ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 22
"އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ ޖުމާ؟ މިރޭ ހީވަނީ ކަމަކާ ފިކުރުކުރާހެން. ނޫނީ ދެރަވެފަހެން،" ސައިފް ޖުމާނާގެ ނިތުގައި އަތުގެ ނުފުށުން ޖައްސައިލީ ހުން ހުރިތޯ ބަލަންވެގެންނެވެ.
ޖުމާނާ އެ ވަގުތު އެ އަތުގައި ހިފާފައި ތިރިކޮށްލި އެވެ.
"އުނހު. އެކަހަލަ ކަމެއް ނޫން،" ޖުމާނާ ތެދުވެ ހެޑްބޯޑްގައި ލެނގިލި އެވެ.
ސައިފް އަދިވެސް އިނީ ބަލާށެވެ. ޖުމާނާ އިތުރަށް ވާހަކައެއްނުދެއްކި އެވެ. ހިތަށް އަރަނީ ސައިފް ވިސްނަން ޖެހޭ އެތައް ކަމެއް ހުއްޓާ އޭނަގެ އަމިއްލަ މައްސަލަތައް އެއަށް އިތުރުކުރުން އެއީ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމެވެ.
"ޖުމާ ތި އުޅޭ ގޮތުން އަހަރެން ކަންބޮޑުވެއްޖެ،" ސައިފް ޖުމާނާގެ ދެ އަތްތިލައިގައި ހިފާލައިފައި ވާހަކަދެއްކި އެވެ.
"އައިމް ސޮރީ،" ޖުމާނާ ނޭފަތް ދަމާލި އެވެ. ކުއްލިއަކަށް މާބޮޑަށް އަސަރުކޮށްފި އެވެ.
ސައިފް ކައިރިއަށް ޖެހިލާފައި ޖުމާނާ ގެނެސް މޭގައި ޖައްސައިލި އެވެ. އެއް އަތުން އޭނަ ޖުމާނާގެ އިސްތަށިގަނޑުގައި ފިރުމައިދޭން ފެށި އެވެ. ސައިފްގެ މި އަމަލުން ޖުމާނާ ފުރަތަމަ ސިހުނެވެ. އެކަމަކު ފަހުން ހަމަޖެހިލެވުނެވެ. ސައިފްގެ ބީހުމުން އޭނަގެ ހިތުގެ އުދާސްކަމަށް ފިނިކަމެއް އިހްސާސްވިހެން ހީވި އެވެ.
"ބިލާލްއަށް ކޮންމެވެސް ކަމެއް ވެއްޖެހެން ހީވަނީ،" ޖުމާނާ އިސްވެ ސައިފްގެ މޭގައި ދެ އަތުން ހިފާ ދުރުކޮށްލާފައި އެ މޫނަށް ބަލަން އިނދެގެން ކިޔައިދިނެވެ.
ސައިފްއަށް ބުމަ ކައިރިކޮށްލެވުނެވެ. އޭނަ ޖުމާނާއަށް ފުރުސަތު ދިނީ އިތުރަށް އޮޅުންފިލުވައިދިނުމަށެވެ. ޖުމާނާ ކިޔައިދިނީ ސުކޫލުން އައި ފަހުން ބިލާލްގެ ފުށުން ފެނުނު ކަންތައްތަކުގެ ވާހަކަ އެވެ.
"ކުއްޖަކު ބުލީކުރީތަ؟" ސައިފްއަށް އެ ވާހަކަ އަހާފައި އަހައިލެވުނެވެ.
ޖުމާނާ ސިއްސައިގެން ގޮސް އަނގަމަތީ އަތް އެޅި އެވެ.
"ޖުމާ އެހާ ބޮޑަށް ނުވިސްނާ. އަހަރެން މާދަން ބިލާލްއާ ވާހަކަދައްކާނަން،" ސައިފް ޖުމާނާގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރި އެވެ.
ޖުމާނާ އެ ވަގުތު ބޯޖަހައިލުމުން އޭނަ ތެދުވެގެން ގޮސް އަނެއް ފަރާތުން އަރައި އޮށޯތެވެ.
***
ބިލާލް ގޮވައިގެން ފަތިސް ނަމާދަށް ގޮސްފައި ސައިފް އައީ ތަންކޮޅެއް ލަހުންނެވެ. ޖުމާނާ އޭރު ހުރީ ކުދިވެރިންނަށް ސައި ގިރައިގެން ބިލާލް ނައިސްގެން ނިކުމެ ދޮރުކައިރީގަ އެވެ. ދޮރާށިން ވަން ތަން ފެނިފައި އޭނަ ބިލާލްގެ ނަމުން ގޮވާލި އެވެ. ބިލާލް ދުވެފައި އައިސް މަންމަގެ ފަސްބައިގައި އެލިގަތެވެ. ޖުމާނާއަށް ފާހަގަވީ ދަރިފުޅުގެ މޫނުގައިވި އުފާވެރިކަމެވެ.
"މިއަދު ހާދަ ލަހުން ތި އައީ،" ޖުމާނާ ބިލާލްގެ ބޮލުގައި ފިރުމާލައިފައި ވާހަކަދެއްކި އެވެ.
"ބައްޕައާ ދެ ކުދިން ދުއްވާލައިފަ މި އައީ،" ބިލާލް ޖަވާބުދިނެވެ.
ޖުމާނާގެ މެއަށް ހީވީ ފެން އެއްޗެއް އަޅައިލިހެންނެވެ. އޭނައަށް ސުވާލުގެ ނަޒަރަކުން ބަލައިލެވުނީ ކައިރިވަމުން އައި ސައިފްގެ މޫނަށެވެ. ބިލާލް އޭނައާ ދުރަށް ޖެހިފައި އަނެއްކާވެސް ދުވެފައި ގޮސް ބަދިގެއަށް ވަނުމާ އެކު ސައިފް އައިސް އަރާހަމަވި އެވެ.
"ހާދަ ފާޑަކަށް ތި ހުރީ،" ސައިފް އައިސް ޖުމާނާގެ ނޭފަތުގައި ހިފާލި އެވެ.
ޖުމާނާ ވަގުތުން ސައިފްގެ އަތް ފޮޅުވާލި އެވެ. އޭނައަށް ކިނބިހި އެޅުނީ އެ ގަޑީގަ އެވެ. ސައިފް ގާތަށް ހިނިއަ އެވެ. ޖުމާނާ އޭނަގެ ގައިގައި ޖަހަން އުޅޭ ގޮތަކަށް އަތުން ގޮތް ދައްކައިލުމުން އަވަހަށް ބިލާލް ދިޔަ މަގުން ގޮސް ބަދިގެއަށް ވަދެއްޖެ އެވެ. ޖުމާނާ ނިންމީ ބިލާލް ބައްޕައޭ އެ ބުނި ބުނުމަކީ އޭނައަށް ހީވި ގޮތެއް ކަމަށް ވެދާނެ ކަމުގަ އެވެ.
އެތެރެއަށް ވަދެފައި ސައިފް އާއި ބިލާލް އުޅުނު ގާތްކަން ޖުމާއަށް ފާހަގަވި އެވެ. ބިލާލް ހީވަނީ އެހެން ހުރިހާ ދުވަހަކަށް ވުރެ އުފާވެފައި ހުރިހެންނެވެ. އާންމުކޮށް ކިރު ތަށި ހުސްނުކުރާ ކުއްޖާ ސައިފް ބުނެގެން ކިރު ތަށި ވެސް ހުސްކުރި އެވެ. ޖުމާނާގެ ހިތް ބުނީ ކޮންމެވެސް ކަމެއް ވެއްޖެ ކަމުގަ އެވެ. އެ ދެމެދުގައި އޭނައަށް ނޭނގޭ ކަމެއް ހިނގައިފި އެވެ. ނޫނީ ވާހަކަތަކެއް ދެކެވިއްޖެ އެވެ.
ސައި ތަށި ބޮއިގެން ޖުމާނާ ނާސްތާ ތައްޔާރުކުރި ގަޑީގައި ކުދިން އުޅުނީ ކުޅުމުގަ އެވެ. މޫސުމް ބަދަލުވާ ފަދަ ކުލަވަރެއް ދައްކާތީ މަސައްކަތް މިއަދު ހުއްޓާލަން ޖެހިދާނެއޭ ކިޔައިގެން ސައިފް ވާހަކަދެއްކި އެވެ. ހުސްކުރި ކޮފީ ޖޯޑު ދޮވެފައި ބަހައްޓާފައި އޭނަ ނިކުތީ ހަބަރު ބަލާލާށޭ ކިޔައިފަ އެވެ.
ދުވަސްތަކެއް ވަންދެން އެކަނި އުޅުމުގެ ނަތީޖާ ކަންނޭނގެ އެވެ. ޖުމާނާ ގެއަށް އައި ފަހުން ވެސް ހުރިހާ ކަމެއް ޖުމާނާއަށް ދޫކޮށްލައިގެނެއް ސައިފް ނޫޅެ އެވެ. މާޒް އާއި އަލްޔާ ވެސް އަމަލުތައް ހުންނަނީ އެހެންނެވެ. އެމީހަކަށް ކުރެވޭ މިންވަރުން ކަންތައްތައް ކުރެ އެވެ. އެހެން މީހުންނަށް ލުއި ފަސޭހަ ވާނެހެން އަމަލުތައް ބަހައްޓަން މަސައްކަތް ކުރެ އެވެ. އަނެއްކޮޅުން ޖުމާނާ ވެސް ގަބޫލުކުރާ ގޮތުގައި އަންހެނެއް ފިރިހެނެއް ވަކި ނުކޮށް ކުރެވޭވަރުން ދިރިއުޅުމުގެ ކަންކަން ކުރަން ޖެހޭނެ އެވެ. އެހެންވެ ބިލާލް ވެސް އޭނަ ތަމުރީނު ކުރަނީ އެގޮތަށެވެ.
މަސައްކަތް ނިންމާލައިފައި ޖުމާނާ ދިޔަ އިރު އަލްޔާ ކޮޓަރި ތެރޭގައި ޔުނީފޯމް ލައިގެން އުޅެއެވެ. އޭނަ ގޮސް އަލްޔާ ފުނާއަޅުވައިދީފައި ފޮތް ދަބަސް ޗެކްކޮށްލުމަށް ފަހު ދެން ދިޔައީ މާޒް ތެދުވެއްޖެތޯ ބަލާށެވެ. ދޮރުގައި ޓަކި ޖަހާލުމުން މާޒް ބޯދިއްކޮށްލިއިރު ހުރީ ނަސީބަކުން ފެންވަރައިގެން ނިކުމެ އެވެ. ފަހަކަށް އައިސް އޭނަ ގޮވާތީ އޮންނަން ނުކެރިގެން ކަމަށް ވެދާނެ އެވެ. މާޒް ތަންކޮޅެއް ފަސޭހައިން ސުކޫލަށް ދާން ތެދުވެ އެވެ.
"މިދަނީ ރެޑީވެގެން،" މާޒް ބުނެލި އެވެ.
ޖުމާނާ ހިނިތުންވެލާފައި އެތަނުން ދާން އެނބުރުނެވެ.
ސުކޫލަށް ދާ ގަޑިއަށް ތުނިކޮށް ވާރޭވެހެން ފަށައިފި އެވެ. ކުދިންތައް ވާރޭ ކޯޓު ލައްވާފައި ޖުމާ ދިޔައީ ބޮޑު ކުޑައެއް ހިފައިގެންނެވެ. އަނެއް ކުޑަ ގެންދިޔައީ މާޒް އެވެ. ވާރޭ ވެހޭތީ ގޮސް ބޭރުގައި މަޑުކުރަން ވެސް ނުޖެހި ކުދިން އެތެރެއަށް ވައްދާފައި އައުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އައި މަގުމަތީ ވާރޭ އެންމެ ބޯކޮށްލައި ވައިގަދަކުރި ގަޑިއަށް ކުޑަ ފުށުން ޖަހާލައިފި އެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި މީހާ ތެމި ފޯވެއްޖެ އެވެ. ފޯނު ނުލައި އާދެވުނީ ނަސީބޭ ހިތަށް އެރި އެވެ. ދުނިތައް ބިނދިފައިވާ ކުޑައިން ނިވާވެވޭ ވަރަކަށް ނިވާ ހޯދައިގެން އައިސް އަވަހަށް ގެއަށް ވަނެވެ. ކުޑަ އަސްކަނިދޮށުގައި ބާއްވާފައި އޭނަ ވަދެގެން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ހީކަރުވާ ވަރުން ދެ ދަތްޕިލަ ޖެހެން ފަށައިފި އެވެ. އަވަހަށް ތެތް ހެދުން ބާލައިފައި ހީ ފިލާނެ ފަދަ ހެދުމެއް ހޯދަނިކޮށް އޭނަގެ ސަމާލުކަން އަތުލީ އަލަމާރިން ކޮނޑެއްގައި އަޅުވާފައި ހުރި ސައިފްގެ ހުޑީއެކެވެ. ގޭގައި އެ ގަޑީގައި އެހެން ނޫނަސް އުޅޭނީ އޭނަ އެކަންޏެވެ.
ޖުމާނާ އިތުރަށް ވިސްނަން ނުހަދައި ސައިފްގެ ހުޑީ ނަގައި ލައިފި އެވެ. ސައިފް އަކީ ބޮޑުކޮށް ހުންނަ މީހަކަށް ވެފައި އިސްކޮޅު ވެސް ދެ މީހުން ތަފާތުކަމުން އޭނައަށް އެ ބޮޑެވެ. އެހެންވެ އަދި މާބޮޑަށް އެ ފިނި މާހައުލާ ގުޅުނެވެ. ގޭގައި އޭނަ އުޅުނުއިރު ލާން ގެންގުޅުނަސް އެ ގެއަށް އައި ފަހުން ލާން ނުކެރިފައި އޮތް ސޯޓެއް ނަގައި ލީއިރު ހުޑީ ދިގުވެ ކިރިޔާ އޭގެ ތިރިން ތަންކޮޅެއް ފެންނަނީ އެވެ.
އިސްތަށިގަނޑު ވީ އެންމެ ބޮޑަކަށް ހިއްކާލައިފައި ފަހަތަށް ދޫކޮށްލުމަށް ފަހު އޭނަ ދެން ނިކުތީ ހޫނު ކޮފީއެއް ހަދާށެވެ. އެކަނި ގެއެއްގައި މިނިވަންކަމާ އެކު އުޅެލުމުގެ އުފާވެރިކަން އޭނައަށް ފުރަތަމަ ފަހަރު އިހްސާސްވީ އެ ގަޑީގަ އެވެ. ޖުމާނާ ހިނިތުންވެ ހުރެގެން މަދަހައެއް ކިޔަމުން ކޮފީ ތައްޔާރުކޮށް ނިމިގެން އެ ހިފައިގެން ފެންޑާއަށް ނިކުތެވެ. ވާރޭ ވެހޭ މަންޒަރު ފެންނާނެ ގޮތަށް ދޮރުފޮތިގަނޑު ކަހާލައިފައި ދެން އައިސް އިށީނދެލީ ސޯފާގަ އެވެ. ޓީވީ ހުޅުވާލުމަށް ފަހު އޭނަ އާންމުކޮށް ބިލާލްއާ އެއްކޮށް ބަލާ ނެޝަނަލް ޖިއޯގްރަފިކް ޗެނަލްއަށް ބަދަލުކޮށްލި އެވެ.
އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިން ވަރުން ސައިފް އައިސް ދޮރު ހުޅުވައިގެން ގެއަށް ވަންކަމެއް ޖުމާނާއަކަށް ރޭކައެއްނުލަ އެވެ. އެ ވަގުތު ޖުމާނާ ފެނުމުން ސައިފްއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. އޭނަގެ ހުޑީ ލައިގެން ޖުމާނާ އިންދާ ފެނުމުން ސައިފްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ދުރުދުރުގައި ފިޔަވަޅު އަޅާލައިފައި ގޮސް ޖުމާނާ އިން ސޯފާގެ އަނެއްކޮޅުގައި އިށީނެވެ.
ޖުމާނާއަށް ހޭވެރިކަންވީ ދެނެވެ. އޭނަ ސިހިފައި އެ ދިމާއަށް ބަލާލުމަށް ފަހު ސައިފް ފެނުމާ އެކު ކޮފީ ޖޯޑު ކުރިމަތީ ހުރި މޭޒުމަތީ ބަހައްޓާފައި އަވަހަށް ތެދުވި އެވެ.
"ކޮންތާކަށް ދާން ތި އުޅެނީ؟" ޖުމާނާ އެތަނުން ދާން ހިނގައިގަތުމާ އެކު ސައިފް އޭނަގެ އަތުގައި ހިފެހެއްޓި އެވެ.
"ޗޭންޖް ކުރަން،" ޖުމާނާ ރަކިވެފައި ހުރެގެން އަމިއްލަ ހެދުމަށް ނަޒަރެއް ދީފައި ޖަވާބުދިނެވެ.
"ކޮބާ ތި ހެދުމުގެ މައްސަލައަކީ؟" ސައިފް ޖުމާނާގެ އަތަށް އިތުރަށް ބާރުކޮށްލި އެވެ.
"ސައިފް ކޮމްފޮޓެބަލް ނުވެދާނެތީ،" ޖުމާ އެ މޫނަށް ނުބަލަން ދެ ފައިތިލައަށް ނަޒަރު ހުއްޓައިލި އެވެ.
"އަހަރެންގެ މައްސަލައެއް ނެތް. ޖުމާގެ ވެސް މައްސަލައެއް އޮވެގެން ނުވާނެ ދޯ؟ ތީ އަހަރެންގެ ވައިފްއެއްނު؟" ސައިފް ޝައުގުވެރިކަމާ އެކު އަދިވެސް އެއް ފަހަރު ޖުމާނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލި އެވެ.
"އޯކޭ،" ޖުމާނާ ސައިފްގެ އަތް ދުރުކޮށްލަން އުޅުނު ވަގުތު ސައިފް ދޫކޮށްލުމުން ކުރިން އިން ތަނުގައި އަލުން އިށީނދެއްޖެ އެވެ.
އޭނަ އިށީނުމުން ހުޑީ އަދި ކުރިއަށް ވުރެ ކުރުކަމަށް ދެއްކި އެވެ. ސައިފްއަށް ބަލައިލަން ނުކެރިގެން އޭނަ ބަލަން ފެށީ ޓީވީއަށެވެ. އަލުން ކޮފީ ތަށި ނަގާފައި ކޯވަރެއް ބޯލި އެވެ.
"ތި ހުޑީ ޖުމާއާ ވަރަށް ގުޅޭ،" ސައިފް އިރުކޮޅަކުން ބުނި އަޑު އިވުނެވެ.
ޖުމާނާ ބަލާލިއިރު ސައިފްގެ ނަޒަރު ހުރީ އޭނަގެ ދެ ފަޔަށެވެ. ޖުމާނާގެ މޫނު ރަތްވި އެވެ. އޭނަ ބޯޖަހާލައިފައި ޓީވީ ބަލަން ފެށި އެވެ. ދޭތެރެއަކުން ބަލާލާއިރު ސައިފް އިންނަނީ ފޯނަށް ބަލާށެވެ. ނޫނީ އޭނައަށެވެ. އެއްވެސް ވާހަކައެއް ވެސް ނުދެއްކި އެވެ.
"ސައިބޯން ވެއްޖެތަ؟ މިއަދު މަސައްކަތް ކެންސަލްވީ ދޯ؟" ޖުމާނާ އިރުކޮޅަކުން އެހި އެވެ.
"ވާރޭ ވެހޭތީ ކުރެވޭ ގޮތެއް ނުވި،" ސައިފް ކައިރިއަށް ޖެހިލި އެވެ.
ޖުމާނާގެ ހިތް އަވަސްވި އެވެ.
"ބިލާލްއާ ވާހަކަދެއްކީތަ؟ ވަރަށް އުފާވެފަ ހުރިހެން ހީވަނީ މިއަދު،" ޖުމާނާގެ ބޭނުމަކަށްވީ ސައިފްގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލުމެވެ.
"ހޫމް،" ސައިފްގެ ޖަވާބު ކުރެވެ. އިތުރު ތަފްސީލެއް ނުދިނެވެ.
ޖުމާނާ އިތުރަށް ބުނަން އުޅުނު ބަސް ކަރުތެރޭގައި ތާށިވީ ސައިފް އޭނަގެ ހާމަވެފައިވާ ކަކޫމަތީ އަތް ބާއްވައިލީމަ އެވެ. ތެޅިގަނެވުމާ އެކު އަތުގައި ހުރި ކޮފީ ތަށި ބަންޑުންވީ އޭނަގެ ގަޔަށެވެ. ނަސީބަކުން މާ ހޫނެއް ނޫނެވެ.
"އަސްތަޣްފިރުﷲ،" ޖުމާނާ ފުންމައިގެން ތެދުވި އެވެ.
އޭނަ އަވަސްއަވަހަށް ބަދިގެއާ ދިމާއަށް ދިޔައިރު ފަހަތުން ސައިފް ވެސް ނައްޓާލި އެވެ.
ސިންކު ކައިރިއަށް ހުއްޓި އަތަށް އެޅުނު ބައި ދޮވެލާފައި ލައިގެން ހުރި ހުޑީއަށް ބަލާލިއިރު ފެނުން އެކަނި ދޮވެލައިގެން ސަލާމަތްވާކަށް ނެތެވެ. ހުޑީ ޖެހޭނީ ދޮންނާށެވެ. ވަގުތުން ނުދޮވެފި ނަމަ ކޮފީގެ ކުލަ ވެސް ނުފިލައިފާނެއޭ ހިތަށްއެރި އެވެ. އޭނަ ދާންވެގެން އެނބުރުމާ އެކު ސައިފް ފަހަތުން އައިސް އޭނަ ކުރިމައްޗަށް ހުއްޓިފައި ސިންކުގެ ދެ ފަރާތުން ދެ އަތް ވިއްދާލައި އޭނަގެ ކުރި ބެއްދި އެވެ.
"އިރުއިރުކޮޅާ ކޮންތާކަށްތަ ތި ދުއްވައިގަންނަނީ؟" ސައިފް އޭނަގެ މޫނާއި މޫނު ހަމަކޮށްލާފައި ސުވާލުކުރި އެވެ.
"ފިހުނުތަ؟" ޖުމާނާގެ ޖަވާބެއް ނައުމުން ސައިފް ކަންބޮޑުވެފައި އެހި އެވެ. ހުޑީއަށް ބަލާލިއިރު ކޮފީގެ ކުލަވަރު ފެންނަން ހުއްޓެވެ.
ޖުމާނާ މަޑުމަޑުން ދެ ފަރާތަށް ބޯހޫރުވައިލި އެވެ.
"ލެޓް މީ ސީ!" ސައިފް ކަނާއަތް ހިއްލާލައިފައި ހުޑީގެ ތިރީ ކައިރީ ހިފާ އުފުލާލަން އުޅުނެވެ.
ޖުމާނާ ސިހިފައި އަވަހަށް ސައިފްގެ އަތުގައި ހިފެހެއްޓި އެވެ. ސައިފް އޭނަގެ މޫނަށް ބަލައިލުމުން ނޫނެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ދެ ފަރާތަށް ބޯހޫރައިލި އެވެ. ސައިފް އަތްތިރިކޮށްލާފައި ހިންދެމިލި އެވެ. ދެން ދެ ފިޔަވަޅު ފަހަތަށް ޖެހިލާފައި ޖުމާނާ ދާން ތަން ދިނެވެ.
ޖުމާނާ ހެދުން ބަދަލުކޮށްގެން ނިކުތްއިރު ސައިފް ކޮފީ އެޅުނުތަން ސާފުކޮށްފައި ގޮސް ބަދިގޭގައި އިނީ އަމިއްލައަށް ނާސްތާކުރާށެވެ. ޖުމާނާ ގޮސް ޝަކުވާ ކުރީ އޭނަ ނިކުންނަންދެން މަޑުނުކުރީމަ އެވެ.
"މީ އަހަރެން އަލަށް ކޮށް އުޅުނު ކަމެއް ނޫނެއްނު؟" ސައިފް ހިނިތުންވުމާ އެކު ރައްދުދިނެވެ.
"ކުރިއާ މިހާރު ތަފާތެއްނު؟ މިހާރު އަހަރެން އެބަ އުޅެމެއްނު؟" ޖުމާނާ ގޮނޑި ދަމާލައިގެން ކުރިމަތީ އިށީނެވެ.
ސައިފް ވަކި ޖަވާބެއް ނުދިނެވެ. އޭނަ ކެއުމަށް އިންސާފުކުރަމުންދިޔަ މަންޒަރު ބަލަން ޖުމާނާ ހިމޭނުން އިނެވެ. ކުޑަ އިރުކޮޅެއް ކުރިން ވެދިޔަ ކަންތައް ހަނދާންވެފައި ކުށްވެރިކަން އިހްސާސްވި އެވެ. ސައިފް އެކަމަކު އެއީ ހިނގި ކަމަކަށް ވެސް ނުހެދި އެވެ. އެ ވާހަކަ ނުވެސް ދައްކާ އެ އިނީ ހަމަޖެހިގެން ނާސްތާ ކުރާށެވެ.
"ބިލާލް އެހާ ދެރަވެގެން އެ އުޅުނީ ކުލާހުގެ ދެ ކުއްޖަކު އޭނަގެ ބައްޕަ ނެތޭ ކިޔައިގެން ދިމާކުރީމަ. އެ ވާހަކަ ކިޔައިދިނީމަ އަހަރެން ބުނީ އަހަންނަށް ބައްޕަ ކިޔަން،" ނާސްތާކޮށް ނިމިގެން ފެން ތަށި ބޯލާފައި ބަހައްޓަމުން ސައިފް ކިޔައިދިނެވެ.
ޖުމާނާއަށް ބުނާނެ އެއްޗެއް ވެސް ފުރަތަމަ ނޭނގުނެވެ. ސައިފް ތެދުވެގެން ގޮސް އަތް ދޮވެގެން އެނބުރިލީ ވަގުތު އޭނަ "ތޭންކްސް"އޭ ބުނެލި އެވެ. ސައިފް އައިސް ހުއްޓުނީ ޖުމާނާގެ ކުރިމައްޗަށެވެ.
"އަހަރެން ބިލާލްގެ މަންމައާ ކައިވެނިކުރިއިރު ކުޑަމިނުން އެވަރު ކޮށްދެވެންވާނެ ދޯ؟ ﷲގެ އިރާދަފުޅުން އަހަންނަށް އަދި އިތުރު ކުދިން ލިބުނަސް ބިލާލް އަބަދުވެސް ވާނީ އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅަށް،" ސައިފް ޖުމާނާގެ ދަތްދޮޅީގައި ހިފާލައިފައި ވާހަކަދެއްކި އެވެ.
އޭނަ ނިކުމެގެން ގޮސް ގެއްލެންދެން ޖުމާނާ އެ އިން ގޮތަށް އިނެވެ.
***
ރައްޔާންގެ އެދުމަށް އަނެއްކާވެސް ބޭރަށް ދާން އުމާމާ ތައްޔާރުވި ރެއެކެވެ. އޭނަގެ އުންމީދުތައް ކާމިޔާބުވުމުން އެކަން ފާހަގަކުރަން ޖެހޭނެކަމުގައި ރައްޔާން އޮތީ ބުނެފަ އެވެ. އެންމެ ބޭނުންވި ޔުނިވަސިޓީއިން އޭނައަށް ވަނީ ކިޔެވުމުގެ ފުރުސަތު ލިބިފަ އެވެ. ޕާސްޕޯޓް ވެސް ހެދިއްޖެ އެވެ. ދެން އޮތީ ފުރުމެވެ. އުފަލުން އުމާމާއަށް ނުނިދޭތާ ވެސް ދެތިން ދުވަހެއް ވެއްޖެ އެވެ.
ކޮޓަރި ދޮރުގައި ޓަކި ދިނުމުން އުމާމާ ހީކުރީ ރައްޔާން އޭނަ ބަލާ އައިސް ސަމާސާކުރަން ވެގެން ޓަކި ޖަހަނީ ކަމުގަ އެވެ. އެހެންވެ އަދި ވަރަށް ހިނިއައިސްފައި ހުރެގެން ގޮސް ދޮރު ހުޅުވާލިއިރު ފެންނަން ހުރީ ޒޯޔާ އެވެ.
"އުމާމާ ހޯދަން އައިސް އެބައިން،" ޒޯޔާ ހީވަނީ ފާޑަކަށް ބިރުގެންފައި ހުރި ހެންނެވެ.
އުމާމާ ކާކުތޯ އެހުމުން އަތުގެ އިޝާރާތުން ތިރި ދައްކައިލި އެވެ. އުމާމާ ޒޯޔާ ދެއްކި ދިމާއަށް ގޮސް ނިކުތެވެ.
(ނުނިމޭ)
ކޮމެންޓް (2)
ޢުމާ
ޒާނާ