށް ނުހުޅުވިގެން އުޅެނިކޮށް ކަންފަތުގައި ޖެހުނީ އެ ކުދިންގެ ހުނުމުގެ އަޑެވެ. ސައިފްއަށް ރަނގަޅަށް ހޭލެވުނީ އަދި ދެނެވެ.

"މަންމަ ބުނީ ބަންގި ގޮވައިފިއޭ،" އިސްވެ ވާހަކަދެއްކީ ބިލާލް އެވެ.

"އެ ތެދެއް ދޮންބޭ ހިނގާ އަހަރުމެން ގޮވައިގެން މިސްކިތަށް ދާން،" އާކިފް ވެސް ބިލާލްއާ އެއްބައިގައި ވާހަކަދެއްކި އެވެ.

ސައިފް ތެދުވެ އިށީނދެފައި ގަޑިއަށް ނަޒަރެއް ދިނެވެ. އާފުރިލާފައި މިދަނީއޭ ބުނުމަށް ފަހު ތެދުވެގެން ގޮސް ފާހާނާއަށް ވަންނަން ދިޔައިރު އެ ކުދިން ވެސް ކޮޓަރިން ނިކުންނަން ދުއްވައިގެންފި އެވެ.

ސައިފްއަށް މިސްކިތުން އާދެވުނުއިރު އަލްޔާ ނިކުމެ ފެންޑާގައި އިނީ ޓީވީ ހުޅުވައިގެންނެވެ. 

"ކޮބާ އާދޭ ހުރިހާ ކުދިން މިލްކް ތަށި ބޯން!" ދެ ފިރިހެންކުދިން ދުވެފައި ވަދެ އަލްޔާއާ ބައިވެރިވެ އަޑުގަދަކޮށްލި ވަގުތު ޖުމާނާ ބަދިގެއިން ގޮވާ އަޑު އިވުނެވެ.

ސައިފް އެ ކުދިންގެ ފަހަތުން ގޮސް ބަދިގެއަށް ވަން ވަގުތު ޖުމާނާ މޭޒު ދޮށުގައި ސައި ގިރަން ހުރެފައި އިސްއުފުލައިލި އެވެ. ތަންކޮޅެއް ކުރިން އެއް ދުވަހަކު ހަމައެކަނި ސިކުންތުކޮޅަކަށް އެ މޫނު ފެނިފައި ހުއްޓަސް އަދި ކިރިޔާ އޭނައަށް ރަނގަޅަށް ޖުމާނާގެ މޫނު ފެނުނީ އެވެ. ސައިފްއަށް މޭޒާ ދިމާއަށް ދެވުނީ އެ މޫނުން ނަޒަރު ވަކިކޮށްނުލަ އެވެ. ގޮނޑި ދަމާލައިގެން އިށީނދެފައި އަދިވެސް ނަޒަރު ވަކިކޮށްނުލާ އިންދާ ޖުމާނާއަށް ވެސް ހަތަރުކަޅި ހަމަކޮށްލެވިއްޖެ އެވެ.

"ކިހިނެއްވީ؟" ޖުމާނާއަށް އަހައިލެވުނެވެ. ސައިފް ބަލަހައްޓައިގެން އިން ގޮތުން އޭނަ ރަކިވާ ގޮތް ވި އެވެ.

(ނުނިމޭ)

ކޮމެންޓް (2)

ފޭން

7 ޖެނުއަރީ 2024
ކިޔާ ހިތްވާ ސާދާ ދިވެހި ދިރިއުޅުން ދައްކުވާދޭ ވާހަކަ އެއް
10 0

ޒާާނާ

7 ޖެނުއަރީ 2024
ވަރަށް ރީތި މިބައިވެސް. ދެންއޮތް ބަޔަށް އިންތިޒާރުކުރަން. ތަންކޮޅެއް ދިގުކޮށް ގެނެސްދެންވާނެ އިނގޭ.
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް