ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

11 ޖެނުއަރީ 2024
6

އެޕިސޯޑް 18

"އިޒް ދިޒް އޯކޭ؟" ސައިފް އެދުނީ ހުއްދައަށެވެ.

ޖަވާބުދޭން ޖުމާނާ ފަސްޖެހުނެވެ. ނޫނެކޭ ބުނެފިއްޔާ ފިރިމީހާގެ އެދުމަށް ދެކޮޅުހެދުނީ އެވެ. އެކަމަކު ސައިފްގެ އެ އަމަލުތަކަކީ އޭނަ ބޭނުންވެގެން ކުރާ ކަމެއްކަން ނުވަތަ ނޫންކަން ވެސް އެނގެނީއެއް ނޫނެވެ.

"ޔޫ ޑޯންޓް ހޭވް ޓު..." ޖުމާނާ ބުނަން އުޅެފައި ހުއްޓައިލި އެވެ.

"ތިބުނީ؟" ސައިފް ކުއްލިއަކަށް އޭނަގެ އަތުން ދޫކޮށްލި އެވެ.

ޖުމާނާއަށް ހިންދިރުވައިލެވުނެވެ. އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ ދައްކަން މި އުޅެވެނީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ އެކަމަކު އެ ހިސާބަށް ބުނެފައި އެނބުރިދިއުމެއް ނެތެވެ.

"އަހަރެމެން ދެ މީހުން ވެސް މި ކައިވެނިކުރީ އެއް މަގްސަދެއްގައި. އެއީ އަހަރުމެންގެ ބެލުމުގެ ދަށުގައި ތިބި ކުދިން. އަހަންނަށް ވުރެ ބޮޑަށް ސައިފްއަށް އުނދަގޫވެދާނެ އަހަރެމެންގެ މެދުގައި ކައިވެނީގެ ގުޅުމެއް ދަމަހައްޓަން. އެންޑް އައި އަންޑަސްޓޭންޑް ދެޓް... އަހަރެން މި ބުނަނީ ޖަސްޓް ބިކޯޒް ވީއާ މެރިޑް... ޔޫ ޑޯން ހޭވް ޓު... ޑޫ ދިސް،" ޖުމާނާ ފަހު ޖުމްލަ ބުނެލިއިރު އެ ދެ މީހުންނަށް އިޝާރާތްކޮށްލީ އަތުންނެވެ.

ސައިފް އުއްޑުން ރީތިކޮށް އޭނަގެ ބާލީހުގައި އޮށޯވެލި އެވެ.

"ތެދެއް ތިބުނީ. އަހަރެން ވެސް އެއްބަސް،" ސައިފް އިރުކޮޅަކުން ބުނެލި އެވެ.

ޖުމާނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ވާހަކަ ނުދެކެވި އިރުކޮޅެއް ވޭތުވެދިޔަ ފަހުން ފުރަތަމަ "ގުޑްނައިޓް"އޭ ބުނެލީ ސައިފް އެވެ. ދެން އަނެއް ފަރާތަށް އެނބުރިއްޖެ އެވެ. ޖުމާނާ ވެސް ސައިފްއަށް ޖަވާބުދީފައި ހަމަޖެހިލައިގެން އަނެއް ފަރާތަށް އެނބުރި ނިދަންވެގެން ލޯމަރާލައިފި އެވެ.

***

ދަތުރު ދާން އޮތް ދުވަހު ހެނދުނު މޫސުން އޮތީ ނިކަން ރީތިކޮށެވެ. ފުރައިގެން ރަށާ ހަމައަށް ދެވެންދެން ވެސް އޮތީ މި ބުނިހެންނެވެ. އެކަން ބަދަލުވީ ފައިބައިގެން ހެނދުނުގެ ނާސްތާ ވެސް ކުރި ފަހުންނެވެ. ވައިގަދަކޮށްލައި ވިއްސާރަ ވިލާތަކުން އުޑުމަތި ފުރާލި އެވެ. ނަސީބަކުން ރަށުގެ އެކި ސަރަހައްދުގައި ފަނުން އެކި ކަހަލަ ގެތައް އަޅާފައި ހުއްޓެވެ. އެ ތަންތަނުން ހިޔާވަހިކަން ލިބޭނެ މަގު ހުޅުވިފައިވި އެވެ.

ކުދިވެރިން މޫދަށް ނުފޮނުވައިގެން ބޮޑާހޭކި އެވެ. ފަހުން ވާރޭ ވެހެން ފެށުމުން ވާރޭގައި ތެމިގެން މަޖާ ނަގަން ފެށި އެވެ. ރަށުގައި އަންހެންވެރިންނާއި މުސްކުޅިން ބައިތިއްބާފައި މަހަށް ނިކުމެލަން ގަސްތުކޮށްގެން ތިބި ޒުވާން ގުރޫޕަށް ވެސް އެމީހުން އެކަނިކޮށްލާފައި ދާކަށް ނުކެރުނެވެ. ކަނޑު ގަދަވެގެން އަމީރާ އެ މީހުން ދިއުމުގެ ހުއްދައެއް ނުދިނެވެ.

"މަންމަ މާބޮޑަށޭ ތި ބިރުގަންނަނީ. އަހަރެމެން މިތާ ރަށު ކައިރީގަ އުޅެލާފަ އަންނާނީ،" ރައްޔާން މަންމަގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ އަނެއް އަތުން ކޮލުގައި ހިފާލައިފައި ވާހަކަދެއްކި އެވެ.

"ހެވޭ. މަހަށް ނުދިޔަސް ކާނެ އެއްޗެހި އެބަހުއްޓެއްނު؟ ދާނެ ކަމެއް ނެތް،" އަމީރާ ހަމަ ހިލާ އެއްބަހެއް ނުވި އެވެ.

"ދެން އެހެންވިއްޔާ ހިނގާ އެންމެން ވާރެއާ ތެމެން،" އައްމާރު ޒޯޔާގެ އަތުގައި ހިފާ ވާރެއަށް ކޮއްޕައިލި އެވެ.

ޒޯޔާ ހަޅޭއްލަވައިގެންފައި ދުވެފައި އައިސް ހިޔަލަށް ވަދެއްޖެ އެވެ. އަލްޔާ އާއި ބިލާލްއަށް އެތަން ފެނިގެން ދެ ކުދިން ސިއްރު ކިޔާލައިފައި އައިސް ޒޯޔާގެ ދެ އަތުގައި ހިފައިގެން އަނެއްކާ ގެންގޮސް ވާރެއަށް ނެރެފި އެވެ. ޒޯޔާ ތެމިފޯވެގެން ދެން ދިމާކޮށްލީ ޖުމާނާއާ އެވެ. ސަލާމަތްވާން ޖުމާނާ އައިސް ހިމާޔަތް ހޯދީ ސައިފްގެ ފުރަގަހަށް ވަދެ އެވެ. އޭނަގެ ބޭބެއެއްގެ ފުރަގަހުގައި ހުއްޓިގެން ސަލާމަތް ނުވާނެކަން ޖުމާނާއަށް އެނގެ އެވެ.

"އޭ ދެން ސަކަރާތްނުޖަހާ. ތިހެން އުޅުނީމަ ދަތުރު މަޖަލެއްނުވާނެ. ވާރޭ ވެހެންޏާ ޖެހޭނެ ވާރެއާ ތެމެން،" ޒޯޔާ ޖުމާނާގެ އަތުގައި ހިފޭތޯ ސައިފްގެ ވަށައިގެން ދުވިހެން ޖުމާނާ ވެސް ވަށައިގެން ދުވަނީ އެވެ.

ސުލްތާން އައިސް އަމީރާގެ އަތުގައި ހިފައިގެން ނެރުނުތަން ފެނިގެން ހުރިހާ ކުދިންނަށް މަޖާވި އެވެ. ކުޑަކުދިންތައް ވެސް އުފަލުން ފުމެން ފަށައިފި އެވެ.

"ރައްޔާން. ނޯ. ރައްޔާން ޕްލީޒް!" އުމާމާއަށް ރައްޔާން އަންނަތަން ފެނިގެން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ގޭގެ ބިތްގަނޑުގައި ޖެހިފައި މަތަވެއްޖެ އެވެ.

އެ ހިސާބުން ދެން ސަލާމަތް ނުވާނެކަން ޚުދު އޭނައަށް ވެސް އެނގުނެވެ. އޭނަ ބަލާލިއިރު ދެން ތިބި އެންމެން އޭރު ބޭރަށް ނިކުމެ ވާރެއާ ތެމެނީ އެވެ. އެތެރޭ ތިބީ އެ ދެ މީހުން އެކަންޏެވެ.

"އެކީގަ ދާނީތަ؟ ނޫނީ ކޮނޑަށްލައިގެން ބޭރަށް ނެރޭނީތަ؟" ރައްޔާން އުމާމާގެ ދެ ފަރާތުން ފަންބިތުގައި ދެ އަތް ވިއްދާލައިގެން ހުރެ ސަމާސާ ރާގެއްގައި އެހި އެވެ.

"މީހުންނަށް މަޖުބޫރުކުރުން ނޫން ކަމެއް ކުރަން އެނގޭތަ ކަލޭމެންނަށް؟" އުމާމާ އައީ އަލިފާން ކަހަލަ ރުޅިއެކެވެ.

އެ މޫނުގެ ކުލަވަރު ފެނިފައި ރައްޔާން ވެސް އެ ވަގުތު ހައިރާންވި އެވެ. އޭނަ ބަލަން ހުރެލާފައި ވަގުތުން ފަހަތަށް ޖެހިލައި ހަށަން ބަނދެލައިފި އެވެ. ދެން އެއްވެސް އެއްޗެއް ނުބުނެ އެނބުރި ގޮސް ވާރެއަށް ނިކުމެ އެހެން މީހުންނާ ބައިވެރިވެއްޖެ އެވެ. އުމާމާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ވާރެއަށް ނަޒަރެއް ދިނުމަށް ފަހު ދަބަސް ތެރެއިން ފޯނު ނަގައިގެން ގޮސް މީހުންނާ ދުރުން އެހެން ދިމާއަކުން ނިކުމެ އަސްކަނިދޮށުގައި ހުރި ދިގު ގޮނޑިއެއްގައި އިށީނދެއްޖެ އެވެ. އޭނަ ގުޅީ ޒާރާއަށެވެ.

އެކުވެރިޔާއާ ވާހަކަދައްކަން އެތައް އިރަކު އިނދެފައި ތެދުވެގެން އައިއިރު ކުރިން އެތަނުން ފެނުނު އެކަކު ވެސް މިހާރު ފެންނާކަށް ނެތެވެ. ވާރޭ ތުނިކޮށްލާފައި ހުރުމުން އުމާމާ ނިކުމެ ދެކޮޅު ބަލާލި އެވެ. އޭނަ ކަންބޮޑުވީ ދެނެވެ. ދުރު ދުރަށް ދާންދެން މީހެއްގެ ހިލަން ވެސް ނެތެވެ. އޭނައަށް އެހާ ގިނައިރު ފޯނުން ވާހަކަދައްކަން އިނދެވިއްޖެ ހެއްޔެވެ؟ އެންމެން އޭނަ އެކަނި ބައިންދާފައި ދިޔައީ ހެއްޔެވެ؟

"ރައްޔާން!" ބިރުން ހުރެގެން އުމާމާ ގޮވާލި އެވެ.

ގޮނޑުދޮށަށް ނިކުމެފައި ވަށައިގެން ހޯދަނިކޮށް ފަހަތުން ގަސްތަކު ތެރެއިން ކޮންމެވެސް މީހަކު ދުއްވައިގަތް އަޑު ފަދަ އަޑެއް އިވުނެވެ. އުމާމާ ސިހިފައި އެނބުރި ބަލާލި ވަގުތު ހަގީގަތުގައި ވެސް މީހަކު އެ ދިމާއަށް ވަން ތަން ފެނިއްޖެ އެވެ. ވިސްނާނުލާ އޭނަ އެދިމާއަށް ދުއްވައިގަތެވެ. ދުވެފައި ދިޔައިރު އެމީހެއްގެ ދެފައި ފެންނާތީ އޭނަ ހުއްޓޭކަށް ނޫޅުނެވެ.

ވަކި ހިސާބަކުން އެމީހަކު ހުއްޓުމުން އޭނަ ގޮސް އެމީހެއްގެ ގައިގައި ނުޖެހުނީ ކިރިޔާ އެވެ.

"ސައިފް،" އުމާމާއަށް ހައިރާންވެފައި ކިޔާލެވުނެވެ.

"ކޮބާ އެހެން އެންމެން؟" އުމާމާ ކަންބޮޑުވެފައި ހުރެގެން އެހި އެވެ.

"އެކި ތަންތަނަށް ވަދެ ފިލާ. އުމާމާ ފިލައިގެން ނޫންތަ ތި އުޅެނީ؟" ސައިފް ދެކޮޅު ބަލައިލީ އިތުރު މީހަކު ހުރިތޯ ކަހަލަ އެވެ.

"އަހަރެން ފޯނެއްގަ ހުރެފަ މި އައީ،" އުމާމާ ޖަވާބުދިނެވެ.

ސައިފް ބޯޖަހައިލި އެވެ. ދެން އަނެއްކާވެސް ހިނގައިގަތް ވަގުތު އުމާމާ އެ ނަމުން ގޮވާލައިފި އެވެ.

"އަހަރެން ގޮވައިގެން ހިނގާބަލަ. އަހަންނަކަށް ނުކެރޭނެ އެކަނި ހުންނާކަށް،" އުމާމާ ސައިފްގެ އެހީއަށް އެދުނެވެ.

ސައިފް އެނބުރި ބަލަން ހުރެލާފައި ދެވަނަ ފަހަރަށް ބޯޖަހައިލި އެވެ. މިފަހަރު އުމާމާ އޭނައާ އެކު ހިނގައިގަތެވެ.

"އަހަރެން ސުވާލެއް ކުރަންތަ؟" ސައިފް ވާހަކަދެއްކީ ނިކަން މަޑުންނެވެ.

އެމީހުންގެ ވާހަކަ އިތުރު މީހަކަށް އިވެން އޭނަ ބޭނުން ނުވާ ކަހަލަ އެވެ.

"އަހާބަލަ. އެކަމަކު ޖަވާބު ލިބިދާނެކަމުގެ ޔަގީންކަމެއް ނުދެވޭނެ،" އުމާމާ ބުނެލި އެވެ.

"އަހަންނަށް ގުޅާފަ އެހުރީ ކަމަކުތަ؟" ސައިފްގެ ހިތުގައި ކުރިއްސުރެ އޮތް ސުވާލެއް އުމާމާއާ ކުރިމަތިކުރުވި އެވެ.

ސައިފް އިތުރު ތަފްސީލަށްނުދިޔަސް އެއީ ކޮންއިރެއްގެ ވާހަކައެއްކަން އުމާމާއަށް އެނގުނެވެ. ކައިވެނީގެ ކުރިން އޭނަ އެހީއަށް އެދި ގުޅި ހަމައެކަނި މީހަކީ ސައިފް އެވެ. އެކަމަކު ސައިފް އެރޭ އޭނަގެ އެއްވެސް ކޯލަކަށް ޖަވާބެއްނުދެ އެވެ. ފޯނު އޮތީ ނިވިފަ އެވެ. އަލުން ގުޅީ ވަގުތު ފާއިތުވީ ފަހުންނެވެ.

"ސައިފްއަކީ އަހަންނަށް އެހީވެވޭ ވަރު މީހެއްތޯ ބަލަންވެގެން،" އުމާމާ ދިނީ ވީހާ ވެސް ކުރު ޖަވާބެކެވެ. ސައިފް ހުއްޓިފައި ބަލައިލި އެވެ.

"ކޮން ކަހަލަ އެހީއެއް؟" ސައިފް އެހި އެވެ. އެކަމަކު އުމާމާ ކޮނޑު އަރުވާލައިފައި ތަފްސީލެއް ނުދިނެވެ.

"ދެން ކީއްވެ ފަހުން ގުޅީމަ ނުނެގީ؟" ސައިފް އިތުރަށް އެހި އެވެ.

"ވަގުތު ފާއިތުވީމަ،" އުމާމާ ކިޔައިދިނެވެ.

"ނޭނގެ މިހާރު މި ވާހަކަ ބުނެގެން އެއްވެސް ފައިދާއެއް އޮތް ކަމެއް. އެކަމަކު އެ ދުވަހު އަހަންނަށް ފޯނު ނެގުނު ނަމަ ކޮންމެވެސް ސިފައެއްގައި އުމާމާއަށް އެހީވީމުސް. އުމާމާ މާޔޫސްވިޔަ ނުދޭނަން. އަދި އަލުން އެފަދަ ދުވަހެއް އަޔަސް އައި ވިލް ބީ ހިއަ ފޯ ޔޫ..." ސައިފް ޔަގީންކަމާ އެކު ވާހަކަދެއްކި އެވެ.

އުމާމާ އިރުކޮޅަކު އެއްޗެއް ނުބުނެ ބަލަން ހުއްޓެވެ.

"ތެންކިއު،" އޭނަ ޝުކުރު އަދާކުރި އެވެ.

އޭގެ އިރުކޮޅެއް ފަހުން ދެ މީހުންނަށް އެކީ ގަސްތަކު ތެރެއިން ނިކުމެވުނީ ރައްޔާންގެ ކުރިމައްޗަށެވެ. ތަންކޮޅެއް ދުރުގައި އަލްޔާގެ އަތުގައި ހިފައިގެން ޖުމާނާ ވެސް ހުއްޓެވެ. އުމާމާގެ މެއަށް ފިނިވެލި އެވެ. ރައްޔާން އޭނައަށް ބަލައިލި ގޮތުން އޭނަ ހަގީގަތުގައި ވެސް ޖެހިލުންވި އެވެ. ރައްޔާން ކައިރިއަށް ދާން ވެސް ނުކެރުނެވެ. އެކަމަކު ސައިފް އެހެނެއް ނޫނެވެ. ހިނިތުންވެފައި ގޮސް ޖުމާނާ ކައިރިއަށް ހުއްޓިފައި ވާހަކަދައްކަން ފަށައިފި އެވެ. ދެން ފެނުނީ އެ ތިން މީހުން އެކީގައި ކޮންމެވެސް އެހެން ދިމާއަކަށް ހިނގައިގަތްތަނެވެ. އުމާމާއަށް އެ ހުރި ގޮތަށް ރައްޔާންއަށް ބަލަން ހުރެވުނީ އެވެ.

***

މެންދުރު ކައްކަން ވާއިރަށް ރައްޔާންމެން ގޮސް ރާޅުޖަހާ ހިސާބުގައި ތިބެ ދޮށި އުކައިގެން ކުދި މަސްތަކެއް ބާނައިގެން ގެނަ އެވެ. ބަތާ އެކު މަހުގައި ގަރުދިޔަ ކައްކައި ފިހެ އަދި ރިހާކުރާއި ތެލުލިފަތާ އެކު ނަން ހުސްކޮށް ސުފުރާ މަތީ ތަށިތައް އަތުރާލައިފައި ހުއްޓެވެ. އެންމެން ފޮޓޯ ނަގަނަގާފައި ހީވީ އެހެން ކަމެއް ހެންނެވެ.

އުމާމާއަށް ފާހަގަވީ ރައްޔާން އޭނައާ ދުރުން އުޅޭ ކަމެވެ. ވާހަކައެއް ވެސް ނުދައްކަ އެވެ. އެހެން މީހަކަށް އެކަން ފާހަގަވެދާނެތީ އޭނަ ޖެހިލުންވި އެވެ. ކާއެއްޗެހި ތަށްޓަށް އަޅައިގެން ގޮސް ރައްޔާން ކައިރީގައި ވެލިގަނޑުމަތީ އޮތް ގަސްބުޑެއްގައި އިށީނދެލި އެވެ. ރައްޔާން އެވަރުން ވެސް އަނގައަކުން ނުބުނެ އެވެ.

"ސޮރީ،" އުމާމާ އިސްވެ ވާހަކަދެއްކި އެވެ.

ރައްޔާން ބަލާލި އެވެ.

"އަހަންނަށް އޭރު ބުނެވުނީ ރަނގަޅު އެއްޗެއް ނޫން. ޔޫ ނެވަ ފޯސްޑް ޔޯސެލްފް އޮން މީ،" އުމާމާ އިސްޖަހައިގެން އިނދެ ބަތްތަށި ހާވަމުން ވާހަކަދެއްކި އެވެ.

ރައްޔާން އެ ވަގުތު ކޮށިއެރި އެވެ. އޭނަ ބުނި އެއްޗަކުން ކަމެއް އުމާމާއަށް ޔަގީނެއް ނޫނެވެ. އޭނަ ކަންބޮޑުވެފައި ތެދުވަން އުޅެނިކޮށް ޖުމާނާ އަވަހަށް ކަރުދާސް ތަށީގެ ފެން ތަށްޓެއް ގެނެސް ދިއްކޮށްލި އެވެ. ރައްޔާން އުނދަގުލުން "ތޭންކްސް"އޭ ބުނެލާފައި ފެން ތަށީގައި ހިފައިގެން އެތަނުން ދުރަށް ދިޔަ އެވެ. އުމާމާ އެދިމާއަށް ބަލަން އިނެވެ. އޭނައަށް އިއްތިފާގުން ސައިފްއަށް ބަލާލެވުނުއިރު ސައިފް ވެސް ދުރުގައި ހުރީ އުމާމާއަށް ބަލާށެވެ. އުމާމާ އަވަހަށް ނަޒަރު ވަކިކޮށްލި އެވެ.

މާބޮޑަށް ހަވީރު ނުވަނީސް އެމީހުން މަޑު ވަގުތުކޮޅެއް އައުމާ އެކު ރަށަށް ފުރައިފި އެވެ. ތަންކޮޅެއް ކައިރީ އޮތް ރަށެއްކަން ނަސީބެވެ. އަލްޔާ މުޅި ދަތުރު މަތީ ހޮޑުލި އެވެ. ސައިފް އެ ކުއްޖާ ކައިރިން ދުރަށް ނުދެ އެވެ. ކައިރީގައި ޖުމާނާ އިނެވެ. އުމާމާއަށް އެ ދެ މީހުންނަށް ވެސް ބެލެ އެވެ. އަނެއްކޮޅުން ރައްޔާންގެ ހަރަކާތްތަކަށް އިރުއިރުކޮޅާ ނަޒަރު ހިންގާލެވެ އެވެ. ރައްޔާން ހަގީގަތުގައި ވެސް އެ އިނީ އޭނަ ދެކެ ހިތްހަމަނުޖެހިފަ އެވެ. އޭނަ ހައިރާންވީ މީގެ ކުރިން ވެސް އޭނަ ރައްޔާންއާ ދިމާއަށް އެ ފާޑުގެ އެއްޗެހި ބުނެގެން ނާންނަ ރުޅިއެއް މިއަދު ކުއްލިއަކަށް އައި ސަބަބަކާ މެދުގަ އެވެ.

ރައްޔާން ގެއަށް ގޮސް ފެންވަރާލައިގެން ނިކުތް ގޮތަށް އުމާމާއަށް އަލުން ފެނުނީ އެ ރޭ ނިދަން ކޮޓަރިއަށް ވަން ގަޑީގަ އެވެ. އުމާމާ އިނީ ފޮތެއް ހުޅުވައިގެން ކިޔަން އެނދުމަތީގަ އެވެ. ސައިޑު ޓޭބަލް މަތީ ހުރި ލައިޓު ނޫން އެހެން ހުރިހާ ލައިޓެއް ނިވާފަ އެވެ. ރައްޔާން އެތެރެއަށް ވަނީވެ ސް ފޯނެއްގައި ހުރެފަ އެވެ. ދެން ފެނުނީ ނިދަން ލާ ހަރުވާޅު ނަގައިގެން ގޮސް ފާހާނާއަށް ވަން ތަނެވެ.

ރައްޔާން ކޮޓަރިއަށް ވަނީއްސުރެ އުމާމާގެ ސަމާލުކަން ހުރީ ރައްޔާންއަށެވެ. އެކަމަކު އޭނަ އޭރު ވެސް އިނީ ފޮތަށް ސަމާލުކަންދީގެން ކަމަށް ހެދިގެންނެވެ. ކުޑަ އިރުކޮޅެއް ފަހުން ނިކުމެގެން އައިސް އަނެއްކާވެސް ފޯނު ނަގައިގެން އައިސް އެނދުގެ އަނެއް ފަރާތުން އަރައި އިށީނެވެ. އުމާމާ ފޮތް ލައްޕާލައިފައި ރައްޔާންއަށް ބަލައިލި އެވެ. ރައްޔާން ވެސް ފޯނުން ނަޒަރު ވަކިކޮށްލާފައި އުމާމާއަށް ބަލައިލި އެވެ. އުމާމާ އެއްޗެއް ބުނޭތޯ މަޑުކޮށްލި ކަހަލަ އެވެ. ދެން އަނެއްކާވެސް ފޯނަށް ސަމާލުކަން އަނބުރާލައިފި އެވެ.

"އަދިވެސް އަހަރެން ދެކެ ރުޅި އައިސްފަތަ؟" އުމާމާއަށް ނީނދެވިގެން އެހި އެވެ.

- ނުނިމޭ -

ކޮމެންޓް (6)

ޒީނާ

11 ޖެނުއަރީ 2024
ޥާހަކަ ވވ ރީތި، ތަންކޮޅެއް ދިގުކޮއްލަ ދީބަލަ!
5 0

ޒިވި

11 ޖެނުއަރީ 2024
އައި ހޭޓް އުމާމާ..އެހާ ލައިކެެއް ނުވޭ މި ކެރެކްޓާ ދެކެ..އައި ލައިކް ޖުމާ
5 0

ޟެލް

11 ޖެނުއަރީ 2024
@ޒިވި ޔެސް، އެގްރީ. މިވާހަކައިގެ ވަރަށް އެނޮޔިންގ ކެރެކްޓަރ އެއް
2 0

ޒިވި

11 ޖެނުއަރީ 2024
@ޟެލް ޔެސް ދެން ވަރަށް ފޫހި ވައްތަރަކަށް އުޅެނީވެސް
1 0

ޏަމްޏަމް

14 ޖެނުއަރީ 2024
@ޒިވި މިނިވަންކަން ނުލިބި ބޮޑުވާ މީހަކަށް ވ.ރަނގަޅަށް އިހުސާސް ވާނެ އުމާމާގެ ހާލަތު.
0 1

ޒާނާ

11 ޖެނުއަރީ 2024
އުމާމާވެސް ރައްޔާނުއަށް ތިހެން ނުހަދާ ފުރެންޑް ވެބަލަ. އެސޮރު ގަބޫލު ކުރާނެޔޭ. ވަރަށް ރީތި މިބައިވެސް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް