ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

14 ޖެނުއަރީ 2024
4

އެޕިސޯޑް 19

"އަދިވެސް އަހަރެން ދެކެ ރުޅި އައިސްފަތަ؟" އުމާމާއަށް ނީނދެވިގެން އެހި އެވެ.

"އުމާމާއަށް އަހަރެން ރުޅިއަންނަ ފަދަ ކަމެއް ކުރެވުނީތަ؟" ރައްޔާން އެ އިން ގޮތަށް އިނދެފައި ސުވާލެއްކޮށްލި އެވެ.

އުމާމާއަށް އެ މޫނަށް ބަލައިލެވުނެވެ. ރައްޔާންގެ ތޫނުކަން ބަލާށެވެ. އެ އުޅެނީ އޭނަގެ އަނގައިން އޭނަގެ ކުށް ގަބޫލުކުރުވާށެވެ. އޭނަ ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި މަޑުމަޑުން ދެ ފަރާތަށް ބޯހޫރައިލި އެވެ. "ތެދަށް ބުނަންޏާ ރައްޔާން ރުއްސަން އަހަރެން އެއްވެސް ވަރަކަށް މަސައްކަތެއްނުކުރަން. ރައްޔާންއަށް ވެސް އެނގެއެއްނު އެކަން؟"

"ކޮން ކަމެއް އުމާމާ ބޭނުންވަނީ؟" ރައްޔާން ފޯނު ތިރިކޮށްލާފައި އުމާމާއަށް ހުރިހާ ސަމާލުކަމެއް ހުއްޓައިލި އެވެ.

އުމާމާއަށް ކުޑަ ހުއްޓުމެއް އެރި އެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނަ ހަމަޖެހިލައިފި އެވެ. މީ ރަނުގެ ފުރުސަތެކެވެ. ރައްޔާން އޭނަ ކޮންޓްރޯލް ކުރަން ބޭނުން ނުވާ ކަމަކަށް ދުވަހަކުވެސް އެއްބަހެއް ނުވާނެ އެވެ. އެކަމަކު އޭނަގެ ވަރަ ކޮށާލަން މަސައްކަތްނުކޮށެއް ނުހުންނާނެ އެވެ.

"ސެންޑް މީ އެބްރޯޑް ފޯ ފާދަ ސްޓަޑީޒް،" އުމާމާ ޖަވާބުދީފައި ރައްޔާންގެ ހަރަކާތްތަކަށް ބަލަން އިނެވެ. ރައްޔާން ބުނާ އެއްޗެއް އެނގިދާނެތާ އެވެ.

"ޑަން،" ރައްޔާން ފޯނަށް ބަލަން ފެށި އެވެ.

"ޑަން؟ ތި ބުނީ އާނއެކޭތަ؟" އުމާމާއަށް ގަބޫލުކުރަން ދަތިވި އެވެ.

ރައްޔާން އެހާ ފަސޭހައިން އެއްބަސްވެދާނެ ހެއްޔެވެ؟ އޭނައާ ސަމާސަކުރަނީ ހެއްޔެވެ؟ ނޫނީ ހަގީގަތުގައި ވެސް އޭނަ އެކަނި ކިޔަވަން ފޮނުވަން ނިންމީ ހެއްޔެވެ؟ އޭނަ ގަބޫލެއް ނުކުރާނެ އެވެ. ރައްޔާން އޭނަގެ ސިކުނޑިއާ ކުޅެނީ އެވެ. ވާވައްދަނީ އެވެ.

"އުމާމާ ބޭނުމިއްޔާ އަހަރެންގެ ނިންމުން އޮތް ގޮތް މި ބުނީ. އެކަމަކު އާއިލާގެ ބޮޑެތި މީހުންގެ މަޝްވަރާ ވެސް ނުހޯދާނަމެކޭ ނޫން،" ރައްޔާން ބުރަކަށި ދަށުން އެއް ބާލީސް ނަގައި ބޯދަށް ތިރިކޮށްލާފައި ތިރިއަށް ޖެހިލައި ނިދަން އޮށޯތެވެ.

"ކޮބާ، އަހަންނަށް އެނގޭ އެހާ ފަސޭހައިން އާނއެކޭ ތިބުނީ ކޮންމެވެސް އެހެން މާނައެއްގައިކަން،" އުމާމާ ތުން އަނބުރާލައިފައި ރުޅި އައިސްގެން އަނެއް ފަރާތަށް އެނބުރި ރަޖާ ދަށުގައި ފޮރުވުނެވެ.

***

މާލެ ދާ މީހުން ފުރުވަން ބަނދަރުމައްޗަށް ދިޔަ އެންމެންގެ ތެރެއިން ވެސް އެންމެ އަސަރުކޮށްފައި ހުރީ އަލްޔާއަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒޯޔާ އާއި އަލްޔާ ތިބީ އެކަކު އަނެކަކާ ވަކިނުކުރެވޭ ވަރަށް ގާތްވެފަ އެވެ. އަލްޔާއަކީ އަންހެންކުއްޖެއްކަމުން ބިލާލްއަށް ވުރެ މިޒާޖުގެ ގޮތުން ވެސް ގުޅެނީ ޒޯޔާއާ އެވެ. އެ ގެއަށް ގޮސް މޭކަޕް ކުރުމާއި ގޮތްގޮތަށް ބޮލުގައި ފުނާއަޅަން ދީގެން ޒޯޔާ އިންނަ އިރު އަލްޔާ ހުންނަނީ އެފަދަ ދުވަހެއްވިއްޔާ ގެއަށް އައުން އަވަސްވެފަ އެވެ.

އެންމެންގެ ފޮށިތައް އަރުވަން އެހީތެރިވެދީފައި ސައިފް އައިސް އަލްޔާ އުރާލުމުން ކޮނޑުގައި ބޯޖެހިގޮތަށް އެމީހުން ފުރަންދެން ވެސް ބޯ ހިއްލާނުލި އެވެ. އަލްޔާ ތެދުވީ ލޯންޗް ނައްޓާލި ފަހުން ޖުމާނާ ކައިރިވެފައި ހަނާއަޅަން ބުނީމަ އެވެ. ލޯންޗްގައި ތިބެގެން އެންމެން ހަނާއަޅާތަން ފެނުމުން އަލްޔާ ވެސް އަތް އުފުލާލައިފައި ހަނާއަޅަން ފެށި އެވެ.

ގެއަށް އާދެވުނުއިރު މެންދުރުވަނީ އެވެ. ދޮރާށިން ވަދެވުމާ އެކު ކުދިވެރިން ދުއްވައިގަތީ އެތެރެއަށެވެ. ޖުމާނާ ހުއްޓުނީ އޭނަ އިންދާފައި ހުރި ގަސްތަކެއް މިލާފައި ހުއްޓާ ފެނިގެންނެވެ. އޭނަ ގޮސް ފެންދޭ ކުރާގަނޑަކަށް ފެންއަޅާ ފުރާލައިގެން އައިސް ގަސްތަކަށް ފެންދޭން ފެށި އެވެ. ސައިފް ވަދެ ސޯފާއަށް ވެއްޓިގަނެގެން އޮވެފައި ބޭރު ބަލާލި ވަގުތު ޖުމާނާ ކުރާ ކަމެއް ފެނިގެން ބަލަން އިނެވެ.

"ފެންދޭ ހޮޅިއެއް ގެންނަންވީ ދޯ؟ އެހާ ދުރުން އެ ކުރާގަނޑަށް ފެން އަޅައިގެން ގެންނަން ބަރެއްނު؟" ޖުމާނާ ނިމިގެން އައިސް ވަން ވަގުތު އޭނަ ވާހަކަދެއްކި އެވެ.

"ރަނގަޅުވާނެ،" ޖުމާނާ ދާން ފެށީ ބަދިގެއާ ދިމާއަށެވެ.

"އިހަށް މަޑުކޮށްބަލަ!" ސައިފް ޖުމާނާގެ އަތުގައި ހިފާލައިފައި ހުއްޓުވި އެވެ.

"މިތާ އިށީނދެބަލަ!" ސައިފް އަތުން ދޫކޮށްލާފައި ސޯފާގެ ހުސް ތަނުގައި އެ އަތުން މަޑުމަޑުން ތަޅާލި އެވެ.

ޖުމާނާ ބޯޖަހާލައިފައި އިށީނދެ ސައިފްގެ މޫނަށް ބަލައިލީ ހިސާބަކަށް ކަންބޮޑުވެފަ އެވެ. ވެގެން އުޅޭ ގޮތެއް އޮޅުންނުފިލައިގެން ކެތްމަދުވެފަ އެވެ. ސައިފް ބުނި ގޮތުން ދައްކަން އުޅެނީ މުހިންމު ވާހަކައެއް ކަމުގައި އޭނަގެ ހިތް ބުނެލި އެވެ.

"އަހަރެންނަށް އިތުރު ވަޒީފާއެއް ލިބޭ ގޮތް ވެއްޖެ،" ސައިފް ފަލަމަސްގަނޑުމަތީ އަތް އުނގުޅާލަމުން ފެށި އެވެ.

"ފިހާރައިން ލިބޭ އެއްޗަކުން އަސްލު ތަންކޮޅެއް ދަތިކޮށް ހަރަދުތައް ބަލަހައްޓަން މި ޖެހެނީ. އެހެންވެ ކުރިއްސުރެ ވިސްނަން އެހެން ވަޒީފާއަކާ މެދު. އެކަމަކު އޭރު އެކަނި އުޅޭތީ އެހާ ބޮޑަށް މަސައްކަތެއް ނުކުރަން އިތުރު މަސައްކަތެއް ހޯދާކަށް. ޖުމާ އައި ފަހުން އަނެއްކާވެސް އެކަމާ މެދު ވިސްނެން ފެށީ،" ސައިފް ކިޔައިދިނެވެ.

"ރަނގަޅިއްޔާ ހަމަ ރަނގަޅުވާނެ،" ޖުމާނާ އޭނަގެ ހިޔާލު ފާޅުކުރި އެވެ.

ސައިފް އެ ވަގުތު ދުރު ބަލައިލީ އަދިވެސް ބުނަން ބޭނުންވާ އިތުރު ވާހަކައެއް އޮވެ ވެސް ބުނަން ޖެހިލުންވެފައިވާ ފަދަ ގޮތަކަށެވެ. ޖުމާނާއަށް އެކަން ފާހަގަވި އެވެ. ޔަގީންނުވިއަސް އެފަދަ ޝައްކެއްވި އެވެ. އޭނަ ނުތެދުވެ މަޑުކުރީ އެހެންވެ އެވެ.

"އެބައިން އެހެން ފުރުސަތެއް ވެސް. ދާއިމީ ކަމެއް ނޫން، އެކަމަކު މަދު ދުވަސްކޮޅެއްގެ ތެރޭ ބޮޑު އަދަދެއް ލިބޭނެ. މަދުވެގެން އަހަރެއްހާ ދުވަސް ވާނެ ކަމަށް އެކޮޅުން އަންގަނީ. މައްސަލައަކީ ރަށުން ބޭރުގަ މިބުނާ މަސައްކަތެއް އޮތީ،" ސައިފް ނިންމާލައިފައި ޖުމާނާގެ މޫނަށް ބަލައިލި އެވެ.

ސައިފް އެ ވާހަކަ ބުނަން ފަސްޖެހުނީ ކީއްވެކަން ޖުމާނާއަށް އެނގުނީ ދެނެވެ. ކުދިންނާ އެކު އޭނަ އެކަނިކޮށްލާފައި ދާން ސައިފް ޖެހިލުންވަނީ އެވެ. އަނެއްކޮޅުން އޭނަ އެކަމަށް އިންކާރުކޮށްފާނެތީ ބުނަން ނުކެރުނީ އެވެ.

"ކޮން ރަށެއްގަ؟" ޖުމާނާ ވިސްނަން އިނދެފައި އެހި އެވެ.

ސައިފް ދުރު ބަލަން އިނދެފައި ޖުމާނާގެ މޫނަށް ބަލައިލި އެވެ. ޖުމާނާ އެ ސުވާލު ކުރުމުން އޭނައަށް ވާހަކަދައްކަން ހިތްވަރުލިބުނެވެ.

"މިތާ ކައިރީ އެ އޮތީނު ރިޒޯޓް ހަދަން ފަށާފަ އޮތް ރަށެއް. އެ ރަށުގެ ބާކީ ހުރި މަސައްކަތްތައް ނިންމަން. އެކަމަކު އޮފް ދުވަސް ލިބޭނެ މަދުމަދުން. އެހާ ކައިރިވީމަ އާދެވޭނެ،" ސައިފް އޮޅުންފިލުވައިދިނެވެ.

ޖުމާނާ ކުއްލިއަކަށް ތުންފަތް ހަފަން ފެށި އެވެ. ކަމަކާ ވިސްނަން ފެށުމުން އޭނައަށް ބައެއް ފަހަރު ނޭނގުމުގެ ތެރޭގައި ތުންފަތް ހެފެ އެވެ. ސައިފްގެ ނަޒަރު ވަގުތުން އެ ތުންފަތަށް ހުއްޓުނެވެ.

"ޑޯން ޑޫ އިޓް،" ސައިފް އެދުނެވެ.

"ތިބުނީ؟" ޖުމާނާއަށް އެ ބުނި އެއްޗެއް ދޭހައެއްނުވި އެވެ. އޭނަ ސުވާލުކޮށްލާފައި އަނެއްކާވެސް ތިރީ ތުންފަތުގައި ދަތްއެޅި އެވެ.

"ތުންފަތް ހަފަނީނު ތި؟" ސައިފްއަށް ޖުމާނާގެ ތުންފަތުގައި ބޮނޑުވައިއިނގިލި ޖައްސައިލެވުނެވެ.

ޖުމާނާ ވަގުތުން ހުއްޓުންއެރި އެވެ. ސައިފްއަށް ވެސް ކުރެވުނީ ކީއްކަން އެނގުނީ އެ ހިސާބުންނެވެ. އޭނަ އަވަހަށް އަތް ތިރިކޮށްލާފައި ތެދުވި އެވެ.

"އަހަރެން ގޮތެއް ނިންމާނީ ޖުމާ ވެސް ބޭނުންވާ ގޮތަށް. އެހެންވީމަ އަހަރެން މި ދެއްކި ވާހަކައާ ދޭތެރޭ ވިސްނާތި އިނގޭ،" ސައިފް ތެދުވެގެން އެތަނުން ދިޔަ އެވެ.

އެ ރޭ ސައިފް ނިދަންވެގެން ގެއަށް އައިއިރު ޖުމާނާ އޮތީ ބޭރު ސޯފާގައި ނިދިފަ އެވެ. މާޒް އާއި ކުދިންގެ ކޮޓަރި ބެލިއިރު ހުރިހާ ކުދިން ވެސް ނިދައިފި އެވެ. ޖުމާނާ އައި ފަހުން މާޒް ވެސް ތަންކޮޅެއް އަވަހަށް ނިދަން ވަންނަކަން ސައިފްއަށް ފާހަގަވި އެވެ.

ޖުމާނާ އައި ފަހުން އޭނަ ވެސް ފިހާރައިގައި ނޫޅޭ ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް މިހާރު ބޭރަށް ގޮސް ރައްޓެހިންނާ އެކު ވަގުތު ހޭދަކުރެވެ އެވެ. އެކަމަކު އޭނަ އަބަދުވެސް ކުދިންގެ ކަންތައްތަކުގައި ޖުމާނާއަށް އެހީތެރިވާން ހަނދާން ބަހައްޓަ އެވެ. އެ ކައިވެންޏަކީ އޭނައަށް ފަސޭހައަކަށް ވީ ފަދައިން ޖުމާނާއަށް ބުރައަކަށް ވާކަށް ނޭދެ އެވެ.

"ޖުމާ ހޭލަބަލަ! ކައިގެންތަ ތި އޮތީ؟" ސައިފް ޖުމާނާއާ ދިމާއަށް ގުދުވެފައި ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލައިފައި ނިދިން ހޭލެއްވި އެވެ.

"ކާން ނައިސްގެން އިންދާ ނިދުނީ. ފޯނެއް ނުނަގަމެއްނު؟" ޖުމާނާ ތެދުވެ ލޯ ފުހެލި އެވެ.

"އައިމް ސޮރީ. ސައިލެންޓަށް ލެވިފަ އޮތީ،" ސައިފް މާފަށް އެދުނެވެ.

ޖުމާނާ ހިނގައިގަތުމުން އޭނަގެ ފަހަތުން ގޮސް ސައިފް ވެސް ވަނީ ބަދިގެއަށެވެ. ޖުމާނާ ކާއެއްޗެހި ހޫނުކޮށްގެން މޭޒުމައްޗަށް ނެގިއިރު އޭނަ ގޮނޑިއެއް ދަމާލައިގެން އިށީނދެ އިނދެ ފޯނާ ކުޅެމުންދިޔަ އެވެ. ފޯނު ބޭއްވީ ޖުމާނާ ދެ މީހުންނަށް ދެ ތަށި ބަހައްޓާފައި ފެން ވެސް އަޅައިގެން އިށީނީމަ އެވެ.

ހިމޭންކަމާ އެކު ދެ މީހުން ކަމުން ގެންދިޔަ އެވެ. އެކަމަކު ދެ މީހުންގެ ސިކުނޑީގައި ވެސް ވީ އެއް ހިޔާލެކެވެ. ސައިފް މިއަދު މެންދުރު ގެއަށް އައިސް ދެއްކި ވާހަކަ އެވެ.

"އަހަރެންގެ ވާހަކައާ ދޭތެރޭ ވިސްނިންތަ؟" ސައިފް އިރުކޮޅަކުން އެހި އެވެ.

"ވިސްނިން. އެކަމަކު ސައިފް ބޭނުންވަނީ އަސްލު އެތަނުން ކޮން ޖޮބެއް؟ އަހަންނަށް ހީވަނީ ސައިފްހެން ގޮތް ނިންމަންޖެހޭ މީހަކީ،" ޖުމާނާ ފުރުސަތު ދިނީ ސައިފްއަށެވެ.

ސައިފް އިރުކޮޅަކަށް ކެއުން މެދުކަނޑާލި އެވެ.

"ފައިސާއަށް ވިސްނަންޏާ ރަނގަޅީ އެ ރަށުގަ މަސައްކަތްކުރަން ދާން. އެކަމަކު ޖުމާއަށް ކިހާ އުނދަގޫވާނެ އެއް ކުއްޖަކު ބަލަބަލާފަ ތިން ކުދިން ބަލަންވީމަ. މަދު ދުވަސްކޮޅަކަށް ނޫން، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަސައްކަތް. އެހެންވެ އަސްލު އެތާކަށް ދާކަށް ބޭނުމެއް ނޫން،" ސައިފް އެންމެފަހުން އޭނަ ބޭނުންވާ ގޮތް ހާމަކުރި އެވެ.

"ސައިފް ބޭނުން ގޮތެއް،" ޖުމާނާ ހުރިހާ ބާރެއް ދޫކޮށްލީ ސައިފްގެ އަތްމައްޗަށެވެ.

***

މާލެ އައި ގޮތަށް މަންމަ އާއި ބައްޕައާ ބައްދަލުކޮށްފައި ރައްޔާން ދެއްކީ އުމާމާ ކިޔަވަން ބޭނުންވާ ވާހަކަ އެވެ. ސުލްތާން އާއި އަމީރާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ރައްޔާންގެ މަސައްކަތް މާލޭގައި ކުރިއަށް ދާއިރު ގޮސް ބޭރުގައި އުޅެން އުނދަގޫވާނެކަން އެނގެ އެވެ. އަނެއްކޮޅުން އުމާމާ އެކަނި ފޮނުވާފައި ބެހެއްޓުމަކީ އެމީހުންނަށް ފެންނަ ކަމަކަށް ނުވި އެވެ. އެކަމަކު ރައްޔާންގެ ހިޔާލު މުޅިން ތަފާތެވެ. އޭނަ ގޮސް ކައިރީގައި ނެތަސް އުމާމާއަށް އެކޮޅުގައި ކިޔެވިދާނެ އެވެ. އަދި އޭނަ ހުރީ އެ މަގު ފަހިކޮށްދޭށެވެ.

ރައްޔާން ގޭގައި އެ ވާހަކަ ދައްކައިފިކަން އުމާމާއަށް އެނގުނީ އެއް ރެއަކު މައިދައިތަ އޭނަ އެ ކޮޓަރިއަށް ގެންގޮސްގެން ސުވާލުކުރީމަ އެވެ. އެއީ ހަގީގަތުގައި ވެސް އޭނަ ބޭނުންވާ ގޮތްތޯ އެހީ އިތުރު އެހެން ޖަވާބަކަށް އުންމީދުކޮށްގެން ކަމަށް ވެދާނެ އެވެ. އެކަމަކު ރައްޔާން އެ ވާހަކަ ބުނެފައި އޮތުމުން އޭނަ ވެސް ވާހަކަދެއްކީ ހިތުގައި އޮތް ގޮތަށެވެ.

"އަހަރުމެންނަށް އެހާ ފެންނަ ކަމެއް ނޫން އެކަނި އަންހެންކުއްޖަކު އެހާ ދުވަހު ކިޔަވަން ބެހެއްޓުމަކީ. ރައްޔާންއަށް ގޮސް ނުހުރެވެންޏާ އާއިލާގެ އެހެން މީހަކު ނަމަވެސް އެކީގައި ބަހައްޓަން އަހަރެމެން ބޭނުންވަނީ. އުމާމާއަކީ މިހާރު ހަމައެކަނި މި ގޭ ޅީދަރިއެއްނޫން. އަހަރެމެންގެ ޒޯޔާ ކަހަލަ އަހަރުމެންގެ ދަރިއެއްގެ ގޮތުގައި ދެކެނީ،" މައިދައިތަގެ ހިޔާލު އުމާމާއާ ހިއްސާކުރަމުން ވާހަކަދެއްކި އެވެ.

އެންމެފަހުން ހުރިހާ ކަމެއް ނިމުނީ އުމާމާއާ އެއްކޮޅަށެވެ. ރައްޔާން އޭނަ ބޭރަށް ފޮނުވަން ދަތުރު ހަމަޖައްސައިފި އެވެ. ޒާރާއަށް ގުޅައިގެން އުމާމާ އެ ވާހަކަ ހުއްޓާނުލަ އެވެ. މުޅި އުމުރުގައި ވެސް އެވަރުގެ އުންމީދެއް ހާސިލްވެދާނެ ކަމަކަށް އޭނަ ހިއެއްނުކުރެ އެވެ.

"ކޮބާ އަހަރެން ބުނީމެއްނު ރައްޔާންއަކީ އުމާމާގެ ނަސީބު ކަމަށް ވެސް ވެދާނެއޭ؟" ޒާރާ އެ ވަގުތު ވެސް އުޅުނީ ރައްޔާންއަށް ތައުރީފްކުރެވޭތޯ އެވެ.

އުމާމާ އަވަހަށް ވާހަކަ ބަދަލުކޮށްލި އެވެ. އޭނަ މާލެ އައި ފަހުން އައިޝާ ބޭރުގައި ހުރެގެން ވީޑިއޯ ކޯލް ކުރި ވާހަކަ ކިޔައިދޭން ފެށި އެވެ.

"ވީޑިއޯ ކޯލް އެކަނިތަ ކުރީ؟ އައިސް އަދި ބައްދަލެއް ނުކުރޭތަ؟" ޒާރާ ކުރި ސުވާލަކުން އުމާމާ ސިހުނެވެ.

"އަތުވެއްޖެތަ؟" އޭނައަށް އަހައިލެވުނެވެ.

ރައްޔާން އެ ވަގުތު އެތެރެއަށް ވަދެފައި ގޮވާލުމުން އޭނައަށް ޒާރާ ބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

"އުމާމާއަށް ބައްޕަ ގުޅާފަ މި އޮތީ. ވާހަކަދައްކަބަލަ!" ރައްޔާން ދިއްކޮށްލީ ފޯނެވެ.

އުމާމާ އިރުކޮޅަކު ހުއްޓުން އަރާފައި ބަލަން އިނެވެ. ދެން އަތް ދިއްކޮށްލާފައި ހުސްކޮށް އޮތް އަތުން އެ ފޯނުގައި ހިފައިފި އެވެ. އޭނަ ޒާރާގެ ފޯނު ތިރިކޮށްލާފައި ބައްޕަގެ ފޯނަށް ޖަވާބުދިނެވެ. ބައްޕަގެ ރާގު ހުރީ އަބަދުވެސް އެ ހުންނަ ހަރުކަށި ވައްތަރަށެވެ. އަމުރުވެރި ގޮތަކަށް ބުނީ ރައްޔާން ގޮވައިގެން އެ ރޭގެ ކެއުމަށް އެ ގެއަށް ދިއުމަށެވެ. އުމާމާގެ މެއަށް ފިނިގަނޑު ވަނެވެ. ބައްޕަގެ ގެއަށް ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އަދި އެ ވެސް ފުރުމުގެ ކުރިންނެވެ. ބައްޕައަށް އޭނަ ކިޔަވަން ދާން އުޅޭކަން އެގިއްޖެއްޔާ ވާނެ ގޮތެއް ވެސް ނޭނގެ އެވެ. ރައްޔާންގެ އަތްނބެއްގެ ގޮތުގައި ހުއްޓަސް ބައްޕަ ނުފޫޒު ފޯރުވާނެ އެވެ. އެއީ ރައްޔާންގެ ރޭވުމެއް ނޫން ކަމެއް ވެސް އެނގެނީއެއް ނޫނެވެ.

ފޯނު ބާއްވާފައި އުމާމާ ރައްޔާންއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

"އަހަރެން މިރޭ އެބަ ޖެހޭ ބޭރަށް ދާން ވެސް. އެބައޮތް މުހިންމު ބައްދަލުވުމެއް. އެކަމަކު އުމާމާ ގޮވައިގެން ގެއަށް ދެވޭތޯ ބަލާނަން. ގެޓް ރެޑީ،" ރައްޔާން އަލުން އަނބުރާ ފޯނުގައި ހިފާފައި ނިކުމެގެން ދިޔަ އެވެ.

ތައްޔާރުވާން ހުރި އިރު އުމާމާގެ ހިތް ބާރުބާރަށް ތެޅެމުންދިޔަ އެވެ. ކޮޓަރީގައި އޭސީ ޖައްސާފައި ހުރި އިރު ވެސް ހީވަނީ ހޫނުވާހެންނެވެ. ކޮންމެވެސް ކަމެއް މެދުވެރިވެގެން ރައްޔާން އޭނަ ބަލައި ނާންނާނެ ނަމައޭ ހިތަށް އަރަމުންދިޔަ އެވެ. އެންމެ ފަހު ވަގުތު ކަންތައްވީ ވެސް އެހެންނެވެ. އުމާމާ ކޮޓަރިން ނިކުމެނިކުމެ ހުއްޓާ ރައްޔާން ގުޅާފަ ބުނީ ޑްރައިވަރާ އެކު ދިއުމަށެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭ އޭނަ ވެސް ދާނެ ވާހަކަ އެވެ. އުމާމާ އެކަމަށް އެއްބަސްވެފައި ފޯނު ކަނޑާލި އެވެ. އޭނަގެ އެދުމަކީ ރައްޔާން އެ ރޭގެ ކެއުން ނިމެންދެން އެ ތާށިވި ކަމެއްގައި ތާށިވެފައި ވުމެވެ. އޭނަ ބަލާ ވެސް ގެއަށް ނުދިއުމެވެ.

- ނުނިމޭ -

ކޮމެންޓް (4)

ާަައެނޮނީމަސް

16 ޖެނުއަރީ 2024
ކޮން ދުވަސް ތަކެއްގަތަ ވާހަކަ މި އަޕްވަނީ.
2 0

ލީން

14 ޖެނުއަރީ 2024
އުމާމާ ދެކެ ފޫހިވާން ފަށައިފި.
6 0

ފޭން

14 ޖެނުއަރީ 2024
ސަޅި. ކޮބާ ޒާނާ މިއަދު
1 1

ޒާނާ

14 ޖެނުއަރީ 2024
@ފޭން އަދި ކިރިޔާ މިކިޔާލެވުނީ. ރީތި މިބައިވެސް. އުމާމާ ތިހާ ރުޅިން ނޫޅެބަލަ ދޯ...
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް