ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

23 ޖެނުއަރީ 2024
4

އެޕިސޯޑް 23

"އުމާމާ ހޯދަން އައިސް އެބަ އިން،" ޒޯޔާ ހީވަނީ ފާޑަކަށް ބިރުގަނެފައި ހުރި ހެންނެވެ.

އުމާމާ ކާކުތޯ އެހުމުން އަތުގެ އިޝާރާތުން ތިރި ދައްކައިލި އެވެ. އުމާމާ ޒޯޔާ ދެއްކި ދިމާއަށް ގޮސް ނިކުތެވެ.

***

އަސުރުކޮށްގެން ރައްޔާން ގެއަށް އައިއިރު ކާ ކޮޓަރީގައި ޒޯޔާ ހުރެގެން ދެއްކި ވާހަކައެއްގައި އުމާމާއޭ ބުނި އަޑު އިވުނެވެ. އެހެންވެ ރައްޔާން ހީކުރީ އުމާމާ އެ ގަޑީގައި އެމީހުންނާ އެކު އެތާ އުޅެނީ ކަމަށެވެ. ބައެއް ފަހަރު އަސުރުކޮށްގެން އުމާމާ ވެސް އެ ގަޑީގައި ސައި ތަށްޓެއް ބޯލަން ތިރިއަށް އަންނާނެ އެވެ. އެކަމަކު ބޯދިއްކޮށްލުމުން އެތަނުން ފެނުނީ މަންމަ އާއި ޒޯޔާ އެވެ.

"ރައްޔާން އާދޭ ސައިބޯން!" އަމީރާ ގޮވި އެވެ.

"އުމާމާއޭ ކީހެން ހީވެގެން އަހަރެން ހީކުރީ މިތާ އުޅެނީ ކަމަށް،" ރައްޔާން ވަދެގެން ގޮސް ގޮނޑިއެއްގެ ފުރަގަހަށް ހުއްޓިފައި ވާހަކަދެއްކި އެވެ.

ޒޯޔާ މަންމަގެ މޫނަށް ބަލައިލި އެވެ.

"ޒޯޔާ ކީ އުމާމާ ބައްޕަ މިއަދު އައި ވާހަކަ،" އަމީރާ އާދައިގެ ގޮތަކަށް ޖަވާބުދިނެވެ.

"އެހެންތަ؟" ރައްޔާން ގޮނޑި ދަމާލައިގެން އިށީނެވެ. އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. އުމާމާއާ އަދި ބައްދަލުނުވާތީ އޭނައަށް ނުއެނގުނީތާއޭ ހިތަށްއެރި އެވެ. އެކަމަކު ހައިދަރު އެ ގެއަށް އައީ ކޮންމެ ފަދަ މަގްސަދެއްގައި ކަމުގައިވިއަސް އޭނަ އެހާ ހިތްހަމައެއްނުޖެހުނެވެ.

މަންމަ ހެދިކާ ތަށިތައް ކައިރިކޮށްދިން ވަގުތު ޒޯޔާ ސައި ތަށްޓެއް އަޅާފައި ގެނެސް ރައްޔާން ކައިރީ ބެހެއްޓި އެވެ. އިރުކޮޅަކުން އައްމާރު އާއި ޒުބައިރު ވެސް އެތަނަށް ވަދެއްޖެ އެވެ. އައްމާރު އައިސް ބަޖިޔާ ތަށި އޭނައާ ކައިރިކުރިތަން ފެނިގެން ޒޯޔާ އިށީނދެފައި އެ ތަށި ޖަހައިގަތެވެ. ރައްޔާންއަށް އެތަން ފެނިގެން ކަޓްލަސް ތަށި އޭނަގެ ކައިރިއަށް ޖެއްސި އެވެ.

"މަންމާ ބަލާބަލަ މި ބޭބީސްތައް މި އުޅޭ ގޮތެއް،" އަމީރާ އިތުރު ތަށިތަކަށް ސައި އަޅަން ހުއްޓާ ޒުބައިރު ޝަކުވާ ކޮށްގެން އެނބުރި ބަލާލި އެވެ.

އަމީރާއަށް މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލެވުނެވެ.

އެންމެން މި ސަކަރާތެއްގައި ތިއްބާ ސުލްތާން ވެސް އައިސް ވަދެއްޖެ އެވެ. ސުލްތާން ފޯނެއްގައި ހުރުމުން އެންމެން ހިމޭންވި އެވެ. އެ ފޯނު ބާއްވާފައި ބައްޕަ ބުނި ވާހަކައަކުން ރައްޔާންގެ މޫޑު ހަރާބުވި އެވެ.

އުމާމާގެ މަންމަ އާއި އަމީރާގެ އެކުވެރިކަމުގައި ފެށިގެން އައި ވިޔަފާރި ބަލަހައްޓަނީ އެ އާއިލާއިންނެވެ. ދަރިން ލިބި ދެ މީހުން އިހުތިޔާރުކުރީ ގޭގައި މަޑުކުރުމެވެ. އެކަމަކު އުމާމާގެ މަންމަ ނިޔާވުމުގެ ކުރިން އެ ދެ މީހުން އެދުނު ފަދައިން ރައްޔާން އާއި އުމާމާގެ ކައިވެނި އޮތީ ރޭވިފަ އެވެ. އަންހެނުން ނިޔާވުމާ އެކު ހައިދަރު ވިޔަފާރިން އަނބިމީހާ ހިއްސާވާ ބައި ބޭނުންވެގެން އެދުނެވެ. އެކަމަކު އަނބިމީހާގެ ވަސިއްޔަތުގައި އޮތީ އެއާ ހިލާފަށެވެ. ޒީނިޔާގެ ހިއްސާތައް ކައިވެންޏަށް ފަހު އުމާމާއަށް ލިބޭ ގޮތަށެވެ. ރައްކާކޮށްފައި ހުރި ފައިސާ ވެސް މެ އެވެ. އަދި މިހާރު އުމާމާއަށް އެ ބައި ލިބުމުން ހައިދަރު އެއަށް އެހާ ފަސޭހައިން އަތްގަދަކޮށްފި އެވެ.

"ރައްޔާންވީއެއްނު އުމާމާއާ ވާހަކަދައްކަން؟ ބުނޭ ބައްޕަ ހުއްޓުވާށޭ. އެހެން ނޫނީ މަންމަމެން އެހާ މަސައްކަތުން ނެގެހެއްޓި ވިޔަފާރި މުޅިން ބަނގުރޫޓުވެދާނެ،" ސުލްތާންގެ ވާހަކައިގެ ތެރެއިން ރައްޔާންގެ އެހީއަށް އެދުނެވެ.

ރައްޔާންއަށް އަތް މުށްކަވައިލެވުނެވެ. ހައިދަރު ދެކެ އޭނަ ފެށުނީއްސުރެ ވެސް ގަޔާނުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އެއީ އެވެ. ހައިދަރުގެ ކޮންމެ އަމަލެއްގެ ފަހަތުގައި ވަނީ އަމިއްލަ އެދުމެވެ. ޚުދު އުމާމާ ވެސް ކައިވެންޏަށް އެދި އެހާ ދިގު އިންތިޒާރެއްގައި ހުރީ އެހެންވެ ކަމުގައި އޭނައަށް ހީވި އިރެއް ދިޔަ އެވެ. އެކަމަކު އެއީ ކުށްހީއެކެވެ. އުމާމާ ބޭނުންވީ ކައިވެނިން ސަލާމަތްވާށެވެ.

"އަހަރެން ވާހަކަދައްކާނަން،" ރައްޔާން ބުނެލި އެވެ.

ކޮޓަރިއަށް ދިޔައިރު އެތަން އޮތީ ހުސްކޮށެވެ. އެއްވެސް ތާކުން އުމާމާގެ ހިލަމެއް ނުވި އެވެ. ރައްޔާން ނިކުމެގެން ގޮސް އުމާމާ ފެނިދާނެހެން ހީވާ ހުރިހާ ތަނެއް ބެލި އެވެ. އެންމެފަހުން ފޯނު ނަގައި ގުޅާލި އެވެ. ދެފަހަރު މަތިން ގުޅައިގެން ވެސް ފޯނެއް ނުނެގި އެވެ. މާޔޫސްވެފައި ހުރެގެން އައިސް ލައުންޖް ރޫމުގައި ހުރި ގޮނޑިއަކަށް ވެއްޓިގަނެގެން އޮއްވާ އުމާމާ ގުޅާތަން ފެނިގެން އަވަހަށް ނެގި އެވެ.

"މީ ޒާރާ. އުމާމާއަށް ނޭނގި އަހަރެން މި ގުޅީ. އޭނަ މި ގޭގަ އައިސް އެބަ އިން. ނުބުނާތި އަހަރެން ގުޅި ވާހަކަ،" ޒާރާ އެ ބުނި އެއްޗެއް ބުނެފައި ދާދި އަވަހަށް ފޯނު ކަނޑާލި އެވެ.

ފޯނު ކަންފަތާ ވަކިކޮށްލާފައި ރައްޔާންއަށް ހައިރާންވެފައި އެއަށް ބަލައިލެވުނެވެ. އުމާމާއަކީ ނުބުނެ ތަންތަނަށް ދާ ކުއްޖެއް ނޫނެވެ. އަދި ޒާރާ އެ ވާހަކަދެއްކި ގޮތުން ހީވަނީ އުމާމާ އެ ގެއަށް ގޮސް އެ އިނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން ހެންނެވެ. ރައްޔާން ނިންމީ އުމާމާ ބަލައި ދިއުމަށެވެ.

***

"ރައްޔާން އެ އައީ އުމާމާ ބަލައި،" ގެއަށް ވަން ވަގުތު ޒާރާގެ މަންމަ ރައްޔާން މަޑުކުރުވަފާނެތީ އޭނަ އަވަހަށް ބުންޏެވެ.

"ހޫމް އެކަމަކު އޭނައަށް އެއްޗެއް ދެވިދާނެއެއްނު؟ ދޭބަލަ ސައި ހަދަން،" ޒާރާގެ މަންމަ ޒާރާއަށް ގޮތަކަށް ބަލާލައިފައި ޖަވާބުދިނެވެ. ކޮންމެ ބޭނުމެއްގައި އައި ކަމުގައި ވިއަސް މެހުމާންދާރީ އަދާކުރަން ޖެހޭނެ އެވެ.

"ނޫނޭ ދައްތާ. އަހަރެން ދެންމެ ގެއިން ސައިބޮއިގެން މި އައީ،" ރައްޔާން މަނާވެގަތެވެ.

އޭނަ ހުރީ އުމާމާ ކައިރިއަށް ދާން ބޭނުންވެފަ އެވެ. ޒާރާ އެ ވަގުތު އަތުގެ އިޝާރާތުން އޭނަގެ ކޮޓަރި ދައްކާލައިފައި ރައްޔާންއަށް ފުރުސަތުދިނެވެ. ލުއި ހިނިތުންވުމެއް ދައްކާލައިފައި ރައްޔާން ގޮސް ދޮރުގައި ޓަކި ޖަހައިލި އެވެ.

"އަމިއްލަ ކޮޓަރީގަ ޓަކި ތި ޖަހަނީ..." ދޮރުމަތިން ރައްޔާން ފެނުމާ އެކު އުމާމާ ބުނަން އުޅުނު ވާހަކަ ފުރިހަމަނުކޮށް ދޫކޮށްލި އެވެ.

"ކީއްކުރަން ތި އައީ؟" އުމާމާ ނުރުހުމާ އެކު ބުމަ ކައިރިކޮށްލި އެވެ.

"އުމާމާ ބަލާ،" ރައްޔާން ދޮރުކަނީގައި އަތް ވިއްދައިލި އެވެ.

އުމާމާ ވަގުތުން އެނބުރުނީ އަނެއް ފަރާތަށެވެ. އޭނަ އެ ދިޔަ ގޮތަށް ގޮސް އެއް ފަރާތެއްގައި ހުރި ސޯފާގެ އެއްކޮޅުގައި އިށީނދެފައި ކުރިން ހުއްޓާފައި ބެހެއްޓި ފިލްމު ޕްލޭކޮށްލައިފި އެވެ. ރައްޔާން އެނބުރި ގޭތެރެއަށް ނަޒަރެއް ދިނުމަށް ފަހު ވަދެ ދޮރު ލައްޕައިލި އެވެ. އޭނަ ގޮސް އިށީނދެލީ އުމާމާ އިން ކޮޅު ނޫން އަނެއް ކޮޅުގަ އެވެ. އެކަމަކު އަތް ދަމާލައިފި ނަމަ އުމާމާގެ ގައިގައި އަތްލެވޭ ހިސާބުގަ އެވެ.

"އަހަރެން ދެކެ ރުޅިއައިސްފާތަ؟" ރައްޔާން އެހި އެވެ.

އުމާމާ އަޑު އިވޭ ކަމަށް ނުހަދާ އިނެވެ.

ރައްޔާން އަތް ފޯރުވާލައިފައި އުމާމާގެ ފައިތިލައިގައި ހިފާލުމަށް ފަހު ގެނެސް އޭނާގެ އުނގަށް ލި އެވެ. އުމާމާ ސިހުނު ނަމަވެސް ރައްޔާން އޭނަގެ ފައި މަސާޖްކޮށްދޭން ފެށުމުން އަރާމުވި އެވެ. އެކަމަކު އެ ދެ އަތުގެ ބީހުމަކަށް ވެސް އެ ވަގުތު އުމާމާގެ އެތެރެހަށީގައި ރޯވެފައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑު ފިނިކޮށެއްނުލެވުނެވެ.

"ގައިގަ އަތްނުލާ އިނދެވިދާނެއެއްނު؟" އޭނަ އިރުކޮޅެއްނުވެ ދެ ފައި ދަމައިގެންފައި ވީހާވެސް ބޮޑަށް ރައްޔާންއާ ދުރުގައި އިށީނެވެ.

"ކޮބާ މައްސަލައަކީ؟ އަހަންނަށް އުމާމާ ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތަ؟" ރައްޔާން އޮޅުންފިލުވަން ބޭނުންވި އެވެ.

"ވާއު. އެކްޓްކުރަން ވެސް މޮޅު އިނގޭ. ހުރިހާ ކަމެއް ކޮށްފަ ކިހިނެއްހޭ ވީ އަހާލީމަ ނިމުނީ،" އުމާމާގެ ރައްދު އަ އެވެ.

ރައްޔާންއަށް ކަނދުރާމަތީ ހިފައިލެވުނެވެ. އުމާމާ ނުބުނަން އުޅޭ ވާހަކައެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ރުއްސަން އެނގޭނީ ވެސް ވެގެން އުޅޭ ގޮތެއް އެނގިގެންނެވެ.

"އެންމެ ރަނގަޅު. ބައްޕައާ ގުޅުމެއް ހުރި ކަމެއްތަ؟" ރައްޔާންއަށް ހީވާ ގޮތަށް ވާހަކަދެއްކި އެވެ.

އުމާމާ ވައްތަރަކަށް ބަލައިލި އެވެ. ރައްޔާން ނޭނގޭ ކަމަށް ހަދަނީކަން ކުރިން ވެސް އޭނައަށް އެނގެ އެވެ.

"ހިނގާ ގެއަށް ގޮސް ވާހަކަދައްކަން،" ރައްޔާން އެދުނެވެ.

"އެއީ ތެދެއް، އުމާމާ ދެން ރައްޔާންއާ އެކު ގެއަށް ދާންވީނު؟ މައްސަލަ ހައްލުވާނީ ވާހަކަދައްކައިގެން މަޝްވަރާކޮށްގެން. މިތާ އައިސް ތިހެން އިނަކަސް އެއީ ހައްލެއް ނޫން،" ޒާރާ އެތެރެއަށް ވަދެފައި ރައްޔާންގެ ވާހަކަ އިވިގެން އެ ވާހަކައާ އެއްކޮޅަށް ވާހަކަދެއްކި އެވެ.

އުމާމާ އެކުވެރިޔާގެ މޫނަށް ބަލައިލީ އެ ދެއްކި ވާހަކަ ގަބޫލުނުކުރެވިގެން ބަލައިލާ ފަދަ ގޮތަކަށެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ ވެސް ރައްޔާންއާ އެއްކޮޅަށް ވަކާލާތުކުރަން ފެށީ ހެއްޔެވެ؟ އަދި އެ ވެސް އޭނަ ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ފަހުގަ އެވެ.

"ޒާރާއަށް އުނދަގޫވަންޏާ އަހަރެން ހިނގައިދާނަން،" އުމާމާ ޓީވީ ނިއްވާލައިފައި ތެދުވި އެވެ.

"އަހަރެން އެހެނެއް ނުބުނަމެއްނު؟" އުމާމާ ބުރުގާ ހިފައިގެން ލޯގަނޑު ކައިރިއަށް ހުއްޓުނު ވަގުތު ޒާރާ ގޮސް އުމާމާގެ ކައިރިއަށް ހުއްޓިފައި ކޮނޑުގައި ހިފާލި އެވެ.

އުމާމާ ރައްދެއް ނުދިނެވެ. އޭނަ ދަބަސް ނަގައިގެން މިސްރާބު ޖެހީ އެތަނުން ނިކުންނާށެވެ. ރައްޔާން ވެސް އޭރު ތެދުވެގެން ދޮރާ ދިމާއަށް ދިޔަ އެވެ.

***

ކާރުގައި އިން އިރު އުމާމާ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަ އެވެ. އަބަދު އިންނަނީ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ރައްޔާން ދެ ފަހަރަކު ގޮވާލީމަ ވެސް އިޖާބައެއްނުދިނެވެ. ރައްޔާން ނިންމީ ގެއަށް ގޮސް ކޮޓަރިތެރޭ އެކަނިވުމުން އިތުރަށް ވާހަކަދެއްކުމަށެވެ. އެކަމަކު ގެއަށް ވަދެވުމާ އެކު އުމާމާ މިސްރާބު ޖެހީ އެހެން ދިމާއަކަށެވެ. އުމާމާގެ ފަހަތުން ބަދިގެއަށް ވަންއިރު އެތާގައި މެއިޑު ވެސް އުޅެ އެވެ.

"ބަނޑުހައިވީތަ؟ އަހަރެން ކޯއްޗެއް ހަދައިދޭންވީ؟" ރައްޔާން ނިކަން ލޯބިން އުމާމާގެ އުނަގަނޑުގައި އަތް އަޅުވައިލި އެވެ. އުމާމާ ސިހުނެވެ. ރައްޔާންއާ ދިމާއަށް އެނބުރިފައި އޭނަ ބަލައިލީ އަލިފާން ކަހަލަ ބެލުމެކެވެ.

"އޯކޭ އޯކޭ. އަހަރެން ބޭނުމެއް ނޫން ރޯވާކަށް،" ރައްޔާން އަމާންދޭ މީހަކު ފަދައިން ދެ އަތް އުފުލާލައިފައި ފަހަތަށް ޖެހުނެވެ.

މެއިޑު އަވަހަށް އެމީހުންނަށް ފުރުސަތު ދީފައި އެތަނުން ނިކުތެވެ.

ކޮފީ ހަދައިގެން އުމާމާ މައްޗަށް ދާން ފެށުމުން ރައްޔާން ފަހަތުން އަޅުވާލައިގެން ދިޔަ އެވެ. އޭނަ ހުރީ ކޮޓަރިއަށް ވަދެވުނުލެއް ލަސްވެފަ އެވެ. އުމާމާ އެ ގަޑީގައި ވެސް ގޮސް ދޮރުފޮތިތައް ކަހާލައިފައި ބޭރު ފެންނާހެން ލައުންޖް ގޮނޑީގައި އިށީނދެއްޖެ އެވެ. އޭނަ ފޯނު ނަގައިގެން ބަލަން ފެށި ގޮތުން ހީވީ ރައްޔާން ގޮސް ކުރިމަތީ ހުއްޓުނުކަން ނުވެސް އެނގޭ ހެންނެވެ. ރައްޔާން އެނދުގައި އިށީނދެ އިނދެފައި އުމާމާ އިންލެއް ދުރުވެ އުނދަގޫވެގެން ގޮނޑި ދަމާލައިފައި ކައިރިކޮށްލި އެވެ. އުމާމާ ދިޔައީ ސިއްސައިގެންނެވެ. ރައްޔާން އެހާ ބާރުގަދަވާނެ ކަމަކަށް ހިއެއްނުކުރެ އެވެ. ނަސީބަކުން ކޮފީ ތަށި ބަންޑުންނުވެ ސަލާމަތްވި އެވެ.

"ޓޯކް ޓު މީ މައި ލަވް!" ރައްޔާން އާދޭހާ އެކު އެދުނެވެ.

"އަހަރެން ނުދާނަން ކިޔަވާކަށް. ޔޫ ވިން،" އުމާމާ ރައްޔާންއާ ހަތަރުކަޅި ހަމަކޮށްލާފައި ސާބިތުކަމާއެކު އިއްވާލި އެވެ.

ރައްޔާންއަށް ވަގުތުން ބުމަ ކައިރިކޮށްލެވުނެވެ. "ވަޓް؟ ނުދާނަމޭ. އެ ކީއްވެ؟"

އުމާމާ ފާޑަކަށް ލޯހަދާލައިފައި އަނެއްކާވެސް ކޮފީ ތަށިން ރަހަ ބަލައިލި އެވެ. ރައްޔާން އެ ޑްރާމާގަނޑު ކުޅޭނީ ކިހާ އިރަކު ހެއްޔެވެ؟ އޭނަ ފޮނުވަން ބޭނުންވާ މީހަކު ހެން ހުރިހާ ކަމެއް ކޮށްދީފައި ވެސް ކުޅުނީ ޑްރާމާ އެވެ. އެއީ ދެއްކި ހުވަފެނެކެވެ. އެކަމަކު ފަހު ވަގުތު އޭނަ ހުއްޓުވަން ބައްޕަގެ ކަންފަތާ ހަމައަށް ހުރިހާ ކަމެއް ގެންދިޔަ މީހަކީ ވެސް ޚުދު ރައްޔާން އެވެ.

"އެއީއެއްނު ރައްޔާން ބޭނުންވާ ގޮތަކީ؟" އުމާމާ އާދައިގެ ރާގެއްގައި ބުނެލި އެވެ.

"އެކަމަކު އެއީއެއް ނޫނެއްނު އުމާމާ ބޭނުންވާ ގޮތަކީ؟ އަހަރެން ބުނީމެއްނު އަހަރެން އުމާމާ ފޮނުވާނަމޭ." ރައްޔާން އެނދުގެ ކައިރިފަށަށް ޖެހިލާފައި ކުރިއަށް ވުރެ ގާތްވެލަމުން އުމާމާގެ ހުހަށް އޮތް އަތުގައި ހިފެހެއްޓި އެވެ.

"ރައްޔާން ބޭނުންވީމަ ކައިވެނި ވެސް ކުރެވުނީ. ރައްޔާން ބޭނުންވަންޏާ ހަނީމޫނަށް ވެސް ދެވޭނެ. ފޮނުވަން ބޭނުންނެތީމަ އެކަން ވެސް ނުވާނެ. މިއަދުން ފެށިގެން އަހަރެން ރައްޔާންގެ ބީހުމަކަށް ވެސް ދެކޮޅެއްނުހަދާނަން. ޔޫ ކެން ރޭޕް މީ އޯލް ޔޫ ވޯންޓް،" އުމާމާގެ އަޑު ފަހަރަކަށް ވުރެ ފަހަރެއްވީ ގަދަ އެވެ.

ރައްޔާންގެ ކެތްތެރިކަން ކޮޅުންލީ އެ ހިސާބުންނެވެ.

"އުމާމާ!!!" އޭނަ ބާރުބާރަށް އެ ނަން ކިޔާލި ގޮތުން އުމާމާ ވެސް ސިހުނެވެ.

ރައްޔާން އިން ތަނުން ތެދުވެގެން އެ ދިޔަ ގޮތަށް ގޮސް ކޮޓަރިން ނިކުތެވެ. ރުޅިއައިސްފައި ހުރެގެން އިތުރަށް އޭނައާ ކުރިމަތިނުލާން ކަމަށް ވެދާނެ އެވެ.

އުމާމާގެ ރުޅިވެރިކަން ކަރުނައިގެ ސިފަ އިހްތިޔާރުކުރީ ރައްޔާން ނިކުމެގެން ދިޔައީމަ އެވެ. ކޮފީ ތަށި ބަހައްޓާފައި އޭނަ ދެ އަތުން މޫނު ފޮރުވައިލި އެވެ. އޭނަގެ އުންމީދުތައް ހާސިލްވާން އުޅެނީކަމުގައި ހީވި ދުވަސްކޮޅެއް އަ އެވެ. އެކަމަކު އެއީ ހަމައެކަނި ބިލާހެއްކަން ރައްޔާން ސާބިތުކޮށްދީފި އެވެ. ރައްޔާން ފަދަ މީހަކަށް އިތުބާރުކުރެވުމަކީ އޭނަގެ ކުށެވެ. އިތުބާރެއް ނުކުރަމޭ ހީވިއަސް އޭނައަށް ވަނީ އެ ކުށް ކުރެވިފަ އެވެ.

އެރޭ ރައްޔާން ގެއަށް އައި އިރެއް އުމާމާއަކަށް ނޭނގެ އެވެ. އުމާމާއަށް ހޭލެވުނުއިރު ރައްޔާން ނިދަން އޮތީ ދުރުގައި ހުރި ސޯފާގަ އެވެ. އުމާމާ ގަޑި ބަލާލިއިރު ދޭއް ޖަހާ ބޮޑުވެއްޖެ އެވެ. ތެދުވެ ފެންފޮދެއް ބޯލައިގެން އޭނަ ބެލީ އަނެއްކާވެސް ނިދޭތޯ އެވެ.

***

ޖުމާނާއަށް ހޭލެވުނީ ގުގުރައިގަތް އަޑަށެވެ. ފުރަތަމަ ވެސް އޭނަ ހަނދާންވީ ކުދިވެރިން މަތިންނެވެ. ބިލާލް މާ ބިރުން ނޫޅުނަސް އަލްޔާ ބިރުގަންނަކަން އެނގެ އެވެ. އޭނަ ތެދުވިއިރު ސައިފް އޮންނަ ދިމާ އޮތީ ހުހަށެވެ. ފާހާނާއަށް ވަދެ ކަންނޭނގެއޭ ހިތަށްއެރި އެވެ. ޖުމާނާ ތެދުވެ ހޭވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިފައި މަޑުމަޑުން ދޮރު ހުޅުވާލުމަށް ފަހު ކޮޓަރިން ނިކުތެވެ. އޭނަ ކުދިވެރިންގެ ކޮޓަރި ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ނަސީބަކުން ތިން ކުދިން ވެސް ތިބީ ގަދަ ނިދީގަ އެވެ. ހިތްހަމަޖެހުމުގެ ނޭވައެއް ލައިފައި ފަހަރަކު ކުއްޖެއްގެ ގައިމަތީ އޮތް ރަޖާ ރަނގަޅުކޮށްދިނުމަށް ފަހު އެތަނުން ނިކުތެވެ.

ބޭރު ސޯފާގައި ސައިފް އިންދާ ފެނުނީ އޭނަ އެނބުރި ކޮޓަރިއަށް ވަންނަން ދަނިކޮށެވެ. ޖުމާނާއަށް ހުއްޓެވުނެވެ. ޓީވީ ހުޅުވާފައި ހުރި ނަމަވެސް އަޑެއް ނެތެވެ. ވާރޭވެހޭ އަޑު ގަދަވެ އަޑު ނީވެނީ ކަމަށް ވެދާނެ އެވެ. ފުރަގަސްދީގެން ސައިފް އިނުމުން ޓީވީ ބަލަނީއެއްކަމެއް ވެސް ޔަގީނެއް ނޫނެވެ.

ޖުމާނާ ގޮސް ސޯފާ ވަށާލައިފައި ސައިފްގެ ކައިރިއަށް ހުއްޓުނެވެ. ސައިފް އިސް އުފުލާލައިފައި ޖުމާނާގެ މޫނަށް ބަލައިލި އެވެ.

"ގުގުރާ އަޑަށްތަ ހޭލެވުނީ؟" ސައިފް އެހި އެވެ.

ޖުމާނާއަށް އެ ބުނި އެއްޗެއް ނޭނގިގެން ކީކޭހޭ ކިޔާފައި ކައިރީގައި އިށީނެވެ. ސައިފް ތަންކޮޅެއް ބާރަށް ބުނަންވެގެން ޖުމާނާއާ މޫނު ކައިރިކޮށްލި އެވެ. ޖުމާނާގެ ހިތް އަވަސްވެލި އެވެ. ސައިފް ފަހަތަށް ޖެހިލުމުން އޭނަ ބޯ ޖަހައިލާފައި ހަމަޖެހިލި އެވެ. ޓީވީއިން ފުޓްބޯޅަ މެޗެއް ދައްކަމުން ދިޔަ އެވެ. ސައިފްގެ ސަމާލުކަން ހުރީ އެއަށެވެ.

އިރުކޮޅަކު އިނދެލާފައި ޖުމާނާ ސައިފްގެ މުލައްދަނޑީގައި އަތް އަޅުވާލައިފައި އެ ހަށިގަނޑުގައި ލައްވެލި އެވެ. "ހީކަރުވާތީ،" ސައިފް ނާހަނީސް ޖުމާނާ ބުނެލި އެވެ.

(ނުނިމޭ)

ކޮމެންޓް (4)

ޒީވް

23 ޖެނުއަރީ 2024
ހާދަ ފޫހިވާ އުމާމާ ގަނޑެކޭ..ރައްޔާން މާ ވަރަކުން އުޅޭތީ ފޮނިދައްކަނީހެންވެސް ހީވޭ..އައި ނޯ ޝީ ހޭވް ހާ ރީޒަންސް އެކަަމަކު މީ ބޮޑުވަރު..ވަރަށް ފޫހިވާ ކެރެކްޓާއެއް..އެންމެ ކުޑަމިނުން ކަމެއް އޮޅުންފިލުވަން އުޅޭ ނަމަވެސް ރަނގަޅު..ކިރުބޯ ޅަކުއްޖެއް ނޫންވިއްޔަ ބޮޑާ ހާކާކަށް
9 0

ޕަރސަން

23 ޖެނުއަރީ 2024
އުމާމާ މިއުޅެނީ ކޮން ފާޑަކަށްތަ؟ ރައްޔާން ކޮންއިރެއްގައި ކޮންކަމެއް ގޯސްކޮސް ކޮށްގެންތަ އެފާޑަށް އެ އުޅެނީ؟
7 0

ޒީވް

23 ޖެނުއަރީ 2024
@ޕަރސަން އުމާމާ ހިސާބަށް ވުރެ ފޮނިބޮޑުވީމަ
3 0

ޒާނާ

23 ޖެނުއަރީ 2024
ވާހަކަ ވަރަށް ރީތި. އެކަމަކު އުމާމާ މިއުޅޭ ވައްތަރަކުން އުމާމާދެކެ ވަރަށް ފޫހި.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް